އިޖުތިމާޢީ ބަދަހި މަދަދުވެރިން
އިޖުތިމާޢީ ބަދަހި މަދަދުވެރިން (އިބަމަ)އަކީ ރަށްރަށުގައި އިޖުތިމާޢީ ރައްކާތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކަމާ ގުޅުންހުރި މުއައްސަސާތަކާއެކު ވިލަރެސްކުރެވިފައިވާ ނިޒާމެއްގެ ތެރެއިން ކުރުމަށްޓަކައި އުފައްދާ ގްރޫޕްތަކެކެވެ.
އިބަމައަކީ ކޮބާ؟
އިބަމަގެ މަސައްކަތްތަކުގެ ތެރޭގައި ވިޔަނުދިނުމާއި ރައްކާތެރިކަމުގެ ނަޒަރުން ވިސްނައިގެން ފަޚުރުވެރި އާއިލާތަކެއް އަދި ދުޅަހެޔޮ މުޖްތަމަޢެއް ބިނާކުރުމަށްޓަކައި އެންމެހާ ހިއްސާދާރުން ގުޅިގެން، ވަށާޖެހޭ ގޮތެއްގައި މަސައްކަތް ކުރުމުގެ ތެރެއިން މުޖްތަމަޢުގެ އިޖްތިމާޢީ ހާލަތު ދެނެގަނެ، މުޖުތަމަޢުގައި ދިރިއުޅޭ ފަރާތްތަކަށް ލިބިދޭންޖެހޭ އަސާސީ އިޖްތިމާޢީ ޚިދުމަތްތައް ކަމާބެހޭ ދާއިރާތަކާއިއެކު ވިލަރެސްކޮށް ފޯރުކޮށްދިނުމާއި؛ އަދި އެފަދަ ޚާއްޞަ އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ލިބޭ އަނިޔާ ހުއްޓުވައި، ރައްކާތެރި މުޖުތަމަޢެއް ކަށަވަރު ކޮށްދިނުމާއި؛ އާންމު ފަރުދުންނާއި އާއިލާތަކާއި މުއައްސަސާތަކުގެ ދެމެދުގައި ދުޅަހެޔޮ ގުޅުންތައް އުފެއްދުމަށް އެހީތެރިވެދީ ބާރުއެޅުން ހިމެނެއެވެ.
އިބަމައިގެ މެންބަރުންގެ ގޮތުގައި ކޮންމެ ރަށެއްގައިވެސް ތިބޭނީ އެ ރަށެއްގައި އިޖުތިމާޢީ ޚިދުމަތް ފޯރުކޮށްދިނުމުގެ މަސައްކަތުގައި ހަރަކާތްތެރިވާ ދައުލަތުގެ އިދާރާތަކުން އިބަމައިގައި އެ އިދާރާއެއް ތަމްސީލުކުރުމަށް ކަނޑައަޅާ މުވައްޒަފުންނެވެ. ކޮންމެ ރަށެއްގެ އިބަމައިގައިވެސް މަދުވެގެން 07 ނުވަތަ 08 މެންބަރުން ހިމެނޭނެއެވެ. އޭގެ ތެރޭގައި ސިޓީ/ރަށު ކައުންސިލް އިދާރާ ތަމްސީލްކުރާ 04 މެންބަރުންގެ އިތުރުން، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ، ސްކޫލް، ހޮސްޕިޓަލް/ސިއްހީ މަރުކަޒު އަދި ފުލުހުންގެ ޚިދުމަތް، މިއިން ކޮންމެ މުއައްސަސާއަކުން އެއް މެންބަރަކު އިބަމައިގައި ހިމެނޭނެއެވެ.

އިބަމަގެ މައި ހިއްސާދާރުން
- ރަށު/އަވަށު ކައުންސިލް އިދާރާ
- އިޖްތިމާޢީ ރައްކާތެރިކަމުގެ ދާއިރާ
- ތަޢުލީމީ ދާއިރާ
- ފުލުހުން
- ޞިއްޙީ ދާއިރާ
- ކުޑަކުދިން ކުށްކުރުން ހުއްޓުވުމާއިބެހޭ ދާއިރާ
- އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ
އިބަމަގެ މެންބަރުން

އިބަމައިގެ މެންބަރުންނަކީ ކޮންމެ ރަށެއް/ސިޓީއެއްގައި ގާއިމުކޮށްފައިވާ ތިރީގައިވާ އިދާރާތަކުގެ ބަޔާންކޮށްފައިވާ މަގާމުގައި ހުންނަ ފަރާތް ނުވަތަ ނުވަތަ އެމަގާމު ފުރަމުންދާ ފަރާތެވެ.
- ރަށު/ސިޓީ ކައުންސިލް އިދާރާ – ނައިބު ރައީސް/ޑެޕިއުޓީ މޭޔަރު
- ރަށު/ސިޓީ ކައުންސިލް އިދާރާ – 1 ކައުންސިލަރ
- ރަށު/ސިޓީ ކައުންސިލް އިދާރާ – ޒިންމާދާރުވެރިޔާ/ސެކްރެޓަރީ ޖެނެރަލް
- ރަށް/ސިޓީ ކައުންސިލް އިދާރާ – އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރެއް
- ރަށް/ސިޓީ ކައުންސިލް އިދާރާ – ޕްލޭނިންގ އޮފިސަރ
- އިޖްތިމާޢީ އަދި އާއިލީ ތަރައްޤީއާބެހޭ ވުޒާރާ – ފެމިލީ އެންޑް ޗިލްޑރަން ސަރވިސް ސެންޓަރ/ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސްގެ ފަރާތެއް
- މިނިސްޓްރީ އޮފް އެޑިއުކޭޝަން – ސްކޫލްތަކުގެ ޗައިލްޑް ޕްރޮޓެކްޝަން ލިއޭޒަން އޮފިސަރ
- މޯލްޑިވްސް ޕޮލިސް ސަރވިސް – (ނެއިބަރހުޑް ޕޮލިސް ފަދަ) ކަނޑައަޅާ ފަރާތެއް
- މިނިސްޓްރީ އޮފް ހެލްތު – (ފެމިލީ ހެލްތް ވަރކަރ/ ކޮމިއުނިޓީ ހެލްތް ވަރކަރ ފަދަ) ކަނޑައަޅާ ފަރާތެއް
- ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސް – ކަނޑައަޅާ ފަރާތެއް
އިބަމަގެ މެންބަރުންގެ މަސްޢޫލިއްޔަތުތައް
އިބަމަގެ މެންބަރުންގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނޭނީ ކޮންމެ މެންބަރެއްގެވެސް ރަސްމީ ވަޒީފާ ބަޔާނުގައި ކަނޑައެޅިފައިވާ ކަންތައްތަކާއި ގުޅޭ، ތިރީގައިވާ ކަންކަމެވެ.
- މުޖްތަމަޢުގެ ހޭލުންތެރިކަން އިތުރުކުރުމަށްޓަކައި ޕްރޮގްރާމްތައް ރާވާ ހިންގުން.
- އިޖްތިމާޢީ ދުޅަހެޔޮ، ރައްކާތެރި، އަމާން މުޖްތަމަޢެއް ގާއިމު ކުރުމުގެ ގޮތުން މަސައްކަތް ކުރުން.
- މުޖްތަމަޢުގެ އެންމެން ޝާމިލުކޮށް، ދިރިއުޅުން ފަހި ކުރުމަށްޓަކައި ބާރުވެރިކުރުވުމާއި، އަދި މުޖްތަމަޢުގެ ހާލަތު އިތުރަށް ރަނގަޅު ކުރުމުގެ ގޮތުން އެކިއެކި ޕްރޮގްރާމްތައް ހިންގުމަށްޓަކައި ހޯދުންތައް ހޯދުމާއި އެފަދަ ޕްރޮގްރާމްތައް ރާވާ ހިންގުން.
- މުޖްތަމަޢުގައި ރައްކާތެރި ބަދަހި ގުޅުން އުފައްދާ، މުޖްތަމަޢުގެ ހާލަތު އިތުރަށް ރަނގަޅު ކުރުމުގެ ގޮތުން ގުޅިގެން މަސައްކަތް ކުރުން.
އިބަމަ އިބްތިދާޢީ ތަމްރީން ޕްރޮގްރާމް
ޔުނިސެފްގެ އެހީގައި މި މިނިސްޓްރީގެ ފަރާތުން ކުރިއަށްގެންދާ މި ތަމްރީނު ޕްރޮގްރާމަކީ ކޮންމެ ރަށެއްގައިވެސް އިބަމަ މެންބަރުންގެ ގޮތުގައި ކަނޑައަޅާ އިބަމަ މެންބަރުންނަށް އަމާޒުކޮށްގެން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. މި ތަމްރީނު ޕްރޮގްރާމުގައި އިބަމަ ގްރޫޕްތައް
ރަށްރަށުގައި ޤާއިމުކުރުމުގެ ބޭނުމާއި، އިބަމައިގައި ހިމެނޭ މެންބަރުންގެ ޒިންމާއާއި، އަދާކުރަންޖެހޭ ދައުރާއި، އިޖުތިމާޢީ ޚިދުމަތް ފޯރުކޮށްދިނުމުގެ މަސައްކަތުގައި އިބަމައިގައި ހިމެނޭ މެންބަރުން ސަމާލުކަންދޭންވީ ކަންކަމާއި އަދި އިބަމައިގެ މުހިންމު މަފްހޫމްތަކާ ގުޅޭފޮތުން ވަރަށް ތަފްސީލީ ގޮތެއްގައި ބައިވެރިންނަށް މަޢުލޫމާތު ފޯރުކޮށްދެވެއެވެ. އަދި، ރަށްރަށުގައި ނާޒުކު ހާލަތުގައި ދިރިއުޅޭ ފަރާތްތައް ދެނެގަންނާނެ ގޮތާއި، އެފަރާތްތަކުގެ ހާލަތު ރަގަޅުކުރުމަށް ކުރެވޭ މަސައްކަތުގައި އިބަމައިގެ މެންބަރުންނަށް ކުރެވޭނެ ކަންކަމާއި، އެ މަސައްކަތްތައް ކުރުމަށް މެންބަރުންނަށް ބޭނުންވާނެ ތަފާތު އެކި ހުނަރާއި ގުޅޭގޮތުންވެސް މި ތަމްރީނު ޕްރޮގްރާމްގައި ބައިވެރިންނަށް މަޢުލޫމާތު ފޯރުކޮށްދެވެއެވެ. މީގެ އިތުރުން ހަމަ މި ޕްރޮގްރާމްގެ ތެރެއިން ރަށްރަށުގައި ދިރިއުޅޭ ނާޒުކު ހާލަތުގައި ތިބި ފަރާތްތަކަށް އެހީތެރިވުމުގެ ގޮތުން އެ ފަރާތްތަކުގެ ހާލަތު ވަޒަންކުރާނެ ގޮޔާއި، ހާލަތު ރަގަޅުކުރުމަށްޓަކައި އަޅާނެ ފިޔަވަޅުތަކާއި ގުޅޭ ޕްލޭން އެކުލަވާލައި ތަންފީޒުކުރުމަށް ބޭނުންވާ ފަންނީ މަޢުލޫމާތުވެސް ބައިވެރިންނަށް ފޯރުކޮށްދެއެވެ.
ވަލްނަރަބިލިޓީ މެޕިންގ ގެ މަސައްކަތް
އިބަމަ ގްރޫޕްތައް އުފެއްދުމަށްޓަކައި ބާއްވާ ތަމްރީނު ޕްރޮގްރާމް ނިމުމުން މި މިނިސްޓްރީގެ ފަރާތުން ތަމްރީން ޕްރޮގްރާމް ކުރިއަށްގެންދިޔުމަށްދާ ޓީމުގެ މެންބަރުންނާއެކު، ތަމްރީނުކުރެވޭ އިބަމަ މެންބަރުން އެ މެންބަރުން ނިސްބަތްވާ ރަށްރަށަށް ގޮސް އެ ރަށްރަށުގައި ތިބި ނާޒުކު ހާލަތުގައި ދިރިއުޅޭ ފަރާތްތައް ދެނެގަނެ އެ ފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް އަޅަންޖެހޭ ފިޔަވަޅުތައް ބަޔާންކޮށް ތައްޔާރުކުރާ ޕްލޭން އެކުލަވާލުމުގެ ޢަމަލީ މަސައްކަތް ފަށާނެއެވެ. މިގޮތުން އެ ރަށްރަށުގައި ނާޒުކު ހާލަތުގައި ދިރިއުޅޭ ފަރާތްތަކުގެ ތެރެއިން އެހީތެރިކަން ބޭނުންވާ ހުރިހާ ފަރާތްތައް ލިސްޓްކުރުމާއި، އޭގެ ތެރެއިން ބައެއް ފަރާތްތަކުގެ އެސެސްމަންޓް ހަދައި، އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތްކުރާނެ ގޮތުގެ ޕްލޭން އެކުލަވާލުމުގައި އިބަމަ މެންބަރުންނަށް އެހީތެރިވެދޭނެއެވެ. މި މަސައްކަތް ނިންމުމަށްފަހު މިނިސްޓްރީގެ ޓީމުތައް އެނބުރި މާލެ އައިސް، އިބަމަ މެންބަރުން ތައްޔާރުކުރި އިންޓަވެންޝަން ޕްލޭން ތަންފީޒުކުރުމަށް އިބަމަ މެންބަރުން ކުރާ މަސައްކަތުގައިވެސް މިނިސްޓްރީގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދީ، މަސައްކަތް ހިނގަމުންދާ ގޮތް ގަވައިދުން މޮނިޓަރ ކުރަމުން ގެންދާނެއެވެ.
އިޖްތިމާއީ ބަދަހި މަދަދުވެރިން (އިބަމަ) ގާއިމްކުރެވިފައިވާ ރަށްތައް
ހއ އަތޮޅު
އަންހެން: 58
ފިރިހެން: 34
ޖުމްލަ: 92
ހދ އަތޮޅު
އަންހެން: 61
ފިރިހެން: 34
ޖުމްލަ: 95
ށ އަތޮޅު
އަންހެން: 24
ފިރިހެން: 24
ޖުމްލަ: 48


