ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ހިމާޔަތްކުރާ ކައުންސިލް
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ހިމާޔަތްކުރާ ކައުންސިލަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންނާ ގުޅޭ ސިޔާސަތުތައް ތަންފީޛުވަމުންދާ މިންވަރު ބަލައި، އެކަންކަން ހިންގުމަށްޓަކައި ޤާނޫނު ނަމްބަރު 2010/08 (ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ޤާނޫނ) ގެ 4 ވަނަ މާއްދާގެ ދަށުން އުފައްދާފައިވާ ކައުންސިލެކެވެ.
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ހިމާޔަތްކުރާ ކައުންސިލްގެ މެމްބަރުން

އަލްފާޟިލާ ހައްވާ ޒާހިރާ
ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވާފައިވާ މެމްބަރު

ޑޮކްޓަރ ފަރްޒާނާ ފިރްދައުސް
ޞިއްޙީ ދާއިރާގައި މަސައްކަތްކުރާ ޑޮކްޓަރުންގެ ތެރެއިން އެމީހުން އިންތިޚާބު ކުރައްވާފައިވާ މެމްބަރު

ޑޮކްޓަރ އިސްމާޢީލް ޝަފީޢު
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ކުރިއެރުވުމަށް މަސައްކަތްކުރާ ނުވަތަ އެފަދަ މީހުންނަށް ޚިދުމަތްދޭ މަދަނީ ޖަމްޢިއްޔާތަކުން އިންތިޚާބު ކުރައްވާފައިވާ މެމްބަރު

އަލްފާޟިލާ ފާޠިމަތު ޝަހުރު
ނަފްސާނީ ބަލިތަކާ ބެހޭ ޞިއްޙީ ޚިދުމަތްތެރިންގެ ތެރެއިން އެމީހުން އިންތިޚާބު ކުރައްވާފައިވާ މެމްބަރު

އަލްފާޟިލް އަޙްމަދު އާޠިފް
ނުކުޅެދުންތެރިކަން ހުންނަ މީހުންނާ ގުޅޭ އެންމެހައި ސިޔާސަތުތައް ކަނޑައެޅުމަށް ސަރުކާރުން ކަނޑައަޅާފައިވާ މިނިސްޓްރީ އިން އައްޔަން ކުރައްވާފައިވާ މެމްބަރު

އަލްފާޟިލާ އާމިނަތު މުޙައްމަދު
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ބެލެނިވެރިން ނުވަތަ ބަލަދުވެރިންގެ ތެރެއިން އެމީހުން އިންތިޚާބު ކުރައްވާފައިވާ މެމްބަރު

އަލްފާޟިލާ ފާތިމަތު އިބްރާހިމް
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ތެރެއިން އެމީހުން އިންތިޚާބު ކުރައްވާފައިވާ މެމްބަރު
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ޙިމާޔަތްކުރާ ކައުންސިލުގެ މަސްޢޫލިއްޔަތުތައް
- ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ރައްކާތެރިކޮށް ކުރިއެރުވައި އެމީހުންގެ ލާބައަށް މަސައްކަތްކުރުން
- ނުކުޅެދުންތެރިކަން ހުންނަ މީހުން ބާރުވެރިކުރުވައި، އެމީހުންގެ އަޑު އުފުލުމުގެ ގޮތުން ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޖަމްޢިއްޔާތައް އެފެއްދުމަށް އެހީތެރިވެދިނުން
- ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ފަރުވާދިނުމަށް ޤާއިމުކުރެވިފައިވާ މަރުކަޒުތަކުގައި ހުންނަންޖެހޭ ފެންވަރު ކަނޑައެޅުން
- ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ޤާއިމުކުރެވިފައިވާ މަރުކަޒުތަކުން ފަރުވާގެ ޚިދުމަތްތައް ދިނުމުގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ރައްކާތެރިކުރެވޭ މިންވަރު ބަލައި މިނިސްޓަރަށް ރިޕޯޓްކުރުން
- ޤާނޫނާއި ގަވާއިދު ހަދާ ފަރާތްތަކާއި، ސިޔާސަތު ކަނޑައަޅާ ފަރާތްތަކަށް ނުކުޅެދުންތެރިކަމާބެހޭ ކަންކަމުގައި އިރުޝާދު ދިނުމާއި، އެކަންކަމަށް އެމީހުން ހޭލުންތެރިކުރުވުން
- ކަނޑައެޅޭ ހުރިހާ ސިޔާސަތުތަކާއި، ޤާނޫނުތަކާއި، ޤައުމީ ފެންވަރުގައި، ނުވަތަ ޢާންމުންގެ ފައިދާއަށް ރޭވޭ ޙަރަކާތްތަކުގައި ނުކުޅެދުންތެރިކަމާބެހޭ ކަންކަމަށް ރިޢާޔަތްކުރެވިފައިވާ މިންވަރު ބަލައި، ނުކުޅެދުންތެރިކަމާގުޅޭ ކަންތައްތައް މެއިންސްޓްރީމް ކުރުމުގެ މަސައްކަތް
- ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތަކާބެހޭ މައްސަލަތަކާއި ޝަކުވާތައް ބަލައި އެކަންކަމާއިގުޅޭ ގޮތުން މިނިސްޓަރަށް ރިޕޯޓްކުރުން
- މި ޤާނޫނާއި އެހެން ޤާނޫނުތަކުގައި ނުކުޅެދުންތެރިކަމާއިބެހޭގޮތުން ކަނޑައެޅިފައިވާ މިންވަރު ބަލައި ރިޕޯޓްކުރުން
- ނުކުޅެދުންތެރިކަމާއިބެހޭގޮތުން ރާއްޖެއިން ތަޞްދީޤުކޮށްފައިވާ މުޢާހަދާތަކަށް ޢަމަލުކުރުރެވޭ މިންވަރު ބަލައި ރިޕޯޓްކުރުން
- ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި، ނުކުޅެދުންތެރިކަމާއި ބެހޭގޮތުން ކުރަންޖެހޭ ދިރާސާތައްކުރުން
- ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތަކާއި، ނުކުޅެދުންތެރިކަމައިބެހޭގޮތުން ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި، މުޖްތަމަޢު ހޭލުންތެރިކުރުވުން
- ކައުންސިލުގެ މަސައްކަތްތަކާއިގުޅޭ ގޮތުން އަހަރީ ރިޕޯޓް އެކުލަވައިލައި ޢާންމުކުރުން
- ކައުންސިލު ހިންގާނެ ގޮތުގެ ގަވާއިދު އެކުލަވާލުން


