ޤައުމީ މިންތީގެ ސިޔާސަތު
ޖެންޑަރ އިކުއަލިޓީ ޤާނޫނު (2016/18) ގެ 42 ވަނަ މާއްދާގެ ދަށުން ޤައުމީ މިންތީގެ ސިޔާސަތެއް އެކުލަވާލުމަށް ވަނީ ލާޒިމުކުރެވިފައެވެ. އަންހެނުންނާއި ފިރިހެނުންނަށް ލިބިދޭ ހަމަހަމަ ޙައްޤުތަކާއި ފުރުޞަތުތަކަކީ އިންސާނީ އަސާސީ ޙައްޤުތަކެއްކަމަށްވުމާއެކު އަދި އިޖުތިމާޢީ، ސިޔާސީ އަދި އިޤްތިޞާދީ ތަރައްޤީގެ ލަނޑުދަނޑިތައް ޙާޞިލުކުރުމުގައި މިންތީގެ ހަމަހަމަކަމަކީ މުހިއްމު ވަޞީލަތެއްކަމަށް ވުމުން ދިވެހިރާއްޖޭގެ ޤައުމީ ޖެންޑަރ ޕޮލިސީ ބިނާވެގެންވަނީ މި އަސާސްތަކުގެ މައްޗަށެވެ. ހަމަހަމަ ޙައްޤުތަކާއި ފުރުޞަތުތަކަކީ، ރާއްޖޭގެ އެންމެހާ ރައްޔިތުންގެ މަސްލަހަތު ހިމެނޭ، ވަކިވަކި ފަރުދުންނާއި، ޢާއިލާތަކާއި، މުޖުތަމަޢުތަކާއި، މުޅި ޤައުމުގެ ލާބައާއި، ވިލުންވެރިކަން ހަރުދަނާކުރުމަށް ޓަކައި ކުރެވޭ މަސައްކަތްތަކެކެވެ.
ޤައުމީ މިންތީގެ ސިޔާސަތުގެ އަސާސްތައް:
- ކަންކަން ނިންމާ ފެންވަރުގައާއި ހިންގުމުގައި އަންހެނުންނާއި ފިރިހެނުންގެ ހަމަހަމަކަމާއެކު ބައިވެރިވުން ހަމަހަމަކުރުން
- އިޤްތިޞާދީ ކުރިއެރުމުގައި އަންހެނުންނާއި ފިރިހެނުންގެ ބައިވެރިވުން އިތުރުކުރުމަށް ޓަކައި ރަނގަޅު މާޙައުލެއް ބިނާކުރުން
- މުއައްސަސީ ފެންވަރުގައި ކުރާ މަސައްކަތްތަކާއި މަރުހަލާތަކުގައި މިންތީގެ ނަޒަރިއްޔާތު ހިމެނޭ މިންވަރު ހަރުދަނާކުރުން
- އަންހެނުންނާއި ފިރިހެނުންނާއި ކުޑަކުދިންނަށް ކުރާ އަނިޔާތައް ހުއްޓުވުމަށާއި އަނިޔާ ލިބޭ ފަރާތްތައް ހިމާޔަތްކޮށް ކުށްކުރާ މީހުންނަށް ދައުވާ ކުރުމުގެ ނިޒާމުތައް ހަރުދަނާކުރުން
- ވަކި ޖިންސަކަށް ވީތީ ކުރާ ތަފާތުކުރުމާއި އަނިޔާގެ ޝިކާރައަކަށްވާ ފަރާތްތަކަށް ޙައްލު ހޯދައިދިނުން
ޖެންޑަރ އިކުއަލިޓީ އެކްޝަން ޕްލޭން (2022-2026)
2016 ވަނަ އަހަރު ތަސްދީޤުކުރެވިފައިވާ ޖެންޑަރ އީކުއަލިޓީ ޤާނޫނުގެ ދަށުން އެކުލަވާލެވުނު ޤައުމީ ޖެންޑަރ އީކުއަލިޓީ ސިޔާސަތު ތަންފީޒުކުރުމަށްޓަކައި ޔޫ.އެން.ޑީ.ޕީ އަދި އޮސްޓްރޭލިއާ ސަރުކާރުގެ އެހީތެރިކަމާއި އެކު ތައްޔާރުކުރެވިފައިވާ ޖެންޑަރ އީކުއަލިޓީ އެކްޝަން ޕްލޭންއަކީ މިންތީގެ ހަމަހަމަ ކަމާއި، ހަމަހަމަ ފުރުސަތުތަކާއި އަދުލުވެރިކަން އެންމެނަށް ފޯރުކޮށްދީ ކަށަވަރުކޮށްދޭ މުޖުތަމައެއް ބިނާކުރުމަށް ތަސައްވަރުކޮށް، 2022 ވަނަ އަހަރުން 2026 ވަނަ އަހަރަށް އެކުލަވާލެވިފައިވާ 5 އަހަރު ދުވަހުގެ އެކްޝަން ޕްލޭނެކެވެ.
ޖެންޑަރ އީކުއަލިޓީ އެކްޝަން ޕްލޭން ބިނާވެގެންވަނީ 5 ޕޮލިސީ ގޯލްގެ މައްޗަށެވެ.
ޕޮލިސީ ގޯލް 1: ލީޑަރޝިޕް އެންޑް ގަވަރނަންސް
ކަންކަން ނިންމާ ފެންވަރުގައި އަދި ގަވަރނަންސްގައި އަންހެނުންނާއި ފިރިހެނުންނަގެ ހަމަހަމަ ބައިވެރިވުން ކަށަވަރުކުރުން
ޕޮލިސީ ގޯލް 2: އިކޮނޮމިކް އެމްޕަވަރމަންޓް
ޤައުމުގެ އިޤްތިޞާދީ ތަރައްޤީގައި އަންހެނުންނާއި ފިރިހެނުންގެ ހަމަހަމަ ބައިވެރިވުން ކަށަވަރުކޮށް، އިޤްތިޞާދީ ބައިވެރިވުމާއި ބާރުވެރިވުމުގެ ފުރިހަމަ މަންފާ ހަމަހަމގޮތެއްގައި ލިބޭކަން ކަށަވަރުކުރުން.
ޕޮލިސީ ގޯލް 3: އިންސްޓިޓިއުޝަނަލް ޖެންޑަރ މެއިންސްޓްރީމިންގ
އަންހެނުންނާއި ފިރިހެނުން އަދި އަންހެން ކުދިންނާއި ފިރިހެން ކުދިންގެ ވަކިވަކި ބޭނުންތައް ދެނެގަނެ އެކަންކަމަށް ރިޢާޔަތްކޮށް މަސައްކަތްކުރުމަށް ސަރުކާރުގެ މުއައްސަސާތަކާއި ނިޒާމުތައް އިތުރަށް ރަނގަޅުކޮށް މުޖުތަމަޢު ހަރުދަނާކުރުން.
ޕޮލިސީ ގޯލް 4: އެލިމިނޭޝަން އޮފް ޖެންޑަރ ބޭސްޑް ވަޔަލެންސް
ދިވެހިރާއްޖޭގެ އާއިލާތަކަކީ ގޭތެރޭގެ އަމިއްލަ އަމާންކަމުން ފައިދާލިބިގަނެ، އަންހެނުން، ފިރިހެނުން އަދި ކުޑަކުދިންނަށް ކުރާ އަނިޔާއިން ސަލާމަތްވެތިބެވޭ ބައެއްކަން ޔަގީންކުރުން.
ޕޮލިސީ ގޯލް 5: އެކްސެސް ޓު ޖަސްޓިސް
އަންހެނުންނާއި ފިރިހެނުން އަދި އަންހެން ކުދިނާއި ފިރިހެން ކުދިން ހަމަހަމަ ގޮތެއްގައި އަދުލު އިންސާފަށް ފަހިކޮށްދީ، ހަރުދަނާ ހައްލުތަކެއް އަދި ބަދަލު ލިބޭނެކަން ޔަގީންކުރުން.


