ކޮންމެ ކުއްޖަކަށް އާއިލާއެއް
ކޮންމެ ކުއްޖަކަށް އާއިލާއެއް ޕްރޮގްރާމްއަކީ ރައީސް ޑރ.މުޙައްމަދު މުއިއްޒުގެ މެނިފެސްޓޯގައި ހިމެނިފައިވާ "ކޮންމެ ކުއްޖަކަށް އާއިލާއެއް" ޕްރޮގްރާމްއަކީ، ތަފާތު އެކި ސަބަބުތަކާއި ގުޅިގެން ދައުލަތުގެ ބެލުމުގެދަށަށް ނެގި ބަލަހައްޓަމުންދާ ކުދިންނަށް އާއިލީ ވެއްޓެއް ހޯދާދިނުމަށްޓަކައި އެކުލަވާލެވިފައިވާ ޕްރޮގްރާމެކެވެ. މިޕްރޮގްރާމްގެ ތެރެއިން ދެގޮތަކަށް ކުދިންނަށް އާއިލީވެއްޓެއް ހޯދާދިނުމުގެ މަސައްކަތްކުރެވެމުންދެއެވެ. އެގޮތުން ފުރަތަމަ ގޮތަކީ، އެކުދިންގެ އުފަން އާއިލާގެ ހާލަތު ރަގަޅުކުރުމަށް މަސައްކަތްކޮށް، އެކުދިންނަށް އަނބުރާ އެކުދިންގެ އުފަން އާއިލާއަށް ދެވޭނެ މަގުފަހިކޮށްދީ، ރިއިންޓަގްރޭޓްކުރުމެވެ. އަދި ރިއިންޓަގްރޭޓްކުރެވިދާނެފަދަ ރައްކާތެރި މާހައުލެއް އާއިލާ ތެރޭގައި ނެތް ކުދިންނަށް، ފޮސްޓަރ ފެމިލީތައް ހޯދާދީ، އެކުދިންނަށް އާއިލާއެއްގެ ތެރޭގައި ހެދިބޮޑުވުމުގެ ފުރުސަތު ހޯދާދިނުމަކީވެސް މި ޕްރޮގްރާމްގެ މަގްސަދެކެވެ.
އެގޮތުން މިޕްރޮގްރާމްގެ ދަށުން ގަވާއިދު ނަންބަރު R-17/2024 (ދައުލަތުގެ ބެލުމުގެ ދަށަށް ގެންނަ ކުދިން ފޮސްޓަރކުރުމާބެހޭ ގަވާއިދު) ގެޒެޓްކުރެވިފައިވެއެވެ. އަދި މިގަވާއިދުގެ ދަށުން، ދާއިމީކޮށް އަދި ވަގުތީގޮތުން ކުދިން ފޮސްޓަރކުރުމުގެ ނިޒާމާއި މިންގަނޑުތައްވަނީ ކަނޑައެޅިގެން ގޮސްފައެވެ.
ކުއްޖަކު ފޮސްޓަރކުރަން އެދޭ ފަރާތެއްގައި ހަމަވާންޖެހޭ ޝަރުތުތަކަކީ ކޮބާ؟
- ދިވެހި ރައްޔިތަކަށްވުން.
- މުސްލިމަކު ކަމުގައިވުން.
- ކައިވެނިކޮށްގެން އުޅޭ މީހެއް ކަމުގައި ވުން. (އެހެން ޝަރުތުތައް ހަމަވާނަމަ، ކައިވެނިނުކޮށް ހުންނަ ފަރާތްތަކަށް ކުއްޖާ ހަވާލުކުރުމުގެ އިޚްތިޔާރު ލިބިގެންވޭ)
- އުމުރުން 25 އަހަރާއި 65 އަހަރާއި ދެމެދުގެ މީހަކު ކަމުގައިވުން.
- އާއިލާއެއް ބެލެހެއްޓޭވަރުގެ އާމްދަނީ ލިބޭ މީހަކުކަމުގައި ވުން.
- ނަފްސާނީގޮތުން އަދި ޖިސްމާނީގޮތުން ދުޅަހެޔޮ ފަރާތެއް ކަމުގައި ވުން.
- ތައްޔާރުކުރެވޭ އެސެސްމެންޓުން ކުއްޖާ ބެލެހެއްޓޭވަރުގެ ޤާބިލުކަން ހުރި ފަރާތެއްކަން އެނގެން އޮތުން.
- ދައުލަތުގެ ބެލުމުގެ ދަށުގައި ހުރި ކުއްޖެއްގެ މައިންބަފައިން ކަމުގައި ނުވުން ނުވަތަ ބަލަދުވެރިން ނުވަތަ އާއިލާގެ މެމްބަރަކު ކަމުގައި ނުވުން.
- ކުޑަކުއްޖަކަށް ނުވަތަ މީހަކަށް އެއްވެސް ބާވަތެއްގެ އަނިޔާއެއް ކުރިކަން ނުވަތަ އިހުމާލެއްވެފައިވާކަން ސާބިތުވެފައިވާ ނުވަތަ ތުހުމަތެއް ކުރެވިފައިވާކަމުގެ ރެކޯޑެއް ކަމާގުޅޭ އެއްވެސް އިދާރާއެއްގައި ނެތުން.
- މަސްތުވާތަކެތީގެ ކުށެއްގެ ރެކޯޑު ވޭތުވެދިޔަ 10 އަހަރު ދުވަހުގެ ތެރޭގައި އެއްވެސް ކަމާއި ގުޅޭ އިދާރާއެއްގައި ނެތުން.
- ޖިނާއި އިޖުރާއަތުގެ ޤާނުނުގައި ބަޔާންކޮށްފައިވާ ޖިނާއި ބޮޑު ކުށެއް ސާބިތުވެފައި ނުވަތަ ޝަރުޢީ އަދި ތަހްޤީޤީވެސް އެއްވެސް މަރުހާލާއެއްގައި ހިނގަމުންދާ މީހަކުކަމުގައި ނުވުން.
- އިސްލާމްދީނުގެ ޙައްދެއް ކަނޑައެޅިފައިވާ ކުށެއް، ވޭތުވެދިޔަ 10 އަހަރުދުވަހުގެ ތެރޭގައި ކުރިކަން ޝަރީއަތަށް ސާބިތުވެފައިވާ ނުވަތަ ތަންފީޛުކުރަމުންދާ ނުވަތަ އެފަދަ ކުށެއްގެ ތުހުމަތު ކުރެވިފައިވާ ކަމުގެ އެއްވެސް ރިކޯޑެއް ތަހުޤީޤީ އިދާރާއެއްގައި އޮތް ފަރާތެއް ކަމުގައި ނުވުން.
- ސާބިތު ދަރަނީގެ އެއްވެސް މައްސަލައެއް ނުވަތަ ސާބިތު ޚަރަދުގެ އެއްވެސް މައްސަލައެއްގެ އެއްވެސް ރިކޯޑެއް، ފާއިތުވި 10 އަހަރުގެ ތެރޭގައި، ކަމާއި ގުޅުންހުރި އިދާރާއެއްގައި އޮތް ފަރާތަކަށް ނުވުން.
- ދިވެހިރާއްޖެ އިން ބޭރުގައި ދިރިއުޅޭ ފަރާތެއް ނަމަ، ދިވެހިރާއްޖޭގެ އެމްބަސީއެއް، ނުވަތަ ކޮންސިއުލޭޓެއް ހުރި ސިޓީއެއްގައި ދިރިއުޅޭ ފަރާތަކަށްވުން.
- ފޮސްޓަރ ޕެނަލްގެ މެމްބަރަކު ކަމުގައި ނުވުން، ނުވަތަ މިނިސްޓްރީގެ ސިޔާސީ މަޤާމެއްގައި، ނުވަތަ ހިންގުމުގެ މަޤާމެއްގައި ހުރި ފަރާތެއްކަމުގައި ނުވުން. އަދި ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސް ގެ މުވައްޒަފަކު ކަމުގައި ނުވަތަ އޯލްޓަރނޭޓިވް ކެއަރ ފެސިލިޓީއެއްގައި މަސައްކަތް ކުރާ ފަރާތެއްކަމުގައި ނުވުން. ނުވަތަ ވަކިވިތާ 3 މަސް ވެފައިވުން.
ފޮސްޓަރ ކުރެވޭނީ ކޮން ކުދިންނެއް؟
- ދައުލަތުގެ ބެލުމުގެ ދަށަށް ގެނެވޭ ކުދިންގެ ތެރެއިން، އެ ކުދިންގެ މައިންބަފައިން ނުވަތަ ޝަރުޢީ ބަލަދުވެރިން ދުނިޔޭގައި ތިބެ، ނުބަލާ ދޫކޮށްލާ ކުދިން ނުވަތަ ބެލުމަށް އިންކާރު ކުރާ ކުދިން
- ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިންގެ ތެރެއިން، އެއްވެސް ސަބަބަކާ ހެދި އެކުދިންގެ އާއިލާއާއި އެކު ދިރިއުޅެވެން ނެތް ކުދިން
- ދައުލަތުގެ ބެލުމުގެ ދަށުގައި އެކުދިންވި މުއްދަތުގައި އާއިލާގެ ފަރާތުން ކުދިންނާ ބައްދަލުނުކޮށް، ހާލުވެސް ބަލައިނުލާ އަދި އާއިލާގެ ފަރާތުން ކުދިންނާ ބައްދަލުނުކޮށް، ހާލުވެސް ބަލައިނުލާ އަދި އާއިލާގެ ފަރާތުން ކުދިންނާ ގުޅުމެއް ނުބާއްވާ ކުދިންކަމަށް ރެކޯޑުތަކުން ފެންނަ ކުދިން
- ދައުލަތުގެ ބެލުމުގެ ދަށުގައި އެކުދިންވި މުއްދަތުގައި އާއިލާގެ ފަރާތުން ކުދިންނާ ބައްދަލުކޮށް، ހާލު ބަލައި އަދި އާއިލާގެ ފަރާތުން ކުދިންނާ ގުޅުން ބޭއްވި ނަމަވެސް، ކުދިން ބެލުމަށް ނުވަތަ ކުދިންނާ ހަވާލުވުމަށް އާއިލާގެ ހާލަތު ހުރި ގޮތުން އުޛުރުވެރިވާ އާއިލާތަކުގެ ކުދިންނެވެ.
ފޮސްޓަރިންގ އަށް އެޕްލައި ކުރަނީ ކިހިނެއް؟
1
ފޯމް ހުށަހެޅުން
ދައުލަތުގެ ބެލުމުގެދަށުގައި ހުންނަ ކުއްޖަކު ފޮސްޓަރކުރުމަށް އެދި ހުށަހަޅާ ފޯމް އަދި މެޑިކަލް ފުރިހަމަކުރުމަށްފަހު ހުށަހެޅުން ފޯމާއެކު ހުށަހަޅަންޖެހޭ އެންމެހާ ލިޔެކިޔުންތައް ހަމަކޮށް، މިނިސްޓްރީއަށް ފޯމް ހުށަހެޅުމުން ފޯމް ހުށަހަޅާ ފަރާތަށް ގުޅާ، ފޮސްޓަރކުރުމުގެ ޕްރޮސެސް ކުރިއަށްދާނެގޮތުގެ މަޢުލޫމާތު ދެވޭނެ
2
ކުށުގެ ރެކޯޑް ސާފުކުރުން
ފޮސްޓަރކުރުން އެދި ހުށަހަޅާ ފަރާތުގެ ޝަރުތު ހަމަވޭތޯ ބެލުމަށްޓަކައި ކަމާ ގުޅޭ އިދާރާތަކުން ކުށުގެ ރެކޯޑް ސާފުކުރުން
3
ފެމިލީ އެސެސްމަންޓް ތައްޔާރުކުރުން
ޝަރުތުހަމަވާނަމަ، ފެމިލީ އެސެސްމަންޓް ތައްޔާރުކުރުން- ފެމިލީ އެސެސްމަންޓް ތައްޔާރުކުރެވޭއިރު ގެއަށް ޒިޔާރަތްކޮށް އާއިލާގެ މީހުންނާއި ރަހްމަތްތެރި ދަންނަ މީހުންގެ ފަރާތުން ފޮސްޓަރކުރުމަށް އެދިފައިވާ ފަރާތާއި ގުޅޭ މަޢުލޫމާތު ސާފުކުރެވިގެންދާނެ
4
ޕެނަލްއަށް ހުށަހެޅުން
ފެމިލީ އެސެސްމަންޓް ފޮސްޓަރ ޕެނަލްއަށް ހުށަހެޅުން
5
ޕެނަލް އިންޓަވިއު
ފޮސްޓަރ ޕެނަލްގެ އިންޓަރވިއު- ކުއްޖަކު ފޮސްޓަރކޮށް ޙަވާލުކުރުމަށް އެކަށީގެންވާ ފަރާތެއްކަން ނުވަތަ ނޫންކަން ނިންމާނީ ފޮސްޓަރ ޕެނަލްއިން އިންޓަރވިއު ކުރުމަށްފަހު
6
ވެއިޓް ލިސްޓްގައި ދަފްތަރުކުރުން
އިންޓަރވިއުއަށްފަހު، ފޮސްޓަރ ޕޭރަންޓް ވެއިޓް ލިސްޓްގައި އެފަރާތެއް ދަފްތަރުކުރެވޭނެ އަދި އެދިފައިވާ އުމުރު/ ޖިންސުގެ ކުއްޖަކާއި މެޗްކުރުމުގެ މަސައްކަތްތައް ފެށިގެންދާނެ
7
ކޯޓަށް ހުށަހެޅުން
އެދިފައިވާ އުމުރު އަދި ޖިންސުގެ ކުއްޖާކާއި މެޗްކުރެވުމުން، ކުއްޖާގެ ފޮސްޓަރކުރުމުގެ އަމުރަކަށް އަދި/ ނުވަތަ ޤާނޫނީ ބެލެނިވެރިކަން ފޮސްޓަރ ޕޭރަންޓަށް ބަދަލުކުރުމުގެ އަމުރަކަށް އެދި ފެމިލީ ކޯޓަށް އެޓަރނީ ޖެނެރަލްގެ އޮފީސް މެދުވެރިކޮށް ހުށަހެޅިގެންދާނެ
8
ކުއްޖާއާ ބައްދަލުކުރުން
ފެމިލީ ކޯޓުގެ އަޑުއެހުންތައް ފެށުމުން، ފޮސްޓަކުރުމަށް ކަނޑައެޅިފައިވާ ކުއްޖާއާ ބައްދަލުކޮށް ގުޅުން ބަދަހިކުރުމުގެ މަރުހަލާ ފެށިގެންދާނެ
9
ކުއްޖާ ޙަވާލުކުރުން
ކޯޓު މަރުހަލާ ނިމި، ކުއްޖާ ފޮސްޓަރކުރުމުގެ އަމުރު ކޯޓުން ލިބުމުން، މިނިސްޓްރީއާ ފޮސްޓަރ ޕޭރަންޓްއާ ދެމެދު އެގްރިމަންޓެއްގައި ސޮއިކޮށް ފޮސްޓަރ ޕޭރަންޓްއާ ކުއްޖާ ހަވާލުކުރެވޭނެ
10
މޮނިޓަރިންގ އަދި އެހީތެރިކަން
ޙަވާލުކުރުމަށްފަހު ކުއްޖާ އަދި އާއިލާއަށް ބޭނުންވާ އެހީތެރިކަން މިނިސްޓްރީގެ ފަރާތުން ކޭސް ޙަވާލުކޮށްފައިވާ ކޭސްވޯކަރ ދެމުންގެންދާނެ، އަދި އެކުލަވާލެވިފައިވާ މޮނިޓަރިންގ ޕްލޭންއާ އެއްގޮތްވާގޮތުގެ މަތިން ހާލަތު މޮނިޓަރކުރެވެމުންދާނެ


