ގަވާއިދު ނަންބަރު 2020/R-70 (ކުޑަކުދިންގެ ޙައްޤުތައް ރައްކައުތެރި ކުރުމުގެ އާންމު ގަވާއިދު) އަށް އަންނަނިވި އިޞްލާޙުތައް ގެނައުން.
- ބުނެވިދިޔަ ގަވާއިދުގެ 10 ވަނަ މާއްދާ އަންނަނިވި ގޮތަށް އިޞްލާޙުކުރުން.
10ވަނަ މާއްދާ: ކުޑަކުދިން ބައިވެރިކުރުން މަނާ މަސައްކަތްތައް
(ހ) ތަމްރީނު ދިނުމުގެ ބޭނުމުގައި ވިޔަސް، ނުވަތަ ޢާއިލާއިން ކުރާ މަސައްކަތެއްގައި ކުދިން ބައިވެރިކުރުމުގެ ބޭނުމުގައި ވިޔަސް، އަންނަނިވި ބާވަތްތަކުގެ މަސައްކަތުގައި ކުދިން ބައިވެރިކުރުމަކީ މަނާކަމެކެވެ.
-1 ނުރައްކައުތެރި ކެމިކަލްތަކާއި ގޮވާތަކެތި އުފުލުމާއި، އެ ތަކެތި ރައްކައުކުރުމާއި، ހިފައި ގެންގުޅުމާއި، އެއް ތަނުން އަނެއް ތަނަށް ގެންދިއުމުގެ މަސައްކަތްތައް؛
-2 ތެލާއި ޕެޓްރޯލު ފޯރުވުމުގެ ޢަމަލީ މަސައްކަތްތައް؛
-3 ސިނގިރޭޓާއި، ދުންފަތުގެ އެހެނިހެން ބާވަތްތަކާއި، ވޭޕިން ފަދަ އެއްވެސް ބާވަތެއް ވިއްކުމުގެ ޢަމަލީ މަސައްކަތްތައް؛
-4 ދިވެހިރާއްޖޭގައި ހިންގާ ބަނދަރެއްގައި ކުރާ މަސައްކަތުގެ ތެރެއިން ބަނދަރުގައި ކުރާ ހެވީ މެޝިނަރީ އޮޕަރޭޝަންސް ފަދަ ބާވަތްތަކުގެ މަސައްކަތްތައް؛
-5 ސަފާރީތަކާއި ޔޮޓުތަކުގައި ކުރާ ހުރިހާ ބާވަތެއްގެ މަސައްކަތްތައް؛
-6 ކޮންސްޓްރަކްޝަންގެ މަސައްކަތްތަކުގެ ތެރެއިން ރޭނުމާއި، ސިމެންތިޖެހުން ފިޔަވައި އެހެން މަސައްކަތްތައް؛
-7 ދިވެހިރާއްޖޭގެ އެއްވެސް ޤާނޫނެއްގައި ނުވަތަ ގަވާއިދެއްގައި މަނާކޮށްފައިވާ މަސައްކަތެއް، ނުވަތަ އިސްލާމްދީން މަނާކުރާ މަސައްކަތްތައް.
(ށ) ތަމްރީނު ދިނުމުގެ ބޭނުމުގައި ވިޔަސް، ނުވަތަ ޢާއިލާއިން ކުރާ މަސައްކަތެއްގައި ކުދިން ބައިވެރިކުރުމުގެ ބޭނުމުގައި ވިޔަސް، ތިރީގައި ބަޔާންކޮށްފައިވާ ބާވަތްތަކުގެ މަސައްކަތްތައް، އުމުރުން 16 (ސޯޅަ) އަހަރު ފުރިފައިވާ ކުދިން ލައްވާ ކުރުވަންވާނީ ނުވަތަ އެއިން މަސައްކަތެއްގައި ބައިވެރިކުރެވޭނީ، އެ ކުދިންގެ މަސައްކަތް ސުޕަވައިޒް ކުރާނެ ފަރާތެއްގެ ބެލުމުގެ ދަށުންނެވެ.
-1 ކުއްޖާގެ ކަންކަން ސުޕަވައިޒުކުރާނޭ ފަރާތަކާ އެކުގައި، ކޮންސްޓްރަކްޝަންގެ މަސައްކަތްތަކުގެ ތެރެއިން ރޭނުން، ސިމެންތިޖެހުން؛
-2 ކުއްޖާގެ ކަންކަން ސުޕަވައިޒުކުރާނޭ ފަރާތަކާ އެކުގައި، ގަރާޖާއި ވޯކްޝޮޕާއި ކާޕެންޓްރީއާއި ވެއަރހައުސްތަކުގައި ކުރާ ޢަމަލީ މަސައްކަތްތައް؛
-3 ކުއްޖާގެ ކަންކަން ސުޕަވައިޒުކުރާނޭ ފަރާތަކާ އެކުގައި، ދަތުރުފަތުރު ކުރުމުގެ ޚިދުމަތެއް ޢަމަލީގޮތުން ކޮށްދިނުމުގެ މަސައްކަތްތައް؛
-4 ކުއްޖާގެ ކަންކަން ސުޕަވައިޒުކުރާނޭ ފަރާތަކާ އެކުގައި، މެކަނައިޒްޑްކޮށް ކުރެވޭ މަސްވެރިކަމުގެ މަސައްކަތްތަކުގެ ތެރެއިން 2 (ދޭއް) ހަފުތާއަށްވުރެ ދިގުނުވާނޭ ގޮތަށް ކަނޑުމަތީގައި ހޭދަވާ މަސައްކަތްތައް؛
-5 ކުއްޖާގެ ކަންކަން ސުޕަވައިޒުކުރާނޭ ފަރާތަކާ އެކުގައި، ދިވެހިރާއްޖޭގައި ހިންގާ ބަނދަރެއްގައި ކުރާ އިދާރީ މަސައްކަތްތަކާއި، ޓެކްނިކަލް ބާވަތްތަކުގެ މަސައްކަތްތައް؛
-6 ކުއްޖާގެ ކަންކަން ސުޕަވައިޒުކުރާނޭ ފަރާތަކާ އެކުގައި، އެއްވެސް ބާވަތެއްގެ ކާނާއެއްގެ ފުޑް ޕްރޮސެސިންގ މަރުޙާލަތަކުގައި ހިމެނޭ މަސައްކަތްތައް؛
-7 ކުއްޖާގެ ކަންކަން ސުޕަވައިޒުކުރާނޭ ފަރާތަކާ އެކުގައި އެއްވެސް ބާވަތެއްގެ ދިރޭއެއްޗެއް ގެންގުޅެ، އެ ތަކެތި އާލާކުރުމުގެ މަސައްކަތް ކުރާ ތަނެއްގައި، އެފަދަ ދިރޭ އެއްޗެއްހި ބެލެހެއްޓުމާ ގުޅޭ މަސައްކަތްތައް.
(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މަސައްކަތެއް ކުއްޖަކު ލައްވައި ކުރުވާ ފަރާތެއްގެ މައްޗަށް، މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ފިޔަވަޅު އެޅޭނެއެވެ.
(ރ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ މަސައްކަތްތަކުގެ ތެރެއިން މަސައްކަތެއްގައި ކުޑަކުއްޖަކު ބައިވެރިކުރުވާނަމަ، ކުދިންގެ މަސައްކަތް ސުޕަވައިޒްކުރާނެ ފަރާތެއް ކަނޑައަޅައި، ކުދިންގެ މަސައްކަތްތައް ސުޕަވައިޒްކުރާ ފަރާތުން ކުދިންގެ މަސައްކަތްތައް ސުޕަވައިޒްކުރާގޮތް މޮނިޓަރކުރުމުގެ އެންމެހައި ޒިންމާތަކެއް އުފުލާނީ ވަޒިފާދޭ ފަރާތުންނެވެ.
(ބ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ފަދަ މަސައްކަތެއްގައި ކުދިން ބައިވެރިކުރުވޭނީ، އަންނަނިވި ކަންކަމުގެ މައްޗަށް ވަޒީފާދޭ ފަރާތާއި ކުއްޖާގެ ބެލެނިވެރި ފަރާތާ ދެމެދު ވެވޭ އެއްބަސްވުމެއްގެ ދަށުންނެވެ.
-1 ކުއްޖާ ބައިވެރިކުރާ މަސައްކަތުގެ ބާވަތާއި ކުއްޖާ ކުރަންޖެހޭނެ މަސައްކަތުގެ ތަފުސީލު؛
-2 ކުއްޖާއަށް ކުއްލި ހާލަތެއްގައި ޞިއްޙީ ފަރުވާ ބޭނުންވެއްޖެނަމަ ޢަމަލުކުރާނެ ގޮތް؛
-3 ކުއްޖާއާ ގުޅިގެން އެންމެހައި ކަންކަމުގައި ބެލެނިވެރި ފަރާތާއި، ވަޒީފާދޭ ފަރާތުން މުޢާމަލާތުކުރާނެ ގޮތާއި، މުޢާމަލާތުކުރާނެ ފަރާތެއްގެ މަޢުލޫމާތު؛
-4 ކުއްޖާ ބައިވެރިކުރުވާ މަސައްކަތުން ކުއްޖާއަށް ކުރާނެ ފައިދާތަކާއި ލިބިދެވޭނެ އެންމެހައި ޢިނާޔަތްތައް؛
-5 ކުއްޖާ ބައިވެރިކުރާ މަސައްކަތުގައި ކުއްޖާ ބައިވެރިކުރުވުމަށް ކުއްޖާގެ ބެލެނިވެރި ފަރާތުގެ އިޢުތިރާޟެއް ނެތްކަމުގެ ލިޔުން ހިމެނުން.
2. މި ގަވާއިދަށް ޢަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ޝާއިޢުކުރާ ދުވަހުން ފެށިގެންނެވެ.


