އެއްވަނަ ބާބު
ފެށުން
1ވަނަ މާއްދާ: ތަޢާރުފާއި ނަން
(ހ) މިއީ، ޤާނޫނު ނަންބަރު 2000/4 (ޢާއިލާއާބެހޭ ޤާނޫނު) ގެ 72 ވަނަ މާއްދާގެ ދަށުން އެކުލަވައިލައިފައިވާ ގަވާއިދެކެވެ.
(ށ) މި ގަވާއިދަށް ކިޔާނީ، "ޢާއިލާއާބެހޭ ގަވާއިދު" އެވެ.
2ވަނަ މާއްދާ: މަގުސަދު
މި ގަވާއިދުގެ މަގުސަދަކީ، ޤާނޫނު ނަންބަރު 2000/4 (ޢާއިލާއާބެހޭ ޤާނޫނު) ގައި ބަޔާންކޮށްފައިވާ ކަންކަން ތަންފީޛުކުރުމުގައި ޢަމަލުކުރާނެ އުސޫލުތައް ބަޔާންކުރުމެވެ.
ދެވަނަ ބާބު
ކައިވެނި ކޮށްދިނުމަށް އެދި ހުށަހެޅުން
3ވަނަ މާއްދާ: ކައިވެނިކޮށްދިނުމަށް އެދި ހުށަހެޅުން
(ހ) ކައިވެންޏެއް ކުރަން ބޭނުންވެއްޖެނަމަ، ކޯޓުން ތައްޔާރުކޮށްފައިވާ، ކައިވެނި ކޮށްދިނުމަށް އެދޭ ފޯމުގައިވާ މަޢުލޫމާތު ފުރިހަމަކުރުމަށްފަހު، ކައިވެނިކުރަން އެދޭ ތާރީޚުގެ 7 (ހަތެއް) ދުވަހުގެ ކުރިން، ރަސްމީ ގަޑީގައި ކޯޓަށް އެ ފޯމު ހުށަހަޅަންވާނެއެވެ. އަދި މި ފޯމާއެކު -/25 (ފަންސަވީސް) ރުފިޔާގެ ފީއެއް ދައްކަންވާނެއެވެ.
(ށ) ކައިވެނި ކޮށްދިނުމަށް އެދި ފުރާ ފޯމުގައި ހިމަނަންޖެހޭ މަޢުލޫމާތު ފުރިހަމަވެފައި ނުވާނަމަ، އެ ފޯމު ބަލައިގަނެވޭނީ، ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަކުރުމަށްފަހު ހުށަހެޅުމުންނެވެ.
(ނ) ރަޖުޢީ ވަރިއަކުން ވަރިވެފައިވާ އަންހެނާ ޢިއްދައިގެ މުއްދަތުގައި ރުޖޫޢަކުރުން ނޫން ގޮތަކަށް ކައިވެނި ކުރުމަށް ހުށަހެޅޭ ގޮތަށް ހަމަޖެހިފައެއް ނުވެއެވެ. ތަފްރީޤު ކުރެވިފައިވާ ނުވަތަ ފަސްޚު ކުރެވިފައިވާ ކައިވެންޏެއްގެ ޢިއްދައިގައި އިން އަންހެނާއަށް ކައިވެނިކުރަން ހުށަހެޅޭނީ، ހަމައެކަނި ތަފްރީޤު ކުރެވުނު ނުވަތަ ފަސްޚުކުރެވުނު ފިރިހެނާއާ އެކުގައެވެ. އެހެން މީހަކާ ކައިވެނިކުރާނަމަ ކައިވެނި ކުރަން ހުށަހަޅަންވާނީ، ޢިއްދައިގެ މުއްދަތު ހަމަވުމަށްފަހުގައެވެ.
4ވަނަ މާއްދާ: ކައިވެނީގެ އެއްބަސްވުން ރަޖިސްޓަރީކުރުން
(ހ) ކައިވެނިކުރާއިރު، އެ ކައިވެނީގައި ހިމެނޭ ދެފަރާތުން ދިރިއުޅުން ބިނާކުރުމުގައި ތަބާވާނެ މައިގަނޑު އުސޫލުތައް އެއްބަސްވުމެއްގައި ހިމަނައި، އެ އެއްބަސްވުން ކޯޓުގައި ރަޖިސްޓަރީ ކުރެވިދާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އެއްބަސްވުމަކީ އިސްލާމީ ޝަރީޢަތާއި ދިވެހިރާއްޖޭގެ ޤާނޫނުތަކާ އެއްގޮތަށް އެއްބަސްވެފައިވާ އެއްބަސްވުމެއްތޯ ކޯޓުން ބަލަންވާނެއެވެ.
5ވަނަ މާއްދާ: ކައިވެނީގެ އެއްބަސްވުން ކޯޓަށް ހުށަހެޅުން
ކައިވެނިވާ ދެފަރާތުން ދިރިއުޅުން ބިނާކުރުމުގައި ތަބާވާނެ މައިގަނޑު އުސޫލުތަކުގެ މައްޗަށް މި ގަވާއިދުގެ 4 ވަނަ މާއްދާގެ ދަށުން ދެފަރާތުން އެއްބަސްވުމެއް ވެފައިވާނަމަ، އަދި އެ އެއްބަސްވުން ކޯޓުގައި ރަޖިސްޓަރީކުރުމަށް ކައިވެނިކުރާ ދެފަރާތުން އެދޭނަމަ، ކައިވެނިކުރުމަށް އެދި ހުށަހަޅާ ފޯމު ނުވަތަ ކައިވެނި ރަޖިސްޓަރީކުރުމަށް އެދި ހުށަހަޅާ ފޯމާއެކު އެ އެއްބަސްވުން ކޯޓަށް ހުށަހަޅަންވާނެއެވެ.
6ވަނަ މާއްދާ: ކައިވެނިކޮށްދެވޭ ތަން
(ހ) އާންމުގޮތެއްގައި ކައިވެނިކޮށްދޭނީ، ކައިވެނި ކުރުމަށް އެދި ހުށަހެޅި ކޯޓުގައެވެ. ކޯޓުގައި ނޫން އެހެން ތަނެއްގައި ކައިވެނީގެ މަޖިލިސް ބާއްވާނަމަ، ކައިވެނީގެ މަޖިލިސް ބާއްވާ ތަނަކީ އެފަދަ މަޖިލީހަކަށް އެކަށީގެންގެންވާ ތަނަކަށް ވާންޖެހޭނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދައިން ކައިވެނި ކުރުމަށް ހުށަހަޅާ ތަނަކީ ކޯޓުން ބޭރުގައި ކައިވެނިކުރުމަށް އެކަށީގެންވާ ތަނެއްތޯ ބެލުމުގައި ކޯޓުން ރިޢާޔަތްކުރާނެ ކަންކަން، ކޯޓުން ކަނޑައަޅާ ކަމާބެހޭ އުސޫލެއްގައި ހިމަނައި، އެކަން އާންމުކޮށް އިޢުލާނު ކުރަންވާނެއެވެ.
(ނ) ކައިވެނީގެ މަޖިލީހުގައި ކައިވެނިކުރާ އަންހެންމީހާއާއި ފިރިހެންމީހާ ތިބެންވާނެއެވެ.
7ވަނަ މާއްދާ: ކައިވެނިކޮށްދިނުމަށް ހަމަޖެހިފައިވާ ގަޑިއަށް ހާޒިރުނުވުމާއި، ކައިވެނި ފޯމު ކެންސަލުކުރުން
(ހ) ކޯޓުގައި ކުރާ ކައިވެންޏާއި، ކޯޓު ފިޔަވައި އެހެން ތަނެއްގައި ކުރާ ކައިވެނިތަކުގައި ކައިވެންޏަށް ހާޒިރުވާންޖެހޭ މީހުންގެ ތެރެއިން މީހަކު، ކައިވެނި ކުރުމަށް ހަމަޖެހިފައިވާ ގަޑިއަށް ހާޒިރު ނުވެއްޖެނަމަ، އެ ކައިވެންޏެއް ކޮށްދެވޭނީ، ގަޑިޖެހުނު ކޮންމެ މީހަކަށް ކައިވެނިވާން އެދޭ ފަރާތުން -/75 (ހަތްދިހަފަހެއް) ރުފިޔާގެ ޖޫރިމަނާއެއް ދެއްކުމުންނެވެ.
(ށ) ކައިވެންޏަށް ހާޒިރުވާންޖެހޭ މީހުންގެ ތެރެއިން މީހަކު ކައިވެންޏަށް ހާޒިރު ނުވެއްޖެނަމަ، ކައިވެންޏަށް އެދި ހުށަހެޅި ހުށަހެޅުން ބާޠިލުކުރެވޭނެއެވެ. އަދި އެ ކައިވެންޏެއް އަލުން ކުރުމަށް އެދި ހުށަހެޅޭނީ، ފުރަތަމަ ހުށަހެޅުން ބާޠިލުކުރި ދުވަހުން ފެށިގެން 7 (ހަތެއް) ދުވަސް ހަމަވުމުންނެވެ.
(ނ) މި މާއްދާގެ (ހ) ގެ ބޭނުމަށް ޓަކައި ކައިވެންޏަށް ހާޒިރުވާންޖެހޭ މީހުންކަމަށް ބެލެވޭނީ، ކާއިވެނީކުރާ ދެމީހުންނާއި، ހެކިވެރިންނާއި، ވަލީވެރިޔާއެވެ.
(ރ) ކައިވެނީގެ މަޖިލީހަށް ހާޒިރުނުވާކަމަށް ބަލާނީ، އެ ކައިވެންޏެއް ކުރަން އޮތް ވަގުތުން ފެށިގެން 15 (ފަނަރަ) މިނެޓު ހިނގާއިރު ހާޒިރުނުވިނަމައެވެ.
(ބ) މި މާއްދާގެ (ށ) ގައިވާ ގޮތުގެ މަތީން ކައިވެނީގެ މަޢުލޫމާތު ފޯމު ކެންސަލް ކުރެވިއްޖެނަމަ، ދެން އެ ކައިވެނި ކޮށްދެވޭނީ، އަލުން ފީ ދައްކައި، ރަޖިސްޓަރީ ކޮށްގެންނެވެ. އަދި އެފަދަ ކައިވެންޏެއްގެ ފޯމު 7 (ހަތެއް) ދުވަސް ވުމުގެ ކުރިން ބަލައިގަނެވޭނީ، ކައިވެނި ރަޖިސްޓަރީކުރަން ދައްކަންޖެހޭ ފީގެ އިތުރުން -/500 (ފަސްސަތޭކަ) ރުފިޔާގެ ފީއެއް ދެއްކުމުންނެވެ.
8ވަނަ މާއްދާ: ކައިވެނި ރަޖިސްޓަރީ ކުރުމުގެ ފީއާއި ކައިވެނިކޮށްދޭ ގަޑި
(ހ) ރާއްޖޭގައި ކުރާ ކައިވެނި ރަޖިސްޓަރީ ކުރުމުގެ ފީއަކީ -/100 (އެއްސަތޭކަ) ރުފިޔާއެވެ.
(ށ) ރާއްޖެއިން ބޭރުގައި ކޮށްފައިވާ ކައިވެނި ރަޖިސްޓަރީ ކުރުމުގެ ފީއަކީ -/500 (ފަސްސަތޭކަ) ރުފިޔާއެވެ.
(ނ) ކޯޓުގައްޔާއި ކޯޓުން ބޭރުގައި ކައިވެނިކޮށްދިނުމަށް ހަމަޖެހިފައިވާ ގަޑިތައް، ކޯޓުން ކަނޑައަޅާ ކަމާބެހޭ އުސޫލެއްގައި ހިމަނައި، އެކަން އާންމުކޮށް އިޢުލާނު ކުރަންވާނެއެވެ. އެފަދައިން ކަނޑައަޅާ އުސޫލުގައި، ރަސްމީ މަސައްކަތު ދުވަސްތަކުގެ ރަސްމީ ގަޑީގައްޔާއި ނުރަސްމީ ގަޑިތަކުގައި ކައިވެނި ކޮށްދޭނެ ގަޑިތަކާއި، ބަންދު ދުވަސްތަކަށް ޚާއްޞަ ގަޑިތައް ވަކިން ހިމަނަންވާނެއެވެ.
(ރ) ނުރަސްމީ ގަޑީގައި ކޯޓުގައި ކައިވެނި ކޮށްދެވޭނީ، ކައިވެނި ރަޖިސްޓަރީކުރުމުގެ ފީގެ އިތުރުން، -/500 (ފަސްސަތޭކަ) ރުފިޔާގެ ފީއެއް ދެއްކުމުންނެވެ.
(ބ) މީހުން ދިރިއުޅޭ ރަށްރަށުގައި ކޯޓުން ބޭރުގައި ކުރާ ކައިވެނީގެ ފީއަކީ ކައިވެނި ރަޖިސްޓަރީ ކުރުމުގެ ފީގެ އިތުރުން 1,000/- (އެއްހާސް) ރުފިޔާއެވެ.
(ޅ) މީހުން ދިރިއުޅޭ ރަށްރަށުގައި ފިޔަވައި އެ ނޫން ތަނެއްގައި ކޯޓުން ބޭރުގައި ކައިވެނި ކުރުމުގެ ފީއަކީ، ކައިވެނި ރަޖިސްޓަރީ ކުރުމުގެ ފީގެ އިތުރުން -/5000 (ފަސްހާސް) ރުފިޔާއެވެ. މީގެ އިތުރުން، ކައިވެނި ކޮށްދިނުމަށް ޓަކައި ކޯޓުން ދާ ބަޔަކު ކައިވެނިކުރާ ތަނަށް ދިޔުމާއި، އެނބުރި އައުމާއި، އެ ދެމެދުގެ ވަގުތުތަކުގެ ކެއިންބުއިމާއި، އެނބުރި އައުން ލަސްވުމުގެ ސަބަބުން އެ ތަނެއްގައި ތިބުމަށް ޓަކައި ހިނގާ އެންމެހައި ޚަރަދުތައް ކައިވެނި އިންތިޒާމުކުރާ ފަރާތުން ކުރަންވާނެއެވެ.
(ކ) ކައިވެނި ކޮށްދިނުމަށް ފީ ނެގުމަށްފަހު، ދިމާވާ ސަބަބަކާހުރެ ކައިވެނި ކޮށްދިނުން ހުއްޓައިލަން ޖެހިއްޖެނަމަ، ހުއްޓައިލަން މެދުވެރިވި ސަބަބަކީ ކައިވެނި ކުރުމަށް އެދިފައިވާ، އެ ކައިވެންޏާ ބެހޭ މީހުން (ކައިވެނިވާ ދެމީހުންނާއި، ވަލީވެރިޔާއާއި، ހެކިވެރިން) ގެ ތެރެއިން މީހެއްގެ އިހުމާލުން މެދުވެރިވި ސަބަބެއް ކަމުގައި ވާނަމަ، ކޯޓަށް ދައްކައިފައިވާ ފީ އަނބުރާ ނުދެވޭނެއެވެ. އެފަދަ ސަބަބެއް މެދުވެރިވީ ކޯޓުގެ އިހުމާލުން ކަމުގައި ވާނަމަ، ނެގި ފީ އަނބުރާ އެ ފަރާތަށް ލިބިދެވޭނެއެވެ.
9ވަނަ މާއްދާ: ކައިވެނިކޮށްދިނުމުގެ ކުރިން ޚަރަދާއި ޖޫރިމަނާ ފައިސާ ދެއްކުން
(ހ) ދަރިންގެ ޚަރަދުގެ ފައިސާ ނުވަތަ ޤާނޫނާ ޚިލާފަށް ވަރިކޮށްގެން ކޮށްފައިވާ ޖޫރިމަނާގެ ފައިސާ ދައްކަންޖެހި ނުދައްކާވާ މީހުންގެ ކައިވެނި ކޮށްދެވޭނީ އެ ފައިސާއެއް ދެއްކުމުންނެވެ.
(ށ) މި މާއްދާގެ (ހ) އެހެން އޮތް ނަމަވެސް، ދަރިންގެ ޚަރަދުގެ ފައިސާ ދެއްކުމާ ގުޅޭގޮތުން އެއްބަސްވުމަކަށް އާދެވިފައިވާނަމަ، ކޯޓުން ކަނޑައަޅާ ޝަރުޠުތަކެއްގެ ދަށުން އެ މީހެއްގެ ކައިވެނި ކޮށްދެވިދާނެއެވެ.
10ވަނަ މާއްދާ: 18 އަހަރު ނުރުފުރޭ ކުދިންގެ ކައިވެނި ޢަޤުދުކޮށް ނުދިނުން
އުމުރުން 18 (އަށާރަ) އަހަރުން ދަށުގެ ކުޑަކުދިންނަށް ކައިވެނި ޢަޤްދުކޮށްދީގެން ނުވާނެއެވެ.
11ވަނަ މާއްދާ: ބަންދުގައި ތިބޭ މީހުންގެ ކައިވެނި ކޮށްދިނުން
ގޭގައި ބަންދުކޮށްފައި ތިބޭ މީހުންނާއި، އަރުވައިލައިފައި ތިބޭ މީހުންގެ ކައިވެނި ކުރުމަށް ޓަކައި، އެ ފަދަ މީހުންގެ ކަންކަން ބެލެހެއްޓުން ހަވާލުވެފައިވާ އިދާރާއިން އެއްބާރުލުންދީ، އެކަމަށް ޓަކައި ހަމަޖައްސަންޖެހޭ އިންތިޒާމުތައް ހަމަޖައްސައިދޭންވާނެއެވެ.
ތިންވަނަ ބާބު
ވަލީ
12ވަނަ މާއްދާ: ވަލީވެރިޔާގެ ޝަރުޠުތައް
ވަލީވެރިންގެ ޝަރުޠުގެ ތެރޭގައި، ތިރީގައި ބަޔާކޮށްފައިވާ ޝަރުޠުތައް ފުރިހަމަވުން ލާޒިމު ވާން ވާނެއެވެ.
(ހ) ބާލިޣުވުން.
(ށ) ބުއްދި ސަލާމަތުން ހުރުން.
(ނ) މިނިވަނެއް ކަމުގައި ވުން.
13ވަނަ މާއްދާ: ވަލީވެރިންގެ ތަރުތީބު
ވަލީ ދިނުމުގައި ބަލާނީ، ތިރީގައިވާ ތަރުތީބުގައިވާ ގޮތަށެވެ.
(ހ) ބައްޕަ.
(ށ) ކާފަ (ބައްޕަ ފަރާތުގެ).
(ނ) އެއްބަނޑުއެއްބަފާ އަޚު.
(ރ) އެއްބަފާ އަޚު.
(ބ) އެއްބަނޑުއެއްބަފާ އަޚުގެ ފިރިހެންދަރިން.
(ޅ) އެއްބަފާ އަޚުގެ ފިރިހެންދަރިން.
(ކ) ބައްޕަގެ އެއްބަނޑުއެއްބަފާ އަޚު (ބައްޕަ ފަރާތުގެ ބޮޑުބޭބެ)
(އ) ބައްޕަގެ އެއްބަފާ އަޚު (ބައްޕަ ފަރާތުގެ ބޮޑުބޭބެ)
(ވ) ބައްޕަގެ އެއްބަނޑުއެއްބަފާ އަޚު (ބައްޕަ ފަރާތުގެ ބޮޑުބޭބެގެ ފިރިހެންދަރި)
14ވަނަ މާއްދާ: ވަލީވެރިޔާ ރަށުގައި ނެތުން
އަންހެނަކު ކައިވެނި ކުރުމަށް ހުށަހަޅާއިރު ވަލީވެރިޔާ ރަށުގައި ނެތްނަމަ ޢަމަލުކުރާނީ، ތިރީގައި މިވާ ގޮތަށެވެ.
(ހ) ވަލީވެރިޔާ ހުރި ރަށެއްގެ ކޯޓު މެދުވެރިކޮށް ކައިވެނީގެ ރުހޭބަސް ލިބުމުން، އެ ކައިވެންޏެއް ކޮށްދިނުމުގެ ހުއްދަ ދޭނީ، އެ ކައިވެންޏެއް ކޮށްދިނުމަށް އެދި ހުށަހެޅި ކޯޓުންނެވެ.
(ށ) ވަލީވެރިޔާ އެހެން ފަރާތަކާ ވަލީ ހަވާލުކުރާނަމަ، ވަލީއާ ހަވާލުވާނެ ފަރާތެއް ވަލީވެރިޔާ އައްޔަނުކޮށް، ވަލީވެރިޔާ ކޯޓަށް ހާޒިރުވުމުން ވަލީ ހަވާލުކުރުމުގެ ކަންތައް ކޯޓުން ހަމަޖައްސައިދެވޭނެއެވެ.
(ނ) މި މާއްދާގެ (ށ) ގައިވާ ގޮތުގެ މަތީން ވަލީއާ ހަވާލުވި ފަރާތުން ކައިވެނިކުރާ ކޯޓަށް ހާޒިރުވެ ވަލީއާ ހަވާލުވިކަމަށް ސޮއިކުރަންވާނެއެވެ. އަދި ކައިވެނި ކޮށްދެވޭނީ، އެ ކައިވެނީގެ ވަލީއާ ހަވާލުވި ފަރާތުން ކައިވެނީގެ މަޖިލީހަށް ހާޒިރުވެ، ވަލީ ދިނުމުންނެވެ.
(ރ) ވަލީވެރިޔާ ހުރީ ރާއްޖެއިން ބޭރުގައި ކަމަށް ވާނަމަ، އެ ޤައުމެއްގައި ހުރި ދިވެހި ސަރުކާރު ތަމްސީލުކުރާ އޮފީހެއް މެދުވެރިކޮށް، ރުހޭ ބަސް ނުވަތަ ވަލީ ފޮނުވިދާނެއެވެ. އެފަދަ އޮފީހެއް ނެތް ޤައުމެއްގައި ނަމަ، އެ ޤައުމެއްގެ ކަމާބެހޭ ކޯޓު މެދުވެރިކޮށް ނުވަތަ އެ ތަނެއްގެ ސަރުކާރު ގަބޫލުކުރާ މުސްލިމް ޖަމާޢަތެއް ނުވަތަ އެ ފަދަ ތަނެއް މެދުވެރިކޮށް ފޮނުވިދާނެއެވެ. މި ގޮތުން ފޮނުވީ ރުހޭ ބަސްކަމަށް ވާނަމަ، އެ ކައިވެނި ކޮށްދޭނީ، އެ ކައިވެންޏެއް ކޮށްދިނުމަށް އެދި ހުށަހެޅި ކޯޓުންނެވެ. ވަލީ ދިނުމަށް މީހަކު ފޮނުވާނަމަ، ނުވަތަ ވަލީ ދިނުން މީހަކާ ހަވާލުކުރާނަމަ ކައިވެނި ކޮށްދޭނީ، ވަލީއާ ހަވާލުވި ފަރާތުން ކައިވެނީގެ މަޖިލީހަށް ހާޒިރުވެ، ވަލީ ދިނުމުންނެވެ.
(ބ) މި މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ހާލަތްތަކުގައި ކައިވެނި ކޮށްދޭނީ، ކަމާބެހޭ ރަސްމީ ލިޔުން ކޯޓަށް ލިބުމުންނެވެ.
15ވަނަ މާއްދާ: ވަލީވެރިޔާ ވީތަނެއް ނޭނގުން
ކައިވެނި ކުރުމަށް އެދި ހުށަހަޅާއިރު ވަލީވެރިޔާ ވީތަނެއް ނޭނގޭކަމަށް އެ މީހުން ބުނާނަމަ، ވަލީވެރިޔާގެ އެންމެ ގާތް ތިމާގެ މީހުން ކޯޓަށް ހާޒިރުކޮށް އެކަން ސާފުކުރުމުން، ވަލީވެރިޔާ ވީތަނެއް ނޭނގޭކަމަށް އެ މީހުން ބުނާނަމަ، ޙާކިމުގެ ވަލީއަށް ކައިވެނިކޮށްދޭނީއެވެ.
16ވަނަ މާއްދާ: ވަލީވެރިޔާ ދުނިޔޭގައި ނެތުން
(ހ) ކައިވެނި ކުރުމަށް އެދި ހުށަހަޅާއިރު ވަލީވެރިޔާ ދުނިޔޭގައި ނެތްކަމަށް ބުނާނަމަ، ނުވަތަ ނަސަބުގެ ވަލީވެރިޔަކު ނެތްނަމަ، ކޯޓުން އެކަން ބެލުމުން ވަލީވެރިޔާ ދުނިޔޭގައި ނެތްކަން ސާބިތުވެއްޖެނަމަ، ޙާކިމުގެ ވަލީއަށް ކައިވެނި ކޮށްދޭނީއެވެ.
(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީން ޙާކިމުގެ ވަލީއަށް ކައިވެނި ކޮށްދެވޭނީ، އަންހެން ކުއްޖާގެ މަންމަ ނުވަތަ ބަލަދުވެރިޔަކު ދުނިޔޭގައި ހުރިނަމަ، އެ ކައިވެންޏާ މެދު މަންމަ ނުވަތަ ބަލަދުވެރިޔާ ބުނާ އެއްޗަކަށް ރިޢާޔަތް ކުރުމަށްފަހު މި ގަވާއިދުގައިވާ ގޮތުގެ މަތީންނެވެ.
17ވަނަ މާއްދާ: ވަލީވެރިޔާ ވަލީދިނުމަށް އިންކާރުކުރުން
(ހ) ވަލީވެރިޔާ ވަލީ ނުދީގެން އަންހެންމީހާ ހުށަހަޅާ މައްސަލަތަކުގައި ވަލީވެރިޔާ ވަލީ ދިނުމަށް އިންކާރު ކުރަނީ މަޤްބޫލު އުޒުރެއް އޮވެގެން ނޫންކަމަށް ޝަރީޢަތަށް ފެނިއްޖެނަމަ، ޙާކިމުގެ ވަލީއަށް ކައިވެނި ކޮށްދޭނީއެވެ.
(ށ) ވަލީ ހޯދުމުގެ މައްސަލައެއް ކޯޓަށް ހުށަހެޅިފައި ވަނިކޮށް ޝަރީޢަތުން ވަކި ގޮތަކަށް ނުނިމެނީސް، ވަލީވެރިޔާ ފުރައިގެން ރަށުން ބޭރަށް، ނުވަތަ ރާއްޖެއިން ބޭރަށް ހިނގައްޖެނަމަ، ޙާކިމުގެ ވަލީއަށް ކައިވެނި ކޮށްދޭނީއެވެ.
(ނ) އަންހެނާ ކައިވެންޏަށް ހުށަހެޅުމަށްފަހު، އެކަން ހަމަނުޖައްސައި ޝަރުޢީ ސަބަބެއްނެތި ވަލީވެރިޔާ ރަށުން ބޭރަށް ހިނގައްޖެނަމަ، ޙާކިމުގެ ވަލީއަށް ކައިވެނި ކޮށްދެވޭނެއެވެ.
18ވަނަ މާއްދާ: ވަލީދިނުމަށް ނުކުޅެދުން
ވަލީވެރިޔާ ބައްޔެއްގެ ސަބަބުން ވަލީ ދިނުމަށް ނުކުޅެދިއްޖެކަން ސާބިތުވާ ހާލަތެއް ދިމާވެއްޖެނަމަ، އެ ކައިވެންޏެއްގެ ވަލީ ނަޤުލުވާނީ ދެން ޖެހިގެންހުރި ވަލީވެރިއަށެވެ.
19ވަނަ މާއްދާ: ޙާކިމުގެ ވަލީއަށް ކައިވެނިކޮށްދިނުން
(ހ) ޤާނޫނު ނަންބަރު 2000/4 (ޢާއިލާއާބެހޭ ޤާނޫނު) ގެ 9 ވަނަ މާއްދާގެ (ށ) ގައިވާ ފަދައިން ޙާކިމުގެ ވަލީ ދޭންޖެހިއްޖެނަމަ، ޙާކިމުގެ ވަލީއަށް ކައިވެނިކުރުމުގެ ހުއްދަ ދޭނީ، ކައިވެނިކުރަން އެދި ހުށަހަޅައިފައިވާ ކޯޓުންނެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ހާލަތުގައި ޙާކިމުގެ ވަލީއަށް ކައިވެނި ކޮށްދިނުމަށް އެދޭނަމަ، ކައިވެނި ކޮށްދިނުމަށް އެދި ހުށަހެޅުމުގެ ކުރިން ޙާކިމުގެ ވަލީ ހޯދަން ކޯޓަށް ހުށަހަޅައި، އެ ވަލީ ހޯދަންވާނެއެވެ.
ހަތަރުވަނަ ބާބު
އެއް އަންބަށްވުރެ ގިނަ އަންބަށް ކައިވެނިކުރުން
20ވަނަ މާއްދާ: އެއް އަންބަށްވުރެ ގިނަ އަންބަށް ކައިވެނިކުރުން
އެއް އަންބަށްވުރެ ގިނަ އަންބަށް ކައިވެނިކުރަން އެދި ހުށަހަޅަން ޖެހޭނީ، އެކަމަށް އެދޭ ފޯމަކުންނެވެ.
21ވަނަ މާއްދާ: އެއް އަންބަށްވުރެ ގިނަ އަންބަށް ކައިވެނިކުރުމުގެ ޝަރުޠުތައް
އެއް އަންބަށްވުރެ ގިނަ އަންބަށް ކައިވެނި ކުރުމުގެ ހުއްދަ ދެވޭނީ، އެ ކައިވެނިކުރާ ފިރިހެނާއަކީ ތިރީގައި ބަޔާންވެފައިވާ ޝަރުޠުތައް ފުރިހަމަވާ މީހެއްކަން ކޯޓަށް ސާބިތުވުމުންނެވެ. އަދި ހުށަހަޅައިފައިވާ ސަބަބުތަކަކީ ޝަރުޢީ ހަމަތަކުގެ މަތީން ބަލާއިރު މަޤްބޫލު ސަބަބުތަކެއް ކަމަށް ވާނަމައެވެ.
(ހ) އެއް އަންބަށްވުރެ ގިނަ އަންބަށް ކައިވެނިކުރަން އެދޭ ފިރިހެނާއަކީ، އެ ފިރިހެނާ އިނދެގެންއުޅޭ އަނބިމީހާއަށާއި ދަރިންނަށް ކުރަންޖެހޭ ޚަރަދު ކުރަމުންގެންދާ މީހަކު ކަމުގައި ވުން.
(ށ) ޚަރަދު ނުދީގެން މައްސަލައެއް ހުށަހެޅި، ހިނގަމުންދާ މީހަކު ކަމުގައި ނުވުން.
(ނ) އެއް އަންބަށްވުރެ ގިނަ އަންބަށް ކައިވެނިކުރަން އެދޭ ފިރިހެނާއަކީ އޭނާގެ އަނބިދަރިން ދިރިއުޅޭނެ ގޮތާއި ޚަރަދު ބެލެހެއްޓޭވަރުގެ މީހަކަށް ވުން. މިކަން ބަލާނީ، އޭނާ ކުރާ މަސައްކަތާއި، ލިބޭ އާމްދަނީއަށާއި، އޭނާގެ ގޯތިގެދޮރު ހުރި ނެތް ގޮތުގެ މައްޗަށް ރިޢާޔަތްކޮށެވެ.
(ރ) އެ މީހެއްގެ މައްޗަށް ދަރަންޏެއް ސާބިތުވެފައިވާނަމަ، އެ ފައިސާ ގަވާއިދުން ދައްކަމުންދާ މީހަކު ކަމުގައި ވުން.
22ވަނަ މާއްދާ: ކޯޓުން ބަލާނެ ކަންކަން
(ހ) އަނބިމީހާއަށާއި ދަރިންނަށް ފިރިމީހާ ޚަރަދުކުރޭތޯ ބެލުމަށް އަނބިމީހާ ކޯޓަށް ހާޒިރުކޮށް ބަޔާން ނެގުމުގެ އިޚްތިޔާރު ކޯޓަށް ލިބިގެންވެއެވެ.
(ށ) އެއް އަންބަށްވުރެ ގިނަ އަންބަށް ކައިވެނިކުރަން ހުށަހަޅައިފައިވާ މީހާ އަނބިމީހާއަށާއި ދަރިންނަށް ޚަރަދު ނުދޭ ކަމުގައި ބުނެ، އެފަދަ މައްސަލައެއް ކޯޓަކަށް ހުށަހަޅައިފައިވާނަމަ، އެފަދަ މައްސަލައެއް ނުނިމެނީސް ދެއަންބަށް ކައިވެނި ކޮށެއް ނުދެވޭނެއެވެ. އަދި ދަރަންޏެއް ސާބިތުވެފައިވާނަމަ، އެ ފައިސާ ގަވާއިދުން ދައްކަމުން ނުދާނަމަ، މިފަދަ ކައިވެންޏެއް ކޮށެއް ނުދެވޭނެއެވެ.
ފަސްވަނަ ބާބު
ދިވެހި ބިދޭސީ ކައިވެންޏާއި ވަރި
23ވަނަ މާއްދާ: ދިވެހި ބިދޭސީ ކައިވެންޏާއި ވަރި
ބިދޭސީއަކާއި ދިވެހި ރައްޔިތަކާ ކައިވެނި ކުރެވޭނީ، ޤާނޫނު ނަންބަރު 2000/4 (ޢާއިލާއާބެހޭ ޤާނޫނު) ގެ 16 ވަނަ މާއްދާގައި ބުނެފައިވާ ޝަރުޠުތައް ފުރިހަމަވާނަމައެވެ.
24ވަނަ މާއްދާ: ދިވެހިރާއްޖޭގެ ރައްޔިތަކާއި ބިދޭސީއަކު ކައިވެނިކުރަން އެދޭނަމަ ހުންނަންޖެހޭ ޝަރުޠުތައް
ދިވެހިރާއްޖޭގެ ރައްޔިތަކާއި ބިދޭސީއަކު ކައިވެނިކުރަން އެދޭނަމަ، އަންނަނިވި ކަންތައްތައް، ކައިވެނިކުރަން އެދޭ މީހާގެ ކިބައިގައި ފުރިހަމަވޭތޯ ބަލަންވާނެއެވެ.
(ހ) ޝަރުޢީގޮތުން ކައިވެނި ޞައްޙަވުމުގެ ސިފަތައް، ކައިވެނިކުރަން އެދޭ ދެފަރާތުގައި ފުރިހަމަވުން. މި ގޮތުން ކައިވެނިކުރަން އެދޭ ފަރާތުގެ ކިބައިގައި އަންނަނިވި ޝަރުޠުތައް ފުރިހަމަވޭތޯ ބަލައި ކަށަވަރުކުރަންވާނެއެވެ.
(ށ) ކައިވެނިކުރަން އެދޭ ބިދޭސީ މީހާއަކީ މުސްލިމެއް ކަމުގައި ވުން.
(ނ) ކައިވެނިކުރަން އެދޭ ބިދޭސީމީހާއަކީ އަލަށް އިސްލާމްވެފައިވާ މީހެއްނަމަ، އިސްލާމްވިކަމުގެ ސެޓުފިކެޓުގެ އަސްލު ހުށަހެޅުން.
(ރ) އަލަށް އިސްލާމްވި މީހަކު ކަމުގައި ވާނަމަ، އިސްލާމްދީނުގައި މުސްލިމަކަށް ކޮންމެހެން އެނގުން ލާޒިމު ކަންތައްތައް އޭނާއަށް އެނގޭ މީހަކު ކަމުގައި ވުން. މިކަން ބަލައި ކަށަވަރުކުރާނީ، ދިވެހިރާއްޖޭގެ އިސްލާމީ ކަންތައްތައް ބަލަހައްޓާ ވުޒާރާ މެދުވެރިކޮށެވެ.
25ވަނަ މާއްދާ: ދިވެހި ބިދޭސީންގެ ބާޠިލުކައިވެނި
އިސްލާމްދީނުގެ ޝަރުޢީ ހަމަތަކާ ޚިލާފަށް ދިވެހި ރައްޔިތަކު ބިދޭސިއަކާ ކައިވެނި ކޮށްފިނަމަ، އެ ކައިވެންޏެއް ވާނީ ބާޠިލު ކައިވެންޏަކަށެވެ.
26ވަނަ މާއްދާ: ދިވެހި ބިދޭސީންގެ ވަރި
(ހ) ބިދޭސީ ފިރިހެނަކު ދިވެހި އަންހެނަކާ ކައިވެނި ކުރުމަށްފަހު ވަރިކުރަންވާނީ، އިސްލާމްދީނުގެ ޝަރުޢީ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.
(ށ) ބިދޭސީ ފިރިހެނަކު ދިވެހި އަންހެނަކާ ކައިވެނި ކުރުމަށްފަހު ވަރިކޮށްފިނަމަ، މި ގަވާއިދުގެ އަށްވަނަ ބާބުގައިވާ ގޮތުގެ މަތީން ޢަމަލުކުރަންވާނެއެވެ. އަދި އެ ގޮތަށް ޢަމަލު ނުކޮށްފިނަ، އެ މާއްދާގައިވާ ގޮތުގެ މަތީން އެ މީހާކާމެދު ޢަމަލުކުރެވޭނެއެވެ.
27ވަނަ މާއްދާ: ދިވެހި ބިދޭސީންގެ ދަރިންގެ ޚަރަދު
ބިދޭސީ ފިރިހެނަކު އަނިބިމީހާއަށް ނުވަތަ ދަރިންނަށް ޚަރަދު ނުދީގެން މައްސަލަ ކޯޓަށް ހުށަހެޅިފައިވަނިކޮށް، އެ މީހަކަށް ރައްޖެއިން ބޭރަށް ދެވޭނީ، އެ މީހަކު ދޭންޖެހޭކަމަށް ކޯޓުން ކަނޑައަޅާ ޚަރަދު ކޯޓަށް ދެއްކުމަށް ފަހުގައެވެ. ނުވަތަ އެއިން ކޮންމެ ޚަރަދެއް ވެސް ގަވާއިދުން އަދާކުރުމަށް ގެންދާނޭ، ދިވެހިރާއްޖޭގެ ކަމާބެހޭ ކޯޓުން ގަބޫލުކުރާ ދިވެހިރާއްޖޭގެ ވަޒަންވެރިޔަކު އެ ބިދޭސީ ފިރިހެންމީހާ އައްޔަނުކޮށް، މި އައްޔަނުކުރާ މީހާ ކޯޓަށް ހާޒިރުވެ، އެ ޚަރަދު ދޭން އެއްބަސްވާކަމުގެ ސޮއި، ލިޔުމަކުން ދިނުމަށްފަހުގައެވެ.
28ވަނަ މާއްދާ: ދިވެހި ބިދޭސީންގެ އަނބިމީހާގެ ޚަރަދު
ދިވެހި ފިރިހެނަކު ބިދޭސީ އަންހެނަކާ ކައިވެނިކޮށްފިނަމަ، ޝަރުޢީ ހަމަތަކުގެ މަތީން އަނބިމީހާ ބަލައި، އަނބިމީހާއަށް ދޭންޖެހޭ ހުރިހާ ޚަރަދެއް ދޭންވާނެއެވެ. އަދި އަނބިމީހާ ވަރިކޮށްފިނަމަ، އެ އަންހެންމީހާގެ ޤައުމުގެ އޭނާގެ ވަޒަނަށް ދެވޭނޭގޮތް ހަމަޖައްސައިދީ، އެކަމަށް ހިނގާނޭ ހުރިހާ ޚަރަދެއް، ފިރިހެންމީހާ ދޭންވާނެއެވެ.
29ވަނަ މާއްދާ: ދިވެހި އަންހެނުން ކައިވެނިކުރާ ބިދޭސީ ފިރިހެނުން އިޤްރާރުވާންޖެހޭ ކަންތައްތައް
ބިދޭސީ ފިރިހެނަކު ދިވެހި އަންހެނަކާ ކައިވެނި ކުރާނަމަ، ތިރީގައިމިވާ ކަންތައްތަކުގެ މައްޗަށް އިޤްރާރު ވާންޖެހޭނެއެވެ.
(ހ) ބިދޭސީ ފިރިހެނަކު ދިވެހި އަންހެނަކާ ކައިވެނި ކުރުމަށްފަހު ވަރިކުރަންވާނީ، ޤާނޫނު ނަންބަރު 2000/4 (ޢާއިލާއާބެހޭ ޤާނޫނު) އާއި، މި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.
(ށ) ބިދޭސީ ފިރިހެނަކު ދިވެހި އަންހެނަކާ ކައިވެނި ކުރުމަށްފަހު ވަރިކޮށްފިނަމަ، ޤާނޫނު ނަންބަރު 2000/4 (ޢާއިލާއާބެހޭ ޤާނޫނު) އާއި މި ގަވާއިދުގައިވާ ގޮތުގެ މަތީން އެ ދެމީހުންނަށް ލިބިފައިވާ ކުދިންގެ ޚަރަދާއި އަންހެންމީހާގެ ޚަރަދުގެ ކަންތައް، ވަރިކުރި ފިރިހެންމީހާ ހަމަޖައްސަންވާނެއެވެ.
(ނ) ވަރިކުރިއިރު އަނބިމީހާ ބަލިވެއިން ކަމުގައި ވާނަމަ، ޤާނޫނު ނަންބަރު 2000/4 (ޢާއިލާއާބެހޭ ޤާނޫނު) އާއި، މި ގަވާއިދުގައި އެފަދަ އަންހެނަކަށް ދިނުމަށް ހަމަޖެހިފައިވާ ހުރިހާ ޚަރަދެއް، ވަރިކުރި ފިރިހެންމީހާ ދޭންވާނެއެވެ.
(ރ) ބިދޭސީ ފިރިހެނަކު ދިވެހި އަންހެނަކާ ކައިވެނި ކުރުމަށްފަހު އަންހެންމީ ރާއްޖެއިން ބޭރުގައި ފިރިހެން މީހާގެ ބެލުމުގެ ދަށުގައި އުޅެނިކޮށް ވަރިކުރިކަމަށްވާނަމަ، މި މާއްދާގެ (ށ) އާއި (ނ) ގައި ބަޔާންކޮށްފައިވާ ޚަރަދުތަކުގެ އިތުރަށް އޭނާ ދިރިއުޅޭ ރަށަށް އާދެވޭނެގޮތް ހަމަޖައްސައިދީ، އެކަމަށް ހިނގާނެ ހުރިހާ ޚަރަދެއް ފިރިހެންމީހާ ދޭންވާނެއެވެ.
ހަވަނަ ބާބު
ކައިވެނި ރަޖިސްޓަރީކޮށްދިނުމާއި ކައިވެނީގެ ދަފުތަރު
30ވަނަ މާއްދާ: ރާއްޖެއިން ބޭރުގައި ކުރާ ކައިވެނި ރަޖިސްޓަރީ ކޮށްދިނުން
(ހ) ދިވެއްސަކު ދިވެހިރާއްޖެއިން ބޭރުގައި ދިވެހިރާއްޖޭގެ ރަސްމީ އޮފީހެއް ހުންނަ ޤައުމެއްގައި ކައިވެނިކޮށް، އެ އޮފީހަކަށް ކައިވެނި ރަޖިސްޓަރީ ކުރަން ހުށަހަޅައިފިނިމަ، އެ ކައިވެނި ރަޖިސްޓަރީ ކޮށްދެވޭނީ، ޤާނޫނު ނަންބަރު 2000/4 (ޢާއިލާއާބެހޭ ޤާނޫނު) އާއި މި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.
(ށ) ދިވެއްސަކު ކައިވެނިކުރީ ރާއްޖެއިން ބޭރުގައި ކަމަށް ވެފައި، އެ ކައިވެނިކުރި ޤައުމަކީ ދިވެހިރާއްޖޭގެ ރަސްމީ އޮފީހެއް ހުރި ޤައުމެއް ކަމުގައި ވާނަމަ، އެ ކައިވެނި ރަޖިސްޓަރީ ކުރުމަށް އޮފީހަކަށް ހުށަހަޅައިފިނަމަ، އެ އޮފީހަކުން، ކައިވެނީގެ ސެޓުފިކެޓާއި ލިޔުންތަކުގެ އަސްލު، ފެމިލީ ކޯޓަށް ފޮނުވަންވާނެއެވެ. އެ އޮފީހުގައި އެ ކައިވެންޏެއް ރަޖިސްޓަރީ ކޮށްދޭނީ، އެ ކައިވެންޏަކީ ޤާނޫނު ނަންބަރު 2000/4 (ޢާއިލާއާބެހޭ ޤާނޫނު) އާއި މި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތީން ކޮށްފައިވާ ކައިވެންޏެއްތޯ ފެމިލީ ކޯޓުން ބެލުމަށްފަހު، އެކަން އެ އޮފީހަކަށް އެންގުމުން، މި ގަވާއިދުގެ 8 ވަނަ މާއްދާގެ (ށ) ގައި ކަނޑައަޅައިފައިވާ ފީ ދެއްކުމަށްފަހުގައެވެ.
31ވަނަ މާއްދާ: ރާއްޖެއިން ބޭރުގައި ކުރާ ކައިވެނި ރަޖިސްޓަރީ ކުރުމަށް ހުށަހެޅުން
ރާއްޖެއިން ބޭރުގައި ކުރާ ކައިވެނި ކޯޓުގައި ރަޖިސްޓަރީކޮށްދިނުމަށް އެދި ހުށަހަޅަންވާނީ، އެކަމަށް އެދޭ ފޯމުންނެވެ. ނަމަވެސް ރާއްޖެއިން ބޭރުގައިވާ ދިވެހިރާއްޖޭގެ ރަސްމީ އޮފީހެއް މެދުވެރިކޮށް ރަޖިސްޓަރީކުރަން ފޮނުވާ ކައިވެނިތައް، މި މާއްދާއިން އިސްތިސްނާ ކުރެވޭނެއެވެ.
32ވަނަ މާއްދާ: ރާއްޖެއިން ބޭރުގައި ކުރާ ކައިވެނި ރަޖިސްޓަރީ ކޮށްދިނުމުގެ ޝަރުޠުތައް
ރާއްޖެއިން ބޭރުގައި ކުރާ ކައިވެނި ރަޖިސްޓަރީ ކޮށްދެވޭނީ، ތިރީގައިމިވާ ކަންތައްތައް ފުރިހަމަ ވުމަށްފަހުގައެވެ.
(ހ) ކައިވެނިކުރާ ދެމީހުންނަކީ އިސްލާމްދީނުގެ ހަމަތަކުގެ މަތީން ފިރިހެންމީހާއާއި އަންހެންމީހާގެ ކިބައިގައި ހުރުން ލާޒިމުވާ ސިފަތައް ހުރި ދެމީހުން ކަމުގައި ވުން.
(ށ) ކައިވެނީގެ ރަން ކަނޑައެޅިފައިވުން.
(ނ) ވަލީވެރިޔާގެ ރުހުން ލިބިފައިވުން.
(ރ) ހެކިންނަކީ ބުއްދި ފުރިހަމަވެ، ބާލިޣުވެފައިވާ މުސްލިމު ދެ ފިރިހެނުން ކަމުގައި ވުން.
(ބ) ކައިވެނި ކޮށްދިން މައުޛޫނުގެ ނަން އެނގެން އޮތުން.
(ޅ) ކައިވެނި ކޮށްދީފައިވަނީ އެ ޤައުމެއްގެ ސަރުކާރުން މުސްލިމުން ކައިވެނި ކޮށްދިނުމުގެ ހުއްދަ ދީފައިވާ ފަރާތަކުންކަން އެނގެން އޮތުން.
(ކ) ސެޓުފިކެޓު ދޫކުރި ފަރާތުގެ ނަމާއި ސޮއި އޮތުން.
33ވަނަ މާއްދާ: ރާއްޖެއިން ބޭރުގައި ކުރާ ކައިވެނީގައި ވަލީވެރިޔާގެ ރުހުން
ދިވެހި އަންހެނަކު ރާއްޖެއިން ބޭރުގައި ކުރާ ކައިވެނީގައި ވަލީވެރިޔާގެ ރުހުން ލިބިފައިވާކަން އެނގެން ނެތްނަމަ، އެ ކައިވެނި ކޯޓުގައި ރަޖިސްޓަރީ ކޮށްދެވޭނީ، ވަލީވެރިޔާގެ ރުހުން ލިބުމަށްފަހުގައެވެ.
34ވަނަ މާއްދާ: ކައިވެނީގެ ދަފުތަރު
(ހ) ކައިވެނީގެ ދަފުތަރަކީ، ކައިވެނީގެ މަޢުލޫމާތުތައް ލިޔެ ބެލެހެއްޓުމަށް ޓަކައި ތައްޔާރުކުރާ ފޮތެކެވެ. އެ ފޮތަށް ނުވަތަ އެ ފޮތުގައިވާ ލިޔުމަކަށް އެއްވެސް އުނިއިތުރެއް ގެންނަންވާނީ، ރަޖިސްޓްރާރ އަންގާ ގޮތެއްގެ މަތީންނެވެ.
(ށ) ކޮންމެ ދުވަހަކު ވެސް އެ ދުވަހެއްގައި ކޮށްދެވޭ ކަވެނީގެ މަޢުލޫމާތު، ކައިވެނީގެ ދަފުތަރުގައި ލިޔުމަށްފަހު، ރަޖިސްޓްރާރ ސޮއިކުރަންވާނެއެވެ. އަދި ދަފުތަރުގައި ކުށެއް ލިޔެވިއްޖެނަމަ، އެ ކުށް އިޞްލާޙުކޮށް ރަނަގަޅު ކުރަންވާނީ، ޤާނޫނު ނަންބަރު 2000/4 (ޢާއިލާއާބެހޭ ޤާނޫނު) ގެ 21 ވަނަ މާއްދާގައިވާ ގޮތުގެ މަތީންނެވެ.
ހަތްވަނަ ބާބު
ކައިވެންޏާ ގުޅޭ އެހެނިހެން ކަންކަން
35ވަނަ މާއްދާ: ކައިވެނީގެ ސެޓުފިކެޓު ގެއްލުމުން އަލުން ހަދައިދިނުން
(ހ) ކައިވެނި ސެޓުފިކެޓު ގެއްލިއްޖެނަމަ، އަލުން ސެޓުފިކެޓު ހެއްދޭނީ، ފުރަތަމަ ސެޓުފިކެޓު ހަދައިދިން ތަނުންނެވެ. ނުވަތަ އެ ތަނުން މަޢުލޫމާތު ހޯދުމަށްފަހު، އެކަން އޮތްގޮތް ބަލައި އެ ފަރާތަށް އެންގުމާއެކުގައެވެ. އަދި ކުރިން ސެޓުފިކެޓު ހަދައިދިން ފަރާތް، ފަހުން ހަދާ ސެޓުފިކެޓުގައި އެނގެން އޮންނަންވާނެއެވެ.
(ށ) ގެއްލުނު ސެޓުފިކެޓުގެ ނަކަލު އެ ސެޓުފިކެޓު ހަދައިދިން ތަނުން ނުވަތަ ރަޖިސްޓަރީ ކޮށްފައިވާ ތަނުން ފެންނަން ނެތް ނަމަ، ނުވަތަ އެ ކައިވެންޏަކީ ސެޓުފިކެޓު ދޭން ފެށުމުގެ ކުރީގެ ކައިވެންޏެއް ކަމުގައި ވާނަމަ، އެކަން ސާބިތުކުރުމަށްފަހު، އަލުން ސެޓުފިކެޓު ހަދައިދެވިދާނެއެވެ.
އަށްވަނަ ބާބު
ވަރި
36ވަނަ މާއްދާ: ވަރިކުރުމަށް ނުވަތަ ވަރިވުމަށް އެދި ހުށަހެޅުން
(ހ) ޤާނޫނު ނަންބަރު 2000/4 (ޢާއިލާއާބެހޭ ޤާނޫނު) ގެ 23 ވަނަ މާއްދާއާއި 24 ވަނަ މާއްދާގައިވާ ގޮތުގެ މަތީން، ވަރިކުރުމަށް ނުވަތަ ވަރިވުމަށް އެދި ކޯޓަށް ހުށަހެޅޭނީ، އެކަމަށް އެދޭ ފޯމުގައިވާ މަޢުލޫމާތު ފުރިހަމަ ކުރުމަށް ފަހުގައެވެ. އަދި އެ ފޯމާއެކު -/25 (ފަންސަވީސް) ރުފިޔާގެ ފީއެއް ދައްކަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފޯމުގެ ކޮޕީއެއް ހޯދަން، މައްސަލަ ރައްދުވާ ފަރާތުން އެދިއްޖެނަމަ، އެ ފަރާތަކަށް ދޭންވާނެއެވެ.
37ވަނަ މާއްދާ: ވަރިޔާއާމެދު މައްސަލައެއް ޖެހިއްޖެނަމަ ކޯޓަށް ހުށަހެޅުން
ވަރިޔާމެދު އޮޅުމެއް އަރައިފިނަމަ، ނުވަތަ ވަރިޔާމެދު ޝައްކެއްވެއްޖެނަމަ، ވަކި މައްސަލައެއްގެ ގޮތުގައި އެކަން ކޯޓަށް ހުށަހަޅަންވާނެއެވެ.
38ވަނަ މާއްދާ: ވަރިކޮށްފިނަމަ 3 ދުވަހުގެ ތެރޭގައި ކޯޓަށް އެންގުން
(ހ) ވަރިކޮށްފިނަމަ، ލަސްވެގެން 3 (ތިނެއް) ދުވަހުގެ ތެރޭގައި ކޯޓަށް އެކަން އަންގަންވާނެއެވެ. އަދި އަންހެންމީހާއަށް އޭނާ ވަރިކުރިކަން އެނގޭ ދުވަހުން ފެށިގެން ލަސްވެގެން 3 (ތިނެއް) ދުވަހުގެ ތެރޭގައި ކޯޓަށް އަންގަންވާނެއެވެ.
(ށ) ކޯޓަށް ވަރިކުރިކަން ނާންގާ ހުރެއްޖެނަމަ، -/100 (އެއްސަތޭކަ) ރުފިޔާއިން ޖޫރިމަނާ ކުރުމާއެކު، އެކަން ކޯޓަށް އެންގި ދުވަހަކާ ހަމަޔަށް ކޮންމެ ދުވަހަކަށް 1/- (އެކެއް) ރުފިޔާ ޖޫރިމަނާއެއް ނެގޭނެއެވެ.
39ވަނަ މާއްދާ: ވަރީގެ ސެޓުފިކެޓަށް އެދުން
ވަރި ސާބިތުކުރެވޭތާ 7 (ހަތެއް) ދުވަހުގެ ތެރޭގައި ވަރީގެ ސެޓުފިކެޓު ހެދުމަށް ބޭނުންވާ ތަކެތި ކޯޓަށް ހުށަހަޅައި އަދި ވަރި ރަޖިސްޓަރީކުރި ދުވަހުން ފެށިގެން 10 (ދިހައެއް) ދުވަހުގެ ތެރޭގައި ވަރީގެ ސެޓުފިކެޓު ގެންދަންވާނެއެވެ. މި މުއްދަތުގެ ތެރޭގައި ސެޓުފިކެޓު ނުގެންގޮސްފިނަމަ އިތުރުވާ ކޮންމެ ދުވަހަކަށް ދެފަރާތުންކުރެ ކޮންމެ ފަރާތެއް -/1 (އެކެއް) ރުފިޔާގެ ޖޫރިމަނާއެއް ވަމުންދާނެއެވެ.
40ވަނަ މާއްދާ: ދެމަފިރިން ޞުލްޙަ ކުރުން
(ހ) ވަރިކުރުމަށް ނުވަތަ ވަރިވުމަށް އެދި ހުށަހަޅާ މައްސަލައެއްގައި، ދެފަރާތުން ޞުލްޙަވުމަށް ޝަރީޢަތުގެ މަޖިލީހުގައި އެއްބަސްވެއްޖެނަމަ، އެގޮތަށް މައްސަލަ ނިންމާނީއެވެ.
(ށ) ވަކިގޮތަކަށް އެއްބަސްނުވެއްޖެނަމަ، ޤާނޫނު ނަންބަރު 2000/4 (ޢާއިލާއާބެހޭ ޤާނޫނު) ގެ 23 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ފަދައިން ނުވަތަ އެ ޤާނޫނުގެ 24 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ފަދައިން ކަމާބެހޭ ކޯޓުގެ އާއިލީ މައްސަލަތައް ޙައްލުކުރުމާބެހޭ ބަޔަށް ގާޒީ އެ މައްސަލަ ފޮނުވަންވާނެއެވެ.
(ނ) ކޯޓުގައި މައްސަލަ ހިނގަމުންދަނިކޮށް ގާޒީގެ ހުއްދަ ލިބުމުގެ ކުރިން ވަރިކޮށްފިނަމަ، އެ ވަރި ބެލޭނީ، ޤާނޫނު ނަންބަރު 2000/4 (ޢާއިލާއާބެހޭ ޤާނޫނު) ގެ 23 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތާ ޚިލާފަށް ކުރި ވަރިއެއްކަމަށެވެ.
41ވަނަ މާއްދާ: ދެމަފިރިން ޞުލްޙަކުރުވުމުގެ އުސޫލު
މި ގަވާއިދުގައިވާ ގޮތުގެ މަތީން، ކަމާބެހޭ ކޯޓުގެ ޢާއިލީ މައްސަލަތައް ޙައްލުކުރުމާބެހޭ ބަޔަށް ހުށަހެޅޭ މައްސަލަތައް ޙައްލުކުރުމަށް މަސައްކަތްކުރާނީ ތިރީގައިމިވާ ގޮތުގެ މަތީންނެވެ.
(ހ) ދެމަފިރިން ޞުލްޙަކުރުމަށް ޓަކައި އާއިލީ މައްސަލަތައް ޙައްލުކުރުމާބެހޭ ބައިން ފުރަތަމަ މަސައްކަތްކޮށް، އެ ދެމަފިރިން ޞުލްޙަވެއްޖެނަމަ، ކޯޓުގެ ގާޒީއަށް އެކަން އަންގާނީއެވެ.
(ށ) ދެމަފިރިއަކު ޞުލްޙަކުރުމުގައި ކޯޓުގެ އާއިލީ މައްސަލަތައް ޙައްލުކުރުމާބެހޭ ބަޔަށް ފެނިއްޖެނަމަ، އެ ދެމަފިރިންގެ މަޢުލޫމާތު ލިބިފައިވާ ޢަދުލުވެރި 2 (ދޭއް) ޙަކަމުން ގާޒީގެ ލަފާގެ މަތިން އައްޔަނު ކުރާނީއެވެ. މިގޮތުން އައްޔަނު ކުރާނީ އަންހެންމީހާގެ ޢާއިލާގެ މީހަކާއި، ފިރިހެންމީހާގެ ޢާއިލާގެ މީހެކެވެ. އަދި އެ 2 (ދޭއް) ޙަކަމުންނަކީ އެ ދެމަފިރިން ވެސް ރުހޭ 2 (ދޭއް) މީހުން ކަމުގައި ވާންވާނެއެވެ.
(ނ) ދެމަފިރިން ޞުލްޙަކުރުމަށް ޓަކައި އައްޔަނުކޮށްފައިވާ 2 (ދޭއް) ޙަކަމުން ޞުލްޙަ ކުރުމުގެ ކަންތައް ގެންދާގޮތް ރަނގަޅުނޫންކަމަށް ކޯޓުގެ ޢާއިލީ މައްސަލަތައް ޙައްލުކުރުމާބެހޭ ބަޔަށް ފެނިއްޖެނަމަ، އެ 2 (ދޭއް) ޙަކަމުން ވަކިކޮށް އެހެން 2 (ދޭއް) ޙަކަމުން އައްޔަނު ކުރެވިދާނެއެވެ.
(ރ) ދެމަފިރިން ޞުލްޙަ ކުރުމަށް ޓަކައި، ކޯޓުގެ ޢާއިލީ މައްސަލަތައް ޙައްލުކުރުމާބެހޭ ބައިން މަސައްކަތްކޮށްގެން ދެމަފިރިން ޞުލްޙަވެއްޖެނަމަ، އެކަން ޝަރީޢަތަށް ހުށަހެޅުމުން، ފަނޑިޔާރު މައްސަލަ ނިންމާނީއެވެ. އަދި އެ ދެމަފިރިންނަށް އެކުގައި އުޅެވެން ނެތްކަމަށް ފެނިއްޖެނަމަ، އަދި އެ ދެމަފިރިން ވަކިވުން އެއީ އެ ދެމީހުންނަށް އެންމެ މަޞްލަޙަތު ހުރި ގޮތްކަމުގައި، ކޯޓުގެ ޢާއިލީ މައްސަލަތައް ޙައްލުކުރުމާބެހޭ ބަޔަށް ބުރަވެވިއްޖެނަމަ، ކޯޓުގެ ގާޒީއަށް އެކަން ހުށަހަޅާނީއެވެ.
(ބ) މި މާއްދާގެ (ރ) ގައިވާ ފަދައިން ގާޒީއަށް ހުށަހަޅާ މައްސަލަތަކުގެ ތެރެއިން ފިރިމީހާ، އަނބިމީހާ ވަރިކުރަން ހުށަހަޅާ މައްސަލަތަކުގައި ދެމަފިރިން ވަކިވުން ރަނގަޅުކަމަށް ގާޒީއަށް ފެންނަނަމަ، ރުޖޫޢު ވަރިއަކުން ވަރިކުރުމަށް ފިރިހެންމީހާއަށް އަމުރުކުރާނީއެވެ.
(ޅ) މި މާއްދާގެ (ރ) ގައިވާ ފަދައިން ގާޒީއަށް ހުށަހަޅާ މައްސަލަތަކުގެ ތެރެއިން، އަނބިމީހާ ވަރިވާން އެދި ހުށަހަޅައިފައިވާ މައްސަލައެއްނަމަ، އަނބިމީހާ ޚުލްޢު ވަރިއަކުން ވަރިކުރުމަށް ފިރިމީހާއަށް ގާޒީ އަމުރުކުރާނީއެވެ. މި ދެގޮތުންކުރެ ގޮތެއްގައި ފިރިމީހާ، އަނބިމީހާ ވަރިނުކޮށްފިނަމަ، ގާޒީ އެ ދެމަފިރިންގެ ކައިވެނި ތަފްރީޤް ކޮށްދޭން ވާނެއެވެ. މި ގޮތަށް ކުރާ ތަފްރީޤަކީ ބާއިނު ވަރިއެކެވެ.
42ވަނަ މާއްދާ: ދެމަފިރިން ޞުލްޙަކުރުމުގައި ޢަމަލުކުރާނެ އިޖުރާއަތު
މި ގަވާއިދުގައިވާ ގޮތުގެ މަތީން، ކަމާބެހޭ ކޯޓުގެ ޢާއިލީ މައްސަލަތައް ޙައްލުކުރުމާބެހޭ ބަޔަށް ހުށަހެޅޭ މައްސަލަތައް ޙައްލުކުރުމުގައި ޢަމަލުކުރާނެ އިޖުރާތުތައް، ކޯޓުގެ ކަމާބެހޭ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.
ނުވަވަނަ ބައި
ކައިވެނި ތަފްރީޤްކުރުން
43ވަނަ މާއްދާ: ތަޞައްރަފު ނުފުދޭ ހާލެއްގައި ތަފްރީޤްކުރުން
(ހ) ދެމަފިރިންކުރެ އެކަކު ބުއްދި އުނިކަން އައުމުގެ ސަބަބުން ތަޞައްރަފު ނުފުދޭ ހާލެއްގައިވާކަން ޝަރީޢަތަށް ސާބިތުވުމާއެކު، އެ ދެމީހުންކުރެ ބުއްދި ސަލާމަތުން ހުރި މީހާ ގަސްތުގައި ބުއްދި ހަމަނުވާ މީހާއަށް ޞިއްޙީގޮތުން ނުވަތަ މުދަލުގެ ގޮތުން ގެއްލުންދޭކަން ޝަރީޢަތަށް ސާބިތުވެއްޖެނަމަ، އެ ދެމަފިރިންގެ ކައިވެނި ތަފްރީޤު ކުރެވިދާނެއެވެ. އަދި މިގޮތުން ތަފްރީޤު ކުރެވުނު ކައިވެނީގެ ސެޓުފިކެޓުގައި އެކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ.
(ށ) ތަޞައްރަފު ނުފުދޭ އަންހެންމީހާ ނުވަތަ ފިރިހެންމީހާ ތަފްރީޤުކުރުމުގެ މައްސަލަ ކޯޓަށް ހުށަހެޅުމުގެ ޙައްޤު އޭނާގެ ބަލަދުވެރިޔާއަށާއި ބެލެނިވެރިޔާއަށާއި ދައުލަތަށް ލިބިގެންވެއެވެ.
ދިހަވަނަ ބާބު
ވަރި ރަޖިސްޓަރީކޮށްދިނުމާއި ވަރީގެ ދަފުތަރު
44ވަނަ މާއްދާ: ވަރި ރަޖިސްޓަރީ ކުރުމާއި، ވަރީގެ ދަފުތަރު ބެލެހެއްޓުން
(ހ) ވަރީގެ ދަފުތަރަކީ، ވަރިވެވުނު ދެމީހުންނާބެހޭ ވަރީގެ މަޢުލޫމާތުތައް ލިޔާ ފޮތެވެ.
(ށ) ކޯޓުގައި ރަޖިސްޓަރީ ކުރެވޭ ހުރިހާ ވަރިއެއްގެ ސެޓުފިކެޓު ހެދުމާއި، އެ ސެޓުފިކެޓު ދޫކުރުމާއި، ވަރީގެ މަޢުލޫމާތު ދަފުތަރުގައި ލިޔުމުގެ ކަންތައް ހަމަޖައްސައި ބަލަހައްޓާނީ، ކައިވެނީގެ ރަޖިސްޓްރާރއެވެ.
(ނ) ވަރީގެ ދަފުތަރުގައިވާ މަޢުލޫމާތަކީ ތެދުނޫން މަޢުލޫމާތެއްކަން ސާބިތުވެއްޖެނަމަ، ތެދުނޫން މަޢުލޫމާތު ލިޔެފައިވާ ތަނުގައި ރޮނގެއް ދަމައިގެން އެ ތަން ކަނޑައިލުމަށްފަހު، ތެދު މަޢުލޫމާތު ލިޔެ، ރަޖިސްޓްރާރ ސޮއިކޮށް، ކޯޓުގެ ތައްގަނޑު ޖަހަންވާނެއެވެ.
އެގާރަވަނަ ބާބު
ޚުލްޢުވަރި
45ވަނަ މާއްދާ: ޚުލްޢު ވަރިއަކުން ވަރިވުމަށް އެދި ހުށަހެޅުން
އަނބިމީހާ ނުވަތަ ފިރިމީހާ ކަނޑައަޅާ އެއްޗެއް ފިރިމީހާއަށް ދީގެން ޚުލްޢު ވަރިއަކުން ވަރިވުމަށް އެދޭނަމަ، އެކަން ދެމަފިރިންކުރެ މީހަކު ކޯޓަށް ހުށަހަޅާނީއެވެ.
46ވަނަ މާއްދާ: ޚުލްޢު ވަރިކުރުން
(ހ) މައްސަލަ ކޯޓަށް ހުށަހެޅުމުން ވަރިވުމަށް ޓަކައި އަނބިމީހާ ފިރިމީހާއަށް ދިނުމަށް ހުށަހަޅައިފައިވާ އެއްޗަކީ ޝަރުޢީގޮތުން އަގެއްހުރި އެއްޗެއް ކަމުގައި ވާނަމަ، ދެމަފިރިން އެއްބަސްވެފައިވާ ގޮތުގެ މަތީން ކޯޓުގައި އަނބިމީހާ ވަރިކުރާނީއެވެ.
(ށ) ޚުލްޢު ވަރިއަކުން ވަރިވުމަށް ދެފަރާތުން އެއްބަސްވެ ކޯޓަށް ހުށަހެޅުމަށްފަހު ވަރިނުކޮށްފިނަމަ، މައްސަލަ ހުށަހެޅި ފޯމު ބާޠިލުކޮށް މައްސަލަ ނިންމާނީއެވެ.
(ނ) ޚުލުޢު ވަރިއަކުން ވަރިކޮށްފިނަމަ، ރުޖޫޢައެއް ނުކުރެވޭނެއެވެ.
ބާރަވަނަ ބާބު
ކައިވެނި ފަސްޚުކުރުން
47ވަނަ މާއްދާ: ކައިވެނި ފަސްޚުކުރުން
(ހ) ފިރިމީހާ ގެއްލިގެން ނުވަތަ ވީތަނެއް ނޭނގިގެން ފިރިމީހާގެ އެއްވެސް ޚަބަރެއް ނުވަތަ 1 (އެކެއް) އަހަރަށްވުރެ ދިގު މުއްދަތެއް ފާއިތުވެގެން ދެމަފިރިންގެ ކައިވެނި ފަސްޚުކޮށްދިނުމަށް އެދި އަނބިމީހާ މައްސަލަ ހުށަހެޅުމާ ގުޅިގެން، އެކަން ޝަރީޢަތަށް ސާބިތުވެއްޖެނަމަ، ކޯޓުން އެ ދެމަފިރިންގެ ކައިވެނި ފަސްޚުކޮށްދޭން ވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީން ދެމަފިރިންގެ ކައިވެނި ފަސްޚު ކުރުމަށްފަހު އަންހެނާ އެހެން މީހަކާ އިންފަހުން ގެއްލިފައިވާ މީހާ ފެނިއްޖެނަމަ، އެ މީހާއާ ކައިވެނި ކުރުމަށް ޓަކައި ފަހުން އިންމީހާގެ ކައިރިން ވަރިވުމާއި ނުވަތަ އޭނާއާ އެކުގައި އުޅުމުގެ އިޚްތިޔާރު، އަންހެންމީހާއަށް ލިބިގެންވެއެވެ. އަންހެންމީހާ ކުރިން އިނދެގެން އުޅުނު މީހާއާ އަލުން ކައިވެނިކުރަން ބޭނުންވާނަމަ، ގެއްލުނުމީހާ ފެނިއްޖެކަން އަންހެންމީހާއަށް އެނގުނު ދުވަހުން ފެށިގެން 7 (ހަތެއް) ދުވަހުގެ ތެރޭގައި ކޯޓަށް ހުށަހަޅަންވާނެއެވެ. މި މުއްދަތުގެ ފަހުން ހުށަހަޅާ އެއްވެސް ހުށަހެޅުމެއް ގަބޫލެއް ނުކުރެވޭނެއެވެ. 7 (ހަތެއް) ދުވަސް ގުނާނީ، ރަސްމީ ބަންދު ދުވަސްތައް ނުހިމަނައެވެ.
48ވަނަ މާއްދާ: ކައިވެނި ފަސްޚުކުރުމަށް ހުށަހެޅުން
(ހ) ފަސްޚު ކުރުމަށް ހުށަހަޅަނީ ޚަރަދު ނުދީގެން ކަމަށް ވާނަމަ، އެ މައްސަލަ ކޯޓަށް ހުށަހެޅޭނީ، ޚަރަދު ހޯދުމަށް އެދި މަދުވެގެން ދެފަހަރު ކޯޓަށް މައްސަލަ ހުށަހަޅައި އެ މަސަލަތައް ނިމިފައި ވާނަމައެވެ.
(ށ) ޚަރަދު ނުދީގެން ވަރިވުމަށް އެދި ހުށަހަޅާއިރު، ކުރިން ނިމިފައިވާ ޚަރަދާބެހޭ މައްސަލަތަކުގެ ރިޕޯޓު ހުށަހަޅަންވާނެއެވެ.
(ނ) ދެމަފިރިން ދިރިއުޅެމުން އައިތަން ދޫކޮށް ދިރިއުޅޭ ވަކިތަނެއް ނޭނގޭ ގޮތަށް ދެމަފިރިން ކުރެ މީހަކު އުޅެމުން ގެންދާތާ 3 (ތިނެއް) މަސްދުވަސް ވުމުން ވަރިވުމަށް ނުވަތަ ވަރިކުރުމަށް މައްސަލަ ހުށަހެޅުމުން އެކަން ޝަރީޢަތަށް ސާބިތުވެއްޖެނަމަ، ވަރިކުރަން ހުއްދަދީ ނުވަތަ ތަފްރީޤްކޮށް މައްސަލަ ނިންމިދާނެއެވެ.
49ވަނަ މާއްދާ: ނުކުޅެދުންތެރިކަން ހުރުމުގެ ސަބަބުން ފަސްޚުކުރުން
ފިރިމީހާގެ ޖިންސީ ނުކުޅެދުންތެރިކަން ހުރިކަމަށް ބުނެ ކައިވެނި ފަސްޚު ކުރުމަށް އެދިއްޖެނަމަ، އެ ދެމަފިރިންގެ ކައިވެނި ފަސްޚު ކޮށްދެވޭނެއެވެ. މިގޮތުން ޖިންސީ ނުކުޅެދުންތެރިކަން ޝަރީޢަތަށް ސާބިތުވާނީ، ތިރީގައި މިވާ ގޮތްތަކުގެ ތެރެއިން ގޮތަކުންނެވެ.
(ހ) ފިރިމީހާއަކީ ޖިންސީގޮތުން ނުކުޅެދޭ މީހެއްކަމަށް ފިރިމީހާ ޝަރީޢަތުގެ މަޖިލީހުގައި އިޢުތިރާފުވުން.
(ށ) ފިރިމީހާއަކީ ޖިންސީގޮތުން ނުކުޅެދޭ މީހެއްކަން ބަޔާންކޮށް، ސަރުކާރު ހަސްފަތާލެއްގައި ނުވަތަ ޞިއްޙީ މަރުކަޒެއްގައި މަސައްކަތްކުރާ ޑޮކްޓަރަކު ދޫކުރާ ސެޓުފިކެޓު. ޖިންސީގޮތުން ނުކުޅެދޭ މީހެއްކަން ބަޔާންކޮށްފައި ދޫކުރާ ސެޓުފިކެޓުގައި ޑޮކްޓަރުގެ ނަން ލިޔެ ސޮއިކޮށް އަދި އެ ތަނެއްގެ ތައްގަނޑު ޖަހައިފައި އޮންނަންވާނެއެވެ.
(ނ) މި މާއްދާގެ (ހ) އާއި (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ފިރިމީހާގެ ޖިންސީ ނުކުޅެދުންތެރިކަން ސާބިތުވި ކަމުގައި ވިޔަސް، ފަރުވާ ކުރުމަށް 6 (ހައެއް) މަސްދުވަހުގެ ފުރުޞަތެއް ފިރިމީހާއަށް ދެވޭނެއެވެ. އަދި އެ މުއްދަތުގައި ފަރުވާ ލިބިގަނެ ރަނގަޅުވެފައިވާކަން ޑޮކްޓަރުގެ ބަހުން ސާބިތުކޮށްދީފިނަމަ، ކައިވެނި ފަސްޚެއް ނުކުރެވޭނެއެވެ.
(ރ) މި މާއްދާގައިވާ ގޮތުގެ މަތީން ފަރުވާ ލިބިގަތުމަށް 6 (ހައެއް) މަސްދުވަހުގެ މުއްދަތު ފިރިމީހާއަށް ދިނުމަށްފަހު، އެ މުއްދަތުގައި އެ ބަލި ރަނގަޅުނުވިނަމަ، އަދި ވަރިވުމަށް އަނބިމީހާ އެދުނުގޮތުގެ މަތީން ދެމިހުރިނަމަ، ޤާނޫނު ނަންބަރު 2000/4 (ޢާއިލާއާބެހޭ ޤާނޫނު) ގެ 28 ވަނަ މާއްދާގައިވާ ގޮތުގެ މަތީން ކައިވެނި ފަސްޙު ކޮށްދެވޭނެއެވެ.
ތޭރަވަނަ ބާބު
ޚަރަދު
50ވަނަ މާއްދާ: އަނބިމީހާއަށާއި، ދަރިންނަށާއި، ޢިއްދައިގައި އިންނަ އަންހެނާއަށް ޚަރަދު ހޯދައިދިނުން
(ހ) އަނބިމީހާ އޭނާގެ ޚަރަދު ހޯދުމަށް އެދި ހުށަހަޅާ މައްސަލަތަކުގައި ޚަރަދު ހޯދައިދެވޭނީ، މި ގަވާއިދުގައިވާ ގޮތުގެ މަތީންނެވެ.
(ށ) އަނބިމީހާގެ ޚަރަދަށް ހޯދައިދެވޭނީ، މަދުވެގެން މަހަކު 2,000/- (ދެހާސް) ރުފިޔާއެވެ. އެހެންނަމަވެސް، ފިރިމީހާގެ ތަނަވަސްކަމަށާއި، ލިބޭ އާމްދަނީއަށް ރިޢާޔަތް ކުރުމަށްފަހު، އިތުރުކުރަން ކޯޓަށް ފެންނަ އަދަދެއް ކަނޑައެޅިދާނެއެވެ.
51ވަނަ މާއްދާ: ޚަރަދުގެ މިންވަރު
(ހ) ވަރިކޮށްފައި އިންނަ އަންހެނާގެ ޢިއްދަ ހަމަވަންދެން މަހަކު 2,000/- (ދެހާސް) ރުފިޔާއަށްވުރެ މަދުނޫން އަދަދެއް ދޭންވާނެއެވެ.
(ށ) މި މާއްދާގެ (ހ) އެހެން އޮތުމަކުން، އެ މާއްދާގައި ބަޔާންކޮށްފައިވާ އަދަދަށްވުރެ އިތުރަށް ޚަރަދު ދިނުމަކަށް މި ގަވާއިދު ހުރަހެއްނާޅައެވެ.
52ވަނަ މާއްދާ: ޚަރަދު ސާބިތުކޮށް ނުދެވުން
(ހ) ދަރިންގެ ޚަރަދު ހޯދުމަށް ކުރި އެއްވެސް މަސައްކަތެއް ޝަރީޢަތަށް ސާބިތުކޮށް ނުދެވިއްޖެނަމަ، އެ ދުވަސްތަކަށް ޚަރަދެއް ނުލެއްވޭނެއެވެ. އަދި ދަޢުވާކުރި ދުވަހުން ފެށިގެން ގަވާއިދުން ދޭންޖެހޭ ޚަރަދު ހޯދައިދެވޭނެއެވެ.
(ށ) ޚަރަދު ހޯދުމަށް މަސައްކަތްކޮށްފައިވާ ކަމަށް ބެލެވޭނީ، ޚަރަދު ހޯދުމަށް ދަޢުވާ ކޮށްފައިވާ ނަމައެވެ.
53ވަނަ މާއްދާ: ޚަރަދަށް އެދި ހުށަހެޅުން
ދަރިންގެ ޚަރަދު ހޯދައިދެވޭނީ، ތިރީގައިވާ ގޮތުގެ މަތީންނެވެ.
(ހ) ކުއްޖާގެ އުމުރުން 18 (އަށާރަ) އަހަރު ފުރެންދެން ކުއްޖާގެ ޚަރަދަށާއި ކުއްޖާ ބެލުމުގެ ޚަރަދަށް، އެއްކުއްޖަކު ހުރިނަމަ، މަހަކު 2,000/- (ދެހާސް) ރުފިޔާ، އަދި އެއްކުއްޖަކަށްވުރެ ގިނަ ކުދިން ތިބިނަމަ، އިތުރުވާ ކޮންމެ ކުއްޖަކަށް މަހަކު 1,000/- (އެއްހާސް) ރުފިޔާއަށްވުރެ މަދުނޫން އަދަދެއް ދޭންވާނެއެވެ.
(ށ) މި މާއްދާގެ (ހ) އެހެން އޮތުމަކުން، އެ މާއްދާގައި ބަޔާންކޮށްފައިވާ އަދަދަށްވުރެ އިތުރަށް ޚަރަދު ދިނުމަކަށް މި ގަވާއިދު ހުރަހެއްނާޅައެވެ.
(ނ) ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ޚަރަދު ހޯދުމަށް ކޯޓަށް ހުށަހަޅާ މައްސަލަތަކުގައި، ޚަރަދު ނަގައިދޭއިރު އެ ނުކުޅެދުންތެރިކަން ދެމިގެންވާ މުއްދަތަކަށް ކުއްޖާގެ ހާލަތަށާއި ކުއްޖާގެ ޚާއްޞަ ބޭނުންތަކަށް ރިޢާޔަތްކޮށް، އެ ވަގުތަކަށް ނަގައިދެވެން އޮތް ޚަރަދެއް ނަގައިދެވޭނެއެވެ.
54ވަނަ މާއްދާ: ޚަރަދު ނަގައިދޭނެ ގޮތް
ދަރިންގެ ޚަރަދަށް މި ގަވާއިދުގެ ދަށުން ދޭންޖެހޭ ޚަރަދުގެ އިތުރުން، ތިރީގައިވާ ތަކެތި ނުވަތަ އެ ތަކެތީގެ ޚަރަދު އެކަށީގެންވާ ގޮތެއްގެ މަތީން ހޯދައިދެވޭނެއެވެ.
(ހ) އަންނައުނުގެ ޚަރަދު / އަހަރަކު 3 (ތިނެއް) ހެދުން.
(ށ) ކިޔަވައިދިނުމުގެ ޚަރަދު / އަހަރަކު 2 (ދޭއް) ޔުނީފޯމު، 1 (އެކެއް) ބޫޓު، ފޮތްލިސްޓު (އަހަރަކު އެއްފަހަރު) އަދި މީގެ އިތުރުންވެސް ކިޔެވުމަށް ބޭނުންވާ އެހެނިހެން ތަކެތި.
(ނ) ބޭސްފަރުވާގެ ޚަރަދު / ބޭސްފަރުވާއަށް ހޯދައިދެވޭނީ، ސަރުކާރުގެ ބޭސްފަރުވާ ކޮށްދޭ މަރުކަޒުތަކުގެ ޚިދުމަތްދޭ ރޭޓުންނެވެ.
(ރ) ކުއްޖާގެ ހާލަތަށާއި ބަލަދުވެރިޔާގެ ތަނަވަސްކަމުގެ މައްޗަށް ރިޢާޔަތްކޮށް، މަތީގައިވާ ޚަރަދުތަކުގެ އިތުރުން ވެސް ޚަރަދު ނަގައިދެވިދާނެއެވެ.
55ވަނަ މާއްދާ: ސާބިތު ޚަރަދާމެދު ޢަމަލުކުރާނޭ ގޮތް
ޙުކުމާ އެއްގޮތަށް ސާބިތު ޚަރަދުގެ ފައިސާ ނުދައްކައިގެން ހުށަހަޅައިފިނަމަ ޢަމަލުކުރަނީ، ތިރީގައި މިވާ ގޮތަށެވެ.
(ހ) ސާބިތުވެފައިވާ ގޮތުގެ މަތީން ޚަރަދު ނުދައްކައިގެން މައްސަލަ ހުށަހެޅޭ ފުރަތަމަ ފަހަރު ޚަރަދު ދޭންޖެހޭ މީހާއަކީ ސަރުކާރުގެ އޮފީހެއްގައި ވަޒީފާ އަދާކުރާ މީހެއްނަމަ، ނުވަތަ އަމިއްލަ ފަރާތެއްގައި ދާއިމީ މަސައްކަތެއްގައި އުޅޭ މީހެއްނަމަ، އެ މީހުންގެ މުސާރައިން ޚަރަދު ކަނޑަމުން ގެންދިޔުމަށް ޙުކުމްކޮށް، ޙުކުމުގައިވާ އަދަދަށް އެ މީހެއްގެ މުސާރައިން ފައިސާ ކެނޑުމަށްފަހު، ކޯޓަށް އެ ފައިސާ ޖަމާކުރުމަށް އެ މީހާ ވަޒީފާ އަދާކުރާ އޮފީހަށް ނުވަތަ މަސައްކަތްކުރާ ތަނަށް އަންގަން ވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންވެގެންވާ ގޮތުގެ މަތީން ޢަމަލު ކުރުމުން ކޯޓަށް ފައިސާ ނުލިބޭނަމަ، ނުވަތަ ސާބިތު ޚަރަދުގެ ފައިސާ ނުދައްކައިގެން ހުށަހެޅޭ ދެވަނަ ފަހަރު ޙުކުމާ އެއްގޮތަށް ޢަމަލު ކުރުމަށް އެންގުމާއެކު، ސާބިތު ޚަރަދަށް ފައިސާ ނުދެއްކި ފަރާތުގެ ހާލަތަށް ރިޢާޔަތްކޮށް، ގިނަވެގެން 1 (އެކެއް) މަސްދުވަހުގެ މުއްދަތަށް ޖަލަށް ލުމަށް ޙުކުމް ކުރުމުގެ ބާރު ކޯޓަށް ލިބިގެންވެއެވެ.
(ނ) ޚަރަދުކުރަންޖޭ މީހާއަކީ ވަޒީފާއެއްގައި އުޅޭ މީހަކަށް ނުވާނަމަ، ސާބިތު ޚަރަދުގެ ފައިސާ ނުދައްކައިގެން ހުށަހެޅޭ ފުރަތަމަ ފަހަރު ޙުކުމާ އެއްގޮތަށް ރިޢާޔަތްކޮށް ފައިސާ ނުދެއްކި ފަރާތް 1 (އެކެއް) މަސްދުވަހަށްވުރެ ދިގުނޫން މުއްދަތަކަށް ގޭގައި ބަންދުކުރުމަށް ޙުކުމް ކުރުމުގެ ބާރު ކޯޓަށް ލިބިގެންވެއެވެ.
(ރ) މި މާއްދާގެ (ށ) އާއި (ނ) ގައި ބަޔާންވެގެންވާ ގޮތުގެ މަތީން ޢަމަލުކުރުމުން ވެސް، ޙުކުމާ އެއްގޮތަށް ފައިސާ ނުދައްކައިގެން މައްސަލަ ހުށަހެޅިއްޖެނަމަ، ޙުކުމާ އެއްގޮށް ޢަމަލުކުރުމަށް އެންގުމާއެކު 2 (ދޭއް) މަސްދުވަހަށް ވުރެ ދިގު ނޫން މުއްދަތަކަށް ގޭގައި ބަންދުކުރުމަށް، ނުވަތަ އަރުވައިލުމަށް ނުވަތަ ޖަލަށްލުމަށް ޙުކުމް ކުރުމުގެ ބާރު ކޯޓަށް ލިބިގެންވެއެވެ.
(ބ) މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ފައިސާ ނުދައްކައިގެން ބަންދުކުރާ ނުވަތަ އަރުވައިލާ ނުވަތަ ޖަލަށްލާ ހާލަތްތަކުގައި އެ މައްސަލައެއްގައި ޙުކުމް ތަންފީޛުކޮށްދިނުމަށް އަލުން ހުށަހެޅޭނީ، ފުރަތަމަ ފަހަރު 1 (އެކެއް) މަސްދުވަހުގެ ފަހުން، ދެވަނަ ފަހަރު 2 (ދޭއް) މަސްދުވަހުގެ ފަހުންނެވެ.
(ޅ) މި މާއްދާގައި ބަޔާންވެދިޔަގޮތަށް ޢަމަލު ކުރުމުންވެސް ފައިސާ ނުދައްކާނަމަ، އެ މީހެއްގެ މިލްކުގައިވާ ތަކެތީގެ ތެރެއިން ކޯޓަށް ފެނުނު މިންވަރެއް ވިއްކައިލައި ނުވަތަ އެ މީހެއްގެ މިލްކުގައިވާ މުދަލަކުން ލިބޭ އާމްދަނީން ޚަރަދަށް އެ ހިނދަކަށް ދައްކަންޖެހޭ މިންވަރެއް ހޯދައިދިނުމުގެ ބާރު ކޯޓަށް ލިބިގެންވެއެވެ.
(ކ) ސާބިތު ޚަރަދަށް ފައިސާ ނުދައްކައިގެން ހުށަހެޅޭ މައްސަލަތަކުގައި މި މާއްދާގެ (ހ) އާއި، (ށ) އާއި، (ނ) އާއި، (ރ) އާއި، (ޅ) ގައި ބަޔާންކޮށްފައިވާ ފިޔަވަޅުތަކުގެ އިތުރަށް ތިރީގައި ބަޔާންކޮށްފައިވާ ފިޔަވަޅެއް އެޅުމުގެ އިޚްތިޔާރު ކޯޓަށް ލިބިގެންވެއެވެ.
-1 ކޯޓުގެ ހުއްދަނެތި ފައިސާ ދައްކަންޖެހޭ ފަރާތް ރާއްޖެއިން ބޭރަށް ނުދެވޭގޮތަށް ޕާސްޕޯޓު ހިފެހެއްޓުމަށް ކޯޓު އަމުރުކުން؛
-2 ފައިސާ ދައްކަންޖެހޭ ފަރާތުގެ ބޭންކް އެކައުންޓް ބަލައި ޗެކްކޮށް، އެކައުންޓުތައް ފްރީޒް ކުރުން؛
-3 ފައިސާ ދައްކަންޖެހޭ ފަރާތުގެ އެއްވެސް މުދަލެއް ކުއްޔަށް ދޫކޮށްފައިވާނަމަ، އެ މުދަލެއް ކޯޓަށް ނެގުން، ނުވަތަ އެ މުދަލެއް ކުއްޔަށް ދީގެން ލިބޭ ކުލި ކޯޓަށް ނެގުން.
-4 ފައިސާ ދައްކަންޖެހޭ ފަރާތުގެ މުދަލެއް އެހެން ފަރާތަކަށް ކުށްޔަށްދީފައިވަނީ، ނުވަތަ ހިބަކޮށްދީފައިވަނީ، ނުވަތަ ވިއްކައިފައިވަނީ، ނުވަތަ ވަޞިއްޔަތްކޮށްފައިވަނީ ނުވަތަ ރަހުނުކޮށްފައިވަނީ ސާބިތު ޚަރަދުގެ މައްސަލަ ކޯޓުން ބަލަމުންދަނިކޮށް ނުވަތަ ބަލައި ނިމުނު ފަހުންކަމަށްވާނަމަ، އެ މުޢާމަލާތެއް ބާޠިލުކުރުން؛
-5 ސާބިތު ޚަރަދަށް ފައިސާ ނުދައްކާ ފަރާތުގެ މަޢުލޫމާތު އާންމުކޮށް ޝާއިޢުކުރުން.
56ވަނަ މާއްދާ: ވަގުތީގޮތުން ޚަރަދު ހޯދައިދިނުން
ކުދިންނަށް ޚަރަދު ނުދީގެން ހުށަހެޅޭ މައްސަލަތަކުގައި ކޯޓުން އެ މައްސަލަތަކުގެ ޝަރީޢަތް ހިންގަމުންދާ ދުވަސްތަކުގައި، ތިރީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ޚަރަދު ހޯދައިދިނުމުގެ އިޚްތިޔާރު، ކޯޓަށް ލިބިގެންވެއެވެ.
(ހ) ކުދިންނަށް ޚަރަދު ނުދީގެން ކޯޓަށް މައްސަލަ ހުށަހެޅުމުން، ކޯޓުން ކަނޑައަޅާ މިންވަރަކަށް ފައިސާ، ކޯޓަށް ޖަމާކުރަން ކުއްޖާގެ ބައްޕައަށް އަންގަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީން ޖަމާކުރާ ފައިސާ، ކުއްޖާ ބެލުމަށާއި، ކުއްޖާގެ ތަޢުލީމަށާއި، ޞިއްޙީ ކަންތައްތަކަށް ހޭދަކުރުމަށް ޓަކައި، ކޯޓުން ކަނޑައަޅާ މިންވަރަކަށް ކުއްޖާގެ ޚަރަދު ހޯދުމަށް ދަޢުވާކުރި ފަރާތަށް ދޫކުރަންވާނެއެވެ. މިގޮތުގެ މަތީން ފައިސާ ދޫކުރާއިރު، އާންމުކޮށް ކުދިންގެ ޚަރަދު ހޯދައިދިނުމުގައި ކޯޓުން ގެންގުޅޭ މިންގަނޑަށް ގާޒީ ރިޢާޔަތް ކުރަންވާނެއެވެ.
57ވަނަ މާއްދާ: ސާބިތު ޚަރަދު ހޯދައިދިނުމުގައި ޢަމަލު ކުރާނެ ގޮތް
އަނބިމީހާއަށާއި ޢިއްދައިގައި އިންނަ އަންހެނާއަށާއި ކުދިންނަށް ދޭންޖެހޭ ޚަރަދު ކަނޑައެޅިފައިވާ އަދަދަށް ކަނޑައެޅިފައިވާ މުއްދަތުގައި ނުދައްކައިގެން ޝަރީޢަތަށް ހުށަހެޅުމުން އެކަން ބަލާއިރު، ޙުކުމާ އެއްގޮތަށް ޢަމަލުކޮށްފައި ނުވާނަމަ ޢަމަލުކުރާނީ، ތިރީގައި ބަޔާންކޮށްފައިވާ ގޮތަށެވެ.
(ހ) ޚަރަދު ދޭންޖެހޭ މީހާއަކީ ސަރުކާރުގެ އޮފީހެއްގައި އުޅޭ މީހެއްނަމަ، ނުވަތަ އަމިއްލަ ފަރާތެއްގައި ދާއިމީ މަސައްކަތެއްގައި އުޅޭ މީހެއްނަމަ، އެ މީހަކަށް މުސާރައަށާއި، އެހެނިހެން ގޮތްގޮތުން ލިބޭ ފައިސާއިން ޚަރަދު ފައިސާ ކެނޑުމަށް ޙުކުމްކޮށް މައްސަލަ ނިންމަންވާނެއެވެ. އަދި މިގޮތަށް ޙުކުމްކުރިކަމާއި ޙުކުމުގައިވާ އަދަދަށް އެ އޮފީހުން އެ މީހަކަށް ލިބޭ އާމްދަނީން ޚަރަދު ފައިސާ ކެނޑުމަށްފަހު، ކޯޓަށް އެ ފައިސާ ޖަމާކުރުމަށް އެ މީހާ ވަޒީފާ އަދާކުރާ އޮފީހަށް ނުވަތަ މަސައްކަތްކުރާ ތަނަށް އަންގަންވާނެއެވެ.
(ށ) ޚަރަދު ދޭންޖެހޭ މީހާއަކީ ދާއިމީ ވަޒީފާއެއްގައި އުޅޭމީހަކަށް ނުވެފައި، ކޯޓުން ކަނޑައަޅައިފައިވާ ގޮތުގެ މަތީން ޚަރަދު ނުދީގެން މައްސަލަ ހުށަހެޅުމުން، ކޯޓުން އެ މައްސަލަ ބަލާއިރު ކަނޑައެޅިފައިވާ ގޮތުގެ މަތީން ޚަރަދު ނުދޭކަން ސާބިތުވާނަމަ، ކަނޑައެޅިފައިވާ ގޮތެއްގެ މަތީން ޚަރަދު ދިނުމަށް އެންގުމާއެކު މި ގަވާއިދުގެ 55 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ޚަރަދު ހޯދާނީއެވެ.
58ވަނަ މާއްދާ: އިތުރު ކަމިޝަންތަކާއި ގުޅޭ
ޚަރަދު ފައިސާ ދައްކަންޖެހޭ ކޯޓާ ހަމަޔަށް ފައިސާ ފޮނުވުމުގައި އެއްވެސް ކަމިޝަނެއް ދައްކަން ޖެހޭނަމަ، އެ ކަމިޝަނެއް ދެއްކުމަކީ ޚަރަދު ދޭންޖެހޭ ފަރާތުގެ ކަމެކެވެ.
ސާދަވަނަ ބާބު
ޙަޟާނަތާއި ބަލަދުވެރިކަން
59ވަނަ މާއްދާ: ޙަޟާނަތު ހަވާލުކުރާނެ ފަރާތެއް ކަނޑައެޅުމުގައި އިސްކަންދޭންޖެހޭ ތަރުތީބު
ކުއްޖާގެ ޙަޟާނަތު ހަވާލުކުރާނެ ފަރާތެއް ކަނޑައެޅުމުގައި އިސްކަން ދޭންޖެހޭ ތަރުތީބު، ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ.
(ހ) ކުއްޖާގެ މަންމަ.
(ށ) ކުއްޖާގެ މަންމަގެ މަންމަ (ކިތަންމެ ދުރަށް ދިޔަ ނަމަވެސް)
(ނ) ކުއްޖާގެ ބައްޕަ.
(ރ) ކުއްޖާގެ ބައްޕަގެ މަންމަ (ކިތަންމެ ދުރަށް ދިޔަ ނަމަވެސް)
(ބ) ކުއްޖާއާ އެއްބަނޑުއެއްބަފާ އުޚުތު.
(ޅ) ކުއްޖާއާ އެއްބަފާ އުޚުތު.
(ކ) ކުއްޖާއާ އެއްބަނޑު އުޚުތު.
(އ) ކުއްޖާގެ މަންމައާއި އެއްބަނޑުއެއްބަފާ ބޮޑުދައިތަ.
(ވ) ކުއްޖާގެ މަންމައާ އެއްބަފާ ބޮޑުދައިތަ.
(މ) ކުއްޖާގެ މަންމައާ އެއްބަނޑު ބޮޑުދައިތަ.
(ފ) ކުއްޖާއާ އެއްބަނޑުއެއްބަފާ އުޚުތުގެ އަންހެން ދަރި.
(ދ) ކުއްޖާއާ އެއްބަފާ އުޚުތުގެ އަންހެންދަރި.
(ތ) ކުއްޖާއާ އެއްބަނޑު އުޚުތުގެ އަންހެންދަރި.
(ލ) ކުއްޖާގެ އެއްބަނޑުއެއްބަފާ އަޚުގެ އަންހެން ދަރިން.
(ގ) ކުއްޖާގެ އެއްބަފާ އަޚުގެ އަންހެންދަރިން.
(ޏ) ކުއްޖާގެ އެއްބަނޑު އަޚުގެ އަންހެން ދަރިން.
(ސ) ކުއްޖާގެ ބައްޕައާ އެއްބަނޑުއެއްބަފާ ބޮޑުދައިތައިން.
(ޑ) ކުއްޖާގެ ބައްޕައާ އެއްބަފާ ބޮޑުދައިތަ.
(ޒ) ކުއްޖާގެ ބައްޕައާ އެއްބަނޑު ބޮޑުދައިތަ.
60ވަނަ މާއްދާ: ޙަޟާނަތުގެ ތަރުތީބުގެ އިސްތިސްނާ
ކުއްޖާގެ ޙަޟާނަތު ތަރުތީބުން އެންމެ އިސްކަންދެވޭ މީހާއާ ކުއްޖާގެ ޙަޟާނަތު ހަވާލު ކޮށްފިނަމަ ކުއްޖާގެ މަޞްލަޙަތަށް އުނިކަމެއް އަންނާނޭކަމަށް ބެލެވޭ ހެކިތަކެއް ހުރިނަމަ، ކުއްޖާގެ މަޞްލަޙަތަށް ރިޢާޔަތްކޮށް، ޙަޟާނަތުގައި އިސްކަންދޭ ތަރުތީބުގެ މަތީން ކުއްޖާގެ ޙަޟާނަތު އެހެން ފަރާތަކާ ހަވާލު ކުރެވިދާނެއެވެ.
61ވަނަ މާއްދާ: ވަކި ޝަރުޠުތަކަކާއެކު ޙަޟާނަތު ހަވާލުކުރުން
ޙަޟާނަތުގެ މައްސަލައެއް ކޯޓަށް ހުށަހެޅިއްޖެނަމަ، މި ގަވާއިދުގައިވާ ގޮތުގެ މަތީން ޙަޟާނަތު ހަވާލުކުރެވިދާނެއެވެ. ތިރީގައިވާ ކަންތައްތައް ނުވަތަ އޭގެ ތެރެއިން ބައެއް ކަންތައް ކޯޓުން ޝަރުޠު ކުރެވިދާނެއެވެ.
(ހ) ކުއްޖާގެ ޙަޟާނަތު ހަވާލުވާ ފަރާތުން އެ ކުއްޖާ އުޅޭނެ ތަނާއި، ކުއްޖާގެ ތަޢުލީމާއި އެހެނިހެން ކަންތައްތައް ހަމަޖެއްސުން.
(ށ) ކުއްޖާގެ ޙަޟާނަތު ހަވާލުވާ ފަރާތުން އެ ކުއްޖާގެ ޙަޟާނަތު ގެއްލިފައިވާ މައިންބަފައިންކުރެ މީހަކަށް ނުވަތަ އެއިން މީހަކު ދުނިޔޭގައި ނެތްނަމަ، އެ މީހެއްގެ ގާތްތިމާގެ މީހުންނަށް ޒިޔާރަތްކުރުމުގެ ޙައްޤު، ކޯޓުން ކަނަޑައަޅާ ގޮތެއްގެ މަތީން އެ ކުއްޖާއަށް ލިބިދިނުން.
(ނ) ކުއްޖާގެ ޙަޟާނަތު ހަވާލުކުރެވޭ ފަރާތުން، އެ ކުއްޖާގެ ޙަޟާނަތު ގެއްލިފައިވާ މައިންބަފައިންކުރެ މީހަކު ނުވަތަ އެ ދެމީހުންކުރެ މީހަކު ދުނިޔޭގައި ނެތްނަމަ، އެ މީހެއްގެ ގާތްތިމާގެ މީހުން އެ ކުއްޖަކަށް ޒިޔާރަތްކުރުމުގެ ޙައްޤު، ކޯޓުން ކަނޑައަޅާ ގޮތެއްގެ މަތީން ކަނޑައަޅާ އަދަދަކަށް ލިބިދިނުން.
62ވަނަ މާއްދާ: ޙަޟާނަތު ހަވާލުކުރާ ފަރާތް ނޫން އަނެއްފަރާތާ ކުއްޖާ ބައްދަލުކުރުމުގެ ފުރުޞަތު
ކުއްޖާގެ ޙަޟާނަތު ވަކި ފަރާތަކާ ހަވާލުކުރެވުނު ނަމަވެސް، ކުއްޖާއާއި ކުއްޖާގެ ޙަޟާނަތު ހަވާލުވި ފަރާތް ފިޔަވައި އަނެއް ފަރާތާ ބައްދަލުކުރުމަށް ދެފަރާތުން އެއްބަސްވާގޮތަކަށް ނިންމިދާނެއެވެ. އެހެންނަމަވެސް، އެއްބަސްވުމަކަށް ނާދެވޭނަމަ، އެފަދަ ބައްދަލުވުންތައް ހަމަޖެހޭނެ ގޮތެއް، ކުއްޖާގެ މަޞްލަޙަތަށް ރިޢާޔަތްކޮށް ކޯޓުން ކަނޑައަޅައިދޭންވާނެއެވެ.
63ވަނަ މާއްދާ: ވަގުތީގޮތުން ޙަޟާނަތު ހަވާލުކުރުން
ކުއްޖާގެ ޙަޟާނަތު ހަވާލުކުރެވޭ ފަރާތް ފިޔަވައި އެހެން ފަރާތަކާ ވަގުތީގޮތުން ކުއްޖާގެ ޙަޟާނަތު ކޯޓަށް ހަވާލުކުރެވިދާނެއެވެ.
64ވަނަ މާއްދާ: މީލާދީ ގޮތުން 7 އަހަރު ފުރުމަށްފަހު ޢަމަލުކުރާނެ ގޮތް
ކުއްޖާގެ އުމުން 7 (ހަތެއް) އަހަރު ފުރުމުން، ނުވަތަ ކުއްޖާގެ ޙަޟާނަތުގެ މުއްދަތު ހަމަވުމުން، ކޯޓުން އެހެން ގޮތަކަށް އަމުރު ނުކުރާނަމަ، އެ ކުއްޖެއްގެ މައިންބަފައިންކުރެ އެ ކުއްޖަކު އިޚްތިޔާރުކުރާ މީހަކާއެކު، ދިރިއުޅުމުގެ ޙައްޤު އެ ކުއްޖަކަށް ލިބިގެންވެއެވެ.
65ވަނަ މާއްދާ: ޙަޟާނަތުގެ މުއްދަތު
ޤާނޫނު ނަންބަރު 2000/4 (ޢާއިލާއާބެހޭ ޤާނޫނު) ގެ ދަށުން، ޙަޟާނަތު ހަވާލުކުރެވޭ މީހާއަށް ކުއްޖާގެ ޙަޟާނަތު އޮންނާނީ، އެ ކުއްޖެއްގެ އުމުރުން ހިޖުރީގޮތުން 7 (ހަތެއް) އަހަރު ފުރެންދެންނެވެ. ނަމަވެސް ޙަޟާނަތު ހަވާލުކުރެވޭ މީހާ ކޯޓުގައި އެދިއްޖެނަމަ، އަންހެންކުއްޖާގެ އުމުރުން ހިޖުރީގޮތުން 11 (އެގާރަ) އަހަރު ފުރެންދެން، އަދި ފިރިހެންކުއްޖާގެ އުމުރުން ހިޖުރީގޮތުން 9 (ނުވައެއް) އަހަރު ފުރެންދެން ކުއްޖާގެ ޙަޟާނަތު އޭނާއާ ހަވާލުކުރުމުގެ އިޚްތިޔާރު ކޯޓަށް ލިބިގެންވެއެވެ.
66ވަނަ މާއްދާ: ޙަޟާނަތުގެ އަމުރާ ޚިލާފުވުން
ކުއްޖާގެ އުމުރުން 7 (ހަތެއް) އަހަރު ފުރުނުއިރު ކުއްޖާގެ ޙަޟާނަތު ވަކިގޮތަކަށް ނިމިފައިވަނިކޮށް ކުއްޖާގެ ޙަޟާނަތު ހަވާލުކުރެވިފައިވާ ފަރާތަށް ނޭނގި ނުވަތަ އެ ފަރާތުގެ ހުއްދައަކާ ނުލައި ކުއްޖާ އެއްވެސް ހާލެއްގައި ގެންގޮސްގެން ނުވާނެއެވެ. އަދި ކުއްޖާ ދިރިއުޅޭ ރަށްނޫން އެހެން ރަށަކަށް ކުއްޖާ ގެންދެވިގެން ނުވާނެއެވެ. ކުއްޖާ ގެންދަން ބޭނުންވާނަމަ، ކުއްޖާ ގެންދެވޭނީ، ޙަޟާނަތުގެ މައްސަލައެއްގެ ގޮތުގައި ކޯޓަށް ހުށަހެޅުމަށްފަހު މައްސަލައެއް ނިމުމުން ޙަޟާނަތު ހަވާލުވި ފަރާތަށެވެ.
67ވަނަ މާއްދާ: ޤާނޫނީ ބަލަދުވެރިޔާ އައްޔަނުކުރުން
ޝަރުޢީ ބަލަދުވެރިޔަކު ނެތް ހާލަތެއްގައި ކޯޓުން ޤާނޫނީ ބަލަދުވެރިއަކު އައްޔަނު ކުރާއިރު، ކުއްޖާގެ މަޞްލަޙަތަށް ރިޢާޔަތް ކުރަންވާނެއެވެ.
68ވަނަ މާއްދާ: ކުއްޖާގެ މަޞްލަޙަތު ދެނެގަތުން
ކުއްޖާގެ މަޞްލަޙަތަށް އެންމެ ރަނގަޅު ގޮތް ކަނޑައެޅުމުގައި ތިރީގައި މިވާ ކަންތައްތަކަށް ރިޢާޔަތް ކުރަންވާނެއެވެ.
(ހ) ކުއްޖާގެ އުމުރާއި ޖިންސު.
(ށ) ކުއްޖާގެ ބަލަދުވެރިއަކަށް އައްޔަނުކުރަން ގަސްތުކުރާ މީހާގެ އުޅުމާއި، އަޚްލާޤާއި، އޭނާއާއި ކުއްޖާއާ ދެމެދު ހުރި ގާތްތިމާގެކަމުގެ ގުޅުން.
(ނ) ކުއްޖާގެ ބަލަދުވެރިކަން ހަވާލުކުރަން ގަސްތުކޮށްފައިވާ ފަރާތަކީ ކުއްޖާގެ މުދަލާ އެއްވެސް މުޢާމަލާތެއް ކުރިން ނުވަތަ މިހާރު ހިންގާ ފަރާތެއް ކަމުގައި ވާނަމަ، އެ މުޢާމަލާތު ކުރިގޮތް.
(ރ) ކުއްޖާއަކީ އެ ކުއްޖާގެ ކަންތައްތަކުގައި ހެޔޮ ރަނަގަޅުކޮށް ނިންމޭވަރުގެ ކުއްޖަކަށްވާނަމަ، އެ ކުއްޖާ އެދޭ ފަރާތަކާ ބަދަލުވެރިކަން ހަވާލުކުރުމުގައި އިސްކަންދިނުން.
69ވަނަ މާއްދާ: ޤާނޫނީ ބަލަދުވެރިކަން
(ހ) ކުއްޖާގެ ޝަރުޢީ ބަލަދުވެރިއެއް ނެތުމުން ކުއްޖާގެ ޤާނޫނީ ބަލަދުވެރިއަކަށް ކުއްޖާގެ މަންމަ އައްޔަނު ކުރުމުގެ އިޚްތިޔާރު، ކޯޓަށް ލިބިގެންވެއެވެ.
(ށ) ޤާނޫނީ ބަލަދުވެރިއަކަށް ކުއްޖާގެ އެއްވެސް މުދަލަކާމެދު މުޢާމަލާތު ކުރެވޭނީ، ޤާނޫނު ނަންބަރު 2000/4 (ޢާއިލާއާބެހޭ ޤާނޫނު) ގެ 50 ވަނަ މާއްދާގެ (ރ) އާއި (ބ) ގައިވާ ގޮތުގެ މަތީންނެވެ.
(ނ) ޤާނޫނީ ބަލަދުވެރިޔާ، ކުއްޖާއަށް ލިބެންހުރި އެއްވެސް މުދަލަކުން ނުވަތަ ފައިސާއަކުން ކުއްޖާގެ ޚަރަދަށާއި، ތަޢުލީމަށް ޓަކައި ކޮންމެހެން ކުރަންޖެހޭ ޚަރަދެއް ފިޔަވައި އެހެން ޚަރަދެއް ކޮށްގެން ނުވާނެއެވެ. މި ގޮތަށް ކުރެވޭ ޚަރަދު މަހަކު 1,000/- (އެއްހާސް) ރުފިޔާއަށްވުރެ އިތުރުވާނަމަ، ކޯޓަށް އެކަން ހުށަހަޅައިގެން، އެކަމުގެ ހުއްދަ ހޯދަންވާނެއެވެ. އަދި ކުއްޖާގެ މުދަލުން ކުއްޖާ ބެލެހެއްޓުމަށް އެކަށީގެންވާވަރަށް ނުލިބޭނަމަ، ކުއްޖާއަށް ލިބެންހުރި ފައިސާއިން ކޯޓުން ކަނޑައަޅާ މިންވަރަކަށް ފައިސާ ދޫކުރެވިދާނެއެވެ.
70ވަނަ މާއްދާ: ކުއްޖާގެ ޝަރުޢީ ބަލަދު ވެރިކަން ނަޤުލުވަމުންދާނެގޮތް
އުމުރުން 18 (އަށާރަ) އަހަރު ނުރުފޭ ކުއްޖެއްގެ ޝަރުޢީ ބަލަދުވެރިކަން ނަޤުލުވަމުންދާނީ، ތިރީގައި ބަޔާންކޮށްފައިވާ ތަރުތީބުންނެވެ.
(ހ) ބައްޕަ (ޝަރުޢީ އެންމެ އިސް ބަދަލުވެރިޔާ)
(ށ) ކާފަ (ބައްޕަގެ ބައްޕަ ކިތަންމެ ދުރަކަށް ދިޔަސް)
(ނ) އެއްބަނޑުއެއްބަފާ އަޚު.
(ރ) އެއްބަފާ އަޚު.
(ބ) އެއްބަނޑުއެއްބަފާ އަޚުގެ ފިރިހެންދަރި.
(ޅ) އެއްބަފާ އަޚުގެ ފިރިހެންދަރި.
(ކ) ބައްޕަޔާ އެއްބަނޑުއެއްބަފާ ބޮޑުބޭބެ.
(އ) ބައްޕަޔާ އެއްބަފާ ބޮޑުބޭބެ.
(ވ) ބައްޕަޔާ އެއްބަނޑު އެއްބަފާ ބޮޑުބޭބެގެ ފިރިހެންދަރި.
(މ) ބައްޕަޔާ އެއްބަފާ ބޮޑުބޭބެގެ ފިރިހެންދަރި.
(ފ) ކާފަޔާ އެއްބަނޑުއެއްބަފާ ބޮޑުބޭބެ (ބައްޕަ ފަރާތުގެ)
(ދ) ކާފަޔާ އެއްބަފާ ބޮޑުބޭބެ (ބައްޕަ ފަރާތުގެ)
(ތ) ކާފަޔާ އެއްބަނޑުއެއްބަފާ ބޮޑުބޭބެގެ ފިރިހެންދަރި (ބައްޕަ ފަރާތުގެ)
(ލ) ކާފަޔާ އެއްބަފާ ބޮޑުބޭބެގެ ފިރިހެންދަރި (ބައްޕަ ފަރާތުގެ)
(ގ) މުނިކާފަޔާ ބެއްބަނޑު އެއްބަފާ ބޮޑުބޭބެ (ބައްޕަ ފަރާތުގެ)
71ވަނަ މާއްދާ: ނަސަބު ސާބިތުކުރުން
ނަސަބު ސާބިތު ކުރެވޭނީ، ތިރީގައި ބަޔާންވެގެންވާ ގޮތުގެ މަތީނެވެ.
(ހ) ދެފިރިހެނުންގެ ހެކިބަސް.
(ށ) އިޤުރާރުން: އިޤުރާރަކީ، ފިރިހެނަކު މިވެނި ކުއްޖަކީ އޭނާގެ ކުއްޖެއް ކަމުގައި ބުނެ އިޤުރާރުވުމެވެ. ނުވަތަ ކުއްޖަކު އޭނާއަކީ މިވެނި މީހެއްގެ ދަރިއެއްކަމަށް އިޤްރާރުވުމެވެ. ނަމަވެސް އިޤްރާރު ޞައްޙަވާނީ، އަންނަނިވި ޝަރުޠު ހަމަވުމުންނެވެ.
-1 ދޮގު އިޤުރާރެއްކަމުގައި ބެލެވޭފަދަ މާއްދީ ހެކި ނެތުން؛ މިސާލަކަށް: އެ ދެމީހުންނަކީ ބައްޕައަކާއި ދަރިއެއް ކަމުގައި ބެލެވޭފަދަ އުމުރެއްގެ ދެމީހުން ކަމުގައިވުން؛
-2 އިޤުރާރަކީ ޝަރުޢީގޮތުން ގަބޫލު ނުކުރެވޭފަދަ ދޮގު އިޤުރާރެއް ކަމުގައި ނުވުން؛ މިސާލަކަށް: ދަރިއެއްކަމަށް އިޤުރާރުވާ ކުއްޖަކީ އެހެން މީހަކަށް ނަސަބު ސާބިތުވެފައިވާ ކުއްޖެއް ކަމުގައި ނުވުން.
-3 އެ ކުއްޖާއަކީ ތިމާގެ އުފަން ދަރިއެއްކަމުގައި ބުނާ ބުނުމަކީ ކަނޑައެޅިގެން އެ ކުއްޖާގެ ނަސަބު ސާބިތުކުރުމަށް ޓަކައި ބުނާ ބުނުމެއް ކަމަށް ވުމާއި، އެ ބުނުމަކީ އިޤުރާރުވާ މީހާއަށް މަންފާއެއް ލިބިގަތުމަށް ނުވަތަ ގެއްލުމަކުން ސަލާމަތްވުމަށް ބުނާ ބުނުމެއް ކަމުގައި ނުވުން.
(ނ) ގިނަ އަދަދެއްގެ މީހުން އެކަމަށް އިއްތިފާޤުވުން.
(ރ) އިއްތިފާޤުވުން ޞައްޙަވާނީ އަންނަނިވި ޝަރުޠުތަކާ އެކުގައެވެ.
-1 އިއްތިފާޤުވާ މީހުންގެ އަދަދަކީ ދޮގެއްގެ މައްޗަށް އިއްތިފާޤު ވެދާނެކަމަށް ބުއްދި ގަބޫލު ނުކުރާހައި ގިނަބަޔަކު ކަމުގައިވުން؛
-2 އިއްތިފާޤުވާ ބަޔަކީ އެ ދެމީހުން ދަންނަ، އެ ދެމީހުންގެ ރަށުގެ ބަޔަކު ކަމުގައިވުން؛
-3 އެ ދެމީހުންގެ މަޢުލޫމާތު ލިބިހުރި މީހަކު ކަމުގައި އިންކާރު ނުކުރުން.
(ބ) މި މާއްދާގެ (ހ) އާއި، (ށ) އާއި، (ނ) އާއި، (ރ) ގައިވާ ގޮތުގެ މަތީން ނަސަބު ސާބިތުވާނީ، ތިރީގައި ބަޔާންވެގެންވާ ޝަރުޠުތައް ފުރިހަމަވުމާ އެކުގައެވެ.
-1 ނަސަބު ސާބިތުކުރެވޭ ކުއްޖާއަކީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ މަތީން އޭނާގެ މަންމައާއި ބައްޕަ ކައިވެނި ކުރުމަށްފަހު ލިބިފައިވާ ކުއްޖެއް ކަމުގައި ވުން؛
-2 އެ ކުއްޖާ ވިހައިފައިވަނީ ޝަރުޢީ ހަމަތަކުގެ މަތިން ދަރިލައްވާ މުއްދަތުގެ ތެރޭގައި ކަމުގައި ވުން.
72ވަނަ މާއްދާ: އިނދެގެން ތިބި ދެމީހުން ބައްދަލުނުވާތާ އެއްއަހަރު ވުމަށްފަހު ވިހާކުދިން
(ހ) އެ ކުއްޖެއްގެ ނަސަބު ނަފީކުރަން ބޭނުންވާނަމަ، ކުއްޖާ ވިހޭ ތާރީޚުން ފެށިގެން 1 (އެކެއް) މަސްދުވަހުގެ ތެރޭގައި ކޯޓަށް ހުށަހަޅަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މުއްދަތު ފާއިތުވުމަށްފަހު ކުއްޖާގެ ނަސަބު ނަފީކުރުމުގެ މައްސަލައެއް ކޯޓަށް ހުށަހެޅޭނީ، ކުއްޖާގެ މަންމަ އެ ކުއްޖާ ވިހައިފައިވަނީ އެ ކުއްޖާގެ ނަސަބު ނަފީކުރެވޭ މީހާއާ ކައިވެނިކުރިތާ 6 (ހައެއް) މަސްދުވަހުގެ ކުރިން ނުވަތަ ވަރިކުރިތާ 1 (އެކެއް) އަހަރުދުވަހުގެ ފަހުންކަން އެނގޭ ލިޔުންތަކާއެކު ކޯޓަށް ހުށަހެޅުމުންނެވެ.
(ނ) މި މާއްދާގެ (ހ) އާއި (ށ) ގައިވާ ގޮތުގެ މަތީން ކުއްޖާގެ ނަސަބާމެދު ކޯޓުން ވަކިގޮތަކަށް ކަނޑަނާޅާހައި ހިނދަކު އެ ކުއްޖާގެ ކަންކަމުގައި ކޯޓުން މުޢާމަލާތު ކުރެވޭނީ، އެ ކުއްޖާގެ އުފަންދުވަހުގެ ސެޓުފިކެޓުގައި ނުވަތަ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގައި އެ ކުއްޖާގެ ނަސަބު ބަޔާންކޮށްފައިވާ ގޮތަށެވެ.
ފަނަރަވަނަ ބާބު
ޢާއިލީ މައްސަލަތައް ޙައްލުކުރުން
73ވަނަ މާއްދާ: ޢާއިލީ މައްސަލަތައް ޙައްލުކުރުމާބެހޭ ބަޔަށް ފޮނުވިދާނެ ބާވަތުގެ މައްސަލަތައް
(ހ) ވަރިވުމަށް ނުވަތަ ވަރިކުރުމަށްއެދި ކޯޓަށް ހުށަހެޅޭ މައްސަލަތައް ފިޔަވައި އެހެން މައްސަލަތަކުގެ ތެރެއިން އެ މައްސަލައެއްގައި ހިމެނޭ ދެފަރާތުން ވާހަކަދައްކައި ޞުލްޙަވެރި ޙައްލަކަށް ވާސިލުވެވިދާނެކަމަށް ފެންނަ މައްސަލަތައް، "ޢާއިލީ މައްސަލަތައް ޙައްލުކުރުމާބެހޭ ބައި" އަށް ފޮނުވިދާނެއެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން ފޮނުވޭ މައްސަލަތަކާމެދު ގޮތެއް ނިންމުމުގައި ޢަމަލުކުރާނެ އިޖުރާއަތުތައް، ކޯޓުގެ ކަމާބެހޭ ގަވާއިދުގައި ކަނޑައަޅަންވާނެއެވެ.
ސޯޅަވަނަ ބާބު
އެހެނިހެން
74ވަނަ މާއްދާ: ހިޖުރީ ތާރީޚަށް ބަލަންޖެހޭ ކަންކަން
ތިރީގައިމިވާ ކަންތައްތަކުގައި ބަލަންވާނީ ހިޖުރީ ތާރީޚަށެވެ.
(ހ) ޢިއްދަ ހަމަކުރުމާއި، ޢިއްދައިގެ ޚަރަދު ލެއްވުން.
(ށ) ބާލިޣުވުން.
(ނ) ދަރިލެއްވުން.
(ރ) ކައިވެންޏާއި ވަރި.
75ވަނަ މާއްދާ: ކޯޓުގެ އިޖުރާއަތާ ގުޅޭ އުސޫލުތައް ކޯޓުން ކަނޑައެޅުން
(ހ) ޤާނޫނު ނަންބަރު 2000/4 (ޢާއިލާއާބެހޭ ޤާނޫނު) އާއި މި ގަވާއިދުގައި ބަޔާންކޮށްފައިވާ ޢާއިލީ މައްސަލަތައް ބެލުމުގައި، ކޯޓުން ޢަމަލުކުރާނެ ގޮތުގެ އިޖުރާއަތު ކަނޑައަޅާނީ، އަންނަނިވި އުސޫލުތައް ހިނމެނޭގޮތަށެވެ.
(1) ކޯޓަށް މައްސަލަ ހުށަހެޅުމާ ގުޅޭ އުސޫލުތައް؛
(2) ކޯޓަށް ލިޔެކިޔުން ބަލައިގަތުމާއި، ކޯޓުން ލިޔެކިޔުން ރައްދުކުރުމާ ގުޅޭ އުސޫލުތައް؛
(3) ކޯޓަށް ހާޒިރުވުމުގެ އަމުރު ފޮނުވުމާއި، އަމުރު ރައްދުކުރުމާ ގުޅޭ އުސޫލުތައް؛
(4) ކޯޓަށް ހާޒިރުވުމުގެ އަމުރާ އެއްގޮތަށް ހާޒިރުނުވެއްޖެނަމަ ޢަމަލުކުރާނެ ގޮތުގެ އުސޫލުތައް؛
(5) ހެކިން ހާޒިރުކުރުމާ ގުޅޭ އުސޫލުތައް؛
(6) ޢާއިލީ މައްސަލަތަކުގެ ޝަރީޢަތްތައް ހިންގުމާބެހޭ އުސޫލުތައް؛
(7) ޝަރީޢަތުގެ އަޑުއެހުންތައް ކުރިޔަށްދާނެ ގޮތުގެ އާންމު އުސޫލުތައް؛
(8) ބަދަލު ހަމަޖެއްސުމާއި، ވަކީލުން އައްޔަނުކުރުމާ ގުޅޭ އުސޫލުތައް؛
(9) ހެކި ހުށަހެޅުމާ ގުޅޭ އުސޫލުތައް؛
(10) ޙުކުމް ތަންފީޛުކުރުމުގެ ގޮތުގެ ކޯޓުން އަޅާ ފިޔަވަޅުތަކުގެ އިޖުރާތުތަކާބެހޭ އުސޫލުތައް.
(ށ) ފެމިލީ ކޯޓަށް ހުށަހެޅޭ ޢާއިލީ މައްސަލަތަކުގެ މައްޗަށް ހިނގާ މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އިޖުރާތުތަކާ ގުޅޭ އުސޫލުތައް ކަނޑައަޅާނީ، ފެމިލީ ކޯޓުންނެވެ. މެޖިސްޓްރޭޓް ކޯޓުތަކަށް ހުށަހެޅޭ މައްސަލަތަކުގެ މައްޗަށް ހިނގާ މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އިޖުރާތުތަކާ ގުޅޭ އުސޫލުތައް ކަނޑައަޅާނީ، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުންނެވެ.
76ވަނަ މާއްދާ: މާނަކުރުން
މި ގަވާއިދުގައި ބޭނުންކޮށްފައިވާ ލަފުޒެއް ނުވަތަ ޢިބާރާތެއް ބޭނުންކޮށްފައިވާ ގޮތުން ކަނޑައެޅިގެން އެހެން މާނައެއް ދޭހަނުވާހައި ހިނދަކު، އެ ލަފުޒުތަކާއި ޢިބާރާތްތަކަށް ދީފައި އެ ވަނީ، ޤާނޫނު ނަންބަރު 2000/4 (ޢާއިލާއާބެހޭ ޤާނޫނު) ގައި އެ ލަފުޒުތަކަށް ދީފައިވާ މާނަކުރުމެވެ.
77ވަނަ މާއްދާ: ބާޠިލުވާ އުސޫލުތައް
މި ގަވާއިދަށް ޢަމަލުކުރަން ފެށުމާއެކު، ކުރިން ޢަމަލުކުރަމުންއައި އުސޫލުތަކުގެ ތެރެއިން މި ގަވާއިދާ ތަޢާރުޟުވާ އުސޫލުތައް ބާޠިލުވާނެއެވެ.
78ވަނަ މާއްދާ: ޢަމަލުކުރަން ފެށުން
މި ގަވާއިދަށް ޢަމަލުކުރަން ފަށާނީ، 2022 ޖޫން 16 ވަނަ ދުވަހުން ފެށިގެންނެވެ.


