ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާގެ ފުރުޞަތު ހޯދައިދިނުމާއި ވަޒީފާ ދިނުމުގައި
ޢަމަލުކުރާނެ ގޮތުގެ ގަވާއިދު
އެއްވަނަ ބާބު
ފެށުން
1ވަނަ މާއްދާ: ތަޢާރުފާއި ނަން
(ހ) މިއީ، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް، އެހެން މީހުންނެކޭ އެއްފަދައިން ވަޒީފާ އަދާކުރުމުގެ ފުރުޞަތުތަކާއި ވަޒީފާގެ މައިދާނުގައި ހަމަހަމަ ފުރުޞަތުތައް ލިބިދިނުމުގެ ޙައްޤު ލިއްބައިދިނުމަށް ޓަކައި، އެކަމަށް މަގުފަހިކޮށް، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް މި ޙައްޤު ލިބޭކަން ކަށަވަރުކުރުމަށް އުސޫލުތައް ކަނޑައެޅުމުގެ ގޮތުން، ޤާނޫނު ނަންބަރު 2010/8 (ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ރައްކާތެރިކުރުމާއި
މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ޤާނޫނު) ގެ 19 ވަނަ މާއްދާއަށް ރިޢާޔަތްކޮށް،
އެ ޤާނޫނުގެ 33 ވަނަ މާއްދާގެ ދަށުން ބާރު ލިބިގެން އެކުލަވައިލައިފައިވާ ގަވާއިދެކެވެ.
(ށ) މި ގަވާއިދަށް ކިޔާނީ، "ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާގެ ފުރުޞަތު ހޯދައިދިނުމާއި ވަޒީފާ ދިނުމުގައި ޢަމަލުކުރާނެ ގޮތުގެ ގަވާއިދު" އެވެ.
2ވަނަ މާއްދާ: މަގުސަދު
މި ގަވާއިދުގެ މަގުސަދަކީ، އަންނަނިވި ކަންކަން ހާސިލުކުރުމެވެ.
(ހ) ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް، އެހެން މީހުންނެކޭ އެއްފަދައިން އެ މީހަކު އިޚްތިޔާރުކުރާ ވަޒީފާއެއް އަދާކުރުމުގައްޔާއި، މަސައްކަތް ކުރުމުގައްޔާއި، ވަޒީފާގެ މައިދާނުގައި ހަމަހަމަ ފުރުޞަތުތައް ހޯދައިދިނުން.
(ށ) ވަޒީފާ ދިނުމުގައްޔާއި، މަސައްކަތުގެ މާޙައުލުގައި، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް، އެ މީހުންގެ ކިބައިގައި ހުރި ނުކުޅެދުންތެރިކަމެއްގެ ސަބަބުން، އެއްވެސް ފަރާތަކުން އެ މީހުންނާމެދު ތަފާތުކުރުންތައް ގެންގުޅުން މަނާކުރުން.
(ނ) ނުކުޅެދުންތެރިކަން ހުންނަ މީހަކަށް ވަޒީފާދޭ ފަރާތުން، އެ ފަރާތަށް މަސައްކަތްކުރާނެ އެކަށީގެންވާ މާޙައުލެއް ޤާއިމްކޮށްދީ، މަސައްކަތުގެ މާޙައުލުގައި މި ފަރާތްތައް ޝާމިލުކުރާނެ ގޮތްތަކުގެ އުސޫލުތައް ކަނޑައެޅުން.
ދެވަނަ ބާބު
އަސާސީ އުސޫލުތައް
3ވަނަ މާއްދާ: ވަޒީފާ ދިނުމާއި، މަސައްކަތުގެ މާޙައުލުގައި ތަފާތު ނުކުރުމާއި، ހަމަހަމަ ފުރުޞަތު ލިބިދިނުން
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތަކަށް އުނިކަމެއް ނާންނާނެ ފަދަ ގޮތަކަށް، ތިރީގައިވާ ކަންކަން ހާސިލުކުރުމަށް ޓަކައި އެކަށީގެންވާ ފިޔަވަޅުތައް އަޅައި އެގޮތުގެ މަތީން މަސައްކަތް ކުރަންވާނެއެވެ.
(ހ) ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް، އެހެން މީހުންނެކޭ އެއްފަދައިން އެ މީހަކު އިޚްތިޔާރުކުރާ ވަޒީފާއެއް އަދާކުރުމުގެ ޙައްޤާއި، މަސައްކަތެއް ކުރުމުގެ ޙައްޤާއި، ވަޒީފާގެ މައިދާނުގައި ހަމަހަމަ ފުރުޞަތުތަކެއް ލިބިދިނުމުގެ ޙައްޤު ކަށަވަރުކޮށްދިނުން.
(ށ) ވަޒީފާއެއް ދިނުމުގައްޔާއި މަސައްކަތުގެ މާޙައުލުގައި، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ކުރިމަތިވާ ތަފާތުކުރުންތައް ނައްތައިލުން.
(ނ) ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް، ވަޒީފާ އަދާކުރުމަށް ބޭނުންވާ ކަންކަމަށް ރިޢާޔަތްކުރެވިފައިވާ ފަދަ މަސައްކަތުގެ މާޙައުލެއް ޤާއިމްކޮށްދިނުން.
(ރ) ނުކުޅެދުންތެރިކަން ހުންނަ މީހުން ވަޒީފާ އަދާކުރުމުގައްޔާއި، ތަޢުލީމާއި ތަމްރީނުގެ ފުރުޞަތުތައް ލިބިދިނުމުގައްޔާއި، މަގާމުގެ ކުރިއެރުން ދިނުމުގައްޔާއި، ޢިނާޔަތްތައް ދިނުމުގައި ހަމަހަމަކަން ޤާއިމުކުރުން.
(ބ) ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް، އެހެން މީހުންނެކޭ ވެސް އެއްފަދައިން، އެއްވަރެއްގެ މަސައްކަތަށް އެއްވަރެއްގެ އުޖޫރަ ލިބުމުގެ ޙައްޤު ލިބިދިނުން.
(ޅ) ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާގެ ފުރުޞަތުތައް ތަނަވަސްކޮށްދީ، އެކަމަށް ބޭނުންވާ ތަމްރީނާއި މަޢުލޫމާތާއި ވަސީލަތްތައް އެ މީހުންނަށް ފޯރުކޮށްދިނުން.
4ވަނަ މާއްދާ: ވަޒީފާގެ ފުރުޞަތު ހުޅުވައިލުން
(ހ) ވަޒީފާއަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވައިލާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރާ އިޢުލާނުންނެވެ. މިފަދަ އިޢުލާނުތައް، ޚަބަރުފަތުރާ ވަސީލަތްތަކާއި މީސް މީޑިއާގައި ޝާއިޢު ކުރެވިދާނެއެވެ.
(ހ)
(ށ) މި މާއްދާގައި ބަޔާންކޮށްފައިވާ ވަސީލަތްތައް މެދުވެރިކޮށް މަޢުލޫމާތު އާންމުކުރަންވާނީ،
މި ގަވާއިދުގެ ހަތްވަނަ ބާބުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީންނެވެ.
5ވަނަ މާއްދާ: ގަވާއިދު ތަންފީޒުކުރުން
މިއީ، ނުކުޅުދެންތެރިކަން ހުންނަ މީހުންނަށް، ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތަށް، ހަމަހަމަ އުސޫލުން ވަޒީފާގެ ފުރުޞަތު ހަމަޖައްސައިދިނުމުގެ ގޮތުން، ޚާއްޞަ އުސޫލުތައް ކަނޑައެޅުމަށް ޓަކައި އެކުލަވައިލައިފައިވާ ޚާއްޞަ ގަވާއިދެކެވެ. މި ގަވާއިދުގައި ކަނޑައަޅައިފައިވާ އުސޫލުތަކާ އެއްގޮތަށް ދިވެހިރާއްޖޭގައި ވަޒީފާދޭ އެންމެހައި އިދާރާތަކުން ޢަމަލުކުރަންވާނެއެވެ.
6ވަނަ މާއްދާ: ވަޒީފާ ހަމަޖެއްސުމުގެ ކުރިން ފުރިހަމަވާންޖެހޭ މިންގަނޑު
ވަޒީފާދޭ ފަރާތުން ވަޒީފާ ހަމަޖެއްސުމުގެ ކުރިން ފުރިހަމަކުރަންޖެހޭ ކަންކަން، ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ.
(ހ) "ވަޒީފާ ދިނުމަށް ތައްޔާރުވެފައިވާ ތަން" ކަމުގައި ބަލާނީ، އެ ތަނަކީ ވަޒީފާދޭ ފަރާތުން ވަޒީފާ ހަމަޖައްސައިދިނުމުގެ ކުރިން، އެ ތަނަކީ ވަޒީފާ ދިނުމަށް ތައްޔާރުވެފައިވާ ތަނެއްކަމަށް ހަދަންވާނެއެވެ. އެގޮތުން، އެ ފަރާތްތަކަށް ބޭނުންވާ ސަބަބުވެރި ބަދަލުތައް ހަމަޖައްސައިދެވޭ، އެ ތަނެއްގެ މުވައްޒަފުންނަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންނާ އެކުގައި މަސައްކަތްކުރުމަށް ބޭނުންވާ ތަމްރީނު ފުރިހަމަކޮށްފައިވާ އިދާރާއަކަށް ވާނަމައެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދައިން އެ ތަނަކީ ވަޒީފާ ދިނުމަށް ތައްޔާރުވެފައިވާ އިދާރާއެއްކަމަށް ބަލާނީ، މި ގަވާއިދުގެ ދަށުން މިނިސްޓްރީން އާންމުކުރާ ވަޒީފާދޭ ތަންތަނުގައި ފުރިހަމަވާންޖެހޭ ކަންތައްތައް ހިމެނޭ މިންގަނޑަށް ބަލައިގެންނެވެ.
(ނ) މި ގަވާއިދަށް ޢަމަލުކުރަން ފަށާތާ 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި، މި މާއްދާގެ
(ށ) ގައި ބަޔާންކޮށްފައިވާ މިންގަނޑު އެކުލަވައިލައި އާންމުކުރަންވާނެއެވެ.
(ރ) ނުކުޅެދުންތެރިކަން ހުންނަ މީހުން ވަޒީފާ އަދާކުރާ އިދާރާއަކީ އެ ފަރާތަށް ރައްކައުތެރި މާޙައުލެއްކަން ކަށަވަރުކޮށް، ވަޒީފާ އަދާކުރާ ފަރާތަށާއި އިދާރާއަށް އެ ވަޒީފާއެއްގެ ސަބަބުން އެންމެ ފުރިހަމައަށް ފައިދާ ލިބިގަނެވޭކަން ކަށަވަރުކުރުމަށް އެ އިދާރާއަކީ ވަޒީފާ ދިނުމަށް ތައްޔާރުވެފައިވާ ތަނެއް ކަމުގައި ވާންވާނެއެވެ.
ތިންވަނަ ބާބު
ޒިންމާތައް
7ވަނަ މާއްދާ: މިނިސްޓްރީގެ ޒިންމާ
ތިރީގައިވާ ކަންކަން ކުރުމަކީ މިނިސްޓްރީގެ ޒިންމާއެކެވެ.
(ހ) ވަޒީފާގެ ފުރުޞަތު ހުޅުވައިލުމުގައި މަޢުލޫމާތު އާންމުކުރުމުގެ މިންގަނޑު އެކުލަވައިލުން.
(ށ) ވަޒީފާދޭ ތަންތަނުގައި ފުރިހަމަވާންޖެހޭ ކަންތައްތައް ހިމެނޭ މިންގަނޑު އެކުލަވައިލުން.
(ނ) ޑިސްއެބިލިޓީ ލިޔޭޒަން އޮފިސަރުން ތަމްރީނުކޮށް، އެ ފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން.
(ރ) "ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާ ދިނުމުގައި ބޭނުންވާ ފަންނީ ލަފާދޭ ކޮމެޓީ" އެކުލަވައިލައި، އެ ކޮމިޓީގެ ހިންގާ އުސޫލު އެކުލަވައިލައި އާންމުކުރުން.
(ބ) ފަންނީ ލަފާ ހޯދުމަށް ޓަކައި، ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި އެ ފަރާތްތަކުގެ ބެލެނިވެރިން ނުވަތަ ބަލަދުވެރިން ހިމެނޭގޮތަށް އެފަދަ ލަފާދެވޭނެ ފަރާތްތަކުގެ ނެޓްވަރކް އެކުލަވައިލުން.
8ވަނަ މާއްދާ: ކޮމްޕީޓެންސީ ޕްރޮފައިލް ތައްޔާރުކުރާނެ ފަރާތްތައް
(ހ) ދިވެހިރާއްޖޭގައި ތަޢުލީމުދޭ މަދަރުސާތަކުގައި ކިޔަވާ ނުކުޅެދުންތެރިކަން ހުންނަ ދަރިވަރުންގެ ކޮމިއުނިޓީ، ޓްރާންޒިޝަން ޕްލޭނުގެ ތެރެއިން، މި ގަވާއިދުގެ 12 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކޮމްޕީޓެންސީ ޕްރޮފައިލް، ތަޢުލީމާބެހޭ ސިޔާސަތުތައް ތަންފީޒުކުރުމުގެ މަސްއޫލިއްޔަތު އެ އިރެއްގައި ހަވާލުކޮށްފައިވާ ސަރުކާރުގެ ވުޒާރާއިން ކަނޑައަޅާ ގޮތެއްގެ މަތީން އެ ވުޒާރާއަކުން ތައްޔާރުކުރަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ތަޢުލީމުދޭ މަދަރުސާތަކުގައި ކިޔަވާ ނުކުޅެދުންތެރިކަން ހުންނަ ދަރިވަރުން ފިޔަވައި، ނުކުޅެދުންތެރިކަން ހުންނަ އެ ނޫން ފަރާތްތަކުގެ ކޮމްޕީޓެންސީ ޕްރޮފައިލް (މި ގަވާއިދުގެ 12 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކޮމްޕީޓެންސީ ޕްރޮފައިލް) ދައުލަތުގެ މަތީ ތަޢުލީމާއި ތަމްރީނުގެ ކަންކަން ބެލެހެއްޓުމުގެ މަސްއޫލިއްޔަތު އެ އިރެއްގައި ހަވާލުކޮށްފައިވާ ވުޒާރާއިން ކަނޑައަޅާ ގޮތެއްގެ މަތީން
އެ ވުޒާރާއިން ތައްޔާރުކުރަންވާނެއެވެ.
ހަތަރުވަނަ ބާބު
ޚާއްޞަ އުސޫލުތައް
9ވަނަ މާއްދާ: ޑިސްއެބިލިޓީ ލިޔޭޒަން އޮފިސަރުން
(ހ) މި ގަވާއިދުގެ މަގުސަދުތައް ހާސިލުކުރުމަށް ޓަކައި، ވަޒީފާ ދިނުމަށް ތައްޔާރުވެފައިވާ ކޮންމެ އިދާރާއެއްގައި ވަޒީފާއަށް އެދޭ، ނުކުޅެދުންތެރިކަން ހުންނަ މީހުންނާ ގުޅޭ ކަންކަން ވިލަރެސްކުރުމަށް، މަދުވެގެން 2 (ދޭއް) ޑިސްއެބިލިޓީ ލިޔޭޒަން އޮފިސަރުން ތިބެންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ޑިސްއެބިލިޓީ ލިޔޭޒަން އޮފިސަރުންގެ މަސްއޫލިއްޔަތު، ވަޒީފާދޭ ތަންތަނުގައި މަސައްކަތްކުރަމުންދާ މުވައްޒަފުންގެ ތެރެއިން
ވަކި މުވައްޒަފަކާ ނުވަތަ 2 (ދޭއް) މުވައްޒަފުންނާ ހަވާލުކޮށް، އެ މަސްއޫލިއްޔަތު
އެ މުވައްޒަފުން އަދާކުރާގޮތަށް ހަމަޖެއްސުމަށް، މި މާއްދާގެ (ހ) ހުރަހެއް ނާޅައެވެ.
(ނ) ޑިސްއެބިލިޓީ ލިޔޭޒަން އޮފިސަރުގެ މަސްއޫލިއްޔަތު އަދާކުރާ ފަރާތް ޒިންމާދާރުކުރުވުމުގެ ގޮތުން އެ ފަރާތުން އަދާކުރަންޖެހޭ މަސްއޫލިއްޔަތުތައް ލިޔުމުން ހަވާލުކޮށް، އެ ފަރާތުގެ ވަޒީފާގެ ބަޔާނުގައި ހިމަނަންވާނެއެވެ.
(ރ) ޑިސްއެބިލިޓީ ލިޔޭޒަން އޮފިސަރުން ތަމްރީނުކޮށް އެ ފަރާތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދޭނީ، މިނިސްޓްރީއާއި ކަމާ ގުޅުންހުރި އިދާރާތަކާ ގުޅިގެންނެވެ.
10ވަނަ މާއްދާ: ޑިސްއެބިލިޓީ ލިޔޭޒިން އޮފިސަރުންގެ މަސްއޫލިއްޔަތު
ޑިސްއެބިލިޓީ ލިޔޭޒަން އޮފިސަރުންގެ މައިގަނޑު މަސްއޫލިއްޔަތުތައް، ތިރީގައި މިވަނީއެވެ.
(ހ) ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އެ ތަނެއްގައި ހުރި ވަޒީފާގެ ފުރުޞަތުތަކާ ގުޅޭގޮތުން މަޢުލޫމާތު ބޭނުންވެއްޖެ ހިނދެއްގައި އެ މަޢުލޫމާތު ފޯރުކޮށްދިނުން.
(ށ) އެ ތަނެއްގައި ވަޒީފާ އަދާކުރާ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދިމާވާ ގޮންޖެހުންތައް ޙައްލުކުރުމުގައި އެ އިދާރާއާއި ކަމާ ގުޅުންހުރި ފަރާތްތަކާއެކު ކަންކަން ވިލަރެސްކުރުން.
(ނ) މި ގަވާއިދުގެ މަގުސަދު ހާސިލުކުރުމަށް މިނިސްޓްރީއާއި އެ ތަނަކާ ދެމެދުގައި ވިލަރެސްކުރަންޖެހޭ ކަންކަމުގައި ފޯކަލް ޕޮއިންޓެއްގެ ދައުރު އަދާކުރުން.
(ރ) ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާ އަދާކުރުމަށް ބޭނުންވާ ކަންކަމަށް ރިޢާޔަތްކުރެވިފައިވާ ފަދަ ވަޒީފާގެ މާޙައުލެއް ޤާއިމްކުރުމަށް ޓަކައި އެ ފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ދެނެގަނެ، ކަމާ ގުޅުންހުރި ފަރާތްތަކާއެކު މި ކަންކަން ހަމަޖެއްސުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން.
(ބ) ވަޒީފާ އަދާކުރާ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ މަސައްކަތްތައް ކުރިޔަށްދާގޮތުގެ މަޢުލޫމާތުތައް، ކޮންމެ 3 (ތިނެއް) މަސްދުވަހަކުން އެއްފަހަރު، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާ ދިނުމުގައި ބޭނުންވާ ފަންނީ ލަފާދޭ ކޮމެޓީއާ ހިއްސާކުރުން.
(ޅ) ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާގެ މާޙައުލުން ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން.
11ވަނަ މާއްދާ: ވަޒީފާ ބޭނުންވާ މީހުންގެ ދަފުތަރު
(ހ) ވަޒީފާތަކަށް ކުރިމަތިލުމަށް އެދޭ، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް، މި ގަވާއިދުގައި ބަޔާންކޮށްފައިވާ ފުރުޞަތުތަކާއި ލުއިތަކާއި ފަސޭހަތައް ފުރިހަމަޔަށް ލިބިދިނުމަށް ޓަކައި އެ ފަރާތްތަކަކީ ދަފުތަރުވެފައިވާ ފަރާތްތަކަކަށް ވާންވާނެއެވެ.
(ށ) މި މާއްދާށެ (ހ) ގައި ބަޔާންކޮށްފައިވާ ދަފުތަރު، މި ގަވާއިދަށް ޢަމަލުކުރަން ފަށާތާ
3 (ތިނެއް) މަސްދުވަހުގެ ތެރޭގައި މިނިސްޓްރީން އެކުލަވައިލަންވާނެއެވެ.
(ނ) ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ޚާއްޞަކޮށްގެން ފުރުޞަތުތައް ހުޅުވައިލުމުގައި ވަޒީފާދޭ ފަރާތްތަކުން ބަލާނީ، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ދަފުތަރަށެވެ.
(ރ) ދަފުތަރު އެކުލަވައިލާންވާނީ، އެ ފަރާތްތަކުން ވަޒީފާގެ ފުރުޞަތުތައް ބޭނުންވަނީ
މި ގަވާއިދުގައި ކަނޑައަޅައިފައިވާ ގޮތްތަކުގެ ތެރެއިން ކޮން ގޮތަކުން ކަމާއި،
އެ ފަރާތްތަކުގެ ތެރެއިން މި ގަވާއިދުގައި ބަޔާންކޮށްފައިވާ އިންޓަރންޝިޕްގެ ފުރުޞަތު ބޭނުންވާނަމަ އެކަން އެނގޭގޮތަށެވެ.
(ބ) މި މާއްދާގެ ދަށުން އެކުލަވައިލާ ދަފުތަރުގައި ހިމެނޭނީ، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފުތަރުގައި ދަފުތަރުވެފައިވާ މީހުންނެވެ.
(ޅ) ވަޒީފާދޭ ފަރާތުން އިޢުލާނުކޮށްފައިވާ މަގާމުގެ ޝަރުޠު ހަމަވާ މީހަކު ދަފުތަރުގައި ހިމެނޭނަމަ، އެ ފަރާތެއްގެ މަޢުލޫމާތު، ވަޒީފާ ދޭން ޝައުޤުވެރިވާ ފަރާތާ ހިއްސާކުރަންވާނެއެވެ.
12ވަނަ މާއްދާ: ޕްރޮފައިލް ހެދުން
(ހ) ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާތަކަށް ކުރިމަތިލުމަށް ބޭނުންވާ އަސާސީ ޝަރުޠުގައި ހިމެނޭ ތަޢުލީމާއި ތަޖުރިބާ ލިބިފައި ނެތް ފަރާތެއްނަމަ، ފަހި ފުރުޞަތުގެ ތެރެއިން ވަޒީފާއެއް ހަމަޖެއްސުމުގެ ކުރިން ނުވަތަ އިންޓަރންޝިޕެއްގެ ފުރުޞަތު ފަހިކޮށްދިނުމުގެ ކުރިން އެ ފަރާތެއްގެ ކޮމްޕިޓެންސީ ޕްރޮފައިލެއް ތައްޔާރުކުރަންވާނެއެވެ. ވަޒީފާގެ ފުރުޞަތު ނުވަތަ އިންޓަރންޝިޕްގެ ފުރުޞަތު އެ ފަރާތަކަށް ފަހިކޮށްދެވޭނީ ކޮމްޕިޓެންސީ ޕްރޮފައިލަށް ބިނާކޮށެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކޮންޕިޓެންސީ ޕްރޮފައިލް ތައްޔާރުކުރާނެ ގޮތުގެ ޓޫލެއް، މި ގަވާއިދަށް ޢަމަލުކުރަން ފަށާތާ 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި މިނިސްޓްރީން އެކުލަވައިލަންވާނެއެވެ.
ފަސްވަނަ ބާބު
ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާ ދިނުމުގައި ބޭނުންވާ ފަންނީ ލަފާދޭ ކޮމެޓީ
13ވަނަ މާއްދާ: ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާ ދިނުމުގައި ބޭނުންވާ ފަންނީ ލަފާދޭ ކޮމެޓީ
(ހ) ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާ ދިނުމުގައި ބޭނުންވާ ފަންނީ ލަފާދޭ ކޮމިޓީއަކީ، މި ގަވާއިދުގެ މަގުސަދު ހާސިލުކުރުމަށް ވާޒީފާދޭ އިދާރާތަކަށް ބޭނުންވާ ލަފަޔާއި އިރުޝާދު ދޭ ފަރާތެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކޮމިޓީ އެކުލަވައިލާނީ، ކަމާ ގުޅޭ ދާއިރާތައް ތަމްސީލުވާނޭހެން، މިނިސްޓަރެވެ.
(ނ) މި ގަވާއިދުގެ ދަށުން އެކުލަވައިލާ، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާ ދިނުމުގައި ބޭނުންވާ ފަންނީ ލަފާދޭ ކޮމެޓީ ޖަވާބުދާރީވާނީ މިނިސްޓަރަށެވެ.
(ރ) ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާ ދިނުމުގައި ބޭނުންވާ ފަންނީ ލަފާދޭ ކޮމެޓީގެ އިދާރީ ކަންކަން ހިންގައި ބަލަހައްޓާނީ، މިނިސްޓްރީގެ މުވައްޒަފެކެވެ.
14ވަނަ މާއްދާ: ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާ ދިނުމުގައި ބޭނުންވާ ފަންނީ ލަފާދޭ ކޮމެޓީ އެކުލެވިގެންވާ ގޮތް
ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާ ދިނުމުގައި ބޭނުންވާ ފަންނީ ލަފާދޭ ކޮމެޓީ އެކުލެވިގެންވަނީ އަންނަނިވި ފަރާތްތަކުގެ މައްޗަށެވެ.
(ހ) ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ރައްކައުތެރިކޮށް އެ ފަރާތްތައް ބާރުވެރިކުރުމަށް މިނިސްޓްރީގައި މަސައްކަތްކުރާ މުވައްޒަފުންގެ ތެރެއިން މިނިސްޓްރީން ކަނޑައަޅާ ފަރާތެއް.
(ށ) ސިވިލް ސަރވިސް ކޮމިޝަނުގެ މުވައްޒަފުންގެ ތެރެއިން އެ ކޮމިޝަނުން ކަނޑައަޅާ ފަރާތެއް.
(ނ) ޤާނޫނު ނަންބަރު 2010/8 (ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ޤާނޫނު) ގެ 4 ވަނަ މާއްދާގެ (ހ) ގެ ދަށުން އުފައްދައިފައިވާ "ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ޙިމާޔަތްކުރާ ކައުންސިލް" ގެ މެންބަރުންގެ ތެރެއިން ކައުންސިލުން ކަނޑައަޅާ ފަރާތެއް.
(ރ) އޮފީސްތަކުން އައްޔަނުކުރާ ޑިސްއެބިލިޓީ ލިޔޭޒަން އޮފިސަރުންގެ ތެރެއިން މިނިސްޓްރީން ކަނޑައަޅާ ފަރާތެއް.
(ބ) ޑިޕާޓްމަންޓް އޮފް އިންކްލޫސިވް އެޑިޔުކޭޝަނުން ކަނޑައަޅާ ފަރާތެއް.
(ޅ) ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީން ކަނޑައަޅާ ފަރާތެއް.
(ކ) މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަނުގެ ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓުން ކަނަޑައަޅާ ފަރާތެއް.
(އ) ޕްރައިވެޓް ވަޒީފާދޭ ފަރާތްތަކުގެ ތެރެއިން އެ ފަރާތްތައް ތަމްސީލުކުރާ ފަރާތެއް.
(ވ) މިނިސްޓްރީގައި މަސައްކަތްކުރާ ޤާނޫނީ ވަކީލުންގެ ތެރެއިން މިނިސްޓްރީން ކަނޑައަޅާ ފަރާތެއް.
15ވަނަ މާއްދާ: ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާ ދިނުމުގައި ބޭނުންވާ ފަންނީ ލަފާދޭ ކޮމެޓީ
ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާ ދިނުމުގައި ބޭނުންވާ ފަންނީ ލަފާދޭ ކޮމެޓީގެ މަސްއޫލިއްޔަތުތައް، ތިރީގައި މިވަނީއެވެ.
(ހ) މި ގަވާއިދު ތަންފީޒުކުރުމުގައި ދިމާވާ ގޮންޖެހުންތަކާއި އެ ގޮންޖެހުންތައް ޙައްލުކުރުމަށް އެޅިދާނެ ފިޔަވަޅުތަކާ ގުޅޭގޮތުން މަޝްވަރާކޮށް ލަފަޔާއި ޚިޔާލުތައް މިނިސްޓްރީއާ ހިއްސާކުރުން.
(ށ) ޑިސްއެބިލިޓީ އެޑްވޮކަސީގެ ދާއިރާއިން އެންމެ ފަހުގެ މަޢުލޫމާތުތައް ހިއްސާކޮށް، މި ގަވާއިދު އިތުރަށް ފުރިހަމަކުރުމުގައި ކުރެވިދާނެ ކަންކަން ފާހަގަކޮށް، އެކަން މިނިސްޓްރީއާ ހިއްސާކުރުން.
(ނ) ވަޒީފާ އަދާކުރާ، ނުކުޅެދުންތެރިކަން ހުންނަ މީހުން މަސައްކަތުގައި ފުރިހަމަޔަށް ޝާމިލުކޮށް، ވަޒީފާގެ މާޙައުލުގައި އެ ފަރާތްތަކަށް ހުރި ގޮންޖެހުންތައް މަދުކުރުމަށް އެކަށައަޅަންޖެހޭ އުސޫލުތަކާއި ނިޒާމުތައް ފާހަގަކޮށް، އެކަމުގެ ލަފާ މިނިސްޓްރީއާ ހިއްސާކުރުން.
(ރ) މި ގަވާއިދުގެ މަގުސަދުތައް ހާސިލުކުރުމަށް ކަމާ ގުޅޭ ފަރާތްތައް ގުޅިގެން މަސައްކަތްކުރެވޭނެ ދާއިރާތައް ދެނެގަނެ، އެކަން މިނިސްޓްރީއާ ހިއްސާކުރުން.
(ބ) ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ފަހި ފުރުޞަތުގެ ތެރެއިން ހުރި ވަޒީފާގެ ފުރުޞަތުތައް ދެނެގަތުމުގެ މަސައްކަތްތައް ވަޒީފާދޭ ފަރާތްތަކާއެކު ކުރުމާއި، އެފަދަ މަގާމުތަކަކީ ކޮބައިކަން ދެނެގަނެ، އެ މަގާމުތައް ޚާއްޞަކުރުމަށް މިނިސްޓްރީއާއި ވަޒީފާދޭ ފަރާތަށް ލަފާދިނުން.
(ޅ) ވަޒީފާއަށް ހޮވުމާއި، ވަޒީފާއަށް އައްޔަނުކުރުމާއި، ވަޒީފާ އަދާކުރުމުގެ މަރުޙަލާތަކުގައި ނުކުޅެދުންތެރިކަން ހުންނަ މީހުން ހަމަޖައްސައިދިނުމަށް އެދޭ ސަބަބުވެރި ބަދަލުތަކާ (ރީޒަނަބްލް އެޖަސްޓްމަންޓްސް) ގުޅޭގޮތުންނާއި، މިނޫންވެސް ގުޅުންހުރި އެހެން ކަންކަމުގައި އިދާރާތަކަށް ފަންނީ ލަފާދިނުން.
(ކ) އިދާރާތަކުގައި އިންޓަރންޝިޕް ފުރިހަމަކުރުމަށް އެދޭ، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އިންޓަރންޝިޕް ފުރުޞަތު ފަހިކޮށްދިނުމުގައި އިދާރާތަކުން ފަންނީ ލަފަޔަށް އެދޭ ކަންކަމުގައި، މިނިސްޓްރީގެ މަޝްވަރާގެ މަތީން އިދާރާތަކަށް ފަންނީ ލަފާ ދިނުން.
(އ) މި ގަވާއިދުގެ ދަށުން ހިމެނޭ ކަންކަމާ ގުޅިގެން އިދާރާތަކަށް ހުށަހެޅޭ ޝަކުވާތަކާ ގުޅޭގޮތުން އެ އިދާރާތަކުން ފަންނީ ލަފައެއް ބޭނުންވެގެން އެކަމަށް އެދިއްޖެ ހިނދެއްގައި، އެ ފަދަ ލަފާ އެ އިދާރާއަކަށް ދިނުން.
(ވ) މި ގަވާއިދުގެ މަގުސަދު ހާސިލުކުރުމަށް ޓަކައި، މިނިސްޓްރީން، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާ ދިނުމުގައި ބޭނުންވާ ފަންނީ ލަފާދޭ ކޮމެޓީގެ ލަފަޔަކަށް އެދޭ ކަންކަމާ ގުޅިގެން މިނިސްޓްރީއަށް ލަފާދިނުން.
(މ) ކޮމިޓީގެ މަސައްކަތްތަކާ ގުޅިގެން އަހަރީ ރިޕޯޓު އެކުލަވައިލައި، މިނިސްޓްރީއާ ހިއްސާކުރުން.
(ފ) މި ގަވާއިދުގެ މަގުސަދުތައް ހާސިލުކުރުމަށް ކޮމެޓީން ކުރާ އެންމެހައި މަސައްކަތްތަކުގައި ފަންނީ ލަފާ ހޯދުމަށް ޓަކައި، ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި އެ ފަރާތްތަކުގެ ބެލެނިވެރިން ނުވަތަ ބަލަދުވެރިން ހިމެނޭގޮތަށް އެފަދަ ލަފާދެވޭނެ ފަރާތްތަކުގެ ލަފާ ހޯދުން.
16ވަނަ މާއްދާ: ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާ ދިނުމުގައި ބޭނުންވާ ފަންނީ ލަފާދޭ ކޮމެޓީގެ އެކުލަވައިލުން
ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާ ދިނުމުގައި ބޭނުންވާ ފަންނީ ލަފާދޭ ކޮމެޓީން މަސްއޫލިއްޔަތުތައް އަދާކުރުމުގައި ޢަމަލުކުރާނެ ގޮތުގެ އިންތިޒާމުތައް ކޮމިޓީ ހިންގާ ގޮތުގެ އުސޫލު އެކުލަވައިލައި، އެ އުސޫލާ އެއްގޮތަށް ހިންގާނީ މިނިސްޓްރީންނެވެ.
17ވަނަ މާއްދާ: ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާ ދިނުމުގައި ބޭނުންވާ ފަންނީ ލަފާދޭ ކޮމެޓީގެ މެންބަރުންގެ އެލަވަންސް
ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާ ދިނުމުގައި ބޭނުންވާ ފަންނީ ލަފާދޭ ކޮމެޓީގެ މެންބަރުން ހާޒިރުވާ ކޮންމެ ބައްދަލުވުމަކަށް ދައުލަތުގެ މާލީ ކަންކަންމާ ގުޅުން ހުރި ވުޒާރާގެ ހުއްދަޔާއެކު އެލަވަންސެއް ކަނޑައަޅަންވާނެއެވެ.
18ވަނަ މާއްދާ: ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާ ދިނުމުގައި ބޭނުންވާ ފަންނީ ލަފާދޭ ކޮމިޓީގެ ރައީސާއި ނައިބު ރައީސް
(ހ) ޑިސްއެބިލިޓީ އެޑްވައިޒަރީ ކޮމިޓީގެ މެންބަރުންގެ ތެރޭގައި، އައްޔަނު ކޮށްފައިވާ ރައީސަކާއި ނައިބު ރައީސަކު ހުންނަންވާނެއެވެ. ރައީސާއި ނައިބު ރައީސްކަމަށް އައްޔަނުކުރާނީ، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާ ދިނުމުގައި ބޭނުންވާ ފަންނީ ލަފާދޭ ކޮމިޓީގެ މެންބަރުންގެ އަޣުލަބިއްޔަތުން ހޮވޭ މެންބަރެކެވެ.
(ށ) ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާ ދިނުމުގައި ބޭނުންވާ ފަންނީ ލަފާދޭ ކޮމިޓީގެ މަސައްކަތްތައް ރާވައި ހިންގައި، ބައްދަލުވުންތަކުގެ ރިޔާސަތު ބަލަހައްޓާނީ، ކޮމިޓީގެ ރައީސެވެ. ރައީސް ނެތް ހާލަތެއްގައި، ބަޔާންވެދިޔަ ކަންކަމުގެ އިތުރުން، ރައީސްގެ މަސްއޫލިއްޔަތުކަމަށް މި މާއްދާގައި ބަޔާންކޮށްފައިވާ ކަންކަން ކުރާނީ ނައިބު ރައީސެވެ.
(ނ) ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާ ދިނުމުގައި ބޭނުންވާ ފަންނީ ލަފާދޭ ކޮމެޓީގެ ރައީސްގެ ޒިންމާތައް، ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ.
-1 ކޮމިޓީގެ މެންބަރުންގެ އިތުރުން، ކޮމިޓީގެ ބައްދަލުވުންތަކުގައި ބައިވެރިވާނެ ފަރާތްތައް ކަނޑައެޅުން؛
-2 ކޮމިޓީއަށް ހުށަހަޅާ މައްސަލަތައް އަވަސްކަމާއެކު ކުރިޔަށް ގެންދިޔުމަށް ބާރުއެޅުން؛
-3 ކޮމިޓީގައި މަޝްވަރާކުރެވޭ ކަންކަމާއި، ކޮމިޓީން ދޭ ލަފަޔާއި، ނިންމާ ނިންމުންތަކާއި، މި ނިންމުންތަކަށް ވާސިލުވެވުނު ގޮތްތަކުގެ ޔައުމިއްޔާ ލިޔެ، ލިޔެކިޔުންތަކާއި ފައިލްތައް ބެލެހެއްޓޭކަން ކަށަވަރުކުރުން؛
-4 ކޮމިޓީގައި ހިންގާ މަޝްވަރާތަކުގައި ކޮމިޓީގެ ހުރިހާ މެންބަރުންގެ ބައިވެރިވުމަށް ފުރުޞަތު ތަނަވަސްކޮށް، އެއްބަސްވުމަކަށް ވާސިލުވުމަށް މަސައްކަތްކުރުން؛
-5 ކޮމިޓީގެ މެންބަރުންގެ ނަޒާހަތްތެރިކަން ދެމެހެއްޓުން ކަށަވަރުކުރުމާއި، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ރައްކައުތެރިކުރުމަށް ހަދައިފައިވާ ޤާނޫނުތަކާއި ގަވާއިދުތަކާއި އުސޫލުތައް ނެގެހެއްޓުން.
19ވަނަ މާއްދާ: ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާ ދިނުމުގައި ބޭނުންވާ ފަންނީ ލަފާދޭ ކޮމިޓީގެ ބައްދަލުވުންތަކުގެ ޤާނޫނީ އަދަދާއި ބައްދަލުވުންތައް
(ހ) ޑިސްއެބިލިޓީ އެޑްވައިޒަރީ ކޮމިޓީގެ ބައްދަލުވުންތަކުގެ ޤާނޫނީ އަދަދަކީ 5 (ފަހެއް) މެންބަރުންނެވެ.
(ށ) ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާ ދިނުމުގައި ބޭނުންވާ ފަންނީ ލަފާދޭ ކޮމިޓީގެ ބައްދަލުވުންތައް ބާއްވަންވާނީ، މިނިސްޓްރީއާއި ވަޒީފާދޭ ފަރާތްތަކުން އެ ކޮމިޓީއަށް ހުށަހަޅާ މައްސަލަތަކުގެ މައްޗަށް ބިނާކޮށް، މިނިސްޓްރީން އެކުލަވައިލާ ތަވާލާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.
(ނ) ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާ ދިނުމުގައި ބޭނުންވާ ފަންނީ ލަފާދޭ ކޮމިޓީން ނިންމާ ނިންމުމެއް ފާސްވެއްޖެކަމަށް ބެލޭނީ، ކޮމިޓީއަށް ހާޒިރުވާ މެންބަރުންގެ އަޣުލަބިއްޔަތުން އެ ކަމެއް ފާސްވެއްޖެ ނަމައެވެ.
(ރ) ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާ ދިނުމުގައި ބޭނުންވާ ފަންނީ ލަފާދޭ ކޮމިޓީގެ ބައްދަލުވުމުގައި ރައީސާއި ނައިބު ރައީސް ބައިވެރިވާން އުޒުރުވެރިވެއްޖެ ހާލަތެއްގައި، ހާޒިރުވެތިބި މެންބަރުންގެ މެދުގައި ނަގާ ވޯޓަކުން، އެ ބައްދަލުވުމުގެ ރިޔާސަތު ބަލަހައްޓާނެ މެންބަރަކު ކަނޑައަޅަންވާނެއެވެ.
(ބ) ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާ ދިނުމުގައި ބޭނުންވާ ފަންނީ ލަފާދޭ ކޮމިޓީގެ ބައްދަލުވުމުގެ ހުރިހައި ނިންމުންތަކެއް ވެސް ޔައުމިއްޔާގައި ލިޔެފައި ހުންނަންވާނެއެވެ. އަދި މި ނިންމުންތައް ހުރިހާ މެންބަރުންނާ ހިއްސާކުރަންވާނެއެވެ.
20ވަނަ މާއްދާ: ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާ ދިނުމުގައި ބޭނުންވާ ފަންނީ ލަފާދޭ ކޮމިޓީގެ މެންބަރުކަމުގެ ދައުރު
ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާ ދިނުމަށް ބޭނުންވާ ފަންނީ ލަފާދޭ ކޮމިޓީއަށް އައްޔަނުކުރެވޭ މެންބަރަކު، އެ މަޤާމުގައި ދެމިހުންނާނީ، އެ މެންބަރަކު އައްޔަނުކުރެވޭ ތާރީޚުން ފެށިގެން 4 (ހަތަރެއް) އަހަރުދުވަހުގެ މުއްދަތަކަށެވެ. އަދި އެ މުއްދަތު ހަމަވުމުން، އަލުން އިތުރު އެއްފަހަރު 4 (ހަތަރެއް) އަހަރުދުވަހުގެ މުއްދަތަކަށް އެ މެންބަރަކު އައްޔަނު ކުރެވިދާނެއެވެ.
21ވަނަ މާއްދާ: މެންބަރަކު އިސްތިޢުފާ ދިނުން
ކޮންމެ މެންބަރަކަށް ވެސް، އެ މެންބަރަކު ބޭނުންވެއްޖެ ހާލަތެއްގައި، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާ ދިނުމުގައި ބޭނުންވާ ފަންނީ ލަފާދޭ ކޮމިޓީން އިސްތިޢުފާ ދިނުމުގެ އިޚްތިޔާރު ލިބިގެންވެއެވެ. އަދި މެންބަރުކަމުން ވަކިވާން ބޭނުންވެއްޖެ ހާލަތެއްގައި، ލިޔުމުން އެކަން މިނިސްޓަރަށް އަންގާ ތާރީޚުން ފެށިގެން ވަކިވީކަމަށް ބެލޭނެއެވެ.
22ވަނަ މާއްދާ: މެންބަރުކަމުން ވަކިކުރުން
(ހ) ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާ ދިނުމުގައި ބޭނުންވާ ފަންނީ ލަފާދޭ ކޮމިޓީގެ އެއްވެސް މެންބަރަކު، މަދުވެގެން މަހެއްގެ މައްޗަށް ބޭއްވޭ ބައްދަލުވުންތަކުގެ
70% (ހަތްދިހަ އިންސައްތަ) ބައްދަލުވުންތަކަށް ހާޒިރު ނުވެއްޖެނަމަ، ނުވަތަ މަޤުބޫލު އުޒުރެއްނެތި ވިދިވިދިގެން ކޮމިޓީގެ 3 (ތިނެއް) ބައްދަލުވުމަށް ހާޒިރުނުވެއްޖެނަމަ،
އެ މެންބަރަކަށް އެކަން ލިޔުމުން އަންގައި، މެންބަރުކަމުން ވަކިކުރުމުގެ އިޚްތިޔާރު މިނިސްޓަރަށް ލިބިގެންވެއެވެ.
(ށ) ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާ ދިނުމުގައި ބޭނުންވާ ފަންނީ ލަފާދޭ ކޮމިޓީގެ އެއްވެސް މެންބަރަކު، ނުކުޅެދުންތެރިކަން ހުންނަ ކުދިންނާއި މީހުންގެ ކަރާމަތަށް ގެއްލުމެއް ނުވަތަ އުނިކަމެއް ލިބޭ ފަދަ ޢަމަލެއް ކޮށްފިނަމަ، އެ މެންބަރަކު، މެންބަރުކަމުން ވަކިކުރުމުގެ އިޚްތިޔާރު މިނިސްޓަރަށް ލިބިގެންވެއެވެ.
(ނ) މި ގަވާއިދުގެ 21 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ހާލަތްތަކުގެ އިތުރުން، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާ ދިނުމުގައި ބޭނުންވާ ފަންނީ ލަފާދޭ ކޮމިޓީގެ ހިންގުން ހަރުދަނާކުރުމަށް، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާ ދިނުމުގައި ބޭނުންވާ ފަންނީ ލަފާދޭ ކޮމިޓީގެ މެންބަރުން ބަދަލުކުރަން ޖެހިއްޖެނަމަ، އެ ފަދަ ބަދަލެއް ގެނައުމުގެ ބާރު މިނިސްޓަރަށް ލިބިގެންވެއެވެ.
23ވަނަ މާއްދާ: ސިއްރު ހިފެހެއްޓުން
(ހ) ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާ ދިނުމުގައި ބޭނުންވާ ފަންނީ ލަފާދޭ ކޮމިޓީގެ ކޮންމެ މެންބަރަކު ވެސް، ސިއްރު ހިފެހެއްޓުމުގެ އިޤްރާރުގައި ސޮއިކުރަންވާނެއެވެ.
(ށ) ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާ ދިނުމުގައި ބޭނުންވާ ފަންނީ ލަފާދޭ ކޮމިޓީގެ މެންބަރުން، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ސިއްރު ހިފެހެއްޓުމުގެ އިޤްރާރުގައި،
މި ގަވާއިދުގެ ދަށުން ކޮމިޓީ އެކުލަވައިލުމާއެކު ސޮއިކުރަންވާނެއެވެ.
24ވަނަ މާއްދާ: ފަންނީ ލަފާ ހޯދުން
(ހ) ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާ ދިނުމުގައި ބޭނުންވާ ފަންނީ ލަފާދޭ ކޮމެޓީއަށް އެއްވެސް އެހީތެރިކަމެއް ބޭނުންވެއްޖެ ހިނދެއްގައި، އެހެން މުއައްސަސާއެއްގެ ކަމާ ގުޅޭ އިދާރާއެއްގެ ނުވަތަ ބޭރުގެ އެހީ ފޯރުކޮށްދޭ ފަރާތެއްގެ ނުވަތަ އެ ދާއިރާއެއްގެ ފަންނީ މީހެއްގެ އެހީތެރިކަން ހޯދިދާނެއެވެ.
(ށ) މި ގަވާއިދުގައި ބަޔާންކޮށްފައިވާ މަގުސަދު އެންމެ ފުރިހަމައަށް ހާސިލުކުރުމަށް ޓަކައި ފަންނީ ލަފާ ހޯދުމަށް، ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި އެ ފަރާތްތަކުގެ ބެލެނިވެރިން ނުވަތަ ބަލަދުވެރިން ހިމެނޭގޮތަށް އެފަދަ ލަފާދެވޭނެ ފަރާތްތަކުގެ ނެޓްވަރކެއް އެކުލަވައިލުމަކީ މިނިސްޓްރީގެ ޒިންމާއެކެވެ.
ހަވަނަ ބާބު
ވަޒީފާ ހޯދުމުގައި ދެވިދާނެ މަގުތަކާބެހޭ އާންމު އުސޫލުތައް
25ވަނަ މާއްދާ: އާންމު ހާލަތު
(ހ) ނުކުޅެދުންތެރިކަން ހުންނަ މީހަކީ އެ ފަރާތުން ކުރިމަތިލުމަށް ބޭނުންވާ މަގާމުގެ އަސާސީ ޝަރުޠު ހަމަވާ ފަރާތެއްނަމަ، އެ މަގާމަށް އާންމު ހާލަތުގެ މަގު (ކޮމްޕެޓިޓިވް ޕާތުވޭ) ގެ ތެރެއިން ވާދަކޮށްގެން ކުރިމަތިލެވިދާނެއެވެ.
(ށ) އިޢުލާނުކުރެވޭ މަގާމުތަކަށް، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ތެރެއިން ތަޢުލީމާއި ތަޖުރިބާ ހުރި ފަރާތްތައް ކުރިމަތިލުމަށް ހިތްވަރުދޭންވާނެއެވެ.
(ނ) އިޢުލާނުކުރާ މަގާމުތަކަށް ޝަރުޠު ހަމަވާ، ނުކުޅެދުންތެރިކަން ހުރި މީހަކު ހުރިނަމަ،
އެ ފަރާތެއް އެ މަގާމަކަށް ކުރިމަތިލުމަށް ޝައުޤުވެރިކުރުވުމުގެ ގޮތުން އެ ފަރާތަށް ބޭނުންވާ އެހީތެރިކަން، ވަޒީފާ އޮތް އިދާރާއަކުން ނުވަތަ އެ ތަނެއްގައި ކަނޑައަޅާ ފަރާތަކުން ފޯރުކޮށްދޭންވާނެއެވެ. މީގެ ތެރޭގައި ވަޒީފާއަށް ކުރިމަތިލުމާއި، ހުނަރު ސާބިތުކުރުމުގެ މަރުޙަލާތަކަށް އަހުލުވެރިކުރުމަށް ހަރަކާތްތަކެއް ހިންގިދާނެއެވެ.
(ރ) އާންމު ހާލަތުގެ މަގު (ކޮމްޕެޓިޓިވް ޕާތުވޭ) ގެ ތެރެއިން ވަޒީފާ ހަމަޖެއްސުމުގައި، ކޮމްޕިޓެންސީ ޕްރޮފައިލް ހަދައިފައިވުން ކޮންމެހެން ލާޒިމެއް ނޫނެވެ. ނަމަވެސް، ކޮމްޕިޓެންސީ ޕްރޮފައިލް ހަދައިފައިވާނަމަ، ހުނަރު ވަޒަންކުރުމުގައި ވަޒީފާއަށް ހޮވުމުގެ މަރުޙަލާތަކުގައި އޭގައިވާ މަޢުލޫމާތަށް ރިޢާޔަތް ކުރެވިދާނެއެވެ.
(ބ) އާންމު ހާލަތުގެ މަގު (ކޮމްޕެޓިޓިވް ޕާތުވޭ) ގެ ތެރެއިން ވަޒީފާއަށް ކުރިމަތިލާ ނުކުޅެދުންތެރިކަން ހުންނަ ފަރާތަށް، މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ސަބަބުވެރި ބަދަލުތައް ހަމަޖައްސައި ދޭންވާނެއެވެ. އަދި އެ އިދާރާއަކުން ވަޒީފާއަށް މީހުން ހޮވުމާއި އައްޔަނުކުރުމުގެ މިންގަނޑުތަކާއި އުސޫލުގައި ބަޔާންކޮށްފައިވާ އެއްވެސް ކަމަކީ
އެ ފަރާތެއްގެ ނުކުޅެދުންތެރިކަމާހުރެ އޭގެ ސަބަބުން އެ ފަރާތަށް ހަމަހަމަ ފުރުޞަތު ގެއްލިގެންދާ ކަމެއްނަމަ، އެ ކަންކަމަށް ސަބަބުވެރި ބަދަލުތައް ގެންނަންވާނެއެވެ.
(ޅ) އާންމު ހާލަތުގެ މަގު (ކޮމްޕެޓިޓިވް ޕާތުވޭ) ގެ ތެރެއިން ވަޒީފާއަށް މީހުން ހޮވުމާއި އައްޔަނުކުރުމާ ގުޅޭގޮތުން ނިންމުންތައް ނިންމާނީ، އެ ތަނެއްގައި ކަނޑައަޅައިފައިވާ ގޮތުގެ މަތީން އެންމެ އިސްވެރިޔާގެ މަޝްވަރާޔާ އެކުގައެވެ. އަދި އެފަދަ ނިންމުންތައް ނިންމުމުގައި ފަންނީ ލަފައެއް ބޭނުންވާނަމަ، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާ ދިނުމުގައި ބޭނުންވާ ފަންނީ ލަފާދޭ ކޮމެޓީގައި އެކަމަށް އެދެވިދާނެއެވެ.
26ވަނަ މާއްދާ: ފަހި ފުރުޞަތުގެ މަގު (ނޮން ކޮމްޕެޓިޓިވް ޕާތުވޭ)
(ހ) ނުކުޅެދުންތެރިކަން ހުންނަ މީހަކީ ވަޒީފާތަކުގެ އަސާސީ ޝަރުޠު ހަމަވާ މިންވަރަށް ތަޢުލީމާއި ތަޖުރިބާ ލިބިފައިނުވާ ފަރާތަކަށްވާނަމަ، ނުވަތަ އެ ފަރާތުގެ އެފަދަ ތަޢުލީމާއި ތަޖުރިބާ ހުރިކަމުގައި ވިޔަސް، ފަހި ފުރުޞަތުގެ މަގު (ނޮން ކޮމްޕެޓިޓިވް ޕާތުވޭ) މެދުވެރިކޮށް ވަޒީފާގެ ފުރުޞަތު ފަހިވުމަށް ޚިޔާރުކުރާ ފަރާތަކަށްވާނަމަ، ފަހި ފުރުޞަތުގެ މަގު (ނޮން ކޮމްޕެޓިޓިވް ޕާތުވޭ) މެދުވެރިކޮށް ވަޒީފާއަށް އެދޭ ފަރާތްތަކުގެ ދަފުތަރުގައި ނޯޓުކުރެވިދާނެއެވެ.
(ށ) މި މާއްދާގެ ދަށުން ފުރުޞަތު ފަހިކޮށްދެވޭނީ، މި ގަވާއިދުގެ 12 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޕްރޮފައިލުން އެ ފަރާތަކަށް 70% (ހަތްދިހަ އިންސައްތަ) އިން ދަށް ލިބިފައިވާނަމައެވެ.
(ނ) ވަޒީފާ ހަމަޖެއްސުމަށް ތައްޔާރުވެފައިވާ ތަނުގެ އޮނިގަނޑުގައި ހިމެނޭ މަގާމުތަކުގެ ތެރެއިން ވަކި މަގާމަކީ ފަހި ފުރުޞަތުގެ މަގު (ނޮން ކޮމްޕެޓެޓިވް ޕާތުވޭ) މެދުވެރިކޮށް ވަޒީފާ ބޭނުންވާ ފަރާތްތަކަށް އެކަނި ކުރިމަތިލުމަށް ޚާއްޞަކުރެވޭ މަގާމެއް ކަމުގައި ވަޒީފާދޭ ފަރާތްތަކަށް ކަނޑައެޅިދާނެއެވެ.
(ރ) މި މާއްދާގެ (ނ) ގައިވާ ގޮތުގެ މަތީން މަގާމެއް ޚާއްޞަކުރުމުގައި ރިޢާޔަތް ކުރަންވާނީ، ތިރީގައިވާ ކަންކަމަށް ބިނާކޮށް، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާ ދިނުމުގައި ބޭނުންވާ ފަންނީ ލަފާދޭ ކޮމެޓީން ދީފައިވާ ލަފަޔަކަށެވެ.
-1 ވަޒީފާއަށް އެދޭ މީހުންގެ ދަފުތަރުގައި ހިމެނޭ ފަރާތްތަކުގެ ހުނަރާއި ޤާބިލުކަން؛
-2 ވަޒީފާ ހަމަޖެއްސުމަށް ތައްޔާރުވެފައިވާ ތަނުގެ އޮނިގަނޑުގައި ހުރި މަގާމުތަކުގެ ތެރެއިން ފަހި ފުރުޞަތު (ނޮން ކޮމްޕެޓިޓިވް ޕާތުވޭ) ގެ މަގަށް ޚާއްޞަކުރުމުގެ ސަބަބުން މި ގަވާއިދުގެ މަގުސަދު ހާސިލުވާނެކަމަށް، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާ ދިނުމުގައި ބޭނުންވާ ފަންނީ ލަފާދޭ ކޮމެޓީއަށް ފެންނަ ސަބަބު؛
-3 ވަޒީފާ ހަމަޖެއްސުމަށް ތައްޔާރުވެފައިވާ މިންވަރަށް ބަލައި އެ ތަނަކުން ކަނޑައަޅާ މަގާމުތަކުގެ ލިސްޓު؛
(ބ) ފަހި ފުރުޞަތުގެ މަގު މެދުވެރިކޮށް ވަޒީފާ ހަމަޖައްސައިދެވޭނީ، އެ މަގު ޚިޔާރުކޮށްފައިވާ ފަރާތްތަކުގެ ތެރެއިން އިޢުލާނުކޮށްފައިވާ ވަޒީފާއަށް ބޭނުންވާ ހުނަރާއި ޤާބިލުކަން ލިބިފައިވާކަމަށް ކޮމްޕިޓެންސީ ޕްރޮފައިލުން ދެނެގަނެވި، އެ މަގާމަށް ޝައުޤުވެރިކަން ފާޅުކުރާ ފަރާތްތަކުގެ މެދުގައި ވާދަކޮށްގެންނެވެ.
(ޅ) ފަހި ފުރުޞަތުގެ މަގު މެދުވެރިކޮށް ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމާއި، ވަޒީފާއަށް އައްޔަނުކުރުމާއި، ވަޒީފާއާ ގުޅޭ އެންމެހައި އިންތިޒާމުތައް ހަމަޖައްސާނީ، މި ގަވާއިދުގެ ހަތްވަނަ ބާބުގައިވާ ގޮތުގެ މަތީންނެވެ.
27ވަނަ މާއްދާ: އިންޓަރންޝިޕްގެ ފުރުޞަތު
(ހ) ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ތެރެއިން ޢަމަލީ ތަޖުރިބާ ބޭނުންވާ ފަރާތްތަކަށް ވަޒީފާދޭ އިދާރާތަކުގެ ތެރެއިން ވަޒީފާ ހަމަޖެއްސުމަށް ތައްޔާރުވެފައިވާ ތަންތަނުގެ އިންޓަރންޝިޕްގެ ފުރުޞަތު ފަހިކޮށްދީފައި އޮންނަންވާނެއެވެ.
(ށ) އިންޓަރންޝިޕް ފުރުޞަތު، ކިޔަވާ ދަރިވަރުންނަށާއި އިދާރާއެއްގައި މަސައްކަތްކޮށް ތަޖުރިބާ ހޯދުމަށް ބޭނުންވާ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ހަމަހަމަކަމާއެކު ލިބިދޭންވާނެއެވެ.
(ނ) އިންޓަރންޝިޕް ފުރުޞަތު ދެވޭނީ، ވަޒީފާ އަދާކުރުމަށް ޝައުޤުވެރިކަން ހުރި، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފުތަރުގައި ދަފުތަރުވެފައިވާ ފަރާތްތަކުގެ ތެރެއިން ކޮމްޕިޓެންސީ ޕްރޮފައިލް ހަދައިފައިވާ ފަރާތްތަކަށެވެ.
(ރ) ވަޒީފާ ހަމަޖެއްސުމަށް ތައްޔާރުވެފައިވާ ތަންތަނުގައި އިންޓަރންޝިޕް ފުރިހަމަކުރުމުގެ ފުރުޞަތު އޮތްތޯ ބަލައި، މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ފަރާތްތަކުގެ ތެރެއިން
އެ ފަދަ ފުރުޞަތަކަށް އެކަށީގެންވާ ފަރާތްތައް ދެނެގަތުގެ މަސައްކަތް ކުރާނީ، މިނސްޓްރީ މެދުވެރިކޮށް، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާ ދިނުމުގައި ބޭނުންވާ ފަންނީ ލަފާދޭ ކޮމެޓީގެ ލަފާގެ މަތީން، އެ ތަނަކުންނެވެ.
(ބ) އިންޓަރންޝިޕްގެ ފުރުޞަތު ފަހިކޮށްދިނުމުގައި ވަޒީފާ ހަމަޖެއްސުމަށް ތައްޔާރުވެފައިވާ ތަންތަންކަން ކަށަވަރުކުރަންވާނެއެވެ.
-1 ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް މި އިންޓަރންޝިޕްތަކަށް ހަމަހަމަކަމާއެކު ކުރިމަތިލުމުގެ ފުރުޞަތު ލިބިދެވޭކަން؛
-2 އިންޓަރންޝިޕަށް ކުރިމަތިލާ ފަރާތްތަކުގެ މެދުގައި ވާދަވެރިކަން އޮތްނަމަ، އިންޓަރންޝިޕް ހަމަޖައްސައިދެވެނީ އިދާރާއަކުން ކަނޑައަޅާ މިންގަނޑެއްގެ ތެރެއިން ދެވޭ އެސެސްމެންޓް/ޕްރެކްޓިކަލްއަކުން ހޮވޭ އެންމެ ޤާބިލު ފަރާތަށްކަމާއި، އެސެސްމަންޓް/ޕެރެކްޓިކަލްއެއް ފުރިހަމަކުރުމުގެ ޤާބިލުކަން ނެތް ފަރާތްނަމަ، އިންޓަވިއުން ހޮވޭ އެންމެ ޤާބިލު ފަރާތަށްކަން؛
-3 އިންޓަރންޝިޕްގެ ފުރުޞަތު ފޯރުކޮށްދެވެނީ ކޮމްޕިޓެންސީ ޕްރޮފައިލަށް ބިނާކޮށްކަން؛
-4 ވަޒީފާ ހަމަޖެއްސުމަށް ތައްޔާރުވެފައިވާ ތަންތަނުގައި އިންޓަރންޝިޕް ފުރުޞަތުތަކުގައި އުޖޫރަ ދިނުމުގައި ގެންގުޅޭ އުސޫލުތަކާ އެއްގޮތަށް އުޖޫރަދޭންވާނެއެވެ.
(ޅ) އިންޓަރންޝިޕްގެ ގޮތުގައި ހޯދާ ތަޖުރިބާ، ވަޒީފާތަކުގެ އަސާސީ ޝަރުޠު ހަމަކުރުމަށް ބަލައިގަނެވިދާނެއެވެ.
(ކ) އިންޓަރންޝިޕް ހަމަޖެއްސުމުގެ ކުރިން އިންޓަރންޝިޕްގެ ފުރުޞަތުދޭ އިދާރާއާއި ނުކުޅެދުންތެރިކަން ހުންނަ މީހުން ހިމެނޭގޮތުން އިންޓަރންޝިޕާ ގުޅޭ ތިރީގައިވާ ކަންކަމާމެދު އެއްބަސްވުމަށްފަހު އެ މަޢުލޫމާތު ހިމެނޭ އިންޓަރންޝިޕް އެގްރިމެންޓެއް އެކުލަވައިލާންވާނެއެވެ.
-1 އިންޓަރންޝިޕްގެ ވަގުތާއި މުއްދަތު؛
-2 ސުޕަވައިޒްކުރާނެ ފަރާތުގެ މަޢުލޫމާތު؛
-3 އިންޓަރންގެ މަސްއޫލިއްޔަތުތައް؛
-4 އެއްބަސްވުމުގެ ބައިވެރިންގެ ޒިންމާތައް (އިންޓަރން އަދި އިދާރާ)
-5 ސްކިލްސް އިވެލުއޭޓްކޮށް މަސައްކަތުގެ ފެންވަރު ބަލާނެ ގޮތްތަކާއި، ގަވާއިދުން ފީޑްބެކް ދިނުމުގެ އިންތިޒާމުތައް؛
-6 ތަމްރީނު ދެވޭނެ ގޮތްތަކާއި އެކަމުގެ ޕްލޭން.
(އ) ކަނޑައެޅިފައިވާ އެއްބަސްވުމާ އެއްގޮތަށް އިންޓަރންޝިޕް ފުރިހަމަކުރާ ފަރާތްތަކަށް އެކަން އަންގައި، ތިރީގައިވާ މަޢުލޫމާތު ހިމެނޭހެން މަސައްކަތުގެ ތަޖުރިބާގެ ލިޔުމެއް އިދާރާއިން ދޫކުރަންވާނެއެވެ.
-1 އިންޓަރންޝިޕްގެ މަޢުލޫމާތު؛
-2 އަދާކުރި މަސްއޫލިއްޔަތު؛
-3 އިންޓަރންޝިޕްގެ މުއްދަތުގައި އިންޓަރންގެ މަސައްކަތުގެ ފެންވަރާމެދު ދެކޭ ގޮތް؛
-4 މަސައްކަތް ކުރުމުގައި އިންޓަރން ބޭނުންކޮށްފައިވާ ހުނަރުތަކާއި ދައްކުވައިދީފައިވާ ޤާބިލުކަން.
ހަތްވަނަ ބާބު
ވަޒީފާއަށް ހޮވުމާއި ވަޒީފާއަށް އައްޔަނުކުރުމާބޭހޭ އާންމު އުސޫލުތައް
28ވަނަ މާއްދާ: މީހުން ހޮވުމާއި އައްޔަނުކުރުމުގެ މިންގަނޑު
(ހ) ވަޒީފާ ދިނުމަށް ތައްޔާރުވެފައިވާ ތަންތަން މެދުވެރިކޮށް ވަޒީފާއަށް މީހުން ހޮވުމާއި ވަޒީފާއަށް އައްޔަނުކުރުމުގެ ކަންކަން ކުރިޔަށްގެންދާނީ، އެ އިދާރާއަކުން ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަނުކުރުމުގެ މިންގަނޑުތަކާއި އުސޫލުތަކަކީ މައިގަނޑު އަސާސްކަމުގައި ބަލައިގެން،
މި ގަވާއިދުގައި ބަޔާންކޮށްފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަނުކުރުމުގެ މިންގަނޑުތައް ބަޔާންކުރާ އުސޫލުތައް، މި ގަވާއިދަށް ޢަމަލުކުރަން ފަށާތާ
3 (ތިނެއް) މަސްދުވަހުގެ ތެރޭގައި މިނސްޓްރީން އާންމުކުރަންވާނެއެވެ.
(ނ) ނުކުޅެދުންތެރިކަމުގެ ހާލަތްތަކަކީ ވަރަށް ފުޅާ އަދި އެހާމެ ގިނަ ހާލަތްތަކަކަށް ވުމުން، ވަޒީފާއަށް މީހުން ހޮވުމުގެ މަރުޙަލާތަކުގައި ގެންނަންޖެހޭ ސަބަބުވެރި ބަދަލުތައް ދެނެގަނެ، އެ ބަދަލުތައް އެ އިދާރާއަކުން ގެންނަންވާނެއެވެ.
(ރ) ސަބަބުވެރި ބަދަލުތައް ގެނައުމަށް ފަސޭހަކުރުމުގެ ގޮތުން މި ގަވާއިދަށް ޢަމަލުކުރަން ފަށާތާ 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި އާންމު އިރުޝާދުތައް މިނިސްޓްރީން އާންމުކުރަންވާނެއެވެ.
(ބ) އާންމު ހާލަތާ އެއްގޮތަށް ނުވަތަ ފަހި ފުރުޞަތުގެ ތެރެއިން މެދުވެރިކޮށް ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ފަރާތްތަކުގެ ނުކުޅެދުންތެރިކަމާ ގުޅޭގޮތުން ބޭނުންވާ އިތުރު ސަބަބުވެރި ބަދަލެއް އޮތްނަމަ، އެކަމެއް ބަޔާންކޮށްފައި ހުށަހެޅުމުން، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާ ދިނުމުގައި ބޭނުންވާ ފަންނީ ލަފާދޭ ކޮމެޓީގެ ލަފަޔާއެކީ
އެ ހުށަހެޅުމަކާ ގުޅޭގޮތުން ގޮތެއް ނިންމައި ހަމަޖައްސަންޖެހޭ އިންތިޒާމުތައް އެ އިދާރާއަކުން ހަމަޖައްސަންވާނެއެވެ.
(ޅ) އިންޓަރންޝިޕް ފުރުޞަތު ފަހިކޮށްދިނުމުގައި ސަބަބުވެރި ބަދަލުތައް ގެންނަންޖެހޭ ހާލަތްތަކުގައި ޢަމަލުކުރާނީ މި މާއްދާގައިވާ ގޮތުގެ މަތީންނެވެ.
(ކ) އިޢުލާނުކޮށްފައިވާ މަގާމަށް، ނުކުޅެދުންތެރިކަން ހުންނަ މީހަކު ކުރިމަތިލައިފައިވާނަމަ، ނުވަތަ ކުރިމަތިލުމަށް ޝައުޤުވެރިކަން ފާޅުކޮށްފިނަމަ، ކުރިމަތިލައިފައިވާ ފަރާތްތަކަށް ބޭނުންވާ ސަބަބުވެރި ބަދަލެއް (ރީޒަނަބަލް އެޖަސްޓްމަންޓެއް) އޮތްތޯ ބަލައި،
އެ އިންތިޒާމު ފަހިކޮށްދޭންވާނެއެވެ.
(އ) ސަބަބުވެރި ބަދަލުތައް ގެނައުމުގައި، ކުރިމަތިލައިފައިވާ ފަރާތުގެ ނުކުޅެދުންތެރިކަމަށް ރިޢާޔަތްކޮށް، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާ ދިނުމުގައި ބޭނުންވާ ފަންނީ ލަފާދޭ ކޮމެޓީން ދޭ ލަފަޔާ އެއްގޮތަށް އިދާރާތަކުން ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަނުކުރުމުގެ އުސޫލުގައި ބަޔާންކޮށްފައިވާ ތިރީގައިވާ ކަންކަން މުރާޖާ ކުރަންވާނެއެވެ.
-1 ރެކްރޫޓްމަންޓް މަރުޙަލާތައް ފުރިހަމަކުރުމަށް ވަކި ޚާއްޞަ އާލާތެއް ނުވަތަ ޓެކްނޮލޮޖީގެ ވަސީލަތެއް ބޭނުންވާނަމަ، އެފަދަ އާލާތެއް ނުވަތަ ވަސީލަތެއް ބޭނުންކުރުމުގެ ފުރުޞަތު ފަހިކޮށްދިނުން؛
-2 ރެކްރޫޓްމަންޓް މަރުޙަލާގައި ހިމެނޭ ކަމެއް ނުވަތަ ދެވޭ މަޢުލޫމާތެއް އިތުރަށް އޮޅުންފިލުވައިދީ ސާފުކޮށްދޭންޖެހޭނަމަ، ނުވަތަ ތަރުޖަމާ ކޮށްދޭން ޖެހޭނަމަ، އެކަމުގެ އިންތިޒާމު ހަމަޖައްސައިދިނުން؛
-3 ލިޔުމުންނާއި އަނގަބަހުން ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަކުރުމަށް އެހެން އިންތިޒާމުތަކެއް ބޭނުންވާނަމަ، އެ ކަމެއްގެ މަގުސަދު ހާސިލުވާނޭހެން، ނުކުޅެދުންތެރިކަން ހުންނަ ފަރާތަށް ބޭނުންވާ ބަދަލު އިންތިޒާމު ހަމަޖައްސައިދިނުން.
(ވ) ސަބަބުވެރި ބަދަލަކީ އެ ކަމެއް ފަހިކޮށްދިނުމަށް ޚަރަދު ހިނގާ ކަމެއްނަމަ، އެފަދަ އިންތިޒާމަކަށް ހިނގާ ޚަރަދަށް އެ ތަނަކުން ގެންނަންޖެހޭ ބަދަލުތަކާ ގުޅިގެން ހިނގާނެ ޚަރަދުތައް އެ ތަނެއްގެ އަހަރީ ބަޖެޓުގައި ހިމަނައިގެން ކުރެވިދާނެއެވެ. ނަމަވެސް،
އެ ޚަރަދަކީ ނުކުޅެދުންތެރިކަން ހުންނަ މީހާއަށް ބޭނުންވާ އާލާތެއް ނުވަތަ އެހެނިހެން ކަމެއްނަމަ، އެ ކަމަކަށް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީގައި އެދެވިދާނެއެވެ.
29ވަނަ މާއްދާ: ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާ ދިނުމުގެ މަރުޙަލާތަކުގައި ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން
(ހ) ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ޚާއްޞަކޮށްގެން ކުރާ އިޢުލާނުތައް ތައްޔާރުކޮށްފައި ހުންނަންވާނީ، އެ ފަރާތްތަކަށް އޭގައިވާ މަޢުލޫމާތުތައް ދެނެގަނެވޭ ގޮތަށެވެ. އެގޮތުން ދިވެހި ސަރުކާރުގެ ގެޒެޓުގައި އިޢުލާނު ޝާއިޢުކުރުމާއެކު ދިވެހިރާއްޖޭގެ އަޑު މެދުވެރިކޮށް އިއުލާނު ކުރަންވާނެވެ. މީގެ އިތުރުން، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުގައި މަސައްކަތްކުރާ ޖަމުޢިއްޔާތަކަށާއި ޖަމާޢަތްތަކަށް ފޮނުވުމާއި، އެފަދަ ޖަމާޢަތްތަކުން މުޢާމަލާތުކުރުމަށް ބޭނުންކުރާ އިލެކްޓްރޯނިކް ޕްލެޓްފޯމްތަކަށް ފޮނުވުމާއި، ތަފާތު އެހެނިހެން ވަސީލަތްތައް ބޭނުންކުރުމަކީ މުހިންމު ކަމެކެވެ. އަދި ވަޒީފާއަށް އެދި ދަފުތަރުކޮށްފައިވާ ފަރާތްތަކަށް
މި ފުރުޞަތު ހުޅުވައިލެވިފައިވާކަން، ވަޒީފާއެއް އޮތް ތަނަކުން އަންގަންވާނެއެވެ. އަދި ވަޒީފާއަށް އިޢުލާނުކޮށްފައިވާ ގޮތަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އެ ވަޒީފާއަކަށް ކުރިމަތިލުމަށް އޮތް ހުރަހަކަށް ވެގެން ނުވާނެއެވެ.
(ށ) ވަޒީފާއަށް ކުރިމަތިލުމަށް އެދޭ ފަރާތުން ވަޒީފާއަށް އެދޭ ފޯމު ފުރިހަމަކުރުމާއި، އެ ފޯމު ހުށަހެޅުމާއި ބަލައިގަތުމުގައި ބޭނުންވާ އެހީތެރިކަމަށް އެ ފަރާތުން އެދިއްޖެ ހިނދެއްގައި
އެ އިދާރާއަކުން ފޯރުކޮށްދޭންވާނެއެވެ.
(ނ) ހުނަރު ވަޒަންކުރުމަށް ކުރިޔަށްގެންދާ މަރުޙަލާތަކުގައި (އެސެސްމަންޓާއި، ޕްރެޒެންޓޭޝަނާއި، އިންޓަވިއު) ތިރީގައިވާ ކަންކަން ރިޢާޔަތް ކުރަންވާނެއެވެ.
-1 އެ މަރުޙަލާއަކާ ގުޅޭ މަޢުލޫމާތު، ކުރިމަތިލައިފައިވާ ހުރިހާ ފަރާތްތަކަށް ސާފުކޮށް އެނގޭގޮތަށް އެކަށީގެންވާ ވަގުތު އޮއްވައި ފޯރުކޮށްދެވިފައިވާކަން؛
-2 އެ މަރުޙަލާއެއް ފުރިހަމަކުރުމަށް ކަނޑައަޅައިފައިވާ ވަގުތަކީ ވަޒީފާއަށް ކުރިމަތިލައިފައިވާ، ނުކުޅެދުންތެރިކަން ހުންނަ ފަރާތަށް އެކަށީގެންވާ ވަގުތެއްކަން؛
-3 އެ މަރުޙަލާއެއް ފުރިހަމަކުރުމުގެ ތެރެއިން، ވަޒީފާއަށް ކުރިމަތިލައިފައިވާ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ބޭނުންވާ އިންތިޒާމުތައް (ހުސްވަގުތުކޮޅު، ތަރުޖަމާނެއްގެ އެހީތެރިކަން، ސުވާލު ދެނެގަތުމާއި ޖަވާބު ރިކޯޑުކުރުމުގައި ބޭނުންވާ ބަދަލު އިންތިޒާމު) ހަމަޖެއްސިފައިވާކަން.
30ވަނަ މާއްދާ: ފަހި ފުރުޞަތުތަކުގެ ތެރެއިން ވަޒީފާއަށް މީހުން ހޮވުން
(ހ) ފަހި ފުރުޞަތަށް ޚާއްޞަކޮށްގެން ވަޒީފާއަކަށް ކުރިމަތިލުމަށް ހުޅުވައިލާނީ، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ތެރެއިން ވަޒީފާއަށް އެދޭ މީހުންގެ ދަފުތަރުގައި ދަފުތަރުވެފައިވާ މީހުންގެ މެދުގައި ވާދަކުރާ ގޮތަށެވެ. މިގޮތަށް ހުޅުވައިލެވޭ ފުރުޞަތާ ގުޅޭ މަޢުލޫމާތު އެ ފަރާތްތަކާ ހިއްސާކުރާނީ، ވަޒީފާއަށް އިޢުލާނުކުރާ ތަނެއްގެ ވަޒީފާގެ ފުރުޞަތުތަކާ ގުޅޭ، ތިރީގައި ބަޔާންކޮށްފައިވާ މަޢުލޫމާތުތަކެވެ.
-1 ވަޒީފާދޭ ފަރާތް؛
-2 މަގާމުގެ ނަމާއި، މުސާރައާއި، އެލަވަންސް؛
-3 މަގާމަށް ކުރިމަތިލުމުގެ ޝަރުޠުތަކާއި، މަގާމުގެ މައިގަނޑު މަސްއޫލިއްޔަތުތައް؛
-4 މަގާމަށް ބޭނުންވާ އަސާސީ ހުނަރާއި ޤާބިލުކަން؛
-5 މަގާމަށް ކުރިމަތިލާ ފަރާތްތަކުން ހުށަހަޅަންޖެހޭ ލިޔެކިޔުންތައް.
(ށ) ވަޒީފާއަށް ކުރިމަތިލުމުގެ ސުންގަޑި ހަމަވުމުން، އެ ވަޒީފާއަށް ޝައުޤުވެރިކަން ފާޅުކޮށް ކުރިމަތިލައިފައިވާ ފަރާތްތައް ސްކްރީން ކުރަންވާނެއެވެ. މި ގޮތުން ސްކްރީން ކުރުމުގައި ބަލާނީ އަންނަނިވި ކަންކަމަށެވެ.
-1 ވަޒީފާއަށް އައްޔަނުކުރުމުގެ އަސާސީ ޝަރުޠުތައް ފުރިހަމަވާ މީހެއްކަމުގައި ވުން (މި ޝަރުޠުތައް ފުރިހަމަވޭތޯ ބެލުމުގައި އަސާސީ ފެންވަރު ދެނެގަންނާނީ، ކޮމްޕިޓެންސީ ޕްރޮފައިލުގައި ހިމެނޭ މަޢުލޫމާތަށް ބިނާކޮށެވެ.)؛
-2 މަގާމަށް ކަނޑައަޅައިފައިވާ އަސާސީ ހުނަރާއި ޤާބިލުކަން، މަގާމަށް ކުރިމަތިލައިފައިވާ ފަރާތުގެ ކިބައިގައި ހުރިކަން.
(ނ) ފަހި ފުރުޞަތުން ވަޒީފާ ހަމަޖައްސާއިރު، މަގާމަށް ކަނޑައަޅައިފައިވާ އަސާސީ ޤާބިލުކަން ހުރިކަން ދެނެގަންނާނީ ކޮމްޕިޓެންސީ ޕްރޮފައިލަށް ބިނާކޮށެވެ.
(ރ) ވަޒީފާއަށް ކުރިމަތިލައިފައިވާ ފަރާތްތައް ސްކްރީންކޮށް ނިމުމުން، ސްކްރީނިންގ މަރުޙަލާއިން ނުހޮވޭ ފަރާތްތަކަށް، އެ ފަރާތްތަކުގެ އެޕްލިކޭޝަން ނުހޮވުނު ސަބަބު ތަފުސީލުކޮށް އަންގަންވާނެއެވެ.
(ބ) ސްކްރީނިންގ މަރުޙަލާއިން ހޮވޭ ފަރާތްތަކުގެ ތެރެއިން އެ މަގާމަށް އެންމެ ޤާބިލު ފަރާތް ކަނޑައަޅާނީ، އެ ފަރާތްތަކުގެ މެދުގައި އިންޓަވިއުކޮށްގެންނެވެ. އަދި ސްކްރީނިންގ މަރުޙަލާއިން އެންމެ ފަރާތެއް ހޮވުނު ނަމަވެސް، އެ ފަރާތަކީ މަގާމަށް ޤާބިލު ފަރާތެއްތޯ ބެލުމަށް އިންޓަވިއު ކުރަންވާނެއެވެ.
(ޅ) އިންޓަވިއު ކުރިޔަށް ގެންދިއުމުގައި، ކުރިމަތިލައިފައިވާ ފަރާތްތަކުގެ ނުކުޅެދުންތެރިކަމުގެ ސަބަބުން އެ ފަރާތަށް ބޭނުންވާ ސަބަބުވެރި ބަދަލެއް އޮތްނަމަ، އެ ބަދަލެއް ހަމަޖައްސައިދޭންވާނެއެވެ.
(ކ) ވަޒީފާއަށް މީހުން ހޮވުމުގައި ޢަމަލުކުރާނެ ގޮތުގެ އާންމު މިންގަނޑެއް (ސްކްރީން ކުރުން، އިންޓަވިއު، ޕްރެޓިކަލް، މާކްސް ދިނުން) މި ގަވާއިދަށް ޢަމަލުކުރަން ފަށާތާ 6 (ހައެއް) މަސްދުވަހުގެ ތެރޭގައި މިނިސްޓްރީން އެކުލަވައިލަންވާނެއެވެ.
(އ) ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ދެނެގަނެވުމުން، އެންމެ ޤާބިލުކަމަށް އެ ފަރާތް ކަނޑައެޅުނުކަން އަންގަންވާނެއެވެ. އަދި އެ މަގާމަށް ކުރިމަތިލައިފައިވާ އެހެން ފަރާތަކުގެ އެޕްލިކޭޝަން ނުހޮވޭކަން އެ ފަރާތްތަކަށް އަންގަންވާނެއެވެ.
(ވ) ވަޒީފާއަށް އެންމެ ޤާބިލު ފަރާތް ވަޒީފާއަށް އައްޔަނުކުރުމުގެ ކުރިން، އެ ވަޒީފާ އަދާކުރުމަށް ބޭނުންވާ ސަބަބުވެރި ބަދަލުތަކެއްވާނަމަ، ވަޒީފާއަށް ހޮވުނު ފަރާތާ މަޝްވަރާކޮށްގެން
އެ ތަނެއްގައި އެއްބަސްވާންވާނެއެވެ. ވަޒީފާއަށް އައްޔަނުކޮށްގެން އެ ވަޒީފާގައި
އެ ފަރާތް ގެންގުޅެންވާނީ އެ ކަންކަން ކަށަވަރުކުރުމަށްފަހުގައެވެ. އަދި ވަޒީފާ އަދާކުރާ މުއްދަތުގައި، ވަޒީފާގެ މަސްއޫލިއްޔަތު ފުރިހަމަޔަށް އަދާކުރުމުގެ ގޮތުން ބޭނުންވާ އިތުރުކަމެއް ހުށަހަޅައިފިނަމަ، ދެފަރާތުން މަޝްވަރާކޮށް، އެއްބަސްވާ ގޮތެއްގެ މަތީން އިންތިޒާމުތައް ހަމަޖައްސައިދޭންވާނެއެވެ.
(މ) ފަހި ފުރުޞަތުގެ މަގުން ވަޒީފާއަށް މީހުން އައްޔަނުކުރުމާ ގުޅޭގޮތުން މި ގަވާއިދުގައި ބަޔާންކޮށްފައިނުވާ ކަމެއްގައި ގޮތެއް ނިންމާނީ، މި ގަވާއިދުގެ މަގުސަދާ ފުށުނާރާނޭހެން އަދި އެ އިދާރާއާއި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ޙައްޤުތައް އެންމެ ފުރިހަމައަށް ކަށަވަރުކުރެވޭ ގޮތެއްގެ މަތީން، އެ އިދާރާއަކުންނެވެ. އަދި މިކަމުގައި ޑިސްއެބިލިޓީ އެޑްވައިޒަރީ ކޮމެޓީގެ ލަފާ ބޭނުންވާނަމަ، އެކަމަށް އެދި ހުށަހެޅިދާނެއެވެ.
އަށްވަނަ ބާބު
ވަޒީފާގައި ދެމިހުރުމަށް ހަމަޖައްސާ ސަބަބުވެރި ބަދަލުތައް
31ވަނަ މާއްދާ: ފަސޭހަ ފިޔަވަޅުތައް
(ހ) އިދާރާތަކުގެ މުވައްޒަފުންގެ ތެރެއިން ނުކުޅެދުންތެރިކަން ހުންނަ ކޮންމެ މުވައްޒަފަކަށް
އެ މުވައްޒަފެއްގެ ހުރި ނުކުޅެދުންތެރިކަމަކާ ގުޅިގެން ބޭނުންވާ އެކަށީގެންވާ މަޝްވަރާގެ މަތީން އެ ކަމާމެދު ގޮތެއް ނިންމައި، އެ ހުށަހެޅުމަކާ ގުޅިގެން ހަމަޖައްސަންޖެހޭ ސަބަބުވެރި ބަދަލުތައް ހަމަޖައްސަންވާނެއެވެ.
(ށ) ވަޒީފާ އަދާކުރުމަށް ކަނޑައެޅިފައިވާ ތަނާއި، ޢަމަލުކުރަންޖެހޭ އުސޫލުތަކާއި، ކަނޑައެޅިފައިވާ އިންތިޒާމުތަކަކީ މުވައްޒަފެއްގެ ހުރި ނުކުޅެދުންތެރިކަމެއްގެ ސަބަބުން އެހެން މުވައްޒަފުންނާ އަޅައިކިޔާއިރު އެ މުވައްޒަފަކަށް ބުރައަކަށްވާނަމަ، އެކަން ޙައްލުކުރުމަށް އެ އިދާރާއަކުން ފިޔަވަޅުތައް އަޅަންވާނެއެވެ.
(ނ) ވަޒީފާ އަދާކުރާ މުވައްޒަފުންނަށް ސަބަބުވެރި ބަދަލު ހަމަޖެއްސުމުގައި އިދާރާތަކުން ރިޢާޔަތްކުރަންވާނީ، އެ އިންތިޒާމަކީ ނުކުޅެދުންތެރިކަން ހުންނަ މުވައްޒަފަށް އެޔާ ނުލައި ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރުމަށް ދަތިވާ އިންތިޒާމަކަށް ވާނަމައެވެ. މިފަދަ އިންތިޒާމުތަކުގެ ތެރޭގައި، މުވައްޒަފުން ވަޒީފާ އަދާކުރާ ގޮތާއި، ތަނަށް ގެންނަ ބަދަލުތައް ހިމެނެއެވެ.
(ރ) ވަޒީފާގައި ދެމިހުރުމަށް ހަމަޖައްސާ ސަބަބުވެރި ބަދަލުތައް ދެފަރާތުން އެއްބަސްވާގޮތެއްގެ މަތީން ލިޔެ ފައިލުކޮށްފައި އޮންނަންވާނެއެވެ. އަދި މިގޮތުން އެއްބަސްވާ ބަދަލުތަކަށް އުނިއިތުރެއް ގެންނަން ޖެހިއްޖެ ހާލަތެއްގައި، އެންމެ ފަހުގެ އެއްބަސްވުން ލިޔެފައި އޮންނަންވާނެއެވެ.
32ވަނަ މާއްދާ: ކޯޗުކުރުމާއި މެންޓަރ ކުރުމާއި ތަމްރީނު ދިނުން
(ހ) ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރުމުގައި ނުކުޅެދުންތެރިކަން ހުންނަ މުވައްޒަފުންނަށް ދިމާވާ ގޮންޖެހުންތައް ދެނެގަނެ، އެ ގޮންޖެހުންތަކުން އަރައިގަތުމަށާއި މަސައްކަތުގެ މާޙައުލަށް އަހުލުވެރިވުމަށް އެ މުވައްޒަފެއްގެ ޤާބިލުކަން ހުރި މިންވަރަކުން ފުރުޞަތުތައް އިދާރާއިން ފަހިކޮށްދޭންވާނެއެވެ.
(ށ) މުވައްޒަފަކީ އެ މަސައްކަތް ކުރުމަށް ޤާބިލު ފަރާތަކަށް ވެފައި، އެ މުވައްޒަފަށް ބޭނުންވަނީ މަސައްކަތުގެ އައު މާޙައުލަކަށް ހޭނި، އެ މުވައްޒަފެއްގެ ޤާބިލުކަން އެންމެ ފުރިހަމަޔަށް ދައްކުވައިދިނުމަށް ހުރި ހުރަސްތައް މަދުކުރުން ކަމަށް ވާނަމަ، އެ ގޮންޖެހުންތަކުން އަރައިގަތުމަށް ހަދާނެ ގޮތްތަކާއި ކުރާނެ ކަންކަން އެ މުވައްޒަފަށް ބުނެދޭންވާނެއެވެ.
(ނ) މުވައްޒަފަކީ އެ މަސައްކަތް ކުރުމަށް ބޭނުންވާ އަސާސީ ޤާބިލުކަމާއި ސިފަތައް ހުރި ފަރާތަކަށްވީ ނަމަވެސް، އެ މަސައްކަތްކުރަންޖެހޭ ގޮތްތާއި ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރަންވީގޮތް ބުނެދޭންޖެހޭނަމަ، އެ މުވައްޒަފަކަށް މެންޓަރިންގގެ ފުރުޞަތުތަކާއި ތަމްރީނުގެ ފުރުޞަތު ފަހިކޮށްދޭންވާނެއެވެ.
(ރ) މުވައްޒަފުގެ ޤާބިލުކަން އިތުރުކޮށް، ވަޒީފާގެ މަސްއޫލިއްޔަތު ފުރިހަމަޔަށް އަދާކުރުމަށް މުވައްޒަފަށް ބޭނުންވާ އެހީތެރިކަމަކީ ކޮބައިކަން ވަޒީފާއަށް އައްޔަނުކުރުމުގެ ކުރިންނާއި ވަޒީފާއަށް އައްޔަނުކުރުމަށްފަހުގައި ގަވާއިދުން ބަލައި އެ އިދާރާއަކުން ފޯރުކޮށްދޭންވާނެއެވެ. މިގޮތަށް ފޯރުކޮށްދެވޭ ކޮންމެ އެހީތެރިކަމަކީ އަދި އެއާ ގުޅޭ ނިންމުންތަކަކީ މުވައްޒަފުގެ ބައިވެރިވުމާއި އެއްބަސްވުން ހޯދައިގެން ނިންމޭ ނިންމުމެއް ކަމުގައި ވާންވާނެއެވެ.
ނުވަވަނަ ބާބު
ފެންވަރު ބެލުމާއި ޝަކުވާ ހުށަހެޅުން
33ވަނަ މާއްދާ: މަސައްކަތުގެ ފެންވަރު ބެލުން
(ހ) މުވައްޒަފުންގެ މަސައްކަތްކުގެ ފެންވަރު ގަވާއިދުން މޮނިޓަރކޮށް، ރަނގަޅަށް ކުރެވޭ ކަންކަމާއި، އިޞްލާޙުކުރަންޖެހޭ ކަންކަމާއި، މަސައްކަތް އިތުރަށް ފުރިހަމަކުރެވިދާނެ ގޮތުގެ ފީޑްބެކް، ޑިސްއެބިލިޓީ ލިޔޭޒަން އޮފިސަރުގެ އެހީތެރިކަމާއެކު، ސުޕަވައިޒަރު،
އެ މުވައްޒަފަށް ދޭންވާނެއެވެ.
(ށ) ފީޑްބެކް ދިނުމުގެ ނިޒާމު ބިނާކުރަންވާނީ، ކޮންމެ މުވައްޒަފެއްގެ ނުކުޅެދުންތެރިކަމުގެ ހާލަތަށް ރިޢާޔަތްކުރެވިގެންނެވެ. މިގޮތުން އެ މުވައްޒަފެއްގެ މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމަކީ ފޯމަލް، ނުވަތަ ސެމީ-ފޯމަލް ނުވަތަ އިންފޯމަލް ޕްރޮސެސްއެއްތޯ ކަނޑައެޅުމާއި، ލިޔުމުން ނުވަތަ އަނގަބަހުން ފީޑްބެކް ދިނުން ނުވަތަ އެހެން ގޮތަކުން މި ނިޒާމުގެ ތެރެއަށް ގެންނަންޖެހޭ ސަބަބުވެރި ބަދަލުތަކަކީ ކޮބައިކަން އެ އިދާރާއަކުން ދެނެގަނެ، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާ ދިނުމުގައި ބޭނުންވާ ފަންނީ ލަފާދޭ ކޮމިޓީއަށް ހުށަހަޅަންވާނެއެވެ.
34ވަނަ މާއްދާ: ޝަކުވާ ހުށަހެޅުން
(ހ) ވަޒީފާއާ ގުޅޭ އެއްވެސް މައްސަލައެއްގައި ހިތްހަމަނުޖެހުމެއް ނުވަތަ ޝަކުވާއެއް އޮތްނަމަ، އެ ޝަކުވާއެއް ފުރަތަމަ ހުށަހަޅާނީ، ވަޒީފާދޭ ތަނަކަށެވެ.
(ށ) އިދާރާތަކުން ބަލާ ޝަކުވާގެ މައްސަލަތައް ބަލައި ޙައްލުކުރަންޖެހޭ ކަންކަން ޙައްލުކުރުން ކުރިޔަށްގެންދާނީ، އެ އިދާރާގައި ޤާއިމުވެފައިވާ އިދާރީ އިންތިޒާމުތަކުގެ ތެރެއިންނެވެ.
(ނ) ހުށަހަޅާ ޝަކުވާއަކާ ގުޅޭގޮތުން ފަންނީ ލަފައެއް ބޭނުންވެއްޖެނަމަ، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާ ދިނުމުގައި ބޭނުންވާ ފަންނީ ލަފާދޭ ކޮމެޓީގައި އެފަދަ ލަފަޔަކަށް އެދެވިދާނެއެވެ.
(ރ) މި މާއްދާގެ (ހ) އާއި، (ށ) އާއި (ނ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ޤާނޫނު ނަންބަރު 2010/8 (ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ޤާނޫނު) ގެ ދަށުން މައްސަލަތަކާއި ޝަކުވާތައް ހުށަހެޅުމަށް ކަނޑައަޅައިފައިވާ ގޮތުގެ މަތީން މައްސަލަތަކާއި ޝަކުވާތައް ހުށަހެޅުމަށް މި ގަވާއިދު ހުރަހެއްނާޅައެވެ.
ދިހަވަނަ ބާބު
އެހެނިހެން މާއްދާތައް
35ވަނަ މާއްދާ: މާނަކުރުން
މި ގަވާއިދުގައި ޢިބާރާތެއް ނުވަތަ ލަފުޒެއް ބޭނުންކޮށްފައިވާ ގޮތުން ކަނޑައެޅިގެން އެހެން މާނައެއް ދޭހަނުވާހައި ހިނދަކު، އަންނަނިވި ޢިބާރާތްތަކާއި ލަފުޒުތަކަށް ދީފައި އެވަނީ، އެ ޢިބާރާތްތަކާއި ލަފުޒުތަކަށް ތިރީގައިވާ އަކުރުތަކުގައި ދީފައިވާ މާނަކުރުމެވެ.
(ހ) "ވަޒީފާ ދިނުމަށް ތައްޔާރުވެފައިވާ ތަން" ކަމަށް ބުނެފައި އެވަނީ، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާ ހަމަޖެއްސުމަށް ތައްޔާރުވެފައިވާ ވަޒީފާދޭ ތަންތަނަށެވެ.
(ށ) "ޑިސްއެބިލިޓީ ލިޔޭޒަން އޮފިސަރ" ކަމަށް ބަޔާންކޮށްފައި އެވަނީ، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ކަންކަން ވިލަރެސްކޮށްދޭ ފަރާތަށެވެ.
(ނ) "ކޮމްޕިޓެންސީ ޕްރޮފައިލް" ކަމަށް ބަޔާންކޮށްފައި އެވަނީ، ޤާބިލުކަން ވަޒަންކޮށްފައިވާ ގޮތުގެ މައްޗަށް މިނިސްޓްރީން ތައްޔާރުކުރާ ލިޔުމަށެވެ.
(ރ) "ރީޒަނަބްލް އެޖަސްޓްމަންޓް" ނުވަތަ "ސަބަބުވެރި ބަދަލުތައް" ކަމަށް ބަޔާންކޮށްފައި އެވަނީ، ނުކުޅެދުންތެރިކަން ހުންނަ ފަރާތަކުން ވަޒީފާއެއް އަދާކުރުމަށް ޓަކައި
އެ ވަޒީފާ އަދާކުރާ މާޙައުލެއްގައި ނުވަތަ އެ އިދާރާއިން ކޮންމެހެން ފުރިހަމަކުރަންޖެހޭ ކަންތައްތަކަށެވެ.
(ބ) "ފަހި ފުރުޞަތު" ނުވަތަ "ނޮން ކޮމްޕެޓިޓިވް ޕާތުވޭ" ކަމަށް ބަޔާންކޮށްފައި އެވަނީ، ވަޒީފާ ހޯދުމުގައި މި މަގު ޚިޔާރުކޮށްފައިވާ ފަރާތްތަކުގެ ތެރެއިން ވަޒީފާއަށް ބޭނުންވާ ހުނަރާއި ޤާބިލުކަން ލިބިފައިވާކަމަށް ކޮމްޕިޓެންސީ ޕްރޮފައިލުން ދެނެގަނެވޭ ފަރާތްތަކުގެ މެދުގައި ވާދަވެރިކޮށް ހޯދޭ ވަޒީފާގެ ފުރުޞަތަށެވެ.
(ޅ) "އާންމު ހާލަތު" ނުވަތަ "ކޮމްޕެޓިޓިވް ޕާތުވޭ" ކަމަށް ބަޔާންކޮށްފައި އެވަނީ، ވަޒީފާއަށް ޝަރުޠު ހަމަވާ، ނުކުޅެދުންތެރިކަން ހުންނަ މީހުން ވަޒީފާއަށް ކުރިމަތިލައި، ނުކުޅެދުންތެރިކަން ނުހުންނަ މީހުންނާ ވާދަކޮށްގެން ވަޒީފާގެ ފުރުޞަތު ހޯދުމަށެވެ.
(ކ) "މިނިސްޓްރީ" ކަމަށް ބަޔާންކޮށްފައި އެވަނީ، ނުކުޅެދުންތެރިކަން ހުންނަ މީހުންނާބެހޭ އެންމެހައި ސިޔާސަތުތައް ކަނޑައެޅުމަށް ޓަކައި ސަރުކާރުން ހަވާލުކުރާ ވުޒާރާއަށެވެ.
(އ) "މިނިސްޓަރ" ކަމަށް ބަޔާންކޮށްފައި އެވަނީ، ނުކުޅެދުންތެރިކަން ހުންނަ މީހުންނާބެހޭ އެންމެހައި ސިޔާސަތުތައް ކަނޑައެޅުމަށް ސަރުކާރުން ހަވާލުކުރާ ވުޒާރާގެ ވަޒީރަށެވެ.
36ވަނަ މާއްދާ: ގަވާއިދަށް ޢަމަލުކުރަށް ފެށުން
މި ގަވާއިދަށް ޢަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ޝާއިޢުކުރާ ތާރީޚުން ފެށިގެން 1 (އެކެއް) މަސްދުވަސް ހަމަވާ ތާރީޚުން ފެށިގެންނެވެ.


