1ވަނަ މާއްދާ: ތަޢާރުފާއި ނަން
(ހ) މިއީ، ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ ރަށްތަކާއި ސިޓީތަކުގައި އިޖުތިމާޢީ ރައްކައުތެރިކަމާއި އެހީތެރިކަން ބޭނުންވާ ފަރާތްތައް ދެނެގަނެ، އެ ފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދީ، އެ ފަރާތްތަކަށް އިޖުތިމާޢީ ރައްކައުތެރިކަން ކަށަވަރުކޮށްދީ، ޤާނޫނު ނަންބަރު 2019/19 (ކުޑަކުދިންގެ ޙައްޤުތައް ރައްކައުތެރިކުރުމުގެ ޤާނޫނު) އާއި، ޤާނޫނު ނަންބަރު 2012/3 (ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނު) އާއި، ޤާނޫނު ނަންބަރު 2010/8 (ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ޤާނޫނު) އާއި، ޤާނޫނު ނަންބަރު 2014/2 (އިޖްތިމާޢީ ރައްކާތެރިކަމުގެ ޤާނޫނު) އާއި، ޤާނޫނު ނަންބަރު 2000/4 (ޢާއިލާއާބެހޭ ޤާނޫނު) ގައި ބަޔާންކޮށްފައިވާ ކަންކަން ހާސިލު ކުރުމަށް ޓަކައި، މާލެ ސިޓީ ފިޔަވައި މީހުން ދިރިއުޅޭ އެހެން ހުރިހާ ރަށްރަށާއި ސިޓީތަކަށް ޚާއްޞަކޮށްގެން އެކުލަވައިލާ އިޖުތިމާޢީ ބަދަހި މަދަދުވެރިން (އިބަމަ) އެކުލަވައިލުމާއި، އިބަމައިގެ މަސައްކަތްތަކާ ގުޅޭ އެންމެހައި ކަންކަން ބަޔާންކުރާ އުސޫލެވެ.
(ށ) މި އުސޫލަށް ކިޔަނީ، "އިޖުތިމާޢީ ބަދަހި މަދަދުވެރިން (އިބަމަ) ގެ އުސޫލު" އެވެ.
(ނ) "އިބަމަ" އަކީ، ދިވެހިރާއްޖޭގެ މުޖުތަމަޢުތަކުގައި ދިރިއުޅޭ އިޖުތިމާޢީ ރައްކައުތެރިކަމާއި އެހީތެރިކަން ބޭނުންވާ ފަރާތްތައް ދެނެގަނެ، އެ ފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދީ، އެ ފަރާތްތަކަކީ އިޖުތިމާޢީ ރައްކައުތެރިކަން ލިބިފައިވާ ބައެއްކަން ކަށަވަރު ކުރުމަށް ޓަކައި އަޅަންޖެހޭ ރައްކައުތެރިކަމުގެ ފިޔަވަޅުތައް އެޅުމަށާއި، ދުޅަހެޔޮ މުޖުތަމަޢެއް ބިނާކުރުމަށް ޓަކައި އިޖުތިމާޢީ ރައްކައުތެރިކަމަށް މަސައްކަތްކުރާ އެންމެހައި ހިއްސާދާރުން ގުޅިގެން، ވަށައިޖެހޭ ގޮތެއްގައި މަސައްކަތް ކުރުމަށް ޓަކައި މާލެ ސިޓީ ފިޔަވައި، ދިވެހިރާއްޖޭގެ މީހުން އުޅޭ ރަށްރަށުގައްޔާއި ސިޓީތަކުގައި އެކުލަވައިލާ، މަދަދުވެރިންގެ ޓީމުތަކެކެވެ.
2ވަނަ މާއްދާ: މަގުސަދު
"އިބަމަ" ގެ އުސޫލު އެކުލަވައިލުމުގެ މައިގަނޑު މަގުސަދުތައް، ތިރީގައި މިވަނީއެވެ.
(ހ) މާލެ ސިޓީ ފިޔަވައި، މީހުން ދިރިއުޅޭ އެހެން ރަށްރަށާއި ސިޓީތަކުގައި ދިރިއުޅޭ ރައްޔިތުންގެ އިޖުތިމާޢީ ރައްކައުތެރިކަން ކަށަވަރު ކުރުމަށް ޓަކައި "ޕްރިވެންޓިވް" އަދި "ރެސްޕޮންސިވް" ފިޔަވަޅު އެޅުމުގެ އަވަސް ނިޒާމެއް ޤާއިމްކުރުން.
(ށ) ޚާއްޞަގޮތެއްގައި އެހީތެރިކަން ބޭނުންވާ ކުޑަކުދިންނާއި މީހުން ދެނެގަނެ، އެ ފަރާތްތަކަށް ބޭނުންވާ އެހީތެރިކަން، ވީ އެންމެ އަވަހަށް، ވީހާވެސް ގާތުން ފޯރުކޮށްދިނުމުގެ ނިޒާމެއް ޤާއިމްކުރުން.
(ނ) ރައްޔިތުންގެ އިޖުތިމާޢީ ދުޅަހެޔޮކަން ދަމަހައްޓައި، ފަޚުރުވެރި އާއިލާތަކާއި ދުޅަހެޔޮ މުޖުތަމަޢެއް ބިނާކުރުމަށް، އެންމެން ގުޅިގެން، ވަށައިޖެހޭ ގޮތެއްގައި މަސައްކަތް ކުރުމަށް ޓަކައި "އިބަމަ" އެކުލަވައިލައި ހިންގުމަށް ބޭނުންވާ އިޖުރާއަތުތައް ޤާއިމްކުރުން.
(ރ) ދިވެހިރާއްޖޭގެ އެކި ރަށްރަށުގައި ދިރިއުޅޭ ރައްޔިތުންގެ ކަންކަން، ދިމިޤްރާތީ އަދި ޖަވާބުދާރީކުރުވަނިވި އުސޫލުން ރައްޔިތުން އަމިއްލައަށް ނިންމުމަށް މަގުފަހިކޮށް، ދިވެހިރާއްޖޭގެ ރަށްރަށުގައި ދިރިއުޅޭ ރައްޔިތުން އިޖުތިމާޢީގޮތުން ބާރުވެރިކޮށް، ރައްޔިތުންނާ އެންމެ ގާތުން ފުޅާ ދާއިރާއެއްގައި ޚިދުމަތް ލިބޭނެ މަގުފަހިކޮށްދީ، ދިވެހިރާއްޖޭގެ ރަށްރަށުގައި އަމާން ވެށްޓެއް ޤާއިމްކުރުން.
3ވަނަ މާއްދާ: "އިބަމަ" އެކުލަވައިލުން
(ހ) ކޮންމެ ރަށެއްގައި ނުވަތަ ސިޓީއެއްގައި "އިބަމަ" އެކުލަވައިލުމުގެ އިދާރީ އެންމެހައި ކަންކަން ބަލަހައްޓާނީ، މިނިސްޓްރީގެ ލަފަޔާއެކު، އެ ސިޓީއެއް ނުވަތަ އެ ރަށެއްގެ ކައުންސިލަކުންނެވެ.
(ށ) މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ނުވަތަ ކޮންމެ ސިޓީއެއްގައި "އިބަމަ" އެކުލަވައިލާނީ، އެ ރަށެއްގެ ނުވަތަ އެ ސިޓީއެއްގެ އާބާދީއަށާއި މީހުން ދިރިއުޅޭ ސަރަޙައްދުތަކަށް ބަލައި، އެ ނިސްބަތުން އެ ރަށަކާ ނުވަތަ އެ ސިޓީއަކާ އެންމެ އެކަށޭނަ ގޮތަކަށެވެ.
(ނ) މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ނުވަތަ ކޮންމެ ސިޓީއެއްގައި އެ ރަށެއްގެ ނުވަތަ އެ ސިޓީއެއްގެ ހާލަތަށް ބަލައި، "އިބަމަ" ގެ ދަށުން ސަބް ކޮމިޓީތަކެއް އުފައްދަން ބޭނުވެއްޖެ ހާލަތެއްގައި، ސަބް ކޮމެޓީ އުފެއްދުމުގެ ބާރު "އިބަމަ" އަށް ލިބިގެންވެއެވެ.
(ރ) މި މާއްދާގެ (ހ) އާއި (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، "އިބަމަ" އެކުލަވައިލާނީ، "އިބަމަ" ގެ ހިއްސާދާރު މުއައްސަސާތަކުގެ މަޝްވަރާޔާއެކު މިނިސްޓްރީއާއި ކައުންސިލުން އެއްބަސްވާ ގޮތަކަށެވެ.
(ބ) މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ސަބް ކޮމެޓީ އެކުލަވައިލާނީ، "އިބަމަ" ގެ ހިއްސާދާރު މުއައްސަސާތަކުގެ މަޝްވަރާޔާއެކު މިނިސްޓްރީއާއި ކައުންސިލުން އެއްބަސްވާ ގޮތަކަށެވެ.
(ޅ) މި އުސޫލަށް ޢަމަލުކުރަން ފަށާތާ، 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި، މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ނުވަތަ ސިޓީއެއްގައި "އިބަމަ" އެކުލަވައިލަންވާނެއެވެ.
(ކ) މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ނުވަތަ ސިޓީއެއްގައި "އިބަމަ" އެކުލަވައިލާނީ، ކަމާ ގުޅުންހުރި މުއައްސަސާތަކުން، ނިންމުންތައް ނިންމުމުގެ ބާރު ލިބިފައިވާ، އަންނަނިވި ފަރާތްތަކުގެ މައްޗަށެވެ.
-1 ރަށު ކައުންސިލުގެ ނުވަތަ ސިޓީ ކައުންސިލުގެ ނައިބު ރައީސް؛
-2 ރަށު ކައުންސިލުގެ ނުވަތަ ސިޓީ ކައުންސިލުގެ ސެކްރެޓަރީ ޖެނެރަލް؛
-3 ރަށު ކައުންސިލުގެ ނުވަތަ ސިޓީ ކައުންސިލުގެ މެންބަރުންގެ ތެރެއިން އެ ރަށެއްގެ މުޖުތަމަޢުގެ އިޖުތިމާޢީ ރައްކައުތެރިކަމުގެ ކަންތައް ބެލެހެއްޓުމުގެ ޒިންމާ ހަވާލުވެފައިވާ ކައުންސިލް މެންބަރު؛
-4 ރަށު ކައުންސިލް އިދާރާގެ ނުވަތަ ސިޓީ ކައުންސިލް އިދާރާގެ ޕްލޭނިންގގެ މަސައްކަތްކުރާ މުވައްޒަފު؛
-5 މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްއިން އަތޮޅުގައި ނުވަތަ ސިޓީގައި ޤާއިމުކޮށްފައިވާ އިޖުތިމާޢީ ޚިދުމަތްދޭ ތަން ތަމްސީލުކުރާ ފަރާތެއް؛
-6 މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ކަނޑައަޅާ ސިޓީގެ ނުވަތަ ރަށުގެ ސްކޫލުގެ ލިއޭޒަން އޮފިސަރ ނުވަތަ ޑެޕިއުޓީ ލިއޭޒަން އޮފިސަރ؛
-7 ދިވެހި ފުލުހުންގެ ޚިދުމަތުން ކަނޑައަޅާ ނެއިބަރހުޑް ޕޮލިސް އޮފިސަރެއް ނުވަތަ އެ ޒިންމާ ހަވާލުކޮށްފައިވާ ފަރާތެއް؛
-8 ރަށުގެ ނުވަތަ ސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީން ކަނޑައަޅާ އެ ކޮމިޓީގެ މެންބަރެއް؛
-9 މިނިސްޓްރީ އޮފް ހެލްތުން ކަނޑައަޅާ، ރަށުގައި ނުވަތަ ސިޓީގައި ޤާއިމްކޮށްފައިވާ ޞިއްޙީ ޚިދުމަތްދޭ ތަން ތަމްސީލުކުރާ ކޮމިއުނިޓީ ހެލްތާ ނުވަތަ ފެމިލީ ހެލްތާ ގުޅުންހުރި ފަރާތެއް؛
-10 ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސް ތަމްސީލުކުރާ ފަރާތެއް.
(އ) މި މާއްދާގެ (ކ) ގައި ބަޔާންކޮށްފައިވާ ފަރާތްތައް ނެތް ރަށެއްނަމަ، ނުވަތަ އާބާދީގެ ގޮތުން ނުވަތަ އެނޫންވެސް ސަބަބެއް މެދުވެރިވެގެން، އެ އަކުރުގައި ބަޔާންކޮށްފައިވާ ފަރާތްތައް ހިމެނޭގޮތަށް "އިބަމަ" އެކުލަވައިލަން ދަތިވާ ރަށެއްގައި ނުވަތަ ސިޓީއެއްގައި، މަދުވެގެން 7 (ހަތެއް) މެންބަރުން ހިމެނޭގޮތަށް "އިބަމަ" އެކުލަވައިލެވިދާނެއެވެ. މަތީގައި ފާހަގަކޮށްފައިވާ ގޮތަށް މެންބަރުން އެކުލަވައިލުމަށް ދަތިވާ ރަށްތަކުގައި ނުވަތަ ސިޓީތަކުގައި އެ ރަށަކުން ނުވަތަ ސިޓީއަކުން، މަދުވެގެން 7 (ހަތެއް) މެންބަރުން ހިމެނޭހެން "އިބަމަ" އެކުލަވައިލުމަށް މި މާއްދާ ހުރަހެއް ނާޅައެވެ.
(ވ) އެކިއެކި މުޖުތަމަޢުތަކުގައި އިޖުތިމާޢީގޮތުން ހަރަކާތްތެރިވާ، އެ ފަރާތެއް ބައިވެރިކުރުމުން "އިބަމަ" އަށް އިތުރު ފުރިހަމަކަމެއް ގެނެސްދޭ، "އިބަމަ" ގެ މަސައްކަތްތަކަށް ފަހިވާނޭ، އަދި ޒިންމާދާރުގޮތެއްގައި މަސައްކަތް ކުރާނޭ ކަމުގެ ޔަގީންކަން އޮތް އިތުރު މުއައްސަސާއެއްގެ މެންބަރުން ނުވަތަ އަމިއްލަ ފަރުދުން "އިބަމަ" ގެ މެންބަރުންގެ ގޮތުގައި ހިމަނަން ބޭނުންވާނަމަ، "އިބަމަ" ގެ ހިއްސާދާރު މުއައްސަސާތަކުގެ ލަފާގެ މަތީން، އެފަދަ ފަރާތެއް އިތުރުކުރުމުގެ އިޚްތިޔާރު "އިބަމަ" އަށް ލިބިގެންވެއެވެ.
(މ) މި މާއްދާގެ (ކ) އާއި (ވ) ގައި ބަޔާންކޮށްފައިވާ ފާރާތެއް "އިބަމަ" ގެ މެންބަރެއްގެ ހައިސިއްޔަތުން އައްޔަނުކުރާއިރު، މި އުސޫލުގެ 7 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ސިއްރު ހިފެހެއްޓުމުގެ އެއްބަސްވުމެއްގައި އެ ފަރާތްތައް ސޮއިކޮށް އިޤްރާރުވާންވާނެއެވެ.
(ފ) "އިބަމަ" ގެ މެންބަރަކަށް ވުމުން، ރަށު ކައުންސިލާ ނުވަތަ ސިޓީ ކައުންސިލާއި، މިނިސްޓްރީގެ ނިޝާން ޖަހައިފައިވާ "އިބަމަ" ގެ މެންބަރެއްކަން އަންގައިދޭ ރަސްމީ ކާޑެއް، ރަށު ކައުންސިލުން ނުވަތަ ސިޓީ ކައުންސިލުން، ކޮންމެ މެންބަރަކާ ހަވާލު ކުރަންވާނެއެވެ. އަދި "އިބަމަ" ގެ މެންބަރުކަމުން ވަކިވުމުން، އެ ކާޑު އަނބުރާ ކައުންސިލާ ހަވާލު ކުރަންވާނެއެވެ.
(ދ) މި އުސޫލުގެ 21 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ "އިބަމަ" ގެ މަސައްކަތްތައް ކުރިޔަށްގެންދާނޭ ގޮތުގެ އަތްމަތީ ފޮތެއް، މި އުސޫލަށް ޢަމަލުކުރަން ފަށާތާ 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި، "އިބަމަ" ގެ ހިއްސާދާރު މުއައްސަސާތަކުގެ މަޝްވަރާޔާއެކު މިނިސްޓްރީން އެކުލަވައިލަންވާނެއެވެ.
4ވަނަ މާއްދާ: "އިބަމަ" ގެ މެންބަރުންގެ ޝަރުޠުތައް
"އިބަމަ" ގެ މެންބަރުންގެ ކިބައިގައި، އަންނަނިވި ޝަރުޠުތައް ފުރިހަމަ ވާންވާނެއެވެ.
(ހ) ދިވެހި ރައްޔިތެއް ކަމުގައިވުން.
(ށ) ތަމްސީލުކުރާ ދާއިރާގައި ރަސްމީކޮށް ވަޒީފާ އަދާކުރާ ފަރާތަކަށް ވުމާއެކު، "އިބަމަ" ގައި އެ އިދާރާ ތަމްސީލުކުރަން އެ އިދާރާއިން ކަނޑައަޅާ ފަރާތަށް ނުވަތަ މި އުސޫލުގެ 3 ވަނަ މާއްދާގެ (ކ) ގައި ބަޔާންކޮށްފައިވާ ފަރާތަކަށް ވުން.
(ނ) މީލާދީގޮތުން، އުމުރުން 18 (އަށާރަ) އަހަރު ފުރިފައިވާ މީހެއް ކަމުގައި ވުން.
(ރ) ޤާނޫނު ނަންބަރު 2016/12 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 22 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޖިނާއީ ބޮޑު ކުށެއް ޝަރީޢަތަށް ސާބިތުވެފައިވާ ނުވަތަ ތަންފީޛު ކުރަމުންދާ ނުވަތަ އެ ފަދަ ދަޢުވާއެއް އުފުލިފައިވާ ނުވަތަ ތަޙުޤީޤީ މަރުޙަލާއެއްގައި ނުވަތަ އެއްވެސް އިރެއްގައި ތުހުމަތެއް ކުރެވިފައިވާ ކަމުގެ އެއްވެސް ރިކޯޑެއް ތަޙުޤީޤީ އިދާރާއެއްގައި ނުވަތަ ދަޢުވާކުރާ އިދާރާއެއްގައި އޮތް ފަރާތެއް ކަމުގައި ނުވުން.
(ބ) އިސްލާމްދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް، ވޭތުވެދިޔަ 10 (ދިހައެއް) އަހަރުދުވަހުގެ ތެރޭގައި ކުރިކަން ޝަރީޢަތަށް ސާބިތުވެފައިވާ ނުވަތަ ތަންފީޛު ކުރަމުންދާ ނުވަތަ އެ ފަދަ ކުށެއްގެ ތުހުމަތެއް ކުރެވިފައިވާ ކަމުގެ އެއްވެސް ރިކޯޑެއް އޮތް ފަރާތެއް ކަމުގައި ނުވުން.
(ޅ) ކުޑަކުއްޖަކަށް އަދި/ނުވަތަ ބޮޑު މީހަކަށް ނަމަވެސް ޖިންސީ އަނިޔާއެއް، ނުވަތަ ޖިސްމާނީ އަނިޔާއެއް، ނުވަތަ ނަފްސާނީ އަނިޔާއެއް ކުރިކަން ނުވަތަ އިހުމާލުވެފައިވާ، ނުވަތަ އެ ފަދަ ޢަމަލަކަށް އެއްވެސް ސިފައެއްގައި އެހީތެރިވެދީފައިވާ، ނުވަތަ ބައިވެރިވެފައިވާ، ނުވަތަ ކުރަން އުޅެފައިވާ ކަމުގެ ތުހުމަތެއް ކުރެވިފައިވާ ކަމުގެ އެއްވެސް ރިކޯޑެއް، ކަމާ ގުޅުންހުރި އެއްވެސް އިދާރާއެއްގައި އޮތް ފަރާތެއް ކަމުގައި ނުވުން.
(ކ) ޤާނޫނު ނަންބަރު 2011/17 (މަސްތުވާ ތަކެއްޗާބެހޭ ޤާނޫނު) ގައި ބަޔާންކޮށްފައިވާ ކުށްތަކުގެ ތެރެއިން، އެއްވެސް ކުށެއް ކުރިކަމުގެ ރިކޯޑެއް، ނުވަތަ ކުށެއްގެ ތުހުމަތު، ފާއިތުވީ 10 (ދިހައެއް) އަހަރުދުވަހުގެ ތެރޭގައި، ކަމާ ގުޅުންހުރި އެއްވެސް އިދާރާއެއްގައި އޮތް ފަރާތެއް ކަމުގައި ނުވުން.
(އ) އިއްދައިގެ ޚަރަދު ނުވަތަ ދަރިންގެ ޚަރަދު ދިނުމަށް ސާބިތު ދަރަންޏެއް އެ މީހެއްގެ މައްޗަށް ޝަރުޢީ ކޯޓަކުން ސާބިތުވެފައިވާ ފަރާތްތަކުގެ ތެރެއިން ގަވާއިދުން ސާބިތު ދަރަނި އަދާނުކުރާ ފަރާތަކަށް ނުވުން.
50ވަނަ މާއްދާ: "އިބަމަ" ގެ މަސްއޫލިއްޔަތުތައް
"އިބަމަ" ގެ މަސްއޫލިއްޔަތުތަކަކީ، މުޖުތަމަޢުގެ އިޖުތިމާޢީ ރައްކައުތެރިކަން ކަށަވަރު ކުރުމަށް ޓަކައި، "އިބަމަ" ގެ ހިއްސާދާރު މުއައްސަސާތައް ގުޅިގެން، ވަށައިޖެހޭ ގޮތެއްގައި ޓީމެއްގެ ގޮތުގައި އެކުގައި މަސައްކަތް ކުރުމެވެ.
60ވަނަ މާއްދާ: "އިބަމަ" ގެ މެންބަރުންގެ މަސްއޫލިއްޔަތުތައް
ކޮންމެ ރަށެއްގައި ނުވަތަ ސިޓީއެއްގައި ޤާއިމުކުރެވޭ "އިބަމަ" ގެ މެންބަރުންގެ ގޮތުގައި ކަނޑައެޅޭ ފަރާތްތަކުގެ މަސްއޫލިއްޔަތުތައް، ތިރީގައި މިވަނީއެވެ.
(ހ) ދުޅަހެޔޮ، ރައްކައުތެރި، އަމާން މުޖުތަމަޢެއް ޤާއިމުކުރުމަށް މަސައްކަތް ކުރުން.
(ށ) މުޖުތަމަޢުގެ އިޖުތިމާޢީ ހޭލުންތެރިކަން އިތުރުކުރުމަށް ޓަކައި ޕްރޮގްރާމްތައް ރާވައި ހިންގުން.
(ނ) މުޖުތަމަޢުގެ އެންމެން ޝާމިލުކޮށް، ދިރިއުޅުން ފަހިކުރުމަށް ޓަކައި ބާރުވެރިކުރުވުމާއި، މުޖުތަމަޢުގެ ހާލަތު އިތުރަށް ރަނގަޅު ކުރުމުގެ ގޮތުން އެކިއެކި ޕްރޮގްރާމްތައް ހިންގުމަށް ޓަކައި ހޯދުންތައް ހޯދުމާއި، އެފަދަ ޕްރޮގްރާމުތައް ރާވައި، ހިންގައި، އެހިތެރިކަން ބޭނުންވާ ފަރާތްތަކަށް އެހީތެރިވެދިނުން.
(ރ) މުޖުތަމަޢުގައި ރައްކައުތެރި ބަދަހި ގުޅުން އުފައްދައި، މުޖުތަމަޢުގެ ހާލަތު އިތުރަށް ރަނގަޅު ކުރުމުގެ ގޮތުން ގުޅިގެން މަސައްކަތް ކުރުން.
(ބ) އަންހެނުންނާއި، ކުޑަކުދިންނާއި، އުމުރުން ދުވަސްވީ މީހުންނާއި، ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި، ޙިމާޔަތާއި ރައްކައުތެރިކަން ބޭނުންވާ މީހުންނަށް ދޭންޖެހޭ އެހީތެރިކަމާއި ރައްކައުތެރިކަން ފޯރުކޮށްދިނުމަށް މަގުފަހިކޮށްދިނުން.
(ޅ) "އިބަމަ" ގެ އަހަރީ ޕްލޭން ތައްޔާރު ކުރުމާއި ތަންފީޛު ކުރުމުގެ ގޮތުން ރާވާ ހަރަކާތްތައް ކުރިޔަށް ގެންދިޔުމަށް މަސައްކަތް ކުރުމާއި، އަހަރީ ޕްލޭނުގެ މަސައްކަތްތައް ކުރިޔަށްދާ މިންވަރު ބެލުމާއި، އެ މަސައްކަތްތަކުގެ ރިކޯޑު ބެލެހެއްޓުން.
(ކ) "އިބަމަ" ގެ ބައްދަލުވުންތައް، މަދުވެގެން މަހަކު 1 (އެކެއް) ފަހަރު ބޭއްވުމާއި، ބައްދަލުވުންތަކުގައި ބައިވެރިވުމާއި، ކުރެވޭ މަސައްކަތްތަކާ ގުޅޭ ގޮތުން އެކިއެކި ފަރާތްތަކާ ހިއްސާކުރަންޖެހޭ ލިޔެކިޔުންތައް ފޮނުވަންޖެހޭ ފަރާތްތަކަށް ގަވާއިދުން ފޮނުވުން.
(އ) "އިބަމަ" ގެ މަސްއޫލިއްޔަތުތަކުގެ އިތުރުން، "އިބަމަ" ގެ މަގުސަދު ހާސިލު ކުރުމުގެ ގޮތުން، މިނިސްޓްރީން ނުވަތަ "އިބަމަ" ގެ ފަންނީ ކޮމިޓީއަށް ފެންނަ އިތުރު މަސްއޫލިއްޔަތު "އިބަމަ" އިން، ސަބް ކޮމިޓީއާ ހަވާލުކުރެވިދާނެއެވެ.
70ވަނަ މާއްދާ: ސިއްރު ހިފެހެއްޓުން
"އިބަމަ" ގެ މެންބަރުންގެ ގޮތުގައި ހިމެނޭ ކޮންމެ މެންބަރަކު ވެސް، ސިއްރު ހިފެހެއްޓުމުގެ އެއްބަސްވުމެއްގައި ސޮއިކޮށް އިޤްރާރުވާންވާނެއެވެ. އަދި "އިބަމަ" އިން ބަލަމުންދާ މައްސަލަތަކަށް އެހީތެރިވުމަށް އިތުރު ފަރާތެއް އަންނަ ނަމަ، ސިއްރު ހިފެހެއްޓުމުގެ އެއްބަސްވުމެއްގައި އެ ފަރާތަކުން ވެސް ސޮއިކޮށް އިޤްރާރުވާންވާނެއެވެ. މި ކަންކަން ބަލަހައްޓާނީ، މިނިސްޓްރީގެ ލަފަޔާއެކު، ރަށެއްގައި ނަމަ ރަށު ކައުންސިލުން އަދި ސިޓީއެއްގައި ނަމަ ސިޓީ ކައުންސިލުންނެވެ.
80ވަނަ މާއްދާ: "އިބަމަ" ގެ މެންބަރުން އައްޔަނު ކުރުމާއި، އެ މެންބަރުންގެ ދައުރު
(ހ) "އިބަމަ" ގެ މެންބަރުންގެ ގޮތުގައި އައްޔަނު ކުރާނީ، މި އުސޫލުގެ 3 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދައިން، "އިބަމަ" ގެ ހިއްސާދާރުން ކަނޑައަޅާ ފަރާތްތަކެވެ.
(ށ) "އިބަމަ" ގެ މެންބަރުންގެ މެންބަރުކަމުގެ މުއްދަތަކީ، ކޮންމެ މެންބަރަކު ވެސް އެ މެންބަރެއްގެ ރަސްމީ ވަޒީފާގައި އަދާކުރާ މަޤާމުގައި ހުންނަ މުއްދަތެވެ.
(ނ) އެއްވެސް މެންބަރެއްގެ މަޤާމު ނުވަތަ މަސައްކަތްކުރާ ތަން ބަދަލުވުމުން "އިބަމަ" ގެ މެންބަރުކަމުން ވަކިވެއްޖެނަމަ، އެ މުއައްސަސާއެއްގެ ފަރާތުން 5 (ފަހެއް) ދުވަހުގެ ތެރޭގައި އެ މުއްސަސާއަކުން "އިބަމަ" އަށް މެންބަރެއް ކަނޑައަޅަންވާނެއެވެ.
90ވަނަ މާއްދާ: "އިބަމަ" ގެ މެންބަރުކަމުން ވަކިވުން
އަންނަނިވި ހާލަތަކުންކުރެ ހާލަތެއް މެދުވެރިވެއްޖެނަމަ، މެންބަރަކު މެންބަރުކަމުން ވަކިވާނެއެވެ.
(ހ) "އިބަމަ" ގެ މެންބަރުކަމުން އިސްތިޢުފާ ދިނުން ނުވަތަ ވަޒީފާގެ ގޮތުން އަދާކުރާ ވަޒީފާއިން ވަކިވުން ނުވަތަ ވަކިކުރުން.
(ށ) މި އުސޫލުގެ 3 ވަނަ މާއްދާގެ (ކ) ގައި ބަޔާންކޮށްފައިވާ ފަރާތެއްނަމަ، އެ ފަރާތެއް "އިބަމަ" ގެ މެންބަރުކަމުން އިސްތިޢުފާދިނުން ނުވަތަ ދައުރު ހަމަވުމުން.
100ވަނަ މާއްދާ: "އިބަމަ" ގެ މެންބަރުކަމުން ވަކިކުރުން
(ހ) ތިރީގައި ބަޔާންކޮށްފައިވާ ހާލަތްތަކުގެ ތެރެއިން ހާލަތެއް މެދުވެރިވެއްޖެނަމަ، ހިއްސާދާރު މުއައްސަސާތަކުގެ ލަފާގެ މަތީން، އެ މެންބަރަކު މެންބަރުކަމުން ވަކިކުރުމުގެ އިޚްތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.
-1 "އިބަމަ" ގެ މެންބަރުންގެ ޝަރުޠުގެ ގޮތުގައި މި އުސޫލުގައި ބަޔާންކޮށްފައިވާ ޝަރުޠުތަކުންކުރެ ޝަރުޠެއް އެ ފަރާތުގެ ކިބައިން އުނިވުން؛
-2 "އިބަމަ" ގެ މެންބަރެއްގެ ހައިސިއްޔަތުން އަދާކުރަންޖެހޭ މަސްއޫލިއްޔަތު އަދާކުރުމުގައި އިހުމާލުވުން.
-3 "އިބަމަ" ގެ މެންބަރަކު ސިއްރު ހިފެހެއްޓުމުގެ އެއްބަސްވުމާ ޚިލާފުވުން.
(ށ) "އިބަމަ" ގެ ހިއްސާދާރު މުއައްސަސާތަކުން "އިބަމަ" ގެ މެންބަރުކަމަށް އައްޔަނު ކޮށްފައިވާ ފަރާތެއް ބަދަލުކުރަން ބޭނުންވެއްޖެ ހާލަތެއް ކުރިމަތިވެއްޖެ ނަމަ، މިނިސްޓްރީއަށާއި ކައުންސިލަށް އެކަން އަންގަންވާނެއެވެ.
(ނ) "އިބަމަ" ގެ މެންބަރަކު ބަދަލުކުރަންޖެހޭ ފަދަ ހާލަތެއްގައި، ސަބަބުތައް ބަޔާންކޮށް، އެ މެންބަރަކު ވަކިކުރުމަށް ނުވަތަ ބަދަލުކޮށްދިނުމަށް އެދި މިނިސްޓްރީއަށް ހުށަހެޅިދާނެއެވެ.
(ރ) މި މާއްދާގެ (ނ) ގައިވާ ގޮތަށް ހުށަހެޅުމުން، މިނިސްޓްރީން އެކަމަށް ގޮތެއް ނިންމާނީ، ހިއްސާދާރު މުއައްސަސާތަކުގެ ލަފާގެ މަތީންނެވެ.
110ވަނަ މާއްދާ: ސަބް ކޮމިޓީގެ މެންބަރުންގެ ޝަރުޠުތައް
ސަބް ކޮމިޓީގެ މެންބަރުންގެ ކިބައިގައި އަންނަނިވި ޝަރުޠުތައް ފުރިހަމަ ވާންވާނެއެވެ.
(ހ) މީލާދީގޮތުން އުމުރުން 18 (އަށާރަ) އަހަރު ފުރިފައިވާ މީހެއް ކަމުގައި ވުން.
(ށ) ޤާނޫނު ނަންބަރު 2016/12 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 22 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޖިނާއީ ބޮޑު ކުށެއް ޝަރީޢަތަށް ސާބިތުވެފައިވާ ނުވަތަ ތަންފީޛު ކުރަމުންދާ ނުވަތަ އެ ފަދަ ދަޢުވާއެއް އުފުލިފައިވާ ނުވަތަ ތަޙުޤީޤީ މަރުޙަލާއެއްގައި ނުވަތަ އެއްވެސް އިރެއްގައި ތުހުމަތެއް ކުރެވިފައިވާކަމުގެ އެއްވެސް ރިކޯޑެއް ތަޙުޤީޤީ އިދާރާއެއްގައި ނުވަތަ ދަޢުވާކުރާ އިދާރާއެއްގައި އޮތް ފަރާތެއް ކަމުގައި ނުވުން.
(ނ) އިސްލާމްދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް، ވޭތުވެދިޔަ 10 (ދިހައެއް) އަހަރުދުވަހުގެ ތެރޭގައި ކުރިކަން ޝަރީޢަތަށް ސާބިތުވެފައިވާ ނުވަތަ ޙުކުމެއް ތަންފީޛު ކުރަމުންދާ ނުވަތަ އެ ފަދަ ކުށެއްގެ ތުހުމަތެއް ކުރެވިފައިވާ ކަމުގެ އެއްވެސް ރިކޯޑެއް އޮތް ފަރާތެއް ކަމުގައި ނުވުން.
(ރ) ކުޑަކުއްޖަކަށް އަދި/ނުވަތަ ބޮޑު މީހަކަށް ނަމަވެސް ޖިންސީ އަނިޔާއެއް، ނުވަތަ ޖިސްމާނީ އަނިޔާއެއް، ނުވަތަ ނަފްސާނީ އަނިޔާއެއް ކުރިކަން، ނުވަތަ އިހުމާލުވެފައިވާ، ނުވަތަ އެ ފަދަ ޢަމަލަކަށް އެއްވެސް ސިފައެއްގައި އެހީތެރިވެދީފައިވާ، ނުވަތަ ބައިވެރިވެފައިވާ، ނުވަތަ ކުރަން އުޅެފައިވާ ކަމުގެ ތުހުމަތެއް ކުރެވިފައިވާ ކަމުގެ އެއްވެސް ރިކޯޑެއް، ކަމާ ގުޅުންހުރި އެއްވެސް އިދާރާއެއްގައި އޮތް ފަރާތެއް ކަމުގައި ނުވުން.
(ބ) ޤާނޫނު ނަންބަރު 2011/17 (މަސްތުވާ ތަކެއްޗާބެހޭ ޤާނޫނު) ގައި ބަޔާންކޮށްފައިވާ ކުށްތަކުގެ ތެރެއިން، އެއްވެސް ކުށެއް ކުރިކަމުގެ ރިކޯޑެއް، ނުވަތަ ކުށެއްގެ ތުހުމަތު، ފާއިތުވީ 10 (ދިހައެއް) އަހަރުދުވަހުގެ ތެރޭގައި، ކަމާ ގުޅުންހުރި އެއްވެސް އިދާރާއެއްގައި އޮތް ފަރާތެއް ކަމުގައި ނުވުން.
120ވަނަ މާއްދާ: ސަބް ކޮމިޓީގެ މެންބަރުންގެ ދައުރު
މި އުސޫލުގެ 3 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ފަރާތެއްނަމަ، އެ ފަރާތްތަކުގެ ދައުރަކީ 5 (ފަހެއް) އަހަރުދުވަހުގެ މުއްދަތެވެ.
130ވަނަ މާއްދާ: ސަބް ކޮމިޓީގެ މެންބަރުކަމުން ވަކިވުން
އަންނަނިވި ހާލަތަކުންކުރެ ހާލަތެއް މެދުވެރިވެއްޖެނަމަ، ސަބު ކޮމިޓީގެ މެންބަރަކު މެންބަރުކަމުން ވަކިވާނެއެވެ.
(ހ) "އިބަމަ" ގެ މެންބަރުކަމުން އިސްތިޢުފާ ދިނުން.
(ށ) ސަބް ކޮމެޓީގެ މެންބަރުންގެ ދައުރު ހަމަވުން.
140ވަނަ މާއްދާ: ސަބް ކޮމިޓީގެ މެންބަރުކަމުން ވަކިކުރުން
ތިރީގައި ބަޔާންކޮށްފައިވާ ހާލަތްތަކުގެ ތެރެއިން ހާލަތެއް މެދުވެރިވެއްޖެނަމަ، ހިއްސާދާރު މުއައްސަސާތަކުގެ ލަފާގެ މަތީން، ސަބް ކޮމިޓީ މެންބަރަކު މެންބަރުކަމުން ވަކިކުރުމުގެ އިޚްތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.
(ހ) ސަބް ކޮމިޓީގެ މެންބަރުންގެ ޝަރުޠުގެ ގޮތުގައި މި އުސޫލުގައި ބަޔާންކޮށްފައިވާ ޝަރުޠުތަކުންކުރެ ޝަރުޠެއް އެ ފަރާތުގެ ކިބައިން އުނިވުން.
(ށ) ސަބް ކޮމިޓީގެ މެންބަރެއްގެ ހައިސިއްޔަތުން އަދާކުރަންޖެހޭ މަސްއޫލިއްޔަތު އަދާކުރުމުގައި އިހުމާލުވުން.
(ނ) ސަބް ކޮމިޓީގެ މެންބަރަކު ސިއްރު ހިފެހެއްޓުމުގެ އެއްބަސްވުމާ ޚިލާފުވުން.
150ވަނަ މާއްދާ: "އިބަމަ" ގެ ނަމުގައި މަޢުލޫމާތު ދިނުން
"އިބަމަ" ގެ ނަމުގައި އެއްވެސް ފަރާތަކަށް މަޢުލޫމާތު ހާމަކުރެވޭނީ، ތިރީގައިވާ ގޮތުގެ މަތީންނެވެ.
(ހ) "އިބަމަ" ގެ ނަމުގައި މީޑިއާއަށް ނުވަތަ އެނޫން ފަރާތަކަށް ވެސް މަޢުލޫމާތު ދެވޭނީ، "އިބަމަ" ގެ ހިއްސާދާރު މުއައްސަސާތަކުގެ ލަފަޔާއެކު، ހަމައެކަނި "އިބަމަ" ގެ ހިއްސާދާރު މުއައްސަސާތަކުގެ ރަސްމީ މީޑިއާތައް މެދުވެރިކޮށެވެ.
(ށ) މީޑިއާއަށް މަޢުލޫމާތު ދޭނީ، "އިބަމަ" ގެ މެންބަރުންގެ މަޝްވަރާގެ މަތީން، މެންބަރުންގެ ތެރެއިން ކަނޑައަޅާ ފަރާތަކުންނެވެ.
(ނ) މީޑިއާއަށް މަޢުލޫމާތު ދިނުމަށް ކަނޑައަޅައިފައިވާ ފަރާތުން މަޢުލޫމާތު އާންމުކުރާނީ، މަޢުލޫމާތު އާންމުކުރުމަށް ކަނޑައަޅައިފައިވާ ފަރާތުން ވަޒީފާ އަދާކުރާ އިދާރާގެ ރަސްމީ މީޑިއާއެވެ.
(ރ) މީޑިއާތަކަށް މަޢުލޫމާތު ހިއްސާކުރާއިރު، ސިއްރު އެއްވެސް މަޢުލޫމާތެއް ހިއްސާކޮށްގެން ނުވާނެއެވެ.
160ވަނަ މާއްދާ: އިޖުތިމާޢީ ބަދަހި މަދަދުވެރިންގެ ފަންނީ ކޮމިޓީ
(ހ) "އިބަމަ" ގެ މަސައްކަތްތައް ކުރުމަށް ފަހިކޮށްދީ، އެކިއެކި ކަންކަމުގައި ބޭނުންވާ ލަފާ ދިނުމާއި، ފަންނީ އެހީތެރިކަމާއި އެހެނިހެން އެހީތެރިކަން ފޯރުކޮށްދިނުމަށް ޓަކައި "އިބަމަ" ގެ ހިއްސާދާރު މުއައްސަސާތަކާއި، "އިބަމަ" ގެ މަސައްކަތްތަކާ ގުޅުންހުރި އެހީތެރިކަން ފޯރުކޮށްދެވޭނެ އެހެނިހެން މުއައްސަސާތައް ހިމެނޭ އިޖުތިމާޢީ ބަދަހި މަދަދުވެރިންގެ ފަންނީ ކޮމިޓީއެއް، މި އުސޫލަށް ޢަމަލުކުރަން ފަށާތާ 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި މިނިސްޓްރީން އެކުލަވައިލަންވާނެއެވެ.
(ށ) އިޖުތިމާޢީ ބަދަހި މަދަދުވެރިންގެ ފަންނީ ކޮމިޓީގެ މެންބަރުން އައްޔަނު ކުރާނީ، ކޮމިޓީގައި ހިމެނޭ މުއައްސަސާތަކުގެ ލަފާގެ މަތީން، މިނިސްޓަރެވެ.
(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކޮމިޓީގެ ބައްދަލުވުންތައް ބޭއްވުމުގެ އިދާރީ ކަންކަން ބަލަހައްޓާނީ، މިނިސްޓްރީންނެވެ.
(ރ) ކޮމިޓީގައި ހިމެނޭނީ، ތިރީގައިވާ މުއައްސަސާތަކުގެ "އިބަމަ" ގެ މަސައްކަތްތަކާ ގުޅުންހުރި، ނިންމުންތައް ނިންމޭފަދަ މަޤާމެއްގައި ހުރި މުވައްޒަފެކެވެ.
-1 މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް؛
-2 ލޯކަލް ގަވަރމަންޓް އޮތޯރިޓީ؛
-3 މިނިސްޓްރީ އޮފް އެޑިއުކޭޝަން؛
-4 ދިވެހި ފުލުހުންގެ ޚިދުމަތް؛
-5 މިނިސްޓްރީ އޮފް ހެލްތް؛
-6 ސިޓީ ކައުންސިލް ނުވަތަ ރަށު ކައުންސިލް؛
-7 ހެލްތް ޕްރޮޓެކްޝަން އޭޖެންސީ؛
-8 ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް؛
-9 ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ؛
-10 މިނިސްޓްރީ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް؛
-11 މިނިސްޓްރީ އޮފް ހޯމްއެފެއާޒް؛
-12 މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް؛
-13 ޔުނައިޓަޑް ނޭޝަންސް ޗިލްރަންސް ފަންޑް (ޔުނިސެފް).
(ބ) އިޖުތިމާޢީ ބަދަހި މަދަދުވެރިންގެ ފަންނީ ކޮމިޓީން އެއްވެސް އެހީތެރިކަމެއް ބޭނުންވެއްޖެ ހިނދެއްގައި، އެހެން މުއައްސަސާއެއްގެ ކަމާ ގުޅޭ އިދާރާއެއްގެ ނުވަތަ ބޭރުގެ އެހީ ފޯރުކޮށްދޭ ފަރާތެއްގެ އެހީތެރިކަން ހޯދިދާނެއެވެ.
170ވަނަ މާއްދާ: އިޖުތިމާޢީ ބަދަހި މަދަދުވެރިންގެ ފަންނީ ކޮމިޓީގެ މެންބަރުންގެ ޝަރުޠުތައް
އިޖުތިމާޢީ ބަދަހި މަދަދުވެރިންގެ ފަންނީ ކޮމިޓީގެ މެންބަރުންގެ ކިބައިގައި އަންނަނިވި ޝަރުޠުތައް ފުރިހަމަވާންވާނެއެވެ.
(ހ) ދިވެހި ރައްޔިތެއް ކަމުގައި ވުން.
(ށ) ތަމްސީލުކުރާ ދާއިރާގައި ރަސްމީކޮށް ވަޒީފާ އަދާކުރާ ފަރާތަކަށް ވުމާއެކު، "އިބަމަ" ގައި އެ އިދާރާ ތަމްސީލުކުރަން އެ އިދާރާއިން ކަނޑައަޅާ ފަރާތަކަށް ވުން.
(ނ) މީލާދީގޮތުން، އުމުރުން 18 (އަށާރަ) އަހަރު ފުރިފައިވާ މީހެއް ކަމުގައި ވުން.
(ރ) ޤާނޫނު ނަންބަރު 2016/12 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 22 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޖިނާއީ ބޮޑު ކުށެއް ޝަރީޢަތަށް ސާބިތުވެފައިވާ، ނުވަތަ ތަންފީޛު ކުރަމުންދާ، ނުވަތަ އެ ފަދަ ދަޢުވާއެއް އުފުލިފައިވާ، ނުވަތަ ތަޙުޤީޤީ މަރުޙަލާއެއްގައި ނުވަތަ އެއްވެސް އިރެއްގައި ތުހުމަތެއް ކުރެވިފައިވާ ކަމުގެ އެއްވެސް ރިކޯޑެއް ތަޙުޤީޤީ އިދާރާއެއްގައި ނުވަތަ ދަޢުވާކުރާ އިދާރާއެއްގައި އޮތް ފަރާތެއް ކަމުގައި ނުވުން.
(ބ) އިސްލާމްދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް، ވޭތުވެދިޔަ 10 (ދިހައެއް) އަހަރުދުވަހުގެ ތެރޭގައި ކުރިކަން ޝަރީޢަތަށް ސާބިތުވެފައިވާ ނުވަތަ ތަންފީޛު ކުރަމުންދާ ނުވަތަ އެ ފަދަ ކުށެއްގެ ތުހުމަތެއް ކުރެވިފައިވާ ކަމުގެ އެއްވެސް ރިކޯޑެއް އޮތް ފަރާތެއް ކަމުގައި ނުވުން.
(ޅ) ކުޑަކުއްޖަކަށް އަދި/ނުވަތަ ބޮޑު މީހަކަށް ނަމަވެސް ޖިންސީ އަނިޔާއެއް، ނުވަތަ ޖިސްމާނީ އަނިޔާއެއް، ނުވަތަ ނަފްސާނީ އަނިޔާއެއް ކުރިކަން ނުވަތަ އިހުމާލުވެފައިވާ ނުވަތަ އެ ފަދަ ޢަމަލަކަށް އެއްވެސް ސިފައެއްގައި އެހީތެރިވެދީފައިވާ ނުވަތަ ބައިވެރިވެފައިވާ ނުވަތަ ކުރަން އުޅެފައިވާ ކަމުގެ ތުހުމަތެއް ކުރެވިފައިވާ ކަމުގެ އެއްވެސް ރިކޯޑެއް، ކަމާ ގުޅުންހުރި އެއްވެސް އިދާރާއެއްގައި އޮތް ފަރާތެއް ކަމުގައި ނުވުން.
(ކ) ޤާނޫނު ނަންބަރު 2011/17 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގައި ބަޔާންކޮށްފައިވާ ކުށްތަކުގެ ތެރެއިން، އެއްވެސް ކުށެއް ކުރިކަމުގެ ރިކޯޑެއް، ނުވަތަ ކުށެއް ކުރިކަމުގެ ތުހުމަތެއް، ފާއިތުވީ 10 (ދިހައެއް) އަހަރުދުވަހުގެ ތެރޭގައި، ކަމާ ގުޅުންހުރި އެއްވެސް އިދާރާއެއްގައި އޮތް ފަރާތެއް ކަމުގައި ނުވުން.
(އ) އިއްދައިގެ ޚަރަދު ނުވަތަ ދަރިންގެ ޚަރަދު ދިނުމަށް ސާބިތު ދަރަންޏެއް އެ މީހެއްގެ މައްޗަށް ޝަރުޢީ ކޯޓަކުން ސާބިތުވެފައިވާ ފަރާތްތަކުގެ ތެރެއިން ގަވާއިދުން ސާބިތު ދަރަނި އަދާނުކުރާ ފަރާތަކަށް ނުވުން.
180ވަނަ މާއްދާ: އިޖުތިމާޢީ ބަދަހި މަދަދުވެރިންގެ ފަންނީ ކޮމިޓީގެ މެންބަރުންގެ މަސްއޫލިއްޔަތު
އިޖުތިމާޢީ ބަދަހި މަދަދުވެރިންގެ ފަންނީ ކޮމިޓީގެ މެންބަރުންގެ މަސްއޫލިއްޔަތުތަކަކީ "އިބަމަ" ގެ މަސައްކަތްތައް ކުރުމަށް ފަހިކޮށްދީ، އެކިއެކި ކަންކަމުގައި ބޭނުންވާ ލަފާ ދިނުމާއި، ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމެވެ.
190ވަނަ މާއްދާ: އިޖުތިމާޢީ ބަދަހި މަދަދުވެރިންގެ ފަންނީ ކޮމިޓީގެ މެންބަރުކަމުން ވަކިވުން
އަންނަނިވި ހާލަތަކުންކުރެ ހާލަތެއް މެދުވެރިވެއްޖެނަމަ، އިޖުތިމާޢީ ބަދަހި މަދަދުވެރިންގެ ފަންނީ ކޮމިޓީގެ މެންބަރުކަމުން ވަކިވާނެއެވެ.
(ހ) ކޮމެޓީގެ މެންބަރުކަމުން އިސްތިޢުފާ ދިނުން ނުވަތަ އަދާކުރާ ވަޒީފާއިން އިސްތިޢުފާ ދިނުން.
(ށ) މެންބަރުކަމަށް އައްޔަނުކޮށްފައިވާ ވަޒީފާ ބަދަލުވުން.
200ވަނަ މާއްދާ: "އިބަމަ" ގެ ބަޖެޓް
(ހ) މި އުސޫލުގެ 7 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދައިން "އިބަމަ" ގެ މެންބަރުންގެ މަސްއޫލިއްޔަތުތަކަކީ އެ މެންބަރުންގެ ރަސްމީ ވަޒީފާގެ ބަޔާނަށް އިތުރުކުރެވޭނޭ ކަންތައްތައް ކަމުގައިވާތީ، "އިބަމަ" އިން ރާވައިގެން ކުރިޔަށްގެންދާ ހަރަކާތްތަކުގައި ކުރަންޖެހޭ ޚަރަދު ބަލަހައްޓާނީ، އެ ހަރަކާތާ ގުޅުންހުރި މުއައްސަސާއިންނެވެ. އަދި މެންބަރުން ރަސްމީގަޑީގެ އިތުރުން މަސައްކަތް ކުރާނަމަ، އިތުރުގަޑީގެ ފައިސާ ދިނުން ފަދަ ކަންތައް ހަމަޖައްސާނީ، އެ މެންބަރަކު ނިސްބަތްވާ މުއައްސަސާއަކުން އިތުރުގަޑީގެ ފައިސާ ދިނުމުގައި ޢަމަލުކުރާ އުސޫލުތަކުގެ ތެރެއިން އެ މުއައްސަސާއަކުންނެވެ. މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ޚަރަދުތައް ހަމަޖެއްސުމަށް ޓަކައި "އިބަމަ" އަށް ވަކި ބަޖެޓެއް ކަނޑައެޅިފައެއް ނޯންނާނެއެވެ.
210ވަނަ މާއްދާ: އުސޫލު ހަދައި ހިންގުން
(ހ) މި އުސޫލު ހަދައި ހިންގުމުގެ މައި ދައުރު އަދާކުރާނީ، "އިބަމަ" ގެ ހިއްސާދާރު މުއައްސަސާތަކުގެ ލަފަޔާއި މަޝްވަރާޔާއެކު މިނިސްޓްރީންނެވެ.
(ށ) މި އުސޫލުގެ ދަށުން "އިބަމަ" ޢަމަލުކުރާނޭ ގޮތްތަކުގެ އިޖުރައަތުތައް، މި އުސޫލަށް ޢަމަލުކުރަން ފަށާތާ 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި އެކުލަވައިލައި، އެ އިޖުރައާތުތައް ހިއްސާ ކުރަންޖެހޭ ފަރާތްތަކާ ހިއްސާ ކުރަންވާނެއެވެ.
220ވަނަ މާއްދާ: ޢަމަލު ކުރަން ފެށުން
މި އުސޫލަށް ޢަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި އުސޫލު ޝާއިޢުކުރާ ތާރީޚުން ފެށިގެންނެވެ.
230ވަނަ މާއްދާ: ލަފުޒުތަކާއި ޢިބާރާތްތަކުގެ މާނަ
މި އުސޫލުގައި ޢިބާރާތެއް ނުވަތަ ލަފުޒެއް ބޭނުންކޮށްފައިވާ ގޮތުން ކަނޑައެޅިގެން އެހެން މާނައެއް ދޭހަނުވާހައި ހިނދަކު، އަންނަނިވި ޢިބާރާތްތަކާއި ލަފުޒުތަކަށް ދީފައި އެވަނީ، އެ ޢިބާރާތްތަކާއި ލަފުޒުތަކަށް ތިރީގައި ދީފައިމިވާ މާނަކުރުމެވެ.
(ހ) "މިނިސްޓްރީ" ކަމުގައި ބުނެފައި އެވަނީ، ޚާއްޞަ ރައްކައުތެރިކަން ދޭންޖެހޭ ފަރާތްތަކަށް ރައްކައުތެރިކަން ކަށަވަރު ކުރުމުގެ ޒިންމާ ހަވާލުކޮށްފައިވާ ވުޒާރާއަށެވެ.
(ށ) "ޚާއްޞަގޮތެއްގައި އެހީތެރިކަން ބޭނުންވާ މީހުން" ކަމުގައި ބުނެފައި އެވަނީ، އެކިއެކި ސަބަބުތަކާހުރެ، އާންމުކޮށް ބެލެވޭ މިންގަނޑަށްވުރެ ދުޅަހެޔޮކަން ދަށަށް ގޮސްފައިވާ، ނުވަތަ ނޭދެވޭ އަސަރު ކުރުމުގެ ސަބަބުން ނާޒުކު ހާލަތަކަށް ގޮސްފައިވާ (ވަލްނެރަބްލް) ނުވަތަ އެފަދަ ހާލަތަކަށް ހިނގައިދާނެ ފަދަ ހާލަތެއް މެދުވެރިވެފައިވާ ކުޑަކުދިންނާއި، އުމުރުން ދުވަސްވީ މީހުންނާއި، ނުކުޅެދުންތެރިކަން ހުންނަ އަންހެނުންނާއި ފިރިހެނުންނަށެވެ.
(ނ) "ޕްރޮޓެކްޝަން" ކަމުގައި ބުނެފައި އެވަނީ، މި އުސޫލުގައި ބަޔާންކޮށްފައިވާ ފަރާތްތަކުގެ ރައްކައުތެރިކަމަށް ކުރެވޭ މައްސައްކަތްތަކަށެވެ.
(ރ) "ޕްރިވެންޓިވް" ކަމުގައި ބުނެފައި އެވަނީ، މި އުސޫލުގެ ދަށުން ކަމެއް ވިޔަނުދިނުމަށް ކުރަމުންދާ މަސައްކަތްތަކަށެވެ.
(ބ) "ރެސްޕޮންސިވް" ކަމުގައި ބުނެފައި އެވަނީ، މި އުސޫލުގެ ދަށުން ކުރާ މަސައްކަތްތަކުގައި ވަގުތުން ފިޔަވަޅު އެޅުމަށް ކުރާ ކަންކަމަށެވެ.
(ޅ) "ނެއިބަރހުޑް ޕޮލިސް އޮފިސަރ" ކަމުގައި ބުނެފައި އެވަނީ، ދިވެހި ފުލުހުންގެ ޚިދުމަތުގައި ނެއިބަރހުޑް ޕޮލިހުންގެ ގޮތުގައި ކަނޑައަޅައިފައިވާ ފަރާތްތަކަށެވެ.
(ކ) "ރަސްމީ މީޑިއާ" ކަމުގައި ބުނެފައި އެވަނީ، "އިބަމަ" ގެ ހިއްސާދާރު މުއައްސަސާތަކުގެ ލަފަޔާއެކު، "އިބަމަ" ގެ ހިއްސާދާރުންގެ ތެރެއިން މަޢުލޫމާތު އާންމުކުރުމަށް މެންބަރުން ކަނޑައަޅާ ފަރާތުން ވަޒީފާ އަދާކުރާ އިދާރާއިން ރަސްމީކޮށް ބޭނުންކުރާ މީޑިއާއަށެވެ.
(އ) "ލިއޭޒަން އޮފިސަރު" ކަމުގައި ބުނެފައި އެވަނީ، ސްކޫލުތަކުގައި ކަނޑައަޅައިފައިވާ މަޤާމަކަށެވެ.


