މައި ކޮންޓެންޓަށް ދޭ
Ministry of Social and Family Development Logo
ޤާނޫނުތަކާއި ޤަވާއިދުތައް

ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ޤާނޫނު

މިލިޔުން ގެޒެޓްގައި ޝާޢިރުކޮށްފައިވަނީ

13 މޭ 2014, 04:50

އެއްވަނަ ބާބު

ފެށުން

1ވަނަ މާއްދާ: ތަޢާރުފާއި ނަން

(ހ) މިއީ، ވަޒީފާ އަދާކުރާ ތަންތަނާއި ތަޢުލީމު ދޭ ތަންތަނާއި ޞިއްޙީ ޚިދުމަތްދޭ ތަންތަނާއި، މިނޫންވެސް އިޖްތިމާޢީ ޚިދުމަތްދޭ އެހެނިހެން ތަންތަނުގައި ދިމާވާ ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުމުގެ ޢަމަލުތައް ހުއްޓުވުމަށްޓަކައި، ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުމަކީ ކޮބައިކަން ކަނޑައެޅުމާއި، އެފަދަ ކަންކަން ހުއްޓުވުމުގައި އެކި ފަރާތްތަކުގެ ޒިންމާ ބަޔާންކުރުމާއި، އެފަދަ ކަންކަމާ ގުޅިގެން އަޅާނެ ފިޔަވަޅުތައް ކަނޑައެޅުމުގެ ޤާނޫނެވެ.

(ށ) މި ޤާނޫނަށް ކިޔާނީ، "ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ޤާނޫނު" އެވެ.

2ވަނަ މާއްދާ: ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން

(ހ) މި ޤާނޫނުގެ ބޭނުމަށްޓަކައި ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ކަމަށް ބުނެފައިއެވަނީ، މީހެއްގެ ނުޤަބޫލުގައި އެހެން މީހަކު އޭނާއާ ދެކޮޅަށް ނުވަތަ އޭނާއަށް ނިސްބަތްކޮށް ޖިންސީ ޢަމަލެއް ހިންގުމަށެވެ.

(ށ) މި މާއްދާގެ (ހ) ގެ ބޭނުމަށްޓަކައި މީހަކާ ދެކޮޅަށް ނުވަތަ މީހަކަށް ނިސްބަތްކޮށް ޖިންސީ ޢަމަލެއް ހިންގުން ކަމުގައި ބެލޭނީ، އެ ޢަމަލު ހިންގާ މީހާ ދައްކާ ވާހަކައަކުން، ނުވަތަ ބުނާ ބަސްތަކަކުން، ނުވަތަ ލިޔާ ލިޔުމަކުން، ނުވަތަ ދައްކާ ކުރެހުމަކުން ނުވަތަ ތަސްވީރަކުން ނުވަތަ އިއްވާ އަޑަކުން، ނުވަތަ ކުރާ އިޝާރާތަކުން ނުވަތަ ކުރާ ޙަރަކާތަކުން ނުވަތަ ބަލާ ބެލުމަކުން ކުރާ އެނޫންވެސް ޢަމަލެއްގެ ސަބަބުން އެ ޢަމަލު އެމީހަކާ ދެކޮޅަށް ހިންގޭ މީހާއަށް ޖިންސީ ނިޔަތެއް ސިފަކުރެވިގެން ނުވަތަ ވިސްނިގެން ނުވަތަ ދޭހަވެގެން ނުވަތަ އެނގިގެން ދިއުމަށެވެ.

(ނ) މީހަކާ ދެކޮޅަށް ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުމުގެ ޢަމަލެއް ހިންގައިފި ކަމަށް

މި މާއްދާގެ ބޭނުމަށްޓަކައި ކަނޑައެޅުމުގައި ބަލާނެ މިންގަނޑު ކަމުގައި ވާނީ، އެ ޢަމަލު ހިންގުމުގައި ވަށައިގެންވާ އެންމެހައި ޙާލަތްތަކަށް ރިޢާޔަތްކުރުމާއެކު، އެ ޢަމަލުގެ ސަބަބުން، އެ ޢަމަލު ރައްދުވާ ފަރާތަށް ޖިންސީ ނިޔަތެއް ސިފަކުރެވިގެން ނުވަތަ ވިސްނިގެން ނުވަތަ ދޭހަވެގެން ނުވަތަ އެނގިގެން ހިނގައިދާނެ ކަމަށް މުޖުތަމަޢުގައި އުޅޭ ސަލާމަތް ބުއްދި ހުރި މީހަކަށް ޤަބޫލުކުރެވޭ މިންގަނޑެވެ.

(ރ) މި މާއްދާގެ ބޭނުމަށްޓަކައި މީހަކާ ދެކޮޅަށް ޖިންސީ ފުރައްސާރަކުރުމުގެ ޢަމަލެއް

މި މާއްދާގައިވާ ގޮތުގެމަތިން ހިންގިކަމުގައި ކަނޑައަޅާނީ، މަދަނީ މިންގަނޑުންނެވެ.

ދެވަނަ ބާބު

ވަޒީފާގެ މާޙައުލުގައި ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުން

3ވަނަ މާއްދާ: ވަޒީފާގެ މާޙައުލުގައި ޖިންސީ ފުރައްސާރަ ނުކުރުމާއި ގޯނާ ނުކުރުން

ވަޒީފާދޭ ފަރާތުން ނުވަތަ ވަޒީފާ އަދާކުރާ ތަނުގައި މަސައްކަތްކުރާ އެހެން ފަރާތަކުން ނަމަވެސް، އެފަރާތެއްގެ ދަށުން ނުވަތަ އެފަރާތާ އެކުގައި މަސައްކަތްކުރާ އެހެން ފަރާތަކާ ދެކޮޅަށް ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުމުގެ ޢަމަލެއް ހިންގައިގެން ނުވާނެއެވެ.

4ވަނަ މާއްދާ: ވަޒީފާއަށް އެދި އަންނަ ފަރާތްތައް

(ހ) ވަޒީފާ އަދާކުރާ ތަނަކަށް ވަޒީފާއަކަށް އެދި އަންނަ ފަރާތަކަށް އެ ވަޒީފާ ލިބޭނީ، ވަޒީފާދޭ ފަރާތުން ހިންގާ ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުމުގެ ޢަމަލުތައް ބަލައިގަނެގެން ކަމަށް ހީކުރެވޭފަދަ ގޮތަކަށް ވަޒީފާދޭ ފަރާތުގެ ޢަމަލުތައް ބަހައްޓައިގެން ނުވާނެއެވެ.

(ށ) ވަޒީފާދޭ ފަރާތުން ހިންގާ ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުމުގެ ޢަމަލުތައް ބަލައިގަތުމަކީ، ވަޒީފާ ދިނުމުގައި ބަލާ މިންގަނޑެއްކަމަށް ވަޒީފާއަށް އެދި އަންނަ ފަރާތަކަށް އެއްވެސް މިންވަރަކަށް ހީކުރެވޭފަދަ ގޮތަކަށް ވަޒީފާދޭ ފަރާތުގެ ބަހުރުވަ ނުވަތަ ޢަމަލުތައް ބަހައްޓައިގެން ނުވާނެއެވެ.

5ވަނަ މާއްދާ: ވަޒީފާގައި ދެމިހުރުމާއި ކުރިއަށް ދިއުން

މުވައްޒަފަކަށް ވަޒީފާގައި ދެމިހުރެވޭނީ ނުވަތަ ކުރިއަށްދެވޭނީ ވަޒީފާދޭ ފަރާތުން ނުވަތަ ވަޒީފާ އަދާކުރާ ތަނުގައި މަސައްކަތްކުރާ އެހެން ފަރާތަކުން ހިންގާ ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުމުގެ ޢަމަލެއް ނުވަތަ ޢަމަލުތަކެއް ބަލައިގަނެގެން ކަމަށް އެ މުވައްޒަފަކަށް ޤަބޫލުކުރެވޭފަދަ ގޮތަކަށް ވަޒީފާދޭ ފަރާތުގެ ޢަމަލުތައް ބަހައްޓައިގެން ނުވާނެއެވެ.

6ވަނަ މާއްދާ: ޙައްޤުތަކުން މަޙްރޫމު ނުކުރުން

(ހ) ވަޒީފާ އަދާކުރާ އެންމެހައި ފަރާތްތަކަށް ލިބިދޭންޖެހޭ ޙައްޤުތަކާއި މަންފާތަކާއި ވަޒީފާގެ ކުރިއެރުން، ވަޒީފާދޭ ފަރާތުން ހިންގާ ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުމުގެ ޢަމަލުތައް ބަލައިގަންނަ ފަރާތްތަކަށް ލިބޭނެފަދަ ގޮތަކަށް ނުވަތަ އެފަދަ ފަރާތްތަކަށް އިސްކަންދޭނެކަން ދޭހަވާނެ ގޮތަކަށް ނުވަތަ އެފަދަ ޢަމަލުތައް ބަލައިނުގަންނަ ފަރާތަކަށް ލިބިނުދެވޭނެފަދަ ގޮތަކަށް، ވަޒީފާ އަދާކުރާ ތަނެއްގެ މަސައްކަތުގެ މާޙައުލު ބައްޓަންވެފައި އޮވެގެން ނުވާނެއެވެ.

(ށ) ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުމުގެ ޢަމަލަކާ ގުޅިގެން މި ޤާނޫނުގެ ދަށުން ބެލޭ މައްސަލައެއްގައި އެފަދަ މައްސަލައެއް ހުށަހަޅާ ފަރާތަކަށް ނުވަތަ ހެކިބަސްދޭ ފަރާތަކަށް ނުވަތަ އެފަދަ މައްސަލައެއް ހުށަހަޅާ ފަރާތަށް އެހީތެރިކަން ފޯރުކޮށްދޭ ފަރާތަކަށް

އެ ސަބަބަށްޓަކައި ވަޒީފާ ލިބުމުގެ ފުރުޞަތުން ނުވަތަ ވަޒީފާގައި ދެމިހުރުމުގެ ޙައްޤަށް ނުވަތަ ވަޒީފާގެ ކުރިއެރުން ލިބުމުގެ ފުރުޞަތުން ނުވަތަ ވަޒީފާ އަދާކުރާ ފަރާތްތަކަށް ލިބިދޭންޖެހޭ އެނޫންވެސް ޙައްޤަކުން އެއިން ފަރާތެއް މަޙްރޫމްކޮށްގެން ނުވާނެއެވެ.

7ވަނަ މާއްދާ: ވަޒީފާދޭ ފަރާތުން އެކަށީގެންވާ ފިޔަވަޅު އެޅުން

(ހ) ވަޒީފާގެ މާޙައުލަކީ ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުމުގެ ޢަމަލުތަކުން ރައްކާތެރިވެގެންވާ، އެފަދަ ކަންކަމުގެ ސަބަބުން މުވައްޒަފުންގެ މަސައްކަތަށް ނޭދެވޭ އަސަރުނުކުރާ މާޙައުލަކަށް ހެދުމަށްޓަކައި އެކަށީގެންވާ ފިޔަވަޅުތައް އެޅުމަކީ ވަޒީފާދޭ ފަރާތުގެ ޒިންމާއެކެވެ.

(ށ) މަސައްކަތުގެ މާޙައުލުގައި ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުމުގެ ޢަމަލެއް ހިންގާ ކަމަށް ވަޒީފާދޭ ފަރާތަށް އެނގިއްޖެނަމަ ނުވަތަ އެފަރާތުގެ ސަމާލުކަމަށް އެފަދަ ކަމެއް ގެނެވިއްޖެނަމަ އެ ޢަމަލެއް އެމީހަކާމެދު ހިންގުނު ފަރާތަށް އިތުރު ގެއްލުމެއް ލިބުނަ ނުދީ އެފަދަ ކަންކަން ހުއްޓުވުމަށް ވަޒީފާދޭ ފަރާތުން ފިޔަވަޅު އަޅަންވާނެއެވެ.

(ނ) ވަޒީފާ އަދާކުރާ ތަނުގައި ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުމުގެ ޢަމަލު ހިނގާކަން އެނގިހުރެ އެފަދަ ޢަމަލު ހުއްޓުވުމަށް ވަޒީފާދޭ ފަރާތުން އެކަށީގެންވާ ފިޔަވަޅު އަޅާފައި ނުވާނަމަ، އެކަމުގެ ސަބަބުން ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ތަޙައްމަލު ކުރަންޖެހުނު ފަރާތަށް ލިބޭ ގެއްލުމަށް ވަޒީފާދޭ ފަރާތުން ޒިންމާ އުފުލަންޖެހޭނެއެވެ.

8ވަނަ މާއްދާ: ޖިންސީ ފުރައްސާރަކުރުމާ ބެހޭގޮތުން ގެންގުޅޭ ސިޔާސަތު ޢާންމުކޮށް ފެންނާނެފަދަ ގޮތަކަށް ބެހެއްޓުން

(ހ) ޖިންސީ ފުރައްސާރަކުރުމަކީ ޤާނޫނު ހުއްދަކުރާ ކަމެއް ނޫންކަމަށާއި، އެފަދަ ޢަމަލުތައް ކުރާ ފަރާތްތަކާމެދު ފިޔަވަޅު އެޅޭނެކަން އަދި ޖިންސީ ފުރައްސާރަކުރުމާ ބެހޭގޮތުން

އެ ތަނުގައި ގެންގުޅޭ ސިޔާސަތުތައް، އެ ތަނުގެ މުވައްޒަފުންނަށާއި އެ ތަނަށް ޚިދުމަތް ލިބިގަންނަން އަންނަ ފަރާތްތަކަށް ފެންނާނެފަދަ ގޮތަކަށް ވަޒީފާ އަދާކުރާ ކޮންމެ ތަނެއްގައި ބެހެއްޓިފައި ހުންނަންވާނެއެވެ.

(ށ) ޖިންސީ ފުރައްސާރަކުރުމާ ބެހޭގޮތުން ޝަކުވާއެއް ހުށަހަޅަން ބޭނުން ފަރާތްތަކަށް ޝަކުވާ ހުށަހެޅޭނެ ފޯމާއި، ޝަކުވާ ހުށަހަޅަންވީ އުސޫލު އަދި އެކަމާ ދެކޮޅަށް އެޅޭނެ ފިޔަވަޅުތައް ޢާންމުކޮށް އެނގެން ހުންނާނެ ފަދަ އިންތިޒާމެއް ވަޒީފާ އަދާކުރާ ތަންތަނުގައި ހަމަޖެހިފައި ހުންނަންވާނެއެވެ.

(ނ) ޖިންސީ ފުރައްސާރަކުރުމާ ބެހޭގޮތުން ވަޒީފާ އަދާކުރާ ތަނުގައި ގެންގުޅޭ ސިޔާސަތުތައް، އެ ތަނުގެ މުވައްޒަފުންނަށް ސާފުކޮށް ކިޔައިދޭންވާނެއެވެ.

ތިންވަނަ ބާބު

މަރުކަޒުތަކުގައި ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުން

9ވަނަ މާއްދާ: މަރުކަޒުތަކުގައި ޖިންސީ ފުރައްސާރަ ނުކުރުން ނުވަތަ ގޯނާ ނުކުރުން

މަރުކަޒެއްގެ ވެރިޔަކު ނުވަތަ އެ މަރުކަޒެއްގައި މަސައްކަތްކުރާ ފަރާތްތަކުން، އެ މަރުކަޒަކަށް ޚިދުމަތް ހޯދަން އަންނަ ފަރާތްތަކަށް ޖިންސީ ފުރައްސާރަކޮށް ނުވަތަ ގޯނާކޮށްގެން ނުވާނެއެވެ. ނުވަތަ

އެ މަރުކަޒަކީ ކުޑަކުދިން ނުވަތަ މީހުން ބަލަހައްޓާ މަރުކަޒެއްނަމަ އެ ތަނުގައި ބަލަހައްޓަމުންދާ ކުޑަކުދިން ނުވަތަ މީހުންނަށް ޖިންސީ ފުރައްސާރަކޮށް ގޯނާކޮށްގެން ނުވާނެއެވެ. އަދި ހަމައެހެންމެ

އެ މަރުކަޒަކަށް ޚިދުމަތް ހޯދަން އަންނަ ފަރާތަކުން އެ މަރުކަޒުގައި ޚިދުމަތް ފޯރުކޮށްދޭން ހުންނަ ފަރާތަކަށް ޖިންސީ ފުރައްސާރަކޮށް ނުވަތަ ގޯނާކޮށްގެން ނުވާނެއެވެ.

10ވަނަ މާއްދާ: މަރުކަޒުތަކުގެ ވެރިންގެ ޒިންމާ

މަރުކަޒުތަކަށް ޚިދުމަތް ހޯދަން އަންނަ ފަރާތްތަކާމެދު ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުމުގެ ޢަމަލު ހިންގުން މަނާކޮށް، އެކަމުގައި ގެންގުޅޭ ސިޔާސަތު އެކަށައަޅައި، އެ ސިޔާސަތުތައް އެ މަރުކަޒުގައި މަސައްކަތްކުރާ އަދި އެ މަރުކަޒަކަށް ޚިދުމަތް ހޯދުމަށް އަންނަ ފަރާތްތަކަށް ހާމަކޮށްދީ، އެ މަރުކަޒަކީ ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުމުން ރައްކާތެރިވެގެންވާ މަރުކަޒުތަކަކަށް ހެދުމަށްޓަކައި އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އެޅުމަކީ އެފަދަ މަރުކަޒުތަކުގައި ތިބޭ ވެރިންގެ ޒިންމާއެކެވެ.

11ވަނަ މާއްދާ: މަރުކަޒުތަކުގެ ވެރިންނާއި މުވައްޒަފުންގެ ޢަމަލުތައް ބަހައްޓަންވީ ގޮތް

އަންނަނިވި ކަންކަމަށް މަގުފަހިވާ ގޮތަކަށް ނުވަތަ ޚިދުމަތް ހޯދުމަށް މަރުކަޒަކަށް އަންނަ ފަރާތްތަކަށް އެއިން ކަމެއް ދޭހަވާފަދަ ގޮތަކަށް، މަރުކަޒުތަކުގެ ވެރިންނާއި މުވައްޒަފުންގެ ޢަމަލުތައް ބަހައްޓައިގެން ނުވާނެއެވެ.

(ހ) މަރުކަޒުން ޚިދުމަތް ލިބިގަތުމަށް އަންނަ ފަރާތަކަށް އެ ފުރުޞަތު ދެވޭނީ އެ މަރުކަޒެއްގެ ވެރިޔެއް ނުވަތަ މުވައްޒަފެއް ހިންގާ ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުމުގެ ޢަމަލު ބަލައިގަންނަ ފަރާތްތަކަށް ކަން؛

(ށ) މަރުކަޒަކުން ޖާގައެއް ހޯދޭނީ ނުވަތަ އެ ތަނުން ފޯރުކޮށްދޭ ޚިދުމަތެއް އަވަސް ކޮށްދޭނީ، އެ މަރުކަޒެއްގެ ވެރިޔަކު ނުވަތަ މުވައްޒަފަކު ހިންގާ ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުމުގެ ޢަމަލެއް ބަލައިގަތުމުންކަން؛

(ނ) މަރުކަޒުތަކުން ހަމަހަމަ ގޮތެއްގައި ފޯރުކޮށްދޭންޖެހޭ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި، ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުމުގެ ޢަމަލު ބަލައިގަންނަ ފަރާތްތަކަށް އިސްކަންދޭނެކަން؛

(ރ) މަރުކަޒަކީ ކުޑަކުދިން ނުވަތަ މީހުން ބަލަހައްޓާ ތަނެއްނަމަ، އެ ތަނެއްގައި، ތިބޭ ކުޑަކުދިން ނުވަތަ މީހުންނަށް ލިބެންޖެހޭ ޚިދުމަތެއް ނުވަތަ މަންފާއެއް ނުވަތަ ލުޔެއް ލިބޭނީ ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުމުގެ ޢަމަލެއް ބަލައިގަތުމުންކަން؛

(ބ) މަރުކަޒުތަކުން ގަވާއިދާ އެއްގޮތަށް ވަކިކުރަންޖެހުނު ނަމަވެސް، ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުމުގެ ޢަމަލު ބަލައިގަންނަ ފަރާތްތައް ވަކިނުކޮށް ބައިތިއްބާނެކަން.

12ވަނަ މާއްދާ: ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުމުން ރައްކާތެރިވެގެންވާ ތަންތަނަށް ހެދުން

މަރުކަޒުތަކުން ޚިދުމަތް ހޯދުމަށް އަންނަ ފަރާތްތަކަށް ނުވަތަ މަރުކަޒަކީ ކުޑަކުދިން ނުވަތަ މީހުން ބަލަހައްޓާ ތަނެއްނަމަ، އެ ތަނުގައި ތިބޭ ކުޑަކުދިންނަށް ނުވަތަ މީހުންނަށް އެ ތަންތަނަކީ ރައްކާތެރި، ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ފަދަ ނޭދެވޭ ޢަމަލުތަކުން ސަލާމަތްވެގެންވާ ތަންތަން ކަމުގައި ހެދުމަކީ މަރުކަޒުތަކުގެ ވެރިންގެ ޒިންމާއެކެވެ.

13ވަނަ މާއްދާ: ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުމާ ބެހޭގޮތުން ގެންގުޅޭ ސިޔާސަތު ޢާންމުކޮށް ފެންނާނެފަދަ ގޮތަކަށް ބެހެއްޓުން

(ހ) ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުމަކީ ޤާނޫނު ހުއްދަކުރާ ކަމެއް ނޫންކަމަށާއި، އެފަދަ ޢަމަލުތައް ކުރާ ފަރާތްތަކާމެދު ފިޔަވަޅު އެޅޭނެކަން އަދި ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުމާ ބެހޭގޮތުން އެ މަރުކަޒަކުން ގެންގުޅޭ ސިޔާސަތުތައް، އެ މަރުކަޒުތަކަށް ޚިދުމަތް ލިބިގަންނަން އަންނަ ހުރިހާ ފަރާތްތަކަށް ނުވަތަ އެ މަރުކަޒަކީ ކުޑަކުދިން ނުވަތަ މީހުން ބަލަހައްޓާ ތަނެއްނަމަ، އެ ތަނުގައި ތިބޭ ކުޑަކުދިންނަށް ނުވަތަ މީހުންނަށް ފެންނާނެފަދަ ގޮތަކަށް އެފަދަ މަރުކަޒުތަކުގައި ބެހެއްޓިފައި ހުންނަންވާނެއެވެ.

(ށ) ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުމާ ބެހޭގޮތުން ޝަކުވާއެއް ހުށަހަޅަން ބޭނުން ފަރާތްތަކަށް ޝަކުވާ ހުށަހަޅާނެ ފޯމާއި، ޝަކުވާ ހުށަހަޅަންވީ އުސޫލު އަދި އެކަމާ ދެކޮޅަށް އެޅޭނެ ފިޔަވަޅުތައް ޢާންމުކޮށް އެނގެން ހުންނާނެފަދަ އިންތިޒާމެއް އެފަދަ މަރުކަޒުތަކުގައި ހަމަޖެހިފައި ހުންނަންވާނެއެވެ.

(ނ) ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުމާ ބެހޭގޮތުން މަރުކަޒުތަކުން ގެންގުޅޭ ސިޔާސަތުތައް، އެފަދަ މަރުކަޒުތަކުން އިންތިޒާމުކުރާ ގޮތެއްގެމަތިން ޚިދުމަތް ލިބިގަތުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ސާފުކޮށް ކިޔައިދޭންވާނެއެވެ.

ހަތަރުވަނަ ބާބު

ޝަކުވާ ހުށަހެޅުން

14ވަނަ މާއްދާ: ޝަކުވާ ހުށަހެޅުމުގެ ޙައްޤު

(ހ) ވަޒީފާ އަދާކުރާ ތަނެއްގައި މަސައްކަތްކުރާ މުވައްޒަފަކާމެދު ވަޒީފާދޭ ފަރާތުން ނުވަތަ

އެ ތަނުގައި މަސައްކަތްކުރާ އެހެން ފަރާތަކުން ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުމުގެ ޢަމަލެއް ހިންގައިފިނަމަ، ވަޒީފާ އަދާކުރާ ތަނުގައި މި ޤާނޫނުގެ 17 ވަނަ މާއްދާގެ ދަށުން ޤާއިމުކުރާ ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ކޮމިޓީއަށް މައްސަލަ ހުށަހެޅުމުގެ ޙައްޤު އެ މުވައްޒަފަކަށް ލިބިގެންވެއެވެ.

(ށ) މަރުކަޒެއްގެ ވެރިން ނުވަތަ އެ މަރުކަޒެއްގައި މަސައްކަތްކުރާ އެހެން ފަރާތަކުން

އެ މަރުކަޒަށް ޚިދުމަތް ހޯދަން އަންނަ ފަރާތަކާމެދު ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުމުގެ ޢަމަލެއް ހިންގައިފިނަމަ، އެ މަރުކަޒުގައި މި ޤާނޫނުގެ 17 ވަނަ މާއްދާގެ ދަށުން ޤާއިމުކުރާ ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ކޮމިޓީއަށް މައްސަލަ ހުށަހެޅުމުގެ ޙައްޤު އެމީހަކަށް ލިބިގެންވެއެވެ.

15ވަނަ މާއްދާ: ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުމުގެ ޢަމަލު ބަލައިގަންނަ ފަރާތްތަކަށް އިސްކަންދިނުމުން ޝަކުވާ ހުށަހެޅުން

ވަޒީފާދޭ ފަރާތުން ކުރާ ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުމުގެ ޢަމަލެއް ބަލައިގަންނަ ފަރާތަކަށް ވަކި ވަޒީފާއެއް ލިބިފައިވާނަމަ ނުވަތަ ވަޒީފާގެ ކުރިއެރުމެއް ލިބިފައިވާނަމަ، އެފަދަ ޢަމަލެއް ބަލައިނުގަތުމުގެ ސަބަބުން ވަޒީފާ ނުލިބުނު ފަރާތަށް ނުވަތަ ވަޒީފާގެ ކުރިއެރުން ނުލިބުނު ފަރާތަށް، ވަޒީފާދޭ ފަރާތާ ދެކޮޅަށް ޝަކުވާ ހުށަހެޅުމުގެ ޙައްޤު ލިބިގެންވެއެވެ.

16ވަނަ މާއްދާ: ވަޒީފާ އަދާކުރާ އެހެން ތަނަކަށް ނުވަތަ އެހެން މަރުކަޒަކަށް ޝަކުވާ ހުށަހެޅުން

ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުމުގެ ޢަމަލެއްގެ ޝަކުވާ ރައްދުވާ ފަރާތަކީ ޝަކުވާ ހުށަހެޅި ފަރާތާ އެއް ތަނެއްގައި މަސައްކަތްކުރާ ފަރާތެއް ކަމުގައި ނުވާނަމަ، ޝަކުވާ ރައްދުވާ ފަރާތް މަސައްކަތްކުރާ ތަނެއްގެ ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ކޮމިޓީއަށް ޝަކުވާ ހުށަހެޅުމުގެ ޙައްޤު ޝަކުވާ ހުށަހަޅާ ފަރާތަށް ލިބިގެންވެއެވެ.

17ވަނަ މާއްދާ: ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ކޮމިޓީ

(ހ) ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުމާ ބެހޭގޮތުން ހުށަހެޅޭ ޝަކުވާތައް ބަލައި ތަޙްޤީޤުކޮށް ފިޔަވަޅު އެޅުމަށްޓަކައި، 30 (ތިރީސް) މުވައްޒަފުންނަށްވުރެ ގިނަ މުވައްޒަފުން ވަޒީފާ އަދާކުރާ ކޮންމެ ތަނެއްގައި އަދި، ކޮންމެ މަރުކަޒެއްގައި "ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ކޮމިޓީ" ގެ ނަމުގައި ކޮމިޓީއެއް އުފައްދަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި އެފަދައިން ބަޔާންކޮށްފައި ވީނަމަވެސް، ކޮމިޓީއެއް އުފެއްދޭ މިންވަރަށްވުރެ މަދު ޢަދަދެއްގެ މުވައްޒަފުން މަސައްކަތްކުރާ ތަންތަނުގައި، އެ ތަނެއްގެ މައި އިދާރާގައި ނުވަތަ މައި ކުންފުނީގައި ނުވަތަ އެ ތަނަކީ ޑިޕާޓްމަންޓެއްނަމަ، ކަމާބެހޭ މިނިސްޓްރީގައި އެފަދަ ކޮމިޓީއެއް އެކުލަވާލާފައި އޮތުމަކަށް މި މާއްދާ ހުރަހެއްނާޅައެވެ.

(ނ) މި  މާއްދާގެ (ހ) އަދި (ށ) އެހެންއޮތް ނަމަވެސް، ސަރުކާރުގެ ކޮންމެ ވުޒާރާއަކާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި، މިނިވަން މުއައްސަސާތަކާއި، ރައްޔިތުންގެ މަޖިލީހާއި، ޤާނޫނުން އުފައްދާފައިވާ ކޮންމެ ކޯޓެއްގައި މި މާއްދާގެ (ހ) ގައި ބުނާ ކޮމިޓީ އުފެއްދުމަށް މި ޤާނޫނު ލާޒިމުކުރެއެވެ.

(ރ) މި މާއްދާގެ (ނ) ގައި އެހެންއޮތް ނަމަވެސް، ކޯޓުތަކުގެ ތެރެއިން 30 މުވައްޒަފުން ހަމަނުވާ ކޯޓުތަކުގައި ހިނގާ ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުމުގެ ޢަމަލުތައް ބެލުމަށްޓަކައި މި މާއްދާގެ (ހ) ގައިވާ ކޮމިޓީ ޑިޕާރޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގައި އުފައްދަންވާނެއެވެ.

(ބ) މި މާއްދާގެ (ހ)، (ށ) އަދި (ނ) ގެ ދަށުން ވަޒީފާ އަދާކުރާ ތަންތަނުގައާއި މަރުކަޒުތަކުގައި އެކުލަވާލަންޖެހޭ ޝަކުވާ ކޮމިޓީ، މި ޤާނޫނަށް ޢަމަލުކުރަން ފަށާތާ

6 (ހައެއް) މަސްދުވަހުގެ ތެރޭގައި އެކުލަވާލައި ނިންމަންވާނެއެވެ.

(ޅ) މި މާއްދާގެ (ހ) ނުވަތަ (ށ) ނުވަތަ (ނ) ގައިވާ ގޮތުގެމަތިން ޝަކުވާ ކޮމިޓީއެއް އުފައްދާފައިނުވާ ތަންތާނގައި ހިނގާ ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުމުގެ ޢަމަލުތަކާބެހޭ މައްސަލަތައް ހުށަހަޅާނީ، ސީދާ ޓްރައިބިއުނަލަށެވެ.

18ވަނަ މާއްދާ: ކޮމިޓީ އެކުލަވާލުން

(ހ) ޝަކުވާ ކޮމިޓީ އެކުލަވާލާނީ ވަޒީފާ އަދާކުރާ ތަނެއްގެ ނުވަތަ މަރުކަޒެއްގެ ހިއުމަން ރިސޯސްއާބެހޭ ސެކްޝަނުންނެވެ.  ނުވަތަ އެފަދަ ސެކްޝަނެއް ނެތް ތަނެއްނަމަ،

އެ ތަނެއްގެ އެންމެ އިސް ވެރިޔާއެވެ.

(ށ) ކޮމިޓީ އެކުލަވާލާނީ 3 (ތިނެއް) މެންބަރުންގެ މައްޗަށެވެ.

(ނ) ކޮމިޓީގެ މެންބަރުންގެ ގޮތުގައި ހަމަޖައްސާނީ އެ ތަނެއް ނުވަތަ މަރުކަޒެއް ހިންގުމުގައި އިސްކޮށް ޙަރަކާތްތެރިވާ ވެރިންގެ ތެރެއިން ބަޔެކެވެ.

(ރ) ކޮމިޓީގައި މަދުވެގެން 1 (އެކެއް) އަންހެން މެންބަރަކު އިންނަންވާނެއެވެ.

(ބ) ކޮމިޓީގެ މެންބަރުންގެ ތެރެއިން ކޮމިޓީއަށް ޗެއަރ ޕަރސަންއެއް އިންތިޚާބުކުރަންވާނެއެވެ.

(ޅ) ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުމުގެ ޢަމަލެއް ހިންގާފައިވާކަމުގެ ޝަކުވާއެއް އެފަރާތަކާމެދު ހުށަހެޅިފައިވާ ފަރާތެއް ނުވަތަ އެފަދަ ޢަމަލެއް ހިންގިކަމަށް އެފަރާތެއްގެ މައްޗަށް ސާބިތުވެ ފިޔަވަޅު އަޅާފައިވާ ފަރާތެއް ކޮމިޓީގައި ހިމެނިގެން ނުވާނެއެވެ.

(ކ) ކޮމިޓީގައި، އެ ކޮމިޓީ ނިސްބަތްވާ މުއައްސަސާގެ މުވައްޒަފުން ފިޔަވައި އެހެން ފަރާތެއް ހިމެނުމަކަށް މި މާއްދާ ހުރަހެއް ނާޅައެވެ.

19ވަނަ މާއްދާ: ކޮމިޓީގެ ޒިންމާއާއި މަސްއޫލިއްޔަތު

ޝަކުވާ ކޮމިޓީގެ ޒިންމާއާއި މަސްއޫލިއްޔަތުތައް ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.

(ހ) ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުމަކީ ޤާނޫނު ހުއްދަކުރާ ކަމެއް ނޫންކަން ޢާންމުކޮށް އެނގޭނެފަދަ ގޮތަކަށް ވަޒީފާ އަދާކުރާ ތަނުގައި ނުވަތަ މަރުކަޒުތަކުގައި ފެންނަން ހުންނާނެހެން ބެހެއްޓުން؛

(ށ) ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމާ ބެހޭގޮތުން މުވައްޒަފުންނަށް ނުވަތަ ޚިދުމަތް ލިބިގަންނަން އަންނަ ފަރާތްތަކަށް ހޭލުންތެރިކަމުގެ ޕްރޮގްރާމްތައް ހިންގުން؛

(ނ) މަރުކަޒަކީ ކުޑަކުދިން ނުވަތަ މީހުން ބަލަހައްޓާ ތަނެއްނަމަ، ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމާ ބެހޭގޮތުން އެ ތާނގައި ތިބޭ ކުޑަކުދިން ނުވަތަ މީހުން ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ހިންގުން؛

(ރ) އެ ތަނެއް ނުވަތަ މަރުކަޒެއްގައި ހިނގާ ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުމުގެ ޢަމަލަކާ ބެހޭގޮތުން ޝަކުވާއެއް ހުށަހެޅިއްޖެނަމަ ނުވަތަ އެފަދަ ޢަމަލެއް ހިނގާ ކަމަށް މަޤްބޫލު ސަބަބަކާހުރެ ޤަބޫލުކުރެވިއްޖެނަމަ، އެ ޝަކުވާ ނުވަތަ ތުހުމަތަކާ ގުޅިގެން ހާޒިރުކުރަންޖެހޭ ބަޔަކު ހާޒިރުކޮށް، ބަޔާން ނަގައި ހެކިބަސް ހޯދުން؛

(ބ) ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުމާ ބެހޭގޮތުން ހުށަހެޅޭ ޝަކުވާތަކާ ގުޅިގެން ހޯދަންޖެހޭ ލިޔެކިޔުންތައް ހޯދުން؛

(ޅ) ޝަކުވާއަކާ ގުޅިގެން ކުރަންޖެހޭ ތަޙްޤީޤުތައްކޮށް، ޝަކުވާ ރައްދުވާ ފަރާތުން ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުމުގެ ޢަމަލެއް ސާބިތުވެއްޖެނަމަ، ވަޒީފާއާބެހޭ ޤާނޫނާ ޚިލާފު ނުވާނެ ގޮތެއްގެމަތިން އޭނާއާމެދު އެކަށީގެންވާ ފިޔަވަޅުއެޅުން؛

(ކ) ޝަކުވާއަކާ ގުޅިގެން ކުރަންޖެހޭ ތަޙްޤީޤުތައް ކޮށް، އެ ޝަކުވާއަކީ ޖިނާއީ ކުށަކާ ގުޅޭ ޝަކުވާއެއްނަމަ، އެ މައްސަލަ އިތުރަށް  ތަޙްޤީޤުކުރުމަށް ކަމާބެހޭ ފަރާތަށް ހުށަހެޅުމަށް ޝަކުވާ ހުށަހެޅި ފަރާތަށް އެންގުމާއި އެކަން ކުރިއަށް ގެންދިއުމުގައި އެހީތެރިވެދިނުން؛

(އ) މައްސަލަ ބެލުމަށްފަހު، ޝަކުވާ ރައްދުވާ ފަރާތުން ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުމުގެ ޢަމަލެއް ހިންގިކަމަށް ސާބިތުވެއްޖެނަމަ، އޭގެ ސަބަބުން މުވައްޒަފަށް ގެއްލިފައިވާ ޢިނާޔަތެއް ނުވަތަ ވަޒީފާގެ ކުރިއެރުމެއް ނުވަތަ އެހެންވެސް ޙައްޤެއް ހޯދުމަށް ފުރުޞަތު ފަހިކޮށްދިނުން؛ ނުވަތަ ޝަކުވާ ހުށަހެޅީ މަރުކަޒަކުން ޚިދުމަތެއް ހޯދުމަށް ދިޔަ ފަރާތެއްނަމަ، އޭގެ ސަބަބުން އޭނާއަށް ގެއްލިފައިވާ ފުރުޞަތެއް ނުވަތަ ޙައްޤެއް ހޯދުމަށް ފުރުޞަތު ފަހިކޮށްދިނުން.

20ވަނަ މާއްދާ: ކޮމިޓީން މައްސަލަ ބެލުން

(ހ) ޝަކުވާ ކޮމިޓީން އެ ކޮމިޓީއަށް ހުށަހެޅޭ މައްސަލަ ބެލުމުގައި ޢަމަލުކުރާނީ، މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ ގޮތުގެމަތިންނެވެ.

(ށ) ޝަކުވާ ކޮމިޓީގެ މަސައްކަތް ކުރުމަށް ހަމަޖައްސަންޖެހޭ އިންތިޒާމުތައް، ވަޒީފާ އަދާކުރާ ތަނުން ނުވަތަ މަރުކަޒަކުން ހަމަޖައްސައިދޭންވާނެއެވެ.

21ވަނަ މާއްދާ: ޝަކުވާ ހުށަހަޅާ އަދި ރައްދުވާ ފަރާތުގެ ޙައްޤުތައް

(ހ) ޝަކުވާ ކޮމިޓީއަށް ހުށަހެޅޭ ޝަކުވާތައް އެ ކޮމިޓީން ބެލުމުގައި ޝަކުވާ ހުށަހަޅާ ފަރާތަށް އަންނަނިވި ފުރުޞަތުތައް ދޭންވާނެއެވެ.

(1) އޭނާ ހުށަހަޅާ މައްސަލަ ތަފްޞީލުކޮށް ބަޔާންކޮށްދިނުމަށް؛

(2) އޭނާ ހާޒިރުކުރަން އެދޭ ހެކިން ހާޒިރުކުރުމަށް.

(ށ) ޝަކުވާ ކޮމިޓީއަށް ހުށަހެޅޭ ޝަކުވާތަކުގެ ތެރެއިން ޝަކުވާއެއް ބެލުމުގައި އެ މައްސަލަ ރައްދުވާ ފަރާތަށް އަންނަނިވި މަޢުލޫމާތާއި ފުރުޞަތު ދޭންވާނެއެވެ.

(1) ހުށަހެޅިފައިވާ މައްސަލައިގެ ތަފްޞީލު؛

(2) މައްސަލައިގައި ދިފާޢު ހުށަހެޅުމުގެ ފުރުޞަތު.

22ވަނަ މާއްދާ: ކޮމިޓީއަށް އެޅިދާނެ ފިޔަވަޅުތައް

(ހ) ޝަކުވާ ކޮމިޓީން މައްސަލަ ބެލުމަށްފަހު ކޮމިޓީން އަޅާ ފިޔަވަޅުތަކުގެ ތެރޭގައި މައްސަލައިގެ ކުޑަބޮޑު މިނަށް ބަލައި އަންނަނިވި ކަންކަން ހިމެނިދާނެއެވެ.

-1 ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުމުގެ ޢަމަލު ހިންގި ފަރާތަށް އެފަދަ ޢަމަލެއް ތަކުރާރު ނުކުރުމަށް ލިޔުމުން ނަސޭހަތްތެރިވުން؛

-2 ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުމުގެ ޢަމަލު ހިންގި ފަރާތަށް އެފަދަ ޢަމަލެއް ތަކުރާރު ނުކުރުމަށް ނަސޭހަތްތެރިވެ ލިޔުމުން އިންޒާރުދިނުން؛

-3 ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުމުގެ ޢަމަލު ހިންގި ފަރާތް ވަކި މުއްދަތަކަށް ވަޒީފާއިން ސަސްޕެންޑްކުރުން؛

-4 ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުމުގެ ޢަމަލު ހިންގި ފަރާތް އަދާކުރަމުން ދިޔަ ޒިންމާއިން ވަކިކުރުން؛

-5 ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުމުގެ ޢަމަލު ހިންގި ފަރާތް އަދާކުރަމުން ދިޔަ ވަޒީފާއަށްވުރެ ދަށު ދަރަޖައެއްގެ ވަޒީފާއަކަށް ބަދަލުކުރުން؛

-6 ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުމުގެ ޢަމަލު ހިންގި ފަރާތް ވަޒީފާއިން ވަކިކުރުން.

(ށ) މި މާއްދާގެ ދަށުން ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުމުގެ ޢަމަލު ހިންގި ފަރާތަކާމެދު އަޅާ ފިޔަވަޅުތައް އެފަރާތެއްގެ ވަޒީފާގެ ރެކޯޑުގައި ހިމަނަންވާނެއެވެ.

23ވަނަ މާއްދާ: މައްސަލަ ބަލައި ނިންމުމުގެ ވަގުތު

މި ޤާނޫނުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހާހިނދަކު، ކޮމިޓީއަށް ހުށަހެޅޭ މައްސަލަތައް ގިނަވެގެން 60 (ފަސްދޮޅަސް) ދުވަހުގެ ތެރޭގައި ބަލައި ނިންމަންވާނެއެވެ.

24ވަނަ މާއްދާ: ކޮމިޓީގެ މެންބަރަކަށް ރައްދުވާ ޝަކުވާ

ޝަކުވާ ރައްދުވާ ފަރާތަކީ ކޮމިޓީގެ މެންބަރެއް ކަމުގައިވާނަމަ، އަންނަނިވި ގޮތްތަކުގެ ތެރެއިން ގޮތަކަށް ކޮމިޓީއަށް ޢަމަލުކުރެވިދާނެއެވެ.

(ހ) ޝަކުވާ ހުށަހަޅާ ފަރާތުން އެ ޝަކުވާއެއް ސީދާ ޓްރައިބިއުނަލަށް ހުށަހެޅުން؛ ނުވަތަ

(ށ) ޝަކުވާ ރައްދުވާ ފަރާތް އެ މައްސަލަ ބެލުމުން ތަނާޒުލުކުރުވުމާއެކު، އޭނާ ކޮމިޓީގައި ނުހިމެނޭގޮތަށް އެ މައްސަލަ ބެލުން؛

(ނ) ޝަކުވާ ހުށަހެޅި ފަރާތުގެ ރުހުމާއެކު، އެ ތަނެއްގެ ހިއުމަން ރިސޯސް ސެކްޝަނުން ނުވަތަ އެ ތަނެއްގެ އެންމެ އިސްކޮށް ހުރި ވެރިޔަކު ވަގުތީ ކޮމިޓީއެއް އެކުލަވާލުން.

25ވަނަ މާއްދާ: ކޮމިޓީ ނުއުފައްދާ ފަރާތްތަކާމެދު ފިޔަވަޅު އެޅުން

(ހ) މި ޤާނޫނުގެ 17 ވަނަ މާއްދާގައިވާ ފަދައިން ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ކޮމިޓީ އުފެއްދުމަށް މި ޤާނޫނުގެ 17 ވަނަ މާއްދާއިން ލާޒިމުކުރާ ތަންތަނުން، މި ޤާނޫނު ފާސްވެ ތަޞްދީޤުކުރާތާ 6 (ހައެއް) މަސްދުވަހުގެ ތެރޭގައި، އެފަދަ ކޮމިޓީއެއް އުފެއްދުމަށްފަހު، އެ މަޢުލޫމާތު ޓްރައިބިއުނަލަށް ހުށަހަޅަންވާނެއެވެ.

(ށ) މި ޤާނޫނުގެ 17 ވަނަ މާއްދާގައިވާ ފަދައިން ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ކޮމިޓީއެއް އުފެއްދުމަށް މި ޤާނޫނުގެ 17 ވަނަ މާއްދާއިން ލާޒިމުކުރާ ތަންތާނގައި ނުވަތަ  މަރުކަޒުތަކުގައި އެފަދަ ކޮމިޓީއެއް ޤާއިމުކޮށްފައި ނުވާނަމަ، އެކަމުގެ ޝަކުވާ ޓްރައިބިއުނަލަށް ހުށަހެޅުމުގެ ޙައްޤު ކޮންމެ މީހަކަށްމެ ލިބިގެންވެއެވެ.

(ނ) މި މާއްދާގެ (ށ) ގެ ދަށުން ޓްރައިބިއުނަލަށް މައްސަލައެއް ހުށަހެޅިއްޖެނަމަ، އެ މައްސަލަ ބަލައި، އެ ތަނުގައި ނުވަތަ އެ މަރުކަޒުގައި ޝަކުވާ ކޮމިޓީއެއް ޤާއިމުކޮށްފައި ނުވާނަމަ، އެ ތަނެއް ނުވަތަ މަރުކަޒެއް -/5,000 (ފަސްހާސް) ރުފިޔާއިން ޖޫރިމަނާކުރެވޭނެއެވެ.

26ވަނަ މާއްދާ: ކޮމިޓީން މައްސަލަ ނިންމުމުން ޓްރައިބިއުނަލަށް ހުށަހެޅުން

(ހ) ޝަކުވާ ކޮމިޓީން ނިންމާ ނިންމުމެއް އެ މައްސަލަ ހުށަހެޅި ފަރާތަށް ޤަބޫލުނުކުރެވޭނަމަ، ކޮމިޓީން އެ ނިންމުން ނިންމާ ތާރީޚުން ފެށިގެން 180 (ސަތޭކައަށްޑިހަ) ދުވަހުގެ ތެރޭގައި އެ މައްސަލަ ޓްރައިބިއުނަލަށް ހުށަހެޅުމުގެ ޙައްޤު އެފަރާތަށް ލިބިގެންވެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ޓަރައިބިއުނަލަށް މައްސަލަ ހުށަހެޅުމުގެ ޙައްޤު އެއްވެސް ފަރާތަކަށް ލިބިދެވޭނީ، މި ޤާނޫނުގެ 14 ވަނަ މާއްދާގެ ދަށުން ޝަކުވާ ކޮމިޓީއަށް މައްސަލަ ހުށަހަޅައި، އެ ކޮމިޓީން މައްސަލަ ނިންމުމަށްފަހުގައެވެ.

(ނ) މައްސަލަ ބެލުމަށްފަހު، ޝަކުވާ ރައްދުވާ ފަރާތުން ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުމުގެ ޢަމަލެއް ހިންގިކަމަށް ސާބިތުވެއްޖެނަމަ، އެކަމުގެ ސަބަބުން ޝަކުވާ ހުށަހެޅި ފަރާތަށް ލިބިފައިވާ ގެއްލުމުގެ ބަދަލު ހޯދައިދިނުމަށް ޓްރައިބިއުނަލަށް މައްސަލަ ހުށަހެޅުމުގެ ޙައްޤު މައްސަލަ ހުށަހެޅި ފަރާތަށް ލިބިގެންވެއެވެ.

(ރ) މި މާއްދާގެ (ށ) ގައި އެހެން އޮތްކަމުގައި ވީނަމަވެސް، މި ޤާނޫނުގައިވާ ގޮތުގެމަތިން ކޮމިޓީއަށް ޝަކުވާ ހުށަހަޅާތާ 60 (ފަސްދޮޅަސް) ދުވަހުގެ ތެރޭގައި މައްސަލަ ބަލައި ނިންމާފައި ނުވާނަމަ، އެ މައްސަލައެއް ސީދާ ޓްރައިބިއުނަލަށް ހުށަހެޅުމުގެ އިޚްތިޔާރު ޝަކުވާ ހުށަހަޅާ ފަރާތަށް ލިބިގެންވެއެވެ.

ފަސްވަނަ ބާބު

ޓްރައިބިއުނަލަށް މައްސަލަ ހުށަހެޅުން

27ވަނަ މާއްދާ: ޓްރައިބިއުނަލަށް މައްސަލަ ހުށަހެޅުން

މި ޤާނޫނުގެ 17 ވަނަ މާއްދާގެ (ޅ) ގެ ދަށުން ނުވަތަ 24 ވަނަ މާއްދާގެ (ހ) ގެ ދަށުން ނުވަތަ 26 ވަނަ މާއްދާގެ (ހ) ނުވަތަ (ނ) ގެ ދަށުން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް މައްސަލަ ހުށަހެޅުމުގެ ޙައްޤު، ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުމުގެ ޢަމަލެއް އެމީހަކާ ދެކޮޅަށް ހިންގޭ މީހަކަށް ލިބިގެންވެއެވެ.

28ވަނަ މާއްދާ: ޓްރައިބިއުނަލަށް ހުށަނޭޅޭނެ ބާވަތުގެ މައްސަލަ

(ހ) ހުށަހެޅިފައިވާ ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުމުގެ ގޮތުން ކުރެވުނު ޢަމަލެއް ނުވަތަ ކަމެއް ހިނގާދިޔަތާ 12 (ބާރަ) މަސްދުވަސް ފާއިތުވެފައިވާ ޝަކުވާއެއް ޓްރައިބިއުނަލަށް ހުށައެއްނޭޅޭނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި އެހެންއޮތް ނަމަވެސް، ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުމުގެ ޢަމަލު ރައްދުވާ ފަރާތަކީ ކުޑަކުއްޖެއް ކަމުގައިވާނަމަ، އެ ކުޑަކުއްޖަކަށް 18 (އަށާރަ) އަހަރު ފުރުމަށްފަހު 12 (ބާރަ) މަސްދުވަހުގެ ތެރޭގައި ޓްރައިބިއުނަލަށް މައްސަލަ ހުށަހެޅުމުގެ ފުރުޞަތު އެކުއްޖަކަށް ލިބިގެންވެއެވެ.

29ވަނަ މާއްދާ: މައްސަލަ ބެލުމުގައި އިންޞާފުވެރިވުން

ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުމާ ބެހޭގޮތުން ހުށަހެޅޭ މައްސަލަތައް ބަލަންވާނީ، މި ޤާނޫނުގެ

2 ވަނަ މާއްދާގައި ބަޔާންކުރާ މިންގަނޑުން، އަދި ޢަދުލު އިންޞާފު ޤާއިމުކުރުމުގެ އަސާސްގެ މައްޗަށް ބިނާކޮށެވެ.

30ވަނަ މާއްދާ: މައްސަލަ ބަލައި ނިންމުމުގެ ވަގުތު

މި ޤާނޫނުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހާހިނދަކު، ޓްރައިބިއުނަލަށް ހުށަހެޅޭ މައްސަލަތައް ގިނަވެގެން 90 (ނުވަދިހަ) ދުވަހުގެ ތެރޭގައި ބަލައި ނިންމަންވާނެއެވެ.

31ވަނަ މާއްދާ: މައްސަލައިގެ އަޑުއެހުން ސިއްރުކުރުން

ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުމާ ބެހޭގޮތުން ހުށަހެޅޭ މައްސަލަތަކުގެ ތެރެއިން ޢާންމު މަޞްލަޙަތެއް ނުހިމެނޭ މައްސަލައެއްގެ މަޢުލޫމާތު ޢާންމު ނުކުރުމަށް ނުވަތަ އެފަދަ މައްސަލައެއް ޢާންމުންނަށް ހުޅުވާނުލައި ކުރިއަށް ގެންދިއުމުގެ އިޚްތިޔާރު ޓްރައިބިއުނަލަށް ލިބިގެންވެއެވެ.

32ވަނަ މާއްދާ: އެޅިދާނެ ފިޔަވަޅުތައް

ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުމުގެ ޢަމަލުތަކުގެ މައްސަލަތައް ބެލުމަށްފަހު އެ ޢަމަލުތަކުގެ ކުޑަބޮޑު މިނަށް ބަލައި ތިރީގައިމިވާ ފިޔަވަޅުތައް އެޅުމުގެ ބާރު ޓްރައިބިއުނަލަށް ލިބިގެންވެއެވެ.

(ހ) މައްސަލައެއް ރައްދުވާ ފަރާތުން ކޮށްފައިވާ ޢަމަލަކީ ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުމެއް ކަމަށް ނިންމައި، އެފަދަ ޢަމަލުތައް ކުރުން ވަގުތުން ހުއްޓާލުމަށާއި އެފަދަ ޢަމަލުތައް ތަކުރާރު ނުކުރުމަށް ލިޔުމުން އެންގުން؛

(ށ) މައްސަލަ ރައްދުވާ ފަރާތުން ހިންގާފައިވާ ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުމުގެ ޢަމަލުގެ ސަބަބުން ޝަކުވާ ހުށަހެޅި ފަރާތުގެ އެއްވެސް ޙައްޤެއް ނިގުޅައިގަނެވިފައިވާނަމަ އެ ޙައްޤެއް އަނބުރާ ހޯދައިދިނުމަށް އަމުރުކޮށް ލިޔުމުން އެކަން އެންގުން؛

(ނ) މައްސަލަ ރައްދުވާ ފަރާތަކީ މައްސަލަ ހުށަހެޅި ފަރާތާ އެކުގައި މަސައްކަތްކުރާ ފަރާތެއްނަމަ އެފަރާތުގެ ޢަމަލުތައް ހުއްޓުވައި އެފަދަ ޢަމަލެއް ތަކުރާރުވިޔަ ނުދިނުމަށްޓަކައި ވަޒީފާދޭ ފަރާތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ވަޒީފާދޭ ފަރާތަށް ލިޔުމުން އެންގުން؛

(ރ) މައްސަލަ ރައްދުވާ ފަރާތުން ހިންގާފައިވާ ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުމުގެ ޢަމަލުގެ ސަބަބުން މައްސަލަ ހުށަހެޅި ފަރާތަށް ލިބިފައިވާ ގެއްލުމުގެ ބަދަލު ނަގައިދިނުން؛

(ބ) ޓްރައިބިއުނަލަށް އަޅަން ފެންނަ އިތުރު ފިޔަވަޅެއް އެޅުން.

33ވަނަ މާއްދާ: ބަދަލުދިނުން

ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުމުގެ ޢަމަލެއްގެ ސަބަބުން ގެއްލުން ލިބުނު ފަރާތަކަށް ބަދަލު ނަގައިދިނުމުގައި، އަންނަނިވި ކަންތައްތަކަށް ޓްރައިބިއުނަލުން ރިޢާޔަތްކުރަންވާނެއެވެ.

(ހ) ޝަކުވާ ހުށަހެޅި ފަރާތަށް ނަފްސާނީގޮތުން ލިބިފައިވާ ގެއްލުން؛

(ށ) އެ ޢަމަލުގެ ސަބަބުން ގެއްލިފައިވާ ވާޒީފާގެ ފުރުޞަތުތައް ނުވަތަ ވަޒީފާގެ ކުރިއެރުން؛

(ނ) އެ ޢަމަލުގެ ސަބަބުން މަރުކަޒަކުން ޚިދުމަތް ހޯދާ ފަރާތަށް ގެއްލިފައިވާ ފުރުޞަތުތައް ނުވަތަ ލިބިފައިވާ މާއްދީ ގެއްލުން؛

(ރ) އެ ޢަމަލުގެ ސަބަބުން ލިބުނު ގެއްލުމަށް ބޭސްފަރުވާ ހޯދުމަށް ނުވަތަ ނަފްސާނީ އެހީ ހޯދުމަށް ހިނގާފައިވާ ޚަރަދު؛

(ބ) މައްސަލަ ރައްދުވާ ފަރާތަށް ލިބޭ އާމްދަނީ.

34ވަނަ މާއްދާ: މުސާރައިން ކެނޑޭގޮތަށް ބަދަލުދިނުން

ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުމުގެ ޢަމަލެއް މި ޤާނޫނުގެ ދަށުން ސާބިތުވެއްޖެ ފަރާތަކަށް ބަދަލުދިނުމަށް މި ޤާނޫނުގެ 32 ވަނަ މާއްދާގެ ދަށުން ޓްރައިބިއުނަލުން އަންގާ އެންގުމަކާ އެފަރާތުން ޚިލާފުވެއްޖެނަމަ، އެފަރާތެއްގެ މުސާރައިން ކެނޑޭގޮތަށް އެ ޢަމަލުގެ ސަބަބުން ގެއްލުން ލިބުނު ފަރާތަށް ދޭންޖެހޭ ބަދަލުދިނުމަށް ވަޒީފާދޭ ފަރާތަށް އެންގުމުގެ ބާރު ޓްރައިބިއުނަލަށް ލިބިގެންވެއެވެ.

35ވަނަ މާއްދާ: އިސްތިއުނާފުކުރުން

(ހ) މި ޤާނޫނުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހާހިނދަކު، މި ޤާނޫނުގެ ދަށުން ޓްރައިބިއުނަލުން ނިންމާ މައްސަލަތައް އިސްތިއުނާފުކުރުމުގައި ޢަމަލުކުރާނީ ވަޒީފާއާބެހޭ ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިންނެވެ.

(ށ) ޓްރައިބިއުނަލުން ނިންމާ މައްސަލަތައް އިސްތިއުނާފުކުރުމުގައި މުއްދަތު ގުނާނީ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގައިވާ ގޮތުގެމަތިންނެވެ.

ހަވަނަ ބާބު

އެހެނިހެން

36ވަނަ މާއްދާ: ޤާނޫނަށް ޢަމަލުކުރަން ފެށުން

މި ޤާނޫނަށް ޢަމަލުކުރަން ފަށާނީ، މި ޤާނޫނު ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރާ ދުވަހުން ފެށިގެންނެވެ.

37ވަނަ މާއްދާ: ގަވާއިދު ހަދައި ހިންގުން

(ހ) މި ޤާނޫނުގެ ދަށުން ހަދަންޖެހޭ ގަވާއިދުތައް ހަދާނީ، ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް އިންނެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ގަވާއިދުގައި، ވަޒީފާ އަދާކުރާ ތަންތަނުގައި ޤާއިމުކުރާ ޝަކުވާ ކޮމިޓީއަކާއި، ޚިދުމަތްދޭ މަރުކަޒުތަކާއި ކުޑަކުދިން ނުވަތަ މީހުން ބަލަހައްޓާ މަރުކަޒުތަކުގައި ޤާއިމުކުރާ ޝަކުވާ ކޮމިޓީތަކުން މައްސަލަ ބަލާނެ ގޮތާއި މައްސަލަ ބެލުމުގައި ޢަމަލުކުރާނެ އުސޫލު ވަކިން ބަޔާންކުރަންވާނެއެވެ.

(ނ) މި ޤާނޫނަށް ޢަމަލުކުރަން ފަށާތާ 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި މި މާއްދާގެ

(ހ) ގައި ބަޔާންކުރާ ގަވާއިދުތައް ހަދައި ޢާންމުކުރަންވާނެއެވެ.

38ވަނަ މާއްދާ: މާނަކުރުން

މި ޤާނޫނުގައި ޢިބާރާތެއް ނުވަތަ ލަފްޒެއް ބޭނުންކޮށްފައިވާ ގޮތުން ކަނޑައެޅިގެން އެހެން މާނައެއް ދޭހަ ނުވާހާހިނދަކު، އަންނަނިވި ޢިބާރާތްތަކާއި ލަފްޒުތަކަށް ދީފައިވަނީ، އެ ޢިބާރާތްތަކާއި ލަފްޒުތަކަށް ތިރީގައި ދީފައިވާ މާނަކުރުމެވެ.

(ހ) "ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުމުގެ ޢަމަލު" މި ޢިބާރާތަށް ދީފައިއެވަނީ،

މި ޤާނޫނުގެ 2 ވަނަ މާއްދާގައި ބަޔާންކުރާ މާނަކުރުމެވެ. އޭގެތެރޭގައި، ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުމުގެ ޢަމަލުގެ ޝިކާރައަކަށްވާ ފަރާތުގެ ނުރުހުމުގައި ކުރާ އަންނަނިވި ކަންކަން ހިމެނެއެވެ؛

1 ފޮށުމުގެ ގޮތުން ތުނބުން ފުމުން.

2 އުނދަގޫވާ ގޮތަށް ޖިންސީ ގުނަވަނަކަށް ބެލުން.

3 ހަށިގަނޑުގެ އެއްވެސް ތަނެއްގައި ބީހުން.

4 ބެއްދުން.

5 ސަލާމްކުރުމުގެ ގޮތުން އަތުގައި ހިފުމަށްފަހު، ދޫނުކޮށް އަތަށް ފިއްތުން ނުވަތަ ކޮއްޓުން.

6 އޮރިޔާން ކާޑު ނުވަތަ ބަދުއަޚްލާޤީ ޢަމަލު ހިންގަމުންދާ މަންޒަރު ދައްކުވައިދޭ ފޮޓޯ ނުވަތަ ކުރެހުން ނުވަތަ ވީޑިއޯ ދައްކާ ހެދުން.

7 ފޮށުމުގެ ގޮތުން ހަށިގަނޑުގެ ގުނަވަންތަކަށް ނިސްބަތްކޮށް ޖިންސީ ގޮތުން ނޭދެވޭ ވާހަކަ ދައްކާ ސަމާސާކުރުން.

8 ވަޒީފާ ދެވޭނީ ނުވަތަ ވަޒީފާގައި ދެމިހުރެވޭނީ ނުވަތަ ވަޒީފާގައި ކުރިއެރުމުގެ ފުރުޞަތު ލިބޭނީ ނުވަތަ ވަޒީފާ އަދާކުރާ ފަރާތްތަކަށް ލިބިދޭންޖެހޭ އެނޫންވެސް ކުރިއެރުމެއް ލިބިދެވޭނީ، ބަދަލުގައި ޖިންސީ އެދުމެއް ފުއްދައިދިނުމުން ނުވަތަ ޖިންސީ ފުރައްސާރަކުރުމުގެ ނުވަތަ ގޯނާކުރުމުގެ ޢަމަލެއް ބަލައިގަތުމުން ކަމަށް ދޭހަވާ ގޮތަށް ސީދާގޮތުން ނުވަތަ ނުސީދާގޮތުން ހުށަހަޅާ ހުށަހެޅުންތައް.

(ށ) "ޝަކުވާ ހުށަހަޅާ ފަރާތް" ކަމަށް ބުނެފައިއެވަނީ، ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުމުގެ ޢަމަލެއް އެމީހަކާ ދެކޮޅަށް ހިންގޭ، އެ ޢަމަލުގެ ޝިކާރައަކަށްވާ މީހާއަށެވެ.

(ނ) "ޝަކުވާ ރައްދުވާ ފަރާތް" ކަމަށް ބުނެފައިއެވަނީ، ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުމުގެ ޢަމަލެއް ހިންގާ މީހާއަށެވެ.

(ރ) "ވަޒީފާދޭ ފަރާތް" ކަމަށް ބުނެފައިއެވަނީ، ވަޒީފާދޭ ފަރާތާއި، ވަޒީފާ އަދާކުރާ ތަނުގެ އެހެން ވެރިން ހިމެނޭގޮތުންނެވެ.

(ބ) "މަރުކަޒުގެ ވެރިން" ކަމަށް ބުނެފައިއެވަނީ، މަރުކަޒެއްގެ ހިންގުމުގެ އެންމެ އިސް ފަރާތާއި، އެ ތަނުގެ އިސް ވެރިންނަށެވެ.

(ޅ) "މަރުކަޒު" ކަމަށް ބުނެފައިއެވަނީ، ތަޢުލީމީ މަރުކަޒުތަކާއި، ޖަލުތަކާއި، ކުޑަކުދިން ބަލަހައްޓާ ތަންތަނާއި، ޚާއްޞަ އެހީއަށް ބޭނުންވާ މީހުން ބަލަހައްޓާ ތަންތަނާއި، މަސްތުވާތަކެތީގެ ފަރުވާދޭ މަރުކަޒުތަކާއި، ޞިއްޙީ ޚިދުމަތްދޭ ތަންތަނާއި، ކުޅިވަރާބެހޭ މަރުކަޒުތަކާއި އިޖްތިމާޢީ މަރުކަޒުތަކާއި އެނޫންވެސް ޢާންމުންނަށް ޚިދުމަތް ފޯރުކޮށްދޭ އެންމެހައި ތަންތަނަށެވެ.

(ކ) "މަރުކަޒަށް ޚިދުމަތް ހޯދަން އަންނަ ފަރާތްތައް" ކަމަށް ބުނެފައިއެވަނީ، ތަޢުލީމީ މަރުކަޒަކަށް ނިސްބަތްކޮށް ކަމުގައިވާނަމަ، އެ ތަނެއްގައި ތަޢުލީމު ޙާޞިލުކުރުމަށް އަންނަ ދަރިވަރުންނަށެވެ. އެނޫން ބާވަތެއްގެ މަރުކަޒެއްނަމަ، އެ މަރުކަޒަކުން ފޯރުކޮށްދޭ ޚިދުމަތެއް ލިބިގަތުމަށް އެ މަރުކަޒަށް އަންނަ ފަރާތްތަކަށެވެ.

(އ) "ކޮމިޓީ" ނުވަތަ "ޝަކުވާ ކޮމިޓީ" ކަމަށް ބުނެފައިއެވަނީ، މި ޤާނޫނުގެ 17 ވަނަ މާއްދާގެ ދަށުން ވަޒީފާ އަދާކުރާ ތަންތަނުގައި އަދި މަރުކަޒުތަކުގައި ޤާއިމުކުރާ ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ކޮމިޓީއަށެވެ.

(ވ) "ޓްރައިބިއުނަލް" ކަމަށް ބުނެފައިއެވަނީ، ޤާނޫނު ނަންބަރު 2008/2 (ވަޒީފާއާބެހޭ

ޤާނޫނު) ގެ ދަށުން ޤާއިމުކޮށްފައިވާ ވަޒީފާއާބެހޭ ޓްރައިބިއުނަލަށެވެ.

(މ) "ބަލައިގަތުން" ކަމަށް ބުނެފައިއެވަނީ، ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުމުގެ ޢަމަލަކަށް ރުހުމަށް ނުވަތަ ޤަބޫލުކުރުމަށް ނުވަތަ އެއްބަސްވުމަށް ނުވަތަ އެއްބާރުލުމަށެވެ.