މައި ކޮންޓެންޓަށް ދޭ
Ministry of Social and Family Development Logo
ޤާނޫނުތަކާއި ޤަވާއިދުތައް

ދައުލަތުގެ ބެލުމުގެ ދަށަށް ގެންނަ ކުދިން ފޮސްޓަރކުރުމާބެހޭ ގަވާއިދު

މިލިޔުން ގެޒެޓްގައި ޝާޢިރުކޮށްފައިވަނީ

04 ފެބްރުއަރީ 2024, 05:23

ދައުލަތުގެ ބެލުމުގެ ދަށަށް ގެންނަ ކުދިން ފޮސްޓަރކުރުމާބެހޭ ގަވާއިދު

އެއްވަނަ ބާބު

ފެށުން

1ވަނަ މާއްދާ: ތަޢާރުފާއި ނަން

(ހ) މިއީ، ދައުލަތުގެ ބެލުމުގެ ދަށަށް ގެންނަ ކުދިންގެ ތެރެއިން، ތަފާތު ސަބަބުތަކަށް ޓަކައި އެ ކުދިންގެ ޢާއިލާތަކާ ހަވާލުކުރެވެން ނެތް ކުދިންނާއި ޝަރުޢީ ބަލަދުވެރިއަކު ދުނިޔޭގައި ނެތް ކުދިން ބަލަހައްޓައި، ތަރުބިއްޔަތުކޮށް، ބަލައިބޮޑުކުރުމުގެ ޒިންމާ އެހެން ފަރާތަކާ ހަވާލުކުރުމާބެހޭ އުސޫލުތައް ކަނޑައެޅުމުގެ ގޮތުން، ޤާނޫނު ނަންބަރު 2019/19 (ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނު) ގެ 97 ވަނަ މާއްދާގެ (ށ) އާއި، 98 ވަނަ މާއްދާގެ (ށ) އާއި، 99 ވަނަ މާއްދާގެ (ބ) އާއި، 105 ވަނަ މާއްދާގެ (ށ) އާއި، 107 ވަނަ މާއްދާއަށް ރިޢާޔަތްކޮށް، 101 ވަނަ މާއްދާގެ (ށ) އާއި،

އެ މާއްދާގެ (ނ) އާއި، 131 ވަނަ މާއްދާގެ (ހ) ގެ ދަށުން ބާރު ލިބިގެން އެކުލަވައިލައިފައިވާ ގަވާއިދެކެވެ.

(ށ) މި ގަވާއިދަށް ކިޔާނީ، "ދައުލަތުގެ ބެލުމުގެ ދަށަށް ގެންނަ ކުދިން ފޮސްޓަރ ކުރުމާބެހޭ ގަވާއިދު" އެވެ.

2ވަނަ މާއްދާ: މަގުސަދު

މި ގަވާއިދުގެ މަގުސަދަކީ، އަންނަނިވި ކަންކަން ހާސިލުކުރުމެވެ.

(ހ) ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނުގެ 98 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފޮސްޓަރ ކެއަރގެ ނިޒާމެއް ޤާއިމުކުރުން.

(ށ) ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނާ އެއްގޮތްވާ ގޮތުގެ މަތީން ދައުލަތުގެ ބެލުމުގެ ދަށަށް ގެންނަ ކުދިންގެ ތެރެއިން، ތަފާތު ސަބަބުތަކަށް ޓަކައި އެ ކުދިންގެ ޢާއިލާތަކާ ހަވާލުކުރެވެން ނެތް ކުދިންނާއި ޝަރުޢީ ބަލަދުވެރިއަކު ދުނިޔޭގައި ނެތް ކުދިން ބަލަހައްޓައި، އެ ކުދިން ތަރުބިއްޔަތުކޮށް، އެ ކުދިން ބަލައިބޮޑުކުރުމުގެ ޒިންމާ ދައުލަތުގެ ފަރާތުން އެހެން ފަރާތަކާ ހަވާލުކުރެވޭނެ ފޮސްޓަރ ކެއަރގެ ނިޒާމެއް އެކުލަވައިލައި، އެކަމާ ގުޅޭ އެންމެހައި އުސޫލުތައް ކަނޑައެޅުން.

(ނ) ދައުލަތުގެ ބެލުމުގެ ދަށަށް ގެންނަ ކުދިން ފޮސްޓަރ ކުރުމުގެ ކަންކަން ކުރުމުގައި ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސްގެ ޒިންމާތަކާއި މަސްއޫލިއްޔަތުތައް ކަނޑައެޅުން.

(ރ) ދައުލަތުގެ ބެލުމުގެ ދަށަށް ގެންނަ ކުދިން ފޮސްޓަރކޮށްދޭ ފަރާތްތަކުގެ ޒިންމާތަކާއި މަސްއޫލިއްޔަތުތައް ކަނޑައެޅުން.

(ބ) ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނުގެ 99 ވަނަ މާއްދާގެ

(ބ) އާއި (ކ) ގައި ބަޔާންކޮށްފައިވާ ފަދައިން ދައުލަތުގެ ބެލުމުގެ ދަށަށް ގެންނަ ކުދިންގެ ތެރެއިން، ވަގުތީ ފޮސްޓަރ ބެލެނިވެރިންނާ ކުދިން ހަވާލުކުރާނެ މިންގަނޑުތަކާއި، ދާއިމީކޮށް ކުއްޖަކު ފޮސްޓަރކުރާނެ މިންގަނޑުތައް ކަނޑައެޅުން.

(ޅ) ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނުގެ 99 ވަނަ މާއްދާގެ

(ބ) އާއި އެ ޤާނޫނުގެ 107 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދައިން ދައުލަތުގެ ބެލުމުގެ ދަށަށް ގެންނަ ކުދިންގެ ތެރެއިން، ވަގުތީގޮތުން ކުދިން ފޮސްޓަރކޮށްދޭ ފަރާތާ ކުއްޖާ ފޮސްޓަރކުރުމަށް ހަވާލުކުރާނެ އުސޫލުތައް ކަނޑައެޅުން.

(ކ) ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނުގެ 107 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، އުމުރުން 18 (އަށާރަ) އަހަރު ފުރިހަމަވަންދެން ކުއްޖާ ބެލެހެއްޓުމަށް ފޮސްޓަރ ކުރުމާބެހޭ އުސޫލުތައް ކަނޑައެޅުން.

3ވަނަ މާއްދާ: ފޮސްޓަރ ކުރުން

ދައުލަތުގެ ބެލުމުގެ ދަށަށް ގެންނަ ކުދިން ފޮސްޓަރ ކުރުމަކީ، މި ގަވާއިދުގައި ބަޔާންކޮށްފައިވާ އިޖުރާއަތުތަކާއި އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތީން، އެ ކުދިން ބަލަހައްޓައި، ތަރުބިއްޔަތުކޮށް، ބަލައިބޮޑުކުރުމަށް ޓަކައި ތިރީގައި ބަޔާންކޮށްފައިވާ ގޮތްތަކުގެ ތެރެއިން ގޮތެއްގެ މަތީން އެ ތަނުން ފަރާތަކާ ހަވާލުކުރުމެވެ.

(ހ) ދައުލަތުގެ ބެލުމުގެ ދަށަށް ގެންނަ ކުދިންގެ ތެރެއިން، ތަފާތު ސަބަބުތަކަށް ޓަކައި އެ ކުދިންގެ ޢާއިލާތަކާ ހަވާލުކުރެވެން ނެތް ކުދިންނާއި، ޝަރުޢީ އެއްވެސް ބަލަދުވެރިޔަކު ދުނިޔޭގައި ނެތް ކުދިން ނުވަތަ ކުއްޖާގެ އުމުރުން

18 (އަށާރަ) އަހަރު ފުރެންދެން ޤާނޫނީ ބެލެނިވެރިކަން ހަވާލުކުރުން.

(ށ) ދައުލަތުގެ ބެލުމުގެ ދަށަށް ގެންނަ ކުދިންގެ ތެރެއިން ތަފާތު ސަބަބުތަކަށް ޓަކައި އެ ކުދިންގެ ޢާއިލާތަކާ ހަވާލުކުރެވެން ނެތް ކުދިންނާއި، ޝަރުޢީ އެއްވެސް ބަލަދުވެރިޔަކު ދުނިޔޭގައި ނެތް ކުދިން ވަގުތީގޮތުން ނުވަތަ ކުއްޖާގެ ޤާނޫނީ ބެލެނިވެރިކަމާއެކު، އެހެން ފަރާތަކާ ވަގުތީގޮތުން ފޮސްޓަރ ކުރުމަށް ހަވާލުކުރުން.

4ވަނަ މާއްދާ: ފޮސްޓަރކުރުން ބިނާވެފައިވާ އަސާސީ އުސޫލުތައް

(ހ) ދައުލަތުގެ ބެލުމުގެ ދަށަށް ގެންނަ ކުއްޖަކު ފޮސްޓަރކުރުން ބިނާވެފައިވަނީ އަންނަނިވި އަސާސީ އުސޫލުތަކުގެ މައްޗަށެވެ.

-1 ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނުގެ 8 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ކުޑަކުއްޖަކާ ގުޅޭ ކަންކަން ނިންމުމުގައި ކުއްޖާގެ މަޞްލަޙަތަށް އިސްކަންދިނުން؛

-2 ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނުގެ 99 ވަނަ މާއްދާގެ (ށ) އާއި (ނ) ގައި ބަޔާންކޮށްފައިވާ ކަންކަމަށް ރިޢާޔަތްކުރުން؛

-3 ދުރު ރާސްތާއަށް ބިނާކޮށް ކުއްޖާއަށް ބޭނުންވާ އަޅައިލުމާއި ތަރުބިއްޔަތުދިނުމުގައި ޢާއިލާއަކީ މުޖުތަމަޢުގެ އެންމެ އަސާސީ އިޖުތިމާޢީ ބައިކަމަށް ދެކި، އެއީ ކުއްޖާގެ ރައްކައުތެރިކަމަށާއި ދުޅަހެޔޮކަމަށާއި ހެދިބޮޑުވުމަށް އެންމެ އެކަށީގެންވާ ޠަބީޢީ މާޙައުލުކަމަށް ދުށުން؛

-4 ކުއްޖާއާ ގުޅޭގޮތުން އަޅާ ކޮންމެ ފިޔަވަޅަކީ، އެ ކުއްޖާގެ ބައިވެރިވުމާއެކު، އެ ކުއްޖާގެ ބޭނުންތަކަށް އަމާޒުކޮށްގެން އަޅާ ފިޔަވަޅެއްކަމުގައި ވުން؛

-5 ފޮސްޓަރކުރުމުގެ ހުރިހާ މަސައްކަތެއްގައި ވެސް، ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ، ކުޑަކުދިންގެ ޙައްޤުތައް ކަށަވަރު ކުރުމުގެ ނަޒަރިއްޔާ ގެންގުޅުން.

ވަކިން ޚާއްޞަކޮށް، ތަފާތުނުކުރުމާއި، ކުއްޖާގެ މަޞްލަޙަތަށް އިސްކަންދިނުމާއި، ހެދިބޮޑުވުމާއި، ބައިވެރިވުމުގެ ޙައްޤުތައް

ކަށަވަރު ކުރުން؛

-6 ކުއްޖާއާއި ކުއްޖާ ފޮސްޓަރކޮށްދޭ ފަރާތާ ދެމެދު، ހެޔޮ ރަނގަޅު ގުޅުމެއް އުފެއްދުން؛

-7 ފޮސްޓަރ ކުރުމުގެ ސަބަބުން ކުއްޖާއަށް ގެއްލުމެއް ނުލިބޭނެކަމާއި، ކުއްޖާއަށް އެކަމުގެ ސަބަބުން ފައިދާވާނެކަން ކަށަވަރުކުރުން. މިގޮތުން، ފޮސްޓަރ ކުރުމުގެ ސަބަބުން ކުއްޖާއަށް ލިބިދާނެ ގެއްލުންތައް ދެނެގަނެ، ގެއްލުން ކުޑަކުރުމުގެ ވިސްނުމާއެކު ފޮސްޓަރ ކުރުމުގެ މަސައްކަތްތައް ބައްޓަންކުރުން؛

-8 ކުޑަކުދިންނަށް އަޅައިލުމާއި ރައްކައުތެރިކަން ފޯރުކޮށްދިނުމުގެ ޤައުމީ ނިޒާމުގައި ހިމެނޭ ކަމާބެހޭ ފަރާތްތަކާއެކު ވިލަރެސްކޮށް، ކުއްޖާއަށާއި، ކުއްޖާ ފޮސްޓަރކޮށްދޭ ފަރާތަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން.

(ށ) ދައުލަތުގެ ބެލުމުގެ ދަށަށް ގެންނަ ކުއްޖަކު ފޮސްޓަރ ކުރުމުގައި ހިނގާ

ކޮންމެ މަރުޙަލާއެއްގައި ވެސް، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ

އަސާސީ އުސޫލުތައް ނަގަހައްޓައި ކަށަވަރުކުރުމަކީ ފޮސްޓަރ ޕެނަލާއި ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސްގެ ޒިންމާއެކެވެ.

5ވަނަ މާއްދާ: ފޮސްޓަރ ކުރެވޭ ގޮތް

ދައުލަތުގެ ބެލުމުގެ ދަށަށް ގެންނަ ކުއްޖަކު ފޮސްޓަރ ކުރުމުގެ ގޮތުން އެ ކުއްޖާ ފޮސްޓަރ ކުރުމަށް ހަވާލުކުރެވޭނީ އަންނަނިވި 2 (ދޭއް) ގޮތުންކުރެ ގޮތަކަށެވެ.

(ހ) ވަގުތީގޮތުން އެ ކުއްޖާ ބަލަހައްޓާނެ ފަރާތަކާ ފޮސްޓަރކުރަން ހަވާލުކުރުން؛ ނުވަތަ

(ށ) ފޮސްޓަރކޮށްދޭ ފަރާތަށް ކުއްޖާގެ ޤާނޫނީ ބެލެނިވެރިކަން ބަދަލުކުރުމާއެކު، ކުއްޖާގެ އުމުރުން 18 (އަށާރަ) އަހަރު ފުރެންދެން، ކުއްޖާ ބެލެހެއްޓުމަށް ހަވާލުކުރުން.

6ވަނަ މާއްދާ: ޔަތީމު ކުދިންގެ ތެރެއިން ނުވަތަ މިސްކީނު ކުދިންގެ ތެރެއިން ޝަރުޢީ އެއްވެސް ބަލަދުވެރިޔަކު ދުނިޔޭގައި ނެތް ކުދިން ފޮސްޓަރ ކުރުމުގައި ޚާއްޞަ އުސޫލު

މި ގަވާއިދުގެ 8 ވަނަ މާއްދާގެ (ށ) ގެ (5) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ހާލަތުގައިވާ ކުދިން ފޮސްޓަރ ކުރުމުގެ ގޮތުން ފޮސްޓަރކުރުމަށް ހަވާލުކުރުމުގައި އިސްކަންދޭންވާނީ، މި ގަވާއިދުގެ ދަށުން ދާއިމީ ފޮސްޓަރ ކުރުމަށެވެ.

7ވަނަ މާއްދާ: ފޮސްޓަރ ކުރުމަށް އެދި ހުށަހެޅުން

(ހ) ދައުލަތުގެ ބެލުމުގެ ދަށަށް ގެންނަ ކުއްޖަކު ފޮސްޓަރ ކުރުމަށް އެދި ހުށަހަޅާނީ، "ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިން ފޮސްޓަރ ކުރުމަށް އެދި ހުށަހަޅާ ފޯމު" އިންނެވެ.

(ށ) ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިން ފޮސްޓަރ ކުރުމަށް އެދި ހުށަހަޅާ ފޯމު، ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސްއަށް ލިބުމުން، އެ ހުށަހެޅުންތައް ލިބޭ ތަރުތީބުން، މި ގަވާއިދުގައި ބަޔާންކޮށްފައިވާ އެސެސްމަންޓްތައް، ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސްއިން ހަދައި، އެ އެސެސްމަންޓްތައް ފޮސްޓަރ ޕެނަލަށް ހުށަހަޅައި، އެ ޕެނަލުން ޝަރުޠު ފުރިހަމަވާކަމަށް ނިންމާ ފަރާތްތައް، ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސްއިން ދަފުތަރު ކުރަންވާނެއެވެ. މިގޮތުން، ދައުލަތުގެ ބެލުމުގެ ދަށަށް ގެންނަ ކުދިން ފޮސްޓަރ ކުރުމުގައި އިސްކަންދޭންވާނީ، ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސްއިން ބަލަހައްޓާ ދަފުތަރުގައި އެ ފަރާތްތައް ހިމެނިފައިވާ ތަރުތީބުންނެވެ.

(ނ) މި މާއްދާގެ (ށ) ގައި ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިން ފޮސްޓަރ ކުރުމަށް އެދި ހުށަހަޅާ ފޯމު ލިބޭ ތަރުތީބުން ކުދިން ފޮސްޓަރ ކުރުމުގެ ކަންކަން ކުރުމަށް ބަޔާންކޮށްފައި އޮތް ނަމަވެސް، ފޮސްޓަރ ކުރުމަށް ހުށަހަޅާ ފަރާތާ ގުޅުންހުރި މަޤުބޫލު ސަބަބަކާއެކު ހުށަހެޅުމުން، ފޯމު ލިބޭ ތަރުތީބުން ފޮސްޓަރ ކުރުމުގެ ކަންކަން ކުރުމަށް ހުރަސްތަކެއް ހުރިކަމަށް ފޮސްޓަރ ޕެނަލަށް ފެނިއްޖެނަމަ، ހުށަހަޅާ ފޯމު ލިބޭ ތަރުތީބު ނޫން އެހެން ގޮތަކަށް ކުދިން ފޮސްޓަރ ކުރުމުގެ ކަންކަން ކުރިޔަށް ގެންދެވިދާނެއެވެ.

8ވަނަ މާއްދާ: ފޮސްޓަރކޮށްދޭ ފަރާތަށް ކުއްޖާގެ ޤާނޫނީ ބެލެނިވެރިކަން ބަދަލުކުރުމާއެކު، ކުއްޖާގެ އުމުރުން 18 އަހަރު ފުރެންދެން ފޮސްޓަރކުރެވޭނެ ކުދިން

(ހ) ދައުލަތުގެ ބެލުމުގެ ދަށަށް ގެންނަ ކުދިންގެ ތެރެއިން ކުއްޖާގެ ޤާނޫނީ ބެލެނިވެރިކަން ފޮސްޓަރކޮށްދޭ ފަރާތަށް ބަދަލުކުރުމާއެކު، ކުއްޖާގެ އުމުރުން

18 (އަށާރަ) އަހަރު ފުރެންދެން ފޮސްޓަރ ކުރެވޭނީ، މި ގަވާއިދުގެ ދަށުން ހަދާ ޗައިލްޑް އެސެސްމަންޓުގެ މައްޗަށް ބިނާކޮށް ފޮސްޓަރ ކުރުމަށް ތައްޔާރުވެފައިވާކަމަށް ފާހަގަކުރެވޭ ކުދިންނެވެ.

(ށ) ދައުލަތުގެ ބެލުމުގެ ދަށަށް ގެންނަ ކުދިންގެ ތެރެއިން ފޮސްޓަރ ކުރެވޭނީ،

މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އެސެސްމަންޓުގައި ހިމެނޭ ކަންކަމުގެ އިތުރުން، އަންނަނިވި ޝަރުޠުތަކުގެ ތެރެއިން ޝަރުޠެއް ފުރިހަމަވާ ކުދިންނެވެ.

-1 ދައުލަތުގެ ބެލުމުގެ ދަށަށް ގެންނަ ކުދިންގެ ތެރެއިން، އެ ކުދިންގެ މައިންބަފައިން ނުވަތަ ޝަރުޢީ ބަލަދުވެރިން ދުނިޔޭގައި ތިބެމެ،

އެ ކުދިން ނުބަލާ ދޫކޮށްލާ ކުދިން ނުވަތަ ބެލުމަށް އިންކާރުކޮށްފައިވާ ކުދިން؛ ނުވަތަ

-2 ދައުލަތުގެ ބެލުމުގެ ދަށަށް ގެންނަ ކުދިންގެ ތެރެއިން އެއްވެސް ސަބަބަކާހުރެ އެ ކުދިންގެ ޢާއިލާއާއެކު ދިރިއުޅެވެން ނެތް ކުދިން؛ ނުވަތަ

-3 ދައުލަތުގެ ބެލުމުގެ ދަށުގައި ކުދިން އުޅެފައިވާ މުއްދަތުގެ ތެރޭގައި ޢާއިލާގެ ފަރާތުން ކުދިންނާ ބައްދަލުނުކޮށް، ހާލު ނުބަލައި، ޢާއިލާގެ ފަރާތުން ކުދިންނާ ގުޅުމެއް ނުބާއްވާ ކުދިންކަމަށް ރިކޯޑުތަކުން ފެންނަ ކުދިން؛ ނުވަތަ

-4 ދައުލަތުގެ ބެލުމުގެ ދަށުގައި ކުދިން އުޅެފައިވާ މުއްދަތުގެ ތެރޭގައި ޢާއިލާގެ ފަރާތުން ކުދިންނާ ބައްދަލުކޮށް، ހާލު ވެސް ބަލައި، ޢާއިލާގެ ފަރާތުން ކުދިންނާ ގުޅުން ބޭއްވި ނަމަވެސް، ޢާއިލާގެ ހާލަތު ހުރިގޮތުން ކުދިން ބެލުމަށް ނުވަތަ ކުދިންނާ ހަވާލުވުމަށް އުޒުރުވެރިވާ ޢާއިލާތަކުގެ ކުދިން؛ ނުވަތަ

-5 ޔަތީމު ކުދިންގެ ތެރެއިން ނުވަތަ މިސްކީނު ކުދިންގެ ތެރެއިން ޝަރުޢީ އެއްވެސް ބަލަދުވެރިޔަކު ދުނިޔޭގައި ނެތި، އަޅައިލާނެ މީހަކު ނެތް ކުދިން.

ދެވަނަ ބާބު

ފޮސްޓަރ ކުރުމާބެހޭ އާންމު އުސޫލުތައް

9ވަނަ މާއްދާ: ފޮސްޓަރ ކުރުމުގައި އިސްކަންދޭންޖެހޭ ކަންކަން

(ހ) ދައުލަތުގެ ބެލުމުގެ ދަށަށް ގެންނަ ކުދިން ފޮސްޓަރ ކުރުމުގައި އެންމެ އިސްކަމެއް ދޭންވާނީ، ކުދިން ބެލެހެއްޓުމާ ހަވާލުވާން ތައްޔާރަށް ތިބި ފޮސްޓަރ ބެލެނިވެރިޔާގެ އެސެސްމަންޓް މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ހެދުމަށްފަހު، އެ ކުދިން ބެލެހެއްޓުމަށް ޓަކައި އެ ކުދިން ހަވާލުކުރަން އެންމެ އެކަށީގެންވާ ފަރާތް ކަނޑައެޅުމަށެވެ. އަދި މިގޮތަށް ނިންމޭ ކޮންމެ ނިންމުމަކީ ކުއްޖާގެ މަޞްލަޙަތަށް އެންމެ ރަނގަޅުގޮތުގައި ނިންމޭ ނިންމުމެއްކަމުގައި ވާންވާނެއެވެ.

(ށ) ދައުލަތުގެ ބެލުމުގެ ދަށަށް ގެންނަ ކުދިންގެ ތެރެއިން، ތަފާތު ސަބަބުތަކަށް ޓަކައި އެ ކުދިންގެ ޢާއިލާތަކާ ހަވާލުކުރެވެން ނެތް ކުދިންނާއި ޝަރުޢީ އެއްވެސް ބަލަދުވެރިޔަކު ދުނިޔޭގައި ނެތް ކުދިން ފޮސްޓަރ ކުރުމަށް މަސައްކަތް ކުރަންވާނީ، މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީންނެވެ. މިގޮތުން، ފޮސްޓަރ ކުރުމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން، ދައުލަތުގެ ބެލުމުގެ ދަށަށް ގެންނަ ކުދިންގެ ތެރެއިން އެ އިރަކު ފޮސްޓަރ ކުރުމަށް ފާހަގަކޮށްފައިވާ ކުދިން ފޮސްޓަރކުރުމަށް އެންމެ އެކަށީގެންވާ ފަރާތްތަކަކީ ކޮބައިކަމާމެދު މިނިސްޓަރަށް ލަފާދޭނީ ފޮސްޓަރ ޕެނަލުންނެވެ.

10ވަނަ މާއްދާ: ކުދިން ބެލެހެއްޓުމަށް ހަވާލުކުރެވޭ ފަރާތެއްގެ ކިބައިގައި ފުރިހަމަވާންޖެހޭ އާންމު ޝަރުޠުތައް

(ހ) ދައުލަތުގެ ބެލުމުގެ ދަށަށް ގެންނަ ކުދިން ފޮސްޓަރ ކުރުމުގެ ގޮތުން އެ ކުދިން ފޮސްޓަރކޮށްދޭ ފަރާތުގެ ކިބައިގައި އަންނަނިވި އާންމު ޝަރުޠުތައް ފުރިހަމަ ވާންވާނެއެވެ.

-1 ދިވެހި ރައްޔިތަކު ކަމުގައި ވުން؛

-2 މީލާދީގޮތުން އުމުރުން 25 (ފަންސަވީސް) އަހަރާއި 70 (ހަތްދިހަ) އަހަރާ ދެމެދުގެ މީހަކު ކަމުގައި ވުން؛

-3 ޢާއިލާއެއް ބެލެހެއްޓޭވަރުގެ އާމްދަނީއެއް ލިބޭ ފަރާތެއް ކަމުގައި ވުން؛

-4 ނަފްސާނީގޮތުންނާއި ޖިސްމާނީގޮތުން ދުޅަހެޔޮ ފަރާތެއް ކަމުގައި ވުން؛

-5 މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ތައްޔާރުކުރާ އެސެސްމަންޓުން، ކުއްޖާ ބެލޭވަރުގެ ޤާބިލުކަން ހުރި ފަރާތެއްކަން އެނގެން އޮތުން؛

-6 ކުޑަކުއްޖަކަށް ނުވަތަ މީހަކަށް ޖިންސީ އަނިޔާއެއް ނުވަތަ ޖިސްމާނީ އަނިޔާއެއް ނުވަތަ ނަފްސާނީ އަނިޔާއެއް ކުރިކަން ނުވަތަ އިހުމާލުވެފައިވާކަން ޝަރީޢަތަށް ސާބިތުވެފައިވާ ނުވަތަ އެފަދަ ޢަމަލެއް ހިންގައިފައިވާ ނުވަތަ އެފަދަ ކުށަކަށް އެއްވެސް ސިފައެއްގައި އެހީތެރިވެދީފައިވާ ނުވަތަ ބައިވެރިވެފައިވާ ނުވަތަ ކުރަން އުޅެފައިވާކަމުގެ ތުހުމަތެއް ކުރެވިފައިވާކަމުގެ އެއްވެސް ރިކޯޑެއް، އިޖުތިމާޢީ ކަންތައްތައް ބަލަހައްޓާ ވުޒާރާގައި ނުވަތަ ދިވެހި ފުލުހުންގެ ޚިދުމަތުގައި ނުވަތަ ޝަރުޢީ އެއްވެސް ކޯޓެއްގައި އޮތް ފަރާތެއް ކަމުގައި ނުވުން؛

-7 ޤާނޫނު ނަންބަރު 2011/17 (މަސްތުވާތަކެއްޗާބޭހޭ ޤާނޫނު) ގައި ބަޔާންކޮށްފައިވާ ކުށްތަކުގެ ތެރެއިން، އެއްވެސް ކުށެއް ކުރިކަމުގެ ރިކޯޑެއް، ފާއިތުވި 10 (ދިހައެއް) އަހަރުދުވަހުގެ ތެރޭގައި، ކަމާ ގުޅުންހުރި ދައުލަތުގެ އެއްވެސް އިދާރާއެއްގައި އޮތް ފަރާތެއް ކަމުގައި ނުވުން؛

-8 ޤާނޫނު ނަންބަރު 2016/12 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ

22 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދަ ޖިނާއީ ބޮޑު ކުށެއް ޝަރީޢަތަށް ސާބިތުވެފައިވާ ނުވަތަ އެފަދަ ކަމެއްގެ ޙުކުމް ތަންފީޒުކުރަމުންދާ ނުވަތަ އެފަދަ ދަޢުވާއެއް އުފުލިފައިވާ ނުވަތަ ތަޙުޤީޤީ މަރުޙަލާއެއްގައި ނުވަތަ އެއްވެސް އިރެއްގައި ތުހުމަތެއް ކުރެވިފައިވާކަމުގެ އެއްވެސް ރިކޯޑެއް ތަޙުޤީޤީ އިދާރާއެއްގައި އޮތް ފަރާތެއް ކަމުގައި ނުވުން؛

-9 އިސްލާމްދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް، ވޭތުވެދިޔަ

10 (ދިހައެއް) އަހަރުދުވަހުގެ ތެރޭގައި ކުރިކަން ޝަރީޢަތަށް ސާބިތުވެފައިވާ ނުވަތަ އެފަދަ ކަމެއްގެ ޙުކުމް ތަންފީޒު ކުރަމުންދާ ނުވަތަ އެފަދަ ކުށެއްގެ ތުހުމަތެއް ކުރެވިފައިވާކަމުގެ އެއްވެސް ރިކޯޑެއް ތަޙުޤީޤީ އިދާރާއެއްގައި އޮތް ފަރާތެއް ކަމުގައި ނުވުން؛

-10 ސާބިތު ދަރަނީގެ މައްސަލައެއްގެ ނުވަތަ ސާބިތު ޚަރަދުގެ މައްސަލައެއްގެ އެއްވެސް ރިކޯޑެއް، ފާއިތުވި 10 (ދިހައެއް) އަހަރުދުވަހުގެ ތެރޭގައި، ކަމާ ގުޅުންހުރި އިދާރާއެއްގައި އޮތް ފަރާތެއް ކަމުގައި ނުވުން.

(ށ) ދައުލަތުގެ ބެލުމުގެ ދަށުން ހަވާލުކޮށްފައިވާ ކުއްޖަކު ދައުލަތާ އަނބުރާ ހަވާލުކޮށްފައިވާ ފަރާތެއްނަމަ، އެ ފަރާތް ކުއްޖާ އަނބުރާ ހަވާލުކުރި ސަބަބަށް ރިޢާޔަތްކޮށް، އެ ފަރާތަކަށް އަލުން ފުރުޞަތު ދިނުމުގެ އިޚްތިޔާރު، ފޮސްޓަރ ޕެނަލަށް ލިބިގެންވެއެވެ.

(ނ) މި މާއްދާގެ (ހ) ގެ (7) ވަނަ ނަންބަރުން ފެށިގެން (10) ވަނަ ނަންބަރުގެ ނިޔަލަށް ބަޔާންކޮށްފައިވާ ކަންކަން ކަށަވަރުކުރުމުގެ ގޮތުން ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސްއިން ހަދާ ބެކްގްރައުންޑް ޗެކު ކުރުމުގެ މަޢުލޫމާތުތައް ފޮސްޓަރ ބެލެނިވެރިޔާގެ އެސެސްމަންޓުގައި ހިމަނައި،

އެ ސަރވިސްއިން ފޮސްޓަރ ޕެނަލަށް ހުށަހަޅަންވާނެއެވެ.

(ރ) މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ބެކްގްރައުންޑް ޗެކް ހެދުމަށް ޓަކައި ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސްއިން މަޢުލޫމާތު ހޯދާނީ ދައުލަތުގެ އެހެނިހެން އިދާރާތަކުގެ އެހީތެރިކަމާއެކުގައެވެ.

(ބ) މި މާއްދާގެ (ހ) ގެ (7) ވަނަ ނަންބަރުން ފެށިގެން (10) ވަނަ ނަންބަރުގެ ނިޔަލަށް ބަޔާންކޮށްފައިވާ ޖިނާއީ ކުށްތައް ފިޔަވައި، އެހެނިހެން ޖިނާއީ ކުށެއް ކޮށްފައިވާ ފަރާތަކަށް، އެ ކުށެއްގެ ކުޑަބޮޑުމިނަށް ބަލައި، ދައުލަތުގެ ބެލުމުގެ ދަށަށް ގެންނަ ކުއްޖަކު ފޮސްޓަރ ކުރުމުގެ ގޮތުން، މި ގަވާއިދުގެ ދަށުން

އެ ކުއްޖަކު ބެލެހެއްޓުމުގެ ފުރުޞަތު ދިނުމާމެދު ގޮތެއް ނިންމުމުގެ އިޚްތިޔާރު، ފޮސްޓަރ ޕެނަލަށް ލިބިގެންވެއެވެ.

(ޅ) މި މާއްދާގެ (ބ) ގައި ބަޔާންކޮށްފައިވާ ފަދަ ފަރާތަކަށް ކުއްޖަކު ބެލެހެއްޓުން ހަވާލުކުރުމުގައި، އެފަދަ ފަރާތެއްގެ ކިބައިގައި އަންނަނިވި ޝަރުޠުތައް ފުރިހަމަވާކަން، ފޮސްޓަރ ޕެނަލުން ކަށަވަރު ކުރަންވާނެއެވެ.

-1 އެ ފަރާތުން ކޮށްފައިވާ ކުށަކީ ތަޢުޒީރީ އަދަބެއް ކަނޑައެޅިފައިވާ، ނުވަތަ ޤާނޫނު ނަންބަރު 2014/9 (ދިވެހިރާއްޖޭގެ

ޤާނޫނުލްޢުޤޫބާތު) ގައި ބަޔާންކޮށްފައިވާ ކުށުގެ ދަރަޖަތަކުގެ ތެރެއިން ޖުނަހުގެ 2 ވަނަ ދަރަޖައިގެ ނުވަތަ ޖުނަހުގެ 3 ވަނަ ދަރަޖައިގެ ކުށަކަށް ވުން؛

-2 އެ ފަރާތުން ކޮށްފައިވާ ކުށަކީ އެއްވެސް ސިފައެއްގައި ކުޑަކުއްޖެއްގެ ޙައްޤަކަށް އުނިކަމެއް ލިބިފައިވާ ނުވަތަ ލިބޭނޭ ފަދަ ކުށަކަށް ނުވުން.

(ކ) ދައުލަތުގެ ބެލުމުގެ ދަށަށް ގެނެވޭ ކުދިންގެ ތެރެއިން ކުއްޖަކު ފޮސްޓަރކޮށްދޭ ފަރާތަކީ ދިވެހިރާއްޖެއިން ބޭރުގައި ދިރިއުޅޭ ފަރާތެއްނަމަ، އެ ފަރާތަކީ ދިވެހިރާއްޖެއިން ބޭރުގައި ޤާއިމުކޮށްފައިވާ ދިވެހިރާއްޖޭގެ އެމްބަސީއެއް، ނުވަތަ ކޮންސިއުލޭޓެއް ހުރި ސިޓީއެއްގައި ދިރިއުޅޭ ފަރާތެއް ކަމުގައި ވާންވާނެއެވެ.

(އ) ދައުލަތުގެ ބެލުމުގެ ދަށުގައި ހުރި ކުއްޖަކު ވަގުތީގޮތުން ފޮސްޓަރކުރާ ފަރާތަކީ ދިވެހިރާއްޖޭގައި ދިރިއުޅޭ ފަރާތެއް ކަމުގައި ވާންވާނެއެވެ.

11ވަނަ މާއްދާ: ފޮސްޓަރކޮށްދޭ ފަރާތުގެ ކިބައިގައި ފުރިހަމަވާންޖެހޭ އިތުރު ޝަރުޠުތައް

(ހ) ދައުލަތުގެ ބެލުމުގެ ދަށަށް ގެންނަ ކުދިން ފޮސްޓަރ ކުރުމުގެ ގޮތުން ފޮސްޓަރކުރާ ފަރާތަކާ ހަވާލުކުރާއިރު، ފޮސްޓަރކުރާ ފަރާތުގެ ކިބައިގައި،

މި ގަވާއިދުގެ 10 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އާންމު ޝަރުޠުތައް ފުރިހަމަވުމުގެ އިތުރުން، އަންނަނިވި ޝަރުޠުތައް ފުރިހަމަ ވާންވާނެއެވެ.

-1 ދައުލަތުގެ ބެލުމުގެ ދަށުގައި ހުރި ކުއްޖެއްގެ މައިންބަފައިން ކަމުގައި ނުވުން، ނުވަތަ ޝަރުޢީ ބަލަދުވެރިޔަކު ކަމުގައި ނުވުން؛

-2 ފޮސްޓަރ ޕެނަލުގެ މެންބަރަކު ކަމުގައި ނުވުން، ނުވަތަ ފޮސްޓަރ ކުރުމުގެ މަސައްކަތްކުރާ ފަރާތްތަކާއި މަސައްކަތްކުރުމުގައި ޒިންމާ ނަގާ ފަރާތްތައް، ނުވަތަ މިނިސްޓްރީ ހިންގުމާ ހަވާލުވެހުރި ވަޒީރު ނުވަތަ ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސްގެ ހިންގުމާ ހަވާލުވެހުރި ފަރާތް ނުވަތަ ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސްއާ ހަވާލުވެހުރި ސިޔާސީ ފަރާތެއްކަމުގައި ނުވުން. ނުވަތަ އިސްވެ ބަޔާންކުރި މަގާމަކުން ނުވަތަ މަގާމުގެ މަސައްކަތުން ވަކިވިތާ 3 (ތިނެއް) މަސްދުވަސް ހަމަވެފައިވާ ފަރާތެއް ކަމުގައި ވުން.

(ށ) ވަގުތީގޮތުން ނުވަތަ ކުއްލި ހާލަތެއްގައި ނަމަވެސް، މި މާއްދާގެ (ހ) ގެ

(2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ މަގާމުތަކާއި، ޑިޕާޓްމަންޓުގައި މަސައްކަތްކުރާނަމަ، ނުވަތަ މަސައްކަތް ކޮށްފައިވާ ނަމަ، އެ ފަރާތްތަކަށް ވެސް، މި މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ އުސޫލު ހިނގާނެއެވެ.

ތިންވަނަ ބާބު

ވަގުތީގޮތުން ފޮސްޓަރ ކުރުން

12ވަނަ މާއްދާ: ވަގުތީގޮތުން ފޮސްޓަރކުރެވޭނެ ކުދިން

(ހ) ކުއްޖާ ވަގުތީގޮތުން އެހެން ފަރާތަކާ ހަވާލުކުރާ ހާލަތުގައި، ޢާއިލާގެ ފަރާތުން ކުއްޖާއާ ހަވާލުވާނޭ އެއްވެސް ފަރާތެއް ނެތް ހާލަތުގައި ނުވަތަ ކުއްޖާ ބެލެހެއްޓުން ކުއްޖާގެ ޢާއިލާގެ ފަރާތަކާ ހަވާލުކޮށްފިނަމަ، ކުއްޖާގެ މަޞްލަޙަތަށް އުނިކަމެއް އަތުވެދާނެކަމަށް އެކަށީގެންވާ ސަބަބުތަކެއްގެ މައްޗަށް ބިނާކޮށް ގަބޫލުކުރެވޭނަމަ، ކުއްޖާގެ ޢާއިލާގެ ފަރާތަކާ ކުއްޖާ ބެލެހެއްޓުން ހަވާލުކުރުމުގެ ބަދަލުގައި ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނުގެ 99 ވަނަ މާއްދާގެ (ރ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފަދައިން ވަގުތީގޮތުން ކުއްޖާ ފޮސްޓަރ ކުރެވިދާނެއެވެ.

(ށ) ދައުލަތުގެ ބެލުމުގެ ދަށުގައި ޤާއިމުކޮށްފައިވާ އޯލްޓަނޭޓިވް ކެއަރ ފެސިލިޓީތަކުގައި ތިބި ކުދިންގެ ތެރެއިން ޢާއިލާއިން ހަވާލުވާނޭ ފަރާތަކާ ނުވަތަ ކުއްޖާ ބެލެހެއްޓުން ކުއްޖާގެ ޢާއިލާގެ ފަރާތަކާ ހަވާލުކޮށްފިނަމަ، ކުއްޖާގެ މަޞްލަޙަތަށް އުނިކަމެއް އަތުވެދާނެކަމަށް އެކަށީގެންވާ ސަބަބުތަކެއްގެ މައްޗަށް ބިނާކޮށް ގަބޫލުކުރެވޭނަމަ، ކުއްޖާގެ ޢާއިލާގެ ފަރާތަކާ ކުއްޖާ ބެލެހެއްޓުން ހަވާލުކުރުމުގެ ބަދަލުގައި ވަގުތީގޮތުން ކުއްޖާ ފޮސްޓަރ ކުރެވިދާނެއެވެ.

(ނ) މި މާއްދާގެ ދަށުން ވަގުތީގޮތުން ކުއްޖަކު ފޮސްޓަރކުރުމަށް ނިންމާނީ، ފޮސްޓަރ ޕެނަލަށް ހުށަހެޅުމަކާ ނުލައި ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސްގެ އިސްވެރިޔާއާއި ކޭސް މެނޭޖްމަންޓުގެ 2 (ދޭއް) ސުޕަވައިޒަރުންގެ ލަފާގެ މަތީންނެވެ.

(ރ) ދައުލަތުގެ ބެލުމުގެ ދަށުގައިވާ ކުއްޖަކު ވަގުތީގޮތުން ފޮސްޓަރކުރާއިރު، އެ ކުއްޖާ ފޮސްޓަރކުރެވޭނޭ މުއްދަތު ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސްގެ އިސްވެރިޔާއާއި ކޭސްމެނޭޖްމަންޓުގެ 2 (ދޭއް) ސުޕަވައިޒަރުން ނިންމަންވާނެއެވެ.

(ބ) ދައުލަތުގެ ބެލުމުގެ ދަށުގައިވާ ކުއްޖަކު ވަގުތީގޮތުން ފޮސްޓަރ ކޮށްފައިވާ މުއްދަތު އިތުރުކުރެވޭނީ، ކުއްޖާގެ ހާލަތާއި، ފޮސްޓަރކޮށްފައިވާ ޢާއިލާއިން ކުއްޖާ ބަލަހައްޓައިފައިވާ ގޮތުގެ އެސެސްމަންޓަކާއި ފޮސްޓަރ ކޮށްފައިވާ ޢާއިލާގެ އެސެސްމަންޓް ހެދުމަށްފަހު، ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސްގެ އިސްވެރިޔާއާއި ކޭސް މެނޭޖްމަންޓުގެ 2 (ދޭއް) ސުޕަވައިޒަރުންގެ ނިންމުމުންނެވެ.

(ޅ) ދައުލަތުގެ ބެލުމުގެ ދަށުގައިވާ ކުއްޖަކު ވަގުތީގޮތުން ފޮސްޓަރ ކުރުމަށް ނިންމާ ނިންމުން ލިޔެ، އެ ލިޔުމުގައި ސޮއިކުރަންވާނެއެވެ.

13ވަނަ މާއްދާ: ވަގުތީގޮތުން ފޮސްޓަރ ކުރުމުގައި ޢަމަލުކުރާނެ ގޮތް

(ހ) މި ގަވާއިދުގައި ބަޔާންކޮށްފައިވާ ހާލަތުގައި ކުއްޖަކު ވަގުތީގޮތުން ފޮސްޓަރކުރާއިރު، ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނުގެ 99 ވަނަ މާއްދާގެ (އ) ގައި، އެއްވެސް ކުއްޖަކު ފޮސްޓަރ ކުރުމަށް އެހެން ފަރާތަކާ ހަވާލުކުރަންވާނީ ކޯޓު އަމުރެއްގެ ދަށުން ކަމަށް ބަޔާންކޮށްފައިވާތީ، އެގޮތުގެ މަތީން ކުއްޖާ ފޮސްޓަރކޮށްދޭ ފަރާތާ ހަވާލުކުރުމަށް، ކަމާބެހޭ ކޯޓު އަމުރެއް ހޯދުމަށް، ކޯޓަށް ހުށަހަޅާންވާނެއެވެ.

(ށ) މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތަށް ވަގުތީގޮތުން ފޮސްޓަރކުރާ ހާލަތުގައި، މި ގަވާއިދުގެ 25 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މަރުޙަލާތައް ފުރިހަމަ ކުރަންވާނެއެވެ.

(ނ) މި ގަވާއިދުގައި ބަޔާންކޮށްފައިވާ ވަގުތީގޮތުން ފޮސްޓަރކުރާ ހާލަތުގައި، ފޮސްޓަރ ޕެނަލަށް ހުށަހަޅާކަށް ނުޖެހޭނެއެވެ.

(ރ) މި ގަވާއިދުގައި ބަޔާންކޮށްފައިވާ ވަގުތީގޮތުން ފޮސްޓަރ ކުރެވޭ ހާލަތުގައި،

މި ގަވާއިދުގެ 26 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ހަމަކުރަންވާނެއެވެ.

(ބ) ވަގުތީގޮތުން ކުއްޖަކު ފޮސްޓަރ ކުރުމަށް ނިންމަންވާނީ، މި މާއްދާގެ (ރ)  ގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތަކަށް ރިޢާޔަތްކުރުމަށް ފަހުގައެވެ.

(ޅ) ވަގުތީގޮތުން ކުއްޖަކު ފޮސްޓަރ ކުރުމުގައި، މި ގަވާއިދުގެ 12 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަންކަމަށް، ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސްގެ އިސްވެރިޔާއާއި ކޭސްމެނޭޖްމަންޓުގެ 2 (ދޭއް) ސުޕަވައިޒަރުން ރިޢާޔަތް ކުރަންވާނެއެވެ.

(ކ) ވަގުތީގޮތުން ފޮސްޓަރކުރާ ކުދިން ބެލެހެއްޓުމަށް ފޮސްޓަރ ބެލެނިވެރިޔާއަށް އެލަވަންސެއް ދިނުމަށް މިނިސްޓްރީއަށް ކަނޑައެޅިދާނެއެވެ.

14ވަނަ މާއްދާ: ވަގުތީގޮތުން ކުދިން ފޮސްޓަރކުރުމުގައި ބަލަންޖެހޭ އިތުރު ކަންކަން

(ހ) މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ވަގުތީގޮތުން ފޮސްޓަރ ކުރުމަށް ކުއްޖަކު ހަވާލުކުރާ މުއްދަތު ކަނޑައަޅާނީ ފޮސްޓަރކުރާ ފަރާތުގެ މަޝްވަރާއާއި އެ ފަރާތުގެ ބަހެއް ހޯދުމަށްފަހު، ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސްގެ އިސްވެރިޔާއެވެ.

(ށ) ވަގުތީގޮތުން ކުއްޖަކު ފޮސްޓަރކޮށްދޭ ފަރާތާއެކު އެ ކުއްޖާ ދިރިއުޅެމުންދާ ހާލަތު ބަދަލުނުވާހައި ހިނދަކު، އެ ކުއްޖަކު ވަގުތީގޮތުން ފޮސްޓަރ ކޮށްފައިވާ މުއްދަތަށް ބަދަލެއް ނާންނާނެއެވެ. އަދި ކުއްޖަކު ވަގުތީގޮތުން ފޮސްޓަރ ކޮށްފައިވާ މުއްދަތަށް ބަދަލެއް ގެންނަން ޖެހިއްޖެނަމަ، އެކަން ނިންމާނީ، މި ގަވާއިދުގެ ދަށުން ހަދާ މޮނިޓަރިންގ ޕްލޭނުގެ ދަށުން ލިބޭ މަޢުލޫމާތުގެ އަލީގައި، ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސްގެ އިސްވެރިޔާއާއި، ކޭސްމެނޭޖްމަންޓުގެ 2 (ދޭއް) ސުޕަވައިޒަރުންނެވެ.

15ވަނަ މާއްދާ: ވަގުތީގޮތުން ފޮސްޓަރ ކޮށްފައިވާ ކުއްޖާ ދާއިމީ ފޮސްޓަރ ކުރުމުގައި ޢަމަލުކުރާނޭ ގޮތް

(ހ) މި ގަވާއިދުގެ ދަށުން ކުއްޖަކު ވަގުތީގޮތުން ފޮސްޓަރ ކޮށްފައިވާ މުއްދަތުގެ ތެރޭގައި، ކުއްޖާގެ އުފަން ޢާއިލާއަށް ދާއިމީކޮށް ހަވާލުކުރުމަށް ޓަކައި، ކުއްޖާގެ އުފަން ޢާއިލާ ބިނާކުރުމަށް، ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސްއިން މަސައްކަތް ކުރަންވާނެއެވެ.

(ށ) މި ގަވާއިދުގެ ދަށުން ވަގުތީގޮތުން ފޮސްޓަރކުރާ ކުއްޖާގެ އުފަން ޢާއިލާއަށް

އެ ކުއްޖާއަށް އަނބުރާ ދެވެން ނެތް ހާލަތުގައި، ކުއްޖާ ހަވާލުކުރާ ފޮސްޓަރ ޢާއިލާއިން އެ ކުއްޖާ ދާއިމީކޮށް ފޮސްޓަރކުރުމަށް ބޭނުންވޭތޯ ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސްއިން ބަލަންވާނެއެވެ.

(ނ) މި ގަވާއިދުގެ ދަށުން ވަގުތީގޮތުން ފޮސްޓަރކުރާ ކުއްޖާ ހަވާލުކޮށްފައިވާ ފޮސްޓަރ ޢާއިލާއިން އެ ކުއްޖާ ދާއިމީކޮށް ފޮސްޓަރ ކުރަން ބޭނުންނުވާނަމަ،

އެ ކުއްޖާ ވަގުތީގޮތުން ނުވަތަ ދާއިމީކޮށް ފޮސްޓަރކުރާނޭ ފަރާތެއް ހޯދައި،

އެ ކުއްޖާއަށް ދާއިމީ ހިޔާވަހިކަމެއް ހޯދައިދިނުމުގެ މަސައްކަތް، ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސްއިން ކުރަންވާނެއެވެ.

(ރ) މި ގަވާއިދުގެ ދަށުން ވަގުތީގޮތުން ހަވާލުކޮށްފައިވާ ކުއްޖާ ދާއިމީކޮށް ފޮސްޓަރކުރަން ނިންމައި، ފޮސްޓަރ ޕެނަލަށް އެކަން ހުށަހަޅައި، މި ގަވާއިދުގެ ހަތަރުވަނަ ބާބުގައި ބަޔާންކޮށްފައިވާ މަރުޙަލާތައް ފުރިހަމަ ކުރަންވާނެއެވެ.

(ބ) މި ގަވާއިދުގެ ދަށުން ވަގުތީގޮތުން ފޮސްޓަރކޮށްފައިވާ ކުއްޖާ ފޮސްޓަރ ކޮށްފައިވާ މުއްދަތު ހަމަވުމުގެ 6 (ހައެއް) މަސްދުވަހުގެ ކުރިން އެ ކުއްޖަކު ފޮސްޓަރ ކޮށްފައިވާ މުއްދަތު އިތުރުކުރުމާ ގުޅޭގޮތުން ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސްއިން ގޮތެއް ނިންމަންވާނެއެވެ.

ހަތަރުވަނަ ބާބު

ފޮސްޓަރ ޕެނަލް

16ވަނަ މާއްދާ: ފޮސްޓަރ ޕެނަލް

(ހ) ފޮސްޓަރ ޕެނަލަކީ، ދައުލަތުގެ ބެލުމުގެ ދަށުގައިވާ ކުދިން ފޮސްޓަރކޮށް ހަވާލުކުރާނެ ފަރާތްތައް، ކަނޑައަޅައިފައިވާ އުސޫލުގެ މަތީން ނިންމާ ފަރާތެވެ.

(ށ) ފޮސްޓަރ ޕެނަލް އެކުލަވައިލާނީ ކަމާގުޅޭ ދާއިރާތައް ތަމްސީލުވާނޭހެން މިނިސްޓަރެވެ.

(ނ) މި ގަވާއިދުގެ ދަށުން އެކުލަވައިލާ ފޮސްޓަރ ޕެނަލް ޖަވާބުދާރީވާނީ މިނިސްޓަރަށެވެ.

(ރ) ފޮސްޓަރ ޕެނަލުގެ އިދާރީ ކަންކަން ހިންގައި ބަލަހައްޓާނީ ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސްގެ ރީ-އިންޓަރގްރޭޝަން އެންޑް ފޮސްޓަރިންގ ސެކްޝަނުގެ މުވައްޒަފެކެވެ.

(ބ) ފޮސްޓަރ ޕެނަލުގެ މެންބަރުން ހާޒިރުވާ ކޮންމެ ބައްދަލުވުމަކަށް،  މާލީ ޚިދުމަތްތައް ފޯރުކޮށްދިނުމާ ގުޅޭ ސިޔާސަތުތައް ކަނޑައެޅުމުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވާ ސަރުކާރުގެ ވުޒާރާގެ ހުއްދަޔާއެކު އެލަވަންސެއް ކަނޑައަޅަންވާނެއެވެ.

17ވަނަ މާއްދާ: ފޮސްޓަރ ޕެނަލުގެ މަސްއޫލިއްޔަތުތަކާއި ފޮސްޓަރ ޕެނަލުގެ މެންބަރުންގެ މަސްއޫލިއްޔަތުތައް

ފޮސްޓަރ ޕެނަލުގެ މަސްއޫލިއްޔަތުތައް ތިރީގައި މިވަނީއެވެ.

(ހ) ތާވަލުކުރެވޭ ޕެނަލުގެ ބައްދަލުވުންތަކަށް ހާޒިރުވުން.

(ށ) އެސެސްމަންޓް ރިޕޯޓުގައި ބޭނުންވާ ހުރިހާ މަޢުލޫމާތެއް ފުރިހަމަވޭތޯ ބެލުމާއި، ހުށަހެޅިފައިވާ މަޢުލޫމާތުގެ ޞައްޙަކަން ކަށަވަރުކުރުމާއި، އިތުރު މަޢުލޫމާތު ބޭނުންވާނަމަ އިޖުތިމާޢީ ޚިދުމަތްތެރިޔާއާ ނުވަތަ ކުއްޖާ ބެލުމަށް އެންމެ އެކަށީގެންވާ ފަރާތްކަމަށް އިޖުތިމާޢީ ޚިދުމަތްތެރިޔާ ފާހަގަކޮށްފައިވާ ފަރާތާ ސުވާލުކޮށް، އެ މަޢުލޫމާތު އޮޅުންފިލުވުން.

(ނ) ދައުލަތުގެ ބެލުމުގެ ދަށަށް ގެންނަ ކުއްޖަކު ފޮސްޓަރ ކުރުމަށް ޓަކައި ހަވާލުކުރަން ގަސްތުކުރާ ފަރާތާ ފޮސްޓަރ ޕެނަލުން އިންޓަވިއު ކުރަން ޖެހިއްޖެ ހާލަތެއްގައި، ފޮސްޓަރ ޕެނަލުން އިންޓަވިއުކޮށް، އެއީ ކުއްޖާ ބެލެހެއްޓުމަށް ޤާބިލް ފަރާތެއްކަން، ފޮސްޓަރ ޕެނަލުން ކަށަވަރުކުރުން.

(ރ) ދައުލަތުގެ ބެލުމުގެ ދަށަށް ގެނެވޭ ކުދިން ފޮސްޓަރ ކުރުމާބެހޭ ހުރިހާ މަރުޙަލާއެއްގައި ވެސް މި ގަވާއިދުގެ 4 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އަސާސީ އުސޫލުތައް ނެގެހެއްޓޭކަން ކަށަވަރުކުރުން.

(ބ) ފޮސްޓަރ ޕެނަލުގެ ހުރިހާ މަސައްކަތެއް ވެސް އިންސާފުވެރިކަމާއެކު، ދެފުށް ފެންނަ ގޮތެއްގައްޔާއި ކުއްޖާގެ މަޞްލަޙަތަށް އިސްކަންދީގެންނާއި ކުއްޖާގެ ކަރާމާތް ރައްކައުތެރިކުރެވޭކަން ކަށަވަރުކުރެވޭ ގޮތެއްގައި މަސައްކަތްތައް ކުރުން.

(ޅ) ފޮސްޓަރ ޕެނަލުގެ މަސްއޫލިއްޔަތުކަމުގައި މި ގަވާއިދުގައި ބަޔާންކޮށްފައިވާ އެންމެހައި ކަންކަން ކުރުން.

18ވަނަ މާއްދާ: ކުޑަކުދިންގެ ޙައްޤުތައް ރައްކައުތެރިކުރުމާބެހޭ ކައުންސިލުން ދޭ ލަފަޔާއި އިރުޝާދުތައް ފޮސްޓަރ ޕެނަލުން ތަންފީޒުކުރުން

ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނުގެ ދަށުން އުފައްދާ ކުޑަކުދިންގެ ޙައްޤުތައް ރައްކައުތެރިކުރުމާބެހޭ ކައުންސިލުން ދައުލަތުގެ ބެލުމުގެ ދަށަށް ގެންނަ ކުދިން ފޮސްޓަރ ކުރުމާބެހޭ ގޮތުން ދޭ ލަފަޔާއި އިރުޝާދުތައް، މިނިސްޓަރު އަންގާ ގޮތެއްގެ މަތީން، ފޮސްޓަރ ޕެނަލުން ތަންފީޒު ކުރަމުން ގެންދަންވާނެއެވެ.

19ވަނަ މާއްދާ: ފޮސްޓަރ ޕެނަލް އެކުލެވިގެންވާ ގޮތް

ފޮސްޓަރ ޕެނަލް އެކުލެވިގެންވަނީ އަންނަނިވި ފަރާތްތަކުގެ މައްޗަށެވެ.

(ހ) ކުޑަކުދިންނާ ގުޅިގެން ހުށަހެޅޭ މައްސަލަތައް ބެލުމާއި ހަވާލުވެހުރި ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސްގެ އިސްފަރާތެއް.

(ށ) ކުޑަކުދިންގެ ހައްޤުތައް ރައްކައުތެރިކުރުމަށް މަސައްކަތްކުރާ މަދަނީ ޖަމުޢިއްޔާތަކުގެ ތެރެއިން މިނިސްޓަރ އައްޔަނުކުރާ ޖަމުޢިއްޔާއެއްގެ އިސްފަރާތެއް.

(ނ) މިނިސްޓްރީއަށް ހުށަހެޅޭ ޢާއިލާތަކާ ގުޅޭ މައްސަލަތައް ބެލުމުގެ މަސައްކަތް ކުރިޔަށްގެންދާ ޑިޕާޓްމަންޓުގެ އިސްފަރާތެއް.

(ރ) މިނިސްޓްރީގެ ސިޔާސަތު ކަނޑައެޅުމުގެ މަސައްކަތް ކުރިޔަށްގެންދާ ޑިޕާޓްމަންޓުގެ އިސްފަރާތެއް.

(ބ) މޯލްޑިވްސް އެލައިޑް ހެލްތު ކައުންސިލުގައި ރަޖިސްޓަރީކޮށް ރާއްޖޭގައި ޕްރެކްޓިސްކުރަމުންދާ ސައިކޮލޮޖިސްޓެއް.

(ޅ) ދިވެހި ފުލުހުންގެ ޚިދުމަތުން ކަނޑައަޅާ ފަރާތެއް.

(ކ) ތަޢުލީމީ ވުޒާރާއިން ކަނޑައަޅާ ފަރާތެއް؛

(އ) ބަންޑާރަ ނައިބުގެ އޮފީހުން ކަނޑައަޅާ، އެ އޮފީހުގެ ޤާނޫނީ ވަކީލެއް.

20ވަނަ މާއްދާ: ފޮސްޓަރ ޕެނަލުގެ ރައީސާއި ނައިބު ރައީސް

(ހ) ފޮސްޓަރ ޕެނަލުގެ މެންބަރުންގެ ތެރޭގައި، އައްޔަނުކޮށްފައިވާ ރައީސަކާއި ނައިބު ރައީސަކު ހުންނަންވާނެއެވެ. އެގޮތުން ރައީސްކަމަށާއި ނައިބު ރައީސްކަމަށް އައްޔަނުކުރާނީ، ފޮސްޓަރ ޕެނަލުގެ މެންބަރުންގެ އަޣުލަބިއްޔަތުން، އެންމެ ގިނަ ވޯޓު ލިބޭ 2 (ދޭއް) މެންބަރެކެވެ.

(ށ) ފޮސްޓަރ ޕެނަލުގެ މަސައްކަތްތައް ރާވައި ހިންގައި، ބައްދަލުވުންތަކުގެ ރިޔާސަތު ބަލަހައްޓާނީ، ކޮމިޓީގެ ރައީސެވެ. ރައީސް ނެތް ހާލަތެއްގައި، ބުނެވިދިޔަ ކަންކަމުގެ އިތުރުން، ރައީސްގެ މަސްއޫލިއްޔަތު ކަމަށް މި މާއްދާގައި ބަޔާންކޮށްފައިވާ ކަންކަން ކުރާނީ، ނައިބު ރައީސެވެ.

(ނ) ފޮސްޓަރ ޕެނަލުގެ ރައީސްގެ ޒިންމާތައް، ތިރީގައި މިވަނީއެވެ.

-1 ފޮސްޓަރ ޕެނަލުގެ މެންބަރުންގެ އިތުރުން، ކޮމިޓީގެ ބައްދަލުވުންތަކުގައި ބައިވެރިވާނެ ފަރާތްތައް ކަނޑައެޅުން؛

-2 ފޮސްޓަރ ޕެނަލަށް ހުށަހަޅާ މައްސަލަތައް އަވަސްކަމާއެކު ކުރިޔަށް ގެންދިއުމަށް ބާރުއެޅުން؛

-3 ޕެނަލުގައި ހިންގާ މަޝްވަރާތަކުގައި ކޮމިޓީގެ ހުރިހާ މެންބަރުންގެ ބައިވެރިވުމަށް ފުރުޞަތު ތަނަވަސްކޮށް އެއްބަސްވުމަކަށް ވާސިލުވުމަށް މަސައްކަތްކުރުން؛

-4 ފޮސްޓަރ ޕެނަލުގެ މެންބަރުންގެ ނަޒާހަތްތެރިކަން ދެމެހެއްޓުން ކަށަވަރުކުރުމާއި، ކުޑަކުދިންގެ ޙައްޤުތައް ރައްކައުތެރިކުރުމަށް ހަދައިފައިވާ ޤާނޫނުތަކާއި ގަވާއިދުތަކާ އުސޫލުތައް ނެގެހެއްޓުން.

21ވަނަ މާއްދާ: ފޮސްޓަރ ޕެނަލުގެ ބައްދަލުވުންތަކުގެ ޤާނޫނީ އަދަދާއި ބައްދަލުވުންތައް

(ހ) ފޮސްޓަރ ޕެނަލުގެ ބައްދަލުވުންތަކުގެ ޤާނޫނީ އަދަދަކީ 5 (ފަހެއް) މެންބަރުންނެވެ.

(ށ) ފޮސްޓަރ ޕެނަލުގެ ބައްދަލުވުންތައް ބާއްވަންވާނީ، ފޮސްޓަރކުރުމަށް ހުށަހަޅައިފައިވާ ޕްރޮފައިލްތަކުގެ މައްޗަށް ބިނާކޮށް، ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސްއިން އެކުލަވައިލާ ތާވަލާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.

(ނ) ފޮސްޓަރ ޕެނަލުން ނިންމާ ނިންމުމެއް ފާސްވެއްޖެކަމަށް ބެލޭނީ، ކޮމިޓީގެ މެންބަރުންގެ އަޣުލަބިއްޔަތުން އެ ކަމެއް ފާސްވެއްޖެ ނަމައެވެ.

(ރ) ފޮސްޓަރ ޕެނަލުގެ ބައްދަލުވުމުގައި ރައީސާއި ނައިބު ރައީސް ބައިވެރިވާން އުޒުރުވެރިވެއްޖެ ހާލަތެއްގައި، ހާޒިރުވެ ތިބި މެންބަރުންގެ މެދުގައި ނަގާ ވޯޓަކުން، އެ ބައްދަލުވުމުގެ ރިޔާސަތު ބަލަހައްޓާނެ މެންބަރަކު ކަނޑައަޅަންވާނެއެވެ. މިގޮތަށް ހޮވާ މެންބަރަކީ، ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސް ތަމްސީލުކުރާ މެންބަރެއް ކަމުގައި ވެގެން ނުވާނެއެވެ.

(ބ) ފޮސްޓަރ ޕެނަލުގެ ބައްދަލުވުމުގެ ހުރިހައި ނިންމުންތަކެއް ވެސް ހުންނަންވާނީ ޔައުމިއްޔާގައި ލިޔެވިފައެވެ. އަދި މި ނިންމުންތައް ހުރިހާ މެންބަރުންނާ ހިއްސާކުރަންވާނެއެވެ.

(ޅ) ފޮސްޓަރކުރަން ހުށަހަޅާ ފަރާތާ މަޞްލަޙަތު ފުށުއަރާ މެންބަރަކު ޕެނަލުގައި ހިމެނޭނަމަ، ޕެނަލުގެ ބައްދަލުވުން ކުރިޔަށް ގެންދަންވާނީ، އެ މެންބަރަކު ނުހިމަނައެވެ. އަދި ޕެނަލުގެ ބައްދަލުވުމުގެ ތެރެއިން ފޮސްޓަރކުރަން ހުށަހަޅައިފައިވާ ފަރާތަކީ ޕެނަލުގެ މެންބަރަކާ މަޞްލަޙަތު ފުށުއަރާ ފަރާތެއްކަން އެނގިއްޖެނަމަ، އެ މެންބަރަކު ބައްދަލުވުމުން ތަނާޒުލްވާންވާނެއެވެ.

22ވަނަ މާއްދާ: ފޮސްޓަރ ޕެނަލުގެ މެންބަރުންގެ ދައުރު

ފޮސްޓަރ ޕެނަލަށް ކޮންމެ މެންބަރަކު ވެސް އައްޔަނު ކުރެވޭނީ، 3 (ތިނެއް) އަހަރުދުވަހުގެ ދައުރަކަށެވެ. އަދި ކޮންމެ މެންބަރަކަށް ވެސް އެންމެ ގިނަވެގެން ފުރިހަމަކުރެވޭނީ، 3 (ތިނެއް) އަހަރުދުވަހުގެ 2 (ދޭއް) ދައުރެވެ.

23ވަނަ މާއްދާ: މެންބަރަކު އިސްތިޢުފާ ދިނުން

ކޮންމެ މެންބަރަކަށް ވެސް، އެ މެންބަރަކު ބޭނުންވެއްޖެ ހާލަތެއްގައި، ފޮސްޓަރ ޕެނަލުން އިސްތިޢުފާ ދިނުމުގެ އިޚްތިޔާރު ލިބިގެންވެއެވެ. އަދި މެންބަރުކަމުން ވަކިވާން ބޭނުންވެއްޖެ ހާލަތެއްގައި، ލިޔުމުން އެކަން މިނިސްޓަރަށް އެންގުމުން އިސްތިޢުފާ ދެވުނީކަމަށް ބެލެވޭނެއެވެ.

24ވަނަ މާއްދާ: މެންބަރުކަމުން ވަކިކުރުން

(ހ) ފޮސްޓަރ ޕެނަލުގެ އެއްވެސް މެންބަރަކު، މަހެއްގެ މައްޗަށް ބޭއްވޭ ބައްދަލުވުންތަކުގެ މަދުވެގެން %70 (ހަތްދިހަ އިންސައްތަ) ބައްދަލުވުންތަކަށް ހާޒިރުނުވެއްޖެނަމަ، ނުވަތަ މަޤުބޫލު އުޒުރެއްނެތި ވިދިވިދިގެން ކޮމިޓީގެ

3 (ތިނެއް) ބައްދަލުވުމަށް ހާޒިރުނުވެއްޖެނަމަ، އެ މެންބަރަކަށް އެކަން ލިޔުމުން އަންގައި، މެންބަރުކަމުން ވަކިކުރުމުގެ އިޚްތިޔާރު މިނިސްޓަރަށް ލިބިގެންވެއެވެ.

(ށ) ފޮސްޓަރ ޕެނަލުގެ އެއްވެސް މެންބަރެއްގެ ފަރާތުން ކުއްޖެއްގެ ކަރާމާތަށް ގެއްލުމެއް ނުވަތަ އުނިކަމެއް ލިބޭފަދަ ޢަމަލެއް ކޮށްފިނަމަ، އެ މެންބަރަކު ވަގުތުން މެންބަރުކަމުން ވަކިކުރެވޭނެއެވެ.

(ނ) ފޮސްޓަރ ޕެނަލަށް އިދާރާތަކުން އައްޔަނުކުރާ މެންބަރަކު ވަކިކުރުމަށް

އެ އިދާރާއަކުން ބޭނުންވެއްޖެ ހާލަތުގައި، އެ މެންބަރަކު ވަކިކުރުމަށް މިނިސްޓަރަށް އެންގުމުން، އެ މެންބަރަކު ވަކިކުރެވޭނެއެވެ.

25ވަނަ މާއްދާ: ސިއްރު ހިފެހެއްޓުން

ފޮސްޓަރ ޕެނަލުގެ ހުރިހާ މެންބަރުން ވެސް ސިއްރު ހިފެހެއްޓުމުގެ އެއްބަސްވުމެއްގައި ސޮއިކޮށް އިޤުރާރުވާން ވާނެއެވެ.

ފަސްވަނަ ބާބު

ކުދިން ފޮސްޓަރ ކުރުމުގެ މަރުޙަލާތައް

26ވަނަ މާއްދާ: ފޮސްޓަރ ކުރުމުގެ މަރުޙަލާތައް

ދައުލަތުގެ ބެލުމުގެ ދަށަށް ގެންނަ ކުއްޖަކު ފޮސްޓަރކުރުން ބިނާވެފައިވަނީ އަންނަނިވި މަރުޙަލާތަކުގެ މައްޗަށެވެ.

(ހ) ފުރަތަމަ މަރުޙަލާ: އެސެސްމަންޓް ހެދުމާއި، ކުއްޖާގެ މަޞްލަޙަތަށް އެންމެ ރަނގަޅު ގޮތް ނިންމުން.

(ށ) ދެވަނަ މަރުޙަލާ: ފޮސްޓަރ ކުރުމަށް ކުއްޖާއާއި ފޮސްޓަރކޮށްދޭ ފަރާތް ތައްޔާރުކުރުން.

(ނ) ތިންވަނަ މަރުޙަލާ: ކުއްޖާއާއެކު ގުޅުން ބަދަހިކުރުމާއި، ކުއްޖާ ހަވާލުކުރުން.

(ރ) ހަތަރުވަނަ މަރުޙަލާ: ފޮސްޓަރ ކުރުމަށްފަހު ދޭންޖެހޭ އެހީތެރިކަން ދިނުމާއި މޮނިޓަރކުރުން.

27ވަނަ މާއްދާ: ފޮސްޓަރ ކުރުމުގެ ފުރަތަމަ މަރުޙަލާ

(ހ) ފޮސްޓަރ ކުރުމުގެ ފުރަތަމަ މަރުޙަލާގައި، އަންނަނިވި ގޮތުގެ މަތީން  ކަންކަން ކުރަންވާނެއެވެ.

-1 ފޮސްޓަރ ކުރުމަށް ކުއްޖާ ތައްޔާރުވެފައިވާ މިންވަރު ދެނެގަތުމަށް ޓަކައި ޗައިލްޑް އެސެސްމަންޓެއް ހެދުން؛

-2 ފޮސްޓަރކޮށްދޭ ފަރާތުގެ އެސެސްމަންޓެއް ހެދުން؛

-3 ކުއްޖާގެ މަޞްލަޙަތަށް އެންމެ ރަނގަޅު ގޮތް ދެނެގަތުމުގެ ރިޕޯޓު ތައްޔާރުކުރުމާއި، އެ ރިޕޯޓު މެދުވެރިކޮށް އިޖުތިމާޢީ އެހީތެރިޔާއަށް ފެންނަ ކަންކަން ހުށަހެޅުން.

(ށ) މި މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ކުއްޖާގެ މަޞްލަޙަތަށް އެންމެ ރަނގަޅު ގޮތް ދެނެގަތުމުގެ ރިޕޯޓުގައި، އެންމެ މަދުވެގެން، އަންނަނިވި މަޢުލޫމާތު އެނގެން އޮންނަންވާނެއެވެ.

-1 ކުއްޖާއަކީ ކާކުކަން އަންގައިދޭ މަޢުލޫމާތު؛

-2 ކުއްޖާގެ މިހާރުގެ ހާލަތު؛

-3 ކުއްޖާ، އެ ކުއްޖާގެ ޢާއިލާއާ ވަކިވާންޖެހުނު ސަބަބުތަކާއި، އެކަން މެދުވެރިވި ސަބަބުތައް؛

-4 ކުއްޖާގެ ޢާއިލާއާއި ކުއްޖާ ހަވާލުކުރެވެން ނެތް ސަބަބުތައް؛

-5 ފޮސްޓަރކޮށްދޭ ފަރާތުގެ އެސެސްމަންޓުން ފާހަގަވާ ކަންކަން؛

-6 ފޮސްޓަރކޮށްދޭ ފަރާތާ ހަވާލުކުރުމުން ކުއްޖާއަށް ހުރި ފުރުޞަތުތައް؛

-7 ރިކޮމެންޑޭޝަންތައް؛

-8 ކުއްޖާގެ އެސެސްމަންޓް އެކުލަވައިލައިފައިވާ އިޖުތިމާޢީ ޚިދުމަތްތެރިޔާއަކީ ނުވަތަ އިޖުތިމާޢީ ޚިދުމަތްތެރިންނަކީ ކޮބައިކަން؛

(ނ) އިސްވެ ބަޔާންކޮށްފައިވާ ކަންތައްތަކަށް ރިޢާޔަތްކޮށް، ފޮސްޓަރ ޕެނަލުން ފޮސްޓަރކޮށްދޭ ފަރާތް ކަނޑައެޅުމުން، ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސް ހިންގުމާ ހަވާލުވެ ހުންނަ ފަރާތާއި ކޭސްމެނޭޖްމަންޓުގެ 2 (ދޭއް) ސުޕަވައިޒަރުން، ފޮސްޓަރކުރާ ކުއްޖާ ކަނޑައަޅަންވާނެއެވެ.

(ރ) މި ނިންމުން ނިންމުމުގައި، ފޮސްޓަރ ޕެނަލުގެ ނިންމުމާއި، ކުއްޖާގެ ޗައިލްޑް އެސެސްމަންޓާއި، ކުއްޖާގެ މަޞްލަޙަތު އަންގައިދޭ ރިޕޯޓުގައިވާ ކަންތައްތަކަށް ރިޢާޔަތްކުރަންވާނެއެވެ.

(ބ) މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ނިންމުން ނިންމުމުގައި، ކުއްޖާ ބެލެހެއްޓުމަށް ހަވާލުކުރަނީ ފޮސްޓަރކޮށްދޭ ފަރާތަކަށްކަން ނުވަތަ ނޫންކަން، ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސް ހިންގުމާ ހަވާލުވެހުރި ފަރާތުން، ލިޔުމުން ބަޔާން ކުރަންވާނެއެވެ. އަދި ފޮސްޓަރކުރަން ފެންނަކަމަށް ނިންމާނަމަ، އެ ނިންމުން ބިނާކޮށްފައިވާ ސަބަބުތައް ތަފުސީލުކޮށް ލިޔުމުން ބަޔާންކުރަންވާނެއެވެ.

(ޅ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކަންކަން ކުރަންވާނީ، ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސްގެ ފަރާތުން މައްސަލަ ބަލަހައްޓާ އިޖުތިމާޢީ ޚިދުމަތްތެރިޔާއާއި، ކަމާބެހޭ ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރުގެ ދައުރު ހިމެނޭ ހާލަތްތަކުގައި، އެ ސެންޓަރުގެ އިޖުތިމާޢީ ޚިދުމަތްތެރިޔާގެ ނުވަތަ ކައުންސިލުގެ އޭޖެންޓާއި އޯލްޓަނޭޓިވް ކެއަރގައި ކުއްޖާ ބަލަހައްޓާ އިޖުތިމާޢީ ޚިދުމަތްތެރިޔާއާ ދެމެދު ވިލަރެސްކޮށްގެންނެވެ.

28ވަނަ މާއްދާ: ޗައިލްޑް އެސެސްމަންޓް ހެދުމުގައި އެންމެ މަދުވެގެން ފުރިހަމަވާންޖެހޭ ކަންކަން

(ހ) މި ގަވާއިދުގެ 26 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ޗައިލްޑް އެސެސްމަންޓް ހަދަންވާނީ، ކުއްޖާއާ އެކަށީގެންވާ އަދި ކުއްޖާއަށް ހަމަޖެހުމާއި ރައްކައުތެރިކަން އިހުސާސްވާފަދަ މާޙައުލެއްގައެވެ.

(ށ) މި ގަވާއިދުގެ 26 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ޗައިލްޑް އެސެސްމަންޓުގައި، އެންމެ މަދުވެގެން ވެސް، އަންނަނިވި މަޢުލޫމާތުތައް އެނގެން އޮންނަންވާނެއެވެ.

-1 ކުއްޖާ ކާމިޔާބުކަމާއެކު ފޮސްޓަރ ކުރުމަށް ޓަކައި އެ ކުއްޖާއަށް ބޭނުންވާނެ އެންމެހައި ވަސީލަތްތަކާއި، ކުއްޖާގެ ދުޅަހެޔޮކަމަށާއި ހެދިބޮޑުވުމަށް މުހިންމު ހުރިހާ ދާއިރާތަކެއްގެ މަޢުލޫމާތު

(މީގެ ތެރޭގައި، ކުއްޖާގެ ޖިސްމާނީ ދުޅަހެޔޮކަމާބެހޭ މަޢުލޫމާތާއި، ނަފުސާނީ ދުޅަހެޔޮކަމާބެހޭ މަޢުލޫމާތާއި، އިޖުތިމާޢީ ދުޅަހެޔޮކަމާބެހޭ މަޢުލޫމާތާއި، ބިހޭވިއަރަލް އަދި ކޮގްނިޓިވް ދުޅަހެޔޮކަމާބެހޭ މަޢުލޫމާތާއި، ކުއްޖާގެ ތަޢުލީމާބެހޭ މަޢުލޫމާތު ހިމެނެންވާނެއެވެ.)؛

-2 ކުއްޖާގެ ޢާއިލާއާބެހޭ މަޢުލޫމާތާއި ޢާއިލާއާ ކުއްޖާ ހަވާލުކުރެވެން ނެތް ސަބަބުތައް؛

-3 ކުއްޖާ ދައުލަތުގެ ބެލުމުގެ ދަށަށް ނެގުނު ސަބަބު؛

-4 ކުއްޖާގެ އުފަން ޢާއިލާއާއެކު އުޅުމުގެ ފުރުޞަތު ކުއްޖާއަށް ލިބިއްޖެނަމަ، ޢާއިލާއާއެކު އުޅެން އެ ކުއްޖާ ބޭނުންވާކަން ނުވަތަ ނޫންކަން؛

-5 ކުއްޖާ މިހާރު ދިރިއުޅޭ އޯލްޓަނޭޓިވް ކެއަރއިން ބަދަލުވެ، ޢާއިލީ މާޙައުލެއްގައި އުޅުމުގެ ފުރުޞަތު ލިބިއްޖެނަމަ، އެފަދަ މާޙައުލަކަށް ބަދަލުވާން އެ ކުއްޖާ ބޭނުންވާކަން ނުވަތަ ނޫންކަން.

(ނ) މި މާއްދާގެ (ށ) ގެ (3) ވަނަ ނަންބަރާއި (4) ވަނަ ނަންބަރާއި (5) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ކަންކަން ދެނެގަތުމުގައި ކުއްޖާގެ އުމުރާއި، ކުއްޖާގެ ބަދަލުވަމުންދާ ޤާބިލިއްޔަތަށް ރިޢާޔަތްކުރަންވާނެއެވެ.

29ވަނަ މާއްދާ: ފޮސްޓަރކޮށްދޭ ފަރާތުގެ އެސެސްމަންޓް ހެދުން

(ހ) މި ގަވާއިދުގެ 26 ވަނަ މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފޮސްޓަރކޮށްދޭ ފަރާތުގެ އެސެސްމަންޓުގައި، އެންމެ މަދުވެގެން ވެސް އަންނަނިވި މަޢުލޫމާތުތައް އެނގެން އޮންނަންވާނެއެވެ.

-1 ފޮސްޓަރކޮށްދޭ ފަރާތާއި، އެ ފަރާތާއެކު ދިރިއުޅޭ ޢާއިލީ އެހެން މެންބަރުންގެ  ކުށުގެ ރިކޯޑު؛

-2 ކުއްޖާގެ ސަލާމަތާއި ދުޅަހެޔޮކަމަށް ނޭދެވޭ އަސަރުކުރާނެ ކަންކަމާއި، އެ ކަންކަން ރަނގަޅުކުރުމަށް ޓަކައި ގެންނަންޖެހޭނެ ބަދަލުތައް؛

-3 ފޮސްޓަރކޮށްދޭ ފަރާތް ކުއްޖާ ފޮސްޓަރ ކުރުމަށްފަހު ގެންގުޅޭނެ މުޖުތަމަޢުގައި ތަޢުލީމާއި ޞިއްޙީ ފަރުވާއާބެހޭ ޚިދުމަތްތައް ލިބެންހުރި މިންވަރާއި އެ މުޖުތަމަޢުގައި ކުށްކުރުން އާންމުވެފައިވާ މިންވަރު؛

-4 ކުއްޖާއާ ހަވާލުވާން ތައްޔާރުވެފައިވާ މިންވަރާއި، ކުއްޖާއާ ހަވާލުވުމަށް ޓަކައި ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ ޤާބިލިއްޔަތުކަން ހުރި މިންވަރު؛

-5 ކުއްޖާއަށް ދޭންޖެހޭ އަޅައިލުން ދިނުމުގެ ޤާބިލިއްޔަތުކަން ހުރި މިންވަރު؛

-6 ކުއްޖާއަށް އަޅައިލުން ބޭނުންވެފައިވާ މިންވަރު ނުވަތަ ކުއްޖާ އެކަމަށް ތައްޔާރުވެފައިވާ މިންވަރު؛

-7 ކުއްޖާ ފޮސްޓަރކުރި ފަހުން ކުއްޖާ ފޮސްޓަރކޮށްދޭ ފަރާތުގެ ދިރިއުޅުމުގެ ކަންކަމަށް އައި ބަދަލެއްގެ ސަބަބުން ކުއްޖާ ބެލެހެއްޓުމުގެ ކަންކަން ރާވައިފައިވާ ގޮތަށް ބަދަލެއް ގެންނަން ޖެހިއްޖެނަމަ، ޢަމަލުކުރާނެގޮތުގެ މަޢުލޫމާތު؛

-8 ޖިސްމާނީ ދުޅަހެޔޮކަމުގެ ހާލަތާއި، ނަފުސާނީ ދުޅަހެޔޮކަމުގެ ހާލަތާއި، ޞިއްޙީ ހާލަތު؛

-9 ތަޢުލީމީ ހާލަތު؛

-10 މާލީ ހާލަތު.

(ށ) މި ގަވާއިދުގެ 26 ވަނަ މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފޮސްޓަރކޮށްދޭ ފަރާތުގެ އެސެސްމަންޓް ހަދަންވާނީ، ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސްގެ އިޖުތިމާޢީ ޚިދުމަތްތެރިޔެކެވެ. އަދި ބޭނުންވެއްޖެ ހާލަތެއްގައި، އެ ފަރާތަށް، ފެމިލީ އެންޑް ޗައިލްޑް ސަރވިސް ސެންޓަރުގެ ކަމާބެހޭ އިޖުތިމާޢީ ޚިދުމަތްތެރިޔާގެ ނުވަތަ ކައުންސިލުގެ އޭޖެންޓުގެ އެހީތެރިކަން ހޯދިދާނެއެވެ.

(ނ) ފޮސްޓަރކޮށްދޭ ފަރާތުގެ އެސެސްމަންޓް ހަދާއިރު، އެ ފަރާތްތަކާއެކު ދިރިއުޅޭ އެންމެންގެ ބައިވެރިވުން ހޯދުމަށް މަސައްކަތް ކުރަން ވާނެއެވެ. ވަކިން ޚާއްޞަކޮށް، އެ ފަރާތްތަކާއެކު ދިރިއުޅޭ ކުޑަކުދިންނާއެކު، އެ ކުދިންނަށް ގެވެށި އަނިޔާ ނުވަތަ ޖިންސީ އަނިޔާ ލިބިފައިވޭތޯ ބެލުމަށް ސުވާލުކުރެވެން އޮތް އެންމެ ފުޅާ މިންވަރަކަށް ސުވާލުކުރެވޭތޯ މަސައްކަތް ކުރަން ވާނެއެވެ. އަދި މި ފަދައިން އެ ކުދިންނާ ސުވާލުކުރުމުގައި، އެ ތަނުން ކުއްޖަކަށް ނުވަތަ ކުދިންނަށް ގެވެށި އަނިޔާގެ ނުވަތަ ޖިންސީ އަނިޔާގެ ޢަމަލެއް ރައްދުވެފައިވާކަމަށް ބެލެވޭނަމަ، ކަމާބެހޭ ޤާނޫނާ އެއްގޮތްވާ ގޮތުގެ މަތީން އެ މައްސަލަތަކާމެދު އަޅަންޖެހޭ ފިޔަވަޅުތައް އަޅަންވާނެއެވެ.

30ވަނަ މާއްދާ: ފޮސްޓަރ ޕެނަލުން ރިޢާޔަތްކުރަންވީ ކަންކަން

ފޮސްޓަރކޮށްދޭ ފަރާތް ވަޒަންކުރުމުގައި، ފޮސްޓަރ ޕެނަލުން، އަންނަނިވި ކަންކަމަށް ރިޢާޔަތްކުރަން ވާނެއެވެ.

(ހ) މި ގަވާއިދުގެ 4 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަންކަމަށް ރިޢާޔަތްކުރުން.

(ށ) ފޮސްޓަރކޮށްދޭ ފަރާތް ދިރިއުޅެމުންދާ މާޙައުލުގައި ފޮސްޓަރކުރާ ކުއްޖަކަށް ރައްކައުތެރިކަން ކަށަވަރުކުރެވޭނެ މިންވަރު.

(ނ) ކުއްޖަކު ބެލުމަށް ފޮސްޓަރކޮށްދޭ ފަރާތް ތައްޔާރުވެފައިވާ މިންވަރާއި، އެކަމަށް ބޭނުންވެފައިވާ މިންވަރު.

(ރ) ފޮސްޓަރކޮށްދޭ ފަރާތަށް ދިމާވާ މައްސަލަތައް ޙައްލުކުރުމަށް ޓަކައި އެ ފަރާތުން ޒިންމާ އުފުލަން ތައްޔާރުވެފައިވާ މިންވަރު.

(ބ) ކުއްޖާއަށް ކުރިމަތިވި ކަންކަމާއި، އެ ކަންކަމުގެ ސަބަބުން ކުއްޖާގެ ދުޅަހެޔޮކަމަށާއި އުޅުމަށް އަސަރުކޮށްފައިވާ މިންވަރު ފޮސްޓަރކޮށްދޭ ފަރާތަށް ފަހުމުވެ ދޭހަވެފައިވާ މިންވަރު.

(ޅ) ކުއްޖާއަށް ސަމާލުކަމާއި އަޅައިލުން ދިނުމުގެ ޤާބިލިއްޔަތުކަން ހުރި މިންވަރު.

(ކ) ކުއްޖާގެ އަސާސީ ބޭނުންތަކަށާއި ހެދިބޮޑުވުމަށް ޓަކައި ފޯރުކޮށްދޭންޖެހޭ ކަންކަން ފޯރުކޮށްދިނުމުގެ ޤާބިލިއްޔަތުކަން ހުރި މިންވަރު.

(އ) ކުއްޖާގެ ޙައްޤުތަކާއި ބޭނުންތަކަކީ ކޮބައިކަން ދެނެގަނެވިފައިވާ މިންވަރު؛

(ވ) ކުއްޖާ އުޅޭނެ ތަނެއް ހަމަޖެހިފައިވާކަން ނުވަތަ ނޫންކަން.

31ވަނަ މާއްދާ: ފޮސްޓަރ ކުރުމުގެ ދެވަނަ މަރުޙަލާ

ފޮސްޓަރ ކުރުމުގެ ދެވަނަ މަރުޙަލާގައި، އަންނަނިވި ގޮތުގެ މަތީން ކަންކަން ކުރަންވާނެއެވެ.

(ހ) ކުއްޖަކު ފޮސްޓަރ ކުރުމަށް ޝަރުޠު ހަމަވާކަމަށް ކަނޑައެޅިފައިވާ ފަރާތްތަކުގެ ތެރެއިން ފަރާތަކަށް ކުއްޖަކު ހަވާލުކުރުމަށް ނިންމުން؛

(ށ) ފޮސްޓަރ ކުރުމަށް ކުއްޖާ ތައްޔާރުކުރުން؛

(ނ) ކުއްޖާ ފޮސްޓަރ ކުރުމުގެ ކޯޓު އަމުރަކަށް އެދުން؛

(ރ) ކުއްޖާ ފޮސްޓަރކޮށްދޭ ފަރާތް، ކުއްޖާގެ އެންމެހައި ކަމެއް ކުރުމަށް ތައްޔާރުކުރުން؛

(ބ) ކުއްޖާއާއި ފޮސްޓަރކޮށްދޭ ފަރާތުގެ ގުޅުން ބަދަހިކުރުވުން؛

(ޅ) ފޮސްޓަރިންގ ސަޕޯޓް ޕްލޭނެއް ތައްޔާރުކުރުން.

32ވަނަ މާއްދާ: ފޮސްޓަރ ކުރުމަށް ޓަކައި ކުއްޖާ ތައްޔާރުކުރުން

ފޮސްޓަރ ކުރުމަށް ޓަކައި ކުއްޖާ ތައްޔާރުކުރުމުގެ މަސައްކަތް ބެހިގެންދަނީ އަންނަނިވި ކަންކަމުގެ މައްޗަށް ހިމެނޭ މަރުޙަލާތަކެއްގެ މައްޗަށެވެ.

(ހ) ފޮސްޓަރ ކުރުމާބެހޭ ގޮތުން ކުއްޖާއަށް މަޢުލޫމާތު ދިނުން. މިގޮތުން ފޮސްޓަރކޮށްދޭ ފަރާތާބެހޭ ގޮތުން މަޢުލޫމާތު ދިނުން.

(ށ) ފޮސްޓަރކޮށްދޭ ފަރާތާ ކުއްޖާ ބައްދަލުކުރުމަށް ކުއްޖާ ތައްޔާރުކުރުން. މިގޮތުން، ކުއްޖާއާ ބައްދަލުކޮށް، ކުއްޖާއާ ގުޅުން ބަދަހިކުރުމަށް ރޭވިފައިވާ ގޮތް ކުއްޖާއަށް ކިޔައިދީ، ކުއްޖާގެ ދިރިއުޅުން ބަދަލުވާ މާޙައުލާބެހޭ މަޢުލޫމާތު ދީ، ކުއްޖާ ބޭނުންވާ މަޢުލޫމާތު ކުއްޖާއަށް ފޯރުކޮށްދިނުން.

(ނ) ކުއްޖާގެ އަމިއްލަވަންތަކަން ތަރައްޤީކުރުމަށާއި، ކުއްޖާގެ އަމިއްލަވަންތަކަން ކުރިއެރުވުމަށް އެހީތެރިވުން.

(ރ) ކުއްޖާ ދިރިއުޅެމުންދާ އޯލްޓަނޭޓިވް ކެއަރ ދޫކޮށް ދިއުމަށް ކުއްޖާ ތައްޔާރުކުރުން.

(ބ) ކުއްޖާ ފޮސްޓަރކުރާ ފަހުން، ކުއްޖާއަށް ހާދިސާއެއް ކުރިމަތިވެއްޖެނަމަ، އެކަން ރިޕޯޓުކޮށް އަންގާނެ ފަރާތެއް ބަޔާންކޮށްދީ، ކުއްޖާ އެކަމަށް އަހުލުވެރިކުރުވުން.

(ޅ) ފޮސްޓަރ ކުރުމަށް ޓަކައި ތައްޔާރުކުރެވޭ ކުއްޖާގެ ޙައްޤުތަކާއި ޒިންމާތަކަކީ ކޮބައިކަން، އެ ކުއްޖެއްގެ އުމުރަށާއި، ބަދަލުވަމުންދާ ޤާބިލިއްޔަތަށް ރިޢާޔަތްކޮށް އަހުލުވެރި ކުރުވުން.

33ވަނަ މާއްދާ: ފޮސްޓަރ ކުރަން ހަވާލުކުރަން ކޯޓު އަމުރެއް ހޯދުން

(ހ) ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނުގެ 99 ވަނަ މާއްދާގެ

(އ) ގައި، އެއްވެސް ކުއްޖަކު ފޮސްޓަރ ކުރުމަށް އެހެން ފަރާތަކާ ހަވާލުކުރަންވާނީ ކޯޓު އަމުރެއްގެ ދަށުން ކަމަށް ބަޔާންކޮށްފައިވާތީ، ކުއްޖާ ފޮސްޓަރކޮށްދޭ ފަރާތާ ހަވާލުކުރުމަށް، ކަމާބެހޭ ކޯޓު އަމުރެއް ލިބިގެން މެނުވީ، މި ގަވާއިދުގެ ދަށުން ކުއްޖަކު ފޮސްޓަރކޮށްދޭ ފަރާތަކާ ހަވާލެއް ނުކުރެވޭނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ މަގުސަދަށް ޓަކައި، ފޮސްޓަރ ކުރުމުގެ ތިންވަނަ މަރުޙަލާގައި އެންމެ އިސްކަމެއް ދޭންވާނީ، ފޮސްޓަރކުރަން ހަމަޖެހިފައިވާ ކުއްޖަކު، ފޮސްޓަރކޮށްދޭ ފަރާތާ ހަވާލުކުރުމަށް ޓަކައި ހޯދަންޖެހޭ ކޯޓު އަމުރު ހޯދުމަށެވެ. މިގޮތުން ކޯޓު އަމުރަކަށް އެދޭއިރު، އަންނަނިވި މަޢުލޫމާތު، ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސްއިން ހިމަނަންވާނެއެވެ.

-1 ކުއްޖާ ފޮސްޓަރކޮށްދޭ ފަރާތާ ހަވާލުކުރުމަށް ހަމަޖެހިފައިވަނީ

މި ގަވާއިދުގެ 5 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ 2 (ދޭއް) ގޮތުންކުރެ ކޮން ގޮތަކުން ކަން؛

-2 ފޮސްޓަރކޮށްދޭ ފަރާތާ ކުއްޖާ ހަވާލުކުރުމަށް ހަމަޖެހިފައިވަނީ

މި ގަވާއިދުގެ 5 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ނަމަ، ކުއްޖާ ހަވާލުކުރެވޭ މުއްދަތު؛

-3 ފޮސްޓަރކޮށްދޭ ފަރާތާ ކުއްޖާ ހަވާލުކުރުމަށް ހަމަޖެހިފައިވަނީ

މި ގަވާއިދުގެ  5 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ނަމަ، ކުއްޖާގެ ޤާނޫނީ ބެލެނިވެރިކަން ފޮސްޓަރކޮށްދޭ ފަރާތަށް ބަދަލުކުރުމަށް ބޭނުންވާނެ، ކަމާބެހޭ އާންމު މަޢުލޫމާތާއި

ޤާނޫނީ މަޢުލޫމާތު؛

-4 ކުއްޖާއާއި ފޮސްޓަރކޮށްދޭ ފަރާތާ ބެހޭގޮތުން ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސްއިން ހަދައިފައިވާ އެސެސްމަންޓުތައް؛

-5 މި ގަވާއިދުގެ 26 ވަނަ މާއްދާއާ އެއްގޮތްވާ ގޮތުގެ މަތީން ހަދާ، ކުއްޖާގެ މަޞްލަޙަތަށް އެންމެ ރަނގަޅު ގޮތް ދެނެގަތުމުގެ ރިޕޯޓު.

-6 ކުއްޖާ ފޮސްޓަރކުރުމާމެދު އުފަން މައިންބަފައިންގެ ބަހާއި، މައިންބަފައިންނާ ހަވާލުކުރެވެން ނެތް ސަބަބުތައް.

34ވަނަ މާއްދާ: ފޮސްޓަރކޮށްދޭ ފަރާތް ތައްޔާރުކުރުން

ފޮސްޓަރކޮށްދޭ ފަރާތް ތައްޔާރުކުރުމުގެ މަސައްކަތް ބެހިގެންދަނީ އަންނަނިވި ކަންކަމުގެ މައްޗަށް ހިމެނޭ މަރުޙަލާތަކެއްގެ މައްޗަށެވެ.

(ހ) ފޮސްޓަރކޮށްދޭ ފަރާތަށް، ކުއްޖާގެ ޙައްޤުތަކާއި ބެލެނިވެރިންގެ ޒިންމާތަކާއި ކުއްޖާގެ ޒިންމާތަކަކީ ކޮބައިކަން އަންގައިދިނުން.

(ށ) ކުއްޖާގެ އަސާސީ ކަންކަން ފުރިހަމަކުރުމަށް ފޮސްޓަރކޮށްދޭ ފަރާތަށް ބޭނުންވާނެ އެހީތެރިކަން ދެނެގަތުން.

(ނ) ހަރުދަނާ ބެލެނިވެރިކަމާ ގުޅޭ މަޢުލޫމާތު ބެލެނިވެރިޔާއަށް ބޭނުންވާކަމަށް ބެލެވޭނަމަ، އެ މަޢުލޫމާތު ދެވޭނެ އިންތިޒާމު ހަމަޖައްސައިދިނުން.

(ރ) ކުއްޖާއާއި ކުއްޖާގެ ޢާއިލާގެ މާޒީއާބެހޭ މުހިންމު އެންމެހައި މަޢުލޫމާތުތައް ހިއްސާކުރުން.

(ބ) ކުއްޖާގެ ކީ ކެއަރވޯކަރއާއި ކުއްޖާގެ ވަށައިގެންވާ މާޙައުލުގައި އުޅޭ ކުއްޖާއަށް މުހިންމު މީހުންނާ ބައްދަލުކޮށް، ކުއްޖާގެ މިޒާޖާއި ކުއްޖާގެ އާދަތައް ދެނެގަތުމުގެ މަގުފަހިކޮށްދިނުން.

(ޅ) ފޮސްޓަރ ކުރަނީ ނުކުޅެދުންތެރިކަން ހުންނަ ކުއްޖެއްނަމަ، އެ ކުއްޖަކާ މުޢާމަލާތުކުރާނެ ގޮތް، އެ ކުއްޖާ ބެލެހެއްޓުން ހަވާލުކުރާ ފަރާތަށާއި އެ ކުއްޖާއާ އެކުގައި ދިރިއުޅޭނެ ފަރާތްތަކަށް ދަސްކޮށްދިނުން.

35ވަނަ މާއްދާ: ކުއްޖާއާއެކު ގުޅުން ބަދަހިކުރުން

(ހ) ފޮސްޓަރކޮށްދޭ ފަރާތުން ކުއްޖާއާއެކު ގުޅުން ބަދަހިކޮށް، އެ ކުއްޖާއާއެކު ގުޅުމެއް އުފެއްދުމަށް ޓަކައި، ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސްއިން އެކަށީގެންވާ މުއްދަތެއް ދޭންވާނެއެވެ.

(ށ) ފޮސްޓަރކޮށްދޭ ފަރާތަށް ކުއްޖާއާއެކު ގުޅުން ބަދަހިކުރުމަށް ފުރުޞަތު ދިނުމުގައި މައްސަލަ ބަލާ އިޖުތިމާޢީ ޚިދުމަތްތެރިޔާ އަންނަނިވި ކަންކަމަށް ރިޢާޔަތްކުރަން ވާނެއެވެ.

-1 ކުއްޖާއާ މުޢާމަލާތުކޮށް ގުޅުން އުފެއްދުމުގައި، ކުއްޖާގެ ބޭނުންތަކަށާއި، ކުއްޖާ އެ ގުޅުން ކުރިޔަށްގެންދަން ބޭނުންވާ ހަލުވި މިން؛

-2 ކުއްޖާއާ މުޢާމަލާތު ކުރެވޭނެ ގޮތް ހަމަޖައްސައިދިނުމުގައި، ކުއްޖާގެ އުމުރާއި މިޒާޖަށް ރިޔާޢަތްކޮށް، ކުއްޖާގެ މަޞްލަޙަތު ޙިމާޔަތްކުރާނެގޮތަށް ވިސްނައި، ކުއްޖާއާ މުޢާމަލާތު ކުރުމުގެ ފުރުޞަތު ހޯދައިދިނުން؛

-3 ކުއްޖާއާ ބައްދަލުކޮށްގެން މުޢާމަލާތު ކުރުމުގެ ފުރުޞަތު ހަމަޖައްސައިދިނުމުގައި، އެންމެ ފުރަތަމަ، ކުއްޖާ ދިރިއުޅޭ އޯލްޓަނޭޓިވް ކެއަރ ފެސިލިޓީއެއްގައި ކުއްޖާއާއެކު ބޭއްވޭ ކުރު، އަދި ސުޕަވައިޒްކުރާ ބައްދަލުވުންތަކެއް މެދުވެރިކޮށް ބައްދަލުކުރެވޭނޭ ގޮތް ހަމަޖައްސައިދިނުން؛

-4 ކުއްޖާއަށް ފޮސްޓަރކޮށްދޭ ފަރާތް ދިރިއުޅޭ މާޙައުލުގައި ސުޕަވިޜަނާއެކު، ބައްދަލުކުރެވޭނޭ އިންތިޒާމު ހަމަޖައްސައިދިނުން.

(ނ) ފޮސްޓަރކޮށްދޭ ފަރާތުން ކުއްޖާއާ މުޢާމަލާތުކުރާ ކޮންމެ ފަހަރެއްގައި ދެކެވޭ ވާހަކަތަކާއި، ކުއްޖާއާ މުޢާމަލާތުކުރަން ބޭނުންކުރި ގޮތާއި، އެކަން ހިނގައިދިޔަ ތާރީޚާއި ގަޑި އެނގޭނޭ ގޮތަށް، އިޖުތިމާޢީ ޚިދުމަތްތެރިޔާ، އެ ރިކޯޑު ބަލަހައްޓަންވާނެއެވެ.

36ވަނަ މާއްދާ: ފޮސްޓަރިންގ ސަޕޯޓް ޕްލޭން ތައްޔާރުކުރުން

(ހ) މި ގަވާއިދުގެ 30 ވަނަ މާއްދާގެ (ހ) ގެ (6) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފޮސްޓަރިންގ ސަޕޯޓް ޕްލޭން ތައްޔާރުކުރަންވާނީ، ކުއްޖާއާއި ކުއްޖާ ފޮސްޓަރކޮށްދޭ ފަރާތާއެކު މަޝްވަރާކޮށްގެން، އިޖުތިމާޢީ ޚިދުމަތްތެރިޔާއެވެ.

(ށ) ފޮސްޓަރިންގ ސަޕޯޓް ޕްލޭނުގައި، އަންނަނިވި މަޢުލޫމާތު ހިމަނައިފައި ހުންނަންވާނެއެވެ.

-1 ކުއްޖާގެ އަސާސީ ކަންކަން ފުރިހަމަކުރުމަށް ފޮސްޓަރކޮށްދޭ ފަރާތަށް ބޭނުންވާނެ އެހީތެރިކަން؛

-2 ފޮސްޓަރކުރާ ކުއްޖާއަކީ ވަކި ޚާއްޞަ އެހީތެރިކަމެއް ބޭނުންވާ ކުއްޖެއްނަމަ، އެފަދަ އެހީތެރިކަމެއް ފޯރުކޮށްދިނުމުގައި ފޮސްޓަރކޮށްދޭ ފަރާތަށް އެއްވެސް އެހީތެރިކަމެއް ބޭނުންވާނަމަ، އެ ކަންކަން؛

-3 ފޮސްޓަރިންގ ޕްލޭނުގައި ބަޔާންކޮށްފައިވާ ކަންކަން އެ ޕްލޭނާ އެއްގޮތަށް ނުދާ ހާލަތުގައި، ނުވަތަ ކުއްޖާއާއި ކުއްޖާ ފޮސްޓަރކޮށްދޭ ފަރާތާ ދެމެދު އޮންނަ ގުޅުން ހީނަރުވާ ހާލަތުގައި ޢަމަލުކުރާނެ ގޮތުގެ ކޮންޓިންޖެންސީ ޕްލޭން؛

-4 ކުއްޖާ ބެލެހެއްޓުމަށް ޓަކައި ކުއްޖާ ހަވާލުކުރާ ފަރާތަށް ދައުލަތުގެ ފަރާތުން މާލީގޮތުން އެހީތެރިކަން ބޭނުންވާނަމަ، ނުވަތަ ކުއްޖާ ބެލެހެއްޓުމަށް ޓަކައި އެހެން އެހީތެރިކަމެއް ވެސް ބޭނުންވާނަމަ،

އެ ކަންކަން؛

-5 މި މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރުން ފެށިގެން (4) ވަނަ ނަންބަރުގެ ނިޔަލަށް ބަޔާންކޮށްފައިވާ ކަންކަން ފުރިހަމަކުރުމުގައި ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސްގެ އިތުރުން އެހީތެރިކަން ފޯރުކޮށްދޭނެ އިދާރާތަކާއި ފަރާތްތަކުގެ މަޢުލޫމާތު.

37ވަނަ މާއްދާ: ފޮސްޓަރ ކުރުމުގެ ތިންވަނަ މަރުޙަލާ

ފޮސްޓަރ ކުރުމުގެ ތިންވަނަ މަރުޙަލާގައި އަންނަނިވި ގޮތުގެ މަތީން ކަންކަން ކުރަންވާނެއެވެ.

(ހ) ކުއްޖާ ފޮސްޓަރކޮށްދޭ ފަރާތާއެކު ވެވޭ، ކުއްޖާ ބެލެހެއްޓުމާބެހޭ އެއްބަސްވުމުގެ ކަންކަން ހަމަޖެއްސުމާއި މޮނިޓަރިންގ ޕްލޭން ތައްޔާރުކުރުން.

(ށ) ފޮސްޓަރިންގ ސަޕޯޓް ޕްލޭނުގައި ހުރި ކަންކަން ފުރިހަމަކުރުން.

(ނ) ކުއްޖާ ފޮސްޓަރކޮށްދޭ ފަރާތާ ކުއްޖާ ހަވާލުކުރުމާއި، މޮނިޓަރިންގ ޕްލޭން ތަންފީޒުކުރަން ފެށުން.

38ވަނަ މާއްދާ: ކުއްޖާ ފޮސްޓަރކޮށްދޭ ފަރާތާއެކު ވެވޭ، ކުއްޖާ ބެލެހެއްޓުމުގެ އެއްބަސްވުން

(ހ) ދައުލަތުގެ ބެލުމުގެ ދަށަށް ގެންނަ ކުއްޖަކު ފޮސްޓަރ ކުރުމުގެ ގޮތުން އެ ކުއްޖާ ފޮސްޓަރކޮށްދޭ ފަރާތަކާ އެ ކުއްޖާ ހަވާލުކުރަންވާނީ، ފޮސްޓަރކޮށްދޭ ފަރާތާއި ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސްއާ ދެމެދު، ކުއްޖާ ބެލެހެއްޓުމާބެހޭ އެއްބަސްވުމެއްގައި ސޮއިކުރުމަށްފަހުގައެވެ.

(ށ) ފޮސްޓަރ ކުރުމުގެ ތިންވަނަ މަރުޙަލާ ފަށާ ހިސާބުން، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އެއްބަސްވުން، ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސްއިން އެކުލަވައިލަންވާނެއެވެ.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އެއްބަސްވުން އޮންނާނެ ގޮތުގެ ނަމޫނާ، ފޮސްޓަރ ޕެނަލުން ފާސްކުރަންވާނެއެވެ.

(ރ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދަ، ކުއްޖާ ބެލެހެއްޓުމާބެހޭ އެއްބަސްވުމެއްގައި، އެންމެ މަދުވެގެން ވެސް، އަންނަނިވި ކަންކަން ހިމަނަންވާނެއެވެ.

-1 ކުއްޖާއާ ހަވާލުވާ ފަރާތުގެ ޒިންމާތަކާއި މަސްއޫލިއްޔަތުތައް؛

-2 ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސްގެ ޒިންމާތައް؛

-3 ކުއްޖާއާ ހަވާލުވާ ފަރާތުގެ ޒިންމާ އަދާކުރުމަށް ޓަކައި ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސްގެ ފަރާތުން ދޭނެ އެހީތެރިކަން؛

-4 ކުއްޖާގެ ރައްކައުތެރިކަމަށާއި ދުޅަހެޔޮކަމަށާއި ހެދިބޮޑުވުމަށް ރިޢާޔަތްކޮށް، ވަކި ޚާއްޞަ ޝަރުޠުތަކެއް، ކުއްޖާއާ ހަވާލުވާ ފަރާތުގެ މައްޗަށް އިލްތިޒާމުކުރާނަމަ، އެ ޝަރުޠުތައް؛

-5 ކުއްޖާއާ ހަވާލުވުމަށްފަހު، މި ގަވާއިދުގައި ބަޔާންކޮށްފައިވާ މޮނިޓަރކުރުމުގެ ފިޔަވަޅުތަކަށް، ކުއްޖާއާ ހަވާލުވާ ފަރާތުން  އެއްބާރުލުން ދޭންވާނެކަމާއި، ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސްގެ ފަރާތުން އަޅާނެ މޮނިޓަރިންގ ފިޔަވަޅުތަކުގެ ތަފުސީލު؛

-6 ކުއްޖާއާ ހަވާލުވާ ފަރާތުން ކުއްޖާއާމެދު އިހުމާލުވާ ހާލަތެއްގައި، ކުއްޖާ ރައްކައުތެރިކުރުމަށް އަޅާނެ ފިޔަވަޅުތަކާއި، ކުއްޖާއާ ހަވާލުވާ ފަރާތާމެދު އަޅާނެ ފިޔަވަޅުތައް.

(ބ) ކުއްޖާ ބެލެހެއްޓުމާބެހޭ އެއްބަސްވުމުގައި ސޮއިކުރުމުގެ ކުރިން، އަންނަނިވި ކަންކަން، ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސްއިން ކަށަވަރު ކުރަން ވާނެއެވެ.

-1 އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ކަންކަން ކުއްޖާއާ ހަވާލުވާ ފަރާތަށް ރަނގަޅަށް އޮޅުންފިލައި، ސާފުވެ، ފަހުމުވެފައިވާކަން؛

-2 އެއްބަސްވުމުގެ ދަށުން އެ ފަރާތުން އަދާކުރަންޖެހޭ އިލްތިޒާމުތަކާއި،

އެ އިލްތިޒާމުތައް އަދާނުކޮށްފިނަމަ، ކުރިމަތިވާނޭ ނަތީޖާތައް، ކުއްޖާއާ ހަވާލުވާ ފަރާތަށް ރަނގަޅަށް އޮޅުންފިލައި، ސާފުވެ، ފަހުމުވެފައިވާކަން؛

-3 ކުއްޖާގެ ޙައްޤުތަކާއި ކުއްޖާއަށް އަދާކޮށްދޭންޖެހޭ ވާޖިބުތައް، ކުއްޖާއާ ހަވާލުވާ ފަރާތަށް ދެނެގަނެވި ފަހުމުވެފައިވާ ކަން؛

-4 މޮނިޓަރިންގ ޕްލޭން އެކުލަވައިލުން؛

-5 ފޮސްޓަރކޮށްދޭ ފަރާތަށް ކުއްޖާ ފޮސްޓަރ ކުރުމަށް ހުއްދަދޭ، ކަމާބެހޭ ފަރާތުގެ ކޯޓު އަމުރެއް ލިބިފައިވާ ކަން.

39ވަނަ މާއްދާ: ފޮސްޓަރކޮށްދޭ ފަރާތާ ކުއްޖާ ހަވާލުކުރުމުގެ ކުރިން ފުރިހަމަކުރަންޖެހޭ ކަންކަން

(ހ) ފޮސްޓަރކޮށްދޭ ފަރާތާ ކުއްޖާ ހަވާލުކުރުމުގެ ކުރިން، ފޮސްޓަރިންގ ސަޕޯޓް ޕްލޭނުގައިވާ ކަންކަން ފުރިހަމަކުރުމަކީ، ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސްގެ ޒިންމާއެކެވެ.

(ށ) ފޮސްޓަރިންގ ސަޕޯޓް ޕްލޭނުގައިވާ ކަންކަމުގެ އިތުރުން، އަންނަނިވި ކަންކަން ފުރިހަމަކުރަންވާނެއެވެ.

-1 ކުއްޖާގެ ފުރިހަމަ މެޑިކަލް ޗެކްއަޕެއް ހެދުން؛ އަދި

-2 އޯލްޓަނޭޓިވް ކެއަރ ފެސިލިޓީ ދޫކޮށްދާއިރު، ކުއްޖާ ބޭނުންވާ ގޮތަކަށް އެ ކަމުގެ އިންތިޒާމު ހަމަޖައްސައިދެވޭތޯ ބެލުން.

40ވަނަ މާއްދާ: ފޮސްޓަރކޮށްދޭ ފަރާތާ ކުއްޖާ ހަވާލުކުރުން

(ހ) ކުއްޖާ ފޮސްޓަރކުރާއިރު، ކުއްޖާއާ ހަވާލުވުމަށް ޓަކައި، ކުއްޖާ ދިރިއުޅެމުންދާ އޯލްޓަނޭޓިވް ކެއަރގެ މަރުކަޒަކަށް ފޮސްޓަރކޮށްދޭ ފަރާތް ދާންވާނެއެވެ. އަދި މަޤުބޫލު ސަބަބެއް މެދުވެރިވެގެން މިގޮތަށް ޢަމަލުކުރެވެން ނެތް ހާލަތްތަކުގައި، ފޮސްޓަރކޮށްދޭ ފަރާތުގެ ގާތަށް ކުއްޖާ ގެންދަންވާނީ، ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސްގެ ކަމާބެހޭ އިޖުތިމާޢީ ޚިދުމަތްތެރިޔާއެވެ.

(ށ) ފޮސްޓަރކޮށްދޭ ފަރާތާ ކުއްޖާ ހަވާލުކުރާއިރު، ކުއްޖާއާބެހޭ މުހިންމު ލިޔެކިޔުންތައް ވެސް، އިޖުތިމާޢީ ޚިދުމަތްތެރިޔާ ހަވާލުކުރަންވާނެއެވެ. އަދި ހަވާލުކުރާ ލިޔެކިޔުންތަކުގެ ރިކޯޑު ކުއްޖާގެ ކޭސްފައިލުގައި ހިމަނަންވާނެއެވެ.

(ނ) ފޮސްޓަރކޮށްދޭ ފަރާތާ ކުއްޖާ ހަވާލުކުރާއިރު، މި ގަވާއިދުގެ ދަށުން އެކުލަވައިލާ މޮނިޓަރިންގ ޕްލޭން، ކުއްޖާއަށާއި ފޮސްޓަރކޮށްދޭ ފަރާތަށް ކިޔައިދީ، އެ ޕްލޭން ފަހުމުވެއްޖެކަން ކަށަވަރު ކުރަން ވާނެއެވެ.

(ރ) ފޮސްޓަރކޮށްދޭ ފަރާތާ ކުއްޖާ ހަވާލުކޮށް، ކުއްޖާއާ އެ މާޙައުލުން އިޖުތިމާޢީ ޚިދުމަތްތެރިޔާ ވަކިވުމުގެ ކުރިން ކުއްޖާއާއެކު ތައްޔާރުކޮށްފައިވާ ރައްކައުތެރިކަމުގެ ޕްލޭން ކުއްޖާގެ ހަނދާނުގައި ހުރިތޯ ކަށަވަރުކޮށް، އެ ޕްލޭން، ކުއްޖާއަށް އަލުން ކިޔައިދޭންވާނެއެވެ.

(ބ) ފޮސްޓަރކޮށްދޭ ފަރާތާ ކުއްޖާ ހަވާލުކޮށް، ރަށެއްގައި ނަމަ، އެ ރަށުގައި ކުއްޖާއަށް ބޭނުންވާ އަސާސީ ޚިދުމަތްދޭ ފަރާތްތައް ތައްޔާރުވެފައިވާ މިންވަރު ބަލައި، މި ގަވާއިދުގައި ބަޔާންކޮށްފައިވާ މޮނިޓަރިންގ ޕްލޭނުގެ ކަންކަން ބަލަހައްޓާ ފަރާތްތަކާ އިޖުތިމާޢީ ޚިދުމަތްތެރިޔާ ތަޢާރުފުވެ، އެ ފަރާތްތަކުން ކުރަންޖެހޭ ކަންކަން އެ ފަރާތްތަކަށް އޮޅުންފިލުވައިދޭން ވާނެއެވެ.

41ވަނަ މާއްދާ: ފޮސްޓަރ ކުރުމުގެ ހަތަރުވަނަ މަރުޙަލާ

(ހ) ފޮސްޓަރ ކުރުމުގެ ހަތަރުވަނަ މަރުޙަލާގައި ހިމެނެނީ، މޮނިޓަރކުރުމާއި، ކުއްޖާއަށާއި ފޮސްޓަރކޮށްދޭ ފަރާތަށް ދޭންޖެހޭ އިތުރު އެހީތެރިކަން ދެނެގަނެ،

އެ އެހީތެރިކަން ފޯރުކޮށްދިނުމެވެ.

(ށ) ފޮސްޓަރކުރާ ކުއްޖާގެ އުމުރާއި ޤާބިލިއްޔަތަށް ބަލައި، އަންނަނިވި ކަންކަން ހިމެނޭ ގޮތުން އިޖުތިމާޢީ ޚިދުމަތްތެރިޔާ މޮނިޓަރިންގ ޕްލޭނެއް ތައްޔާރުކޮށް، ފޮސްޓަރކޮށްދޭ ފަރާތާ އެ ޕްލޭން ހިއްސާކޮށް، އެ ޕްލޭން ތަންފީޒުކުރަން ވާނެއެވެ.

-1 ކުއްޖާގެ ހާލަތު މޮނިޓަރ ކުރުމުގެ ގޮތުން އަޅާނެ ފިޔަވަޅުތައް؛

-2 ކުއްޖާގެ ހާލަތު، ރަށު ފެންވަރުގައި މޮނިޓަރ ކުރަމުންދާނެ ފަރާތްތައް؛

-3 ކުއްޖާގެ ހާލަތު މޮނިޓަރ ކުރަމުން ގެންދާނެ މުއްދަތު؛

-4 ފޮސްޓަރކޮށްދޭ ފަރާތަށް ފޯރުކޮށްދޭންޖެހޭ އެހީތެރިކަން ފޯރުކޮށްދިނުމުގައި ރަށު ފެންވަރުގައި ވިލަރެސްކުރާނެ ފަރާތް ނުވަތަ ފަރާތްތައް.

42ވަނަ މާއްދާ: މޮނިޓަރިންގ ފިޔަވަޅުތައް

(ހ) ތިރީގައި މިވަނީ ކުއްޖާގެ ހާލަތު މޮނިޓަރކުރުމުގެ ގޮތުން އަޅާނެ ފިޔަވަޅުތަކެވެ.

-1 އިޖުތިމާޢީ ޚިދުމަތްތެރިޔާ ފޯނު މެދުވެރިކޮށް ކުއްޖާއަށް ގުޅައިގެން ކުއްޖާގެ ހާލު ބެލުން؛

-2 އިޖުތިމާޢީ ޚިދުމަތްތެރިޔާ، ފޮސްޓަރކޮށްދޭ ފަރާތާ ގުޅައިގެން ކުއްޖާގެ ހާލު ބެލުން؛

-3 އިޖުތިމާޢީ ޚިދުމަތްތެރިޔާ، ކުރިން އެންގުމަކާ ނުލައި ކުއްޖާގެ ގެއަށް ހޯމް ވިޒިޓްކުރުން؛

-4 އިޖުތިމާޢީ ޚިދުމަތްތެރިޔާ ކުއްޖާއަށް ކިޔަވައިދޭ ޓީޗަރުގެ ކިބައިން ނުވަތަ ސްކޫލުގެ ފަރާތުން ގަވާއިދުން ކުއްޖާއާބެހޭ މަޢުލޫމާތު ހޯދުން؛

-5 ފޮސްޓަރކޮށްދޭ ފަރާތުގެ ހާލަތާބެހޭ މަޢުލޫމާތު، އިޖުތިމާޢީ ޚިދުމަތްތެރިޔާ ހޯދުން.

(ށ) މި މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ މޮނިޓަރިންގ ފިޔަވަޅަކީ، ފޮސްޓަރކުރާ ކޮންމެ ކުއްޖަކާ ގުޅިގެން، އަންނަނިވި ގޮތުގެ މަތީން އަޅަމުން ގެންދަންވާނެ ފިޔަވަޅެކެވެ.

-1 ކުއްޖާ ފޮސްޓަރކުރާ ފުރަތަމަ 4 (ހަތަރެއް) ހަފުތާގެ ތެރޭގައި، ކޮންމެ ހަފުތާއަކު 1 (އެކެއް) ފަހަރު ހޯމް ވިޒިޓްކުރުން؛

-2 އެއަށްފަހު، ވިދިގެން އަންނަ 12 (ބާރަ) ހަފުތާގެ މުއްދަތަށް، ކޮންމެ 2 (ދޭއް) ހަފުތާއިން 1 (އެކެއް) ހަފުތާއަކު ހޯމް ވިޒިޓްކުރުން؛

-3 އެއަށްފަހު، މޮނިޓަރިންގ ޕްލޭނާ އެއްގޮތްވާ ގޮތުގެ މަތީން މަހަކު

1 (އެކެއް) ފަހަރު، ނުވަތަ މަހަކު 2 (ދޭއް) ފަހަރު ހޯމް ވިޒިޓްކުރުން.

(ނ) މި މާއްދާގެ ދަށުން އަޅަމުންދާ މޮނިޓަރިންގ ފިޔަވަޅުތަކާބެހޭ މަޢުލޫމާތު، އިޖުތިމާޢީ ޚިދުމަތްތެރިޔާ ލިޔުމުން ރިކޯޑުކޮށް ބަލަހައްޓަމުން ގެންދަންވާނެއެވެ.

(ރ) މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ކުރިޔަށްގެންދާ ހާލަތު މޮނިޓަރކުރުމުގެ ފިޔަވަޅުތަކުގެ ތެރެއިން 1 (އެކެއް) އަހަރު މޮނިޓަރކުރުމަށްފަހު އެއްވެސް މައްސަލައެއް ފާހަގަނުވާނަމަ، 1 (އެކެއް) އަހަރުދުވަސް ވުމުން މޮނިޓަރކުރުން ހުއްޓައިލައި، ގަވާއިދު ނަންބަރު 2020/R-72 (ކުޑަކުދިންނާ ގުޅޭ މައްސަލަ ބެލުމުގެ އުސޫލުތައް ކަނޑައެޅުމުގެ ގަވާއިދު) ގެ 24 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދައިން ކުއްޖާގެ ކޭސް ކްލޯޒްކުރެވިދާނެއެވެ.

43ވަނަ މާއްދާ: ކުއްޖާއާއި ފޮސްޓަރކޮށްދޭ ފަރާތާ ދެމެދު ގުޅުން ހީނަރުވާ ހާލަތުގައި ޢަމަލުކުރަންޖެހޭ ގޮތް

(ހ) ކުއްޖާއާއި އެ ކުއްޖާ ފޮސްޓަރކޮށްދޭ ފަރާތާ ދެމެދު އޮންނަ ގުޅުން ހީނަރުވަމުންދާކަމަށް ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސްއަށް ފާހަގަވެއްޖެނަމަ، އެކަން ޙައްލުކުރަން ފުރަތަމަ މަސައްކަތްކުރަންވާނީ ކުއްޖާއާއި ފޮސްޓަރކޮށްދޭ ފަރާތާއެކު ވާހަކަދައްކައިގެންނެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން މަސައްކަތް ކުރުމަށް ފަހުގައި ވެސް، ކުއްޖާއާއި ފޮސްޓަރކޮށްދޭ ފަރާތާ ދެމެދު އޮންނަ ގުޅުން ރަނގަޅުނުވެ، އިތުރަށް ހީނަރުވަމުންދާކަމަށް ފާހަގަކުރެވޭނަމަ، އެކަން ފޮސްޓަރ ޕެނަލުގެ ސަމާލުކަމަށް ގެނެސް، އެކަމާ ގުޅޭގޮތުން ދެން އަޅަންޖެހޭ ފިޔަވަޅުތައް ނިންމާނީ ފޮސްޓަރ ޕެނަލުންނެވެ.

(ނ) ކުއްޖާއާއި ފޮސްޓަރކޮށްދޭ ފަރާތާ ދެމެދު އޮންނަ ގުޅުން ހީނަރުވެގެން ދިއުމުގެ ސަބަބުން ފޮސްޓަރކުރުމުގެ މަގުސަދު ގެއްލިފައިވާކަމަށް ފޮސްޓަރ ޕެނަލަށް ފެނިގެން، ފޮސްޓަރކޮށްދޭ ފަރާތާ ކުއްޖާ ވަކިކުރަން ފޮސްޓަރ ޕެނަލުން ނިންމާ ހާލަތުގައި، އެ ކުއްޖާ ދައުލަތުގެ ބެލުމުގެ ދަށަށް ގެނައުމާމެދު ޢަމަލުކުރަންވާނީ، ޤާނޫނު ނަންބަރު 2019/19 (ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނު) 88 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީންނެވެ.

(ރ) ފޮސްޓަރކުރި ކުއްޖަކު ދައުލަތުގެ ބެލުމުގެ ދަށަށް އަނބުރާ ގެންނަ ހާލަތުގައި، އެ ކުއްޖާ އޯލްޓަނޭޓިވް ކެއަރ ފެސިލިޓީއެއްގައި ބެހެއްޓުމަށް ނިންމައިފިނަމަ،

އެ ކުއްޖާ އަލުން ފޮސްޓަރ ކުރުމުގެ މަސައްކަތް ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސްއިން ފަށަންވާނެއެވެ.

(ބ) އެއްވެސް ސަބަބަކާހުރެ ފޮސްޓަރ ބެލެނިވެރިޔާ ކައިރިން ފޮސްޓަރ ކޮށްފައިވާ ކުއްޖާ ވަކިކުރެވޭނަމަ، ފޮސްޓަރ އަމުރު ބާޠިލުކުރުމަށް ޝަރުޢީ ކޯޓަށް ހުށަހަޅަންވާނެއެވެ.

ހަވަނަ ބާބު

އެހެނިހެން މާއްދާތައް

44ވަނަ މާއްދާ: ކުއްޖާ ބެލެހެއްޓުމަށް ހަވާލުކުރާ ފަރާތުގެ ޒިންމާ

(ހ) ދައުލަތުގެ ބެލުމުގެ ދަށަށް ގެންނަ ކުއްޖަކު ފޮސްޓަރ ކުރުމުގެ ގޮތުން އެ ކުއްޖާ ބެލެހެއްޓުމަށް ފަރާތަކާ ހަވާލުކުރާ ހާލަތުގައި، އެ ފަރާތުގެ ނުވަތަ

އެ ފަރާތްތަކުގެ މައްޗަށް، ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނުގެ ދަށުން ކުއްޖާ ބެލެހެއްޓުމާއި ތަރުބިއްޔަތުކުރުމާ ގުޅޭގޮތުން މަތިކޮށްފައިވާ އެންމެހައި ޒިންމާތައް ހިނގާނެއެވެ.

(ށ) ފޮސްޓަރ ކުރުމުގެ ގޮތުން ކުއްޖާ ބެލެހެއްޓުމަށް ހަވާލުކުރެވޭ އެއްވެސް ފަރާތަކުން، ކުއްޖާގެ ކަރާމާތަށް ގެއްލުންވާނެ ކަމެއް މެދުވެރިވުން ހުއްޓުވުމުގައި އިހުމާލުވެއްޖެކަމަށް މިނިސްޓްރީއަށް ފެނިއްޖެނަމަ، ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނުގެ 88 ވަނަ މާއްދާގައިވާ ގޮތުގެ މަތީން ކުއްޖާ ދައުލަތުގެ ބެލުމުގެ ދަށަށް ގެނެވޭނެއެވެ. މިގޮތުން އިހުމާލުވީ ފޮސްޓަރކޮށްދޭ ފަރާތް ކަމުގައި ވާނަމަ، އަދި އެ ފަރާތާ ކުއްޖާގެ ޤާނޫނީ ބެލެނިވެރިކަން ހަވާލުކޮށްފައިވާނަމަ، އެ ފަރާތުގެ ކިބައިން ކުއްޖާގެ ޤާނޫނީ ބެލެނިވެރިކަން ވަކިކުރަންވާނެއެވެ.

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ފަދަ ޢަމަލެއް ކޮށްފި ފަރާތަކާމެދު، ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނުގައިވާ ގޮތުގެ މަތީން ފިޔަވަޅު އެޅުމަށް ޓަކައި އެ މައްސަލައެއް، ކަމާބެހޭ އިދާރާއަކަށް ފޮނުވޭނެއެވެ.

45ވަނަ މާއްދާ: ކުއްޖާ ބެލެހެއްޓުމަށް މާލީ އެހީތެރިކަން ދިނުން

ދައުލަތުގެ ބެލުމުގެ ދަށަށް ގެންނަ ކުއްޖަކު، ފޮސްޓަރ ކުރުމުގެ ސަބަބުން އެ ކުއްޖާ ބެލެހެއްޓުމަށް މާލީ އެހީތެރިކަން ބޭނުންވާކަމަށް، މި ގަވާއިދުގެ ދަށުން ހަދާ އެސެސްމަންޓުތަކުން އެނގެން އޮންނަ ނަމަ، ޤާނޫނު ނަންބަރު 2014/2 (އިޖްތިމާޢީ ރައްކާތެރިކަމުގެ ޤާނޫނު) ގެ 3 ވަނަ މާއްދާގެ (ރ) ގެ ދަށުން ކުއްޖާ ބެލެހެއްޓުމާ ހަވާލުވާ ފަރާތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދެވޭނެއެވެ.

46ވަނަ މާއްދާ: ފޮސްޓަރ ޕެނަލުގެ ނިންމުން މުރާޖާކުރުން

(ހ) މި ގަވާއިދުގެ ދަށުން ފޮސްޓަރ ޕެނަލުން ނިންމާ ނިންމުމަކާ ގުޅޭގޮތުން ދައުލަތުގެ ބެލުމުގެ ދަށަށް ގެނެވޭ ކުއްޖެއްގެ ނުވަތަ އެހެން ވެސް ފަރާތެއްގެ ޝަކުވާ މިނިސްޓަރަށް ލިބިއްޖެނަމަ، އަދި އެފަދަ ޝަކުވާއެއްގެ އަލީގައި ފޮސްޓަރ ޕެނަލުގެ ނިންމުން މުރާޖާކުރަންޖެހޭކަމަށް މިނިސްޓަރަށް ފެނިއްޖެނަމަ، ފޮސްޓަރ ޕެނަލުގެ އެ ނިންމުމެއް މުރާޖާކުރަން އެންގުމުގެ ބާރު މިނިސްޓަރަށް ލިބިގެންވެއެވެ.

(ށ) ފޮސްޓަރ ޕެނަލުގެ ނިންމުމެއް މުރާޖާކުރުމަށް މިނިސްޓަރ އެންގުމުން،

އެ ނިންމުމަކާމެދު ޕެނަލުން ނިންމާ ނިންމުމަކީ އެންމެ ފަހުގެ ނިންމުމެވެ. އަދި އެ ނިންމުމަށް ޢަމަލުކުރަންވާނެއެވެ.

47ވަނަ މާއްދާ: ޤާނޫނު ނަންބަރު 2019/19 (ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނު)

(ހ) ޤާނޫނު ނަންބަރު 2019/19 (ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނު) އަށް ޢަމަލުކުރަން ފެށުމުގެ ކުރިން ދައުލަތުގެ ބެލުމުގެ ދަށުން ފޮސްޓަރ ކުރުމަށް ހަވާލުކުރުމަށް ނިންމައިގެން ފޮސްޓަރ ބެލެނިވެރިޔާއާ ހަވާލުކޮށްފައިވާ ކުދިންގެ ޤާނޫނީ ބެލެނިވެރިކަން ފޮސްޓަރ ބެލެނިވެރިންނާ ހަވާލުކުރުމަށް ޝަރުޢީ ކޯޓަށް ހުށަހަޅަންވާނެވެ.

(ށ) މި މާއްދާގައި ބަޔާންކޮށްފައިވާ ހާލަތުގައި ޤާނޫނީ ބެލެނިވެރިކަން ފޮސްޓަރކޮށްދޭ ފަރާތާ ހަވާލުކުރުމަށް ކޯޓަށް މައްސަލަ ހުށަހަޅާނީ ކުއްޖާއާއި ފޮސްޓަރކޮށްދޭ ފަރާތުގެ މިހާރުގެ ހާލަތު އަންގައިދޭ އެސެސްމަންޓާއެކުގައެވެ.

48ވަނަ މާއްދާ: މާނަކުރުން

މި ގަވާއިދުގައި ޢިބާރާތެއް ނުވަތަ ލަފުޒެއް ބޭނުންކޮށްފައިވާ ގޮތުން ކަނޑައެޅިގެން އެހެން މާނައެއް ދޭހަނުވާހައި ހިނދަކު، އަންނަނިވި ޢިބާރާތްތަކާއި ލަފުޒުތަކަށް ދީފައި އެ ވަނީ، އެ ޢިބާރާތްތަކާއި ލަފުޒުތަކަށް ތިރީގައިވާ އަކުރުތަކުގައި ދީފައިވާ މާނަކުރުމެވެ.

(ހ) "ބެލުން ނުވަތަ ބެލެހެއްޓުން" ކަމަށް ބުނެފައި އެވަނީ، ވަގުތީގޮތުން ކުދިން ބެލެހެއްޓުން ހަވާލުކުރުމާއި، ދާއިމީގޮތެއްގައި ކުދިން ބެލެހެއްޓުން ހަވާލުކުރާ ކުރުން ހިމެނޭ ގޮތުންނެވެ.

(ށ) "ކުއްޖާގެ މަންމަ" ކަމަށް ބުނެފައި އެވަނީ، އެ ކުއްޖާ ބަނޑުއަޅައި ވިހޭ މައިމީހާއަށެވެ.

(ނ) "ކުއްޖާގެ ބައްޕަ" ކަމަށް ބުނެފައި އެވަނީ، ޤާނޫނު ނަންބަރު 2000/4 (ޢާއިލާއާބެހޭ ޤާނޫނު) ގެ ދަށުން ޞައްޙަ ކައިވެންޏެއް ކޮށްފައިވާ ފިރިހެނާއަށް އެ ޤާނޫނުގެ 52 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ދަރިލައްވާ މުއްދަތުގައި އޭނާ ކައިވެނިކުރި އަންހެނާ ދަރިޔަކު ވިހައި، އެ ދަރީގެ ނަސަބު ނަފީކުރުމަށް، ލިޢާނުކޮށްފައި ނުވާ ފިރިހެނާއަށެވެ.

(ރ) "ކޯޓު" ކަމަށް ބުނެފައި އެވަނީ، ފެމިލީ ކޯޓަށެވެ. ނުވަތަ މި ގަވާއިދުގައި ބަޔާންކޮށްފައިވާ ކަންކަން ބެލުމުގެ އިޚްތިޞާޞް ލިބިގެންވާ ކޮންމެ މެޖިސްޓްރޭޓް ކޯޓަކަށެވެ.

(ބ) "ޢާއިލާ" ކަމަށް ބުނެފައި އެވަނީ، އެ ކުއްޖެއްގެ މައިންބަފައިންނަށް، ނުވަތަ މަންމައަށް، ނުވަތަ ބައްޕައަށް، ނުވަތަ ޤާނޫނު ނަންބަރު 2000/4 (ޢާއިލާއާބެހޭ ޤާނޫނު) އާއި އެ ޤާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކޮށްފައިވާ ޝަރުޢީ ބަލަދުވެރީންނަށް ނުވަތަ ޙަޟާނަތު ޙައްޤުވާ ފަރާތްތަކަށެވެ.

(ޅ) "އިހުމާލުވުން" ކަމަށް ބުނެފައި އެވަނީ، ކުއްޖެއްގެ މައިންބަފައިން ނުވަތަ

އެ ކުއްޖާ އެ ފަރާތެއްގެ ބެލުމުގެ ދަށުގައިވާ ފަރާތަކުން ކުރި ޢަމަލަކުން ނުވަތަ ނުކޮށް ދޫކޮށްލި ކަމެއްގެ ސަބަބުން ކުއްޖާއަށް ޖިސްމާނީ ގެއްލުމެއް ނުވަތަ ނަފުސާނީ ގެއްލުމެއް ކުރިމަތިކުރުވާ ފަދަ އެންމެހައި ޢަމަލުތައް ނުވަތަ އެ ފަދަ ގެއްލުމެއް ކުއްޖާއަށް ކުރިމަތިވެދާނެ ފަދަ ޢަމަލުތަކަށެވެ.

(ކ) "މައިންބަފައިން" ކަމަށް ބުނެފައި އެވަނީ، ކުއްޖާގެ މަންމައާއި ބައްޕައަށެވެ.

(އ) "ޗައިލްޑް އެސެސްމަންޓް" ކަމަށް ބުނެފައި އެވަނީ، ފޮސްޓަރކުރާ ކުއްޖާގެ ވަނަވަރާއި ކުއްޖާގެ ހާލަތު ބަޔާންކޮށް ހަދާ އެސެސްމަންޓަށެވެ.

(ވ) "މިނިސްޓަރު" ކަމަށް ބުނެފައި އެވަނީ، ކުޑަކުދިންގެ ޙައްޤުތައް ރައްކައުތެރި ކުރުމުގެ މަސްއޫލިއްޔަތު އެ އިރެއްގައި ހަވާލުކޮށްފައިވާ ސަރުކާރުގެ ވުޒާރާގެ ވަޒީރަށެވެ.

(މ) "ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނު" ކަމަށް ބުނެފައި އެވަނީ، ޤާނޫނު ނަންބަރު 2019/19 (ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނު) އަށެވެ.

(ފ) "މިނިސްޓްރީ" ކަމަށް ބަޔާންކޮށްފައި އެވަނީ، ކުޑަކުދިންގެ ޙައްޤުތައް ރައްކައުތެރި ކުރުމުގެ މަސްއޫލިއްޔަތު އެ އިރެއްގައި ހަވާލުކޮށްފައިވާ ސަރުކާރުގެ ވުޒާރާއަށެވެ.

49ވަނަ މާއްދާ: މި ގަވާއިދަށް ޢަމަލުކުރަން ފެށުން

މި ގަވާއިދަށް ޢަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ޝާއިޢުކުރާ ތާރީޚުން ފެށިގެން 3 (ތިނެއް) މަސްދުވަސް ހަމަވާ ތާރީޚުން ފެށިގެންނެވެ.

50ވަނަ މާއްދާ: އުވައިލެވޭ ގަވާއިދު

މި ގަވާއިދަށް ޢަމަލުކުރަން ފެށުމުން، ދިވެހި ސަރުކާރުގެ ގެޒެޓުގައި 2020 މޭ

20 ވަނަ ދުވަހު ޝާއިޢުކޮށްފައިވާ ގަވާއިދު ނަންބަރު 2020/R-30 (ދައުލަތުގެ ބެލުމުގެ ދަށަށް ގެނެވޭ ކުދިން ރީ-އިންޓެގްރޭޓް ކުރުމާ ބެހޭ ގަވާއިދު) އުވުނީއެވެ.