މައި ކޮންޓެންޓަށް ދޭ
Ministry of Social and Family Development Logo
ޤާނޫނުތަކާއި ޤަވާއިދުތައް

ކުޑަކުދިންނާ ގުޅޭ މައްސަލަ ބެލުމުގެ އުސޫލުތައް ކަނޑައެޅުމުގެ ގަވާއިދު

މިލިޔުން ގެޒެޓްގައި ޝާޢިރުކޮށްފައިވަނީ

25 އޯގަސްޓު 2020, 06:58

ތަޢާރުފާއި މަޤްޞަދު

1ވަނަ މާއްދާ: ތަޢާރުފާއި ނަން

(ހ) މިއީ، ކުޑަކުދިންނާ ގުޅޭ ގޮތުން ހުށަހެޅޭ މައްސަލަތައް ބެލުމާއި، އެފަދަ މައްސަލަތަކާ ގުޅޭ ގޮތުން ފިޔަވަޅު އެޅުމާބެހޭ އިޖުރާއަތުތައް އެކަށައަޅައި، ޤާނޫނު ނަންބަރު 2019/19 (ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރި ކުރުމުގެ ޤާނޫނު) ގެ 67 ވަނަ މާއްދާގެ (ރ) އާއި، އެ މާއްދާގެ (ދ) އާއި،    96 ވަނަ މާއްދާގެ (ށ) އާއި، 108 ވަނަ މާއްދާގެ (ނ) އާއި،       110 ވަނަ މާއްދާގެ (ނ) އާއި، އެ ޤާނޫނުގެ 131 ވަނަ މާއްދާގެ ދަށުން ބާރު ލިބިގެން އެކުލަވައިލައިފައިވާ ގަވާއިދެކެވެ.

(ށ) މި ގަވާއިދަށް ކިޔާނީ، "ކުޑަކުދިންނާ ގުޅޭ މައްސަލަ ބެލުމުގެ އުސޫލުތައް ކަނޑައެޅުމުގެ ގަވާއިދު" އެވެ.

2ވަނަ މާއްދާ: މަޤްޞަދު

މި ގަވާއިދުގެ މަޤްޞަދަކީ، އަންނަނިވި ކަންކަން ހާސިލު ކުރުމެވެ.

(ހ) ޤާނޫނު ނަންބަރު 2019/19 (ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރި ކުރުމުގެ ޤާނޫނު) ގެ ދަށުން ކުޑަކުދިންނަށް ލިބިދޭ ޙައްޤުތައް އެ ކުދިންނަށް ލިބިދިނުމުގައި އެ ޤާނޫނުގައި ބަޔާންވެގެންވާ ކަންކަން ކުރަންވާނީ ކުއްޖާގެ މަޞްލަޙަތަށް އެންމެ ފައިދާވާ ގޮތަށްކަމަށް އެ ޤާނޫނުގެ 34 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައި ވީހިނދު، ކުޑަކުދިންނާ ގުޅޭ މައްސަލަތައް ބަލައި ފިޔަވަޅު އެޅުމަށް ކުރާ މަސައްކަތްތަކަކީ، އެ ކުދިންގެ މަޞްލަޙަތަށް އެންމެ ފައިދާވާ ގޮތަށް ކުރެވޭ މަސައްކަތްތަކެއް ކަމުގައި ކަށަވަރުކުރުމާއި،      އެ މަސައްކަތްތަކަކީ ކުޑަކުދިންނާ އަހުލުވެރި އަދި ޗައިލްޑް ސެންޓަރޑް މަސައްކަތްތަކެއް ކަމުގައި ކަށަވަރުކުރުން؛

(ށ) ޤާނޫނު ނަންބަރު 2019/19 (ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރި ކުރުމުގެ ޤާނޫނު) ގެ 67 ވަނަ މާއްދާގެ (ރ) އާއި، (ދ) އަށް ރިޢާޔަތްކޮށް، ކުޑަކުދިންނާ ގުޅޭ މައްސަލަތަކުގައި، އެ ކުދިންގެ ޙައްޤުތައް ރައްކައުތެރި ކުރުން ކަށަވަރުކުރުމުގެ ގޮތުންނާއި، މިފަދަ މައްސަލަތަކުގައި ކަމާބެހޭ ހުރިހާ ފަރާތްތަކަކުންވެސް އެއްގޮތް އުސޫލަކުން ޢަމަލުކުރާކަން ކަށަވަރުކުރުމުގެ ގޮތުން ކުޑަކުދިންނާ ގުޅޭ މައްސަލަތަކުގައި ކަމާބެހޭ އިދާރާތަކުން ޢަމަލުކުރަންޖެހޭ ގޮތުގެ އިޖުރާއަތު ކަނޑައެޅުން؛

(ނ) ޤާނޫނު ނަންބަރު 2019/19 (ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރި ކުރުމުގެ ޤާނޫނު) ގެ 108 ވަނަ  މާއްދާއަށް ރިޢާޔަތްކޮށް، ކުޑަކުދިންނާ ގުޅޭ މައްސަލަތަކުގައި އެ ކުދިންގެ ޙައްޤުތައް ރައްކައުތެރި ކުރުން ކަށަވަރުކުރުމުގެ ގޮތުން، އެ ކުދިންނަށާއި އެ ކުދިންގެ ޢާއިލާތަކަށް އިޖުތިމާޢީ އެހީތެރިކަން ދިނުމުގެ ޚިދުމަތް ދިނުމާބެހޭ އުސޫލުތައް ކުޑަކުދިންގެ ޙައްޤުތައް ރައްކައުތެރި ކުރުމާބެހޭ ކައުންސިލުން އެކުލަވައިލައިފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަނޑައެޅުން.

3ވަނަ މާއްދާ: މައްސަލަ ބެލުމުގެ ނިޒާމުގައި ހިމެނޭ ބައިތައް

މައްސަލަ ބެލުމުގެ ނިޒާމުގައި ހިމެނެނީ އަންނަނިވި 2 (ދޭއް) ބައެވެ.

(ހ) މި ގަވާއިދުގައި ބަޔާންކޮށްފައިވާ ކޭސް މެނޭޖްކުރުމުގެ އިޖުރާއަތާ އެއްގޮތްވާ ގޮތުގެ މަތިން، ކުޑަކުދިންނާ ގުޅޭ މައްސަލަތަކުގައި، އެ ކުދިންނަށް ބޭނުންވާ އަޅައިލުމާއި ރައްކައުތެރިކަން ކަށަވަރު ކުރުމަށް ޓަކައި، އަޅަންޖެހޭ އިންޓަރވެންޝަން ފިޔަވަޅުތައް އެޅުން؛ އަދި

(ށ) ކުޑަކުދިންނާ ގުޅޭ ޖިނާއީ ކުށުގެ ޢަމަލުތަކާ ގުޅޭގޮތުން އެހީތެރިކަން ދިނުން.

4ވަނަ މާއްދާ: މައްސަލަ ބެލުމުގެ ނިޒާމުގެ މަޤްޞަދު

(ހ) މައްސަލަ  ބެލުމުގެ ނިޒާމުގެ މަޤްޞަދަކީ، އަންނަނިވި ކަންކަން ހާސިލު ކުރުމަށް މަސައްކަތްކުރުމެވެ.

-1 ކުޑަކުދިންނާ ގުޅޭ ގޮތުން ހުށަހެޅޭ މައްސަލަތަކަށް ޙައްލު ހޯދުން؛

-2 ކުޑަކުދިންނާ ގުޅޭ ގޮތުން ހުށަހެޅޭ މައްސަލަތައް ބަލައި ފިޔަވަޅު އެޅުމުގައި އެއްގޮތް އުސޫލަކުން  ޢަމަލުކުރުން؛

-3 ކުޑަކުދިންނާ ގުޅޭ މައްސަލަތައް ބެލުމުގެ ޒިންމާ އޮތް ފަރާތްތަކާއި އެ ފަރާތްތަކުގެ މަސްއޫލިއްޔަތުތައް ކަނޑައެޅުން.

-4 ކުޑަކުދިންނާ ގުޅޭ ގޮތުން ހުށަހެޅޭ މައްސަލަތައް ކަމާބެހޭ އިދާރާތަކުން ވިލަރެސްކޮށްގެން މައްސަލަ ބެލޭނެ އިންތިޒާމެއް ހަމަޖެއްސުން؛ އަދި

-5 ކުޑަކުދިންނާ ގުޅޭ މައްސަލަތައް އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި ބަލައި، އެ މައްސަލަތަކާ ގުޅޭ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.

(ށ) މި ގަވާއިދުގައި ބަޔާންކޮށްފައިވާ އިދާރާތަކުން މައްސަލަތައް ބަލަންވާނީ، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މަޤްޞަދުތައް ހާސިލުވާނޭ ގޮތެއްގެ މަތިންކަން ކަށަވަރު ކުރުމަކީ، އެ އިދާރާއެއްގެ ޒިންމާއެކެވެ.

5ވަނަ މާއްދާ: މައްސަލަ ބެލުމުގެ ނިޒާމު      އެ އަސާސްތަކެއްގެ މައްޗަށް ބިނާވެފައިވާ ޚާއްޞަ އަސާސްތައް

(ހ) ޤާނޫނު ނަންބަރު 2019/19 (ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރި ކުރުމުގެ ޤާނޫނު) ގެ ދަށުން އެކުލަވައިލައިފައިވާ ނިޒާމުތަކުގައި ބަޔާންކޮށްފައިވާ މައިގަނޑު އަސާސްތަކުގެ އިތުރުން، މައްސަލަ ބެލުމުގެ ނިޒާމު ބިނާވެފައިވަނީ އަންނަނިވި ޚާއްޞަ އަސާސްތަކުގެ މައްޗަށެވެ.

-1 އެކަށީގެންވާ އަވަސް ގޮތެއްގައި މައްސަލަތައް ބަލައި، ފިޔަވަޅު އެޅުން.

-2 މިނިވަންކަމާއެކު، ދެފުށް ފެންނަ ގޮތެއްގައި، އެއްވެސް ފަރާތެއްގެ ނުފޫޒެއް ނެތި، ހާމަކަމާއި ހަމަހަމަކަމާއެކު، ތަޢައްޞުބުން އެއްކިބާވެހުރެ، މަސައްކަތްކުރުން؛

-3 މައްސަލައިގައި ހިމެނޭ ކުއްޖާއަށާއި ކުއްޖާގެ ޢާއިލާއަށް މައްސަލަ ހިނގާނުހިނގާ ގޮތުގެ  މަޢުލޫމާތު ހާމަކުރެވެން އޮތް އެންމެ ފުޅާކޮށް މަޢުލޫމާތު ހާމަކުރުން.

6ވަނަ މާއްދާ: މައްސަލަ ބަލާ ނިޒާމުގައި މަސައްކަތްކުރާ ފަރާތްތަކުގެ ކިބައިގައި ހުންނަންޖެހޭ ޝަރުޠު

ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސްއާއި މޯލްޑިވްސް ޕޮލިސް ސަރވިސްގެ މައްސަލަ ބަލާ ނިޒާމުގައި މަސައްކަތްކުރާ މުވައްޒަފުންނަކީ ފަންނީގޮތުން ޤާބިލު އަދި ނަޒާހަތްތެރި މުވައްޒަފުންކަން އެ އިދާރާތަކުން ކަށަވަރުކުރަންވާނެއެވެ.

7ވަނަ މާއްދާ: މައްސަލަ ބެލުމުގެ ނިޒާމުގައި މަސައްކަތްކުރާ މުވައްޒަފުން ތަބާވާންޖެހޭ ހަމަތައް

މައްސަލަ ބެލުމުގެ ނިޒާމުގައި މަސައްކަތްކުރާ މުވައްޒަފުން ތަބާވާންޖެހޭ މަސައްކަތު އަޚްލާޤާއި ސުލޫކީ މިންގަނޑު ކަނޑައަޅާނީ މިނިސްޓަރެވެ.

8ވަނަ މާއްދާ: ކޭސް  ވާރކަރުން

(ހ) ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސްގެ ކޭސް ވާރކަރުންނަކީ، މައްސަލައެއް ބެލުމުގެ ޒިންމާއާ އެ އިރެއްގައި ހަވާލުވެހުންނަ ފަރާތެކެވެ. ކޭސް ވާރކަރުންގެ މަސްއޫލިއްޔަތުތައް، ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ.

-1 ހުރިހާ މަރުޙަލާއެއްގައި ވެސް ކުއްޖާއާ މުޢާމަލާތު ކުރުން؛

-2 ކުއްޖާއަށް ބޭނުންވާ ސައިކޯސޯޝަލް ސަޕޯޓު ދިނުމަށް މަގުފަހިކޮށް ދިނުން؛

-3 ކުއްޖާއަށް އެ އިރެއްގައި ބޭނުންވާ ޞިއްޙީ ފަރުވާ ލިބޭނެ އިންތިޒާމުތައް ހަމަޖެއްސުން.

9ވަނަ މާއްދާ: ކޭސް މެނޭޖްމަންޓުގައި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ދައުރު

(ހ) ކޭސް މެނޭޖްމަންޓުގެ މަޤްޞަދަށްޓަކައި، ކޭސް މެނޭޖްމަންޓުގައި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ދައުރަކީ އަންނަނިވި ކަންކަން ކުރުމެވެ.

-1 ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސްއިން އެހީތެރިކަމަށް އެދިއްޖެނަމަ، އެފަދަ އެހީތެރިކަން އެންމެ ފުރިހަމަ ގޮތުގައި ދިނުން؛

-2 ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސްއާ ގުޅިގެން،   މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ވަގުތީ އެސެސްމަންޓުގެ އަމުރު ތަންފީޛުކުރުން؛

-3 ކުއްޖަކަށް ޖިންސީ އަނިޔާ ނުވަތަ ޖިސްމާނީ  އަނިޔާ ލިބިފައިވާކަމަށް ބެލެވޭ މައްސަލައެއްގެ ރިޕޯޓު، މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ލިބުމުން، އެ މައްސަލައެއްގެ ތަޙުޤީޤަށް ބޭނުންވާ ހެކި ރައްކައުތެރި ކުރުމަށްޓަކައި ކުއްޖާއަށް ނުވަތަ ކުއްޖާގެ ޢާއިލާއަށް ދޭންވީ އިރުޝާދު ވީ އެންމެ އަވަހަކަށް     އެ ފަރާތްތަކަށް ނުވަތަ ކޭސް ވާރކަރަށް ދީ، އެ މަޢުލޫމާތު ކުއްޖާއަށް ނުވަތަ ކުއްޖާގެ ޢާއިލާއަށް ދެވޭކަން ކަށަވަރުކުރުން.

10ވަނަ މާއްދާ: ޞިއްޙީ ފަރުވާދޭ ތަންތަނުގެ ޒިންމާ

ކުއްޖަކަށް ލިބޭ އަނިޔާގެ ބާވަތަށް ބަލައި، ކުއްޖާއަށް ޞިއްޙީ ފަރުވާ އަވަހަށް ލިބިދެވޭނެ އިންތިޒާމް ހަމަޖެއްސުމަކީ، ޞިއްޙީ ފަރުވާ ދޭ ތަންތަނުގެ ޒިންމާއެކެވެ.

11ވަނަ މާއްދާ: ޖިންސީ އަނިޔާ، ނުވަތަ ޖިންސީ ގޯނާ ނުވަތަ ޖިންސީ ޢަމަލެއް ކުރިމަތިވެގެން އެންމެ ފުރަތަމަ ފަހަރަށް ޞިއްޙީ ފަރުވާ ދޭއިރު ކޮންމެހެން ކުރަންޖެހޭ ކަންކަން

(ހ) ކުޑަކުއްޖަކަށް ޖިންސީ އަނިޔާ، ނުވަތަ ޖިންސީ ގޯނާ، ނުވަތަ ޖިންސީ ޢަމަލެއް ކުރިމަތިވެގެން ޞިއްޙީ ފަރުވާ ދޭއިރު، އަންނަނިވި ކަންކަން ކުރުމަކީ، އެ ކުއްޖަކު އެގްޒަމިންކުރާ ޑޮކްޓަރެއްގެ ޒިންމާއެކެވެ.

-1 މި ބާވަތުގެ މައްސަލަތަކުގައި ހަދަންޖެހޭ މެޑިކަލް އެގްޒަމިނޭޝަނެއްގައި ބަލާ ކަންކަމާއި، ހަދާނެ ޓެސްޓްތަކާއި، ނަގާނެ ސާމްޕަލްތަކަކީ ކޮބައިކަން، ކުއްޖާއަށާއި ކުއްޖާއަށް އަޅައިލުމާއި ރައްކައުތެރިކަން ދިނުމުގެ އެންމެ އިސް ދައުރެއް އަދާކުރާ ފަރާތަށާއި، ކުއްޖާ ގޮވައިގެން ދިޔައީ ކޭސް ވާރކަރ ކަމުގައި ވާނަމަ، ކޭސް ވާރކަރަށް ފަހުމްވާނޭ ފަދައިން އޮޅުންފިލުވައިދިނުން؛

-2 އެ ހިނދުން އެ ހިނދަށް ހަދަންޖެހޭ ޓެސްޓްތަކާއި ސާމްޕަލްތައް ދެނެގަނެ، އެ ކަންކަން ކުރުމަށް ރިފަރކުރުން؛

-3 ކުއްޖާއަށް ދިމާވި ހާދިސާކަމަށް ކުއްޖާ ބަޔާންކުރާ ވާހަކައާއި، ކުއްޖާގެ އެގްޒެމިނޭޝަން ހެދުމަށްފަހު، ޑޮކްޓަރުގެ އޮޕީނިއަންއާއި، ޑައިގްނޯސިސްއާއި، ހަދަންޖެހޭ ޓެސްޓްތަކާއި، ސާމްޕަލްތަކަކީ ކޮބައިކަމާއި، ކުއްޖާއަށް ޕްރިސްކްރައިބް ކުރާ ބޭހެއް ވާނަމަ، އެ ބޭހާއި، އެހެން ތިންވަނަ އިދާރާއަކަށް އެއްވެސް ތަޙުލީލެއް، ނުވަތަ ސާމްޕަލެއް، ނުވަތަ ޓެސްޓެއް ހަދަން ރިފަރ ކުރާނަމަ، އެކަން ސާފުކޮށް ލިޔެ، ކުއްޖާ ގޮވައިގެން ގޮސް ހުރި ފަރާތްތަކުގެ ނަމާއި، އެ ފަރާތްތަކާ ކުއްޖާއާ ހުރި ގުޅުން އެނގޭނޭ ގޮތަށް ރަސްމީ ލިޔުމެއް ތައްޔާރުކުރުން.

(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން ޑޮކްޓަރ ދޭ ޕްރެސްކްރިޕްޝަން ސްލިޕްގައި ހަދަންޖެހޭ ކަމަށް ބަޔާންކޮށްފައިވާ ޓެސްޓްތަކާއި، ސާމްޕަލްތަކާއި، ތަޙުލީލުތައް ފުރިހަމަކުރާކަން ކަށަވަރުކުރުމަކީ ކޭސް ވާރކަރުގެ ޒިންމާއެކެވެ.

(ނ) މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން ޑޮކްޓަރ ތިންވަނަ ފަރާތަކަށް ދޭ ރިފަރަލްއެއްގައި ބަޔާންކޮށްފައިވާ ޓެސްޓެއް، ނުވަތަ ސާމްޕަލެއް، ނުވަތަ ތަޙުލީލެއް، އެ ރިފަރަލްއެއް ރައްދުވާ ފަރާތަކުން ވީ އެންމެ އަވަސް ފުރުޞަތެއްގެ ތެރޭގައި ހަދަންވާނެއެވެ.

(ރ) މި މާއްދާގެ ދަށުން ތައްޔާރުކުރާ ލިޔުމެއް ހޯދުމަކީ، އެ މައްސަލައެއް ތަޙުޤީޤުކުރާ އިދާރާގެ ޒިންމާއެކެވެ.

(ބ) މި މާއްދާގެ (ރ) ގައިވާ ގޮތުގެ މަތިން ހޯދާ ލިޔެކިޔުންތަކުގެ ކޮޕީ، ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސްއަށް ދޭންވާނެއެވެ.

(ޅ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ލިޔުމުގެ ކޮޕީއެއް ހިއްސާކޮށްދިނުން އެދި ކުއްޖާ ނުވަތަ ކުއްޖާއަށް އަޅައިލުމާއި ރައްކައުތެރިކަން ދިނުމުގެ އެންމެ އިސް ދައުރެއް އަދާކުރާ ފަރާތް ނުވަތަ ކުއްޖާގެ ޤާނޫނީ ވަކީލު އެދިއްޖެނަމަ، ގިނަވެގެން 7 (ހަތެއް) ދުވަހުގެ ތެރޭގައި އެ ލިޔުމެއް      އެ ފަރާތަކަށް ދޭންވާނެއެވެ.

(ކ) މި މާއްދާގެ (ހ) ގައި ވަކި ގޮތަކަށް ބަޔާންކޮށްފައި އޮތް ނަމަވެސް، ކުޑަކުއްޖަކަށް ޖިންސީ އަނިޔާ، ނުވަތަ ޖިންސީ ގޯނާ، ނުވަތަ ޖިންސީ ޢަމަލެއް ކޮށްފައިވާ ކަމަށް ބެލެވޭ މައްސަލަތަކުގައި، މޯލްޑިވްސް ޕޮލިސް ސަރވިސްއިން ނުވަތަ ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސްއިން މެޑިކޯ ލީގަލް ރިޕޯޓެއް ތައްޔާރުކުރަން އަންގައިފިނަމަ،     އެ އެންގުމެއް ރައްދުވާ ޞިއްޙީ ފަރުވާ ދޭ ތަނަކުން އެފަދަ ރިޕޯޓެއް ތައްޔާރުކުރަންވާނެއެވެ.

(އ) މި މާއްދާގައި ބަޔާންކޮށްފައިވާ މެޑިކޯ ލީގަލް ރިޕޯޓުގެ ކޮޕީއެއް ހިއްސާކޮށްދިނުން އެދި ކުއްޖާ ނުވަތަ ކުއްޖާއަށް އަޅައިލުމާއި ރައްކައުތެރިކަން ދިނުމުގެ އެންމެ އިސް ދައުރެއް އަދާކުރާ ފަރާތް ނުވަތަ ކުއްޖާގެ ޤާނޫނީ ވަކީލު އެދިއްޖެ ނަމަ، ގިނަވެގެން 7 (ހަތެއް) ދުވަހުގެ ތެރޭގައި އެ ލިޔުމެއް އެ ފަރާތަކަށް ދޭންވާނެއެވެ.

ކޭސް މެނޭޖްމަންޓުގެ މަރުޙަލާތައް

12ވަނަ މާއްދާ: މައްސަލަ ރަޖިސްޓަރީކުރުން

(ހ) ކުޑަކުއްޖަކާ ގުޅޭ މައްސަލައެއް، ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސްގެ ސަމާލުކަމަށް އަންނަ ހިސާބުން، އެ މައްސަލައަކާ ގުޅޭ ގޮތުން އެ ހިނދަކަށް ލިބިފައިވާ މަޢުލޫމާތުގެ މައްޗަށް ބަލައި، ކުއްޖާއަކީ އަޅައިލުމާއި ރައްކައުތެރިކަން ބޭނުންވާ ފަދަ ހާލަތެއްގައި ހުރި ކުއްޖެއް ކަމަށް ބެލެވޭނަމަ، ނުވަތަ އެފަދަ ހާލަތަކަށް ދިއުމުގެ ރިސްކު އޮތް ކުއްޖެއް ކަމަށް ބެލެވޭނަމަ، އެ ސަރވިސްއިން އަންނަނިވި ކަންކަން ކުރަންވާނެއެވެ.

-1 މި ގަވާއިދުގެ ޖަދުވަލު 1 ގައިވާ "ކޭސް ރަޖިސްޓްރޭޝަން ފޯމު" ފުރިހަމަކޮށް، މައްސަލަ ރަޖިސްޓަރީކުރުން؛

-2 އެ މައްސަލައަކަށް، ކޭސް ރެފަރަންސް ނަންބަރެއް ދިނުން؛

-3 މައްސަލައަށް ކޭސް ފައިލެއް ހެދުން؛

-4 މައްސަލައަކީ ކޮބައިކަން ދެނެގަތުމާއި، ޞިއްޙީ ފަރުވާދޭ ތަނަކަށް ވަގުތުން ރިފަރަލް ހަދަންޖެހޭނަމަ އެކަން "ކޭސް ރަޖިސްޓްރޭޝަން ފޯމު" ގައި ފާހަގަކުރުން.

(ށ) މައްސަލަ ރަޖިސްޓަރީކޮށް ނިމުމުން، އެ މައްސަލައެއްގެ ކޭސް މެނޭޖްމަންޓް ހެދުމަށްޓަކައި ކޭސް ވާރކަރަކާ އެ މައްސަލައެއް ހަވާލު ކުރަން ވާނެއެވެ. މިގޮތަށް ކޭސް ވާރކަރަކާ މައްސަލައެއް ހަވާލުކުރެވޭ ތާރީޚާއި ގަޑިއާއި މައްސަލަ ކުރިޔަށްދާގޮތުގެ ތަފުސީލުތައް، ކޭސް ފައިލުގައި ލިޔުމުން ފެންނަން އޮންނަންވާނެއެވެ.

(ނ) މި މާއްދާގެ (ށ) ގައިވާ ގޮތުގެ މަތިން މައްސަލައެއް ކޭސް ވާރކަރާ ހަވާލުކުރުމުން، "ކޭސް ރަޖިސްޓްރޭޝަން ފޯމު" ގައި ވަގުތުން ރިފަރަލް ހަދަންޖެހޭ ކަމަށް ބަޔާންކޮށްފައިވާނަމަ، ވަގުތުން އެ ރިފަރަލްއެއް ފޯނުން ގުޅައިގެން އެންގުމަށްފަހު، ގިނަވެގެން 24 (ސައުވީސް) ގަޑިއިރުގެ ތެރޭގައި، މި ގަވާއިދުގެ ޖަދުވަލު 2 ގައިވާ "ރިފަރަލް ފޯމު" މެދުވެރިކޮށް އެ ރިފަރަލްއެއް ފޮނުވަންވާނެއެވެ.

13ވަނަ މާއްދާ: މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ވަގުތުން އަންގަންޖެހޭ މައްސަލަތައް

(ހ) ޤާނޫނު ނަންބަރު 2019/19 (ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރި ކުރުމުގެ ޤާނޫނު) ގެ 77 ވަނަ މާއްދާގެ (ބ) ގެ މަޤްޞަދަށް ޓަކައި، މައްސަލައެއްގައި ޖިނާއީ ކުށެއްކަމަށް ބެލެވޭ ޢަމަލެއް އޮތް ނަމަ،        އެ މައްސަލައެއް ރަޖިސްޓަރީ ކުރާތާ ގިނަވެގެން 24 (ސައުވީސް) ގަޑިއިރުގެ ތެރޭގައި، ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސްއިން، މޯލްޑިވްސް ޕޮލިސް ސަރވިސްއަށް، އެ މައްސަލައެއް ހުށަހަޅަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ބޭނުމަށްޓަކައި، މޯލްޑިވްސް ޕޮލިސްއަށް އަންގަންޖެހޭ މައްސަލަތައް، ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ.

-1 ޤާނޫނު ނަންބަރު 2000/4 (ޢާއިލާއާބެހޭ ޤާނޫނު) ގައި ޖިނާއީ ކުށެއް ކަމުގައި ކަނޑައަޅައިފައިވާ މައްސަލަތައް؛

-2 ޤާނޫނު ނަންބަރު 2009/12 (ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު) ގައި ކުށެއް ކަމުގައި ކަނޑައަޅައިފައިވާ ކަމެއް ހިމެނޭ މައްސަލަތައް؛

-3 ޤާނޫނު ނަންބަރު 2012/3 (ގެވެށި އަނިޔާ ހުއްޓުވުމުގެ   ޤާނޫނު) ގެ ދަށުން ޖިނާއީ ކުށެއް ކަމުގައި ބެލެވޭނެ މައްސަލަތައް؛

-4 ޤާނޫނު ނަންބަރު 2013/12 (މީހުން ޓްރެފިކް ކުރުން ހުއްޓުވުމުގެ ޤާނޫނު) ޓްރެފިކް ކުރެވޭ ކުޑަކުދިންގެ މައްޗަށް ހިނގާ ނިސްބަތަށް، އެފަދަ މައްސަލަތައް؛

-5 ޤާނޫނު ނަންބަރު 2013/13 (އެންޓި ޓޯޗަރ ޤާނޫނު) ކުޑަކުދިން ބަލަހައްޓާ އޯލްޓަނޭޓިވް ކެއަރގެ ޚިދުމަތްދޭ މަރުކަޒުތަކަށް ހިނގާ ނިސްބަތަށް، އެފަދަ މައްސަލަތައް؛

-6 ޤާނޫނު ނަންބަރު 2014/9 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) މައިންބަފައިންނާއި ބެލެނިވެރިންގެ މައްޗަށް ހިނގާ ނިސްބަތަށް، އެފަދަ މައްސަލަތައް؛

-7 ޤާނޫނު ނަންބަރު 2014/17 (ޖިންސީ ކުށުގެ ޤާނޫނު) އުމުރުން  16 (ސޯޅަ) އަހަރާއި 18 (އަށާރަ) އަހަރާ ދެމެދުގެ ކުދިންގެ މައްޗަށް ހިނގާނެކަމަށް އެ ޤާނޫނުގައި ބަޔާންކޮށްފައި އޮންނަ އޮތުމަށް ބަލައި، އެ ޤާނޫނުގައި ކުށެއް ކަމަށް ބަޔާންކޮށްފައިވާ މައްސަލަތައް؛

-8 ޤާނޫނު ނަންބަރު 2015/32 (ޓެރަރިޒަމް މަނާ ކުރުމުގެ   ޤާނޫނު) ގައި ބަޔާންކޮށްފައިވާ ޢަމަލުތަކުގެ ޝިކާރައަކަށް ކުޑަކުދިންވާ ހާލަތުގައި އެފަދަ މައްސަލަތައް؛

-9 ޤާނޫނު ނަންބަރު 2019/19 (ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރި ކުރުމުގެ ޤާނޫނު) ގައި ކުށެއް ކަމުގައި ކަނޑައަޅައިފައިވާ ކަމެއް ހިމެނޭ މައްސަލަތައް؛ އަދި

-10 އެއްވެސް ޤާނޫނެއްގައި ކުށެއް ކަމަށް ކަނޑައަޅައިފައިވާ ކަމެއްގެ ޝިކާރައަކަށް ކުޑަކުދިންވާ ހާލަތުގައި، އެފަދަ މައްސަލަތައް.

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ މައްސަލައެއް، މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ލިބުމުން، ޤާނޫނާ އެއްގޮތްވާ ގޮތުގެ މަތިން،             އެ މައްސަލައެއްގެ ތަޙުޤީޤު ކުރިއަށް ގެންދަންވާނެއެވެ.

14ވަނަ މާއްދާ: އިނީޝިއަލް ސްކްރީނިންގ އެސެސްމަންޓް

(ހ) އިނީޝިއަލް ސްކްރީނިންގ އެސެސްމަންޓުގެ މައިގަނޑު އަމާޒަކީ، ކުއްޖާގެ ރައްކައުތެރިކަން ދެނެގަތުމާއި، ކުއްޖާއަށް ކުރިމަތިވެފައިވާ ނުރައްކާ ދެނެގަތުމެވެ.

(ށ) އިނީޝިއަލް ސްކްރީނިންގ އެސެސްމަންޓް ބޭނުންކުރާނީ، އަންނަނިވި ކަންކަން ދެނެގަތުމަށެވެ.

-1 ލިބިފައިވާ މަޢުލޫމާތާއި ކުއްޖާ ހުރި ހާލަތަށް ބަލައި،          އެ ވަގުތެއްގައި ކުއްޖާއަށް ގެއްލުން ލިބުމުގެ ނުރައްކަލާއި، ގެއްލުމުގެ ބޮޑުކަން އޮތް މިންވަރު ދެނެގަތުން؛

-2 ކުއްޖާއަށް އަޅައިލުމާއި ރައްކައުތެރިކަން ދިނުމުގެ އެންމެ އިސް ދައުރެއް އަދާކުރާ ފަރާތަށް ކުއްޖާއަށް ކުރިމަތިވެފައިވާ ނުރައްކާތަކުން ކުއްޖާ ޙިމާޔަތްކޮށް ރައްކައުތެރި ކުރުމުގެ ޤާބިލުކަން ހުރި މިންވަރު ދެނެގަތުން؛

-3 ކުއްޖާއަށް ކުރިމަތިވެފައިވާ ނުރައްކާ ކުޑަކުރުމަށްޓަކައި ނުވަތަ ނެތިކުރުމަށްޓަކައި ހަދަންޖެހޭ އިންޓަރވެންޝަންތަކަކީ ކޮބައިކަން ދެނެގަތުން.

(ނ) އިނީޝިއަލް ސްކްރީނިންގ އެސެސްމަންޓަށް ރިޢާޔަތްކޮށް، ކުއްޖާގެ ރައްކައުތެރިކަން ހުރި މިންވަރާއި އެޅެން ހުރި އިންޓަރވެންޝަން ފިޔަވަޅުތަކަށް ބަލައި، ކުއްޖާގެ ރައްކައުތެރިކަމާ ބެހޭ ނިންމުންތަކަށް ވާސިލުވާންޖެހޭނެއެވެ.

15ވަނަ މާއްދާ: އިނީޝިއަލް ސްކްރީނިންގ އެސެސްމެންޓް ހެދުން

(ހ) ކުއްޖަކާ އެންމެ ފުރަތަމަ ބައްދަލުވާއިރު އިނީޝިއަލް ސްކްރީނިންގ އެސެސްމަންޓު ހަދަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ މަޤްޞަދަށްޓަކައި، މައްސަލައެއް ރަޖިސްޓަރީކުރާތާ 24 (ސައުވީސް) ގަޑިއިރުގެ ތެރޭގައި ކުއްޖާޔާ ބައްދަލުކޮށް އިނީޝިއަލް ސްކްރީނިންގ އެސެސްމަންޓު ހަދަންވާނެއެވެ.

(ނ) ކުއްޖަކާ ބައްދަލުކުރުމަށް އެ ކުއްޖާ ހުރި ރަށަކަށް ކޭސް ވާރކަރ ދަތުރުކުރަންޖެހޭ ހާލަތުގައި، މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި އެސެސްމަންޓް ހެދުމަށް ނުކުޅެދޭނަމަ، އެ މައްސަލައެއް ރަޖިސްޓަރީކުރާތާ ގިނަވެގެން 72 (ހަތްދިހަ ދޭއް) ގަޑިއިރުގެ ތެރޭގައި އިނީޝިއަލް ސްކްރީނިންގ އެސެސްމަންޓު ހަދަންވާނެއެވެ.

(ރ) އިނީޝިއަލް ސްކްރީނިންގ އެސެސްމަންޓު ހަދަންވާނީ މި  ގަވާއިދުގެ ޖަދުވަލު 3 ގައިވާ "އިނީޝިއަލް ސްކްރީނިންގ އެސެސްމަންޓު ފޯމު" މެދުވެރިކޮށެވެ.

16ވަނަ މާއްދާ: ކުއްޖާ ހުރި ހާލަތު ރައްކައުތެރިކަމަށް ބެލުން

ކުއްޖާ ދިރިއުޅޭ ތަނުގައި ކުއްޖާއަށް އެ ވަގުތު ނުރައްކަލެއް ކުރިމަތިވެދާނެ ކަމުގެ ބިރެއް ނުވަތަ ނުރައްކަލެއް ނެތް ނަމަ، ނުވަތަ ކުއްޖާއަށް އަޅައިލުމާއި ރައްކައުތެރިކަން ދިނުމުގެ އެންމެ އިސް ދައުރެއް އަދާކުރާ ފަރާތުގެ ކިބައިގައި އެފަދަ ނުރައްކާތެރި ކަމަކުން ރައްކައުތެރިކަން ލިބިދިނުމުގެ ޤާބިލުކަން ހުރިނަމަ، ކުއްޖާ ހުރި ހާލަތު ރައްކައުތެރިކަމަށް ބެލިދާނެއެވެ.

17ވަނަ މާއްދާ: ކުއްޖާ ހުރި ހާލަތު ނުރައްކާތެރި ކަމަށް ބެލުން

ކުއްޖާ ދިރިއުޅޭ ތަނުގައި ކުއްޖާއަށް އެ ވަގުތު ނުރައްކަލެއް ކުރިމަތިވެދާނެ ކަމުގެ ބިރު އޮތްނަމަ، ނުވަތަ ނުރައްކަލެއް އޮތްނަމަ، ނުވަތަ ކުއްޖާއަށް އަޅައިލުމާއި ރައްކައުތެރިކަން ދިނުމުގެ އެންމެ އިސް ދައުރެއް އަދާކުރާ ފަރާތުގެ ކިބައިގައި ކުއްޖާ ނުރައްކަލުން ސަލާމަތްކުރުމުގެ ޤާބިލުކަމާއި ވަސީލަތްތައް ނެތްކަމަށް ބެލެވޭނަމަ، އަދި ކުއްޖާ ރައްކައުތެރި ކުރުމަށް ތިންވަނަ ފަރާތެއްގެ އިންޓަރވެންޝަން ބޭނުންވާނަމަ، ކުއްޖާ ހުރި ހާލަތު ރައްކައުތެރި ނޫން ކަމުގައި ބަލަންވާނެއެވެ.

18ވަނަ މާއްދާ: ފިޔަވަޅު އަޅަންޖެހޭކަން ކަނޑައަޅާނެ ގޮތް

ކޮންމެ މައްސަލައެއްގައިވެސް ފިޔަވަޅު އަޅަންޖެހޭ މިންގަނޑުތައް ކަނޑައަޅާނީ    އެ މައްސަލައެއްގައި ލިބިފައިވާ މަޢުލޫމާތުގެ މައްޗަށް ބިނާކޮށެވެ. މިގޮތުން އަންނަނިވި ހާލަތްތަކުގައި އަވަހަށް ފިޔަވަޅު އަޅަންޖެހޭކަމަށް ކަނޑައެޅިދާނެއެވެ.

(ހ) ކުއްޖާއަށް، ނުވަތަ ކުއްޖާގެ ފުރާނައަށް، ނުވަތަ ކުއްޖާގެ ޞިއްޙަތަށް ނުރައްކަލެއް އޮތް ބިރެއް ނަމަ؛

(ށ) އަވަހަށް ފިޔަވަޅު ނާޅައިފިނަމަ ކުއްޖާއަށް ނޭދެވޭ އަސަރު ކުރުން؛

(ނ) އިނީޝިއަލް ސްކްރީނިންގ އެސެސްމަންޓުން ކުއްޖާއަށް ނުރައްކަލެއް އޮތް ކަމަށް ބެލެވޭނަމަ، އަދި ކުއްޖާ ދިރިއުޅޭ މާޙައުލުގައި އުޅޭ އެހެން ކުޑަކުދިންނަށްވެސް އެ ނުރައްކާ އޮތް ކަމަށް ބެލެވޭނަމަ، އެ ކުދިން ރައްކައުތެރި ކުރުމަށް ޓަކައި، ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސްގެ އިސްނެގުމުގެ މަތިން، އެ ކުދިންނާ ގުޅޭ ގޮތުންވެސް       މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން އެސެސްމަންޓް ހަދައި، އިންޓަރވެންޝަން ހެދުމުގެ އިޚްތިޔާރު ލިބިގެންވެއެވެ.

19ވަނަ މާއްދާ: ކޮމްޕްރިހެންސިވް އެސެސްމަންޓް ހެދުން

(ހ) ކޮންމްޕްރިހެންސިވް އެސެސްމަންޓަކީ، ކުއްޖާއަށާއި ކުއްޖާގެ ޢާއިލާއަށް ބޭނުންވާ އެހީތެރިކަން ދިނުމަށްޓަކައި އަޅަންޖެހޭ އިންޓަރވެންޝަންތައް ފުރިހަމައަށް ދެނެގަނެ، ކޭސް ޕްލޭން ކުރަން މަގުފަހިކުރުމަށް ހަދާ އެސެސްމަންޓެކެވެ.

(ށ) އިނީޝިއަލް ސްކްރީނިންގ އެސެސްމަންޓް ހަދާތާ ގިނަވެގެން 7 (ހަތެއް) ދުވަހުގެ ތެރޭގައި ކޮންމްޕްރިހެންސިވް އެސެސްމަންޓް ހަދައި، ފުރިހަމަކުރަންވާނެއެވެ.

(ނ) ކޮމްޕްރިހެންސިވް އެސެސްމަންޓު ހެދުމަށްޓަކައި، ކުއްޖާގެ ޢާއިލާއާއި ކަމާ ގުޅޭ ފަރާތްތަކާ އިންޓަވިއު ކުރަންވާނެއެވެ.

(ރ) މި މާއްދާގައި ބަޔާންކޮށްފައިވާ ކޮންމްޕްރިހެންސިވް އެސެސްމަންޓް ހަދާނީ، މި ގަވާއިދުގެ ޖަދުވަލު 4 ގައިވާ "ކޮމްޕްރިހެންސިވް އެސެސްމަންޓު ފޯމު" މެދުވެރިކޮށެވެ.

(ބ) ކުއްޖާ ހުރީ ވަގުތީގޮތުން ބަލަހައްޓަން ޢާއިލާގެ ފަރާތަކާ ހަވާލުކޮށްފައިނަމަ، އަދި ކުއްޖާ އެ ފަރާތާއެކު ބެހެއްޓުމަށް ފެންނަނަމަ، ކުއްޖާ އެ ފަރާތެއްގެ ގާތުގައި ބެހެއްޓުމަށްޓަކައި، ރުހުން ހޯދައި، ކުއްޖާގެ ޤާނޫނީ ބެލެނިވެރިކަން އެ ފަރާތުގެ މައްޗަށް ބަދަލުކުރަންވާނެއެވެ.

20ވަނަ މާއްދާ: ކޭސް ޕްލޭން ރޭވުން

(ހ) ކޭސް ޕްލޭނެއްގައި އިނީޝިއަލް ސްކްރީނިންގ އެސެސްމަންޓުންނާއި ކޮންމްޕްރިހެންސިވް އެސެސްމަންޓުން ފާހަގަކުރެވޭ ކޮންމެ މައްސަލައަކަށް ޙައްލު ހޯދުމަށް ހުށަހެޅުންތަކެއް އޮންނަންވާނެއެވެ. އަދި ކޭސް ޕްލޭނުގައި ކުރަންޖެހޭ ކަންކަމާއި، އެ ކަންކަން ކުރަންޖެހޭ މުއްދަތުތަކާއި، ހުށަހެޅުމަށް ޢަމަލުކުރުމުގެ ޒިންމާ އަދާކުރާނެ ފަރަތެއް އެނގެން އޮންނަންވާނެއެވެ.

(ށ) މައްސަލައެއް ރަޖިސްޓަރީ ކުރެވޭތާ ގިނަވެގެން 14 (ސާދަ) ދުވަހުގެ ތެރޭގައި ކޭސް ޕްލޭން އެކުލަވައިލަންވާނެއެވެ.

(ނ) ކޭސް ޕްލޭން އެކުލަވައިލުމަށްޓަކައި، ކޭސް ވާރކަރ އަންނަނިވި ކަންކަން ކުރަންވާނެއެވެ.

-1 ކުއްޖާއާއި ކުއްޖާގެ ޢާއިލާގެ ބައިވެރިވުން ހޯދަން މުހިންމުކަމަށް ފެންނަ ނަމަ، ފެމިލީ ކޮންފަރަންސް ބޭއްވުން؛

-2 ކަމާބެހޭ އިދާރާތަކާއެކު ކޭސް ކޮންފަރެންސް ބޭއްވުން؛

-3 މުޅި މައްސަލައިގެ މައިގަނޑު ލަނޑުދަނޑިއަކީ ކޮބައިކަން ނިންމުން (މިސާލަކަށް: ޢާއިލާ ހަރުދަނާކުރުން. ކުއްޖާ ހުރީ     މި މަރުޙަލާގައި ދައުލަތުގެ ބެލުމުގެ ދަށުގައި ނަމަ، ކުއްޖާ     ރީ-އިންޓެގްރޭޓް ކުރުން، ނުވަތަ ކުއްޖާ ފޮސްޓަރ ކުރާނެ ފަރާތެއް ހޯދުން)؛

-4 ހާސިލުކުރަން ބޭނުންވާ ތަފުސީލީ ކަންކަން ކަނޑައަޅައި،      އެ ކަންކަން ހާސިލުކުރާނެ މުއްދަތުތަކެއް ކަނޑައެޅުން.        މި ކަންކަން ކަނޑައަޅާއިރު، އެ ކަންކަން ވަޒަންކުރެވޭ ފަދަ ގޮތަކަށް އެ ކަންކަން ބައްޓަންކުރުން؛

-5 ލަނޑުދަނޑިތައް ހާސިލު ކުރުމަށް ޓަކައި ހަދަންޖެހޭ އިންޓަރވެންޝަންތަކަކީ ކޮބައިކަން ފާހަގަކުރުން؛

-6 ހާސިލުކުރަން ބޭނުންވާ ކަންކަން ކުރުމަށްޓަކައި ޢާއިލާއަށް އެހީތެރިކަން ހޯދިދާނެ ވަސީލަތްތަކަކީ ކޮބައިކަން ދެނެގަތުން (މިސާލަކަށް: ކޮމިއުނިޓީ ސަޕޯޓް، ނުވަތަ ޚިދުމަތްތައް)؛

-7 ކުއްޖާއާއި ޢާއިލާއާ ދެމެދު އޮންނަ ގުޅުން ހީނަރުވާ ހިނދެއްގައި ނުވަތަ ކޭސް ޕްލޭނާ އެއްގޮތަށް ކަންކަން ނުދާ ހިނދެއްގައި، ކުއްޖާއާއި ކުއްޖާގެ ޢާއިލާ ގުޅަންޖެހޭނެ ފަރާތްތަކަކީ ކޮބައިކަން ދެނެގަތުމާއި، އެކަމަށްޓަކައި ކޮންޓިންޖެންސީ ޕްލޭނެއް ހެދުން؛ އަދި

-8 ކުއްޖާގެ ޢާއިލާއާ ކޭސް ޕްލޭން ހިއްސާކުރެވެން އޮތް ނަމަ،      އެ ޕްލޭން ހިއްސާކުރުން.

(ރ) ކޭސް ޕްލޭން ހަދަންވާނީ، މި ގަވާއިދުގެ ޖަދުވަލު 5 ގައިވާ "ކޭސް ޕްލޭން ފޯމު" މެދުވެރިކޮށެވެ.

21ވަނަ މާއްދާ: ކޭސް ޕްލޭން ތަންފީޛުކުރުން

(ހ) ކޭސް ޕްލޭން ތަންފީޛުކުރުމަކީ، ކޭސް މެނޭޖްމަންޓުގެ ހަތަރުވަނަ މަރުޙަލާއެވެ.

(ށ) ކޭސް ޕްލޭނާ އެއްގޮތްވާ ގޮތުގެ މަތިން، އަދި އެ ޕްލޭނުގައި ބަޔާންކޮށްފައިވާ މުއްދަތުތަކުގެ ތެރޭގައި، ކަމާބެހޭ ހުރިހާ ފަރާތްތަކަކުންވެސް ކޭސް ޕްލޭން ތަންފީޛުކުރަމުންދާކަން ކަށަވަރުކުރުމަކީ ކޭސް ވާރކަރުގެ ޒިންމާއެކެވެ.

(ނ) ކޭސް މެނޭޖްމަންޓުގެ މަރުޙަލާގެ ތެރޭގައި މި ގަވާއިދުގެ ޖަދުވަލު 6 ގައިވާ ގޮތަށް ކޭސް މެނޭޖްމަންޓް ނޯޓު ބަލަހައްޓައި ރިކޯޑު ކުރުމަކީ، ކޭސް ވާރކަރުގެ ޒިންމާއެކެވެ.

(ރ) މައްސަލައަކާ ގުޅޭ ގޮތުން ބާއްވާ ކޮންމެ ކޭސް ކޮންފަރެންސެއްގެ މަޢުލޫމާތު، މި ގަވާއިދުގެ ޖަދުވަލު 7 ގައިވާ ގޮތުގެ މަތިން ބެލެހެއްޓުމަކީ ކޭސް ވާރކަރުގެ ޒިންމާއެކެވެ.

22ވަނަ މާއްދާ: ފޮލޯއަޕް ހެދުން

(ހ) ފޮލޯއަޕް ހެދުމަކީ، ކޭސް މެނޭޖްމަންޓުގެ ފަސްވަނަ މަރުޙަލާއެވެ.

(ށ) ކޮންމެ މައްސަލައަކާ ގުޅިގެންވެސް އެންމެ މަދުވެގެން ކޮންމެ (ތިނެއް) މަހަކު އެއްފަހަރު ފޮލޯއަޕް ހެދުމަކީ ކޭސް ވާރކަރުގެ ޒިންމާއެކެވެ.

(ނ) ފޮލޯއަޕް ހެދުމުގައި ކުއްޖާއާއި، ކުއްޖާގެ ޢާއިލާއާއެކު، ކުއްޖާގެ ތަޢުލީމާއި، ޞިއްޙަތާއި، ކުއްޖާއަށް ބޭނުންވާ އަޅައިލުމާއި ރައްކައުތެރިކަން ދިނުމުގައި ބައިވެރިވާ ކަމާބެހޭ އިދާރާތަކުގެ ފަރާތްތައް ވީ ވަރަކުން ޝާމިލުކުރެވޭތޯ ބަލަންވާނެއެވެ.

(ރ) މައްސަލައެއްގައި ފޮލޯއަޕް  ހަދާ ކޮންމެ ފަހަރަކު، މި  ގަވާއިދުގެ ޖަދުވަލު 6 ގައިވާ ގޮތަށް އެ ކަމާ ގުޅޭ މަޢުލޫމާތު ރިކޯޑުކުރަމުން ގެންދިއުމަކީ ކޭސް ވާރކަރުގެ ޒިންމާއެކެވެ. މިފަދައިން މަޢުލޫމާތު ބަލަހައްޓަމުން ގެންދާއިރު ކުއްޖާގެ ހާލަތާ ގުޅޭ އިންޑިކޭޓަރުތައް ފާހަގަކުރަމުން ގެންދަންވާނެއެވެ.

(ބ) މި މަރުޙަލާގައި ކޭސް ވާރކަރުން ކުރަންޖެހޭ ކަންކަމުގެ ތެރޭގައި އަންނަނިވި ކަންކަން ހިމެނެއެވެ.

-1 ކޭސް ޕްލޭން ތަންފީޛުކުރަމުންދާ ގޮތް މޮނިޓަރކޮށް، ރިވިއުކުރުން؛

-2 ކުއްޖާ ހުރި ހާލަތު މޮނިޓަރކުރުން؛

-3 ކުއްޖާގެ ރައްކައުތެރިކަމާއި ކުއްޖާ މޮނިޓަރކުރުމުގެ މަޤްޞަދަށްޓަކައި ކުއްޖާއާއެކު ގަވާއިދުން ގުޅުން ބޭއްވުން؛ އަދި

-4 ކުއްޖާއަށް ނުވަތަ ޢާއިލާއަށް ބޭނުންވާ އެހީތެރިކަމެއް އޮތް ނަމަ، އެ ކަމެއް ކޮށްދިނުން.

23ވަނަ މާއްދާ: ކުޑަކުދިން ކުށްކުރުމާއި ދުރުކުރުމަށް ބޭނުންވާ ޕްރޮގްރާމްތަކުގެ އުސޫލުތައް

ޤާނޫނު ނަންބަރު 2019/19 (ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރި ކުރުމުގެ   ޤާނޫނު) ގެ 110 ވަނަ މާއްދާއަށް ރިޢާޔަތްކޮށް، އެކުލަވައިލަންޖެހޭ އިޖުރާއަތުތަކާއި އުސޫލުތައް، މިނިސްޓްރީން ޝާއިޢު ކުރަންވާނެއެވެ.

24ވަނަ މާއްދާ: ކޭސް ކްލޯޒްކުރުން

(ހ) ކޭސް ކްލޯޒްކުރުމަކީ، ކޭސް މެނޭޖްމަންޓުގެ އެންމެ ފަހުގެ މަރުޙަލާއެވެ. އެއްވެސް މައްސަލައެއްގެ ކޭސް ކްލޯޒްކުރެވޭނީ، ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސްގެ ކޭސް މެނޭޖްމަންޓާ އެ އިރަކު އެންމެ އިސްކޮށް ހަވާލުވެ ހުންނަ ފަރާތުގެ ހުއްދަ ލިބުމަށްފަހުގައެވެ.

(ށ) މައްސަލައެއް ކްލޯޒް ކުރެވިދާނެ ކަމަށް ކޭސް ވާރކަރަށް ފެނިއްޖެނަމަ، އެކަމާމެދު އެ މައްސަލައެއްގެ ސުޕަވައިޒަރާ މަޝްވަރާކުރުމަށްފަހު،      އެ ނިންމުމަކަށް ވާސިލުވި ސަބަބުތައް ލިޔުމުން ރިކޯޑުކުރަންވާނެއެވެ.

(ނ) އަންނަނިވި ހާލަތްތަކުގެ ތެރެއިން ހާލަތެއް މެދުވެރިވެއްޖެނަމަ، ކޭސް ކްލޯޒް ކުރެވިދާނެއެވެ.

-1 އެއީ، ފޮސްޓަރކޮށްގެން ނުވަތަ ރީ-އިންޓެގްރޭޓްކޮށްގެން ކަމުގައި ވިޔަސް، ކުއްޖާއަށް ރައްކައުތެރި ދާއިމީ މާޙައުލަކަށް ކުއްޖާ ބަދަލުކުރެވުން.

-2 މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަރާތްތަކާއެކު ކުރެވޭ މަޝްވަރާގެ ތެރެއިން ކޭސް ކްލޯޒް ކުރުމަށް ފެންނަކަމަށް ނިންމުން؛

-3 މައިގަނޑު ލަނޑުދަނޑި ހާސިލުވުން؛ ނުވަތަ

-4 ކުއްޖާ މަރުވުން އަދި ކުއްޖާގެ މަރާ ގުޅުންހުރި އެންމެހައި ކަމެއް ނިމިފައިވުން.

(ރ) މި މާއްދާގެ (ށ) ގައިވާ ގޮތުގެ މަތިން ހުއްދަ ލިބުމުން، ކޭސް ކްލޯޒް ކުރަންވާނީ، މި ގަވާއިދުގެ ޖަދުވަލު 8 ގައިވާ "ކޭސް ކްލޯޒް ކުރުމުގެ ފޯމު" މެދުވެރިކޮށެވެ.

(ބ) ކޭސް ކްލޯޒް ކުރުމަށްފަހު، އެފަދަ މައްސަލައެއް އަލުން ހުޅުވޭނީ         އެ ސަބަބުތައް ލިޔުމުން ރެކޯޑުކުރުމަށްފަހު،  ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސްގެ ކޭސް މެނޭޖްމަންޓް ސަރވިސްގެ އެންމެ އިސްވެރިޔާގެ ހުއްދަ ލިޔުމުން ލިބުމުންނެވެ.

25ވަނަ މާއްދާ: މި ގަވާއިދަށް ޢަމަލުކުރަން ފެށުން

މި ގަވާއިދަށް ޢަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ޝާއިޢުކުރާ ތާރީޚުން ފެށިގެން 3 (ތިނެއް) މަސްދުވަހުގެ ތެރޭގައެވެ.

26ވަނަ މާއްދާ: މާނަކުރުން

މި ގަވާއިދުގައި ޢިބާރާތެއް ނުވަތަ ލަފުޒެއް ބޭނުންކޮށްފައިވާ ގޮތުން ކަނޑައެޅިގެން އެހެން މާނައެއް ދޭހަނުވާހައި ހިނދަކު، އަންނަނިވި ޢިބާރާތްތަކާއި ލަފުޒުތަކަށް ދީފައި އެވަނީ، އެ ޢިބާރާތްތަކާއި ލަފުޒުތަކަށް ތިރީގައި ދީފައި އެވާ މާނަކުރުމެވެ.

(ހ) "ޢާއިލާ" ކަމަށް ބުނެފައި އެވަނީ، އެ ކުއްޖެއްގެ މައިންބަފައިންނަށް، ނުވަތަ މަންމައަށް، ނުވަތަ ބައްޕައަށް، ނުވަތަ ޤާނޫނު ނަންބަރު 2000/4 (ޢާއިލާއާބެހޭ ޤާނޫނު) އާއި، އެ ޤާނޫނުގެ ދަށުން ހަދައިފައިވާ ގަވާއިދުގައި ބަޔާންކޮށްފައިވާ ޝަރުޢީ ބަލަދުވެރިންނަށް ނުވަތަ ޙަޟާނަތު ޙައްޤުވާ ފަރާތްތަކަށެވެ.

(ށ) "އިންޓަރވެންޝަން" ކަމަށް ބުނެފައި އެވަނީ، ކުޑަކުދިންނާ ގުޅޭ މައްސަލަތަކުގައި އަޅާ ރެސްޕޮންސް ފިޔަވަޅަށެވެ.

(ނ) "އިނީޝިއަލް ސްކްރީނިންގ އެސެސްމަންޓް" ކަމަށް ބުނެފައި އެވަނީ، ކުއްޖާއާ ބައްދަލުވުމުން އެންމެ ފުރަތަމަ ކުއްޖާގެ ހާލަތު ދެނެގަތުމުގެ ގޮތުން ހަދާ އެސެސްމަންޓަށެވެ.

(ރ) "ސައިކޯސޯޝަލް ސަޕޯޓް" ކަމަށް  ބުނެފައި އެވަނީ، ކުއްޖަކު ނުވަތަ މީހަކު ދުޅަހެޔޮ ދިރިއުޅުމެއް އުޅުމަށްޓަކައި، އެ ކުއްޖެއްގެ ނުވަތަ        އެ މީހެއްގެ ސައިކޮލޮޖިކަލް އަދި އިޖުތިމާޢީ ބޭނުންތަކަށާއި ގުޅުންތަކަށް ބަލައި، އެ ކުއްޖަކަށް ނުވަތަ އެ މީހަކަށް ބޭނުންވާ އެހީތެރިކަމަށެވެ.

(ބ) "މިނިސްޓްރީ" ކަމަށް ބުނެފައި އެވަނީ، ކުޑަކުދިންގެ ޙައްޤުތައް ރައްކައުތެރި ކުރުމުގެ މަސްއޫލިއްޔަތު އެ އިރަކު ހަވާލުކޮށްފައިވާ ސަރުކާރުގެ ވުޒާރާއަށެވެ.