މައި ކޮންޓެންޓަށް ދޭ
Ministry of Social and Family Development Logo
ޤާނޫނުތަކާއި ޤަވާއިދުތައް

ގަވާއިދު ނަންބަރު 2020/R-71 (ކުޑަކުދިންގެ ޙައްޤުތައް ރައްކައުތެރި ކުރުމާ ބެހޭ ކައުންސިލުގެ ގަވާއިދު) އަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ގަވާއިދު

މިލިޔުން ގެޒެޓްގައި ޝާޢިރުކޮށްފައިވަނީ

06 މާރިޗު 2023, 00:36

ގަވާއިދު ނަންބަރު 2020/R-71 (ކުޑަކުދިންގެ ޙައްޤުތައް ރައްކައުތެރި ކުރުމާ ބެހޭ ކައުންސިލުގެ ގަވާއިދު) އަށް އަންނަނިވި އިޞްލާޙުތައް ގެނައުން.

1. ބުނެވިދިޔަ ގަވާއިދުގެ 3 ވަނަ މާއްދާއަށް އަންނަނިވި އަކުރު އިތުރުކުރުން.

3 ވަނަ މާއްދާ

(ނ) ކުޑަކުދިންގެ ޙައްޤުތައް ރައްކައުތެރި ކުރުމާ ބެހޭ ކައުންސިލަށް މެންބަރުން އައްޔަނު ކުރެވޭނީ 3 (ތިނެއް) އަހަރުދުވަހުގެ ދައުރަކަށެވެ. ކައުންސިލުގެ މެންބަރަކަށް ގިނަވެގެން މެންބަރުކަން ކުރެވޭނީ 2 (ދޭއް) ދައުރަށެވެ.

2. ބުނެވިދިޔަ ގަވާއިދުގެ 11 ވަނަ މާއްދާއަށް (ނ) ގެ ގޮތުގައި އަކުރެއް އިތުރުކުރުން.

11 ވަނަ މާއްދާ

(ނ) މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީން ނިންމާ ނިންމުންތަކަށް ޢަމަލުކުރަމުންދާގޮތް ބަލައި، ކައުންސިލުގެ ނިންމުންތައް ތަންފީޛުކުރުމުގައި ދިމާވާ ދަތި ކަންތައްތައް ފާހަގަކޮށް،        އެ ކަންކަން މިނިސްޓަރުގެ ސަމާލުކަމަށް ކައުންސިލުން ގެންނަންވާނެއެވެ.

3 ބުނެވިދިޔަ ގަވާއިދުގެ 8 ވަނަ މާއްދާ އަންނަނިވި ގޮތަށް އިޞްލާޙު ކުރުން.

ކުޑަކުދިންގެ ޙައްޤުތައް ރައްކައުތެރި ކުރުމާ ބެހޭ ކައުންސިލުގެ އިދާރީ ކަންކަން ހިންގުން 8 ކުޑަކުދިންގެ ޙައްޤުތައް ރައްކައުތެރި ކުރުމާ ބެހޭ ކައުންސިލުގެ    އިދާރީ ކަންކަން ހިންގައި ބަލަހައްޓާނީ، ޗައިލްޑް އެންޑް ފެމެލީ ޕްރޮޓެކްޝަން ސަރވިސްއިންނެވެ.

4 ބުނެވިދިޔަ ގަވާއިދުގެ 9 ވަނަ މާއްދާ އަންނަނިވި ގޮތަށް އިޞްލާޙުކުރުން.

ކުޑަކުދިންގެ ޙައްޤުތައް ރައްކައުތެރި ކުރުމާބޭހޭ ކައުންސިލުގެ ބައްދަލުވުންތައް 9 (ހ) ކުޑަކުދިންގެ ޙައްޤުތައް ރައްކައުތެރި ކުރުމާބެހޭ ކައުންސިލުގެ ބައްދަލުވުމެއް، މަދުވެގެން މަހަކު 1 (އެކެއް) ފަހަރު ބާއްވަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ކައުންސިލުގެ މަސައްކަތުގެ ނިސްބަތަށް ބަލައި، ކޮންމެހެން ބައްދަލުވުމެއް ބާއްވަން ކައުންސިލަށް ފެނިއްޖެ ހާލަތެއްގައި، ހަފުތާއަކު 1 (އެކެއް) ފަހަރު ކައުންސިލުގެ ބައްދަލުވުން ބޭއްވުމަކަށް މި މާއްދާ ހުރަހެއް ނާޅައެވެ.

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، ކުޑަކުދިންގެ ޙައްޤުތައް ރައްކައުތެރި ކުރުމާ ބެހޭ ކައުންސިލުގެ ބައްދަލުވުން ބާއްވަން ކަނޑައަޅާ ދުވަހަށް ބައްދަލުވުން ބޭއްވުމަށް އިދާރީގޮތުން ކުރަންޖެހޭ ކަންކަން ކުރަންވާނީ، ޗައިލްޑް އެންޑް ފެމެލީ ޕްރޮޓެކްޝަން ސަރވިސްއިންނެވެ.

(ރ) ކުޑަކުދިންގެ ޙައްޤުތައް ރައްކައުތެރި ކުރުމާ ބެހޭ ކައުންސިލުގެ ބައްދަލުވުމެއް ބާއްވާނަމަ، އެ ބައްދަލުވުމެއް ފެށުމުގެ         72 (ހަތްދިހަދޭއް) ގަޑިއިރުގެ ކުރިން، ކޮންމެ       މެންބަރަކަށް ވެސް ބައްދަލުވުން އޮންނާނޭކަން ކައުންސިލުގެ އިދާރީ ކަންކަން ކުރުމަށް ހަމަޖެހިފައިވާ ފަރާތުން އަންގަންވާނެއެވެ. އަދި ކައުންސިލުގެ ބައްދަލުވުމުގައި ބައިވެރިނުވެވޭ ހާލަތްތަކުގައި، އެ މެންބަރަކު ދުރާލައި އެކަން ސަބަބާއެކު ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސްއަށް އަންގަންވާނެއެވެ.

(ބ) މި މާއްދާގެ (ރ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ކައުންސިލުގެ ކުއްލި ބައްދަލުވުމެއް ބާއްވަން ޖެހިއްޖެނަމަ، އެއަށްވުރެ ކުރު މުއްދަތެއްގެ ނޯޓިސް ލިޔުމުން ފޮނުވުމަށްފަހު، ކައުންސިލުގެ ބައްދަލުވުމެއް ބޭއްވުމަކަށް މި ގަވާއިދު ހުރަހެއްނާޅައެވެ.

(ޅ) ކުޑަކުދިންގެ ޙައްޤުތައް ރައްކައުތެރި ކުރުމާބެހޭ ކައުންސިލުގެ މެންބަރުން އެއްތަނަކަށް ޖަމާކޮށްގެން ބައްދަލުވުންތައް ބޭއްވެން ނެތް ހާލަތުގައި ނުވަތަ ބައްދަލުވުމުގެ ޤާނޫނީ އަދަދު ހަމަނުވާ ހާލަތުގައި، މެންބަރުން އެއްތަނަކަށް ޖަމާކުރުމުގެ ބަދަލުގައި ޒަމާނީ މުއާޞަލާތީ ވަސީލަތްތައް (އޯޑިއޯ ނުވަތަ ވީޑިއޯ ޕްލެޓްފޯމެއް) ބޭނުންކޮށްގެން ކައުންސިލުގެ ބައްދަލުވުންތައް ބޭއްވުމުގެ އިޚްތިޔާރު ކައުންސިލުގެ ރައީސަށް ލިބިގެންވެއެވެ.

(ކ) މި މާއްދާގެ (ޅ) ގައި ބަޔާންކޮށްފައިވާ ފަދައިން ޒަމާނީ މުއާޞަލާތީ ވަސީލަތްތައް ބޭނުންކޮށްގެން ކައުންސިލުގެ ބައްދަލުވުން ބޭއްވިކަމުގައި ވިޔަސް، އެ ބައްދަލުވުމެއްގެ ބާވަތަށް ބަލައި، އެ ބައްދަލުވުމަކާ ގުޅޭގޮތުން މި ގަވާއިދުގެ ދަށުން ފުރިހަމަކުރަންޖެހޭ އެންމެހައި ކަންކަން ފުރިހަމަކުރަންވާނެއެވެ.

(އ) މި މާއްދާގެ (ޅ) ގައި ބަޔާންކޮށްފައިވާ ފަދައިން ޒަމާނީ މުއާޞަލާތީ ވަސީލަތްތައް ބޭނުންކޮށްގެން ކައުންސިލުގެ ބައްދަލުވުންތައް ބާއްވާއިރު، މެންބަރުން ބައްދަލުވުމުގައި ބައިވެރިވާންވާނީ އެ ފަރާތަށް ދެވިފައިވާ ލިންކާއި އެ ފަރާތުގެ ލޮގިން އައި.ޑީ ބޭނުންކޮށްގެންނެވެ.

(ވ) މި މާއްދާގެ (ޅ) ގައި ބަޔާންކޮށްފައިވާ ފަދައިން ޒަމާނީ މުއާޞަލާތީ ވަސީލަތްތައް ބޭނުންކޮށްގެން ކައުންސިލުގެ ބައްދަލުވުންތައް ބާއްވާނީ ކޮން ވަސީލަތަކުންކަން،  ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސްއިން ކަނޑައަޅަންވާނެއެވެ.

(މ) މި މާއްދާގެ (ޅ) ގައި ބަޔާންކޮށްފައިވާ ފަދައިން       ޒަމާނީ މުއާޞަލާތީ ވަސީލަތްތައް ބޭނުންކޮށްގެން ކައުންސިލުގެ ބައްދަލުވުންތައް ބާއްވާއިރު ވޯޓު ދޭނީ އަނގަބަހުންނެވެ. އަދި ވޯޓު ދެވުނު ގޮތް ރިކޯޑު ކުރެވެންވާނެއެވެ.

(ފ) ކުޑަކުދިންގެ ޙައްޤުތައް ރައްކައުތެރި ކުރުމާ ބެހޭ ކައުންސިލުގެ ބައްދަލުވުމެއްގެ ޤާނޫނީ އަދަދަކީ، ކައުންސިލުގެ ޖުމުލަ މެންބަރުންގެ 51% (ފަންސާސްއެކެއް އިންސައްތަ) އެވެ.

(ދ) މި ގަވާއިދުގެ 5 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދައިން ކައުންސިލުގެ ރިޔާސަތު ބަލަހައްޓާނީ، ކައުންސިލުގެ ރައީސެވެ. ރައީސަށް ހާޒިރު ނުވެވޭ ނަމަ، ކައުންސިލުގެ ނައިބު ރައީސެވެ. ނައިބު ރައީސަށް ހާޒިރު ނުވެވޭ ނަމަ،            އެ ބައްދަލުވުމަކަށް ހާޒިރުވި މެންބަރުންގެ އަޣުލަބިއްޔަތުން ފާސްކުރާ މެންބަރެކެވެ.

(ތ) ކުޑަކުދިންގެ ޙައްޤުތައް ރައްކައުތެރި ކުރުމާ ބެހޭ ކައުންސިލުގެ ރައީސާއި ނައިބު ރައީސަށް ކައުންސިލުގެ ބައްދަލުވުމަކަށް ހާޒިރުވެވެން ނެތްކަމަށް ބަލައި، މެންބަރުންގެ ތެރެއިން        އެ ބައްދަލުވުމެއްގެ ރިޔާސަތު ބަލަހައްޓާނެ މެންބަރަކު ކަނޑައަޅާނީ، އެ ބައްދަލުވުމެއް ފެށުމަށް ކަނޑައަޅައިފައިވާ ގަޑިއަށްވުރެ 10 (ދިހައެއް) މިނިޓު ފަހަނަޅައިދިޔުމުންނެވެ.

(ލ) ކުޑަކުދިންގެ ޙައްޤުތައް ރައްކައުތެރި ކުރުމާ ބެހޭ ކައުންސިލުގެ ރައީސާއި ނައިބު ރައީސަށް ހާޒިރުނުވެވޭ ކައުންސިލުގެ ބައްދަލުވުންތަކުގައި މަޝްވަރާކުރި ކަންކަމާއި، ނިންމި އެންމެހައި ކަންކަމުގެ މަޢުލޫމާތު، އެ ބައްދަލުވުމެއްގެ ރިޔާސަތު ބެލެހެއްޓި މެންބަރަކު، ކައުންސިލުގެ ރައީސާއި ނައިބު ރައީސަށް ދޭންވާނެއެވެ.

(ގ) ކުޑަކުދިންގެ ޙައްޤުތައް ރައްކައުތެރި ކުރުމާ ބެހޭ ކައުންސިލުގެ ބައްދަލުވުމެއް ބާއްވައިދިނުން އެދި، ކައުންސިލުގެ ޖުމުލަ މެންބަރުންގެ ތިންބައިކުޅައެއްބައި މެންބަރުން އެދިއްޖެނަމަ، ކައުންސިލުގެ ރައީސް، ކައުންސިލުގެ ބައްދަލުވުމެއް ބާއްވަންވާނެއެވެ.

5 ބުނެވިދިޔަ ގަވާއިދުގެ 10 ވަނަ މާއްދާ އަންނަނިވި ގޮތަށް އިޞްލާޙުކުރުން.

ކުޑަކުދިންގެ ޙައްޤުތައް ރައްކައުތެރި ކުރުމާ ބެހޭ ކައުންސިލުގެ މެންބަރުން ވަކިކުރުން 10 (ހ) ކައުންސިލުގެ މެންބަރަކު، މަޤްބޫލު އުޒުރެއް ނެތި، ޖެހިޖެހިގެން 3 (ތިނެއް) ބައްދަލުވުމަށް ނުވަތަ އެކު ޖުމުލަ 5 (ފަހެއް) ބައްދަލުވުމަށް ހާޒިރު ނުވެއްޖެ ހާލަތެއްގައި ކައުންސިލުގެ މެންބަރުކަމުން ވަކިކޮށްދިނުމަށް އެދި ރައީސުލްޖުމްހޫރިއްޔާއަށް ފޮނުވުމުގެ ބާރު، މިނިސްޓަރަށް ލިބިގެންވެއެވެ.

(ށ) ކައުންސިލުގެ މެންބަރަކު، އެ ފަރާތް ނިސްބަތްވާ އިދާރާ އެންމެ އެކަށީގެންވާ މިންވަރަށް ތަމްސީލު ނުކުރާކަން ކައުންސިލުގެ އެހެން މެންބަރުންނަށް ފާހަގަކުރެވިއްޖެނަމަ، އެ މެންބަރަކު އައްޔަނުކޮށްފައިވާ އިދާރާއަށް އެކަން އަންގައިދިނުމަށް މިނިސްޓަރަށް ކައުންސިލުގެ މެންބަރުންނަށް އެދެވިދާނެއެވެ.

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ޢަމަލުކުރުމަށްފަހު، އެ މާއްދާގެ ދަށުން މެންބަރަކު ވަކިކުރެވޭނީ ކައުންސިލުގެ ތިންބައިކުޅަދެބައިގެ އަޣުލަބިއްޔަތުން ނިންމައި، އެކަން ރައީސުލްޖުމްހޫރިއްޔާއަށް ހުށަހެޅުމުން، ރައީސުލްޖުމްހޫރިއްޔާ އެކަން ބަލައިގަތުމުންނެވެ.

(ރ) ކުޑަކުދިންގެ ޙައްޤުތައް ރައްކައުތެރި ކުރުމާ ބެހޭ ކައުންސިލުގެ މެންބަރުންގެ ބައްދަލުވުންތަކުގެ ހާޒިރީ ބެލެހެއްޓުމާއި، ބައްދަލުވުންތަކަށް ހާޒިރުވާ މެންބަރުން ހާޒިރުވިކަމަށް ސޮއިކުރުމާއި، ބައްދަލުވުންތަކަށް ހާޒިރު ނުވެވޭ ސަބަބު ފޮނުވައިފައިވާ ނަމަ، އެ ކަންކަމުގެ އިދާރީ ބެލެހެއްޓުމުގެ ކަންކަން ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސްއިން ކުރަންވާނެއެވެ.

6 ބުނެވިދިޔަ ގަވާއިދުގެ 15 ވަނަ މާއްދާ އަންނަނިވި ގޮތަށް އިޞްލާޙުކުރުން.

ބައްދަލުވުމުގެ އެޖެންޑާ 15 (ހ) ކުޑަކުދިންގެ ޙައްޤުތައް ރައްކައުތެރި ކުރުމާ ބެހޭ ކައުންސިލުގެ ކޮންމެ ބައްދަލުވުމެއްގައި ވެސް އެޖެންޑާއެއް އޮންނަންވާނެއެވެ. އެ އެޖެންޑާ ކަނޑައަޅާނީ، ކައުންސިލުގެ ރައީސާއި އެހެން މެންބަރުންގެ މަޝްވަރާގެ މަތީން، ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސްއިންނެވެ.

(ށ) ކުޑަކުދިންގެ ޙައްޤުތައް ރައްކައުތެރި ކުރުމާ ބެހޭ ކައުންސިލުގައި ހިމެނޭ ނުވަތަ ތަމްސީލުކުރާ އިދާރާއަކުން ކައުންސިލަށް ވަކިކަމެއް ހުށަހަޅަން ބޭނުންވާނަމަ، އެ ފަރާތް ތަމްސީލުކުރާ ކައުންސިލުގެ މެންބަރަކު މެދުވެރިކޮށް،       އެ ކަމެއް ކައުންސިލަށް ހުށަހެޅިދާނެއެވެ.

7 ބުނެވިދިޔަ ގަވާއިދުގެ 16 ވަނަ މާއްދާ އަންނަނިވި ގޮތަށް އިޞްލާޙުކުރުން.

ބައްދަލުވުންތަކުގެ ޔައުމިއްޔާ ބެލެހެއްޓުން 16 (ހ) ކުޑަކުދިންގެ ޙައްޤުތައް ރައްކައުތެރި ކުރުމާ ބެހޭ ކައުންސިލުގެ ބައްދަލުވުންތަކުގެ ޔައުމިއްޔާއާއި އެ ޔައުމިއްޔާއާ ގުޅޭ ލިޔެކިޔުންތައް ކައުންސިލުގެ މެންބަރުންނަށް ފޮނުވައިގެން ފާސްކުރުމުގެ ކަންކަން، ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސްއިން ބަލަހައްޓަންވާނެއެވެ.

(ށ) ކުޑަކުދިންގެ ޙައްޤުތައް ރައްކައުތެރި ކުރުމާ ބެހޭ ކައުންސިލުގެ ބައްދަލުވުންތަކުގެ ޔައުމިއްޔާ، ކައުންސިލުގެ ބައްދަލުވުމުގައި ބައިވެރިވި މެންބަރުން ސޮއިކޮށް ފާސްކުރަންވާނެއެވެ.

(ނ) ކުޑަކުދިންގެ ޙައްޤުތައް ރައްކައުތެރި ކުރުމާ ބެހޭ ކައުންސިލުން ފާސްކުރާ، ކައުންސިލުގެ ބައްދަލުވުންތަކުގެ ޔައުމިއްޔާ،  ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސްއިން ރައްކައުތެރިކަމާއެކު ބަލަހައްޓަންވާނެއެވެ.

8 ބުނެވިދިޔަ ގަވާއިދުގެ 16 ވަނަ މާއްދާގެ ފަހަތަށް 16-1 ގެ ގޮތުގައި މާއްދާއެއް އިތުރުކުރުން.

މެންބަރުންގެ އެލަވަންސް 16-1. ކައުންސިލުގެ މެންބަރުން ހާޒިރުވާ ބައްދަލުވުންތަކަށް އެލަވަންސެއް ކަނޑައަޅަންވާނެއެވެ. މި އެލަވަންސް ކަނޑައަޅާނީ، ދައުލަތުގެ މާލިއްޔަތުގެ ކަންކަން ބެލެހެއްޓުމުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވާ ވުޒާރާގެ ހުއްދަ ހޯދުމަށްފަހު، މިނިސްޓަރެވެ.

9 ބުނެވިދިޔަ ގަވާއިދުގެ 18 ވަނަ މާއްދާއަށް އަންނަނިވި އަކުރު އިތުރުކުރުން.

18 ވަނަ މާއްދާ

(ނ) "ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސް" ކަމަށް ބުނެފައި އެވަނީ، ޤާނޫނު ނަންބަރު 2019/19 (ކުޑަކުދިންގެ ޙައްޤުތައް ރައްކައުތެރިކުރުމުގެ ޤާނޫނު) ގެ 60 ވަނަ މާއްދާގެ ދަށުން ކުޑަކުދިންގެ ޙައްޤުތައް ރައްކައުތެރިކުރުމަށާއި، އެހީތެރިކަމާއި އަޅައިލުން ބޭނުންވެފައިވާ ކުދިންގެ މަޞްލަޙަތު ޙިމާޔަތްކުރުމަށް ޓަކައި ޚާއްޞަވެގެން މަސައްކަތްކުރުމަށް އެކުލަވައިލައިފައިވާ އިދާރާއަށެވެ.

10 މި ގަވާއިދަށް ޢަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ޝާއިޢުކުރާ ތާރީޚުން ފެށިގެންނެވެ.