އެއްވަނަ ބާބު
ފެށުމާއި ތަޢާރުފު
1ވަނަ މާއްދާ: ތަޢާރުފާއި ނަން
(ހ) މިއީ، ޤާނޫނު ނަންބަރު 2019/19 (ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނު) ގެ ދަށުން ވަގުތީގޮތުން ދައުލަތުގެ ބެލުމުގެ ދަށަށް ގެންނަ ކުދިންނަށް ދައުލަތުން ވަގުތީ ހިޔާވަހިކަން ދިނުމުގެ ގޮތުން އޯލްޓަނޭޓިވް ކެއަރގެ ޚިދުމަތުގެ އުސޫލުތަކާއި، އޯލްޓަނޭޓިވް ކެއަރގެ ޚިދުމަތް ދޭ މަރުކަޒުތަކުގައި މަދުވެގެން ހުންނަންޖެހޭ މިންގަނޑުތައް ކަނޑައެޅުމުގެ ގޮތުން އެ ޤާނޫނުގެ 61 ވަނަ މާއްދާގެ (ހ) ގެ 6 ވަނަ ނަންބަރަށް ރިޢާޔަތްކޮށް، އެ ޤާނޫނުގެ 95 ވަނަ މާއްދާގެ (ށ) އާއި، 131 ވަނަ މާއްދާގެ (ހ) ގެ ދަށުން ބާރުލިބިގެން އެކުލަވައިލައިފައިވާ ގަވާއިދެކެވެ.
(ށ) މި ގަވާއިދަށް ކިޔާނީ، "އޯލްޓަނޭޓިވް ކެއަރގެ ޚިދުމަތާބެހޭ އުސޫލުތައް ކަނޑައެޅުމުގެ ގަވާއިދު" އެވެ.
2ވަނަ މާއްދާ: މަޤްޞަދު
މި ގަވާއިދުގެ މަޤްޞަދަކީ، އަންނަނިވި ކަންކަން ހާސިލުކުރުމެވެ.
(ހ) ޤާނޫނު ނަންބަރު 2019/19 (ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނު) ގެ 95 ވަނަ މާއްދާއަށް ރިޢާޔަތްކޮށް، އޯލްޓަނޭޓިވް ކެއަރގެ ޚިދުމަތް ދޭ މަރުކަޒުތަކުގައި ހުންނަންޖެހޭ ފެންވަރާއި، އެންމެ މަދުވެގެން ހުންނަންޖެހޭ މިންގަނޑުތަކާއި، ސަލާމަތީ މިންގަނޑުތަކާއި، މަރުކަޒުތަކުގައި މަސައްކަތްކުރާ މުވައްޒަފުން ޢަމަލުކުރަންޖެހޭ އުސޫލާއި، އެފަދަ މަރުކަޒުތަކުގައި ބައިތިއްބާ ކުޑަކުދިންނާމެދު ޢަމަލުކުރާނެ އުސޫލާއި، އެ ކުދިންނަށް ލިބެންޖެހޭ ޚިދުމަތްތައް ކަނޑައެޅުން؛
(ށ) އޯލްޓަނޭޓިވް ކެއަރގެ ޚިދުމަތް ދޭ މަރުކަޒުތައް ހިންގުމުގައި ނަގަހައްޓަންޖެހޭ ހަމަތައް ކަނޑައެޅުން؛
(ނ) އޯލްޓަނޭޓިވް ކެއަރގެ ޚިދުމަތް ދޭ މަރުކަޒުތަކުގައި ބައިތިއްބާ ކުޑަކުދިންނަށް ކަށަވަރުކޮށްދޭންޖެހޭ ޙައްޤުތައް ބަޔާންކުރުން؛ އަދި
(ރ) ޤާނޫނު ނަންބަރު 2019/19 (ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނު) ގެ 61 ވަނަ މާއްދާގެ (ހ) ގެ (6) ވަނަ ނަންބަރަށް ރިޢާޔަތްކޮށް، އޯލްޓަނޭޓިވް ކެއަރގެ ޚިދުމަތް ދިނުމުގައި ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސްގެ ޒިންމާތައް ބަޔާންކުރުން.
ދެވަނަ ބާބު
އޯލްޓަނޭޓިވް ކެއަރގެ ޚިދުމަތް ދޭ މަރުކަޒުތަކުގައި ނަގަހައްޓަންޖެހޭ ހަމަތައް
3ވަނަ މާއްދާ: އޯލްޓަނޭޓިވް ކެއަރގެ ޚިދުމަތް ދޭ މަރުކަޒަތަކުގައި ނަގަހައްޓަންޖެހޭ ހަމަތައް
އޯލްޓަނޭޓިވް ކެއަރގެ ޚިދުމަތްދޭ މަރުކަޒުތައް ހިންގަންވާނީ އަންނަނިވި ހަމަތައް ނެގެހެއްޓޭނެ ގޮތުގެ މަތިންނެވެ.
(ހ) ޢާއިލީ މާޙައުލު ނެގެހެއްޓުން؛ ޢާއިލާއަކީ، ކުޑަކުއްޖެއް ހެދިބޮޑުވުމަށް އޮންނަ ޠަބިޢީ މާޙައުލުކަމަށް ދެކި، އޯލްޓަނޭޓިވް ކެއަރގައި ކުދިން ބެހެއްޓުނު ނަމަވެސް، އެންމެ އިސްކަމެއް ދޭންވާނީ ޢާއިލާގެ ތެރެއިން ލިބޭ އަޅައިލުން ކުޑަކުދިންނަށް ފޯރުކޮށްދިނުމަށްޓަކައި، އެ ކުދިންގެ ޢާއިލާއާ ހަވާލުހަވާލުކޮށްގެން ނުވަތަ ފޮސްޓަރކުރާ ފަރާތަކާ ހަވާލުހަވާލުކޮށްގެން ނަމަވެސް، އެ ކުދިން ޢާއިލީ މާޙައުލަކަށް ރީ-އިންޓެގްރޭޓް ކުރުމަށެވެ.
(ށ) ކުއްޖާގެ މަޞްލަޙަތަށް އިސްކަންދިނުން؛ އޯލްޓަނޭޓިވް ކެއަރގެ ޚިދުމަތް ދޭ މަރުކަޒުތަކުގައި ބައިތިއްބާ ކުދިންނާ މުޢާމަލާތު ކުރުމުގައްޔާއި، އެ ކުދިންނާ ގުޅޭ ކަންކަން ނިންމުމުގައި އެންމެ އިސްކަމެއް ދޭންވާނީ ކުއްޖާގެ މަޞްލަޙަތަށް އެންމެ ރަނގަޅު ގޮތް އިސްކުރުމަށެވެ. މިގޮތުން ކުދިންނާ ގުޅޭ ގޮތުން ނިންމާ ކޮންމެ ނިންމުމެއްގައިވެސް އެ ކުދިންގެ ރައްކައުތެރިކަމަށާއި މެދުކެނޑުމެއްނެތި އެ ކުދިންގެ ހެދިބޮޑުވުން ކަށަވަރުކުރުމަށް ރިޢާޔަތްކުރަންވާނެއެވެ.
(ނ) ޒަރޫރީ މުއްދަތަށް ބޭތިއްބުން؛ އޯލްޓަނޭޓިވް ކެއަރގެ ޚިދުމަތް ދޭ މަރުކަޒުތަކުގައި ކުޑަކުދިން ބައިތިއްބަންވާނީ، އެ ކުދިން އެ ތަނެއްގައި ކޮންމެހެން ބައިތިއްބަންޖެހޭ ބޭނުމެއް އޮންނަ މުއްދަތަކަށެވެ.
(ރ) އެކަށީގެންވާ ގޮތަށް އަޅައިލުން ފޯރުކޮށްދިނުން؛ އޯލްޓަނޭޓިވް ކެއަރގެ ޚިދުމަތް ދޭ މަރުކަޒުތަކުގައި ކުޑަކުދިން ބައިތިއްބާއިރު، ކޮންމެ ކުއްޖަކަށް އެކަށީގެންވާ ގޮތަށް އެ ކުއްޖަކަށް އަޅައިލަން ޖެހޭނެއެވެ. ކުއްޖަކަށް އެންމެ އެކަށީގެންވާ ގޮތަށް އަޅައިލުމަށްޓަކައި ކުއްޖާގެ ބޭނުންތަކަށާއި، ކުއްޖާގެ ރައްކައުތެރިކަމަށާއި ހެދިބޮޑުވުމަށް ރިޢާޔަތްކޮށް، އެ ކުއްޖަކަށް ބޭނުންވާ ކަންކަން ދެނެގަތުމަށް ގަވާއިދުން މަސައްކަތް ކުރަންވާނެއެވެ.
(ބ) އެއްބަނޑުއެއްބަފާ ކުދިން ވަކިނުކުރުން؛ ކުއްޖާއާއި އެ ކުއްޖާއާއެކު ދިރިއުޅެމުންދިޔަ އެ ކުއްޖާގެ އެއްބަނޑުއެއްބަފާ ނުވަތަ އެއްބަފާ ނުވަތަ އެއްބަނޑު ކުއްޖަކު އޯލްޓަނޭޓިވް ކެއަރގެ ޚިދުމަތް ދޭ މަރުކަޒެއްގައި ބޭތިއްބުމުގައި، އެ ކުއްޖާއަށް ނުރައްކަލެއް ނެތް ނަމަ، ނުވަތަ އެ ކުއްޖާގެ މަޞްލަޙަތަށް އުނިކަމެއް ނާންނާނޭ ނަމަ، އަދި ކުއްޖާ އެކަމާ ދެކޮޅުނަހަދާނަމަ، އެފަދަ ކުއްޖަކު އެ ކުއްޖާގެ އެއްބަނޑުއެއްބަފާ ނުވަތަ އެއްބަފާ ނުވަތަ އެއްބަނޑު ކުދިންނާ ވަކިނުކުރުމަށް އިސްކަންދޭންވާނެއެވެ. މީގެ ތެރޭގައި، އުމުރުގެ ގޮތުން ދޮށީ އުމުރުފުރައިގެ ކުދިންނަށް ވަކި ޚާއްޞަ މަރުކަޒެއް ހަމަޖައްސައިފައިވުމުގެ ސަބަބުން، އެފަދަ މަރުކަޒެއްގައި ދޮށީ އުމުރުފުރައިގެ ކުދިން ބަހައްޓާ ބެހެއްޓުމެއް ނުހިމެނެއެވެ. އެހެންނަމަވެސް، އެފަދަ ހާލަތެއްގައި، ކުއްޖާއާ ގުޅުން ބަދަހިކުރުމުގެ ފުރުޞަތު ފަހިކޮށްދޭންވާނެއެވެ.
(ޅ) ޢާއިލާއާ ގުޅުން ބޭއްވުމަށް ފުރުޞަތު ދިނުން؛ އޯލްޓަނޭޓިވް ކެއަރގެ ޚިދުމަތް ދޭ މަރުކަޒުތަކުގައި ބައިތިއްބާ ކުދިންގެ އަމިއްލަވަންތަކަމާއި، އައިޑެންޓިޓީ ކުރިއެރުވުމަށާއި ޢާއިލާއަކަށް ނިސްބަތްވާކަން އިޙްސާސް ކޮށްދިނުމަށް ޓަކައި، ކޮންމެ ކުއްޖަކަށްވެސް އެ ކުއްޖެއްގެ ޢާއިލާއާ ގުޅުން ބޭއްވުމުގެ ޙައްޤު ލިބިގެންވާކަމަށް ދެކި، އެކަމަށް މަގުފަހިކޮށްދޭންވާނެއެވެ.
(ކ) ގެއްލުން ނުދިނުން؛ އޯލްޓަނޭޓިވް ކެއަރގެ ޚިދުމަތް ދޭ މަރުކަޒުތަކުގައި ބައިތިއްބާ ކުދިންނަށް، މަރުކަޒުތަކުގެ ތެރޭގައި ތިބޭ ތިބުމުގައި، އެއްވެސް ގެއްލުމެއް ލިބިގެން ނުވާނެއެވެ. މިގޮތުން، ކުއްޖާގެ ހެދިބޮޑުވުމަށް ނުރަނގަޅު އަސަރު ފޯރައިފާނޭ ކަންކަންވެސް ކޮށްގެން ނުވާނެއެވެ.
(އ) ރައްކައުތެރިކަން ފޯރުކޮށްދިނުން؛ އޯލްޓަނޭޓިވް ކެއަރގެ ޚިދުމަތް ދޭ މަރުކަޒެއްގެ ފަރާތުން، އެ މަރުކަޒެއްގެ ތެރޭގައި ހިންގާ ޕްރޮގްރާމްތަކާއި މަރުކަޒުން ބޭރުގައި ހިންގާ ޕްރޮގްރާމްތައް ވާންވާނީ އެ ކުދިން ރަހީނު ކުރުމުންނާއި، ޓްރެފިކް ކުރުމުންނާއި، ހުރިހާ ބާވަތެއްގެ ގޯނާއިންނާއި، އިހުމާލުންނާއި، އަނިޔާއިންނާއި އެކްސްޕްލޮއިޓޭޝަންގެ ޢަމަލުތަކުން ރައްކައުތެރިވެފައިވާ ޕްރޮގްރާމްތަކަކަށެވެ. އަދި މިފަދަ ޢަމަލެއް އެ މަރުކަޒެއްގައި ތިބޭ މުވައްޒަފުންގެ ފަރާތުން، ނުވަތަ އެ ކުދިންނާ ވާސިލުވެވޭނެ ތިންވަނަ ފަރާތެއްގެ ފަރާތުން ނުވަތަ އެއް ކުއްޖަކު އަނެއް ކުއްޖެއްގެ ފަރާތުންވިޔަސް އެ މަރުކަޒެއްގައި ބައިތިއްބާ ކުދިންނަށް ރައްދުވެގެން ނުވާނެއެވެ.
(ވ) ޕްރޮފެޝަނަލްކޮށް މަސައްކަތްކުރުން؛ އޯލްޓަނޭޓިވް ކެއަރގެ ޚިދުމަތް ދޭ މަރުކަޒުތަކުގައި މަސައްކަތްކުރާ މުވައްޒަފުން މަސައްކަތް ކުރަންވާނީ ނަޒާހަތްތެރިކޮށެވެ. އަދި އެ ފަރާތްތަކަށް ކުދިންނާއި ޢާއިލާގެ ފަރާތުން ދީފައިވާ އިތުބާރު ނުވަތަ ބާރު ނަހަމަގޮތެއްގައި ބޭނުންކޮށްގެން ނުވާނެއެވެ. މިގޮތުން، އެ ފަރާތްތަކުން ދޭ ޚިދުމަތެއްގެ ބަދަލުގައި ނުވަތަ އެހީތެރިކަމެއްގެ ބަދަލުގައި، އެއްވެސް ފަރާތަކުން ދޭ ހަދިޔާއެއް، ނުވަތަ ފައިސާއެއް، ނުވަތަ ކޮށްދޭ ކަމެއް ޤަބޫލުކޮށްގެން ނުވާނެއެވެ.
(މ) ކަރާމާތާއި، އިޙްތިރާމާއި، ބައިވެރިވުން؛ އޯލްޓަނޭޓިވް ކެއަރގެ ޚިދުމަތް ދޭ މަރުކަޒުތަކުގައި ބައިތިއްބާ ކުދިންނާ ހުރިހާ ހާލަތެއްގައިވެސް މުޢާމަލާތު ކުރަންވާނީ އިޙްތިރާމާއެކު، އެ ކުދިންގެ ކަރާމާތްތެރިކަން ރައްކައުތެރިވާ ފަދަ ގޮތެއްގެ މަތިންނެވެ. އަދި ކުދިންނާ އެކަށީގެންވާ ގޮތެއްގައި މަޢުލޫމާތު ލިބުމުގެ ޙައްޤު އެ ކުދިންނަށް ލިބިގެންވާކަން ޤަބޫލުކޮށް، އެ ކުދިންނާ ގުޅޭ ކޮންމެ ނިންމުމެއްގައި އެ ކުދިންގެ ބައިވެރިވުން ހޯދަންޖެހޭނެކަމަށް ދެކެންވާނެއެވެ.
(ފ) ޖަވާބުދާރީވުން؛ އޯލްޓަނޭޓިވް ކެއަރގެ ޚިދުމަތް ދޭ މަރުކަޒުތަކުގައި މަސައްކަތްކުރާ މުވައްޒަފުން، އެ މުވައްޒަފުން ކުރާ ކަންކަމަށާއި، އެ ކަންކަމުން ނުކުންނަ ނަތީޖާތަކަށް ޖަވާބުދާރީވާން ޖެހޭނެއެވެ. މިގޮތުން، އޯލްޓަނޭޓިވް ކެއަރގެ ޚިދުމަތް ދޭ މަރުކަޒުތަކުގައި ކުދިން ބޭތިއްބުމަށް ޤާނޫނުން ދައުލަތުގެ މައްޗަށް މަތިކޮށްފައިވާ ޒިންމާއަކީ އެތައް ބައެއްގެ ޙައްޤާއި މަޞްލަޙަތު ހިމެނޭ އަމާނާތެއް ކަމަށް އޮންނަ އޮތުމަށް ބަލައި، އެ މަރުކަޒުތަކަކީ، އެ ތަނުގައި ބައިތިއްބާ ކުދިންނަށާއި، އެ ކުދިންގެ ޢާއިލާތަކަށާއި، މުޖުތަމަޢަށް ޖަވާބުދާރީވާންޖެހޭނެ ތަންތަނެވެ.
4ވަނަ މާއްދާ: ޕްރޮފެޝަނަލް ކޯޑު އޮފް ކޮންޑަކްޓާއި، ކުޑަކުދިން ރައްކައުތެރިކުރުމުގެ ޕޮލިސީ
(ހ) ކުޑަކުދިންގެ ޙައްޤުތައް ރައްކައުތެރިކުރުމާބެހޭ ކައުންސިލުގެ ލަފާގެ މަތިން މިނިސްޓަރު އަންގާ ގޮތެއްގެ މަތިން ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސްއިން އަންނަނިވި މިންގަނޑުތައް އެކުލަވައިލަންވާނެއެވެ.
-1 އޯލްޓަނޭޓިވް ކެއަރގެ ޚިދުމަތް ދޭ މަރުކަޒުތަކުގައި މަސައްކަތްކުރާ މުވައްޒަފުން ޢަމަލުކުރަންޖެހޭ ޕްރޮފެޝަނަލް ކޯޑު އޮފް ކޮންޑަކްޓް؛ އަދި
-2 އޯލްޓަނޭޓިވް ކެއަރގެ ޚިދުމަތް ދޭ ކޮންމެ މަރުކަޒަކުން ޢަމަލުކުރަންޖެހޭ ކުޑަކުދިން ރައްކައުތެރިކުރުމުގެ ޕޮލިސީ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މިންގަނޑުތައް، މި ގަވާއިދަށް ޢަމަލުކުރަން ފަށާ ތާރީޚުން ފެށިގެން 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި، ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސްއިން އެކުލަވައިލައި، ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢު ކުރަންވާނެއެވެ.
ތިންވަނަ ބާބު
އޯލްޓަނޭޓިވް ކެއަރގެ ޚިދުމަތް ދޭ މަރުކަޒުތަކުގައި ބައިތިއްބާ ކުދިންނަށް ކަށަވަރުކޮށްދޭންޖެހޭ ޙައްޤުތައް
5ވަނަ މާއްދާ: އޯލްޓަނޭޓިވް ކެއަރގެ ޚިދުމަތް ދޭ މަރުކަޒުތަކުގައި ބައިތިއްބާ ކުދިންނަށް ކަށަވަރު ކޮށްދޭންޖެހޭ ޙައްޤުތައް
އަންނަނިވި ޙައްޤުތަކަކީ، އޯލްޓަނޭޓިވް ކެއަރގެ ޚިދުމަތް ދޭ މަރުކަޒުތަކުގައި ބައިތިއްބާ ކޮންމެ ކުއްޖަކަށް ކަށަވަރުކޮށްދޭންޖެހޭނެ ޙައްޤުތަކެކެވެ.
(ހ) ކުއްޖާގެ މައިންބަފައިންނާ ނުވަތަ ބެލެނިވެރިންނާ ނުވަތަ ކުއްޖާއަށް އަޅައިލުމާއި ރައްކައުތެރިކަން ފޯރުކޮށްދިނުމުގެ އެންމެ އިސް ދައުރެއް އަދާކުރާ ފަރާތާ ވަކިވާންޖެހުނު ސަބަބު އެނގުމުގެ ޙައްޤު؛
(ށ) ކުއްޖާ، އޯލްޓަނޭޓިވް ކެއަރގެ ޚިދުމަތް ދޭ މަރުކަޒަކަށް ގެނައި ސަބަބު އެނގުމުގެ ޙައްޤު؛
(ނ) ކުއްޖާ، އޯލްޓަނޭޓިވް ކެއަރގެ ޚިދުމަތް ދޭ މަރުކަޒެއްގައި ހުންނާނެ ކަމަށް އަންދާޒާކުރެވޭ މުއްދަތު ވަކި ގޮތަކަށް ކަނޑައަޅައިފައި އޮތް އޮތުމުގެ ސަބަބު އެނގުމުގެ ޙައްޤު؛
(ރ) އޯލްޓަނޭޓިވް ކެއަރގެ ޚިދުމަތް ދޭ މަރުކަޒެއްގައި ކުއްޖާ ހުންނައިރު، ކުއްޖާއާމެދު އެ މަރުކަޒުން އަދާކުރަންޖެހޭ ޒިންމާތަކާއި، އެ ކުއްޖާއާމެދު ޢަމަލުކުރެވޭނެ ގޮތް އެނގުމުގެ ޙައްޤު. އަދި ކުއްޖާގެ ޒިންމާތަކާއި، ކުއްޖާ ޢަމަލުކުރަންޖެހޭނެ ގޮތް އެނގުމުގެ ޙައްޤު؛
(ބ) ޝަކުވާ ހުށަހަޅަން ހަމަޖެހިފައިވާ ގޮތް އެނގުމުގެ ޙައްޤު؛
(ޅ) ކުއްޖާގެ މަޞްލަޙަތަށް އެންމެ ރަނގަޅު ގޮތް ކަމަށްވާ، ހާލަތަށް ބަލައި، ކުއްޖާގެ ޢާއިލާއާ ބައްދަލުކޮށް ގުޅުން ބޭއްވުމަށް ކަންކަން ހަމަޖެހިފައިވާ ގޮތް އެނގުމުގެ ޙައްޤު؛
(ކ) ކުއްޖާއަށް ބޭނުންވާ ޞިއްޙީ ފަރުވާ ލިބުމުގެ ޙައްޤު؛
(އ) ކުއްޖާއަށް ބޭނުންވެއްޖެ ހިނދެއްގައި، ސައިކޮލޮޖިކަލް އެހީތެރިކަމާއި ކައުންސިލިންގ ލިބުމުގެ ޙައްޤު؛
(ވ) ކުއްޖާގެ ކޭސް މެނޭޖްމަންޓު ހަދާނެ ކަނޑައެޅިފައިވާ ކޭސް ވާރކަރެއް ލިބުމާއި، ކުއްޖާ ރީ-އިންޓެގްރޭޓް ކުރުމަށް ޓަކައި ދައުލަތުގެ ފަރާތުން އެހީތެރިކަން ލިބުމުގެ ޙައްޤު؛
(މ) ކުއްޖާގެ ކޭސް ފައިލް ބެލުމުގެ ޙައްޤާއި، ކުއްޖާގެ ކެއަރ ޕްލޭން އެކުލަވައިލުމުގައި ބައިވެރިވުމުގެ ޙައްޤު؛
(ފ) ކުއްޖާއަށް އަސަރުކުރާނެ ނިންމުންތަކާ ގުޅޭ ގޮތުން ޚިޔާލު ފާޅުކުރުމާއި، ކުއްޖާ ބޭނުންވާ ގޮތް ފާޅުކުރުމުގެ ޙައްޤު؛
(ދ) ކުއްޖާއާ ގުޅޭ މުހިންމު ކަންކަން ކަމުގައިވާ، ކުއްޖާއަށް އަޅައިލުމުގައްޔާއި، ކުއްޖާއަށް ޞިއްޙީ ފަރުވާ ދިނުމުގައްޔާއި، ތަޢުލީމާއި ޢާއިލާ ހޯދުމުގައި އަދި ރީ-އިންޓެގްރޭޓް ކުރުމުގައި ކުއްޖާއާއެކު މަޝްވަރާކުރުމުގެ ޙައްޤު؛
(ތ) އެކަށީގެންވާ މިންވަރަކަށް ޕްރައިވަސީ ލިބުމާއި، ހުއްދަކޮށްފައިވާ ނިސްބަތަކަށް އަމިއްލަ ތަކެތި ގެންގުޅުމުގެ ޙައްޤު؛
(ލ) ކުއްޖާގެ ބޭނުންތަކަށް ފެތޭ ތަޢުލީމު ލިބުމާއި، އަރާމުކުރުމާއި، މުނިފޫހިފިލުވުމާއި، ކަސްރަތުކުރުމުގެ ޙައްޤު؛
(ގ) ދުޅަހެޔޮކަންމަތީގައި ހުރެވޭ ފަދަ ފެންވަރު ރަނގަޅު ކާނާ ލިބުމާއި، ކުއްޖާގެ ގަޔަށް ހެޔޮވަރު އަދި އެކަށީގެންވާ ގޮތެއްގައި ރައްކައުތެރި އަންނައުނު ލިބުމުގެ ޙައްޤު؛
(ޏ) ހުއްދަކޮށްފައިވާ ނިސްބަތަކަށް، ތިންވަނަ ފަރާތަކުން މޮނިޓަރކުރުމެއް ނެތި ސިޓީ ފޮނުވުމާއި ސިޓީ ލިބުމުގެ ޙައްޤު؛
(ސ) ތަނެއްގައި ބަންދުކޮށްފައި ނުބެހެއްޓުމާއި، އަމިއްލަ އިޚްތިޔާރުގައި މަރުކަޒުގެ ތެރޭގައި އެއް ތަނުން އަނެއް ތަނަށް ނުދެވޭ ގޮތަށް ހިފެހެއްޓުމުން ރައްކައުތެރިވުމުގެ ޙައްޤު؛
(ޑ) އެއްވެސް ބާވަތެއްގެ ޖިސްމާނީ އަދަބުން ރައްކައުތެރިވުމުގެ ޙައްޤު؛
(ޒ) އޯލްޓަނޭޓިވް ކެއަރގެ ޚިދުމަތް ދޭ މަރުކަޒެއްގައި ކުއްޖާ ބަހައްޓައިފައި ހުންނަ ހުރުމާ ގުޅޭ ހުރިހާ ކަމަކާއި، ކުއްޖާ ބަހައްޓައިފައި ހުންނަ ހުރުން އެންމެ މަދުވެގެން ކޮންމެ 90 (ނުވަދިހަ) ދުވަހަކުން މުރާޖަޢާ ކުރުމުގެ ޙައްޤު؛ އަދި
(ޓ) މި މާއްދާގައި ބަޔާންކޮށްފައިވާ އެންމެހައި ޙައްޤުތަކެއް ކުއްޖާގެ މައިންބަފައިންނަށް ނުވަތަ ބެލެނިވެރިންނަށް ކިޔައިދީ އެނގުމުގެ ޙައްޤާއި، އެ ފަރާތްތަކުން ޝަކުވާ ހުށަހަޅާނެ ގޮތް އެ ފަރާތްތަކަށް އެނގުމުގެ ޙައްޤު.
6ވަނަ މާއްދާ: ޢާއިލާއާ ގުޅުން ބާއްވާއިރު މޮނިޓަރކުރުން
(ހ) މި ގަވާއިދުގެ 5 ވަނަ މާއްދާގެ (ޅ) ގެ ބޭނުމަށް، ޢާއިލާއާ ކުއްޖާ ބައްދަލުކުރާއިރު، ނުވަތަ ފޯނުން ވާހަކަދައްކާއިރު، އެ ކަމެއް މޮނިޓަރކުރެވޭނީ، އެއީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމުގައި ވާނަމައެވެ. އަދި އެކަން ކުރަންޖެހޭނީ، މި ގަވާއިދުގެ ދަށުން ހަދާ އުސޫލާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.
(ށ) މި މައްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ހަމަތަކާ އެއްގޮތްވާ ގޮތުގެ މަތިން، ކުއްޖަކު ޢާއިލާއާ ގުޅުން ބާއްވާއިރު މޮނިޓަރކުރަން ޖެހޭކަމަށް ކަނޑައަޅާނެ ގޮތުގެ އުސޫލެއް، ކުޑަކުދިންގެ ޙައްޤުތައް ރައްކައުތެރިކުރުމާބެހޭ ކައުންސިލުން ދޭ ލަފާގެ މައްޗަށް ބިނާކޮށް މިނިސްޓަރު އަންގާ ގޮތެއްގެ މަތިން، ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސްއިން އެކުލަވައިލަންވާނެއެވެ.
(ނ) މި މާއްދާ ގައި ބަޔާންކޮށްފައިވާ އުސޫލު، މި ގަވާއިދަށް ޢަމަލުކުރަން ފަށާ ތާރީޚުން ފެށިގެން 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި، ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސްއިން އެކުލަވައިލައި، ދިވެހި ސަރުކާރުގެ ގެޒެޓުގައި އެ ގަވާއިދު ޝާއިޢުކުރަންވާނެއެވެ.
7ވަނަ މާއްދާ: ކުއްޖާގެ ޢާއިލާއާ ކުއްޖާ ބައްދަލުކުރުން ހަނިކުރުމުގެ ބާރު
(ހ) މި ގަވާއިދުގެ 5 ވަނަ މާއްދާގެ (ޅ) ގެ ބޭނުމަށް، ކުޑަކުދިންގެ ޙައްޤުތައް ރައްކައުތެރިކުރުމާބެހޭ ކައުންސިލުގެ ލަފާގެ މަތިން ކުއްޖާގެ ޢާއިލާއާ ކުއްޖާއާ ބައްދަލުކުރުން ހަނިކުރުމުގެ ބާރު މިނިސްޓަރަށް ލިބިގެންވެއެވެ.
(ށ) މި މައްދާގ (ހ) ގެ މަޤްޞަދަށްޓަކައި، ކުއްޖާގެ ޢާއިލާއާ ކުއްޖާއާ ބައްދަލުކުރުން ހަނިކުރެވޭނެ ހާލަތްތަކާއި އުސޫލުތައް، މި ގަވާއިދުގެ 6 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ އުސޫލުގައި ހިމަނަންވާނެއެވެ.
(ނ) މި މާއްދާގެ ދަށުން މިނިސްޓަރަށް ލިބިދޭ ބާރުގެ ދަށުން ކުއްޖާގެ ޢާއިލާއާ ކުއްޖާ ބައްދަލުކުރުން ހަނިކުރާ ކުރުމަކާ ބެހޭ ގޮތުން ކުއްޖާގެ ނުވަތަ ކުއްޖާގެ ޢާއިލާގެ އެއްވެސް ޝަކުވާއެއް އޮވެއްޖެނަމަ، ޤާނޫނު ނަންބަރު 2019/19 (ކުޑަކުދިންގެ ޙައްޤުތައް ރައްކައުތެރިކުރުމުގެ ޤާނޫނު) ގެ 34 ވަނަ މާއްދާގެ (ރ) ގައިވާ ގޮތުގެ މަތިން، ދައުލަތުގެ ކަމާބެހޭ އިދާރާތަކަށާއި ޝަރުޢީ ކޯޓުތަކަށް އެ ކަމެއް ހުށަހެޅުމުގެ ޙައްޤު އެ ފަރާތްތަކަށް ލިބިގެންވެއެވެ.
8ވަނަ މާއްދާ: އަމިއްލަ ތަކެތި ގެންގުޅުމާއި، ސިޓީ ފޮނުވުމާއި، ސިޓީ ލިބުމުގެ ޙައްޤު
މި ގަވާއިދުގެ 5 ވަނަ މާއްދާގެ (ތ) އާއި (ޏ) ގެ ބޭނުމަށް، އޯލްޓެނޭޓިވް ކެއަރގެ ޚިދުމަތް ދޭ މަރުކަޒުތަކުގައި ބައިތިއްބާ ކުދިންނަށް ގެންގުޅެވޭނެ އަމިއްލަ ތަކެއްޗަކީ ކޮބައިކަމާއި، އެ ކުދިން ފޮނުވާ ސިޓީއާއި އެ ކުދިންނަށް ލިބޭ ސިޓީ މޮނިޓަރކުރެވޭނެ ހާލަތްތަކާއި މޮނިޓަރކުރުމާބެހޭ އުސޫލު، ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސްއިން ކަނޑައަޅަންވާނެއެވެ. އަދި މި އުސޫލު، މި ގަވާއިދަށް ޢަމަލުކުރަން ފަށާ ތާރީޚުން ފެށިގެން 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސްއިން އެކުލަވައިލައި، ދިވެހިސަރުކާރުގެ ގެޒެޓުގައި އެ އުސޫލު ޝާއިޢު ކުރަންވާނެއެވެ.
ހަތަރުވަނަ ބާބު
އޯލްޓަނޭޓިވް ކެއަރގެ ޚިދުމަތް ދޭ މަރުކަޒުތަކަށް ކުދިން ބަދަލުކުރުމުގައި ޢަމަލުކުރަންޖެހޭ އުސޫލު
9ވަނަ މާއްދާ: އޯލްޓަނޭޓިވް ކެއަރގެ ޚިދުމަތް ދޭ މަރުކަޒުތަކުގައި ބޭތިއްބޭނެ ކުދިން
އަންނަނިވި ހާލަތްތަކުގައިވާ ކުޑަކުދިން، އޯލްޓަނޭޓިވް ކެއަރގެ ޚިދުމަތް ދޭ މަރުކަޒުތަކުގައި ބައިތިއްބައިގެން ބެލެހެއްޓުމުގެ އިޚްތިޔާރު، ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސްއަށް ލިބިގެންވެއެވެ.
(ހ) މައިންބަފައިން، ނުވަތަ ބެލެނިވެރިން ނުވަތަ ޝަރުޢީ ބަލަދުވެރިން ދުނިޔޭގައި ތިބެ، ރައްކައުތެރި މާޙައުލެއް ފޯރުކޮށްނުދެވޭ ހާލަތްތައް މެދުވެރިވެފައިވާ ކުޑަކުދިންނާއި، މައިންބަފައިން ނުވަތަ ބެލެނިވެރިން އިހުމާލުވެގެން ނުވަތަ އަނިޔާއެއް ކޮށްގެން ދައުލަތުން ރައްކައުތެރިކަން ފޯރުކޮށްދޭ ކުޑަކުދިން؛
(ށ) ޤާނޫނީ ކުށެއްގެ ސަބަބުން ޙުކުމް ތަންފީޛު ކުރުމަށް ޓަކައި މައިންބަފައިން ނުވަތަ ބަލަދުވެރިޔާ ޖަލުގައި ޙުކުމް ތަންފީޛުކުރަން ދާންޖެހޭ މީހުންގެ ކުދިން؛
(ނ) ސިކުނޑީގެ ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ތެރެއިން، އެ ކުއްޖާގެ ބަލީގެ ސަބަބުން ޢާއިލާގެ ތެރޭގައްޔާއި މުޖުތަމަޢުގެ ތެރޭގައި ނުގެންގުޅެވޭ ވަރަށް ބަލިހާލަތު ގޯސްވެ އެ ކުއްޖާގެ ފަރާތުން ބަޔަކަށް ނުރައްކާވެދާނެ ފަދަ ޢަމަލުތައް ނުވަތަ އަމިއްލަ ނަފްސަށް ނުރައްކާވެދާނެ ފަދަ ޢަމަލުތައް ކުރާ ކުދިން؛
(ރ) ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ތެރެއިން އެ ކުދިންގެ މައިންބަފައިން ނުވަތަ ޝަރުޢީ ބަލަދުވެރިން ނުބަލާ ދޫކޮށްލާ ކުދިން؛
(ބ) ގެވެށި އަނިޔާގެ މައްސަލަތަކުގައި ވަގުތީ ރައްކައުތެރިކަން ބޭނުންވާ ކުދިން؛
(ޅ) އެހެން ފަރާތެއްގެ ބެލެހެއްޓުމުގެ ޒިންމާ އުފުލުމަށް ޢުޛުރުވެރިވާ ނުވަތަ ނުކުޅެދިފައިވާ ޝަރުޢީ ބަދަލުވެރިއެއްގެ ބެލުމުގެ ދަށުގައިވާ ކުދިން؛
(ކ) ޔަތީމު ކުދިން ނުވަތަ މިސްކީނު ކުދިންގެ ތެރެއިން ޝަރުޢީ އެއްވެސް ބަލަދުވެރިޔަކު ދުނިޔޭގައި ނެތި އަޅައިލާނެ މީހަކު ނެތް ކުދިން؛
(އ) އެހެން ޤާނޫނެއްގެ ދަށުން ދައުލަތުގެ ބެލުމުގެ ދަށަށް ގެންނަންޖެހޭ ކަމަށް ކަނޑައަޅައިފައިވާ ކުދިން.
10ވަނަ މާއްދާ: އެންމެ ފަހުގެ ފިޔަވަޅެއްގެ ގޮތުގައި މެނުވީ އޯލްޓަނޭޓިވް ކެއަރއަށް ބަދަލުނުކުރުން
ޤާނޫނު ނަންބަރު 2019/19 (ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނު) ގެ 97 ވަނަ މާއްދާގެ މަޤްޞަދަށްޓަކައި، ކުއްޖަކު އޯލްޓަނޭޓިވް ކެއަރގެ ޚިދުމަތް ދޭ މަރުކަޒަކަށް ބަދަލުކުރެވެނީ އެންމެ ފަހުގެ ފިޔަވަޅެއްގެ ގޮތުގައި ކަން ކަށަވަރު ކުރުމަށް ޓަކައި، އެފަދަ ފިޔަވަޅެއް އެޅުމުގެ ކުރިން ފުރިހަމަ ކުރަންޖެހޭ ކަމަށް ޤާނޫނު ނަންބަރު 2019/19 (ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނު) އާއި އެ ޤާނޫނުގެ ދަށުން އެކުލަވައިލައިފައިވާ ގަވާއިދުތަކުގައި ބަޔާންކޮށްފައިވާ ފިޔަވަޅުތައް ފުރިހަމަކުރަންވާނެއެވެ.
11ވަނަ މާއްދާ: އޯލްޓަނޭޓިވް ކެއަރގެ ޚިދުމަތް ދޭ މަރުކަޒަކަށް ބަދަލުކުރުމުގެ ކުރިން ކަށަވަރުކުރަންޖެހޭ ކަންކަން
ކުއްޖަކު، އޯލްޓަނޭޓިވް ކެއަރގެ ޚިދުމަތް ދޭ މަރުކަޒަކަށް ބަދަލުކުރުމުގެ ކުރިން، ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސްއިން ވެވުނު މިންވަރަކުން ކުއްޖާގެ މަޞްލަޙަތަށް ރިޢާޔަތްކޮށް، އަންނަނިވި ކަންކަން ކަށަވަރުކުރަންވާނެއެވެ.
(ހ) ހުންނާނެ ތަނެއް ހަމަޖައްސައިދިނުމުގައި، އެކަމާމެދު ކުއްޖާ ދެކޭ ގޮތް ހޯދުން؛ އަދި
(ށ) ކުއްޖާގެ ޢުމުރާއި ކަންކަން ފަހުމްވާ މިންވަރަށް ބަލައި، އެ ކުއްޖާ ބޭނުންވާ ގޮތަށް ކަންކަން ކޮށްދެވޭތޯ ބެލުން.
12ވަނަ މާއްދާ: އޯލްޓަނޭޓިވް ކެއަރގެ ޚިދުމަތް ދޭ މަރުކަޒަކަށް ބަދަލުކުރުމަށްފަހު ކުރަންޖެހޭ ކަންކަން
ކުއްޖަކު، އޯލްޓަނޭޓިވް ކެއަރގެ ޚިދުމަތް ދޭ މަރުކަޒަކަށް ބަދަލުކުރުމަށްފަހު، ޤާނޫނު ނަންބަރު 2019/19 (ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނު) އާއި އެ ޤާނޫނުގެ ދަށުން އެކުލަވައިލައިފައިވާ ގަވާއިދުތަކުގައި ބަޔާންކޮށްފައިވާ އެންމެހައި ފިޔަވަޅުތަކަކަށް، ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސްއިން ފުރިހަމައަށް ޢަމަލުކުރަންވާނެއެވެ.
ފަސްވަނަ ބާބު
އޯލްޓަނޭޓިވް ކެއަރގެ ޚިދުމަތް ދޭ މަރުކަޒުތަކަށް އެޑްމިޝަން ހެދުން
13ވަނަ މާއްދާ: ކުއްޖަކު އޯލްޓަނޭޓިވް ކެއަރގެ ޚިދުމަތް ދޭ މަރުކަޒަކަށް ގެންދިއުމުގެ ކުރިން ކުރަންޖެހޭނެ ކަންކަން
(ހ) އޯލްޓަނޭޓިވް ކެއަރގެ ޚިދުމަތް ދޭ މަރުކަޒަކަށް ކުއްޖަކު ގެންދިއުމުގެ ކުރިން ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސްއިން އެ މައްސަލަ ބަލަމުންދާ ކޭސް ވާރކަރ، އަންނަނިވި މަޢުލޫމާތުތަކުގެ މައްޗަށް ހިމެނޭ އެންޓްރީ ރިޕޯޓެއް ތައްޔާރު ކުރަންވާނެއެވެ. މި އެންޓްރީ ރިޕޯޓުގެ މަޤްޞަދަކީ، ކުއްޖާގެ ބެލެހެއްޓުމާ ހަވާލުވާ މަރުކަޒަށް އެ ކުއްޖާ ގެނައުމުގެ ކުރިން ވާންޖެހޭ ތައްޔާރީ ވުމަށްޓައި ބޭނުންވާ މަޢުލޫމާތު ދިނުމެވެ.
-1 ކުއްޖާގެ ސޯޝަލް ހިސްޓްރީއާބެހޭ މަޢުލޫމާތު؛
-2 ކުއްޖާއާބެހޭ ޕަރމަނަންސީ ޕްލޭން؛
-3 ކުއްޖާއަކީ ޚާއްޞަ އެހީތެރިކަމަށް ބޭނުންވާ ކުއްޖެއް ނަމަ، އެ ކަންކަން؛
-4 ކުއްޖާއަށް މުހިންމު ފަރާތްތަކާ ގުޅޭނެ މަޢުލޫމާތު (މިސާލަކަށް: ކުއްޖާގެ މައިންބަފައިން ނުވަތަ ބެލެނިވެރިން)؛ އަދި
-5 ކޭސް ވާރކަރުގެ މަޢުލޫމާތާއި، އެ ފަރާތާ ގުޅޭނެ މަޢުލޫމާތު.
(ށ) އޯލްޓަނޭޓިވް ކެއަރގެ ޚިދުމަތް ދޭ މަރުކަޒަކަށް ގެންދާ ކުއްޖެއްގެ ކޭސް ފައިލުގެ ކޮޕީއެއް، ކުއްޖާ ބަހައްޓާ މަރުކަޒުގައި ހުންނަ ސުޕަވައިޒަރަކަށް، މައްސަލައިގެ ކޭސް ވާރކަރު ދޭންވާނެއެވެ. އަދި މި ގަވާއިދުގައިވާ ގޮތުގެ މަތިން ކުއްޖާއަށް މަރުކަޒުގައި ކޭސް ވާރކަރެއް ހަމަޖެހުމުން، އެ ފަރާތަކާ މި ފައިލު ހަވާލު ކުރަން ވާނެއެވެ.
14ވަނަ މާއްދާ: ކުއްޖަކު އޯލްޓަނޭޓިވް ކެއަރގެ ޚިދުމަތް ދޭ މަރުކަޒަކަށް ގެންދިއުން
(ހ) ކުއްޖަކު އޯލްޓަނޭޓިވް ކެއަރގެ ޚިދުމަތް ދޭ މަރުކަޒަކަށް ގެންދަންވާނީ މައްސަލައިގެ ކޭސް ވާރކަރުގެ ހާޒިރުގައެވެ. ނުވަތަ ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސްއިން ކަނޑައަޅާ އިދާރާއެއްގެ މުވައްޒަފެއްގެ ހާޒިރުގައެވެ.
(ށ) ކުއްޖަކު އޯލްޓަނޭޓިވް ކެއަރގެ ޚިދުމަތް ދޭ މަރުކަޒަކަށް ގެންދާއިރު، އެ ކުއްޖާގެ މަޞްލަޙަތަށް އުނިކަމެއް ނާންނެކަމަށް ބެލެވޭނަމަ، އަދި އެ ކުއްޖަކު ބޭނުންވާނަމަ، އެ ކުއްޖާ އިތުބާރުކުރާ ފަރާތެއް އެ ކުއްޖަކާއެކު ދަތުރުކުރުމަށް މި ގަވާއިދުގެ ދަށުން ހުރަހެއް ނެތެވެ.
15ވަނަ މާއްދާ: ކުއްޖަކު އޯލްޓަނޭޓިވް ކެއަރގެ ޚިދުމަތް ދޭ މަރުކަޒަކަށް ގެންދިއުމުން ކުއްޖާއާ ހަވާލުވުން
(ހ) ކުއްޖަކު އޯލްޓަނޭޓިވް ކެއަރގެ ޚިދުމަތް ދޭ މަރުކަޒަކަށް ގެންދިއުމުން، އެ ވަގުތެއްގައި ޑިއުޓީގައި ހުންނަ ސުޕަވައިޒަރު ކުއްޖާއާ ހަވާލުވެ، ކުއްޖާގެ އެޑްމިޝަންގެ މަރުޙަލާ ވިލަރެސްކުރަންވާނެއެވެ.
(ށ) ކުއްޖަކު އޯލްޓަނޭޓިވް ކެއަރގެ ޚިދުމަތް ދޭ މަރުކަޒަކަށް ގެންދިއުމުން، އެންމެ ފުރަތަމަ ހިނދުން ފެށިގެންވެސް ކުއްޖާއަށް ރައްކައުތެރިކަން އިޙްސާސްވުމަކީ މުހިންމު ކަމެކެވެ. މިގޮތުން، އެ ވަގުތެއްގައި ޑިއުޓީގައި ހުންނަ ސުޕަވައިޒަރު އެ ކުއްޖާއާ އެންމެ ފުރަތަމަ ބައްދަލުވާ ހިނދު، އެ ފަރާތުން، އެންމެ މަދުވެގެން ވެސް، އަންނަނިވި މަޢުލޫމާތު އެ ކުއްޖާއަށް ދޭންވާނެއެވެ.
-1 ކުއްޖާ އެ މަރުކަޒަށް ގެނައި ސަބަބު؛
-2 އެ މަރުކަޒުގައި ކުއްޖާ ހުންނާނެ ކަމަށް ބެލެވޭ މުއްދަތު؛
-3 އެޑްމިޝަން މަރުޙަލާ ހިނގާނެ ގޮތް؛ އަދި
-4 ކުރިއަށް އޮތް ދުވަސްތައް ރޭވިފައިވާ ގޮތުގެ ޚުލާޞާއެއް.
(ނ) އޯލްޓަނޭޓިވް ކެއަރގެ ޚިދުމަތް ދޭ މަރުކަޒަކަށް ގެނެސްފައިވާ ކުއްޖަކީ، އެ ކުއްޖެއްގެ ފުރާނައަށް ގެއްލުން ލިބޭ ފަދަ ހާދިސާއެއް ދާދި ފަހުން ތަޖުރިބާކުރަން ޖެހިފައިވާ ކުއްޖެއްނަމަ، ނުވަތަ ބަލި ހާލަތު ގޯސްވެފައިވާ ކުއްޖެއްނަމަ، އެފަދަ ކުއްޖެއްގެ އެޑްމިޝަން މަރުޙަލާ ފެށުމުގެ ކުރިން އެ ކުއްޖަކަށް ދޭންޖެހޭ ޞިއްޙީ ފަރުވާއާއި، ކާނާއާއި، އަންނައުނު ފޯރުކޮށްދޭންވާނެއެވެ.
16ވަނަ މާއްދާ: ކުއްޖާ ރަޖިސްޓަރީކުރުން
އޯލްޓަނޭޓިވް ކެއަރގެ ޚިދުމަތް ދޭ މަރުކަޒަކަށް ކުއްޖާ ގެންދެވުމުން، ކުއްޖާ ރަޖިސްޓަރީކޮށް، ކުއްޖާ ބެހެއްޓުމަށް ހަމަޖެހިފައިވާ އިންތިޒާމްތަކުގެ މަޢުލޫމާތު ހިމެނޭހެން އެންޓްރީ ރިޕޯޓެއް ތައްޔާރު ކުރަންވާނެއެވެ. މި ރިޕޯޓަކީ، މި ގަވާއިދުގެ 13 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އެންޓްރީ ރިޕޯޓާއެކު ކުއްޖާގެ ކޭސް ފައިލުގައި ބަހައްޓާ ރިޕޯޓަކަށް ވާންވާނެއެވެ.
17ވަނަ މާއްދާ: ކުއްޖަކު ގެންނަ އަމިއްލަ ތަކެތި ރައްކައުތެރިކުރުން
(ހ) އޯލްޓަނޭޓިވް ކެއަރގެ ޚިދުމަތް ދޭ މަރުކަޒަކަށް ކުއްޖާ އަންނައިރު، އެ ކުއްޖަކު ގެންނަ އަމިއްލަ ތަކެތީގެ އިންވެންޓްރީއެއް ހަދައި، އެ ކުއްޖާގެ ކޭސް ފައިލުގައި އެފަދަ އިންވެންޓްރީއެއްގެ ކޮޕީ ހިމަނަންވާނެއެވެ.
(ށ) ކުއްޖަކު ގެންނަ އަމިއްލަ ތަކެއްޗަކީ، އެ މަރުކަޒެއްގައި ގެންގުޅުން ހުއްދަ ނޫން ތަކެތި ނަމަ، ކުއްޖާ އެ މަރުކަޒުގައި ހުންނަހާ ދުވަހަކު، އެފަދަ ތަކެތި ރައްކައުތެރިކަމާއެކު ބަލަހައްޓާނެ އިންތިޒާމެއް އެ މަރުކަޒުގައި ހަމަޖައްސަންވާނެއެވެ. އަދި އެ ކުއްޖަކު މަރުކަޒު ދޫކޮށްފައި ދާއިރު، އެ ތަކެތި ކުއްޖާއަށް އަނބުރާ ދޭންވާނެއެވެ.
18ވަނަ މާއްދާ: އެހެން ކުދިންނާ ވަކިން ބެހެއްޓުން
(ހ) އޯލްޓަނޭޓިވް ކެއަރގެ ޚިދުމަތް ދޭ މަރުކަޒަކަށް ކުއްޖަކު ގެނެވޭތާ އެންމެ ފުރަތަމަ 7 (ހަތެއް) ދުވަހު، މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ކުއްޖާގެ ބަލިހާލަތު ދެނެގަނެވެންދެން، ކުއްޖާ ބަހައްޓަންވާނީ ކުޑަކުދިން ބެހެއްޓުމަށް ކަނޑައަޅައިފައިވާ ކޮޓަރިއެއްގައި، ސުވަޕައިޒް ކުރެވޭނެ ގޮތެއްގެ މަތިން، އެހެން ކުދިންނާ ވަކިންނެވެ.
(ށ) މި މާއްދާގެ (ހ) ގައި އެހެން އޮތް ނަމަވެސް، ކުއްޖާގެ ބަލި ހާލަތަށް ބަލައި، އިތުރު މުއްދަތަކަށް ކުއްޖާ ބަހައްޓަންޖެހޭ ފަދަ ހާލަތެއް، މިސާލަކަށް ކުއްޖާގެ ގައިގައި ގައިން ގަޔަށް އަރާ ފަދަ ބައްޔެއް ހުރުން ފަދަ ކަމެއް މެދުވެރިވާ ހާލަތުގައި، އެ އަކުރުގައި ބަޔާންކޮށްފައިވާ މުއްދަތަށްވުރެ އިތުރަށް ކުއްޖާ އެހެން ކުދިންނާ ވަކިން ބަހައްޓަންޖެހޭ މަޤްޞަދު ހާސިލުވާ މިންވަރަށް، ކުއްޖާ ވަކިން ބެހެއްޓިދާނެއެވެ.
(ނ) ކުއްޖާ ހުންނަ ކޮޓަރީގައި ކުއްޖާއަށް ބޭނުންވާ މިންވަރަށް އަންނައުނާއި ސާފުތާހިރުވާން ބޭނުންވާ ސާމާނު ބަހައްޓަންވާނެއެވެ.
19ވަނަ މާއްދާ: މަރުކަޒުގައި ހިންގާ ޕްރޮގްރާމްތަކުގެ މަޢުލޫމާތު ދިނުން
(ހ) މި ގަވާއިދުގެ 18 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި، ކުއްޖާއަށް ދޭހަވާނޭ ގޮތަށް އެ މަރުކަޒެއްގައި ހިންގާ ޕްރޮގްރާމްތަކުގެ މަޢުލޫމާތު، ކުއްޖާއާ ހަވާލުވެ ހުންނަ ސުޕަވައިޒަރު ދޭންވާނެއެވެ.
(ށ) ކުއްޖާއަށް ދޭ މަޢުލޫމާތުގެ ތެރޭގައި، އެންމެ މަދުވެގެން ވެސް، އަންނަނިވި ކަންކަން ހިމަނަންވާނެއެވެ.
-1 އެ މަރުކަޒަކާބެހޭ ކުރު ތަޢާރުފެއް؛
-2 އެ މަރުކަޒުގައި ކުއްޖާ ހުންނައިރު ކުއްޖާއަށް ލިބިގެންވާ ޙައްޤުތައް؛
-3 ކުއްޖާގެ ނިދުމުގެ ކަންކަން އިންތިޒާމް ކޮށްފައިވާ ގޮތް؛
-4 ފާޚާނާތައް ހުރި ތަންތަނާއި، އެއްޗެހި ދޮވެވޭނެ އިންތިޒާމް ހަމަޖެހިފައިވާ ގޮތް؛
-5 ކުއްޖާގެ އަންނައުނާއި، ކުއްޖާގެ މުހިންމު އެހެން ތަކެއްޗާބެހޭ ގޮތުން ހަމަޖެހިފައިވާ ގޮތް؛
-6 ކުއްޖާގެ ޞިއްޙަތާއި ބޭސްފަރުވާއާބެހޭ އިންތިޒާމްތައް ހަމަޖެހިފައިވާ ގޮތް؛
-7 ކެއިންބުއިމާއި، ނިދާ ވަގުތުތަކާއި، ނަމާދު ވަގުތުތަކާއި، ޤުރުއާން ކިޔެވުމުގެ ވަގުތުތައް ހިމެނޭ ގޮތުން، އާންމުގޮތެއްގައި ދުވަހުގެ ތާވަލު ރޭވިފައިވާ ގޮތް؛
-8 ކުއްޖާގެ ޢާއިލާއާ ގުޅުން ބޭއްވުމުގެ ކަންކަން ހަމަޖެހިފައިވާ ގޮތް؛
-9 ސްކޫލަށް ދިއުމާއި ޓިއުޝަން ކްލާސްތައް ރޭވިފައިވާ ގޮތް؛
-10 މުނިފޫހިފިލުވުމާއި، އަރާމުކުރުމާއި، ކަސްރަތުކުރުމުގެ ކަންކަން ރޭވިފައިވާ ގޮތް؛
-11 އެ މަރުކަޒުގައި އުޅޭއިރު، ކުއްޖާ ޢަމަލުކުރަންޖެހޭ ގޮތާއި، އެގޮތަށް ޢަމަލުނުކޮށްފިނަމަ، އޭގެ ސަބަބުން ކުރިމަތިވާ ނަތީޖާތައް؛
-12 އިމަރޖެންސީ އެލާމްތައް މަސައްކަތްކުރާ ގޮތާއި، އިމަރޖެންސީއެއްގައި ބޭނުންކުރަންޖެހޭނެ އެގްޒިޓްތަކާއި، ޑްރިލްތައް ހަމަޖެހިފައިވާ ގޮތް؛
-13 ކުއްޖާގެ މައްސަލައިގެ ކޭސް ވާރކް ކުރިއަށްދާނެ ގޮތް. މިކަން ކިޔައިދިނުމުގައި ކޮންމެ ކުއްޖަކުވެސް ހާސިލުކުރަން މަސައްކަތްކުރާނެ އަމިއްލަ ލަނޑުދަނޑިތަކެއް ކަނޑައަޅަންވާނެ ކަމާއި، ކުއްޖާ ރީ-އިންޓެގްރޭޓް ކުރުމަށް އެހައިތަނަށް ރޭވިފައިވާ ގޮތް؛
-14 މަރުކަޒުގައި މަސައްކަތް ކުރާ މުވައްޒަފުންގެ ފަންތިތަކާއި، އެއިން ކޮންމެ ފަންތިއެއްގެ ބޭނުމާއި، އެއިން ކޮންމެ ފަރާތަކަށް ވާސިލުވެ، އެ މީހުންގެ އެހީތެރިކަން ހޯދާނެ ގޮތް؛ އަދި
-15 ކުއްޖާގެ އެއްވެސް ޝަކުވާއެއް އޮތް ނަމަ، އެ ކުއްޖަކު ވާހަކަދައްކަންވީ ފަރާތުގެ މަޢުލޫމާތު.
20ވަނަ މާއްދާ: ކުއްޖާގެ މެޑިކަލް އެސެސްމަންޓެއް ހެދުން
(ހ) މި ގަވާއިދުގެ 18 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި، ކުއްޖާގެ ޞިއްޙީ ހާލަތު ދެނެގަތުމަށްޓަކައި މެޑިކަލް އެސެސްމަންޓެއް، ކުޑަކުދިންނާބެހޭ ޑޮކްޓަރަކު ނުވަތަ ޖެނެރަލް ޑޮކްޓަރަކު މެދުވެރިކޮށްގެން ހަދަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މެޑިކަލް އެސެސްމަންޓުގެ ބޭނުމަކީ، ކުއްޖާގެ ޞިއްޙީ ހާލަތު ދެނެގަތުމާއި، މަސްތުވާ އެއްވެސް އެއްޗެއްގެ ޑިޕެންޑެންސީ ހުރިތޯ ބެލުމާއި، ކުއްޖާގެ ޖިސްމާނީ ޤާބިލިއްޔަތުގައި މަރުކަޒުގެ ޕްރޮގްރާމްތަކުގައި ކުއްޖާ ބައިވެރިވެއުޅުމަށް ހުރަސްއަޅާނެ އެއްވެސް ކަމެއް ހުރިތޯ ބަލައި، ހަދަންޖެހޭ މެޑިކަލް އިންޓަރވެންޝަން ފާހަގަކުރުމެވެ.
(ނ) ކުއްޖާގެ އިމިއުނައިޒޭޝަންގެ ހާލަތާބެހޭ މަޢުލޫމާތު، އެފަދަ މަޢުލޫމާތު ހުންނަންޖެހޭ ފަރާތްތަކުގެ ކިބައިން ހޯދަންވާނެއެވެ. އެ މަޢުލޫމާތު ލިބެން ނެތް ނަމަ، ބޭސިކް ސިރޮލޮޖީއާއި ވެކްސިން ކުއްޖާއަށް ދޭންވާނެއެވެ.
(ރ) މި މާއްދާގައި ބަޔާންކޮށްފައިވާ މެޑިކަލް އެސެސްމަންޓުގައި ކުއްޖާގެ ޞިއްޙީ ހާލަތަށް ބަލައި، ކުއްޖާ އެހެން ކުދިންނާ އިންޓެގްރޭޓް ކުރުމަށް އެންމެ ރަނގަޅުކަމަށް ފެންނަކަން ނުވަތަ ނުފެންނަކަން ކުއްޖާ ބަލާ ޑޮކްޓަރު ކަނޑައަޅަންވާނެއެވެ.
(ބ) މި މާއްދާގައި ބަޔާންކޮށްފައިވާ ކަންކަން ކުރުމަށްޓަކައި ކުއްޖާ ގޮވައިގެން ޞިއްޙީ ފަރުވާ ހޯދުމަށް ދިއުމާއި، ޑޮކްޓަރު ދޭ ލަފަޔާ އެއްގޮތަށް ކުއްޖާއަށް މެޑިކަލް އިންޓަރވެންޝަން ހެދުމާއި، އެ ކަންކަން މޮނިޓަރކުރުމާއި، އެކަމާބެހޭ ރިކޯޑުތައް ކުއްޖާގެ ކޭސް ފައިލުގައި ހިމަނައި، ކުއްޖާގެ ކޭސް ވާރކަރަށް އަންގަމުން ދިޔުމަކީ، މަރުކަޒުގައި މަސައްކަތްކުރާ ނަރސިންގ ސްޓާފްގެ ޒިންމާއެކެވެ.
21ވަނަ މާއްދާ: ސައިކޮލޮޖިކަލް އެސެސްމަންޓު
(ހ) މި ގަވާއިދުގެ 18 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި، ކުއްޖާގެ ސައިކޮލޮޖިކަލް ހާލަތު ދެނެގަތުމަށްޓަކައި، ކުޑަކުދިންނާބެހޭ ސައިކޮލޮޖިސްޓަކު މެދުވެރިކޮށް ކުއްޖާގެ އިނީޝިއަލް އެސެސްމަންޓެއް ހަދަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އިނީޝިއަލް އެސެސްމަންޓުން ކުއްޖާއަށް އިތުރަށް ފަރުވާ ބޭނުންވާނަމަ، އެ ކަންކަން ހަމަޖެއްސުމަކީ، ކޭސް ވާރކަރުގެ ޒިންމާއެކެވެ.
(ނ) މި މާއްދާގެ ދަށުން ހަދާ އެސެސްމަންޓުތަކާއި އޭގެ ރިކޯޑުތައް ކުއްޖާގެ ކޭސް ފައިލުގައި ހިމަނަންވާނެއެވެ.
22ވަނަ މާއްދާ: ކޭސް ވާރކަރެއް ހަމަޖެއްސުން
މި ގަވާއިދުގެ 18 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި، ކުއްޖާގެ މައްސަލައިގެ ކޭސް ވާރކް ހެދުމަށްޓަކައި، އެ މަރުކަޒުގައި މަސައްކަތްކުރާ ކޭސް ވާރކަރަކު، ސުޕަވައިޒަރު ހަމަޖައްސަންވާނެއެވެ. އަދި ކޭސް ވާރކަރ ހަމަޖެއްސުމުން، ކުއްޖާއާ ކޭސް ވާރކަރ ބައްދަލުކޮށް، ކުއްޖާއަށް ކޭސް ވާރކަރުގެ މަސައްކަތް ކުރިއަށް ގެންދާނެ ގޮތުގެ މަޢުލޫމާތު ދޭންވާނެއެވެ.
23ވަނަ މާއްދާ: ކުއްޖާގެ ޢާއިލާއަށް މަޢުލޫމާތު ދިނުން
މި ގަވާއިދުގެ 18 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި، ކުއްޖާގެ މައިންބަފައިންނާ ނުވަތަ ބެލެނިވެރިންނާ، ކޭސް ވާރކަރ ގުޅައިގެން، އަންނަނިވި ކަންކަން ކުރަންވާނެއެވެ.
(ހ) ކުއްޖާގެ ހާލު ބަޔާންކޮށްދިނުމާއި، މި ގަވާއިދުގެ ދަށުން ހަދާ އުސޫލު ހުއްދަކުރާ ގޮތެއްގެ މަތިން ކުއްޖާ ހުރި ތަން ބުނެދިނުން؛
(ށ) އޯލްޓަނޭޓިވް ކެއަރގެ ޚިދުމަތް ދޭ މަރުކަޒުގެ މަޤްޞަދާއި، އެ މަރުކަޒުގައި ހިންގާ ޕްރޮގްރާމްތަކުގެ ބާވަތާއި ބޭނުން ކިޔައިދިނުން؛
(ނ) އޯލްޓަނޭޓިވް ކެއަރގެ ޚިދުމަތް ދޭ މަރުކަޒުގައި ކުއްޖާ ޢަމަލުކުރަންޖެހޭ އުސޫލުތަކާއި، ކުއްޖާގެ ކިބައިން އުންމީދުކުރާ ކަންކަން ކިޔައިދިނުން؛
(ރ) މި ގަވާއިދު ހުއްދަކުރާ ގޮތުގެ މަތިން ކުއްޖާއާ ގުޅުން ބާއްވާނެ ގޮތްތައް ހަމަޖެއްސުން؛
(ބ) ކުއްޖާގެ ކޭސް ވާރކް ހިނގާނެ ގޮތް ކިޔައިދިނުމާއި، އެ ފަރާތުގެ އެއްބާރުލުން ބޭނުންވާ ކަންކަމަކީ ކޮބައިކަން ބުނެދިނުމާއި، އެ ކަންކަމުގައި ބައިވެރިވުމަށް ފުރުޞަތު ދިނުން؛
(ޅ) ކުއްޖާގެ ޢާއިލާގެ ކޭސް ވާރކް ހިނގާނެ ގޮތް ކިޔައިދިނުމާއި، އެކަމާ ހަވާލުވެހުންނަ ފަރާތް ބުނެދިނުމާއި، އެ ކަންކަމަށް އެއްބާރުލުން ބޭނުންވާކަން ބުނެދިނުން؛
(ކ) ކުއްޖާގެ ކެއަރ ޕްލޭން އެކުލަވައިލުމަށްޓަކައި ކުއްޖާގެ މައިންބަފައިން ނުވަތަ ބެލެނިވެރިންގެ ފަރާތުން ހޯދަންޖެހޭ މަޢުލޫމާތު ހޯދުން؛ އަދި
(އ) ޝަކުވާ ހުށަހެޅުމަށްޓަކައި ގުޅަންވީ ފަރާތުގެ މަޢުލޫމާތު ދިނުން.
24ވަނަ މާއްދާ: ކުއްޖާގެ ތަޢުލީމުގެ ކަންކަން ހަމަޖެއްސުން
(ހ) މި ގަވާއިދުގެ 18 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި، ކުއްޖާ ސްކޫލަށް ދިއުމާބެހޭ އެންމެހައި ކަންކަން ހަމަޖެހިފައި ހުރިކަން ނުވަތަ ނޫންކަން ސުޕަވައިޒަރު ދެނެގަންނަންވާނެއެވެ.
(ށ) އޯލްޓަނޭޓިވް ކެއަރގެ ޚިދުމަތުގެ މަރުކަޒަކަށް ކުއްޖާ ގެނައުމުގެ ސަބަބުން އެ ކުއްޖާގެ ސްކޫލް ބަދަލުވާނަމަ، އެ ކުއްޖާގެ ސްކޫލް ބަދަލުކުރުމުގެ އެންމެހައި ކަންކަން، ކަމާބެހޭ އިދާރާތަކާ ގުޅިގެން ހަމަޖެއްސުމަކީ ސުޕަވައިޒަރުގެ ޒިންމާއެކެވެ.
25ވަނަ މާއްދާ: އެހެން ކުދިންނާ އިންޓެގްރޭޓްކުރުން
(ހ) މި ގަވާއިދުގެ 18 ވަނަ މާއްދާގެ ދަށުން ވަކިން ބަހައްޓައިފައި ހުރި ކުއްޖަކު، މި ގަވާއިދުގެ 20 ވަނަ މާއްދާގެ (ރ) އާ އެއްގޮތްވާ ގޮތުގެ މަތިން އެހެން ކުދިންނާ އިންޓެގްރޭޓް ކުރުމަށް ފެންނަ ކަމަށް ނިންމުމުން، ސުޕަވައިޒަރު، އެ ވަގުތެއްގައި ޑިއުޓީގައި ހުރި ކެއަރ ވާރކަރާ ގުޅިގެން، އެ މަރުކަޒެއްގައި ކުއްޖާ ހުރުމަށް ހަމަޖެހިފައިވާ ކޮޓަރިއަކަށް ކުއްޖާ ގެންދިއުމުގެ މަސައްކަތް ފަށަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) އަށް ޢަމަލުކުރުމުގައި، ކުއްޖާ ހުރުމަށް ހަމަޖެހިފައިވާ ކޮޓަރީގައި އުޅޭ އެހެން ކުދިންނާއި، އެ ފަންގިފިލާގައި އުޅޭ އެހެން ކުދިން އެ ކުއްޖާގެ އިންޓެގްރޭޝަނަށް ތައްޔާރުކުރަންވާނެއެވެ.
(ނ) މި ގަވާއިދުގެ 18 ވަނަ މާއްދާގެ ދަށުން ވަކިން ބަހައްޓައިފައި ހުރި ކުއްޖަކު އިންޓެގްރޭޓް ކުރުމުގައި މަރުކަޒުގެ މުވައްޒަފުން ޢަމަލުކުރަންޖެހޭނެ އުސޫލު، މި ގަވާއިދަށް ޢަމަލުކުރަން ފަށާ ތާރީޚުން ފެށިގެން 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި، ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސްއިން އެކުލަވައިލައި، ދިވެހިސަރުކާރުގެ ގެޒެޓުގައި އެ އުސޫލު ޝާއިޢު ކުރަންވާނެއެވެ.
26ވަނަ މާއްދާ: ޕްރައިމަރީ ކެއަރ ވާރކަރެއް ކުއްޖާ އިޚްތިޔާރުކުރުން
(ހ) އޯލްޓަނޭޓިވް ކެއަރގެ ޚިދުމަތް ދޭ މަރުކަޒެއްގައި ހުންނަ ކޮންމެ ކުއްޖަކަށްވެސް، އެ މަރުކަޒެއްގައި މަސައްކަތްކުރާ ކެއަރ ވާރކަރުންގެ ތެރެއިން ކުއްޖާ އިޚްތިޔާރުކުރާ ޕްރައިމަރީ ކެއަރ ވާރކަރަކު ހުންނަންވާނެއެވެ.
(ށ) ޕްރައިމަރީ ކެއަރ ވާރކަރަކީ، ވަކި ޚާއްޞަ ވަޒީފާއެއްގެ ބަދަލުގައި، އޯލްޓަނޭޓިވް ކެއަރގެ ޚިދުމަތް ދޭ މަރުކަޒުގައި ހުންނަ ކުއްޖަކާ ގުޅޭ ގޮތުން އަދާކުރާ ދައުރެކެވެ. މިގޮތުން، ޕްރައިމަރީ ކެއަރ ވާރކަރެއްގެ ދައުރަކީ އަންނަނިވި ކަންކަން ކުރުމެވެ.
-1 ކުއްޖާގެ ވާހަކަތަކާއި އިޙްސާސްތައް އަޑުއަހައި، އެކަމުގެ އެންމެ އިސް ދައުރެއް އަދާކުރުން؛
-2 ކުއްޖާއާ ގުޅޭ ގޮތުން ނިންމާ ކޮންމެ ނިންމުމެއްގައި ކުއްޖާގެ ފަރާތުން ވަކާލާތުކޮށް، ކުއްޖާގެ މަޞްލަޙަތު ޙިމާޔަތް ކުރެވޭކަން ކަށަވަރުކުރުން؛ އަދި
-3 ކުއްޖާ ހާސިލުކުރަން ބޭނުންވާ ލަނޑުދަނޑިތަކާ ހަމައަށް ކުއްޖާއަށް ވާސިލުވުމަށް ދޭންޖެހޭ އެއްބާރުލުމާއި، ހިތްވަރާއި، އެހީތެރިކަން ދިނުން.
(ނ) މި މާއްދާގެ މަޤްޞަދަށްޓަކައި، ޕްރައިމަރީ ކެއަރ ވާރކަރަކު ކުއްޖާ އިޚްތިޔާރު ކުރުމަށް ޓަކައި، މަރުކަޒުގައި މަސައްކަތްކުރާ އެކި ކެއަރ ވާރކަރުންނާ ބައްދަލުކޮށް އެ ފަރާތްތައް ދެނެގަތުމަށް ފުރުޞަތު ދިނުމާއި، ކޮންމެ ޕްރައިމަރީ ކެއަރ ވާރކަރަކަށްވެސް ކުދިން ހަމަޖެއްސޭނެ އެންމެ ގިނަ އަދަދެއް ކަނޑައެޅުމާބެހޭ އުސޫލު، މި ގަވާއިދަށް ޢަމަލުކުރަން ފަށާ ތާރީޚުން ފެށިގެން 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސްއިން އެކުލަވައިލައި، ދިވެހިސަރުކާރުގެ ގެޒެޓުގައި އެ އުސޫލު ޝާއިޢު ކުރަންވާނެއެވެ.
27ވަނަ މާއްދާ: އޯލްޓަނޭޓިވް ކެއަރގެ ޚިދުމަތް ދޭ މަރުކަޒުގައި ކުއްޖަކު އެންމެ ގިނަވެގެން ބެހެއްޓޭނެ މުއްދަތު
(ހ) އޯލްޓަނޭޓިވް ކެއަރގައި އެންމެ ގިނަވަގެން ކުއްޖަކު ބަހައްޓަންވާނީ 6 (ހައެއް) މަސްދުވަހުގެ މުއްދަތަށެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި ކުއްޖާ، ގަވާއިދުގެ ނަންބަރު 2020/R-30 (ދައުލަތުގެ ބެލުމުގެ ދަށަށް ގެނެވޭ ކުދިން ރީ-އިންޓެގްރޭޓް ކުރުމާ ބެހޭ ގަވާއިދު) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ރީ-އިންޓެގްރޭޓް ކުރުމުގެ މަސައްކަތް ފަށަންވާނެއެވެ.
(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މުއްދަތުގެ އިތުރަށް، ކުއްޖަކު އޯލްޓަނޭޓިވް ކެއަރގެ ޚިދުމަތް ދޭ މަރުކަޒެއްގައި ބަހައްޓަންވާނީ، އެ ކުއްޖަކީ، އެވަގުތަށް ރީ-އިންޓެގްރޭޓް ކުރެވެން ނެތް ކުއްޖެއް ކަމަށް ރީ-އިންޓެގްރޭޝަން ކޮމިޓީން ނިންމާ ހާލަތުގައި އެކަންޏެވެ.
(ރ) މި މާއްދާގެ (ނ) ގައިވާ ގޮތުގެ މަތިން ކުއްޖަކު ރީ-އިންޓެގްރޭޓް ކުރެވެން ނެތް ކަމަށް ނިންމައިފިނަމަ، އެ ނިންމުމެއް، ގިނަވެގެން ކޮންމެ 6 (ހައެއް) މަހަކުން މުރާޖަޢާ ކުރަމުން ގެންދަންވާނެއެވެ. އަދި މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މުއްދަތަށްވުރެ އިތުރަށް ކުއްޖަކު އޯލްޓަނޭޓިވް ކެއަރގެ ޚިދުމަތް ދޭ މަރުކަޒެއްގައި ބަހައްޓަންވާނީ، ރީ-އިންޓެގްރޭޝަން ކޮމިޓީން އެގޮތަށް ނިންމައިފި ނަމައެވެ.
28ވަނަ މާއްދާ: މި ގަވާއިދަށް ޢަމަލުކުރަން ފަށާއިރު އޯލްޓަނޭޓިވް ކެއަރގެ ޚިދުމަތް ދޭ މަރުކަޒުތަކުގައި އުޅެމުންދާ ކުދިން
މި ގަވާއިދަށް ޢަމަލުކުރަން ފަށާއިރު، އޯލްޓަނޭޓިވް ކެއަރގެ ޚިދުމަތް ދޭ މަރުކަޒުތަކުގައި ބަހައްޓައިފައިވާ ކުދިން ރީ-އިންޓެގްރޭޓް ކުރުވޭތޯ ބެލުމަށްޓަކައި، ގަވާއިދު ނަންބަރު 2020/R-30 (ދައުލަތުގެ ބެލުމުގެ ދަށަށް ގެނެވޭ ކުދިން ރީ-އިންޓެގްރޭޓް ކުރުމާ ބެހޭ ގަވާއިދު) ގައިވާ ގޮތުގެ މަތިން، އެއިން ކޮންމެ ކުއްޖަކާ ގުޅޭ ގޮތުން، ރީ-އިންޓެގްރޭޓް ކުރުމުގެ މަސައްކަތް، މި ގަވާއިދަށް ޢަމަލުކުރަން ފަށާ ތާރީޚުން ފެށިގެން 12 (ބާރަ) މަސްދުވަހުގެ ތެރޭގައި ކޮށް ނިންމަންވާނެއެވެ. އަދި އެ ތަނުން ކުއްޖަކު އޯލްޓަނޭޓިވް ކެއަރގެ ޚިދުމަތް ދޭ މަރުކަޒެއްގައި އެއްވެސް ސަބަބަކާހުރެ ބަހައްޓަންޖެހޭނަމަ، ރީ-އިންޓެގްރޭޝަން ކޮމިޓީން އެ ކުއްޖަކު އޯލްޓަނޭޓިވް ކެއަރގައި ބެހެއްޓުމަށް ނިންމަންވާނެއެވެ. އަދި މިފަދަ ކުދިން އޯލްޓަނޭޓިވް ކެއަރގައި ބަހައްޓާ ބެހެއްޓުން މުރާޖަޢާ ކުރުމަށްޓަކައި، މި ގަވާއިދުގެ 27 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ޢަމަލުކުރަންވާނެއެވެ.
ހަވަނަ ބާބު
އޯލްޓަނޭޓިވް ކެއަރގެ ޚިދުމަތް ދޭ މަރުކަޒުތަކުގައި ބައިތިއްބާ ކުދިންނަށް ފޯރުކޮށްދޭންޖެހޭ ޕަރސަނަލް ކެއަރ
29ވަނަ މާއްދާ: ޕަރސަނަލް ކެއަރ ދިނުން
(ހ) އޯލްޓަނޭޓިވް ކެއަރގެ ޚިދުމަތް ދޭ މަރުކަޒުތަކުގައި ބައިތިއްބާ ކޮންމެ ކުއްޖަކަށް، އެ ކުއްޖަކަށް އެކަށީގެންވާ ގޮތަށް ޕާރސަނަލް ކެއަރ ދޭންވާނެއެވެ.
(ށ) މި ބާބުގައި ޕާރނަސަލް ކެއަރ ކަމަށް ބަޔާންކޮށްފައި އެވަނީ، ކުއްޖާގެ ބޭނުންތަކަށާއި، އުމުރަށާއި، ހެދިބޮޑުމުގެ މައްޗަށް ބަލައި، ކޮންމެ ކުއްޖަކަށްމެ ލިބެންޖެހޭ އަޅައިލުމާއި، ސަމާލުކަމާއި، ރައްކައުތެރިކަމަށެވެ.
30ވަނަ މާއްދާ: ޕްރައިމަރީ ކެއަރ ވާރކަރގެ މަސްއޫލިއްޔަތުތައް
(ހ) މި ގަވާއިދުގެ 29 ވަނަ މާއްދާއާ އެއްގޮތްވާ ގޮތުގެ މަތިން ކުއްޖާއަށް ބޭނުންވާ ޕާރސަނަލް ކެއަރ ދެވޭކަން ކުއްޖާގެ ޕްރައިމަރީ ކެއަރ ވާރކަރ ކަށަވަރުކުރަންވާނެއެވެ.
(ށ) އޯލްޓަނޭޓިވް ކެއަރގެ ޚިދުމަތް ދޭ މަރުކަޒުތަކުގައި ބައިތިއްބާ ކޮންމެ ކުއްޖަކީ، އެ ކުދިންގެ ޠަބިޢީ މާޙައުލުން އަޅައިލުމާއި ރައްކައުތެރިކަން ލިބެންވާ ފަރާތްތަކާ ވަކިވެފައިވާ ކުދިންކަމަށްވާތީ، އެ ކުދިންނަށް އިތުބާރުކުރެވޭ އަދި ރައްކައުތެރިކަން އިޙްސާސްވާ ފަދައިން އެ ކުދިންނާ ގުޅުން ޤާއިމްކުރުމަކީ، ޕަރސަނަލް ކެއަރ ވާރކަރުގެ ޒިންމާއެކެވެ.
(ނ) ޕާރސަނަލް ކެއަރ ވާރކަރުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި އަންނަނިވި ކަންކަން ކުރުން ހިމެނެއެވެ.
-1 ކުއްޖާއާ ގުޅޭ ގޮތުން ދުވަހުން ދުވަހަށް ކުރާ ކަންކަމުގައި ކުއްޖާއަށް އެހީތެރިވެދިނުން. މީގެ ތެރޭގައި، ކެއިންބުއިމާއި، ހެދުން ބަދަލުކުރުމާއި، ކުއްޖާ ފެންވެރުވުމާއި، ކުއްޖާ ނިންދެވުން ފަދަ ކަންކަން ހިމެނޭ.
-2 ކުއްޖާއަށް ބޭނުންވާ ސަމާލުކަން ދިނުމާއި، ކުއްޖާ ކުރާ ކަންކަމަށް ޝައުޤުވެރިވެ، ކުއްޖާގެ އަމިއްލަ ޤާބިލިއްޔަތު ކުރިއެރުވުމަށް އެ ކުއްޖަކަށް ހިތްވަރުދިނުން.
-3 ކުއްޖާއަށް ދެރަވުން އިޙްސާސްވާނަމަ، ނުވަތަ ބަލިވެއްޖެނަމަ، އެ ކުއްޖަކާ އަޅައިލައި އެހީތެރިވެދިނުން. އަދި ކުއްޖާގެ އުންމީދުތަކަށާއި، ހުވަފެންތަކަށާއި، ކުއްޖާ ބިރުގަންނަ ކަންކަމަށް ޕޮޒިޓިވް ގޮތެއްގައި އިޖާބަދިނުން.
-4 ކުއްޖާގެ ކޭސް ވާރކަރާއި އެހެނިހެން ފަރާތްތަކާއެކު ކުއްޖާގެ ކެއަރ ޕްލޭން ތައްޔާރުކުރުމަށް އެހީތެރިވެދިނުން.
-5 ކުއްޖާގެ ބަދަލުވަމުންދާ ޤާބިލިއްޔަތުތަކާބެހޭ ގޮތުން ކުއްޖާގެ ކެއަރ ޕްލޭން ރިވިއު ބައްދަލުވުންތަކުގައި ދޭންޖެހޭ މަޢުލޫމާތު ދިނުން.
-6 ކުއްޖާ ކުރާ ކަންކަމުގައި ކުއްޖާއަށް ބޭނުންވާ ފީޑްބެކް ދިނުމާއި، ކުއްޖާއަށް ކުރިމަތިވާ މައްސަލަތައް އެ ކުއްޖާ އަމިއްލައަށް ޙައްލުކުރުމުގެ ޤާބިލުކަން އަށަގަންނަވައި ހަރުދަނާކުރުމާއި، ކުއްޖާއަށް ބޭނުންވާ ނަސޭހަތާއި އިރުޝާދު ދިނުން.
-7 ކުއްޖާގެ އުފަންދުވަހާއި، މުހިންމު އެހެން ދުވަސްތައް ފާހަގަކުރުން.
-8 އެހެން ކުދިންނާއެކު ދުޅަހެޔޮ ގޮތެއްގައި ރަޙްމަތްތެރިކަން އާލާކުރުމަށް ހިތްވަރުދިނުން.
-9 ކުއްޖާ ކިޔައިދޭ ވާހަކަތަކުގެ ސިއްރު ހިފެހެއްޓުމަށް ކުއްޖާ ބޭނުންވާ ހާލަތްތަކުގައި، އެކަމަށް އިޙްތިރާމްކުރުމާއި، އެކަންކަން ކޮންމެހެން ހިއްސާ ކުރަންޖެހޭ ފަރާތްތަކާ އެކަނި ހިއްސާކުރުން.
-10 ކުއްޖާއާ ގުޅޭ ގޮތުން އެއްވެސް ފަރާތަކާއެކު ބާއްވާ ބަދަލުވުމެއްގައި ބައިވެރިވުން.
-11 ކުއްޖާ ރީ-އިންޓެގްރޭޓް ކުރުމަށް ނިންމާ ހާލަތުގައި، ކުއްޖާއަށް ރީ-އިންޓެގްރޭޓް ވުމުގައި ދޭންޖެހޭ އެހީތެރިކަން ދިނުން.
31ވަނަ މާއްދާ: ކުއްޖާއަށް ހަމަޖައްސައިދޭން ޖެހޭނެ ކަންކަން
އޯލްޓަނޭޓިވް ކެއަރގެ ޚިދުމަތް ދޭ މަރުކަޒުތަކުގައި ބައިތިއްބާ ކުދިންނަށް އަންނަނިވި ކަންކަން ހަމަޖައްސައިދޭންވާނެއެވެ.
(ހ) ކޮންމެ ކުއްޖަކަށްވެސް ވާސިލުވެވޭ ގޮތަށް ޢިލްމީ މަޢުލޫމާތާއި ވޯކޭޝަނަލް މަޢުލޫމާތު ލިބެން ހުރުން؛
(ށ) ކަނޑައެޅިފައިވާ އުސޫލެއްގެ މަތިން ޓީ.ވީ. ބެލޭނެ އިންތިޒާމް؛
(ނ) ކަނޑައެޅިފައިވާ އުސޫލެއްގެ މަތިން އިންޓަނެޓުގެ ޚިދުމަތް ބޭނުންކުރެވޭނެ އިންތިޒާމް؛ އަދި
(ރ) ސިޓީ ލިޔުމާއި ސިޓީ ލިބުމުގެ އިންތިޒާމް.
32ވަނަ މާއްދާ: ކުއްޖާ ހުރި މަރުކަޒު ނޫން އެހެން މަރުކަޒަކަށް ބަދަލުކުރާނަމަ، ކުއްޖާ ތައްޔާރުކުރުން
އެ ކުއްޖަކު ހުރި މަރުކަޒު ނޫން އެހެން މަރުކަޒަކަށް އެ ކުއްޖާގެ ދިރިއުޅުން ބަދަލުކުރާނަމަ، ކުރިއާލައި އެކަމަށް ކުއްޖާ ތައްޔާރުކުރުމަކީ ޕްރައިމަރީ ކެއަރ ވާރކަރުގެ ޒިންމާއެކެވެ.
33ވަނަ މާއްދާ: ކުއްޖާގެ އައިޑެންޓިޓީ ދެމެހެއްޓުން
(ހ) އޯލްޓަނޭޓިވް ކެއަރގެ ޚިދުމަތް ދޭ މަރުކަޒުތަކުގައި ބައިތިއްބާ ކޮންމެ ކުއްޖެއްގެވެސް އަމިއްލަ ނަފުސުގެ އަގުވަޒަންކުރާ މިންވަރު އާލާކުރުމަށްޓަކައި، އެ ކުއްޖެއްގެ އައިޑެންޓިޓީ ދެމެހެއްޓުމަށްޓަކައި ކެއަރ ވާރކަރުން އެކަށީގެންވާ ގޮތެއްގައި މަސައްކަތް ކުރަންވާނެއެވެ.
(ށ) ކުއްޖާގެ އައިޑެންޓިޓީ ދެމެހެއްޓުމަށްޓަކައި، އަދި ކުއްޖާގެ އަމިއްލަވަންތަކަން ދިރުވައި އާލާކުރުމަށްޓަކައި، އަންނަނިވި ކަންކަން ކުރުމަކީ ކޮންމެ މަރުކަޒެއްގެވެސް ޒިންމާއެކެވެ.
-1 ކުއްޖާއަކީ ކާކުކަން އަންގައިދޭ ލިޔެކިޔުންތައް ހޯދައި، ރައްކައުތެރިކަމާއެކު އެ ލިޔުންތައް ބެލެހެއްޓުން؛
-2 މި ގަވާއިދު ހުއްދަކުރާ ގޮތެއްގެ މަތިން ކުއްޖާގެ ޢާއިލާއާ ކުއްޖާއާ ގުޅުން ބަދަހިކުރުމުގެ ފުރުޞަތު ފަހިކޮށްދިނުން؛
-3 ކޮންމެ ކުއްޖަކާ ވެސް، އެ ކުއްޖެއްގެ ނަމުން މުޚާޠަބުކުރުން؛
-4 އެ ކުއްޖަކު ގެންގުޅޭ އަމިއްލަ ތަކެތި ރައްކައުކޮށް ފޮރުވުމަށް ވަކި ތަނެއް ހަމަޖައްސައި، އެ ކުއްޖަކަށް އެ ތަނެއް ބޭނުންކުރެވޭނެ ގޮތް ހަމަޖެއްސުން؛ އަދި
-5 އެ ކުއްޖަކު ބޭނުންވާ ގޮތަށް ހެދުން އެޅުމުގެ ފުރުޞަތުދީގެން އެ ކުއްޖެއްގެ އަމިއްލަވަންތަކަން ކުރިއެރުވުމަށްޓަކައި އެ ކުދިންނަށް އިޚްތިޔާރުދިނުން.
34ވަނަ މާއްދާ: ކުއްޖާ ދުވަހުން ދުވަހަށް ކުރާނެ ކަންކަން ރޭވުން
(ހ) ކޮންމެ ކުއްޖެއްވެސް، ދުވަހުން ދުވަހަށް ކުރާނެ ކަންކަން ހުންނަންވާނީ ކުރިއާލައި ރޭވިފައެވެ. މިގޮތުން އޯލްޓަނޭޓިވް ކެއަރގެ ޚިދުމަތް ދޭ މަރުކަޒެއްގައި ކުއްޖަކު ހޭދަކުރާ ކޮންމެ ދުވަހެއްވެސް ބިނާވެފައި އޮންނަންވާނީ ހުނަރު ބިނާކުރުމާއި، ކުޅުމާއި، ކުއްޖާ ބޭނުންވާ ކަންކަން ބަޔާންކޮށް ޚިޔާލު ފާޅުކުރުމާއި، އިޖުތިމާޢީ އެހީތެރިކަން ލިބުމުގެ މައްޗަށެވެ.
(ށ) ކޮންމެ ކުއްޖަކަށްވެސް، އެ ކުއްޖެއްގެ ދުވަސް ހޭދަކުރާނެ ގޮތް ޝެޑިއުލެއްގެ ސިފައިގައި ކުރިއާލައި އެނގިފައި އޮންނަންވާނެއެވެ.
(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ކުއްޖާ ދުވަހުން ދުވަހަށް ކުރާނެ ކަންކަން ރާވަންވާނީ، ކުއްޖާގެ އުމުރަށާއި ހެދިބޮޑުވުމަށާއި ޤާބިލިއްޔަތަށް ރިޢާޔަތްކޮށްގެންނެވެ.
(ރ) މި މާއްދާގެ (ނ) ގެ މަޤްޞަދަށްޓަކައި ކުއްޖާގެ ހެދިބޮޑުވުމަށް ރިޢާޔަތްކުރުމުގައި އަންނަނިވި ކަންކަން ހިމެނެއެވެ.
-1 ކުއްޖާގެ ފިޒިކަލް ޑިވެލޮޕްމަންޓު؛
-2 ކުއްޖާގެ ސޯޝަލް ޑިވެލޮޕްމަންޓާއި އިމޯޝަނަލް ޑިވެލޮޕްމަންޓް؛ އަދި
-3 ކުއްޖާގެ ކޮގްނިޓިވް ޑިވެލޮޕްމަންޓް.
35ވަނަ މާއްދާ: އުމުރުން 13 އަހަރުން މަތީގެ ކުދިންނަށް މަރުކަޒުގައި އެހީތެރިވެދީގެން ޕޮކެޓްމަނީ ހޯދޭނެ އިންތިޒާމް ހަމަޖެއްސުން
(ހ) އޯލްޓަނޭޓިވް ކެއަރގެ ޚިދުމަތް ދޭ މަރުކަޒުތަކުގައި ބައިތިއްބާ އުމުރުން 13 (ތޭރަ) އަހަރުން މަތީގެ ކުދިންނަށް، އެ ކުދިން ދިރިއުޅޭ މަރުކަޒުތަކުގައި ހުންނަ އެ ކުދިންގެ އުމުރާ އެކަށީގެންވާ ކުދިކުދި މަސައްކަތް ކޮށްދީގެން ނުވަތަ އެފަދަ ކަންކަމުގައި އެހީތެރިވެދީގެން ޕޮކެޓްމަނީ ހޯދޭނެ ގޮތް، ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސްއިން އިންތިޒާމް ކުރަންވާނެއެވެ. މީގެ މަޤްޞަދަކީ، ގޭތެރޭގެ ހުނަރުތައް ބިނާކުރުމާއެކު، ކުއްޖާ އަމިއްލަޔަށް ފައިސާ ހޯދާނެ ގޮތާއި، ލިބޭ ފައިސާ ގެންގުޅެ އެ ފައިސާ ޚަރަދުކުރާނެ ގޮތް އެ ކުއްޖާއަށް ދަސްކޮށްދިނުމެވެ.
(ށ) މި މާއްދާގެ (ހ) ގެ މަޤްޞަދަށްޓަކައި، މަރުކަޒުގައި ކުރެވޭނެ މަސައްކަތްތަކަކީ ކޮބައިކަން، ޕްރައިމަރީ ކެއަރ ވާރކަރ ކުދިންނަށް އަންގައި، އެ ކުދިން ބޭނުންވާ ކަމެއް އިޚްތިޔާރު ކުރުމުގެ ފުރުޞަތު ދޭންވާނެއެވެ. މިގޮތުން ކުދިންނަށް ކުރެވިދާނެ މަސައްކަތްތަކުގެ ތެރޭގައި، ސާފުކުރުމުގެ ޚާއްޞަ ޕްރޮޖެކްޓްތައް ރާވައި އެ ޕްރޮޖެކްޓްތަކުގައި މަސައްކަތް ކުރުމާއި، ކުލަލުމާއި، މަރުކަޒުގައި މަސައްކަތްކުރާ ފޮޅައި ސާފުކުރާ މީހުންނަށާއި ކައްކާ މީހުންނަށް އެހީތެރިވުމާއި، ގަސް ހައްދައި ބެލެހެއްޓުން ހިމެނެއެވެ.
(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މަސައްކަތް ކުރަންވާނީ، ކުއްޖާގެ ޝެޑިއުލްގައި އެކަމަށްޓަކައި ޚާއްޞަކޮށްފައިވާ ވަގުތުތަކުގައެވެ.
36ވަނަ މާއްދާ: ކުއްޖާގެ ބައިވެރިވުން
(ހ) އޯލްޓަނޭޓިވް ކެއަރގެ ޚިދުމަތް ދޭ މަރުކަޒެއްގައި ހުންނަ ކޮންމެ ކުއްޖަކަށްވެސް އެ ކުއްޖެއްގެ އަމިއްލަ ދިރިއުޅުމާބެހޭ ކަންކަމުގައި އެ ކުއްޖެއްގެ އުމުރަށާއި ހެދިބޮޑުވުމަށް ރިޢާޔަތްކޮށް، އެ ކުއްޖަކު ބޭނުންވާ ގޮތެއް އިޚްތިޔާރުކުރުމުގެ ފުރުޞަތު އޮތްކަން އިޙްސާސް ކޮށްދޭން ވާނެއެވެ. އަދި ފަރުދެއްގެ ގޮތުގައި ކުއްޖާ ތަރައްޤީވުމަށްޓަކައި، ކުއްޖަކަށް އިޚްތިޔާރު ކުރެވެން އޮތް ފުރުޞަތުތަކާއި، އެ ފުރުޞަތުތަކުގެ ތެރެއިން ކަންކަން އިޚްތިޔާރު ކުރުމަށާއި، އިޚްތިޔާރުކުރާ ކަމަކުން ނުކުންނަ ނަތީޖާ ދެނެގަނެ، އެ ކަންކަން ދަސްކުރުމުގެ ހުނަރުތައް ކޮންމެ ކުއްޖެއްގެ ކިބައިގައި ވެސް އާލާކުރުވަން ވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގެ ބޭނުމަށްޓަކައި، ކުއްޖާއާ ގުޅުންހުރި ކަންކަމުގައި ކުއްޖާގެ ބައިވެރިވުން ހޯދަންވާނެއެވެ. މިގޮތުން، ކޮންމެ ކުއްޖަކަށްވެސް އަންނަނިވި ކަންކަން ފަހިކޮށްދޭންވާނެއެވެ.
-1 ކުއްޖާގެ އުމުރަށް ބަލައި، އޯލްޓަނޭޓިވް ކެއަރގެ ޚިދުމަތް ދޭ މަރުކަޒަކަށް ކުއްޖާގެ އެޑްމިޝަން ހަދާއިރު، ކުއްޖާއާބެހޭ މަޢުލޫމާތު ކުއްޖާ ބޭނުންވާނަމަ، އެ ކުއްޖާއަށް އެ މަޢުލޫމާތު ދިނުމުގެ މަގުފަހިކުރުން؛
-2 ކުއްޖާއަށް އަސަރުކުރާ މައްސަލަތައް ކުއްޖާއަށް ދޭހަވާނޭ ގޮތަކަށް އަދި ކުއްޖާ ދަންނަ ބަހަކުން ކުއްޖާއަށް ކިޔައިދިނުން؛
-3 ކުއްޖާގެ ޢާއިލާއާ ބައްދަލުކުރާނެ ތާވަލު އެކުލަވައިލުމުގައްޔާއި، ބައްދަލުވުން އިންތިޒާމްކުރުމުގައި ކުއްޖާގެ ބައިވެރިވުން ހޯދުން؛
-4 މަރުކަޒުގައި ކުދިން ތަބާވާންޖެހޭނެ އުސޫލުތައް ކަނޑައެޅުމުގައި ކުއްޖާ ދެކޭގޮތާއި ބައިވެރިވުން ހޯދުން؛
-5 ކަމާބެހޭ މުވައްޒަފުންގެ އެހީތެރިކަމާއެކު، ކޮންމެ ހަފުތާއެއްގެ މެނޫއާ ބެހޭގޮތުން މަޝްވަރާކުރުމުގެ ފުރުޞަތު ދިނުން؛
-6 ކާބޯތަކެތި ތައްޔާރުކުރުމުގައި ބައިވެރިވުމާއި އެހީތެރިވުމުގެ ފުރުޞަތު ދިނުން؛
-7 ކުއްޖާގެ ޝެޑިއުލް އެކުލަވައިލާއިރު ކުއްޖާގެ ބައިވެރިވުން ހޯދުން؛
-8 އެކަށީގެންވާ ބާވަތްތަކެއްގެ މައްޗަށް ހިމެނޭ ހެދުންތަކެއް ތެރެއިން ކުއްޖާއަށް ކަމުދާ ހެދުމެއް އިޚްތިޔާރުކުރުމުގެ ފުރުޞަތު ދިނުން؛
-9 އެޑިއުކޭޝަނަލް ޓްރިޕާއި، ލެޝަރ ޓްރިޕްތައް ރޭވުމުގައި ކުއްޖާގެ ބައިވެރިވުމާއި ޚިޔާލު ހޯދުން؛
-10 ކަނޑައެޅިފައިވާ އުސޫލެއްގެ މަތިން އިޖުތިމާޢީ މަސައްކަތްތަކުގައި ބައިވެރިވުމުގެ ފުރުޞަތު ދިނުން؛
-11 ކެއަރ ވާރކަރުންގެ މަސައްކަތް އެޕްރެއިޒްކުރުމުގައި ކުއްޖާގެ ބައިވެރިވުން ހޯދުން؛ އަދި
-12 މަރުކަޒަށް އަންނަ ކުދިންނަށް މަރުޙަބާ ކިޔުމަށް ނުވަތަ ރީ-އިންޓެގްރޭޓް ކުރެވޭ ކުދިންނަށް އަލްވަދާޢު ކިޔުމަށް ބާއްވާ ޙަފްލާތައް އިންތިޒާމްކުރުމުގެ ފުރުޞަތު ދިނުން.
(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ކަންކަމުގެ ތެރެއިން ކަމެއްގައި ކުއްޖެއްގެ ބައިވެރިވުން ހަނިކުރެވޭނީ، އެ ކުއްޖާގެ އުމުރުގެ ސަބަބުން ނުވަތަ އެ ކުއްޖާގެ ކިބައިގައި ހުރި ނަފްސާނީ ނުވަތަ ޖިސްމާނީ ހާލަތެއްގެ ސަބަބުން، އެ ކަމެއްގައި އެ ކުއްޖަކު ބައިވެރިވެއްޖެނަމަ، އެ ކުއްޖާއަށް ނުވަތަ އެހެން ކުދިންނަށް ނޭދެވޭ އަސަރެއް ކޮށްފާނެ ހާލަތުގައި، ކުއްޖާއަށް އެކަމުގެ ސަބަބު އޮޅުންފިލުވައިދިނުމާއެކު، ކުއްޖާގެ ކޭސް ފައިލުގައި އެ ކަމެއް ރިކޯޑުކޮށްގެންނެވެ.
37ވަނަ މާއްދާ: ޔޫތު އެޑްވައިޒަރީ ގްރޫޕް ހިންގުމުގެ ފުރުޞަތު ފަހިކޮށްދިނުން
ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސްއިން ކަނޑައަޅާ ގޮތެއްގެ މަތިން، އޯލްޓަނޭޓިވް ކެއަރގެ ޚިދުމަތް ދޭ މަރުކަޒުތަކުގައި ބައިތިއްބާ އުމުރުން 13 (ތޭރަ) އަހަރަށްވުރެ މަތީގެ ކުދިންނަށް ޔޫތު އެޑްވައިޒަރީ ގްރޫޕެއް ހިންގުމުގެ ފުރުޞަތު ފަހިކޮށްދޭންވާނެއެވެ.
38ވަނަ މާއްދާ: ކުދިންގެ ބިހޭވިއަރ މެނޭޖްކުރުން
(ހ) އޯލްޓަނޭޓިވް ކެއަރގެ ޚިދުމަތް ދޭ މަރުކަޒުތަކުގައި ބައިތިއްބާ ކުދިންގެ ބިހޭވިއަރ މެނޭޖްކުރުމަށްޓަކައި، މި މަރުކަޒުތަކުގައި މަސައްކަތްކުރާ މުވައްޒަފުން ޢަމަލުކުރަންޖެހޭ ގޮތް ބަޔާންކުރާ އުސޫލު، ކުޑަކުދިންގެ ޙައްޤުތައް ރައްކައުތެރިކުރުމާބެހޭ ކައުންސިލުގެ ލަފާގެ މަތިން މިނިސްޓަރު އަންގާ ގޮތެއްގެ މަތިން، ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސްއިން އެކުލަވައިލަންވާނެއެވެ.
(ށ) އޯލްޓަނޭޓިވް ކެއަރގެ ޚިދުމަތް ދޭ މަރުކަޒުތަކުގައި ބައިތިއްބާ ކުދިންގެ ބިހޭވިއަރ މެނޭޖްކުރުމަށްޓަކައި، ތިރީގައި ބަޔާންކޮށްފައި މިވާ ކަންކަން، އެއްވެސް ހާލަތެއްގައި ކޮށްގެން ނުވާނެއެވެ.
-1 އެއްވެސް ބާވަތެއްގެ ޖިސްމާނީ އަނިޔާއެއް ދިނުން ނުވަތަ އެފަދަ އަނިޔާއެއް ދޭނެކަމުގެ ބިރު ދެއްކުން؛
-2 ކިޔަމަންތެރި ކުރުވުމުގެ ގޮތުން ނުވަތަ އަދަބެއް ދިނުމުގެ ގޮތުން އެއްވެސް ކުއްޖަކު އެއްވެސް ތަނެއްގައި ބަންދުކޮށްފައި ބެހެއްޓުން؛
-3 އަދަބެއްގެ ގޮތުގައި ކުއްޖާއަށް ލިބެންޖެހޭ ކާނާ ނުދީ ހިފެހެއްޓުން؛
-4 އަދަބެއްގެ ގޮތުގައި ކުއްޖާއަށް ލިބެންޖެހޭ ޞިއްޙީ ފަރުވާ ނުދީ ހިފެހެއްޓުން؛
-5 އަދަބެއްގެ ގޮތުގައި ކުއްޖާ ސްކޫލަށް ނުފޮނުވާ ބެހެއްޓުން؛
-6 އެހެން ކުދިންގެ ކުރިމަތީގައި ކުއްޖާގެ ޤަދަރު ކުޑަކުރުން ނުވަތަ ކުއްޖާ ލަދުގެންނެވުން؛
-7 އަދަބެއްގެ ގޮތުގައި ކުއްޖާއަށް ލިބެންޖެހޭ، ޢާއިލާއާ ބައްދަލުކުރުމުގެ ޙައްޤު ހިފެހެއްޓުން؛ އަދި
-8 ކުދިން ކޮންޓްރޯލްކުރުމަށް އެހެން ކުދިން ބޭނުންކުރުން.
(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އުސޫލު، މި ގަވާއިދަށް ޢަމަލުކުރަން ފަށާ ތާރީޚުން ފެށިގެން 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި، ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސްއިން އެކުލަވައިލައި، ދިވެހިސަރުކާރުގެ ގެޒެޓުގައި އެ އުސޫލު ޝާއިޢުކުރަންވާނެއެވެ.
39ވަނަ މާއްދާ: އިންފަންޓް ކެއަރ ދިނުން
އޯލްޓަނޭޓިވް ކެއަރގެ ޚިދުމަތް ދޭ މަރުކަޒުތަކުގައި ބައިތިއްބާ އުމުރުން 3 (ތިނެއް) އަހަރަށްވުރެ ހަގު ކުދިންނަށް އިންފަންޓް ކެއަރ ދިނުމުގައި އަންނަނިވި ކަންކަން ކުރަންވާނެއެވެ.
(ހ) އިންފަންޓު ކެއަރ ދިނުމަށްޓަކައި، މި މާއްދާގައި ބަޔާންކޮށްފައިވާ އުމުރުގެ ކުދިން ބައިތިއްބާ މަރުކަޒެއްގައި، އެ ކުދިން ބައިތިއްބާނެ ވަކި ޚާއްޞަ ކޮޓަރިއެއް ހަމަޖެއްސުން؛
(ށ) ކުއްޖާއަށް ފީޑުކުރުމުގައި، ކުއްޖާ ކޮށިނާރާނޭކަން ކަށަވަރު ކުރުމަށް ޓަކައި، ކުއްޖާ އުރައިގެން ހުރެ ފީޑުކުރުން؛
(ނ) ކުއްޖާއާ ގުޅުން ބަދަހިކުރުމަށް ކުއްޖާއާ ފިޒިކަލް ކޮންޓެކްޓް ހެދުމާއި ފޭސް-ޓު-ފޭސް ކޮންޓެކްޓް ހެދުން؛
(ރ) ކުއްޖާގެ ހާލަތު އަބަދުވެސް މޮނިޓަރުކުރަމުން ގެންދިއުން؛
(ބ) ކުއްޖާއާ މުޢާމަލާތުކުރުމުގެ ގޮތުން ޓަޗް ސައުންޑާއި ލެންގުއޭޖް ބޭނުންކުރުން؛
(ޅ) ކުއްޖާ ގަވާއިދުން ފެންވަރުވައި ރީތިކުރުން؛
(ކ) ކުއްޖާ މޮނިޓަރނުކޮށް ގިނަ ވަގުތު އެކަނި ދޫކޮށްނުލުން؛ އަދި
(އ) ކުއްޖާގެ އުފަންދުވަހުގެ ސެޓުފިކެޓު ހެއްދުމާއި، ކުއްޖާއަށް ބޭނުންވާ ވެކްސިން ދިނުމާއި، ކުއްޖާގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ހެއްދުން.
40ވަނަ މާއްދާ: އިންފަންޓް ކެއަރ ދިނުމުގައި ޢަމަލުކުރަންޖެހޭ އިޖުރާއަތުތައް ބަޔާންކުރުން
އިންފަންޓު ކެއަރ ދިނުމުގައި ކެއަރ ވާރކަރުން ޢަމަލުކުރަންޖެހޭ އިޖުރާއަތުތައް އޯލްޓަނޭޓިވް ކެއަރގެ ޚިދުމަތް ދޭ މަރުކަޒުތަކުގެ ސްޓޭންޑަޑް އޮޕަރޭޓިންގ ޕްރޮސީޖަރގައި ހިމަނަންވާނެއެވެ.
41ވަނަ މާއްދާ: ކޭސް ވާރކަރުންގެ ރޭޝިއޯ ކަނޑައެޅުން
އިންފަންޓް ކެއަރ ދިނުމުގައި، ކޮންމެ ކޭސް ވާރކަރަކަށް އެންމެ ގިނަވެގެން އެއްފަހަރާ ހަވާލުކުރެވޭނެ ކުދިންގެ އަދަދު ނުވަތަ ރޭޝިއޯ، ކުޑަކުދިންގެ ޙައްޤުތައް ރައްކައުތެރިކުރުމާބެހޭ ކައުންސިލުގެ ލަފާގެ މަތިން މިނިސްޓަރު އަންގާ ގޮތެއްގެ މަތިން، ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސްއިން ކަނޑައަޅަންވާނެއެވެ.
ހަތްވަނަ ބާބު
އޯލްޓަނޭޓިވް ކެއަރގެ ޚިދުމަތް ދޭ މަރުކަޒުތަކުގައި ބައިތިއްބާ ކުދިންނަށް ދޭންޖެހޭ ޚިދުމަތްތައް
42ވަނަ މާއްދާ: ކުދިންނަށް ދޭންޖެހޭ ޚިދުމަތްތައް
އޯލްޓަނޭޓިވް ކެއަރގެ ޚިދުމަތް ދޭ މަރުކަޒުތަކުގައި ބައިތިއްބާ ކުދިންނަށް، އަންނަނިވި ޚިދުމަތްތައް ދޭންވާނެއެވެ.
(ހ) މި ގަވާއިދާއި މި ގަވާއިދުގެ ދަށުން ހަދާ އުސޫލާ އެއްގޮތްވާ ގޮތުގެ މަތިން ކުއްޖާގެ ޢާއިލާއާ ގަވާއިދުން ގުޅުން ބޭއްވުން؛
(ށ) ކުއްޖާއާއި ޢާއިލާއާމެދު ގުޅުން ހީނަރުވެފައިވާ ނުވަތަ ގުޅުން ކެނޑިފައިވާ ހާލަތްތަކުގައި ގުޅުން ޤާއިމްކުރުން؛
(ނ) އަންނަނިވި ގޮތުގެ މަތިން ކުއްޖާއަށް އުނގަންނައިދިނުމާއި ހުނަރު ދަސްކޮށްދިނުން؛
-1 ރަސްމީ ތަޢުލީމުގައި ބައިވެރިކުރުން؛
-2 މަރުކަޒުތަކުގެ ތެރޭގައި ކުދިން ބައިތިއްބައިގެން ޓިއުޝަން ދިނުން؛
-3 ލައިފް ސްކިލްސް ދަސްކޮށްދިނުން؛ އަދި
-4 މަތީ ތަޢުލީމުގެ ފުރުޞަތު ނުވަތަ ވަޒީފާ ހޯދުމަށް ކުއްޖާ ތައްޔާރުކުރުން.
(ރ) މުނިފޫހިފިލުވުމާއި ކުޅިވަރުކުޅޭނެ އިންތިޒާމް ހަމަޖައްސައިދިނުން؛
(ބ) ޞިއްޙީ ފަރުވާ ފޯރުކޮށްދިނުން؛
(ޅ) ސައިކޮލޮޖިކަލް އެހީތެރިކަމާއި، ކައުންސިލިންގެ އެހީތެރިކަން ދިނުން؛
(ކ) ރަނގަޅު ކާނާއާއި ސާފު ބޯފެން ފޯރުވައިދިނުން؛
(އ) ސެނިޓޭޝަން ފޯރުވައިދިނުމާއި، ހައިޖީން ބެލެހެއްޓުން؛ އަދި
(ވ) އިޖުތިމާޢީ ކަންކަމުގައި ބައިވެރިވުމުގެ ފުރުޞަތު ހޯދައިދިނުން.
43ވަނަ މާއްދާ: ރިކޯޑު ބެލެހެއްޓުން
އޯލްޓަނޭޓިވް ކެއަރގެ ޚިދުމަތް ދޭ މަރުކަޒެއްގައި ހުންނަ ކުއްޖަކަށް، އޭނާގެ ޢާއިލާއާއެކު މުޢާމަލާތު ކުރުމަށް ފުރުޞަތު ދީފައިވާ ގޮތުގެ ރެކޯޑު، އެ މަރުކަޒަކުން ބަލަހައްޓަމުން ގެންދާންވާނެއެވެ.
44ވަނަ މާއްދާ: ޢާއިލާއާ ގުޅުން ޤާއިމްކުރުން
މި ގަވާއިދުގެ 42 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ކުއްޖާއާ އެ ކުއްޖާގެ ޢާއިލާއާ ދެމެދުގައި ގުޅުން ޤާއިމްކުރުމުގައި ބަލަންވާނީ، އެންމެ ފުރަތަމަ ރިމޯޓުކޮށް (ފޯނު، ވީޑިއޯ މެސެޖު ނުވަތަ އެނޫންވެސް ރިމޯޓު ވަސީލަތެއް މެދުވެރިކޮށް) ކުއްޖާއާ އެ ކުއްޖާގެ ޢާއިލާ ތަޢާރުފުކުރުމަށެވެ. އެއަށްފަހު، ކުރު ބައްދަލުވުންތަކެއް މެދުވެރިކޮށެވެ. އަދި ސުޕަވައިޒްކުރެވޭ ދިގު ބައްދަލުވުންތަކެއްގައި ބައިވެރިވުމަށް ކުއްޖާ ތައްޔާރުވުމުން، އެފަދައިން ބާއްވާ ބައްދަލުވުންތަކެއް މެދުވެރިކޮށެވެ.
45ވަނަ މާއްދާ: ރަސްމީ ތަޢުލީމުގައި ބައިވެރިކުރުން
(ހ) އޯލްޓަނޭޓިވް ކެއަރގެ ޚިދުމަތް ދޭ މަރުކަޒެއްގައި ކުއްޖާގެ އެޑްމިޝަން ހަދާ ހިސާބުން، އެ ކުއްޖަކު އެ ވަގުތެއްގައި ހުރި ސްކޫލަށް ނުވައްދާ ނަމަ، އެ ކުއްޖެއްގެ އުމުރަށާއި، އެހިނދަށް ލިބިފައިވާ ތަޢުލީމުގެ މައްޗަށް ބަލައި، އެ ކުއްޖަކު ސްކޫލަށް ވެއްދުމަކީ، ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސްގެ ޒިންމާއެކެވެ.
(ށ) ކުއްޖާ ސްކޫލަށް ދިއުމުގައި ހިނގާ ހުރިހާ ޚަރަދެއް ހަމަޖައްސައިދޭންވާނީ މިނިސްޓްރީގެ ފަރާތުންނެވެ. މިގޮތުން ކުއްޖާއަށް ބޭނުންވާ ޔުނީފޯމާއި، އެހެނިހެން އަންނައުނާއި، ފޮތާއި، ފޮތް ދަބަހާއި، އެހެނިހެން ތަކެތި ކުއްޖާއަށް ދޭންވާނެއެވެ.
(ނ) ކުއްޖާގެ އަޚްލާޤާ ބެހޭ ގޮތުންނާއި ކުއްޖާގެ ޕަރފޯމަންސާބެހޭ ހުރިހާ ކަމެއްގައި ސްކޫލުން އަންގަންވާނީ ކުއްޖާގެ ޕްރައިމަރީ ކެއަރ ވާރކަރއަށެވެ. މިގޮތަށް ސްކޫލުން އަންގާ ހުރިހާ އެންގުމެއްވެސް ކުއްޖާގެ ކޭސް ފައިލުގައި ހިމަނައި ރިކޯޑުކުރަންވާނެއެވެ. އަދި ކުއްޖާގެ ޕްރައިމަރީ ކެއަރ ވާރކަރުގެ އަމިއްލަ އިސްނެގުމުގެ މަތިން ކުއްޖާގެ ސްކޫލުގެ ކަމާބެހޭ ފަރާތްތަކާ ގަވާއިދުން ބައްދަލުކޮށްގެން ކުއްޖާއާބެހޭ މަޢުލޫމާތު ހޯދަންވާނެއެވެ.
(ރ) ކުއްޖާއާ ގުޅޭ ގޮތުން ބާއްވާ ފޮލޯއަޕް މީޓިންތަކާއި ރިވިއު މީޓިންގތަކުގައި ކުއްޖާގެ ޓީޗަރު ބައިވެރިކުރަންވާނެއެވެ.
(ބ) ސްކޫލުގައި ބާއްވާ އިތުރު ހަރަކާތްތަކުގައި ކުއްޖާ ބައިވެރިވުމަށް، ޕްރައިމަރީ ކެއަރ ވާރކަރ، ކުއްޖާއަށް ހިތްވަރުދޭންވާނެއެވެ.
(ޅ) އޯލްޓަނޭޓިވް ކެއަރގެ ޚިދުމަތް ދޭ މަރުކަޒުތަކުގައި، ކުދިންނަށް ކިޔަވަން ތިބެވޭ ގޮތަށް، ރަނގަޅަށް އަލިކަން ލިބޭގޮތަށް ހަދައިފައި ހުންނަ އަދި ވެންޓިލެޓްކޮށްފައި ހުންނަ ސްޓަޑީ ރޫމެއް ހަމަޖައްސައިދޭންވާނެއެވެ.
(ކ) އޯލްޓަނޭޓިވް ކެއަރގެ ޚިދުމަތް ދޭ މަރުކަޒުތަކުގައި، ކުދިންނަށް ފޮތް ކިޔޭ ގޮތަށް ލައިބްރަރީ ރޫމެއް ޤާއިމް ކުރަންވާނެއެވެ.
46ވަނަ މާއްދާ: ޓިއުޝަންދިނުން
(ހ) އޯލްޓަނޭޓިވް ކެއަރގެ ޚިދުމަތް ދޭ މަރުކަޒުތަކުގައި، ކުދިންނަށް އުނގަންނައިދިނުމަށްޓަކައި ބޭނުންވާ އެހީތެރިކަން ދިނުމަށް ޓީޗަރުން ހަމަޖައްސަންވާނެއެވެ.
(ށ) އޯލްޓަނޭޓިވް ކެއަރގެ ޚިދުމަތް ދޭ މަރުކަޒުތަކުގައި ދޭ ޓިއުޝަން ސަޕޯޓުގެ ދަށުން ކުދިންނަށް އުނގަންނައިދެވޭނެ މަންހަޖެއް، މިނިސްޓްރީ އޮފް އެޑިއުކޭޝަނާ ގުޅިގެން، ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސްއިން އެކުލަވައިލަންވާނެއެވެ.
(ނ) އޯލްޓަނޭޓިވް ކެއަރގެ ޚިދުމަތް ދޭ މަރުކަޒުތަކުގައި ދޭ ޓިއުޝަން ސަޕޯޓުގެ ދަށުން އަންނަނިވި ކަންކަން ކޮށްދޭންވާނެއެވެ.
-1 ރަސްމީ ތަޢުލީމުގައި ބައިވެރިވެފައިވާ ކުދިންނަށް ހޯމްވާރކް ހެދުމަށް އެހީތެރިވުން. މިގޮތުން، ހަފުތާއަކު ދެފަހަރު، އެންމެ މަދުވެގެން 1 (އެކެއް) ގަޑިއިރުގެ އެހީތެރިކަން ކޮންމެ ކުއްޖަކަށް ލިބުން؛
-2 ކޮންމެވެސް ސަބަބަކާހުރެ ރަސްމީ ތަޢުލީމުގައި ބައިވެރިވެވިފައި ނުވާ ކުދިންނަށް ކޮންމެ ދުވަހަކު ކިޔަވައިދިނުން؛
-3 ދިރާސީ އަހަރުގެ މެދުތެރޭގައި އޯލްޓަނޭޓިވް ކެއަރގެ ޚިދުމަތް ދޭ މަރުކަޒަކަށް ކުއްޖާ ގެނައުމުގެ ސަބަބުން، އެ އަހަރުގެ ބާކީ އޮތް ބަޔަށް ސްކޫލަށް ނުދެވޭ ކުދިންނަށް، ވިދިގެން އަންނަ ދިރާސީ އަހަރުގައި އެ ކުއްޖާ ބައިވެރިވާންޖެހޭ ގްރޭޑާ ހަމައަށް ދިއުމަށް ދޭންޖެހޭ ތަޢުލީމް ދިނުން؛ އަދި
-4 އެ ކުއްޖެއްގެ އުމުރަށް ބަލައި، އުނގެނުމުގެ ޤާބިލުކަން ދަށް ކުދިންނަށް، އެ ކުދިންގެ ފެންވަރު މަތިކުރުމުގެގޮތުން އެކްސެލެރޭޓެޑް ލަރނިންގ ސެޝަންތަކެއް ކޮންމެ ދުވަހަކު ބޭއްވުން.
47ވަނަ މާއްދާ: ލައިފް ސްކިލްސް
އޯލްޓަނޭޓިވް ކެއަރގެ ޚިދުމަތް ދޭ މަރުކަޒުގައި ބައިތިއްބާ ކުދިންގެ ނަފްސާނީ ދުޅަހެޔޮކަމާއި ޖިސްމާނީ ދުޅަހެޔޮކަމާއި ވިސްނުމުގެ ޤާބިލުކަން ހަރުދަނާކުރުމަށްޓަކައި، އެ ކުދިންނަށް އަމާޒުކޮށްގެން ކޮންމެ އަހަރަކު ދެފަހަރެއްގެ މަތިން ލައިފް ސްކިލްސް އުނގަންނައިދޭންވާނެއެވެ.
48ވަނަ މާއްދާ: މަތީ ތަޢުލީމުގެ ފުރުޞަތު ނުވަތަ ވަޒީފާގެ ފުރުޞަތު ހޯދުމަށްޓަކައި ކުއްޖާ ތައްޔާރުކުރުން
(ހ) އޯލްޓަނޭޓިވް ކެއަރގެ ޚިދުމަތް ދޭ މަރުކަޒުގައި ބައިތިއްބާ ކޮންމެ ކުއްޖަކަށްވެސް، އެ ކުއްޖަކު އަމިއްލަޔަށް މަތީ ތަޢުލީމުގެ ފުރުޞަތު ނުވަތަ ވަޒީފާގެ ފުރުޞަތު ހޯދުމަށްޓަކައި، އެކަށީގެންވާ މިންވަރަކަށް ކުއްޖާ ތައްޔާރުކުރުމަށް، ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސްއިން މަސައްކަތްކުރަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގެ މަޤްޞަދަށްޓަކައި އަންނަނިވި ކަންކަން، ކަމާބެހޭ ޕަބްލިކް ފަރާތްތަކާއި އަމިއްލަ ފަރާތްތަކާއެކު ވިލަރެސްކޮށްގެން، ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސްއިން ހަމަޖައްސަންވާނެއެވެ.
-1 ޕްރޮފެޝަނަލް އެޑިއުކޭޝަން ކައުންސިލަރަކު މެދުވެރިކޮށްގެން، އުމުރުން 16 (ސޯޅަ) އަހަރުން މަތީގެ ކުދިންނަށް އެޑިއުކޭޝަން ކައުންސިލިންގ ދިނުން؛
-2 ވަޒީފާއާބެހޭ ޕްރޮފެޝަނަލް ކައުންސިލަރަކު މެދުވެރިކޮށްގެން، އުމުރުން 16 (ސޯޅަ) އަހަރުން މަތީގެ ކުދިންނަށް ޖޮބް ކައުންސިލިންގ ދިނުން؛
-3 ކުދިން ޝައުޤުވެރިކަން ހުންނަ ދާއިރާތަކަށް ބަލައި، ވޮކޭޝަނަލް ތަމްރީން އިންތިޒާމްކުރުން؛
-4 މަސައްކަތުގެ ތަޖުރިބާ ހޯދުމުގެ ގޮތުން އެޕްރެންޓިސްޝިޕް ޕްރޮގްރާމްތަކާއި އިންޓަރންޝިޕް ޕްލޭސްމަންޓު އިންތިޒާމްކުރުން.
(ނ) މި މާއްދާގެ (ށ) ގެ (3) ވަނަ ނަންބަރާއި (4) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ކަމެއް ކުރަންވާނީ، ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސްއިން ވަޒީފާ ދޭ ފަރާތްތައް ކުރިއާލައި ރަނގަޅަށް ބެލުމަށްފަހު، އެ ސަރވިސްއިން ކަނޑައަޅާ ކޯޑު އޮފް ކޮންޑަކްޓާއި ކުޑަކުދިން ރައްކައުތެރިކުރުމުގެ ޕޮލިސީއަށް ޢަމަލުކުރުމަށް ލިޔުމުން އެއްބަސްވާ ފަރާތްތަކާއެކު އެކަންޏެވެ.
(ރ) މި މާއްދާގެ (ށ) ގެ (3) ވަނަ ނަންބަރާއި (4) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ޕްރޮގްރާމެއްގައި ކުއްޖާ ބައިވެރިކުރަންވާނީ، ކުއްޖާގެ ރައްކައުތެރިކަމާބެހޭ ގޮތުން ކުއްޖާއަށް ދޭންޖެހޭ އިރުޝާދުތައް ރަނގަޅަށް ކިޔައިދީ، ކުއްޖާ އެފަދަ މާޙައުލެއްގައި ބައިވެރިވެ އުޅުމަށް ތައްޔާރުވުމުންނެވެ.
49ވަނަ މާއްދާ: މުނިފޫހިފިލުވުމާއި ކުޅިވަރުކުޅުން
ކުއްޖާގެ ޖިސްމާނީ، އިޖުތިމާޢީ، ނަފްސާނީ އަދި ކޮގްނިޓިވް ޑިވެލޮޕްމަންޓަށް ރިޢާޔަތްކޮށް، މުނިފޫހިފިލުވުމާއި ކުޅިވަރު ކުޅެވޭނެ އިންތިޒާމް، އޯލްޓަނޭޓިވް ކެއަރގެ ޚިދުމަތް ދޭ ކޮންމެ މަރުކަޒެއްގައިވެސް ހަމަޖެހިފައި ހުންނަންވާނެއެވެ.
50ވަނަ މާއްދާ: ޞިއްޙީ ފަރުވާ ދިނުން
އޯލްޓަނޭޓިވް ކެއަރގެ ޚިދުމަތް ދޭ މަރުކަޒުތަކުގައި ބައިތިއްބާ ކުދިންނަށް ޞިއްޙީ ފަރުވާ ދިނުމާބެހޭ ގޮތުން މި ގަވާއިދުގައި ބަޔާންކޮށްފައިވާ ކަންކަމުގެ އިތުރުން، އަންނަނިވި ކަންކަން އެފަދަ މަރުކަޒުތަކުގައި ހަމަޖައްސަންވާނެއެވެ.
(ހ) ކޮންމެ މަރުކަޒެއްގައިވެސް ކުދިންނަށް ކޮންމެ ވަގުތެއްގައިވެސް ވާސިލްވެވޭ ގޮތަށް، ފުރިހަމައަށް ފަސްޓް އެއިޑް ތަމްރީން ލިބިފައިވާ އަދި ކުދިންނަށް ބޭސްކުރުމާއި ބޭސް ދިނުމުގެ ފަންނީ ތަޖުރިބާ ލިބިފައިވާ ނަރުހަކު ހުންނަންވާނެއެވެ.
(ށ) ކުދިންގެ ޞިއްޙަތު ރައްކައުތެރިކުރުމަށް ކެއަރ ވޯކަރުން ޕްރޯއެކްޓިވް ނަޒަރިއްޔާއަކުން މަސައްކަތް ކުރަންވާނެއެވެ. މިގޮތުން، ދުޅަހެޔޮ ޞިއްޙަތެއްގައި ހުރުމަށް ގެންގުޅެންޖެހޭ އާދަތަކާއި، ކުދިން ދިރިއުޅޭ މާޙައުލުގައި ޞިއްޙީގޮތުން ރައްކައުތެރިވެ ތިބުމަށް ކުރެވޭނެ ކަންކަމާއި، ނިދުމާއި، ކެއުމާއި، ޕަރސަނަލް ހައިޖީންއާބެހޭ މަޢުލޫމާތު ކުދިންނަށް ގަވާއިދުން ދޭންވާނެއެވެ. އަދި މަސްތުވާ ތަކެތީގެ ނުރައްކައުތެރިކަމާބެހޭ ގޮތުން ކުދިން ހޭލުންތެރި ކުރަން ވާނެއެވެ. އަދި ދުޅަހެޔޮ ޞިއްޙަތެއްގައި ދެމިހުރުމަށްޓަކައި ކުޅިވަރުކުޅުމާއި ކަސްރަތު ކުރުމުގެ ބޭނުމާއި ފައިދާތައް ކުދިންނަށް ކިޔައިދޭންވާނެއެވެ.
(ނ) ބަލިހާލަތެއް ދިމާވެފައިވާ ކުދިންނަށާއި، ގައިން ގަޔަށް އަރާ ބަލި ޖެހިފައިވާ ކުދިން، އެ ކުދިން ބަލިން ފަސޭހަވަންދެން، ވަކި ކޮޓަރިތަކެއްގައި ބެހެއްޓޭނެ އިންތިޒާމް ހަމަޖައްސަންވާނެއެވެ.
(ރ) ބަލިހާލަތެއް ދިމާވެފައިވާ ކުދިންނާއި، ގައިން ގަޔަށް އަރާ ބަލި ޖެހިފައިވާ ކުދިންނަށް ބޭނުންވާ ފަރުވާ، ހޮސްޕިޓަލުގައި ބާއްވައިގެން ދެވޭނެ އިންތިޒާމް ހަމަޖައްސައިދޭންވާނެއެވެ.
(ބ) ކުއްޖަކު ބަލިވެއްޖެނަމަ، ލަސްނުކޮށް އެ ކުއްޖަކަށް ފަރުވާ ދިނުމަށްޓަކައި ކުޑަކުދިންނާބެހޭ ޚާއްޞަ ޑޮކްޓަރަކަށް ނުވަތަ ޖެނެރަލް ޑޮކްޓަރަކަށް، ނަރުހެއްގެ ހާޒިރުގައި ގެންދެވޭނެ އިންތިޒާމް ހަމަޖައްސައިދޭންވާނެއެވެ.
(ޅ) މަސްތުވާތަކެތީގެ ދެވިހިފައިފައިވާ ކުދިންނަށް ބޭނުންވާ ޑީޓޮކްސިފިކޭޝަނާއި، އެކަން ހުއްޓުވުމަށާއި، އެކަމުން ރިހެބިލިޓޭޓް ކުރުމަށް ބޭނުންވާ ފަރުވާ، ކަމާބެހޭ ފަންނީ ފަރާތްތަކާ ގުޅިގެން ދޭންވާނެއެވެ.
(ކ) ކުއްޖެއްގެ ބަލިހާލަތު ވަރަށް ގޯސްވެއްޖެނަމަ ނުވަތަ ކުއްޖަކު މަރުވެއްޖެނަމަ، އެ ކުއްޖެއްގެ ޢާއިލާއަށް ވަގުތުން އެކަމެއް އަންގައި، ކުއްޖާއާ ބައްދަލުކުރެވޭނެ ފުރުޞަތު ނުވަތަ ކުއްޖާގެ ޖަނާޒާގައި ބައިވެރިވުމުގެ ފުރުޞަތު ދޭންވާނެއެވެ.
(އ) މަރުކަޒުތަކުގައި ބަހައްޓާ ބޭހާއި، ކެމިކަލްތަކާއި، އެކި ބާވަތުގެ ޓޮކްސިކަންޓް ހުންނަންވާނީ، ކުދިންނަށް ވާސިލުނުވެވޭނެ ގޮތަށް ތަޅުލައިފައެވެ.
(ވ) މަރުކަޒުތަކުގައި ލިބެން ހުންނަ ބޭސްތަކުގެ އިންވެންޓްރީއެއް ގަވާއިދުން ބަލަހައްޓައި، ބޭސް ހުސްވެއްޖެނަމަ، ބޭސް އައުކޮށް، އަބަދުވެސް ސްޓޮކް ބަލަހައްޓަމުން ގެންދަންވާނެއެވެ.
(މ) މަރުކަޒުތަކުގައި އަބަދުވެސް ކެއަރ ވާރކަރުންނަށާއި މުވައްޒަފުންނަށް ފަސޭހައިން ވާސިލުވެވޭ ގޮތަށް ފުރިހަމަ ފަސްޓް އެއިޑް ކިޓުތައް ހުންނަންވާނެއެވެ.
(ފ) މަރުކަޒުތަކުގައި މަސައްކަތްކުރާ ހުރިހާ މުވައްޒަފުންނަށްވެސް ފަސްޓް އެއިޑް ތަމްރީނު ދޭންވާނެއެވެ.
(ދ) މަރުކަޒުތަކުގައި ހުރިހާ މުވައްޒަފުންނަށްވެސް ފެންނަން ހުންނާނޭ ގޮތަށް ނަރުހުންނަށް ގުޅޭނެ ފޯނު ނަންބަރުތަކާއި، އިމަރޖެންސީ މެޑިކަލް ކޮންޓެކްޓް ލިސްޓާއި، ޞިއްޙީ ފަރުވާ ދިނުމަށް ރިފަރކުރާނެ ފަރާތްތަކާއި އެ ފަރާތްތަކާ ގުޅޭނެ ފޯނު ނަންބަރު ބަހައްޓައިފައި ހުންނަންވާނެއެވެ.
51ވަނަ މާއްދާ: މަރުކަޒުތަކުގައި ބައިތިއްބާ ކުދިން މެޑިކަލް ރިސަރޗްގައި ބައިވެރިނުކުރުން
އޯލްޓަނޭޓިވް ކެއަރގެ ޚިދުމަތް ދޭ މަރުކަޒުތަކުގައި ބައިތިއްބާ ކުދިން، އެއްވެސް މިންވަރަކަށް އެއްވެސް މެޑިކަލް ރިސަރޗެއްގައި ބައިވެރިކޮށްގެން ނުވާނެއެވެ.
52ވަނަ މާއްދާ: ޞިއްޙީ ފަރުވާއާބެހޭ މަޢުލޫމާތު ކޭސް ފައިލުގައި ރެކޯޑުކުރުން
އޯލްޓަނޭޓިވް ކެއަރގެ ޚިދުމަތް ދޭ މަރުކަޒުތަކުގައި ބައިތިއްބާ ކުދިންނަށް ދެވޭ ޞިއްޙީ ފަރުވާއާ ބެހޭ މަޢުލޫމާތު އެ ކުދިންގެ ކޭސް ފައިލްތަކުގައި ގަވާއިދުން ހިމަނައި ރިކޯޑުކުރަންވާނެއެވެ.
53ވަނަ މާއްދާ: ސައިކޮލޮޖިކަލް އެހީތެރިކަމާއި ކައުންސިލިންގ އެހީތެރިކަން ފޯރުވައިދިނުން
(ހ) އޯލްޓަނޭޓިވް ކެއަރގެ ޚިދުމަތް ދޭ މަރުކަޒުތަކުގައި ތިބޭ ކުދިން ބޭނުންވެއްޖެ ހިނދެއްގައި، އެ ކުދިންނަށް ވާސިލުވެވޭ ގޮތަށް ސައޮކޮލޮޖިކަލް އެހީތެރިކަމާއި ކައުންސިލިންގ އެހީތެރިކަން ލިބޭނެ އިންތިޒާމް ހަމަޖައްސައިދޭންވާނެއެވެ.
(ށ) މި މާއްދާގެ މަޤްޞަދަށްޓަކައި، އޯލްޓަނޭޓިވް ކެއަރގެ ޚިދުމަތް ދޭ މަރުކަޒުތަކުން އެންމެ މަދުވެގެން ވެސް، އަންނަނިވި ކަންކަން، އެ މަރުކަޒުތަކުގައި ބައިތިއްބާ ކުދިންނަށް ހަމަޖައްސައިދޭންވާނެއެވެ.
-1 ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ އަދި މިނިސްޓްރީން ޤަބޫލުކުރާ ސައިކޮލޮޖިސްޓަކަށް ވާސިލުވެވޭ އިންތިޒާމް؛
-2 މަރުކަޒުތަކުގައި ސައިކޮލޮޖިސްޓަށް ކުދިންނާ ބައްދަލުކުރެވޭނެ ކައުންސިލިންގ ރޫމެއް ބެހެއްޓުން؛
-3 ސައިކޮލޮޖިސްޓް ދޭންޖެހޭ ލަފާ ދިނުމަށްޓަކައި ކެއަރ ޕްލޭން ތައްޔާރުކުރުމުގައި އެ ފަރާތް ބައިވެރިކުރަންޖެހޭނަމަ، އެ ފަރާތުގެ ބައިވެރިވުން ހޯދުން؛ އަދި
-4 ކުއްޖާގެ ފޮލޯއަޕް ހަދާއިރު ނުވަތަ ރިވިއުކުރާއިރު، ސައިކޮލޮޖިސްޓުގެ ބައިވެރިވުން ބޭނުންވާނަމަ، އެ ފަރާތުގެ ބައިވެރިވުން ހޯދުން.
54ވަނަ މާއްދާ: ރަނގަޅު ކާނާއާއި ސާފު ބޯފެން ދިނުން
(ހ) އޯލްޓަނޭޓިވް ކެއަރގެ ޚިދުމަތް ދޭ މަރުކަޒުތަކުގައި ކުދިންނަށް ދޭންވާނީ ބެލެންސްޑް ޑަޔަޓެއްގެ މައްޗަށް ބިނާކޮށް، ފެންވަރު ރަނގަޅު ކާނާއާއި ސާފު ބޯފެނެވެ.
(ށ) މި މާއްދާގެ (ހ) ގެ މަޤްޞަދަށްޓަކައި، އޯލްޓަނޭޓިވް ކެއަރގެ ޚިދުމަތް ދޭ މަރުކަޒުތަކުގައި ތައްޔާރުކުރާ ކާނާއި، އެ މަރުކަޒުތަކުގައި ކުދިންނަށް ލިބެން ހުންނަ ބޯފެން ހުންނަންޖެހޭ މިންގަނޑު ކަނޑައަޅާނީ ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސްއިންނެވެ. އަދި މި މިންގަނޑު ކަނޑައެޅުމަށްފަހު، ކޮންމެ މަރުކަޒެއްގައި އާންމުކޮށް ފެންނަން ހުންނާނެ ގޮތަށް ބަހައްޓަންވާނެއެވެ.
(ނ) ކުއްޖާގެ އުމުރަށް ބަލައި، ކުއްޖާގެ އިސްކޮޅާއި ބަރުދަން ގަވާއިދުން ބަލައި ރިކޯޑުކުރުމަކީ، ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސްގެ ޒިންމާއެކެވެ.
(ރ) މި މާއްދާގެ ދަށުން ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސްއިން ކަނޑައަޅަންޖެހޭ މިންގަނޑު، މި ގަވާއިދަށް ޢަމަލުކުރަން ފަށާ ތާރީޚުން ފެށިގެން 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި އެކުލަވައިލަންވާނެއެވެ.
(ބ) މި މާއްދާގައި ބަޔާންކޮށްފައިވާ މިންގަނޑަށް ޢަމަލުކުރާކަން ކަށަވަރުކުރުމަށްޓަކައި، ކޮންމެ މަހަކު އެއްފަހަރު، ކުރިއާލައި އެންގުމެއްނެތި، ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސްގެ މުވައްޒަފުން މަރުކަޒުތަކަށް ގޮސް ބަލައި މޮނިޓަރކުރަންވާނެއެވެ.
55ވަނަ މާއްދާ: ސެނިޓޭޝަން ފޯރުކޮށްދިނުމާއި ހައިޖީން ބެލެހެއްޓުން
އޯލްޓަނޭޓިވް ކެއަރގެ ޚިދުމަތް ދޭ މަރުކަޒުތަކުގައި އެންމެ މަދުވެގެން ވެސް، އަންނަނިވި މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެ މަތިން ސެނިޓޭޝަން ފޯރުވައިދީ، ކުދިންނާއި ތަނުގެ ހައިޖީން ބަލަހައްޓަންވާނެއެވެ.
(ހ) އެކަށީގެންވާ އަދަދަކަށް ފާޚާނާ ހުރުން؛
(ށ) އަންހެން ކުދިންނަށާއި، ފިރިހެން ކުދިންނަށް ވަކިވަކި ފާޚާނާ ހަމަޖެއްސުން. އަދި ކުދިން ބޭނުންކުރާ ފާޚާނާ، އެއްވެސް ހާލެއްގައި މުވައްޒަފުން ބޭނުން ނުކުރުން.
(ނ) ކުދިން ދިރިއުޅޭ ކޮޓަރިންނާއި މަރުކަޒުތަކުގައި ހުންނަ އާންމު ތަންތަނުން ފަސޭހައިން ވާސިލުވެވޭ ގޮތަށް ފާޚާނާ ހުރުން؛
(ރ) ކުދިންނަށް ލިބެންޖެހޭ ޕްރައިވަސީ ކަށަވަރުކުރެވޭނޭ ގޮތަކަށް ފާޚާނާތާއް ތައްޔާރުކުރުން. އަދި އިމަރޖެންސީ ހާލަތުގައި، ފާޚާނާއަށް ވަންނަން ޖެހިއްޖެނަމަ، ބޭރުން ދޮރު ހުޅުވައިގެން ކެއަރ ވާރކަރުންނަށް ވަދެވޭ ގޮތަށް ހުރުން؛
(ބ) ކުއްޖާއަށް ފެންވެރުމަށްޓަކައި އެހީތެރިކަން ބޭނުންވާ އުމުރުގެ ކުދިން ފެންވަރުވަން ނޫނީ، ފާޚާނާގައި ކުއްޖާ ފިޔަވައި އިތުރު މީހަކު ނުހުރުން؛
(ޅ) ކުދިން ލައްވައި ފާޚާނާ ސާފުނުކުރުވައި، ފާޚާނާތައް ކޮންމެ ދުވަހަކު ދެފަހަރަށް ސާފުކުރުން؛
(ކ) ކޮންމެ ކުއްޖަކަށްވެސް، އެ ކުއްޖަކު ފެންވަރައި ގައިން ތާހިރުވުމަށްޓަކައި ބޭނުންވާނެ ފެން ސީދާ ލިބެން ހުރުން؛
(އ) ފާޚާނާތަކާއި، އާންމު ތަންތަނުގައި ހޭންޑްވޮޝްއާއި ޑިސްއިންފެކްޓަންޓް ބަހައްޓައިފައި ހުރުން؛
(ވ) ކުދިންނާ ކޮންޓެކްޓްވުމުގެ ކުރިން، މަރުކަޒުތަކުގައި ތިބޭ މުވައްޒަފުން އަތްދޮވުން ނުވަތަ ސެނިޓައިޒްކުރުން؛
(މ) ކުދިން ކުޅުމަށް ބޭނުންކުރާ އެއްޗެހި ކޮންމެ ދުވަހަކު ޑިސްއިންފެކްޓްކުރުން؛
(ފ) ސެނިޓަރީ ނެޕްކިން ބޭނުންވާ އަންހެން ކުދިންނަށް ބޭނުންވާ މިންވަރަށް ކުރިއާލައި އެ ތަކެތި ދިނުން؛
(ދ) ކޮންމެ ކުއްޖަކަށްވެސް ވަކިން ބޭނުންކުރެވޭ ގޮތަށް ތުވާއްޔާއި، ސާފުތާހިރުވުމަށް ބޭނުންވާ ސާމާނާއި، އަންނައުނު ހަމަޖައްސައިދިނުން؛
(ތ) ކުދިންގެ ހައިޖީން ކަށަވަރުކުރުމަށް، ކުދިންނަށް އެކަށީގެންވާ މަޢުލޫމާތު ގަވާއިދުން ދިނުން؛
(ލ) މަރުކަޒުގެ ކޮމްޕައުންޑް އަބަދުވެސް ސާފުތާހިރުކޮށް ބޭއްވުމާއި، ފެން ޖަމާވާގޮތަށް ހުރުމުގެ ސަބަބުން މަދިރި އާލާވުން ހުއްޓުވުމަށްޓަކައި، އެފަދައިން ފެން ޖަމާނުވާނޭ ގޮތަށް ތަންތަން ބެލެހެއްޓުން؛
(ގ) ކުނި ނައްތައިލުމާއި، ކަމާބެހޭ އިދާރާތަކުން ކަނޑައަޅައިފައިވާ މިންގަނޑާ އެއްގޮތްވާ ގޮތުގެ މަތިން ނަރުދަމާގެ ކަންކަން ބެލެހެއްޓުން؛ އަދި
(ޏ) ކުދިން އާންމުކޮށް އުޅޭ ހިސާބުތަކުންނާއި ބަދިގެއާ ދުރުގައި، ކުނި އުކައިލަންދެން ރައްކައުކޮށްފައި ބެހެއްޓުން.
56ވަނަ މާއްދާ: އިޖުތިމާޢީ ކަންކަމުގައި ބައިވެރިވުމުގެ ފުރުޞަތު ހޯދައިދިނުން
އޯލްޓަނޭޓިވް ކެއަރގެ ޚިދުމަތް ދޭ މަރުކަޒުތަކުގައި ތިބޭ ކުދިންނަށް އެހެން ކުދިންނެކޭވެސް އެއްފަދައިން އިޖުތިމާޢީ ކަންކަމުގައި ބައިވެރިވެ އުޅުމުގެ ފުރުޞަތު ފަހިކޮށްދިނުމުގެ ގޮތުން، އަންނަނިވި ފުރުޞަތުތައް ހޯދައިދިނުމަށް ވީވަރަކުން މަސައްކަތް ކުރުމަކީ، ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސްގެ ޒިންމާއެކެވެ.
(ހ) ޖަމާޢަތުގައި ނަމާދުކުރުން؛
(ށ) ޚާއްޞަ ދުވަސްތަކާ ގުޅިގެން ބާއްވާ އިޖުތިމާޢީ ހަރަކާތްތަކާއި، މުޖުތަމަޢުގައި ރާވައިއުޅޭ ކުޅިވަރުގެ ހަރަކާތްތަކުގައި ބައިވެރިވުން؛
(ނ) ކޮމިއުނިޓީ ބޭސްޑް އިތުރު ހަރަކާތްތަކުގައި ބައިވެރިވުން؛ އަދި
(ރ) ކުދިންގެ ހުނަރުތައް މުޖުތަމަޢަށް ދައްކައިލުމުގެ އިވެންޓުތައް.
57ވަނަ މާއްދާ: ނުކުޅެދުންތެރިކަން ހުންނަ ކުދިން
(ހ) އޯލްޓަނޭޓިވް ކެއަރގެ ޚިދުމަތް ދޭ މަރުކަޒުތަކުން ދޭ ޚިދުމަތްތަކާއި، ހިންގާ ޕްރޮގްރާމްތަކާއި، ބާއްވާ ހަރަކާތްތައް އެހެން ކުދިންނަށްވެސް ލިބިދޭ ފެންވަރުގައި، ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ލިބިދެވޭންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގެ މަޤްޞަދަށްޓަކައި، އޯލްޓަނޭޓިވް ކެއަރގެ ޚިދުމަތް ދޭ މަރުކަޒުތަކުގައި އެންމެ މަދުވެގެން ވެސް، އަންނަނިވި ކަންކަން ހަމަޖައްސަންވާނެއެވެ.
-1 އެހެން ކުދިންނަށްވެސް ދޭ ޚިދުމަތްތަކާއި، ހިންގާ ޕްރޮގްރާމްތަކާއި، ބާއްވާ ހަރަކާތްތަކަށް ޖިސްމާނީގޮތުން ވާސިލުވެވޭނެ އިންތިޒާމްތައް (މިސާލަކަށް: ޢިމާރާތަށް ވަދެ ނުކުމެ ހަދާ ތަންތަނުގައި ރޭމްޕް ބެހެއްޓުމާއި، ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ޚާއްޞަ އަތްގަނޑު ފާޚާނާތަކުގައި ބެހެއްޓުމާއި، އިމަރޖެންސީ ހާލަތެއްގައި ބޭނުންކުރެވޭނެ ގޮތަށް އެ ކުދިން ނިދުމަށް ބޭނުންކުރާ އެނދުގައި އެލާމް ހަރުކުރުން)؛
-2 ކުދިންނާ މުޢާމަލާތު ކުރުމަށް ބޭނުންކުރާ ނޯޓިސް ބޯޑާއި، އެނައުންސްމަންޓުތައް، ނުކުޅެދުންތެރިކަން ހުންނަ ކުދިންނާ ގުޅޭ ގޮތަށް ބައްޓަންކުރުން؛
-3 ނުކުޅެދުންތެރިކަން ހުންނަ ކުދިންނާ ގުޅޭގޮތަށް އެ ކުދިންގެ ދުވަހުގެ ޝެޑިއުލް އެކުލަވައިލުން؛
-4 ނުކުޅެދުންތެރިކަން ހުންނަ ކުދިންނާ ގުޅޭ ގޮތަށް ޕްރޮގްރާމްތަކާއި ހަރަކާތްތައް ބައްޓަންކުރުން؛
-5 ޕިއަރ ސަޕޯޓު ދިނުމަށްޓަކައި ބަޑީ ސިސްޓަމެއް ޤާއިމްކުރުން؛
-6 ނުކުޅެދުންތެރިކަން ހުންނަ ކުދިންނާމެދު އެހެން ކުދިން ގެންގުޅެފާނެ ތަފާތުކުރުން ނައްތައިލުމަށްޓަކައި އެހެން ކުދިން ސެންސިޓައިޒްކުރުން؛ އަދި
-7 ކުދިންނާ ގުޅޭ ކަންކަމުގައި އެހެން ކުދިންގެ ބައިވެރިވުން ހޯދާގޮތަށް، ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ބައިވެރިވުން ހޯދުން.
58ވަނަ މާއްދާ: ކޭސް މެނޭޖްމަންޓު ހެދުން
(ހ) އޯލްޓަނޭޓިވް ކެއަރގެ ޚިދުމަތް ދޭ މަރުކަޒުތަކުގައި ބައިތިއްބާ ކޮންމެ ކުއްޖެއްގެ ވެސް ކޭސް މެނޭޖްމަންޓު ހަދަންވާނެއެވެ.
(ށ) އޯލްޓަނޭޓިވް ކެއަރގެ ޚިދުމަތް ދޭ މަރުކަޒުތަކުގައި ބައިތިއްބާ ކުދިންގެ ކޭސް މެނޭޖްމަންޓު ހަދާނީ، ޤާނޫނު ނަންބަރު 2019/19 (ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނު) ގެ ދަށުން އެކުލަވައިލައިފައިވާ ގަވާއިދުތަކުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިންނެވެ.
(ނ) މި މާއްދާގެ (ށ) ގެ މަޤްޞަދަށްޓަކައި، ކޭސް މެނޭޖްމަންޓު ހެދުމުގައި ހިމެނެނީ، ގަވާއިދުގައިވާ ގޮތުގެ މަތިން އަންނަނިވި ކަންކަން ކުރުމެވެ.
-1 ކޭސް މެނޭޖްމަންޓުގެ ދެވަނަ މަރުޙަލާގެ ދަށުން ހަދަންޖެހޭ ކޮމްޕްރިހެންސިވް އެސެސްމަންޓު ހެދުން؛
-2 ކެއަރ ޕްލޭން ރޭވުން؛
-3 ކެއަރ ޕްލޭން ތަންފީޛުކުރުން؛
-4 ފޮލޯއަޕް ހެދުން؛
-5 ކުއްޖަކު ރީ-އިންޓެގްރޭޓް ކުރެވޭ ހާލަތުގައި، ކޭސް ކްލޯޒްކުރުން.
(ރ) ޤާނޫނު ނަންބަރު 2019/19 (ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނު) ގެ ދަށުން އެކުލަވައިލައިފައިވާ ގަވާއިދުތަކުގައި ވަކި ގޮތަކަށް ބަޔާންކޮށްފައި ވީ ނަމަވެސް، މި ގަވާއިދުގެ މަޤްޞަދަށްޓަކައި، ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިންނާ ގުޅިގެން ހަދަންޖެހޭނީ މި ގަވާއިދުގައި ބަޔާންކޮށްފައިވާ ކެއަރ ޕްލޭނެވެ. އަދި އެ ކުދިންގެ ޢާއިލާތަކާ ގުޅިގެން ކޭސް ޕްލޭން ހަދަންވާނެއެވެ.
59ވަނަ މާއްދާ: ކެއަރ ޕްލޭނާއި، ކޭސް ޕްލޭން ރޭވުމާއި، އެ ޕްލޭން ތަންފީޛުކުރުން
(ހ) މި ގަވާއިދުގެ 58 ވަނަ މާއްދާގެ މަޤްޞަދަށްޓަކައި، އޯލްޓަނޭޓިވް ކެއަރގެ ޚިދުމަތް ދޭ މަރުކަޒުތަކުގައި ބައިތިއްބާ ކުދިންގެ ކެއަރ ޕްލޭނުގެ ކަންކަން ކުރުމަށް، މި ގަވާއިދަށް ޢަމަލުކުރަން ފަށާ ތާރީޚުން ފެށިގެން 12 (ބާރަ) މަސްދުވަހުގެ ތެރޭގައި، އެފަދަ މަރުކަޒުތަކަށް އެކަށީގެންވާ އަދަދަކަށް ކޭސް ވާރކަރުން ހަމަޖައްސަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން އޯލްޓަނޭޓިވް ކެއަރގެ ޚިދުމަތް ދޭ މަރުކަޒުތަކަށް ކޭސް ވާރކަރުން ހަމަޖެއްސުމުން، ކުދިންނާ ގުޅިގެން ކެއަރ ޕްލޭން ހެދުމާއި އެ ޕްލޭން ތަންފީޛުކުރުމުގެ މަސައްކަތް ކުރާނީ، އެ މަރުކަޒުތަކުގައި ތިބޭ ކޭސް ވާރކަރުންނެވެ. އަދި ކުދިންގެ ޢާއިލާތަކާ ގުޅޭގޮތުން ކޭސް ޕްލޭނުގެ ކަންކަން ކުރަމުންދާނީ ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސްގެ ކޭސް ވާރކަރުންނެވެ.
(ނ) މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން އޯލްޓަނޭޓިވް ކެއަރގެ ޚިދުމަތް ދޭ މަރުކަޒުތަކަށް ކޭސް ވާރކަރުން ހަމަޖެއްސެންދެން، ކެއަރ ޕްލޭން ހެދުމާއި އެ ޕްލޭން ތަންފީޛުކުރާނީ، ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސްގެ ކޭސް ވާރކަރުންނެވެ.
60ވަނަ މާއްދާ: ކެއަރ ޕްލޭން ރޭވުމާއި، ކެއަރ ޕްލޭން ހެދުން
އޯލްޓަނޭޓިވް ކެއަރގެ ޚިދުމަތް ދޭ މަރުކަޒުތަކުގައި ބައިތިއްބާ ކުދިންނާ ގުޅޭ ގޮތުން ކެއަރ ޕްލޭން ރާވައި، އެ ޕްލޭން ހަދަންވާނީ، މި ގަވާއިދުގެ ޖަދުވަލު 1 ގައިވާ ގޮތުގެ މަތިންނެވެ.
61ވަނަ މާއްދާ: ކެއަރ ޕްލޭނުގައި ހުންނަންވާނޭ ކަންކަން
އޯލްޓަނޭޓިވް ކެއަރގެ ޚިދުމަތް ދޭ މަރުކަޒުތަކުގައި ބައިތިއްބާ ކުދިންނާ ގުޅޭ ގޮތުން ހަދާ ކެއަރ ޕްލޭނުގައި އަންނަނިވި ކަންކަން ހިމަނަންވާނެއެވެ.
(ހ) ކުއްޖާގެ ވެލްފެއަރ ދުވަހުން ދުވަހަށް އިތުރުކުރުމަށްޓަކައި ކުއްޖާއަށް އަޅައިލުމުގެ ކަންކަން ކުރުމަށް ހަމަޖެހިފައިވާ ގޮތް؛
(ށ) ބިހޭވިއަރ މެނޭޖްމަންޓުގެ ނަޒަރަކުން ހާސިލުކުރަން ބޭނުންވާ ލަނޑުދަނޑިތައް؛
(ނ) ކުއްޖާގެ ޞިއްޙަތާ ބެހޭ ކަންކަން އިންތިޒާމް ކޮށްފައިވާ ގޮތް؛
(ރ) ކުއްޖާއަށް ބޭނުންވާ ނިއުޓްރިޝަންގެ ކަންކަން އިންތިޒާމް ކޮށްފައިވާ ގޮތް؛
(ބ) ކުއްޖާގެ އެޑިއުކޭޝަން ޕްލޭން (ރަސްމީ ތަޢުލީމާއި، ޓިއުޝަން ދިނުމާއި، މަތީ ތަޢުލީމާއި ވަޒީފާގެ ފުރުޞަތު ހޯދުން ހިމެނޭނެހެން)؛
(ޅ) ކުއްޖާއަށް ބޭނުންވާ ސައިކޮލޮޖިކަލް އެހީތެރިކަމާއި، ނަފްސާނީ އެހީތެރިކަން އިންތިޒާމް ކޮށްފައިވާ ގޮތް؛
(ކ) ކުއްޖާއަށް ބޭނުންވާ ޚާއްޞަ ކަންކަން ހުރިނަމަ، ނުވަތަ ސްޕެޝަލް ނީޑްސްތަކެއް ހުރިނަމަ، އެ ކަންކަން ކޮށްދިނުމަށްޓަކައި އިންތިޒާމް ކޮށްފައިވާ ގޮތް؛
(އ) ކުއްޖާއާއި ކުއްޖާގެ ޢާއިލާއާ ގުޅުން ބަދަހިކުރުމަށް ހަމަޖެހިފައިވާ ގޮތް؛
(ވ) މުނިފޫހިފިލުވުމާއި ކުޅިވަރުކުޅުމުގެ ކަންކަން އިންތިޒާމް ކޮށްފައިވާ ގޮތް؛
(މ) ކުއްޖާ ރީ-އިންޓެގްރޭޓް ކުރުމުގެ ކަންކަން އިންތިޒާމް ކޮށްފައިވާ ގޮތް؛ އަދި
(ފ) ކުއްޖާގެ ކަންކަން މޮނިޓަރކުރުމަށް ރާވައިފައިވާ ގޮތް.
އަށްވަނަ ބާބު
އޯލްޓަނޭޓިވް ކެއަރގެ ޚިދުމަތް ދޭ މަރުކަޒުތަކުގައި ހުންނަންޖެހޭ ފެންވަރު
62ވަނަ މާއްދާ: ހިއުމަން ރިސޯސް
އޯލްޓަނޭޓިވް ކެއަރގެ ޚިދުމަތް ދޭ ކޮންމެ މަރުކަޒެއްގައި، އަންނަނިވި ފެންވަރުގެ މައްޗަށް ހިމެނޭ ފަންނީ މުވައްޒަފުން ތިބެންވާނެއެވެ. މިގޮތުން ކައުންސިލަރުންނާއި ސައިކޮލޮޖިސްޓުންނާއި ނިއުޓްރިޝަނިސްޓުން ފިޔަވައި، ދެން ތިބޭ ހުރިހާ މުވައްޒަފުން ވާންވާނީ ފުލް-ޓައިމް މުވައްޒަފުންނަށެވެ.
(ހ) މަރުކަޒަކާ އެންމެ އިސްކޮށް ހަވާލުގެން ހުންނާނެ ޗީފް އެގްޒެކެޓިވް އޮފިސަރު؛
(ށ) މާލީ ކަންކަން ބެލެހެއްޓުމަށް ފިނޭންސް/އެކައުންޓިންގ ސްޓާފުން؛
(ނ) އިދާރީ މުވައްޒަފުން (ހިއުމަން ރިސޯސަސް، ޕްރޮކިއުމަންޓު، ހައުސްކީޕިންގއާއި ސެކުއިރިޓީއާބެހޭ)؛
(ރ) ޕްރޮގްރާމް ޑިވެލޮޕްމަންޓް އެންޑް ކޮލިޓީ އޮފިސަރު؛
(ބ) ސުޕަވައިޒަރުން؛
(ޅ) ކެއަރ ވާރކަރުން (ޕްރައިމަރީ ކެއަރ ވާރކަރުން ހިމެނޭ ގޮތުން)؛
(ކ) ކޭސް މެނޭޖްމަންޓު ހަދާނެ މުވައްޒަފުން (ކޭސް މެނޭޖްމަންޓު ސުޕަވައިޒަރުންނާއި ކޭސް ވާރކަރުން ހިމެނޭ ގޮތުން)؛
(އ) ހެލްތު އޮފިސަރު؛
(ވ) ނަރުހުން؛
(މ) ކައުންސެލަރެއް ނުވަތަ ސައިކޮލޮޖިސްޓެއް؛
(ފ) އެޑިއުކޭޝަން އޮފިސަރު؛
(ދ) ޓީޗަރުން (ޓިއުޝަން ދިނުމަށާއި، ލައިފްސްކިލްސްއާއި ދީނުގެ ކަންކަން އުނގަންނައިދިނުމަށްޓަކައި)
(ތ) ނިއުޓްރިޝަނިސްޓް؛
(ލ) ބަދިގޭގައި މަސައްކަތްކުރާނެ މުވައްޒަފުންނާއި ކައްކާއިން؛
(ގ) ސާފުކުރާ މީހުންނާއި ލޯންޑްރީ މުވައްޒަފުން ހިމެނޭ ގޮތުން ހައުސްކީޕިންގ ސްޓާފުން؛ އަދި
(ޏ) ސެކިއުރިޓީ ބަލަހައްޓާނެ މުވައްޒަފުން (ގާޑުންނާއި ވޮޗަރުން ހިމެނޭ ގޮތުން).
63ވަނަ މާއްދާ: މަރުކަޒުތަކުގައި ހުންނަންޖެހޭ ފެންވަރާބެހޭ އުސޫލުތައް
(ހ) އަންނަނިވި ކަންކަން ހުންނަންޖެހޭނެ މިންގަނޑުތައް ބަޔާންކޮށް އޯލްޓަނޭޓިވް ކެއަރގެ ޚިދުމަތް ދޭ މަރުކަޒުތަކުގައި ހުންނަންޖެހޭ ފެންވަރު ބަޔާންކުރުމާބެހޭ އުސޫލު، ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސްއިން އެކުލަވައިލަންވާނެއެވެ.
-1 މަރުކަޒުތަކުގައި ހުންނަންޖެހޭނެ ފެސިލިޓީތަކާއި، އެ ފެސިލިޓީތައް ހުންނަންޖެހޭ ގޮތުގެ ޑިޒައިން؛
-2 ކުދިންގެ ނިދުމުގެ އިންތިޒާމް ހަމަޖެހިފައި އޮންނަންޖެހޭނެ ގޮތާއި ފެންވަރު؛
-3 ސޭފްޓީ މިންގަނޑާއި، އިމަރޖެންސީގެ ހާލަތުގައި ކަންތައް ކުރާނެ ގޮތުގެ އުސޫލުތައް؛
-4 ޗައިލްޑް ޓު ސްޓާފް ރޭޝިއޯ؛
-5 މުވައްޒަފުންގެ ކިބައިގައި ހުންނަންޖެހޭ ޝަރުޠުތައް؛
-6 މުވައްޒަފުންގެ އިންޑަކްޝަން ހެދުމާއި ތަމްރީން ދިނުމުގެ އުސޫލުތައް؛
-7 މަސައްކަތާ ގުޅޭ ގޮތުންނާއި ފަންނީގޮތުން މުވައްޒަފުންނަށް ސުޕަވިޜަން ދިނުމާބެހޭ އުސޫލުތައް؛
-8 ސްޓާފް މީޓިންގ ބޭއްވުމާބެހޭ އުސޫލުތައް؛
-9 މުވައްޒަފުންގެ އެޕްރައިޒަލް ހަދާނެ ގޮތުގެ އުސޫލުތައް؛ އަދި
-10 ފީޑުބެކް ހޯދުމާއި، ޝަކުވާ ހުށަހެޅުމާއި، ޝަކުވާ ބެލުމާބެހޭ އުސޫލުތައް.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކަންކަން ކަނޑައަޅާނީ، ކުޑަކުދިންގެ ޙައްޤުތައް ރައްކައުތެރިކުރުމާބެހޭ ކައުންސިލުގެ ލަފާގެ މަތިން މިނިސްޓަރު އަންގާ ގޮތެއްގެ މަތިންނެވެ.
(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އުސޫލު، މި ގަވާއިދަށް ޢަމަލުކުރަން ފަށާ ތާރީޚުން ފެށިގެން 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި ހަދައި، ދިވެހިސަރުކާރުގެ ގެޒެޓުގައި އެ އުސޫލު ޝާއިޢުކުރަންވާނެއެވެ.
64ވަނަ މާއްދާ: ފީޑްބެކް ހޯދުމާއި ޝަކުވާ ހުށަހެޅުން
(ހ) މި ގަވާއިދުގެ 63 ވަނަ މާއްދާގެ (ހ) ގެ (10) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފީޑުބެކް ހޯދުމާއި، ޝަކުވާ ހުށަހެޅުމާއި، ޝަކުވާ ބެލުމާބެހޭ ނިޒާމް ވާންވާނީ، ކުދިންނަށް ރައްކައުތެރި، ދެފުށްފެންނަ އަދި ކުދިންނަށް ވާސިލުވެވޭނެ ފަދަ ނިޒާމަކަށެވެ.
(ށ) އޯލްޓަނޭޓިވް ކެއަރގެ ޚިދުމަތް ދޭ މަރުކަޒެއްގައި ހިނގާ ހުރިހާ ކަމަކާ ގުޅޭ ގޮތުން ފީޑްބެކް ދިނުމަށާއި ޝަކުވާ ހުށަހެޅުމަށް ކުދިންނަށް ފުރުޞަތު ދޭންވާނެއެވެ. އަދި އެފަދަ ޝަކުވާއެއް ހުށަހެޅުމުން، އެ ކަމެއް ބަލައި، އެ ކަމެއް ޙައްލު ކުރަންވާނެއެވެ.
ނުވަވަނަ ބާބު
އެހެނިހެން މާއްދާތައް
65ވަނަ މާއްދާ: ވަކި އުމުރުފުރާތަކަކަށް މަރުކަޒުތައް ޚާއްޞަކުރުން
އޯލްޓަނޭޓިވް ކެއަރގެ ޚިދުމަތް ފޯރުކޮށްދޭ މަރުކަޒުތަކުގެ ތެރެއިން ވަކި މަރުކަޒުތަކަކީ ވަކި އުމުރުފުރާތަކަކަށް ޚާއްޞަ މަރުކަޒުތަކެއްގެ ގޮތުގައި ހަމަޖެއްސުމުގެ ބާރު، ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސްއަށް ލިބިގެންވެއެވެ.
66ވަނަ މާއްދާ: ކުރިއާލައި އެންގުމެއްނެތިއާއި ކުރިއާލައި އެންގުމާއެކު މޮނިޓަރކުރުން
އޯލްޓަނޭޓިވް ކެއަރގެ ޚިދުމަތް ދޭ މަރުކަޒުތަކުގެ ފެންވަރު ބެލުމަށްޓަކައި، ކުރިއާލައި އެންގުމެއް ނެތި، ކޮންމެ މަހަކު އެއްފަހަރު، ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސްއިން ޒިޔާރަތްކޮށް މޮނިޓަރ ކުރަންވާނެއެވެ. އަދި ކޮންމެ 3 (ތިނެއް) މަހަކުން އެއްފަހަރު ކުރިއާލައި އެންގުމާއެކު، އެ ސަރވިސްއިން މޮނިޓަރިންގގެ މަޤްޞަދަށްޓަކައި، އެ މަރުކަޒުތަކަށް ޒިޔާރަތް ކުރަންވާނެއެވެ.
67ވަނަ މާއްދާ: ޖަދުވަލު
މި ގަވާއިދުގައިވާ ޖަދުވަލަކީ، މި ގަވާއިދުގެ ބައެއް ކަމުގައި ބެލޭނެއެވެ.
68ވަނަ މާއްދާ: ގަވާއިދަށް ޢަމަލުކުރަން ފެށުން
މި ގަވާއިދަށް ޢަމަލުކުރަން ފަށާނީ، ދިވެހިސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ޝާއިޢުކުރާ ތާރީޚުން ފެށިގެން 3 (ތިނެއް) މަސްދުވަހުގެ ތެރޭގައެވެ.
69ވަނަ މާއްދާ: މާނަކުރުން
މި ގަވާއިދުގައި ޢިބާރާތެއް ނުވަތަ ލަފުޒެއް ބޭނުންކޮށްފައިވާ ގޮތުން ކަނޑައެޅިގެން އެހެން މާނައެއް ދޭހަނުވާހައި ހިނދަކު، އަންނަނިވި ޢިބާރާތްތަކާއި ލަފުޒުތަކަށް ދީފައި އެވަނީ، އެ ޢިބާރާތްތަކާއި ލަފުޒުތަކަށް ތިރީގައި ދީފައިއެވާ މާނަކުރުމެވެ.
(ހ) "ޢާއިލާ" ކަމަށް ބުނެފައި އެވަނީ، އެ ކުއްޖެއްގެ މައިންބަފައިންނަށް، ނުވަތަ މަންމައަށް، ނުވަތަ ބައްޕައަށް، ނުވަތަ ޤާނޫނު ނަންބަރު 2000/4 (ޢާއިލާއާބެހޭ ޤާނޫނު) އާއި އެ ޤާނޫނުގެ ދަށުން ހަދައިފައިވާ ގަވާއިދުގައި ބަޔާންކޮށްފައިވާ ޝަރުޢީ ބަލަދުވެރިންނަށް ނުވަތަ ޙަޟާނަތު ޙައްޤުވާ ފަރާތްތަކަށެވެ.
(ށ) އޯލްޓަނޭޓިވް ކެއަރގެ ޚިދުމަތް" ކަމަށް ބުނެފައި އެވަނީ، ދައުލަތުގެ ބެލުމުގެ ދަށަށް ވަގުތީގޮތުން ގެންނަ ކުދިންނަށް ދައުލަތުން ވަގުތީ ހިޔާވަހިކަން ދިނުމުގެ ގޮތުން މި ގަވާއިދުގައި ބަޔާންކޮށްފައިވާ އެންމެހައި ޚިދުމަތްތަކަށާއި ކަންކަމަށެވެ.
(ނ) އޯލްޓަނޭޓިވް ކެއަރގެ ޚިދުމަތް ދޭ މަރުކަޒު" ކަމަށް ބުނެފައި އެވަނީ، ދައުލަތުގެ ބެލުމުގެ ދަށަށް ވަގުތީގޮތުން ގެންނަ ކުދިންނަށް ދައުލަތުން ވަގުތީ ހިޔާވަހިކަން ދިނުމުގެ ގޮތުން އެ ކުދިން ބައިތިއްބާ ފެސިލިޓީތަކަށެވެ.
(ރ) "މައިންބަފައިން" ކަމަށް ބުނެފައި އެވަނީ، ކުއްޖާގެ މަންމަޔާއި ބައްޕައަށެވެ.
(ބ) "މިނިސްޓަރު" ކަމަށް ބުނެފައި އެވަނީ، ކުޑަކުދިންގެ ޙައްޤުތައް ރައްކައުތެރިކުރުމުގެ މަސްއޫލިއްޔަތު އެ އިރެއްގައި ހަވާލުކޮށްފައިވާ ސަރުކާރުގެ ވުޒާރާގެ ވަޒީރަށެވެ.
(ޅ) "މިނިސްޓްރީ" ކަމަށް ބުނެފައި އެވަނީ، ކުޑަކުދިންގެ ޙައްޤުތައް ރައްކައުތެރިކުރުމުގެ މަސްއޫލިއްޔަތު އެ އިރަކު ހަވާލުކޮށްފައިވާ ސަރުކާރުގެ ވުޒާރާއަށެވެ.


