އެއްވަނަ ބާބު
ފެށުން
1ވަނަ މާއްދާ: ތަޢާރުފާއި ނަން
(ހ) މިއީ، ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސްގެ މަސްއޫލިއްޔަތުތައް ބަޔާންކުރުމުގެ ގޮތުންނާއި، ލާމަރުކަޒީ ނިޒާމުގެ ތެރެއިން ކުޑަކުދިންގެ ޙައްޤުތައް ރައްކައުތެރި ކުރުމުގެ ކަންކަން ކުރާނެ ގޮތުގެ އުސޫލާއި، ތަމްރީނު ދިނުމަށާއި، ޢާއިލާއިން ކުރާ މަސައްކަތްތަކުގައި ކުޑަކުދިން ބައިވެރިކުރުމާބެހޭ އުސޫލާއި، އިދާރީ ފިޔަވަޅު އެޅުމާބެހޭ އުސޫލާއި، ކުއްޖެއްގެ އުފަންވުން ރަޖިސްޓަރީނުކުރާ މައިންބަފައިންނާމެދު ފިޔަވަޅު އެޅުމާބެހޭ އުސޫލާއި، ކުޑަކުދިންގެ ޙައްޤުތަކަށް އުނިކަން ލިބޭ ފަދަ ކަމެއް ކުރާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމާބެހޭ އުސޫލާއި، ކުޑަކުދިންނާބެހޭ ޚިދުމަތްތައް ޕްރައިވެޓައިޒް ކުރާނަމަ ޢަމަލުކުރަންޖެހޭ ގޮތުގެ އުސޫލު ކަނޑައެޅުމުގެ ގޮތުން، ޤާނޫނު ނަންބަރު 2019/19 (ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނު) ގެ 40 ވަނަ މާއްދާގެ (ނ) އާއި، 48 ވަނަ މާއްދާއާއި، 53 ވަނަ މާއްދާއާއި، 61 ވަނަ މާއްދާއި، 129 ވަނަ މާއްދާގެ (ށ) އާއި (ނ) އަށް ރިޢާޔަތްކޮށް، އެ ޤާނޫނުގެ 26 ވަނަ މާއްދާގެ (ބ) އާއި، އެ ޤާނޫނުގެ 131 ވަނަ މާއްދާގެ ދަށުން ބާރު ލިބިގެން އެކުލަވައިލައިފައިވާ ގަވާއިދެކެވެ.
(ށ) މި ގަވާއިދަށް ކިޔާނީ، "ކުޑަކުދިންގެ ޙައްޤުތައް ރައްކައުތެރި ކުރުމުގެ އާންމު ގަވާއިދު" އެވެ.
2ވަނަ މާއްދާ: މަޤްޞަދު
މި ގަވާއިދުގެ މަޤްޞަދަކީ، އަންނަނިވި ކަންކަން ހާސިލު ކުރުމެވެ.
(ހ) ޤާނޫނު ނަންބަރު 2019/19 (ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނު) ގެ 26 ވަނަ މާއްދާގެ (ބ) އަށް ރިޢާޔަތްކޮށް، ތަމްރީނު ދިނުމަށާއި، ޢާއިލާއިން ކުރާ މަސައްކަތްތަކުގައި ކުދިން ބައިވެރިކުރުމާބެހޭ އުސޫލުތަކާއި، އެފަދަ މަސައްކަތްތަކުގައި ހިފަހައްޓަންޖެހޭ މިންގަނޑުތައް ކަނޑައެޅުމާއި، ކުޑަކުދިން ބައިވެރިކުރުން މަނާ މަސައްކަތްތައް ބަޔާންކުރުން؛
(ށ) ޤާނޫނު ނަންބަރު 2019/19 (ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނު) ގެ 40 ވަނަ މާއްދާގެ (ނ) އަށް ރިޢާޔަތްކޮށް، ކުއްޖެއްގެ އުފަންވުން ޤާނޫނުގައިވާ ގޮތުގެ މަތިން ރަޖިސްޓަރީނުކުރާ މައިންބަފައިންނާމެދު ފިޔަވަޅު އެޅުމުގައި ޢަމަލުކުރަންވީ އުސޫލު ކަނޑައެޅުން؛
(ނ) ޤާނޫނު ނަންބަރު 2019/19 (ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނު) ގެ 48 ވަނަ މާއްދާއަށް ރިޢާޔަތްކޮށް، ކުޑަކުދިންނަށް ޚިދުމަތް ފޯރުކޮށްދިނުމުގައި އެއްވެސް ޚިދުމަތެއް ޕްރައިވެޓައިޒް ކުރާނަމަ ޢަމަލުކުރަންޖެހޭ ގޮތުގެ އުސޫލު ކަނޑައެޅުން؛
(ރ) ޤާނޫނު ނަންބަރު 2019/19 (ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނު) ގެ 53 ވަނަ މާއްދާއަށް ރިޢާޔަތްކޮށް، ކުޑަކުދިންގެ ޙައްޤުތަކަށް އުނިކަން ލިބޭގޮތަށް ވާހަކަދައްކައި، އެކަންކަމަށް ހިތްވަރުދޭ ފަރާތްތަކާމެދު ފިޔަވަޅު އެޅުމާބެހޭ އުސޫލު ކަނޑައެޅުން؛
(ބ) ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސްގެ މަސްއޫލިއްޔަތުތައް ބަޔާންކުރުން؛
(ޅ) ލާމަރުކަޒީ ނިޒާމުގެ ތެރެއިން ކުޑަކުދިންގެ ޙައްޤުތައް ރައްކައުތެރި ކުރުމުގެ ކަންކަން ކުރުމާބެހޭ އުސޫލުތައް ކަނޑައެޅުން؛ އަދި
(ކ) ޤާނޫނު ނަންބަރު 2019/19 (ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނު) ގެ 129 ވަނަ މާއްދާއަށް ރިޢާޔަތްކޮށް، މައިންބަފައިންނަށް ނުވަތަ ބެލެނިވެރިންނަށް ނުވަތަ ކުއްޖާ ބަލަހައްޓަމުންދާ ފަރާތަކަށް މަތިކޮށްފައިވާ ޒިންމާއަކާ ޚިލާފުވުމުގެ ސަބަބުން އެ ފަރާތެއްގެ މައްޗަށް އިދާރީ ފިޔަވަޅު އެޅުމާބެހޭ އުސޫލުތައް ކަނޑައެޅުން.
ދެވަނަ ބާބު
ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސްގެ މަސްއޫލިއްޔަތުތައް
3ވަނަ މާއްދާ: ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސްގެ މަސްއޫލިއްޔަތުތައް
ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސްގެ މަސްއޫލިއްޔަތުތައް ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ.
(ހ) ޤާނޫނު ނަންބަރު 2019/19 (ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނު) އާއި، އެ ޤާނޫނުގެ ދަށުން އެކުލަވައިލާ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން، އެހީތެރިކަމަށް ބޭނުންވެފައިވާ ކުޑަކުދިންނަށާއި، އެ ކުދިންގެ ޢާއިލާތަކަށް އެހީތެރިކަމާއި އެއްބާރުލުން ދިނުމާއި، ކުޑަކުދިންގެ ޙައްޤުތަކާ ގުޅޭ ގޮތުން ހުށަހެޅޭ މައްސަލަތައް ބަލައި، ކަމާބެހޭ އިދާރާތަކުގެ އެހީތެރިކަމާއި އެއްބާރުލުމާއެކު އެ މައްސަލަތަކަށް ޙައްލު ހޯދައިދިނުން.
(ށ) އެހީތެރިކަން ބޭނުންވެފައިވާ ކުޑަކުދިންގެ މަޞްލަޙަތު ޙިމާޔަތްކޮށް ކުރިއެރުވުން.
(ނ) ޤާނޫނު ނަންބަރު 2019/19 (ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނު) އާއި، އެ ޤާނޫނުގެ ދަށުން އެކުލަވައިލާ ގަވާއިދުތަކުގައިވާ ގޮތުގެ މަތިން އަންނަނިވި ޚިދުމަތްތައް ދެވޭނެ އިންތިޒާމް ހަމަޖެއްސުން.
-1 ފެމިލީ ކޮންފަރެންސިންގގެ ޚިދުމަތް؛
-2 ކައުންސެލިންގއާއި ސަޕޯޓް ސަރވިސްގެ ޚިދުމަތް؛
-3 ޤާނޫނީ އެހީތެރިކަން؛ އަދި
-4 ރީހެބިލިޓޭޝަންގެ ޚިދުމަތް.
(ރ) މަސްތުވާ ތަކެތީގެ ޝިކާރައަކަށް ވެފައިވާ ކުދިންނަށް ފަރުވާ ދިނުމާ ގުޅޭ ކަންކަން، ނޭޝަނަލް ޑްރަގް އޭޖެންސީއާ ގުޅިގެން ވިލަރެސްކުރުން.
(ބ) ގަވާއިދު ނަންބަރު 2020/R-69 (އޯލްޓަނޭޓިވް ކެއަރގެ ޚިދުމަތާބެހޭ އުސޫލުތައް ކަނޑައެޅުމުގެ ގަވާއިދު) ގައިވާ ގޮތުގެ މަތިން ދައުލަތުގެ ބެލުމުގެ ދަށަށް ގެންނަ ކުޑަކުދިންނާ ގުޅޭގޮތުން ކުރަންޖެހޭ ކަންކަން ޢަމަލީގޮތުން ކުރުން.
(ޅ) ގަވާއިދު ނަންބަރު 2020/R-30 )ދައުލަތުގެ ބެލުމުގެ ދަށަށް ގެނެވޭ ކުދިން ރީ-އިންޓެގްރޭޓް ކުރުމާ ބެހޭ ގަވާއިދު( ގައިވާ ގޮތުގެ މަތިން ދައުލަތުގެ ބެލުމުގެ ދަށަށް ގެންނަ ކުދިން ފޮސްޓަރ ކުރުމާ ގުޅޭ އެންމެހައި ކަންކަން ކުރުން.
(ކ) ކުޑަކުދިންގެ ތެރެއިން އެހީތެރިކަން ބޭނުންވެފައިވާ ކުދިންގެ ބޭނުންތަކަށް އަމާޒުކޮށްގެން އެ ކުދިންނަށް ބޭނުންވާ އެހީ ނުވަތަ ޚިދުމަތްތައް ދިނުން.
(އ) އަންނަނިވި ކަންކަމާ ގުޅޭ ކަންކަން، ކަމާބެހޭ ގަވާއިދުގައިވާ ގޮތުގެ މަތިން ދަފުތަރުކޮށް ބެލެހެއްޓުން.
-1 ޚާއްޞަ ރައްކައުތެރިކަމަށް ބޭނުންވާ ކުދިންގެ މަޢުލޫމާތު؛
-2 ދައުލަތުގެ ބެލުމުގެ ދަށުގައިވާ ކުދިންގެ މަޢުލޫމާތު؛
-3 ފޮސްޓަރ ކުރުމަށް ކަނޑައެޅޭ ކުދިންނާއި ފޮސްޓަރ ކެއަރގައި ތިބޭ ކުދިންގެ މަޢުލޫމާތު؛
-4 ކުޑަކުދިން ބެލެހެއްޓުމަށް ކަނޑައެޅިފައިވާ އޯލްޓަނޭޓިވް ކެއަރގެ ޚިދުމަތް ދޭ މަރުކަޒުތަކުގެ މަޢުލޫމާތު؛
-5 ކުޑަކުދިންގެ ޙައްޤުތައް ރައްކައުތެރި ކުރުމަށް މަސައްކަތްކުރާ އަމިއްލަ ޖަމްޢިއްޔާތަކުގެ މަޢުލޫމާތު؛ އަދި
-6 ކަމާބެހޭ ގަވާއިދެއްގައި ބެލެހެއްޓުމަށް ބަޔާންކޮށްފައިވާ އެހެނިހެން މަޢުލޫމާތު.
(ވ) ކުޑަކުދިންގެ ޙައްޤުތަކާ ގުޅޭ ގޮތުން ދިރާސާތައް ކުރުން.
(މ) ކުޑަކުދިންގެ ޙައްޤުތައް ރައްކައުތެރި ކުރުމަށް ޓަކައި ކުރެވޭ މަސައްކަތްތައް ރާވައި ހިންގުމަށާއި، މޮނިޓަރކޮށް އިވެލުއޭޓް ކުރުމަށް ޓަކައި ބޭނުންވާ ތަފާސްހިސާބުތައް އެއްކުރުމާއި އާންމު ކުރުން. މިގޮތުން، ކުދިންގެ އުމުރާއި، ޖިންސާއި، ނުކުޅެދުންތެރިކަމުގެ ބާވަތްތަކަށާއި، ކުދިން ދިރިއުޅެމުންދާ ނުވަތަ ނިސްބަތްވާ ޖިއޮގްރަފިކް ސަރަޙައްދުތަކާއި، އިޖުތިމާޢީ ހާލަތަށާއި އިޤްތިޞާދީ ހާލަތަށް ބަލައި، ޑިސްއެގްރިގޭޓަޑް ޑޭޓާ ނުވަތަ ތަފުސީލީ ތަފާސްހިސާބުތައް އެއްކޮށް، އާންމު ކުރުން.
(ފ) ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސްގެ މަސްއޫލިއްޔަތެއް ކަމަށް މި ގަވާއިދާއި ކަމާބެހޭ ގަވާއިދުތަކުގައި ކަނޑައަޅައިފައިވާ މަސްއޫލިއްޔަތުތައް އަދާކުރުން.
ތިންވަނަ ބާބު
ލާމަރުކަޒީ ނިޒާމުގެ ތެރެއިން ކުޑަކުދިންގެ ޙައްޤުތައް ރައްކައުތެރިކުރުން
4ވަނަ މާއްދާ: ލާމަރުކަޒީ ނިޒާމުގެ ތެރެއިން އޭޖެންޓުން ހަމަޖެއްސުން
(ހ) ރަށު ކައުންސިލުތަކާއި އަތޮޅު ކައުންސިލުތަކާއި ސިޓީ ކައުންސިލުތަކުގެ އިޚްތިޞާޞް ހިނގާ ސަރަޙައްދުތަކުގައި، އެއިން ކޮންމެ ކައުންސިލަކީ އެ ސަރަޙައްދަށް ޢައްޔަނު ކުރާ އޭޖެންޓެއް ކަމުގައި މިނިސްޓަރު ކަނޑައަޅާ ހާލަތުގައި، އެއިން ކޮންމެ ކައުންސިލެއްގެ މައްޗަށް މި ގަވާއިދުގައިވާ މަސްއޫލިއްޔަތުތައް ހިނގާނެއެވެ.
(ށ) އެއްވެސް މަސްއޫލިއްޔަތެއް ނުވަތަ ބާރެއް ކައުންސިލަކާ ހަވާލު ކުރަންވާނީ، އެ ކަމެއް ތަންފީޛުކުރުމަށް ބޭނުންވާ ވަސީލަތްތައް އެ ކައުންސިލަކަށް ދިނުމާއެކު، މިނިސްޓަރު ކަނޑައަޅާ ސިޔާސަތާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.
(ނ) ރަށު ކައުންސިލުތަކާއި އަތޮޅު ކައުންސިލުތަކާއި ސިޓީ ކައުންސިލުތަކުގެ ފެންވަރުގައި، ކުޑަކުދިންގެ ޙައްޤުތައް ރައްކައުތެރި ކުރުމުގެ މަސްއޫލިއްޔަތު އަދާކުރާ ފަރާތްތަކާއި، ކުޑަކުދިންގެ ޙައްޤުތައް ރައްކައުތެރި ކުރުމާ ގުޅޭ ގޮތުން ހޭލުންތެރިކަން އިތުރުކުރުމުގެ މަސައްކަތްކުރާ ފަރާތްތަކާއި، ކުޑަކުދިންނަށް ކުރާ އަނިޔާއިން ސަލާމަތްކުރުމަށްޓަކައި މަސައްކަތްކުރާ ފަރާތްތަކުގެ މައްޗަށް ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސްގެ އިރުޝާދާއި ބާރު ހިނގާނެއެވެ.
(ރ) މި މާއްދާގެ މަޤްޞަދަށްޓަކައި، މިނިސްޓަރު ޢައްޔަނު ކުރާ އޭޖެންޓެއްގެ ގޮތުގައި ރަށު ކައުންސިލުތަކާއި އަތޮޅު ކައުންސިލުތަކާއި ސިޓީ ކައުންސިލުތައް ކަނޑައަޅަންވާނީ، އެއިން ކޮންމެ ކައުންސިލެއްގައި ކުޑަކުދިންގެ ޙައްޤުތަކާ ގުޅޭ ގޮތުން ކަމާ ގުޅޭ ފަންނީ މުވައްޒަފުން ތަމްރީނު ކުރުމަށް ފަހުގައެވެ. މިކަމަށްޓަކައި، ކޮންމެ ކައުންސިލެއްގައި ކުޑަކުދިންގެ ޙައްޤުތަކާ ގުޅޭ ގޮތުން މަސައްކަތްކުރާނެ މުވައްޒަފަކު ކަނޑައަޅައި، އެ މަސައްކަތްތައް އެ މުވައްޒަފެއްގެ ވަޒީފާގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމަނައި، އެ ފަރާތަށް އެކަށީގެންވާ ތަމްރީނު ދޭންވާނެއެވެ.
(ބ) މި މާއްދާގެ (ރ) ގެ މަޤްޞަދަށްޓަކައި، މި ގަވާއިދަށް ޢަމަލުކުރަން ފަށާ ތާރީޚުން ފެށިގެން 6 (ހައެއް) މަސްދުވަހުގެ ތެރޭގައި އެ އަކުރުގައި ބަޔާންކޮށްފައިވާ ތަމްރީނު، ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސްއިން ދޭންވާނެއެވެ.
(ޅ) މި މާއްދާގެ (ރ) ގެ މަޤްޞަދަށްޓަކައި، ކައުންސިލުތަކުގައި ކުޑަކުދިންގެ ޙައްޤުތަކާ ގުޅޭ ގޮތުން މަސައްކަތްކުރާނެ މުވައްޒަފުންގެ ކިބައިގައި އެންމެ ދަށްވެގެން ހުންނަންޖެހޭނެ ފެންވަރާއި ޝަރުޠު، ކުޑަކުދިންގެ ޙައްޤުތައް ރައްކައުތެރި ކުރުމާބެހޭ ކައުންސިލުން ދޭ ލަފާގެ މައްޗަށް ބިނާކޮށް، މިނިސްޓަރު އަންގާ ގޮތެއްގެ މަތިން، ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސްއިން ކަނޑައަޅަންވާނެއެވެ.
5ވަނަ މާއްދާ: ކައުންސިލުތަކުގެ މަސްއޫލިއްޔަތު
ކުޑަކުދިންގެ ޙައްޤުތައް ރައްކައުތެރި ކުރުމާއި، ކުޑަކުދިންނަށް އަޅައިލުމާއި ރައްކައުތެރިކަން ދިނުމާ ގުޅޭ ކަންކަން ކައުންސިލުތަކުގެ ފެންވަރުގައި ތަންފީޛު ކުރުމުގައި ކައުންސިލުތަކުގެ މައިގަނޑު މަސްއޫލިއްޔަތުތައް ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ.
(ހ) ކުޑަކުދިންގެ ޙައްޤުތައް ރައްކައުތެރި ކުރުމާއި، ކުޑަކުދިންނަށް އަޅައިލުމާއި ރައްކައުތެރިކަން ދިނުމުގެ ސިޔާސަތު، ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސްއިން އަންގާ ގޮތެއްގެ މަތިން ކައުންސިލު ފެންވަރުގައި ތަންފީޛުކުރުން؛
(ށ) ކުޑަކުދިންގެ ޙައްޤުތައް ރައްކައުތެރި ކުރުމާއި، ކުޑަކުދިންނަށް އަޅައިލުމާއި ރައްކައުތެރިކަން ދިނުމާ ގުޅޭ ގޮތުން އެ ކައުންސިލެއްގެ އިޚްތިޞާޞްގެ ތެރޭގައި ހިމެނޭ ދާއިރާއެއްގައި ނުވަތަ ސަރަޙައްދެއްގައި އެކިއެކި މަޝްރޫޢުތައް ރާވައި ހިންގުމާއި، ކަމާ ގުޅޭ ގޮތުން ކުރަންޖެހޭ ކަންކަން، ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސްއިން އަންގާ ގޮތެއްގެ މަތިން ކުރުން؛
(ނ) ޤާނޫނު ނަންބަރު 2019/19 (ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނު) ގެ ދަށުން ހަދާ ގަވާއިދުތަކުގައި ބަޔާންކޮށްފައިވާ ކަންކަން، ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސްއިން އަންގާ ގޮތެއްގެ މަތިން ކުރުން؛
(ރ) އެ ކައުންސިލެއްގެ އިޚްތިޞާޞްގެ ތެރޭގައި ހިމެނޭ ސަރަޙައްދުގައި، ޤާނޫނު ނަންބަރު 2019/19 (ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނު) އާއި، އެ ޤާނޫނުގެ ދަށުން ހަދާ ގަވާއިދުތައް ތަންފީޛުކުރުމުގެ ގޮތުން ރާވައި ހިންގާ އެކިއެކި މަސައްކަތްތައް ހިނގާ ނުހިނގާ ގޮތް، ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސްއިން އަންގާ ގޮތެއްގެ މަތިން ބަލައި ރިޕޯޓުކުރުން؛
(ބ) ކުޑަކުދިންނާމެދު މައިންބަފައިން އިހުމާލުވާ މައްސަލަތަކާއި، ކުޑަކުދިންނަށް ކުރާ އަނިޔާއާ ގުޅޭ މަޢުލޫމާތު، ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސްއަށާއި މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ރިޕޯޓުކުރުން؛ އަދި
(ޅ) އެ ކައުންސިލެއްގެ އިޚްތިޞާޞްގެ ތެރޭގައި ހިމެނޭ ސަރަޙައްދުގައި ކުޑަކުދިންގެ ޙައްޤުތައް ރައްކައުތެރި ކުރުމަށް ކުރެވޭ މަސައްކަތްތައް ކުރުމުގައި އެ ކައުންސިލަށް ނިސްބަތްވާ ރައްޔިތުންނާއި އަމިއްލަ ޖަމާޢަތްތަކުގެ ބައިވެރިވުން ހޯދުން.
6ވަނަ މާއްދާ: ކައުންސިލުތަކާ މަސްއޫލިއްޔަތު ހަވާލުކުރުން
(ހ) މި ގަވާއިދުގެ ދަށުން ވަކި މަސްއޫލިއްޔަތުތަކެއް، ރަށު ކައުންސިލުގެ ފެންވަރުގައި ނުވަތަ އަތޮޅު ކައުންސިލުގެ ފެންވަރުގައި ނުވަތަ ސިޓީ ކައުންސިލުގެ ފެންވަރުގައި ހަވާލުކުރާ ނަމަ، އެކަން ކުރަންވާނީ މިނިސްޓްރީއާއި ކައުންސިލާ ދެމެދު ވެވޭ އެއްބަސްވުމެއްގެ ދަށުންނެވެ.
(ށ) މި ގަވާއިދުގެ ދަށުން ކައުންސިލުތަކާ ހަވާލުކުރާ މަސްއޫލިއްޔަތުތަކުގެ ދާއިރާއާއި، އެ މަސްއޫލިއްޔަތުތައް ތަންފީޛުކުރުމަށް ބޭނުންވާ ވަސީލަތްތައް ހޯދާނެ ގޮތާއި، ކަމާބެހޭ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން މިނިސްޓްރީއާއި ޤާނޫނު ތަންފީޛުކުރާ އެހެން އިދާރާތަކާއި ކައުންސިލުތަކުން، އެއް ފަރާތް އަނެއް ފަރާތާ ގުޅިގެން މަސައްކަތްކުރާނެ ގޮތާއި، މަސައްކަތްތައް ވިލަރެސްކުރާނެ ގޮތް، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އެއްބަސްވުމުގައި ބަޔާންކުރަންވާނެއެވެ.
ހަތަރުވަނަ ބާބު
ތަމްރީނު ދިނުމަށާއި ޢާއިލާއިން ކުރާ މަސައްކަތްތަކުގައި ކުދިން ބައިވެރިކުރުން
7ވަނަ މާއްދާ: ކުޑަކުދިން ލައްވާ މަސައްކަތް ނުކުރުވުން
ކުއްޖާއަށް ތަޢުލީމު އުނގެނުމަށް ހުރަސްއެޅޭ ފަދަ ނުވަތަ ކުއްޖާގެ ޞިއްޙަތަށް ނުވަތަ ކުއްޖާގެ ޖިސްމާނީ ނުވަތަ ނަފްސާނީ ނުވަތަ ރޫޙާނީ ނުވަތަ އިޖުތިމާޢީ ތަރައްޤީއަށް ނޭދެވޭ އަސަރެއް ނުވަތަ ގެއްލުމެއް ކުރިމަތިކުރުވައިފާނެ ފަދަ މަސައްކަތްތަކުން ރައްކައުތެރިކަން ލިބުމުގެ ޙައްޤު ކޮންމެ ކުއްޖަކަށް ވެސް ލިބިގެންވެއެވެ.
8ވަނަ މާއްދާ: އުމުރުން 16 އަހަރު ނުފުރޭ ކުދިން މަސައްކަތްކުރުން
(ހ) އުމުރުން 16 (ސޯޅަ) އަހަރު ނުފުރޭ ކުއްޖަކު، އެ ކުއްޖެއްގެ ތަޢުލީމާއި ތަރުބިއްޔަތާ ގުޅޭ ގޮތުން ތަމްރީނު ދިނުމަށް މެނުވީ، ވަޒީފާއެއްގައި ނުވަތަ މަސައްކަތެއް ކުރުވުމަށް ގެންގުޅުމަކީ މަނާކަމެކެވެ.
(ށ) ޤާނޫނު ހުއްދަކުރާ ހާލަތުގައި، އުމުރުން 16 (ސޯޅަ) އަހަރު ނުފުރޭ ކުއްޖަކު، އެ ކުއްޖެއްގެ ރުހުމާއެކު ޢާއިލާގެ ފަރާތުން ކުރާ މަސައްކަތެއްގައި ބައިވެރިވުން މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އުސޫލުން އިސްތިސްނާވާނެއެވެ.
(ނ) މި މާއްދާގެ (ށ) ގައި އެހެން އޮތް ނަމަވެސް، ޢާއިލާގެ ފަރާތުން ކުރާ މަސައްކަތެއްގައި ކުއްޖާ ބައިވެރިކުރުން ހުއްދަވާނީ، އެ މަސައްކަތަކީ، ކުއްޖާއަށް ތަޢުލީމު އުނގެނުމަށް ހުރަސްއެޅޭ ފަދަ ނުވަތަ ކުއްޖާގެ ޞިއްޙަތަށް ނުވަތަ ކުއްޖާގެ ޖިސްމާނީ ނުވަތަ ނަފްސާނީ ނުވަތަ ރޫޙާނީ ނުވަތަ އިޖުތިމާޢީ ތަރައްޤީއަށް ނޭދެވޭ އަސަރެއް ނުވަތަ ގެއްލުމެއް ކުރިމަތިކުރުވައިފާނެ ފަދަ މަސައްކަތެއް ކަމުގައި ނުވާނެ ނަމައެވެ.
9ވަނަ މާއްދާ: ކުޑަކުދިން ބައިވެރިކުރުވޭނެ މަސައްކަތްތައް
މި ގަވާއިދުގެ 8 ވަނަ މާއްދާގެ މަޤްޞަދަށްޓަކައި، ކުޑަކުދިން ބައިވެރިކުރުވޭނީ، ކުއްޖާގެ ޞިއްޙަތަށް ނުވަތަ ކުއްޖާގެ ޖިސްމާނީ ނުވަތަ ނަފްސާނީ ނުވަތަ ރޫޙާނީ ނުވަތަ އިޖުތިމާޢީ ތަރައްޤީއަށް ގެއްލުމެއް ނުލިބޭނޭ އަދި ނުރައްކައުތެރި ނުވާނެ ފަދަ، ކުއްޖާގެ ތަޢުލީމަށް ހުރަސްނޭޅޭނެ ނުވަތަ ކުއްޖާއަށް ތަޢުލީމު ހާސިލުކުރުމުގެ މަންފާއިން އެ ކުއްޖަކު މަޙުރޫމް ނުކުރުވާ ފަދަ ލުއި މަސައްކަތްތަކުގައި އެކަންޏެވެ.
10ވަނަ މާއްދާ: ކުޑަކުދިން ބައިވެރިކުރުން މަނާ މަސައްކަތްތައް
(ހ) ތަމްރީނު ދިނުމުގެ ބޭނުމުގައިވިޔަސް ނުވަތަ ޢާއިލާއިން ކުރާ މަސައްކަތެއްގައި ކުދިން ބައިވެރިކުރުމުގެ ބޭނުމުގައިވިޔަސް، އަންނަނިވި ބާވަތްތަކުގެ މަސައްކަތުގައި ކުދިން ބައިވެރިކުރުމަކީ މަނާކަމެކެވެ.
-1 ކުއްޖާގެ ޞިއްޙަތަށް ނުވަތަ ކުއްޖާގެ ޖިސްމާނީ ނުވަތަ ނަފްސާނީ ނުވަތަ ރޫޙާނީ ނުވަތަ އިޖުތިމާޢީ ތަރައްޤީއަށް ގެއްލުމެއް ނުވަތަ ނުރައްކައުތެރި މަސައްކަތްތައް؛
-2 ކޮންސްޓްރަކްޝަންގެ މަސައްކަތްތައް؛
-3 ނުރައްކައުތެރި ކެމިކަލްތަކާއި ގޮވާތަކެތި އުފުލުމާއި، އެ ތަކެތި ރައްކައުކުރުމާއި، ހިފައި ގެންގުޅުމާއި، އެއް ތަނުން އަނެއް ތަނަށް ގެންދިއުމުގެ މަސައްކަތްތައް؛
-4 ގަރާޖާއި، ވޯކްޝޮޕާއި، ކާޕެންޓްރީއާއި، ވެއަރހައުސްތަކުގައި ކުރާ ޢަމަލީ މަސައްކަތްތައް؛
-5 ތެލާއި ޕެޓްރޯލު ފޯރުވައިދިނުމުގެ ޢަމަލީ މަސައްކަތްތައް؛
-6 ސިމެންތިއާއި، ކައްކަން ބޭނުންކުރާ ގޭހާއި، އެނޫންވެސް ބާވަތެއްގެ ގޭހާއި ބިއްލޫރި އުފެއްދުމާއި، ޢަމަލީގޮތުން އެ ތަކެތި ފޯރުވައިދިނުމުގެ މަސައްކަތްތައް؛
-7 ރެސްޓޯރަންޓުތަކުގެ ނުވަތަ ކެފޭތަކުގެ ބަދިގޭގައި ކުރާ ޢަމަލީ މަސައްކަތްތައް؛
-8 އެއަރކޮންޑިޝަން މަރާމާތުކުރުމާއި، ސަރވިސްކުރުމާއި، ހަރުކުރުމާއި، ބެހެއްޓުމާއި، ހިފައި ގެންގުޅުމުގެ މަސައްކަތްތައް؛
-9 ދަތުރުފަތުރު ކުރުމުގެ ޚިދުމަތެއް ޢަމަލީގޮތުން ކޮށްދިނުމުގެ މަސައްކަތްތައް؛
-10 މެކަނައިޒްޑްކޮށް ކުރެވޭ މަސްވެރިކަމުގެ މަސައްކަތްތައް؛
-11 ކުނި މެނޭޖްކުރުމާއި، ކުނި ނައްތައިލުމުގެ ޢަމަލީ މަސައްކަތްތައް؛
-12 ސިނގިރޭޓް ފަދަ އެއްވެސް ބާވަތެއްގެ ޓޮބޭކޯގެ މާއްދާ ހިމެނޭ ތަކެތި ވިއްކުމުގެ ޢަމަލީ މަސައްކަތްތައް؛
-13 ދިވެހިރާއްޖޭގެ ހިންގާ ބަނދަރެއްގައި ކުރާ ހުރިހާ ބާވަތްތަކެއްގެ މަސައްކަތްތައް؛
-14 އެއްވެސް ބާވަތެއްގެ ކާނާއެއްގެ ފުޑް ޕްރޮސެސިންގ މަރުޙާލަތަކުގައި ހިމެނޭ މަސައްކަތްތައް؛
-15 ދަނޑުވެރިކަމުގެ މަސައްކަތުގައި ދަނޑުގޮވާން ކުރުމަށް ގިނަ ވަގުތު ޢަމަލީގޮތުން މަސައްކަތް ކުރަންޖެހޭ ފަދަ މަސައްކަތްތައް؛
-16 އެއްވެސް ބާވަތެއްގެ ދިރޭއެއްޗެއް ގެންގުޅެ، އެ ތަކެތި އާލާކުރުމުގެ މަސައްކަތް ކުރާ ތަނެއްގައި، އެފަދަ ދިރޭ އެއްޗެއްގެ ބެލެހެއްޓުމާ ގުޅޭ މަސައްކަތްތައް؛ އަދި
-17 ފަތުރުވެރިކަމުގެ ދާއިރާގެ ތެރޭގައި ހިމެނޭ އެކި ބާވަތުގެ އެކޮމޮޑޭޝަން ބެލެހެއްޓުމާއި، ކޭޓަރ ކުރުމާއި، ފުޑް އެންޑް ބެވެރޭޖާ ގުޅޭ މަސައްކަތްތަކާއި، އެކްސްކާރޝަންތަކާއި، ރިކްރިއޭޝަނަލް ކަންކަމާއި، މުނިފޫހިފިލުވުމުގެ ހަރަކާތްތަކާއި، ޓުއަރ އޮޕަރޭޓްކުރުމާއި، ދަތުރުފަތުރުގެ ޚިދުމަތް ދިނުމާއި، ސުވެނިއަރ ވިއްކުމާބެހޭ މަސައްކަތްތައް.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މަސައްކަތްތައް ކުއްޖަކު ލައްވައި ކުރުވާ ފަރާތެއްގެ މައްޗަށް މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ފިޔަވަޅު އެޅޭނެއެވެ.
(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކަންކަމަކީ، އުމުރުން 18 (އަށާރަ) އަހަރު ފުރިހަމަނުވާ ކޮންމެ ކުއްޖެއްގެ މައްޗަށް ހިނގާނެ ކަންކަމެވެ.
11ވަނަ މާއްދާ: އުސޫލު އެކުލަވައިލުން
(ހ) މި ބާބުގެ މަޤްޞަދަށްޓަކައި، ތަމްރީނު ދިނުމަށާއި ޢާއިލާގެ މަސައްކަތުގައި ކުދިން ބައިވެރިކުރުމުގައި، ވަޒީފާދޭ ފަރާތްތަކުން ޢަމަލުކުރަންޖެހޭ އުސޫލު، ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސްއިން އެކުލަވައިލަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އުސޫލުގައި، އެންމެ މަދުވެގެން ވެސް، އަންނަނިވި ކަންކަމާ ގުޅޭ އުސޫލުތައް ބަޔާންކުރަންވާނެއެވެ.
-1 ވަޒީފާ ދޭ ފަރާތުން، ކުޑަކުދިން މަސައްކަތުގައި ބައިވެރިކުރުމާބެހޭ ސިޔާސަތުގައި ހިމަނަންޖެހޭ ކަންކަން؛
-2 ސްކޫލު ޓާމުގެ ދުވަސްވަރު ކުއްޖަކު މަސައްކަތުގައި އެންމެ ގިނަވެގެން ބައިވެރިކުރުވޭނީ ކިހާ ވަގުތަކަށް ކަން؛ އަދި
-3 ސްކޫލް ބަންދު ދުވަސްވަރު ކުއްޖަކު މަސައްކަތުގައި އެންމެ ގިނަވެގެން ބައިވެރިކުރުވޭނީ ކިހާ ވަގުތަކަށް ކަން.
(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އުސޫލު، މި ގަވާއިދަށް ޢަމަލުކުރަން ފަށާ ތާރީޚުން ފެށިގެން 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި އެކުލަވައިލައި، ދިވެހިސަރުކާރުގެ ގެޒެޓުގައި، ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސްއިން ޝާއިޢުކުރަންވާނެއެވެ.
12ވަނަ މާއްދާ: ކުޑަކުދިންގެ މަސައްކަތުގައި ބައިވެރިކުރާނަމަ، އެންގުން
ތަމްރީނު ދިނުމަށް މަސައްކަތެއް ކުރުވާނަމަ، ނުވަތަ ޢާއިލާއިން ކުރާ މަސައްކަތެއްގައި ކުއްޖަކު ބައިވެރިކުރާނަމަ، ވަޒީފާ ދޭ ފަރާތުން، ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސްއަށާއި ލޭބަރ ރިލޭޝަންސް އޮތޯރިޓީއަށް ލިޔުމުން އެކަން އަންގަންވާނެއެވެ.
ފަސްވަނަ ބާބު
ކުޑަކުދިންނަށް ދޭ ޚިދުމަތެއް ޕްރައިވަޓައިޒްކުރުން
13ވަނަ މާއްދާ: ޕްރައިވަޓައިޒްކުރުމުގައި ޢަމަލުކުރަންޖެހޭ އުސޫލު
ކުޑަކުދިންނަށް ދޭ އެއްވެސް ޚިދުމަތެއް ޕްރައިވެޓައިޒް ކުރާނީ، ކުޑަކުދިންގެ ޙައްޤުތައް ރައްކައުތެރި ކުރުމާބެހޭ ކައުންސިލުގެ ލަފާގެ މަތިން މިނިސްޓަރު ކަނޑައަޅާ ގޮތެއްގެ މަތިންނެވެ.
14ވަނަ މާއްދާ: ޕްރައިވެޓައިޒް ކުރާ ޚިދުމަތަކާ ގުޅޭ ގޮތުން އުސޫލު އެކުލަވައިލުން
(ހ) މި ގަވާއިދުގެ 13 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، ކުޑަކުދިންނަށް ދޭ ޚިދުމަތެއް ޕްރައިވެޓައިޒް ކުރުމަށް މިނިސްޓަރު ނިންމާ ހާލަތުގައި، ޤާނޫނު ނަންބަރު 2019/19 (ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނު) ގެ ދަށުން ހަދައިފައިވާ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން، އެ ޚިދުމަތެއް ދިނުމުގައި ހުންނަންޖެހޭ މިންގަނޑުތަކާބެހޭ ވަކި އުސޫލެއް އެކުލަވައިލުމަށް މި ގަވާއިދުގެ ދަށުން ހުރަހެއް ނެތެވެ.
(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން ޕްރައިވެޓައިޒް ކުރާ ޚިދުމަތަކާ ގުޅިގެން ވަކި އުސޫލެއް އެކުލަވައިލަންވާނީ، ޤާނޫނު ނަންބަރު 2019/19 (ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނު) ގެ ދަށުން ހަދައިފައިވާ ގަވާއިދުތަކުގައި އެފަދަ ޚިދުމަތެއްގައި ހުންނަންޖެހޭކަމަށް ބަޔާންކުރާ މިންގަނޑުތައް ނެގެހެއްޓޭނެ ގޮތުގެ މަތިންނެވެ.
15ވަނަ މާއްދާ: ޕްރައިވެޓައިޒް ކުރާ ޚިދުމަތެއް މޮނިޓަރކުރުން
މި ގަވާއިދުގެ 13 ވަނަ މާއްދާގެ ދަށުން ޕްރައިވެޓައިޒް ކުރާ ޚިދުމަތެއް މިނިސްޓަރު ކަނޑައަޅާ އުސޫލެއްގެ މަތިން މޮނިޓަރކުރަމުން ގެންދިއުމަކީ ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސްގެ ޒިންމާއެކެވެ.
ހަވަނަ ބާބު
ފިޔަވަޅު އެޅުން
16ވަނަ މާއްދާ: ކުޑަކުދިންނާ ދެކޮޅަށް ކުރެވޭ ޖިނާއީ ޢަމަލުތަކަށް ފިޔަވަޅު އެޅުން
(ހ) ޤާނޫނު ނަންބަރު 2019/19 (ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނު) ގައި ބަޔާންކޮށްފައިވާ ކުށެއް ނުވަތަ އެހެން ޤާނޫނެއްގައި ބަޔާންކޮށްފައިވާ ޖިނާއީ ޢަމަލެއް ކުޑަކުއްޖަކާ ދެކޮޅަށް ކޮށްފައިވާކަމަށް ބެލެވޭނަމަ، އެފަދަ މައްސަލައެއްގެ މަޢުލޫމާތު ލިބޭތާ ގިނަވެގެން 24 (ސައުވީސް) ގަޑިއިރުގެ ތެރޭގައި ޖިނާއީ ގޮތުން އެ މައްސަލައެއް ތަޙުޤީޤުކޮށް ފިޔަވަޅު އެޅުމަށްޓަކައި މޯލްޑިވްސް ޕޮލިސް ސަރވިސްއަށް، ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސްއިން ފޮނުވަންވާނެއެވެ.
(ށ) ކުއްޖެއްގެ އުފަންވުން، ޤާނޫނުގައިވާ ގޮތުގެ މަތިން އެ ކުއްޖާގެ މައިންބަފައިން ރަޖިސްޓަރީ ނުކޮށްފިނަމަ، އެ ކުއްޖާއާމެދު އިހުމާލުވީ ކަމުގައި ބަލައި، މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން އެ ކުއްޖެއްގެ މައިންބަފައިންގެ މައްސަލަ، މޯލްޑިވްސް ޕޮލިސް ސަރވިސްއަށް، ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސްއިން ފޮނުވަންވާނެއެވެ.
17ވަނަ މާއްދާ: ޖިނާއީ ޢަމަލަކަށް ނުވާ ގޮތަށް ކުޑަކުދިންނާމެދު އިހުމާލުވާ މައިންބަފައިންނާއި ބެލެނިވެރިންގެ މައްޗަށް އިދާރީ ފިޔަވަޅު އެޅުން
ޤާނޫނު ނަންބަރު 2019/19 (ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނު) ގެ ދަށުން މައިންބަފައިންނަށް ނުވަތަ ބެލެނިވެރިންނަށް ނުވަތަ ކުއްޖާ ބަލަހައްޓަމުންދާ ފަރާތެއްގެ މައްޗަށް މަތިކޮށްފައިވާ ޒިންމާއަކާ ޚިލާފުވާ ހާލަތުގައި، އެއީ ޖިނާއީ ޢަމަލަކަށް ނުވާނަމަ، އަންނަނިވި އިދާރީ ފިޔަވަޅުތަކުގެ ތެރެއިން ފިޔަވަޅެއް ނުވަތަ ފިޔަވަޅުތަކެއް އެޅުމުގެ ބާރު މިނިސްޓަރަށް ލިބިގެންވެއެވެ.
(ހ) ޗައިލްޑް އެންޑް ސަރވިސްގެ ފަރާތުން އެ ފަރާތަކަށް ނަސޭހަތްދިނުން؛
(ށ) ޗައިލްޑް އެންޑް ސަރވިސްއިން ކަނޑައަޅާ ޕޭރަންޓިންގ ޕްރޮގްރާމެއްގައި ބައިވެރިކުރުވައި، އެ ޕްރޮގްރާމް ފުރިހަމަކުރުވުން؛
(ނ) އެ ފަރާތަކުން ކޮށްފައިވާ ޢަމަލުގެ ރެކޯޑެއް ކުއްޖާގެ ކޭސް ފައިލުގައި ހިމެނުމާއި، ޙަޟާނަތުގެ މައްސަލައެއްގައި ކޯޓުން އަންގާ އެސެސްމަންޓު ހެދުމުގައްޔާއި، ފޮސްޓަރ ކެއަރގެ ދަށުން ކުދިން ބެލުމަށް އެ ފަރާތުން ހުށަހަޅައިފިނަމަ، އެ ފަރާތުގެ އެސެސްމަންޓު ހެދުމުގައި އެފަދަ ރިކޯޑެއް އޮތުމަކީ އެ ފަރާތަށް ފޮސްޓަރ ކެއަރގެ ދަށުން ކުދިން ހަވާލުކުރުމުގައި އެ ފަރާތަކާ ދެކޮޅަށް ބޭނުންކުރެވޭނޭ އެއްޗެއްކަން؛
(ރ) އެ ފަރާތަކުން މި ގަވާއިދާ ޚިލާފުވާ ކޮންމެ ފަހަރަކު -/2000 (ދެހާސް) ރުފިޔާއިން ޖޫރިމަނާކުރުން؛ އަދި/ނުވަތަ
(ބ) ޤާނޫނު ނަންބަރު 2019/19 (ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނު) ގެ ދަށުން އެކުލަވައިލާ ގަވާއިދެއްގައި ބަޔާންކުރާ އެހެން ފިޔަވަޅެއް އެޅުން.
18ވަނަ މާއްދާ: އެހެނިހެން ކަންކަމުގައި އިދާރީ ފިޔަވަޅު އެޅުން
(ހ) އަންނަނިވި ފަރާތްތަކުގެ ތެރެއިން ފަރާތަކުން، ތިރީގައި ބަޔާންކޮށްފައިވާ ޢަމަލުތަކުގެ ތެރެއިން ޢަމަލެއް ކޮށްފިނަމަ، މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ފިޔަވަޅުތަކުގެ ތެރެއިން ފިޔަވަޅު އެޅުމުގެ ބާރު މިނިސްޓަރަށް ލިބިގެންވެއެވެ.
-1 ދައުލަތުގެ އެއްވެސް އިދާރާއަކުން، ނުވަތަ ދައުލަތުގެ އިސް މަޤާމެއްގައި ހުރި ފަރާތަކުން، ނުވަތަ ދިވެހިރާއްޖޭގައި ހިންގާ އެއްވެސް ބާވަތެއްގެ މީޑިއާއަކުން، ނުވަތަ ޖަމްޢިއްޔާއަކުން، ނުވަތަ ޖަމާޢަތަކުން، ނުވަތަ ޤާނޫނީ އެނޫން ޝަޚްޞަކުން ނުވަތަ، ކުޑަކުދިންނަށް ޚިދުމަތް ދިނުމުގެ ފަންނީ މަސައްކަތެއް ކުރާ ފަރާތަކުން، ނުވަތަ އާންމުން ކަންކަމާމެދު ދެކޭ ގޮތަށާއި ވިސްނާގޮތަށް ނުފޫޒުފޯރުވޭ ފަދަ މަޤާމެއްގައި ހުރި މީހެއްގެ ފަރާތުން ނުވަތަ އެފަދަ ހައިސިއްޔަތެއް ލިބިފައިވާ ފަރާތަކުން ކުޑަކުދިންގެ ޙައްޤުތަކަށް އުނިކަން ލިބޭ ގޮތަށް ވާހަކަދެއްކުމާއި، އެ ކުދިންގެ ޙައްޤުތަކަށް އުނިކަން ލިބޭނޭފަދަ ކަންކަމަށް ހިތްވަރުދިނުން؛
-2 ޤާނޫނު ނަންބަރު 2019/19 (ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނު) ގެ 33 ވަނަ މާއްދާގައި މަނާކުރާ ފަދަ މަޢުލޫމާތެއް ހާމަކުރުން؛ އަދި
-3 މި ގަވާއިދުގެ 10 ވަނަ މާއްދާގެ (ހ) ގެ ދަށުން މަނާކޮށްފައިވާ މަސައްކަތެއްގައި ކުއްޖަކު ބައިވެރިކުރުން.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކަންކަމުގެ ތެރެއިން ކަމެއް ކުރާ ފަރާތަކަށް އަންނަނިވި ފިޔަވަޅުތަކުގެ ތެރެއިން ފިޔަވަޅެއް ނުވަތަ ފިޔަވަޅުތަކެއް އެޅުމުގެ ބާރު މިނިސްޓަރަށް ލިބިގެންވެއެވެ.
-1 މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކަމެއް އެ ފަރާތަކުން ކުރާ ކޮންމެ ފަހަރަކު، -/2000 (ދެހާސް) ރުފިޔާއިން ޖޫރިމަނާކުރުން؛
-2 މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކަމެއް އެ ފަރާތަކުން ކުރާ ކޮންމެ ފަހަރަކު، އެކަން ތަކުރާރު ނުކުރުމަށް ލިޔުމުން އަންގައި، އެކަން ތަކުރާރު ނުވާނޭކަން ކަށަވަރުކުރުމުގެ ގޮތުން އެ ފަރާތަކުން ކުރާނެ ކަންކަން ބަޔާންކުރުމަށް އަންގައި، އެ އެންގުން އާންމުކޮށް ޝާއިޢުކުރުން؛
-3 މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކަމެއް ކުރީ ޤާނޫނީ ޝަޚްޞަކުންނަމަ، ނުވަތަ ދިވެހިރާއްޖޭގައި ހިންގާ މީޑިއާއަކުން ނަމަ، އަދި އެ ކަމެއް ކުރީ އެއް ފަހަރަށްވުރެ ގިނަ ފަހަރު ނަމަ، އެ ފަރާތަކާމެދު ފިޔަވަޅު އެޅުމަށް ކަމާބެހޭ ރެގިއުލޭޓަރީ އިދާރާއަކަށް މައްސަލަ ފޮނުވައި، އެކަން އާންމުކުރުން؛ އަދި/ނުވަތަ
-4 ޤާނޫނު ނަންބަރު 2019/19 (ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނު) ގެ ދަށުން އެކުލަވައިލައިފައިވާ ގަވާއިދެއްގައި ބަޔާންކޮށްފައިވާ އެހެންވެސް ފިޔަވަޅެއް އެޅުން.
19ވަނަ މާއްދާ: ގަވާއިދުތަކުގެ ދަށުން މަސްއޫލިއްޔަތު އުފުލަންޖެހޭ މުއައްސަސާއަކުން މަސްއޫލިއްޔަތު އަދާނުކުރުމުން ފިޔަވަޅު އެޅުން
(ހ) ޤާނޫނު ނަންބަރު 2019/19 (ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނު) އާއި، އެ ޤާނޫނުގެ ދަށުން ހަދާ ގަވާއިދެއްގައި ކޯޓުތައް ފިޔަވައި، އެއްވެސް އެހެން އިދާރާއަކުން ނުވަތަ މުއައްސަސާއަކުން އަދާކުރަން ޖެހޭކަމަށް ބަޔާންކޮށްފައިވާ މަސްއޫލިއްޔަތެއް އަދާކޮށްފައި ނުވާނަމަ، ނުވަތަ އެއްވެސް މައްސަލައެއްގައި އެ މުއައްސަސާއަކުން ޢަމަލުކޮށްފައިވާ ގޮތަކުން އެފަދަ މަސްއޫލިއްޔަތެއް ގަވާއިދުގައިވާ ގޮތުގެ މަތިން އަދާކޮށްފައި ނުވާކަމަށް ޤަބޫލުކުރެވޭ ސަބަބުތައް ހުރިނަމަ، އަންނަނިވި ކަންކަން ބަޔާންކުރުމާއެކު، އެ ފަރާތަކަށް ލިޔުމުން އެންގުމެއް ފޮނުވުމުގެ ބާރު މިނިސްޓަރަށް ލިބިގެންވެއެވެ.
-1 އެ ފަރާތަކުން އަދާކޮށްފައިނުވާ ކަމެއް ނުކޮށް އޮތް ސަބަބު އޮޅުންފިލުވައިދިނުމަށް އެންގުން؛
-2 އެ ކަމެއް ކުރުމުގެ ޒިންމާއާ އެންމެ އިސްކޮށް ހަވާލުވެހުރި ފަރާތަށް ލިޔުމުން ނަސޭހަތްދީ، އެ ކަމެއް އެ ފަރާތެއްގެ ފައިލުގައި ރިކޯޑުކުރުމަށް އެންގުން؛
-3 އެ ފަރާތަކުން ކުރަންޖެހި ނުކޮށް އޮތް ކަމެއް ކޮށް ނިންމުމަށް މުއްދަތެއް ދީ، އެ މުއްދަތުގެ ތެރޭގައި އެ ކަމެއް ކުރުމަށް އެންގުން؛ އަދި
-4 އެ ފަރާތަކުން ކުރަންޖެހި ނުކޮށް އޮތް ކަމެއް ނުކުރެވޭ ގޮތް މެދުވެރިވީ އެ ފަރާތަކުން ޢަމަލުކުރަމުންދާ އިޖުރާއަތެއްގެ ސަބަބުންނަމަ، އެކަން އިޞްލާޙުކުރުމަށް އަންގައި، އެކަން އިޞްލާޙު ކުރުމަށް ޓަކައި އެޅި ފިޔަވަޅުތައް މިނިސްޓަރު ކަނޑައަޅާ މުއްދަތެއްގެ ތެރޭގައި ބަޔާންކޮށްދިނުމަށް އެންގުން.
(ށ) މި މާއްދާގެ (ހ) ގެ ދަށުން މިނިސްޓަރު އަންގާ ކޮންމެ އެންގުމެއްވެސް، އެންގުމެއް ފޮނުވި ގޮތަށް އާންމުކޮށް ޝާއިޢުކުރަންވާނެއެވެ.
(ނ) މި މާއްދާގެ (ހ) ގެ ދަށުން މިނިސްޓަރު އަންގާ ކޮންމެ އެންގުމެއްގެ ކޮޕީ، ޗިލްޑްރަންސް އޮމްބަޑްސްޕަރސަންއަށް ފޮނުވަންވާނެއެވެ.
(ރ) މި ގަވާއިދުގެ (ހ) ގައި ވަކިގޮތަކަށް ބަޔާންކޮށްފައި އޮތް ނަމަވެސް، ކޯޓަކުން ޢަމަލުކުރަމުންދާ އިޖުރާއަތެއްގެ ސަބަބުން ކުޑަކުދިންގެ ޙައްޤުތަކަށް އުނިކަމެއް އަންނަ ކަމަށް ބެލެވޭ ސަބަބުތައް ހުރިނަމަ، އެ ކަމެއްގެ ޝަކުވާ، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް، މިނިސްޓަރަށް ހުށަހެޅިދާނެއެވެ. އަދި އެފަދަ ޝަކުވާއެއްގެ ކޮޕީ، ޗިލްޑްރަންސް އޮމްބަޑްސްޕަރސަންއަށް ފޮނުވަންވާނެއެވެ.
20ވަނަ މާއްދާ: އުސޫލު އެކުލަވައިލުން
މި ބާބުގައި ބަޔާންކޮށްފައިވާ ކަންކަމާ އެއްގޮތްވާ ގޮތުގެ މަތިން ފިޔަވަޅު އެޅުމާބެހޭ ތަފުސީލީ އުސޫލެއް، މި ގަވާއިދަށް ޢަމަލުކުރަން ފަށާ ތާރީޚުން ފެށިގެން 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި، ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސްއިން އެކުލަވައިލަންވާނެއެވެ.
ހަތްވަނަ ބާބު
އެހެނިހެން
21ވަނަ މާއްދާ: ގަވާއިދަށް ޢަމަލުކުރަން ފެށުން
މި ގަވާއިދަށް ޢަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ޝާއިޢުކުރާތާ 3 (ތިނެއް) މަސްދުވަސް ހަމަވާ ދުވަހުން ފެށިގެންނެވެ.
22ވަނަ މާއްދާ: މާނަކުރުން
މި ގަވާއިދުގައި ޢިބާރާތެއް ނުވަތަ ލަފުޒެއް ބޭނުންކޮށްފައިވާ ގޮތުން ކަނޑައެޅިގެން އެހެން މާނައެއް ދޭހަނުވާހައި ހިނދަކު، އަންނަނިވި ޢިބާރާތްތަކާއި ލަފުޒުތަކަށް ދީފައި އެވަނީ، އެ ޢިބާރާތްތަކާއި ލަފުޒުތަކަށް، ތިރީގައި ދީފައިއެވާ މާނަކުރުމެވެ.
(ހ) "ކޯޓު" ކަމަށް ބުނެފައި އެވަނީ، ކުޑަކުދިންގެ ޙައްޤުތައް ރައްކައުތެރި ކުރުމުގެ މައްސަލަތަކާއި، ޗައިލްޑް ވިކްޓިމްއާ ގުޅުން ހުރި މައްސަލަތަކާއި، ކުޑަކުދިންނާ ދެކޮޅަށް ކުރެވޭ ޖިނާއީ މައްސަލަތައް ބެލުމުގެ އިޚްތިޞާޞް ލިބިގެންވާ މެޖިސްޓްރޭޓް ކޯޓުތަކަށާއި، ސުޕީރިއަރ ކޯޓުތަކަށާއި، މަތީ މަރުޙަލާގެ ކޯޓުތަކަށެވެ.
(ށ) "ޢާއިލާ" ކަމަށް ބުނެފައި އެވަނީ، އެ ކުއްޖެއްގެ މައިންބަފައިންނަށް، ނުވަތަ މަންމައަށް، ނުވަތަ ބައްޕައަށް، ނުވަތަ ޤާނޫނު ނަންބަރު 2000/4 (ޢާއިލާއާބެހޭ ޤާނޫނު) އާއި އެ ޤާނޫނުގެ ދަށުން ހަދައިފައިވާ ގަވާއިދުގައި ބަޔާންކޮށްފައިވާ ޝަރުޢީ ބަލަދުވެރިންނަށް ނުވަތަ ޙަޟާނަތު ޙައްޤުވާ ފަރާތްތަކަށެވެ.
(ނ) "މައިންބަފައިން" ކަމަށް ބުނެފައި އެވަނީ، ކުއްޖާގެ މަންމަޔާއި ބައްޕައަށެވެ.
(ރ) "މިނިސްޓަރު" ކަމަށް ބުނެފައި އެވަނީ، ކުޑަކުދިންގެ ޙައްޤުތައް ރައްކައުތެރި ކުރުމުގެ މަސްއޫލިއްޔަތު އެ އިރެއްގައި ހަވާލުކޮށްފައިވާ ސަރުކާރުގެ ވުޒާރާގެ ވަޒީރަށެވެ.
(ބ) "މިނިސްޓްރީ" ކަމަށް ބުނެފައި އެވަނީ، ކުޑަކުދިންގެ ޙައްޤުތައް ރައްކައުތެރި ކުރުމުގެ މަސްއޫލިއްޔަތު އެ އިރަކު ހަވާލުކޮށްފައިވާ ސަރުކާރުގެ ވުޒާރާއަށެވެ.


