މައި ކޮންޓެންޓަށް ދޭ
Ministry of Social and Family Development Logo
ޤާނޫނުތަކާއި ޤަވާއިދުތައް

ދައުލަތުގެ ބެލުމުގެ ދަށަށް ގެންނަ ކުޑަކުދިން އަލުން އެ ކުދިންގެ ޢާއިލާއާ ހަވާލުކުރުމާބެހޭ ގަވާއިދު

މިލިޔުން ގެޒެޓްގައި ޝާޢިރުކޮށްފައިވަނީ

21 ޖެނުއަރީ 2021, 04:58

އެއްވަނަ ބާބު

ފެށުން

1ވަނަ މާއްދާ: ތަޢާރަފާއި ނަން

(ހ) މިއީ، ދައުލަތުގެ ބެލުމުގެ ދަށަށް ގެންނަ ކުޑަކުދިން، އަލުން އެ ކުދިންގެ ޢާއިލާތަކާ ހަވާލުކުރުމާބެހޭ އުސޫލުތައް ކަނޑައެޅުމުގެ ގޮތުން، ޤާނޫނު ނަންބަރު 2019/19 (ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ   ޤާނޫނު) ގެ 61 ވަނަ މާއްދާގެ (ށ) އާއި، 97 ވަނަ މާއްދާގެ (ހ) އަށް ރިޢާޔަތްކޮށް، 131 ވަނަ މާއްދާގެ (ހ) ގެ ދަށުން ބާރު ލިބިގެން އެކުލަވައިލައިފައިވާ ގަވާއިދެކެވެ.

(ށ) މި ގަވާއިދަށް ކިޔާނީ، "ދައުލަތުގެ ބެލުމުގެ ދަށަށް ގެންނަ ކުޑަކުދިން އަލުން އެ ކުދިންގެ ޢާއިލާއާ ހަވާލުކުރުމާބެހޭ ގަވާއިދު" އެވެ.

2ވަނަ މާއްދާ: މަގުސަދު

މި ގަވާއިދުގެ މަގުސަދަކީ، އަންނަނިވި ކަންކަން ހާސިލުކުރުމެވެ.

(ހ) ޤާނޫނު ނަންބަރު 2019/19 (ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނު) ގެ ދަށުން ކުޑަކުދިންނަށް ލިބިދޭ ޙައްޤުތައް އެ ކުދިންނަށް ލިބިދިނުމުގައި އެ ޤާނޫނުގައި ބަޔާންވެގެންވާ ކަންކަން ކުރަންވާނީ ކުއްޖާގެ މަޞްލަޙަތަށް އެންމެ ފައިދާވާ ގޮތަށް ކަމަށް އެ ޤާނޫނުގެ 34 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައި ވީހިނދު، ދައުލަތުގެ ބެލުމުގެ ދަށަށް ގެންނަ ކުދިންގެ މަޞްލަޙަތަށް ފައިދާ ހުރީ އެ ކުދިންގެ ޢާއިލާތަކާއެކު އުޅެވޭނެ ހާލަތުގައި ކަމަށް ވާނަމަ، އެ ކުދިންގެ ޢާއިލާތަކާ ހަވާލު ކުރެވޭނެ ގޮތް ހަމަޖައްސައިދިނުން.

(ށ) ޤާނޫނު ނަންބަރު 2019/19 (ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނު) ގެ 68 ވަނަ މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރަށާއި 97 ވަނަ މާއްދާގެ (ހ) އަށް ރިޢާޔަތްކޮށް، ކުއްޖެއްގެ ޢާއިލީ މާޙައުލުން ކުއްޖާ ވަކިކުރަންވާނީ އެންމެ ފަހުގެ ފިޔަވަޅެއްގެ ގޮތުގައި ކަމަށް އޮންނަ އޮތުމުގެ މަގުސަދަށް ރިޢާޔަތްކޮށް، ދައުލަތުގެ ބެލުމުގެ ދަށަށް ގެންނަ ކުދިން ދާއިމީކޮށް ޢާއިލީ މާޙައުލުގައި އުޅުމަކީ އެ ކުދިންގެ މަޞްލަޙަތަށް ފައިދާވާ ގޮތް ކަމަށް ވާނަމަ، އެ ކުދިންގެ ޢާއިލީ މާޙައުލުގައި އުޅެބޮޑުވުމުގެ ފުރުޞަތު އެ ކުދިންނަށް ހޯދައިދިނުން.

(ނ) ދައުލަތުގެ ބެލުމުގެ ދަށަށް ގެންނަ ކުދިން އަލުން އެ ކުދިންގެ ޢާއިލާތަކާ ހަވާލުކުރުން އެ މައްޗަށް ބިނާވެފައިވާ އުސޫލުތައް ކަނޑައެޅުން.

(ރ) ދައުލަތުގެ ބެލުމުގެ ދަށަށް ގެންނަ ކުދިން އަލުން އެ ކުދިންގެ ޢާއިލާތަކާ ހަވާލުކުރުމުގެ ކަންކަން ކުރުމުގައި ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސްގެ ޒިންމާތައް ކަނޑައެޅުން.

(ބ) ދައުލަތުގެ ބެލުމުގެ ދަށަށް ގެންނަ ކުދިން އަލުން އެ ކުދިންގެ ޢާއިލާތަކާ ހަވާލުކުރެވޭއިރު، އެ ކުދިންނާ ހަވާލުވާ ފަރާތްތަކުގެ ޒިންމާތަކާއި މަސްއޫލިއްޔަތުތައް ކަނޑައެޅުން.

(ޅ) ދައުލަތުގެ ބެލުމުގެ ދަށަށް ގެންނަ ކުދިން އަލުން އެ ކުދިންގެ ޢާއިލާތަކާ ހަވާލުކުރުމުގައި ޢަމަލު ކުރަންޖެހޭ މިންގަނޑުތައް ބަޔާންކުރުން.

(ކ) ޤާނޫނު ނަންބަރު 2019/19 (ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނު) ގެ 67 ވަނަ މާއްދާގެ (އ) އަށް ރިޢާޔަތްކޮށް، ދައުލަތުގެ ބެލުމުގެ ދަށަށް ގެންނަ ކުދިން އަލުން އެ ކުދިންގެ ޢާއިލާތަކާ ހަވާލުކުރާއިރު، ކުޑަކުދިންނަށް އަޅައިލުމާއި ރައްކައުތެރިކަން ފޯރުކޮށްދިނުމުގެ ޤައުމީ ނިޒާމުގައި ހިމެނޭ ހުރިހާ ފަރާތްތަކަކުން ވިލަރެސްކޮށްގެން އެ ކުދިން އަލުން ޢާއިލާތަކާ ހަވާލުކުރުކުރުމުގެ މަސައްކަތް ކުރިއަޔަށް ގެންދާނެ ގޮތުގެ އުސޫލުތައް ކަނޑައެޅުން.

3ވަނަ މާއްދާ: ކުދިން އަލުން އެ ކުދިންގެ ޢާއިލާތަކާ ހަވާލުކުރުން

ދައުލަތުގެ ބެލުމުގެ ދަށަށް ގެންނަ ކުދިން އަލުން އެ ކުދިންގެ ޢާއިލާތަކާ ހަވާލުކުރުމަކީ، މި ގަވާއިދުގައި ބަޔާންކޮށްފައިވާ އިޖުރާއަތުތަކާއި އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތީން، އެ ކުދިން ބަލަހައްޓައި، ތަރުބިއްޔަތުކޮށް، ބަލައި ބޮޑުކުރުމަށް ޓަކައި، އެ ކުދިންގެ ޢާއިލާތަކާ ދާއިމީކޮށް ހަވާލުކުރުމެވެ.

4ވަނަ މާއްދާ: ކުދިން އަލުން އެ ކުދިންގެ ޢާއިލާތަކާ ހަވާލުކުރުން ބިނާވެފައިވާ އަސާސީ އުސޫލުތައް

(ހ) ދައުލަތުގެ ބެލުމުގެ ދަށަށް ގެންނަ ކުދިން އަލުން އެ ކުދިންގެ  ޢާއިލާތަކާ ހަވާލުކުރުން އެ މައްޗަށް ބިނާވެފައިވަނީ، އަންނަނިވި އަސާސީ އުސޫލުތަކުގެ މައްޗަށެވެ.

-1 ދުރު ރާސްތާއަށް ބިނާކޮށް ކުއްޖާއަށް ބޭނުންވާ އަޅައިލުން ރޭވުމުގައި ޢާއިލާއަކީ މުޖުތަމަޢުގެ އެންމެ އަސާސީ އިޖުތިމާޢީ ބައިކަމަށް ދެކި، އަދި އެއީ ކުއްޖާގެ ރައްކައުތެރިކަމަށާއި، ދުޅަހެޔޮކަމަށާއި، ހެދިބޮޑުވުމަށް އެންމެ އެކަށީގެންވާ ޠަބީޢީ މާޙައުލުކަމަށް ދެކި، ކުދިން އަލުން އެ ކުދިންގެ ޢާއިލާތަކާ ހަވާލުކުރެވެން އޮންނަ ހާލަތްތަކުގައި ކުއްޖާގެ ޢާއިލާއަށް އަލުން ކުއްޖާ ހަވާލުކުރުމަށް އިސްކަންދިނުން. މިގޮތުން ކުދިން އަލުން    އެ ކުދިންގެ ޢާއިލާތަކާ ހަވާލުކުރުމަށް ކުރާ ހުރިހާ މަސައްކަތެއްގެ މައިގަނޑު އަމާޒަކީ އެ ކުދިންނަށް އާއިލީ އަޅައިލުމާއި ލޯބި      އެ ކުދިންނަށް ލިބިދިނުމެވެ؛

-2 ކުއްޖާއާ ގުޅޭގޮތުން އަޅާ ކޮންމެ ފިޔަވަޅަކީ، ކުއްޖާގެ މަޞްލަޙަތަށް އިސްކަންދީގެން، އެ ކުއްޖާގެ ބައިވެރިވުމާއެކު، އެ ކުއްޖާގެ ބޭނުންތަކަށް އަމާޒުކޮށްގެން އަޅާ ފިޔަވަޅެއް ކަމުގައި ވުން؛

-3 ކުދިން އަލުން އެ ކުދިންގެ ޢާއިލާތަކާ ހަވާލުކުރުމުގެ ހުރިހާ މަސައްކަތެއްގައި ވެސް ޤާނޫނު ނަންބަރު 2019/19 (ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނު) ގައި ބަޔާންކޮށްފައިވާ ކުޑަކުދިންގެ ޙައްޤުތަކުގެ ނަޒަރިއްޔާ ގެންގުޅުން. ވަކިން ޚާއްޞަކޮށް، ތަފާތު ނުކުރުމާއި، ކުއްޖާގެ މަޞްލަޙަތަށް އިސްކަންދިނުމާއި، ހެދިބޮޑުވުމާއި، ބައިވެރިވުމުގެ ޙައްޤުތައް ކަށަވަރު ކުރުން؛

-4 ކުއްޖާއާއި ކުއްޖާގެ ޢާއިލާއާ ދެމެދު، ހެޔޮ ރަނގަޅު ގުޅުމެއް އުފެއްދުމަކީ އަސާސީ ކަމެއް ކަމުގައި ބެލުން؛

-5 ކުދިން އަލުން އެ ކުދިންގެ ޢާއިލާތަކާ ހަވާލުކުރުމުގެ ސަބަބުން ކުއްޖާއަށް ގެއްލުމެއް ނުލިބޭނެކަމާއި، ކުއްޖާއަށް އެކަމުގެ ސަބަބުން ފައިދާވާނެކަން ކަށަވަރުކުރުން. މިގޮތުން، ކުދިން އަލުން         އެ ކުދިންގެ ޢާއިލާތަކާ ހަވާލުކުރުމުގެ ސަބަބުން ކުއްޖާއަށް ލިބިދާނެ ގެއްލުންތައް ދެނެގަނެ، ކުއްޖާގެ މަޞްލަޙަތަށް އެންމެ ފައިދާހުރި ގޮތް އިޚްތިޔާރުކުރުމުގެ ވިސްނުމާއެކު ކުދިން އަލުން ޢާއިލާތަކާ ހަވާލުކުރުމުގެ މަސައްކަތްތައް ބައްޓަންކުރުން؛

-6 ކުޑަކުދިންނަށް އަޅައިލުމާއި ރައްކައުތެރިކަން ފޯރުކޮށްދިނުމުގެ ޤައުމީ ނިޒާމުގައި ހިމެނޭ ކަމާބެހޭ ފަރާތްތަކާއެކު ކަންކަން ވިލަރެސްކުރުމަކީ ކުއްޖާއަށާއި ޢާއިލާއަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގައި އަސާސީ ދައުރެއް އަދާކުރާނެ ކަމެއް ކަމުގައި ބެލުން.

(ށ) ދައުލަތުގެ ބެލުމުގެ ދަށަށް ގެންނަ ކުއްޖަކު އަލުން ޢާއިލާއާ ހަވާލުކުރުމުގައި ހިނގާ ކޮންމެ މަރުޙަލާއެއްގައި ވެސް މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އަސާސީ އުސޫލުތައް ނަގަހައްޓައި ކަށަވަރުކުރުމަކީ      މި ގަވާއިދުގެ 5 ވަނަ މައްދާގައި ބަޔާންކޮށްފައިވާ ކުޑަކުދިން އަލުން     އެ ކުދިންގެ ޢާއިލާއާ ހަވާލުކުރުމާބެހޭ ކޮމިޓީއާއި ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސްގެ ޒިންމާއެކެވެ.

ދެވަނަ ބާބު

ކުޑަކުދިން އަލުން އެ ކުދިންގެ ޢާއިލާއާ ހަވާލުކުރުމާބޭހޭ ކޮމިޓީ

5ވަނަ މާއްދާ: ކުޑަކުދިން އަލުން އެ ކުދިންގެ ޢާއިލާއާ ހަވާލުކުރާ ކޮމިޓީ

(ހ) ދައުލަތުގެ ބެލުމުގެ ދަށަށް ގެނެވޭ ކުޑަކުދިން އަލުން އެ ކުދިންގެ ޢާއިލާއާ ހަވާލުކުރާ ކޮމިޓީއަކީ، ދައުލަތުގެ ބެލުމުގެ ދަށަށް ގެންނަ ކުދިން އަލުން އެ ކުދިންގެ ޢާއިލާތަކާ ހަވާލުކުރުމާބެހޭ ކަންކަން ހިންގުމުގައި ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސްއަށް ލަފާދިނުމުގައި އެންމެ އިސް ދައުރެއް އަދާކުރާ ފަރާތެވެ.

(ށ) ކުޑަކުދިން އަލުން އެ ކުދިންގެ ޢާއިލާއާ ހަވާލުކުރުމާބޭހޭ ކޮމިޓީ އެކުލަވައިލާނީ މިނިސްޓަރެވެ.

(ނ) މި ގަވާއިދުގެ ދަށުން އެކުލަވައިލާ ކޮމިޓީ ޖަވާބުދާރީވާނީ މިނިސްޓަރަށެވެ.

(ރ) ކޮމިޓީގެ އިދާރީ ކަންކަން ހިންގައި ބަލަހައްޓާނީ، ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސް އިންނެވެ.

6ވަނަ މާއްދާ: ކޮމިޓީގެ މެންބަރުންގެ މަސްއޫލިއްޔަތުތައް

ކުޑަކުދިން އަލުން އެ ކުދިންގެ ޢާއިލާއާ ހަވާލުކުރުމާބޭހޭ ކޮމިޓީގެ މެންބަރުންގެ މަސްއޫލިއްޔަތުތައް ތިރީގައި މިވަނީއެވެ.

(ހ) ތާވަލުކުރެވޭ ކޮމިޓީގެ ބައްދަލުވުންތަކަށް ހާޒިރުވުން.

(ށ) ދައުލަތުގެ ބެލުމުގެ ދަށަށް ގެންނަ ކުދިންގެ ތެރެއިން އަލުން އެ ކުދިންގެ ޢާއިލާތަކާ ހަވާލުކުރުމަށް ތައްޔާރުވެފައިވާ ކުދިންނަކީ ކޮބައިކަން ނިންމުން.

(ނ) ދައުލަތުގެ ބެލުމުގެ ދަށަށް ގެންނަ ކުއްޖަކު އަލުން އެ ކުއްޖާގެ ޢާއިލާއާ ހަވާލުކުރުމަށް ޓަކައި އެ ކުއްޖާގެ ޢާއިލާއިން އެ ކުއްޖާ ހަވާލުކުރުމަށް އެންމެ އެކަށީގެންވާ ފަރާތްކަމަށް އެ މައްސަލައަކާ ހަވާލުވެހުރި އިޖުތިމާޢީ ޚިދުމަތްތެރިޔާ ފާހަގަކުރާ ފަރާތަކާބެހޭ ލިޔުންތަކާއި އެސެސްމަންޓް ރިޕޯޓު ދިރާސާކުރުން. މިގޮތުން، އެސެސްމަންޓް ރިޕޯޓުގައި ބޭނުންވާ ހުރިހާ މަޢުލޫމާތެއް ފުރިހަމަވޭތޯ ބެލުމާއި، ހުށަހެޅިފައިވާ މަޢުލޫމާތުގެ ޞައްޙަކަން ކަށަވަރުކުރުމާއި، އިތުރު މަޢުލޫމާތު ބޭނުންވާނަމަ، އިޖުތިމާޢީ ޚިދުމަތްތެރިޔާއާ ނުވަތަ ކުއްޖާ ބެލުމަށް އެންމެ އެކަށީގެންވާ ފަރާތްކަމަށް އިޖުތިމާޢީ ޚިދުމަތްތެރިޔާ ފާހަގަކޮށްފައިވާ ފަރާތާ ސުވާލުކޮށްގެން މަޢުލޫމާތު އޮޅުންފިލުވުން.

(ރ) ދައުލަތުގެ ބެލުމުގެ ދަށަށް ގެންނަ ކުއްޖަކު އަލުން އެ ކުއްޖާގެ ޢާއިލާއާ ހަވާލުކުރުމަށް ޓަކައި ހަވާލުކުރަން ގަސްތުކުރާ ފަރާތާ ކޮމިޓީން އިންޓަވިއު ކުރަން ޖެހިއްޖެ ހާލަތެއްގައި، އިންޓަވިއުކޮށް، އެއީ ކުއްޖާ ބެލެހެއްޓުމަށް ޤާބިލު ފަރާތެއްކަން ކަށަވަރުކުރުން.

(ބ) ކޮމިޓީއަށް ހުށަހެޅޭ ލިޔުންތަކާއި ރިޕޯޓުތަކުގެ މައްޗަށް ބިނާކޮށް ދައުލަތުގެ ބެލުމުގެ ދަށަށް ގެންނަ ކުއްޖަކު އަލުން އެ ކުއްޖާގެ ޢާއިލާއާ ހަވާލުކުރުމަށް ޓަކައި އެ ކުއްޖާ ހަވާލުކުރަން ނިންމުން.

(ޅ) ދައުލަތުގެ ބެލުމުގެ ދަށަށް ގެންނަ ކުދިން އަލުން  އެ ކުދިންގެ ޢާއިލާތަކާ ހަވާލުކުރުމާބެހޭ ހުރިހާ މަރުޙަލާއެއްގައި ވެސް މި ގަވާއިދުގެ 4 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އަސާސީ އުސޫލުތައް ނެގެހެއްޓޭކަން ކަށަވަރުކުރުން.

(ކ) ދައުލަތުގެ ބެލުމުގެ ދަށަށް ގެންނަ ކުދިންގެ ތެރެއިން އަލުން އެ ކުދިންގެ ޢާއިލާތަކާ ހަވާލުކުރުމަށް ކޮމިޓީން ނިންމާ ކުދިން، އެ ކުދިންގެ ޢާއިލާއާ ހަވާލުކުރުމުގެ ކުރިން، ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސްއާއި ޢާއިލާއާ ދެމެދު ވެވޭ އެއްބަސްވުން ފާސްކުރުން.

(އ) ދައުލަތުގެ ބެލުމުގެ ދަށަށް ގެންނަ ކުދިންގެ ތެރެއިން އަލުން އެ ކުދިންގެ ޢާއިލާތަކާ ހަވާލުކުރެވޭ ކުދިންގެ ހާލަތު، މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން މޮނިޓަރކުރަމުން ގެންދިޔުން.

(ވ) ކޮމިޓީގެ ހުރިހާ މަސައްކަތެއް ވެސް އިންސާފުވެރިކަމާއެކު، ދެފުށް ފެންނަ ގޮތެއްގައި އަދި ކުއްޖާގެ މަޞްލަޙަތަށް އިސްކަންދީގެން، ކުއްޖާގެ ކަރާމާތް ރައްކައުތެރި ކުރެވޭކަން ކަށަވަރުކުރެވޭ ގޮތެއްގައި ކުރުން.

(މ) ކޮމިޓީގެ މަސްއޫލިއްޔަތު ކަމުގައި މި ގަވާއިދުގައި ބަޔާންކޮށްފައިވާ އެންމެހައި ކަންކަން ކުރުން.

(ފ) ދައުލަތުގެ ބެލުމުގެ ދަށަށް ގެންނަ ކުދިން އަލުން އެ ކުދިންގެ ޢާއިލާތަކާ ހަވާލުކުރުމާބެހޭ އެހެނިހެން ކަންކަމުގައި ވެސް ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސްއަށް ދޭންޖެހޭ ލަފާދިނުން.

(ދ) ކޮމިޓީގެ ބައްދަލުވުންތަކާއި، ކޮމިޓީ ހިންގާނެ ގޮތުގެ އިދާރީ އުސޫލުތައް ކަނޑައެޅުމަކީ އެ ކޮމިޓީގެ ޒިންމާއެއްކަން.

7ވަނަ މާއްދާ: ކޮމިޓީ އެކުލެވިގެންވާ ގޮތް

ކޮމިޓީ އެކުލެވިގެންވަނީ، އަންނަނިވި ފަރާތްތަކުގެ މައްޗަށެވެ.

(ހ) ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސްގެ ކޭސް މެނޭޖްމަންޓުގެ ސިވިލް ސަރވިސްގެ މުވައްޒަފުންގެ އިސް ފަރާތެއް.

(ށ) ދައުލަތުގެ ބެލުމުގެ ދަށަށް ގެންނަ ކުދިންގެ އެންމެހައި ކަންކަން ބެލެހެއްޓުމާ ހަވާލުވެހުރި ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސްގައި މަސައްކަތްކުރާ ޤާނޫނީ ވަކީލެއް.

(ނ) ދައުލަތުގެ ބެލުމުގެ ދަށަށް ގެންނަ ކުދިންގެ އެންމެހައި ކަންކަން ބެލެހެއްޓުމާ ހަވާލުވެހުރި ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސްގައި މަސައްކަތްކުރާ ސައިކޮލޮޖިސްޓެއް.

(ރ) ދައުލަތުގެ ބެލުމުގެ ދަށަށް ގެންނަ ކުޑަކުދިން ބަލަހައްޓާ މަރުކަޒުތަކުގެ ތެރެއިން މަރުކަޒެއްގެ ސިވިލް ސަރވިސްގެ މުވައްޒަފުންގެ އިސް މުވައްޒަފެއް.

(ބ) މިނިސްޓްރީ އޮފް ޖެންޑަރ، ފެމެލީ އެންޑް ސޯޝަލް ސަރވިސަސްގެ ސޯޝަލް ސަރވިސް ޑިޕާޓްމަންޓުގެ ސިވިލް ސަރވިސްގެ މުވައްޒަފެއް.

8ވަނަ މާއްދާ: ކޮމިޓީގެ މެންބަރުންގެ ޝަރުޠުތައް

ކޮމިޓީގެ މެންބަރެއްގެ ގޮތުގައި ޢައްޔަނުކުރާ ފަރާތަކީ އަންނަނިވި ޝަރުޠުތައް ފުރިހަމަވާ ފަރާތަކަށް ވާންވާނެއެވެ.

(ހ) ކުޑަކުއްޖަކަށް ޖިންސީ އަނިޔާއެއް، ނުވަތަ ޖިސްމާނީ އަނިޔާއެއް، ނުވަތަ ނަފްސާނީ އަނިޔާއެއް ކުރިކަން ނުވަތަ އިހުމާލުވެފައިވާ ނުވަތަ އެ ފަދަ ޢަމަލަކަށް އެއްވެސް ސިފައެއްގައި އެހީތެރިވެދީފައިވާ ނުވަތަ ބައިވެރިވެފައިވާ ނުވަތަ ކުރަން އުޅެފައިވާކަމުގެ ތުހުމަތެއް ކުރެވިފައިވާކަމުގެ އެއްވެސް ރިކޯޑެއް، ކަމާ ގުޅުންހުރި އެއްވެސް އިދާރާއެއްގައި އޮތް ފަރާތެއް ކަމުގައި ނުވުން.

(ށ) ދައުލަތުގެ ބެލުމުގެ ދަށުގައިވާ ކުއްޖަކާ ޢާއިލީ ގުޅުމެއް ނެތުން.

9ވަނަ މާއްދާ: ކޮމިޓީގެ ރައީސާއި ނައިބު ރައީސް

(ހ) ކޮމިޓީގެ މެންބަރުންގެ ތެރޭގައި، ޢައްޔަނު ކޮށްފައިވާ ރައީސަކާއި ނައިބު ރައީސަކު ހުންނަންވާނެއެވެ. ރައިސާއި ނައިބު ރައީސްކަމަށް ޢައްޔަނު ކުރާނީ ކޮމިޓީގެ މެންބަރުންގެ އަޣުލަބިއްޔަތުންނެވެ.

(ށ) ކޮމިޓީގެ މަސައްކަތްތައް ރާވައި ހިންގައި، ބައްދަލުވުންތަކުގެ ރިޔާސަތު ބަލަހައްޓާނީ، ކޮމިޓީގެ ރައީސެވެ. ރައީސް ނެތް ހާލަތެއްގައި، ބުނެވިދިޔަ ކަންކަމުގެ އިތުރުން، ރައީސްގެ މަސްއޫލިއްޔަތު ކަމަށް މި މާއްދާގައި ބަޔާންކޮށްފައިވާ ކަންކަން ކުރާނީ ނައިބު ރައީސެވެ.

(ނ) ކޮމިޓީގެ ރައީސްގެ ޒިންމާތައް، ތިރީގައި މިވަނީއެވެ.

-1 ކޮމިޓީގެ މެންބަރުންގެ އިތުރުން، ކޮމިޓީގެ ބައްދަލުވުންތަކުގައި ބައިވެރިވާނެ ފަރާތްތައް ކަނޑައެޅުން؛

-2 ކޮމިޓީއަށް ހުށަހަޅާ މައްސަލަތައް އަވަސްކަމާއެކު ކުރިޔަށް ގެންދިޔުމަށް ބާރު އެޅުން؛

-3 ކޮމިޓީގައި މަޝްވަރާކުރެވޭ ކަންކަމާއި، ކޮމިޓީން ދޭ ލަފަޔާއި، ނިންމާ ނިންމުންތަކާއި، މި ނިންމުންތަކަށް ވާސިލުވެވުނު ގޮތްތަކުގެ ޔައުމިއްޔާ ލިޔެ، ލިޔެކިޔުންތަކާއި ފައިލްތައް ބެލެހެއްޓޭކަން ކަށަވަރުކުރުން؛

-4 ކޮމިޓީގައި ހިންގާ މަޝްވަރާތަކުގައި ކޮމިޓީގެ ހުރިހާ މެންބަރުންގެ ބައިވެރިވުމަށް ފުރުޞަތު ތަނަވަސްކޮށް ހުރިހާ މެންބަރުން       އެއް ނިންމުމަކަށް ވާސިލުވުމަށް މަސައްކަތްކުރުން؛

-5 ކޮމިޓީގެ މެންބަރުންގެ ނަޒާހަތްތެރިކަން ދެމެހެއްޓުން ކަށަވަރުކުރުމާއި، ކުޑަކުދިންގެ ޙައްޤުތައް ރައްކައުތެރިކުރުމަށް ހަދައިފައިވާ ޤާނޫނުތަކާއި  ގަވާއިދުތަކާއި އުސޫލުތައް ނެގެހެއްޓުން.

-6 ކޮމިޓީގެ ބައްދަލުވުންތަކުގެ ރިޔާސަތު ބަލަހައްޓާނީ ކޮމިޓީގެ ރައީސެވެ.

10ވަނަ މާއްދާ: ކޮމެޓީގެ ސެކެޓްޓޭރިއެޓް

ކޮމެޓީގެ އިދާރީ ކަންކަން ބެލެހެއްޓުމަށް ސެކެޓްޓޭރިއެޓެއް، ޗައިލްޑް އެންޑް ފެމެލީ ޕްރޮޓެކްޝަން ސަރވިސްއިން ޢައްޔަނު ކުރަންވާނެއެވެ.

11ވަނަ މާއްދާ: ކޮމިޓީގެ ބައްދަލުވުންތަކުގެ ޤާނޫނީ އަދަދާއި ބައްދަލުވުންތައް

(ހ) ކޮމިޓީގެ ބައްދަލުވުންތަކުގެ ޤާނޫނީ އަދަދަކީ 3 (ތިނެއް) މެންބަރުންނެވެ.

(ށ) ކޮމިޓީގެ ބައްދަލުވުންތައް ބާއްވަންވާނީ، ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސަސްއިން އެ ކޮމިޓީއަށް ހުށަހަޅާ މައްސަލަތަކުގެ މައްޗަށް ބިނާކޮށް، އެ ސަރވިސްއިން އެކުލަވައިލާ ތާވަލާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.

(ނ) ކޮމިޓީން ނިންމާ ނިންމުމެއް ފާސްވެއްޖެ ކަމަށް ބެލޭނީ، ކޮމިޓީގެ މެންބަރުންގެ އަޣުލަބިއްޔަތުން އެ ކަމެއް ފާސްވެއްޖެ ނަމައެވެ.

(ރ) ކޮމިޓީގެ ބައްދަލުވުމުގައި ރައީސާއި ނައިބު ރައީސް ބައިވެރިވާން އުޒުރުވެރިވެއްޖެ ހާލަތެއްގައި، ހާޒިރުވެ ތިބި މެންބަރުންގެ މެދުގައި ނަގާ ވޯޓަކުން، އެ ބައްދަލުވުމުގެ ރިޔާސަތު ބަލަހައްޓާނެ މެންބަރަކު ކަނޑައަޅަންވާނެއެވެ.

(ބ) ކޮމިޓީގެ ބައްދަލުވުމުގެ ހުރިހައި ނިންމުންތަކެއް ވެސް ހުންނަންވާނީ ޔައުމިއްޔާގައި ލިޔެވިފައެވެ. އަދި މި ނިންމުންތައް ހުރިހާ މެންބަރުންނާ ހިއްސާކުރަންވާނެއެވެ.

12ވަނަ މާއްދާ: ކޮމެޓީގެ މެންބަރަކު އިސްތިޢުފާ ދިނުން

ކޮންމެ މެންބަރަކަށް ވެސް، އެ މެންބަރަކު ބޭނުންވެއްޖެ ހާލަތެއްގައި، ކޮމިޓީން އިސްތިޢުފާ ދިނުމުގެ އިޚްތިޔާރު ލިބިގެންވެއެވެ. އަދި މެންބަރުކަމުން ވަކިވާން ބޭނުންވެއްޖެ ހާލަތެއްގައި، ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސްއަށް ލިޔުމުން އެކަން އަންގަންވާނެއެވެ.

13ވަނަ މާއްދާ: މެންބަރުކަމުން ވަކިކުރުން

(ހ) ކޮމިޓީގެ އެއްވެސް މެންބަރަކު، މަޤުބޫލު އުޒުރެއްނެތި ވިދިވިދިގެން ކޮމިޓީގެ 3 (ތިނެއް) ބައްދަލުވުމަށް ހާޒިރު ނުވެއްޖެ ނަމަ، އެ މެންބަރަކަށް އެކަން ލިޔުމުން އަންގައި، މެންބަރުކަމުން ވަކިކުރުމުގެ އިޚްތިޔާރު، ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސް ހިންގުމާ ހަވާލުވެ ހުންނަ އެންމެ އިސްފަރާތަށް ލިބިގެންވެއެވެ.

(ށ) ކޮމިޓީގެ އެއްވެސް މެންބަރަކު، ކުއްޖެއްގެ ކަރާމާތަށް ގެއްލުމެއް ނުވަތަ އުނިކަމެއް ލިބޭ ފަދަ ޢަމަލެއް ކޮށްފި ނަމަ، އެ މެންބަރަކު ވަގުތުން މެންބަރުކަމުން ވަކިކުރެވޭނެއެވެ.

14ވަނަ މާއްދާ: ސިއްރު ހިފެހެއްޓުން

ކޮމިޓީގެ ހުރިހާ މެންބަރުން ވެސް ސިއްރު ހިފެހެއްޓުމުގެ އެއްބަސްވުމެއްގައި ސޮއިކޮށް އިޤްރާރުވާންވާނެއެވެ.

ތިންވަނަ ބާބު

ކުދިން އަލުން އެ ކުދިންގެ ޢާއިލާއާ ހަވާލުކުރުމާބޭހޭ އާންމު އުސޫލުތައް

15ވަނަ މާއްދާ: ކުދިން އަލުން އެ ކުދިންގެ ޢާއިލާއާ ހަވާލުކުރުމުގައި އިސްކަންދޭންޖެހޭ ކަންކަން

(ހ) ދައުލަތުގެ ބެލުމުގެ ދަށަށް ގެންނަ ކުދިން އަލުން އެ ކުދިންގެ ޢާއިލާއާ ހަވާލުކުރުމަށް ޓަކައި، އެ ކުދިންގެ ޢާއިލާތައް ހޯދުމަށްފަހު، އެ ކުދިންގެ ޢާއިލާގެ ތެރެއިން އެ ކުދިން ބެލެހެއްޓުމާ ހަވާލުވާން ތައްޔާރަށް ތިބި ފަރާތްތަކުގެ އެސެސްމަންޓް، މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ހެދުމަށްފަހު، އެ ކުދިން ބެލެހެއްޓުމަށް ޓަކައި އެ ކުދިން ހަވާލުކުރަން އެންމެ އެކަށީގެންވާ ފަރާތަކީ ކޮބައިކަން ނިންމާނީ، މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ކޮމިޓީންނެވެ.

(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ދައުލަތުގެ ބެލުމުގެ ދަށަށް ގެންނަ ކުދިން އަލުން އެ ކުދިންގެ ޢާއިލާއާ ހަވާލުކުރުމުގައި އެންމެ އިސްކަމެއް ދޭންވާނީ، ދައުލަތުގެ ބެލުމުގެ ދަށަށް ގެންނަ ކުދިންގެ ޢާއިލާއިން ވަކި ފަރާތެއް، އެ ކުދިން ބެލެހެއްޓުމަށް ޓަކައި އެ ކުދިންނާ ހަވާލުވުމަށް މި ގަވާއިދުގެ ޖަދުވަލު 1 ގައި ހިމަނައިފައިވާ "ދައުލަތުގެ ބެލުމުގެ ދަށަށް ގެންނަ ކުދިންނާ ހަވާލުވުމަށް އެދި ހުށަހަޅާ ފޯމު" ހުށަހަޅައިފައިވާ ފަރާތްތަކަށެވެ.

16ވަނަ މާއްދާ: ކުދިން ބެލެހެއްޓުމަށް ހަވާލުކުރެވޭ ފަރާތެއްގެ ކިބައިގައި ފުރިހަމަވާންޖެހޭ އާންމު ޝަރުޠުތައް

(ހ) ދައުލަތުގެ ބެލުމުގެ ދަށަށް ގެންނަ ކުދިން ބެލެހެއްޓުން ހަވާލުކުރާ ފަރާތެއްގެ ކިބައިގައި އަންނަނިވި އާންމު ޝަރުޠުތައް ފުރިހަމަ ވާންވާނެއެވެ.

-1 މީލާދީގޮތުން އުމުރުން 20 (ވިހި) އަހަރާއި 70 (ހަތްދިހަ) އަހަރާ ދެމެދުގެ މީހަކު ކަމުގައި ވުން؛

-2 ހަވާލުކުރެވޭ ކުއްޖާ ނުވަތަ ކުދިން ބެލެހެއްޓޭވަރުގެ އާމްދަނީއެއް ލިބޭ ފަރާތެއް ކަމުގައި ވުން؛

-3 ނަފުސާނީގޮތުންނާއި ޖިސްމާނީގޮތުން ދުޅަހެޔޮ ފަރާތެއް ކަމުގައި ވުން؛

-4 ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސްއިން ތައްޔާރުކުރާ އެސެސްމަންޓުން، ކުއްޖާ ބެލޭވަރުގެ ޤާބިލްކަން ހުރި ފަރާތެއްކަން އެނގެން އޮތުން؛

-5 ކުޑަކުއްޖަކަށް ނުވަތަ މީހަކަށް ޖިންސީ އަނިޔާއެއް، ނުވަތަ ޖިސްމާނީ އަނިޔާއެއް، ނުވަތަ ނަފުސާނީ އަނިޔާއެއް ކުރިކަން  ނުވަތަ އިހުމާލުވެފައިވާކަން ނުވަތަ އެފަދަ ޢަމަލެއް ހިންގައިފައިވާ ނުވަތަ އެފަދަ ކުށަކަށް އެއްވެސް ސިފައެއްގައި އެހީތެރިވެދީފައިވާ ނުވަތަ ބައިވެރިވެފައިވާކަން ޝަރީޢަތަށް ސާބިތުވެފައިވާ ފަރާތެއް ކަމުގައި ނުވުމާއި، އެ ފަދަ މައްސަލައެއް ތަޙުޤީޤުކުރަމުން ނުދިއުމާއި، އެފަދަ މައްސަލައެއްގެ ދަޢުވާ އުފުލިފައިވާ މީހަކު ކަމުގައި ނުވުން؛

-6 ޤާނޫނު ނަންބަރު 2011/17 (މަސްތުވާތަކެއްޗާބޭހޭ ޤާނޫނު) ގައި ބަޔާންކޮށްފައިވާ ކުށްތަކުގެ ތެރެއިން، އެއްވެސް ކުށެއް ކުރިކަމުގެ ރިކޯޑެއް، ފާއިތުވީ 10 (ދިހައެއް) އަހަރުދުވަހުގެ ތެރޭގައި،     ކަމާ ގުޅުންހުރި އެއްވެސް އިދާރާއެއްގައި އޮތް ފަރާތެއް ކަމުގައި ނުވުން؛

-7 ޤާނޫނު ނަންބަރު 2016/12 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 22 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދަ ޖިނާއީ ބޮޑު ކުށެއް ޝަރީޢަތަށް ސާބިތުވެފައިވާ ނުވަތަ ތަންފީޛު ކުރަމުންދާ ނުވަތަ   އެ ފަދަ ދަޢުވާއެއް އުފުލިފައިވާ ނުވަތަ ތަޙުޤީޤީ މަރުޙަލާއެއްގައި ނުވަތަ އެއްވެސް އިރެއްގައި ތުހުމަތެއް ކުރެވިފައިވާ ކަމުގެ އެއްވެސް ރިކޯޑެއް، ތަޙުޤީޤީ އިދާރާއެއްގައި އޮތް ފަރާތެއް ކަމުގައި ނުވުން؛

-8 އިސްލާމްދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް، ވޭތުވެދިޔަ    7 (ހަތެއް) އަހަރުދުވަހުގެ ތެރޭގައި ކުރިކަން ޝަރީޢަތަށް ސާބިތުވެފައިވާ ނުވަތަ ތަންފީޛު ކުރަމުންދާ ނުވަތަ އެ ފަދަ ކުށެއްގެ ތުހުމަތެއް ކުރެވިފައިވާކަމުގެ އެއްވެސް ރިކޯޑެއް، ތަޙުޤީޤީ އިދާރާއެއްގައި އޮތް ފަރާތެއް ކަމުގައި ނުވުން؛

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކަންކަން ކަށަވަރުކުރުމުގެ ގޮތުން ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސްއިން ހަދާ ބެކްގްރައުންޑް ޗެކް ހިމެނޭ އެސެސްޓްމަންޓް ރިޕޯޓު، އެ ސަރވިސްއިން، ކޮމިޓީއަށް ހުށަހަޅަންވާނެއެވެ.

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ބެކްގްރައުންޑް ޗެކް ހެދުމަށްޓަކައި ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސްއިން ދައުލަތުގެ އެހެނިހެން އިދާރާތަކުގެ އެހީތެރިކަން ހޯދުމަށް ހުރަހެއް ނެތެވެ.

(ރ) މި މާއްދާގެ (ހ) ގެ (6) ވަނަ ނަންބަރާއި (7) ވަނަ ނަންބަރާއި      (8) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ޖިނާއީ ކުށްތައް ފިޔަވައި، ޖިނާއީ އެހެން ކުށެއް ކޮށްފައިވާ ފަރާތަކަށް، އެ ކުށެއްގެ ކުޑަބޮޑުމިނަށް ބަލައި، ދައުލަތުގެ ބެލުމުގެ ދަށަށް ގެންނަ ކުއްޖަކު އެ ފަރާތަކާ ހަވާލުކުރުމުގެ ގޮތުން، މި ގަވާއިދުގެ ދަށުން އެ ކުއްޖަކު ބެލެހެއްޓުމުގެ ފުރުޞަތު ދިނުމާމެދު ގޮތެއް ނިންމުމުގެ އިޚްތިޔާރު، ކޮމިޓީއަށް ލިބިގެންވެއެވެ.

(ބ) މި މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ހާލަތުގައި އެ ފުރުޞަތު ދޭއިރު، ކުޑަކުއްޖަކާ ގުޅޭ މައްސަލައެއް އެ ފަރާތުގެ މައްޗަށް ސާބިތުވެފައި ނުވާކަން ޔަގީންކުރަންވާނެއެވެ.

17ވަނަ މާއްދާ: ކުދިން އަލުން އެ ކުދިންގެ ޢާއިލާއާ ހަވާލުކުރާއިރު، ކުއްޖާ ހަވާލުކުރެވޭ ފަރާތުގެ ކިބައިގައި ފުރިހަމަވާންޖެހޭ އިތުރު ޝަރުޠުތައް

ދައުލަތުގެ ބެލުމުގެ ދަށަށް ގެންނަ ކުދިން އަލުން އެ ކުދިންގެ ޢާއިލާތަކާ ހަވާލުކުރާއިރު، އެ ކުދިން ހަވާލުކުރެވޭ ފަރާތެއްގެ ކިބައިގައި، މި ގަވާއިދުގެ     16 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޝަރުޠުތައް ފުރިހަމަވުމުގެ އިތުރުން، އަންނަނިވި ޝަރުޠުތައް ފުރިހަމަވާންވާނެއެވެ.

(ހ) ކުއްޖާގެ މައިންބަފައިން، ނުވަތަ މަންމަ ނުވަތަ ބައްޕަ ކަމުގައި ވުން. ނުވަތަ

(ށ) ކުއްޖާގެ ޝަރުޢީ ބަލަދުވެރިއެއް ކަމުގައި ވުން. ނުވަތަ

(ނ) ކުއްޖާގެ ޙަޟާނަތު ޙައްޤުވާ ފަރާތެއް ކަމުގައި ވުން؛ ނުވަތަ

(ރ) އިސްވެ ބަޔާންކޮށްފައިވާ ހާލަތްތައް ނޫން ޢާއިލީ އެހެން ގުޅުމެއް ކުއްޖާއާ އޮތް ފަރާތެއް ކަމުގައި ވުން.

18ވަނަ މާއްދާ: ކުއްޖެއްގެ މައިންބަފައިންނާ ނުވަތަ މަންމަޔާ ނުވަތަ ބައްޕަޔާ ހަވާލުކުރެވޭއިރު ޚާއްޞަ އުސޫލުން ޢަމަލުކުރުން

(ހ) މި ގަވާއިދުގެ 16 ވަނަ މާއްދާގައި ވަކި ގޮތަކަށް ބަޔާންކޮށްފައި އޮތް ނަމަވެސް، މި ގަވާއިދުގެ 4 ވަނަ މާއްދާގައި، ދައުލަތުގެ ބެލުމުގެ ދަށަށް ގެންނަ ކުއްޖަކު، އެ ކުއްޖެއްގެ ޠަބީޢީ ޢާއިލީ މާޙައުލުގައި އުޅެވޭނެ ފުރުޞަތު ޤާއިމްކޮށްދިނުމަށް އޮންނަ އޮތުމުގެ މަގުސަދަށް ބަލައި، ދައުލަތުގެ ބެލުމުގެ ދަށަށް ގެންނަ ކުއްޖަކު އެ ކުއްޖެއްގެ މައިންބަފައިންނާ ނުވަތަ މަންމަޔާ ނުވަތަ ބައްޕަޔާ ހަވާލުކުރެވޭއިރު، މި ގަވާއިދުގެ 16 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަންކަމަށް ލުއިދިނުމުގެ ނަޒަރިއްޔާއަކުން ކޮމިޓީން ރިޢާޔަތް ކުރުމަކަށް ހުރަހެއް ނެތެވެ. މިގޮތަށް ލުއިދޭއިރު،      މި ގަވާއިދުގެ 16 ވަނަ މާއްދާގެ (ހ) ގެ (7) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ޝަރުޠަކަށް ލުޔެއް ނުދެވޭނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދަ ލުޔެއް ދޭއިރު، ކުއްޖަކު ހަވާލުކުރުމުގެ ކުރިން، އެ ކުއްޖާގެ މައިންބަފައިންގެ ނުވަތަ މަންމަގެ ނުވަތަ ބައްޕަގެ ހާލަތު ބަދަލުވެފައިވާ މިންވަރާއި، އެ މީހުންގެ ހާލަތަށް ހެޔޮ ބަދަލުތަކެއް ގެނައުމަށް އެ ފަރާތްތައް ކޮށްފައިވާ މަސައްކަތް ދެނެގަތުމަށާއި، އެ މަސައްކަތް ވަޒަންކުރުމަށް އިތުރު އެސެސްމަންޓެއް ހަދަންވާނެއެވެ.  ނުވަތަ ކޮމިޓީން ކަނޑައަޅާ މުއްދަތަކަށް އެ ފަރާތްތައް މޮނިޓަރ ކުރަންވާނެއެވެ.

19ވަނަ މާއްދާ: ކުދިން އަލުން އެ ކުދިންގެ ޢާއިލާއާ ހަވާލުކުރުން

(ހ) ދައުލަތުގެ ބެލުމުގެ ދަށަށް ގެންނަ ކުދިން އަލުން އެ ކުދިންގެ ޢާއިލާއާ ހަވާލު ކުރެވޭނީ އެ ކުއްޖެއްގެ އުމުރުން އެންމެ މަދުވެގެން 18 (އަށާރަ) އަހަރު ފުރެންދެން އެ ކުއްޖާ ބަލަހައްޓާ ގޮތުގެ މަތީންނެވެ.

(ށ) ދައުލަތުގެ ބެލުމުގެ ދަށަށް ގެންނަ ކުއްޖަކު، އެ ކުއްޖާ ދައުލަތުގެ ބެލުމުގެ ދަށަށް ގެންނަތާ 6 (ހައެއް) މަސްދުވަހުގެ ތެރޭގައި، އެ ކުއްޖާ އަލުން    އެ ކުއްޖާގެ ޢާއިލާއާ ހަވާލުކުރުމުގެ މަސައްކަތް، ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސްއިން ފަށަންވާނެއެވެ.

(ނ) މި މާއްދާގެ (ށ) ގައި ވަކި ގޮތަކަށް ބަޔާންކޮށްފައި އޮތް ނަމަވެސް، ދައުލަތުގެ ބެލުމުގެ ދަށަށް ގެންނަ ކުއްޖެއްގެ ޢާއިލާގެ ފަރާތުން އެ ކުއްޖާގެ ބެލެހެއްޓުމާ ހަވާލުވުމަށް އެދި ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސްއަށް ހުށަހެޅުމަކަށް މި ގަވާއިދުގެ ދަށުން ހުރަހެއް ނެތެވެ.

ހަތަރުވަނަ ބާބު

ކުދިން އަލުން އެ ކުދިންގެ ޢާއިލާއާ ހަވާލުކުރުމުގެ މަރުޙަލާތައް

20ވަނަ މާއްދާ: ކުދިން އަލުން އެ ކުދިންގެ ޢާއިލާއާ ހަވާލުކުރުމުގެ މަރުޙަލާތައް

ދައުލަތުގެ ބެލުމުގެ ދަށަށް ގެންނަ ކުދިން އަލުން އެ ކުދިންގެ ޢާއިލާއާ ހަވާލުކުރުން ބިނާވެފައިވަނީ އަންނަނިވި މަރުޙަލާތަކުގެ މައްޗަށެވެ.

(ހ) ފުރަތަމަ މަރުޙަލާ: ޢާއިލާ ހޯދުމާއި، އެސެސްމަންޓް ހެދުމާއި، ކުއްޖާގެ މަޞްލަޙަތަށް އެންމެ ރަނގަޅު ގޮތް ނިންމުން؛

(ށ) ދެވަނަ މަރުޙަލާ: ޢާއިލާއާ ހަވާލުކުރުމަށް ކުއްޖާއާއި  ކުއްޖާގެ ޢާއިލާ ތައްޔާރުކުރުން؛

(ނ) ތިންވަނަ މަރުޙަލާ: ކުއްޖާޔާއެކު ގުޅުން ބަދަހިކުރުމާއި، ކުއްޖާ ހަވާލުކުރުން؛

(ރ) ހަތަރުވަނަ މަރުޙަލާ: ކުދިން އަލުން އެ ކުދިން ޢާއިލާއާ ހަވާލުކުރުމަށްފަހު ދޭންޖެހޭ އެހީތެރިކަން ދިނުން.

21ވަނަ މާއްދާ: ކުދިން އަލުން އެ ކުދިން ޢާއިލާއާ ހަވާލުކުރުމުގެ ފުރަތަމަ މަރުޙަލާ

(ހ) ކުދިން އަލުން އެ ކުދިންގެ ޢާއިލާއަށް ހަވާލުކުރުމުގެ ފުރަތަމަ މަރުޙަލާގައި ހިމެނެނީ، އަންނަނިވި ކަންކަން ކުރުމެވެ.

-1 ކުއްޖާ ތައްޔާރުވެފައިވާ މިންވަރު ދެނެގަތުމަށް ޓަކައި ޗައިލްޑް އެސެސްމަންޓް ހެދުން؛

-2 ކުއްޖާގެ ޢާއިލާ ހޯދުން؛

-3 ކުއްޖާގެ ޢާއިލާގެ އެސެސްމަންޓް ހެދުން؛

-4 ކުއްޖާގެ މަޞްލަޙަތަށް އެންމެ ރަނގަޅު ގޮތް ދެނެގަތުމުގެ ރިޕޯޓު ތައްޔާރުކޮށް، އެ ރިޕޯޓު މެދުވެރިކޮށް، އިޖުތިމާޢީ ޚިދުމަތްތެރިޔާއަށް ފެންނަ ކަންކަން ކޮމިޓީއަށް ހުށަހެޅުން؛

-5 ކުއްޖާގެ މަޞްލަޙަތަށް އެންމެ ރަނގަޅު ގޮތް ދެނެގަނެ، ކުއްޖާ އަލުން އެ ކުއްޖާގެ ޢާއިލާއާ ހަވާލުކުރުމާމެދު ކޮމިޓީން ގޮތެއް ނިންމުން.

(ށ) މި މާއްދާގެ (ހ) ގެ (4) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ، ކުއްޖާގެ މަޞްލަޙަތަށް އެންމެ ރަނގަޅު ގޮތް ދެނެގަތުމުގެ ރިޕޯޓުގައި، އެންމެ މަދުވެގެން ވެސް، އަންނަނިވި މަޢުލޫމާތު އެނގެން އޮންނަންވާނެއެވެ.

-1 ކުއްޖާގެ ކާކުކަން އަންގައިދޭ މަޢުލޫމާތު؛

-2 އިންޓަވިއު ކުރެވުނު ފަރާތްތައް؛

-3 އިންޓަވިއު ކުރި އިޖުތިމާޢީ ޚިދުމަތްތެރިޔާއަކީ ކޮބައިކަން؛

-4 ކުއްޖާއާއި، ކުއްޖާގެ މައިންބަފައިންނާއި، ޢާއިލާއާއި، ކުއްޖާ އެނބުރި ދާ މުޖުތަމަޢާބެހޭ މަޢުލޫމާތާއި، ކުއްޖާއަށް ހުރި ރިސްކުތުތައް؛

-5 ކުއްޖާ، އެ ކުއްޖާގެ ޢާއިލާއާ ވަކިވާންޖެހުނު ސަބަބުތަކާއި، އެކަން މެދުވެރިވި ސަބަބުތައް؛

-6 ކުއްޖާގެ މިހާރުގެ ހާލަތު؛

-7 ކުއްޖާއަށް ހުރި ފުރުޞަތުތަކާއި، އެ ކަމާބެހޭ ދިރާސާ. މި ބައިގައި، ކުއްޖާ ދެކޭ ގޮތާއި، ކުއްޖާގެ ރައްކައުތެރިކަމާއި، ކުއްޖާއާ ޢާއިލާއާ ދެމެދު އޮންނަ ގުޅުމާއި، ކުއްޖާ ހެދިބޮޑުވުމަށް ބޭނުންވާ ކަންކަން ފާހަގަކުރުން؛

-8 ރިކޮމެންޑޭޝަންތައް.

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ މަޢުލޫމާތުގެ އިތުރުން، މި މާއްދާގެ (ހ) ގެ (4) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ، ކުއްޖާގެ މަޞްލަޙަތަށް އެންމެ ރަނގަޅު ގޮތް ދެނެގަތުމުގެ ރިޕޯޓުގައި ހިމަނަންވީ މަޢުލޫމާތާއި،    އެ ރިޕޯޓު އޮންނަންވީ ގޮތް ކަނޑައަޅާނީ، ބައިނަލްއަޤްވާމީ ގައިޑްލައިންތަކާ އެއްގޮތްވާ ގޮތުގެ މަތީން، ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސްއިންނެވެ.

(ރ) މި މާއްދާގެ (ހ) ގެ (5) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ނިންމުން ނިންމުމުގައި، ކުއްޖާ ބެލެހެއްޓުމަށް ޢާއިލާއާ ހަވާލުކުރަން ފެންނަ ނަމަ އެކަން، ނުވަތަ ހަވާލުކުރަން ނުފެންނަ ނަމަ އެކަން، އެ ގޮތަށް ނިންމި ސަބަބާއެކު ކޮމިޓީން ބަޔާން ކުރަން ވާނެއެވެ.

(ބ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކަންކަން، ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސްގެ ފަރާތުން މައްސަލަ ބަލަހައްޓާ އިޖުތިމާޢީ ޚިދުމަތްތެރިޔާ ލިޔުމުން ރިކޯޑުކޮށް ބަލަހައްޓަމުން ގެންދަންވާނެއެވެ.

(ޅ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކަންކަން ކުރަންވާނީ، ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސްގެ ފަރާތުން މައްސަލަ ބަލަހައްޓާ އިޖުތިމާޢީ ޚިދުމަތްތެރިޔާއާއި، ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރުގެ ދައުރު ހިމެނޭ ހާލަތްތަކުގައި އެ ސެންޓަރުގެ އިޖުތިމާޢީ ޚިދުމަތްތެރިޔާ ނުވަތަ ކައުންސިލުގެ އޭޖެންޓާއި، އޯލްޓަނޭޓިވް ކެއަރގައި ކުއްޖާ ބަލަހައްޓާ އިޖުތިމާޢީ ޚިދުމަތްތެރިޔާއާ ދެމެދު ވިލަރެސްކޮށްގެންނެވެ.

22ވަނަ މާއްދާ: ޗައިލްޑް އެސެސްމަންޓް ހެދުމުގައި އެންމެ މަދުވެގެން ފުރިހަމަވާންޖެހޭ ކަންކަން

(ހ) މި ގަވާއިދުގެ 21 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ޗައިލްޑް އެސެސްމަންޓް ހަދަންވާނީ، ކުއްޖާއާ އެކަށީގެންވާ އަދި ކުއްޖާއަށް ހަމަޖެހުމާއި ރައްކައުތެރިކަން އިހުސާސްވާ ފަދަ މާޙައުލެއްގައެވެ.

(ށ) މި ގަވާއިދުގެ 21 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ޗައިލްޑް އެސެސްމަންޓުގައި، އެންމެ މަދުވެގެން ވެސް، އަންނަނިވި މަޢުލޫމާތު އެނގެން ހުންނަންވާނެއެވެ.

-1 ކުއްޖާގެ ދުޅަހެޔޮކަމަށާއި ހެދިބޮޑުވުމަށް މުހިންމު ހުރިހާ ދާއިރާތަކެއްގެ މަޢުލޫމާތު؛ މީގެ ތެރޭގައި، ކުއްޖާގެ ޖިސްމާނީ ދުޅަހެޔޮކަމާއި، ނަފްސާނީ ދުޅަހެޔޮކަމާއި، އިޖުތިމާޢީ ދުޅަހެޔޮކަމާއި، ބިހޭވިއަރަލް ދުޅަހެޔޮކަމާއި، ކޮގްނިޓިވް ދުޅަހެޔޮކަމާބެހޭ މަޢުލޫމާތާއި، ކުއްޖާގެ ތަޢުލީމާބެހޭ މަޢުލޫމާތު ހިމަނަންވާނެއެވެ.

-2 ޢާއިލާއާއެކު ހޭދަކުރި ދުވަސްތައް ކުއްޖާގެ ހަނދާނުގައި ހުންނަނަމަ، އެ ދުވަސްވަރާ ބެހޭގޮތުން ކުއްޖާ ދެކޭގޮތް؛

-3 ޢާއިލާގެ މީހުންނާމެދު ކުއްޖާ ދެކޭގޮތާއި، އެ މީހުންނާމެދު ކުއްޖާއަށް އިހުސާސްވާ ގޮތް؛ މިގޮތުން، ކުއްޖާއަށް އަޅައިލުމާއި ލޯބި ދިން ފަރާތްތައް ކަމުގައި ކުއްޖާ ބަލާ ފަރާތްތަކާމެދު ކުއްޖާ ދެކޭގޮތް ހިމަނަންވާނެއެވެ.

-4 ޢާއިލީ މާޙައުލުގައި ކުއްޖާއަށް ކަމުނުދާކަމަށް ފާހަގަކުރާ ކަންކަން؛

-5 ޢާއިލީ މާޙައުލުގައި ރަނގަޅުކުރަން ކުއްޖާ ބޭނުންވާ ކަންކަން؛

-6 ކުއްޖާއަށް ޢާއިލާޔާއެކު އުޅުމުގެ ފުރުޞަތު ލިބިއްޖެނަމަ، ޢާއިލާއާއެކު އުޅެން އެ ކުއްޖާ ބޭނުންވާކަން ނުވަތަ ނޫންކަން؛

23ވަނަ މާއްދާ: ކުއްޖާގެ ޢާއިލާ ހޯދުން

(ހ) ދައުލަތުގެ ބެލުމުގެ ދަށަށް ގެންނަ ކުއްޖަކު އަލުން އެ ކުއްޖެއްގެ ޢާއިލާއާ ހަވާލުކުރުމުގެ ގޮތުން، ކުއްޖާގެ ޢާއިލާ ހޯދުމުގެ މަސައްކަތުގައި ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސްގެ އިޖުތިމާޢީ ޚިދުމަތްތެރިޔާއަށް، ފެމިލީ އެންޑް ޗައިލްޑް ސެންޓަރުތަކުގައި ތިބޭ އިޖުތިމާޢީ ޚިދުމަތްތެރިންނާއި ކައުންސިލްތަކުގެ އޭޖެންޓުންގެ އެހީތެރިކަން ހޯދިދާނެއެވެ.

(ށ) ކުއްޖާ ބެލެހެއްޓުމާ ހަވާލުވާން ތައްޔާރަށް ތިބި ކުއްޖާގެ ޢާއިލާގެ މީހުން ހޯދައި، އެ ޢާއިލާގެ ތެރެއިން އެ ކުއްޖާއަށް ރައްކައުތެރިކަން ހުރިކަން ކަށަވަރު ކުރެވުމުން، ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސްގެ އިޖުތިމާޢީ ޚިދުމަތްތެރިޔާއާއި އޯލްޓަނޭޓިވް ކެއަރގައި ކުއްޖާއާ ހަވާލުވެހުރި އިޖުތިމާޢީ ޚިދުމަތްތެރިޔާއާ ދެމެދު ވިލަރެސްކޮށްގެން، ކުއްޖާ އަލުން      އެ ކުއްޖާގެ ޢާއިލާއާ ހަވާލުކުރުމުގެ މަސައްކަތް ކުރިޔަށް ގެންދާނެ ގޮތް ރާވަންވާނެއެވެ.

24ވަނަ މާއްދާ: ފެމިލީ އެސެސްމަންޓް ހެދުން

(ހ) މި ގަވާއިދުގެ 21 ވަނަ މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ކުއްޖާގެ ޢާއިލާގެ އެސެސްމަންޓުގައި، އެންމެ މަދުވެގެންވެސް އަންނަނިވި މަޢުލޫމާތު އެނގެން ހުންނަންވާނެއެވެ.

-1 ކުއްޖާގެ މައިންބަފައިންނާއި، ކުއްޖާ ބަލާނެ ޝަރުޢީ ބަލަދުވެރިންނާއި، ޙަޟާނަތު ޙައްޤުވާ ފަރާތްތަކުގެ ނުވަތަ ކުއްޖާއާ ހަވާލުވާ ފަރާތުގެ "ސްޓްރެންތް" އާއި "ވީކްނަސް".

-2 ކުއްޖާގެ ސަލާމަތާއި ދުޅަހެޔޮކަމަށް ނޭދެވޭ އަސަރުކުރާނެ ކަންކަމާއި، އެ ކަންކަން ރަނގަޅު ކުރުމަށް ޓަކައި ގެންނަންޖެހޭނެ ބަދަލުތައް؛

-3 ކުއްޖާ ޢާއިލީ މާޙައުލުން ވަކިވާން ޖެހުނުކަމަށް ޢާއިލާގެ މެންބަރުން ދެކޭ ސަބަބުތަކާއި، އެ ކަންކަން ޙައްލުކުރުމަށް އޮތް ފުރުޞަތުތައް؛

-4 ކުއްޖާއާ ހަވާލުވާން ތައްޔާރުވެފައިވާ މިންވަރާއި، ކުއްޖާއާ ހަވާލުވުމަށްޓަކައި ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ ޤާބިލުކަން  ހުރި މިންވަރު؛

-5 ކުއްޖާއަށް ދޭންޖެހޭ އަޅައިލުން ދިނުމުގެ ޤާބިލުކަން ހުރި މިންވަރު؛

-6 ކުއްޖާއަށް އަޅައިލަން ބޭނުންވެފައިވާ/ތައްޔާރުވެފައިވާ މިންވަރު؛

-7 މާލީ ހާލަތު.

(ށ) މި ގަވާއިދުގެ 21 ވަނަ މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ކުއްޖާގެ ޢާއިލާގެ އެސެސްމަންޓް ހަދަންވާނީ، ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސްގެ އިޖުތިމާޢީ ޚިދުމަތްތެރިޔެކެވެ. އަދި ބޭނުންވެއްޖެ ހާލަތެއްގައި، ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރުގެ ކަމާބެހޭ އިޖުތިމާޢީ ޚިދުމަތްތެރިޔާގެ ނުވަތަ ކައުންސިލުގެ އޭޖެންޓުގެ އެހީތެރިކަން އެ ފަރާތަށް ހޯދިދާނެއެވެ.

(ނ) ކުއްޖާގެ ޢާއިލާގެ އެސެސްމަންޓް ހަދާއިރު، އެ ފަރާތްތަކާއެކު ދިރިއުޅޭ އެންމެންގެ ބައިވެރިވުން ހޯދުމަށް މަސައްކަތް ކުރަން ވާނެއެވެ. ވަކިން ޚާއްޞަކޮށް، އެ ފަރާތްތަކާއެކު ދިރިއުޅޭ ކުޑަކުދިންނާއެކު، އެ ކުދިންނަށް ގެވެށި އަނިޔާ ނުވަތަ ޖިންސީ އަނިޔާ ލިބިފައިވޭތޯ ބެލުމަށް ސުވާލުކުރެވެން އޮތް އެންމެ ފުޅާ މިންވަރަކަށް ސުވާލުކުރެވޭތޯ މަސައްކަތް ކުރަން ވާނެއެވެ. އަދި މި ފަދައިން އެ ކުދިންނާ ސުވާލުކުރުމުގައި، އެ ތަނުން ކުއްޖަކަށް ނުވަތަ ކުދިންނަށް ގެވެށި އަނިޔާ ނުވަތަ ޖިންސީ އަނިޔާގެ ޢަމަލެއް ލިބިފައިވާ ކަމަށް ބެލެވޭނަމަ، ކަމާބެހޭ ޤާނޫނާ އެއްގޮތްވާ ގޮތުގެ މަތީން   އެ މައްސަލަތަކާމެދު އަޅަންޖެހޭ ފިޔަވަޅުތައް އަޅަންވާނެއެވެ.

25ވަނަ މާއްދާ: ކޮމިޓީން ރިޢާޔަތްކުރަންވީ ކަންކަން

މި ގަވާއިދުގެ 21 ވަނަ މާއްދާގެ (ހ) ގެ (5) ވަނަ ނަންބަރާ އެއްގޮތްވާ ގޮތުގެ މަތީން ޢަމަލުކުރުމުގައްޔާއި، ކުއްޖާ އަލުން ޢާއިލާއާއެކު ދިރިއުޅުމަށް ތައްޔާރުވެފައިވާ މިންވަރު ދެނެގަތުމުގައްޔާއި، ކުއްޖާގެ ޢާއިލާ ވަޒަންކުރުމުގައި،  އަންނަނިވި ކަންކަމަށް ކޮމިޓީން ރިޢާޔަތް ކުރަން ވާނެއެވެ.

(ހ) ކުއްޖާއަށް ޢާއިލާއާއެކު ނުވަތަ ޢާއިލީ މާޙައުލެއްގައި ދިރިއުޅުމުގެ މުހިންމުކަން ދޭހަކުރެވިފައިވާ މިންވަރު.

(ށ) ޢާއިލާއާއެކު ނުވަތަ ޢާއިލީ މާޙައުލެއްގައި ކުއްޖާ ދިރިއުޅެން ބޭނުންވާ މިންވަރު.

(ނ) ޢާއިލާއާއެކު ނުވަތަ ޢާއިލީ މާޙައުލެއްގައި ދިރިއުޅުމަކީ ކޮބައިކަމާއި،      އެ ފަދަ މާޙައުލެއްގައި ދިރިއުޅޭއިރު ކުއްޖާގެ ފަރާތުން އުންމީދުކުރާ ކަންކަމަކީ ކޮބައިކަން ކުއްޖާއަށް ދޭހަވެފައިވާ މިންވަރު.

(ރ) އެފަދަ މާޙައުލެއްގައި ކުއްޖާގެ ރައްކައުތެރިކަން ކަށަވަރުކުރެވޭނެ މިންވަރު.

(ބ) ކުއްޖާ ބެލުމަށް ކުއްޖާގެ ޢާއިލާ ތައްޔާރުވެފައިވާ މިންވަރާއި، އެކަމަށް ބޭނުންވާ މިންވަރު.

(ޅ) ދިމާވާ މައްސަލަތައް ޙައްލުކުރުމަށް ޓަކައި ކުއްޖާގެ ޢާއިލާއިން ޒިންމާ އުފުލަން ތައްޔާރުވެފައިވާ މިންވަރު.

(ކ) ކުއްޖާއަށް ކުރިމަތިވި ކަންކަމާއި، އެ ކަންކަމުގެ ސަބަބުން ކުއްޖާގެ ދުޅަހެޔޮކަމަށާއި އުޅުމަށް އަސަރުކޮށްފައިވާ މިންވަރު، ކުއްޖާގެ ޢާއިލާއަށް ފަހުމުވެ ދޭހަވެފައިވާ މިންވަރު.

(އ) ކުއްޖާއަށް ސަމާލުކަމާއި އަޅައިލުން ދިނުމުގެ ޤާބިލުކަން ހުރި މިންވަރު.

(ވ) ކުއްޖާގެ އަސާސީ ބޭނުންތަކަށާއި ހެދިބޮޑުވުމަށްޓަކައި ފޯރުކޮށްދޭންޖެހޭ ކަންކަން ފޯރުކޮށްދިނުމުގެ ޤާބިލުކަން ހުރި މިންވަރު.

(މ) ކުއްޖާގެ ޙައްޤުތަކާއި ބޭނުންތަކަކީ ކޮބައިކަން ދެނެގަނެވިފައިވާ މިންވަރު.

(ފ) ކުއްޖާ އުޅޭނެ ތަނެއް ހަމަޖެހިފައިވާކަން ނުވަތަ ނޫންކަން.

26ވަނަ މާއްދާ: ކުދިން އަލުން އެ ކުދިންގެ ޢާއިލާއާ ހަވާލުކުރުމުގެ ދެވަނަ މަރުޙަލާ

ކުދިން އަލުން އެ ކުދިންގެ ޢާއިލާއާ ހަވާލުކުރުމުގެ ދެވަނަ މަރުޙަލާގައި ހިމެނެނީ އަންނަނިވި ކަންކަން ކުރުމެވެ.

(ހ) ކުއްޖާ އަލުން އެ ކުއްޖާގެ ޢާއިލާއާ ހަވާލުކުރުމަށް ޓަކައި ކުއްޖާ ތައްޔާރުކުރުން.

(ށ) ކުއްޖާ އަލުން އެ ކުއްޖާގެ ޢާއިލާއާ ހަވާލުކުރުމަށް ޓަކައި ޕްލޭން ތައްޔާރުކުރުން.

(ނ) ޢާއިލާ ތައްޔާރު ކުރުމަށް ޓަކައި ބޭނުންވާ ކަންކަން ފާހަގަކުރުން.

27ވަނަ މާއްދާ: ކުއްޖާ އަލުން އެ ކުއްޖާގެ ޢާއިލާއާ ހަވާލުކުރުމަށް ޓަކައި ކުއްޖާ ތައްޔާރުކުރުން

ކުއްޖާ އަލުން އެ ކުއްޖާގެ ޢާއިލާއާ ހަވާލުކުރުމަށް ޓަކައި ކުއްޖާ ތައްޔާރުކުރުމުގެ މަސައްކަތް ބެހިގެންދަނީ، އަންނަނިވި ކަންކަމުގެ މައްޗަށް ހިމެނޭ މަރުޙަލާތަކެއްގެ މައްޗަށެވެ.

(ހ) ކުއްޖާއަށް އެކަމާ ބެހޭގޮތުން މަޢުލޫމާތު ދިނުން. މިގޮތުން ޢާއިލާއާ ބެހޭގޮތުން މަޢުލޫމާތު ދިނުން.

(ށ) ޢާއިލާއާ ކުއްޖާ ބައްދަލުކުރުމަށް ކުއްޖާ ތައްޔާރުކުރުން. އެކަމަށްޓަކައި ކުއްޖާއާ ބައްދަލުކޮށް، ކުއްޖާއާ ގުޅުން ބަދަހިކުރުމަށް ރޭވިފައިވާ ގޮތް ކުއްޖާއަށް ކިޔައިދީ، ކުއްޖާގެ ދިރިއުޅުން ބަދަލުވާ މާޙައުލާބެހޭ މަޢުލޫމާތުދީ، ކުއްޖާ ބޭނުންވާ މަޢުލޫމާތު ކުއްޖާއަށް ފޯރުކޮށްދިނުން.

(ނ) ކުއްޖާގެ އަމިއްލަވަންތަކަން ތަރައްޤީކުރުމަށާއި ކުރިއެރުވުމަށް އެހީތެރިވުން.

(ރ) ކުއްޖާ ދިރިއުޅެމުންދާ އޯލްޓަނޭޓިވް ކެއަރ ދޫކޮށް ދިޔުމަށް ކުއްޖާ ތައްޔާރުކުރުން.

(ބ) ކުއްޖާ ޢާއިލާއާ ހަވާލުކުރާ ފަހުން، ކުއްޖާއަށް ހާދިސާއެއް ކުރިމަތިވެއްޖެނަމަ، އެކަން ރިޕޯޓުކޮށް އަންގާނެ ފަރާތެއް ބަޔާންކޮށްދީ، ކުއްޖާއާއެކު ރައްކައުތެރިކަމުގެ ގޮތުން ސަޕޯޓް ޕްލޭނެއް ތައްޔާރުކުރުން.

28ވަނަ މާއްދާ: ކުއްޖާ އަލުން އެ ކުއްޖާގެ ޢާއިލާއާ ހަވާލުކުރުމަށް ޓަކައި ޕްލޭން ތައްޔާރުކުރުން

(ހ) ކުއްޖާ އަލުން ޢާއިލާއާ ހަވާލުކުރުމަށް ޓަކައި ޕްލޭން ތައްޔާރުކުރަންވާނީ، ކުއްޖާއާއި ކުއްޖާގެ ޢާއިލާއާ މަޝްވަރާކޮށްގެންނެވެ. އެކަން ކުރާނީ، އިޖުތިމާޢީ ޚިދުމަތްތެރިޔާއެވެ.

(ށ) ކުއްޖާ އަލުން އެ ކުއްޖާގެ ޢާއިލާއާ ހަވާލުކުރުމަށް އެކުލަވައިލާ ޕްލޭން ތައްޔާރުކުރުމުގައި ރިޢާޔަތްކުރަންވީ ކަންކަން، ތިރީގައި މިވަނީއެވެ.

-1 ކޮންމެ ކުއްޖެއްގެ ކިބައިގައްޔާއި ޢާއިލާއެއްގެ ކިބައިގައި ދުޅަހެޔޮ ޢާއިލީ މާޙައުލެއް ބައްޓަން ކުރުމަށް ޓަކައި ބޭނުންވާނޭ ރަނގަޅު ކަންކަން ނުވަތަ ސިފަތަކެއް ވާކަން ދެނެގަތުން؛

-2 އެކަށީގެންވާ އެހީތެރިކަން ލިބިއްޖެނަމަ، ކުދިންގެ ރައްކައުތެރިކަމާއި ދުޅަހެޔޮކަމާބެހޭ ގޮތުން، ކަމާބެހޭ މަޢުލޫމާތުގެ އަލީގައި ރަނގަޅު ނިންމުންތަކެއް ނިންމުމުގެ ޤާބިލުކަން ޢާއިލާތަކަށާއި ކުޑަކުދިންނަށް ލިބިގެންދާކަން؛

-3 ކުދިންނާބެހޭ ކަންކަމުގައި ގޮތް ނިންމުމުގައި ޢާއިލާތަކާއި ކުދިން ބައިވެރިކުރުމުން ހާސިލުކުރަން ބޭނުންވާ ކަންކަމުގެ ނަތީޖާ ރަނގަޅުވާކަން؛

-4 ކުއްޖާގެ ރައްކައުތެރިކަމާއި، ކުއްޖާއާބެހޭ މަޢުލޫމާތުގެ ސިއްރު ހިފެހެއްޓުމުގެ މުހިންމުކަން.

(ނ) ކުއްޖާ އަލުން އެ ކުއްޖާގެ ޢާއިލާއާ ހަވާލުކުރުމަށް އެކުލަވައިލާ ޕްލޭނުގައި، އަންނަނިވި މަޢުލޫމާތު ހިމަނައިފައި ހުންނަންވާނެއެވެ.

-1 ޢާއިލާއަށް ބޭނުންވާނެ ޚިދުމަތްތަކާއި، މުޖުތަމަޢުގެ ފަރާތުން ބޭނުންވާނެ އެހީތެރިކަން؛

-2 ކުއްޖާގެ ދުޅަހެޔޮކަން ކަށަވަރުކުރުމަށް މުހިންމުވާ ހުރިހާ ބައިތަކާއި، އެކަން ވަޒަންކުރާނެ އިންޑިކޭޓަރުތައް؛

-3 ކުއްޖާ އަލުން އެ ކުއްޖާގެ ޢާއިލާއާ ހަވާލުކުރުމަށް އެކުލަވައިލާ ޕްލޭނުގައި ބަޔާންކޮށްފައިވާ ކަންކަން އެ ޕްލޭނާ އެއްގޮތަށް ނުދާ ހާލަތުގައި، ނުވަތަ ކުއްޖާއާއި ކުއްޖާގެ ޢާއިލާއާ ދެމެދު އޮންނަ ގުޅުން ހީނަރުވާ ހާލަތުގައި ޢަމަލުކުރާނެ ގޮތުގެ ކޮންޓިންޖެންސީ ޕްލޭނެއް ބޭނުންވެއްޖެ ހާލަތެއްގައި އެ ޕްލޭން ތައްޔާރުކުރަންވާނޭކަން.

(ރ) ކުއްޖާ އަލުން އެ ކުއްޖާގެ ޢާއިލާއާ ހަވާލުކުރުމަށް އެކުލަވައިލާ ޕްލޭން ތައްޔާރުކުރުމަށްފަހު، އެ ޕްލޭން ފާސްކުރުމަށް، ކޮމިޓީއަށް ހުށަހަޅަންވާނެއެވެ. ކޮމިޓީން ފާސްކުރާ ޕްލޭން، ޢާއިލާއާ ހިއްސާކުރަންވާނެއެވެ. އަދި އެ ޕްލޭން އެ ފަރާތާ ހިއްސާކުރިކަން ލިޔުމުން ރިކޯޑުކޮށް، އެ ރިކޯޑު، އިޖުތިމާޢީ ޚިދުމަތްތެރިޔާ ބަލަހައްޓަންވާނެއެވެ.

29ވަނަ މާއްދާ: ޢާއިލާއާއި ކޮމިއުނިޓީ ތައްޔާރުކުރުން

(ހ) ދައުލަތުގެ ބެލުމުގެ ދަށަށް ގެންނަ ކުއްޖަކު އަލުން އެ ކުއްޖާގެ ޢާއިލާއާ ހަވާލުކުރުމުގެ ކުރިން، އަންނަނިވި ފަރާތްތައް ތައްޔާރުކުރުމަކީ ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސްގެ ޒިންމާއެކެވެ.

-1 ކުއްޖާގެ ޢާއިލާ؛

-2 އެ ކުއްޖާ އޯލްޓަނޭޓިވް ކެއަރ ދޫކޮށް އެނބުރިދާ މުޖުތަމަޢު.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަރާތްތައް ތައްޔާރުކުރުމުގައި އަންނަނިވި ކަންކަން ކުރަންވާނެއެވެ.

-1 ދައުލަތުގެ ބެލުމުގެ ދަށަށް ގެންނަ ކުދިން، އެ ކުދިންގެ ޢާއިލާތަކާ ވަކިވާންޖެހުނުއިރު ދިމާވި ހާދިސާތަކާއި، އެ ކުދިންނަށް ދިމާވެފައިވާ އެހެނިހެން ހާދިސާތަކުގެ ސަބަބުން އެ ކުދިންނާމެދު ޢާއިލީ މާޙައުލުގައްޔާއި މުޖުތަމަޢުގައި ގެންގުޅެފާނެ ތަފާތުކުރުންތަކެއް ހުރިތޯ ބަލައި، އެ ކުދިން ބެލެހެއްޓުމަށް ހަވާލުކުރެވޭ ޢާއިލާއެކު   އެ ކުއްޖާ ދިރިއުޅޭނެ މުޖުތަމަޢުގައި ކުޑަކުދިންނަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ދޭ ފަރާތްތަކާއެކު ވާހަކަދައްކައި،          އެ ކުދިންނާމެދު ގެންގުޅެފާނެ ތަފާތުކުރުމުގެ ވިސްނުންތައް ބަދަލުކޮށް، އެ އެންމެހައި ފަރާތްތަކުން އެ ކުދިން، އެ ކުދިންގެ ގޮތުގައި ބަލައިގަތުމަށް ބާރުއެޅުން؛

-2 މީގެ ކުރިން ޢާއިލާގެ ފަރާތުން ކުއްޖާއާމެދު އިހުމާލު ވެފައިވާ ނަމަ، ނުވަތަ އަނިޔާވެރި ވެފައިވާ ނަމަ، ނުވަތަ ޢާއިލާގެ ތެރެއިން ކުއްޖާއަށް ގޯނާއެއް ލިބިފައިވާ ނަމަ، އެކަމުގެ ސަބަބުން ކުއްޖާއަށާއި ޢާއިލާގެ މީހުންގެ މެދުގައި އޮންނަ ގުޅުމަށް ކޮށްފައިވާ އަސަރު ދެނެގަތުމާއި، ޕޮޒިޓިވް ޕޭރަންޓިންގ އާލާކުރެވޭނެ ގޮތްތައް ދެނެގަނެ، އެފަދަ ހުނަރުތައް ދަސްކޮށްދިނުން؛

-3 ކުއްޖާ ބެލެހެއްޓުމަށް ހަވާލުކުރެވޭ ފަރާތުގެ ނަފުސާނީ ދުޅަހެޔޮކަމާއި ޖިސްމާނީ ދުޅަހެޔޮކަން ކަށަވަރުކުރުން؛

-4 ޢާއިލާއާ ހަވާލުކުރަނީ ނުކުޅެދުންތެރިކަން ހުންނަ ކުއްޖެއް ނަމަ، އެ ކުއްޖަކާ މުޢާމަލާތު ކުރެވޭނެ ގޮތް އެ ކުއްޖާ ބެލެހެއްޓުން ހަވާލުކުރެވޭ ފަރާތަށާއި އެ ކުއްޖާޔާ އެކުގައި ދިރިއުޅޭނެ ފަރާތްތަކަށް ދަސްކޮށްދިނުން؛

-5 ޢާއިލާއާ ހަވާލުކުރަނީ ނުކުޅެދުންތެރިކަން ހުންނަ ކުއްޖެއް ނަމަ، އެ ކުއްޖަކަށް ބޭނުންވާ ޚިދުމަތްތަކާއި ފަސޭހަތައް އެ ކުއްޖާ ދިރިއުޅެން ހަމަޖެހިފައިވާ ރަށުން ލިބޭކަން ކަށަވަރުކުރުމާއި، އެފަދަ ޚިދުމަތްތަކަށާއި ފަސޭހަތަކަށް އެންމެ ފަސޭހައިން ވާސިލުވެވެންހުރި ގޮތް ހޯދައި، އެ ކަންކަން، އެ ކުއްޖާ ބެލެހެއްޓުމަށް ހަވާލުކުރެވޭ ފަރާތަށް ބަޔާންކޮށްދިނުން؛

-6 ކުއްޖާ އަލުން އެ ކުއްޖާގެ ޢާއިލާއާ ހަވާލުކުރުމުން ކުއްޖާގެ ތަޢުލީމަށް އަންނާނެ ބަދަލުތައް ރާވައި ޕްލޭންކުރުން. މިގޮތުން ކުއްޖާ ތަޢުލީމު ހާސިލު ކުރަމުންދާ ސްކޫލް ބަދަލުވާނަމަ، އެ އިރަކު އެ ކުއްޖާގެ ހުރި ތަޢުލީމީ ފެންވަރާބެހޭ އެސެސްމަންޓެއް ހެދުމާއި، ތަޢުލީމާބެހޭ ވުޒާރާ މެދުވެރިކޮށް ކުއްޖާގެ ސްކޫލް ބަދަލުކުރުމުގެ އިންތިޒާމްތައް ހަމަޖައްސައި، ކުއްޖާ ބަދަލުވާ ސްކޫލުގެ ޓީޗަރުންނަށް އެ ކުއްޖާއަށް ބޭނުންވާ ނަފުސާނީ އެހީތެރިކަމާއި އިޖުތިމާޢީ އެހީތެރިކަމަކީ ކޮބައިކަން އެނގޭކަން ކަށަވަރުކުރުން؛

-7 ކުއްޖާ ބެލެހެއްޓުމަށް ޓަކައި ކުއްޖާ ހަވާލުކުރެވޭ ފަރާތަށް ދައުލަތުގެ ފަރާތުން މާލީގޮތުން އެހީތެރިކަން ބޭނުންވާނަމަ، ނުވަތަ ކުއްޖާ ބެލެހެއްޓުމަށް ޓަކައި އެހެން އެހީތެރިކަމެއް ވެސް ބޭނުންވާނަމަ، އެ ކަންކަމަކީ ކޮބައިކަން ދެނެގަތުން؛

-8 ކުއްޖާ ހަވާލުކުރުމުން ޢާއިލާއެކު އެ ކުއްޖާ ދިރިއުޅޭނެ މުޖުތަމަޢުގައި (މިސާލަކަށް ރަށު ފެންވަރުގައި) މި ގަވާއިދުގައި ބަޔާންކޮށްފައިވާ މޮނިޓަރިންގގެ ޒިންމާ ހަވާލުކުރާނެ ފަރާތްތައް ދެނެގަނެ، އެ ފަރާތްތަކަށް ދޭންޖެހޭ މަޢުލޫމާތުދިނުން.

30ވަނަ މާއްދާ: ކުދިން އަލުން އެ ކުދިންގެ ޢާއިލާއާ ހަވާލުކުރުމުގެ ތިންވަނަ މަރުޙަލާ

ކުދިން އަލުން އެ ކުދިންގެ ޢާއިލާއާ ހަވާލުކުރުމުގެ ތިންވަނަ މަރުޙަލާގައި ހިމެނެނީ، އަންނަނިވި ކަންކަން ކުރުމެވެ.

(ހ) ޢާއިލާއާ ކުއްޖާ ހަވާލުކުރުމަށް ކުއްޖާގެ ޢާއިލާއާއެކު ވެވޭ، ކުއްޖާ ބެލެހެއްޓުމާބެހޭ އެއްބަސްވުމުގެ ކަންކަން ހަމަޖެއްސުން.

(ށ) ކުއްޖާއާއެކު ގުޅުން ބަދަހިކުރުން.

(ނ) ކުއްޖާގެ ޢާއިލާއާ ހަވާލުކުރުމުގެ ކުރިން ފުރިހަމަ ކުރަންޖެހޭ ކަންކަން ފުރިހަމަ ކުރުން.

(ރ) ކުއްޖާގެ ޢާއިލާއާ ކުއްޖާ ހަވާލުކުރުން.

31ވަނަ މާއްދާ: ކުއްޖާގެ ޢާއިލާއާއެކު ވެވޭ، ކުއްޖާ ބެލެހެއްޓުމުގެ އެއްބަސްވުން

(ހ) ދައުލަތުގެ ބެލުމުގެ ދަށަށް ގެންނަ ކުއްޖަކު ޢާއިލާއާ ހަވާލުކުރުމުގެ ގޮތުން އެ ކުއްޖާގެ ޢާއިލާއާ ހަވާލުކުރަންވާނީ، ކުއްޖާގެ ޢާއިލާއާއި ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސްއާ ދެމެދު، ކުއްޖާ ބެލެހެއްޓުމާބެހޭ އެއްބަސްވުމެއްގައި ސޮއިކުރުމަށްފަހުގައެވެ.

(ށ) ކުދިން އަލުން އެ ކުދިންގެ ޢާއިލާއާ ހަވާލުކުރުމުގެ ތިންވަނަ މަރުޙަލާ ފަށާ ހިސާބުން، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އެއްބަސްވުން،   ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސްއިން އެކުލަވައިލައި،            އެ އެއްބަސްވުން، ކޮމިޓީން ފާސްކުރަންވާނެއެވެ.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދަ، ކުއްޖާ ބެލެހެއްޓުމާބެހޭ އެއްބަސްވުމެއްގައި، އެންމެ މަދުވެގެން ވެސް، އަންނަނިވި ކަންކަން ހިމަނަންވާއެވެ.

-1 ކުއްޖާއާ ހަވާލުވާ ފަރާތުގެ ޒިންމާތަކާއި މަސްއޫލިއްޔަތުތައް؛

-2 ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސްގެ ޒިންމާތައް؛

-3 ކުއްޖާއާ ހަވާލުވާ ފަރާތުގެ ޒިންމާ އަދާކުރުމަށް ޓަކައި ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސްގެ ފަރާތުން ދެވޭނެ އެހީތެރިކަން؛

-4 ކުއްޖާގެ ރައްކައުތެރިކަމަށާއި ދުޅަހެޔޮކަމަށާއި ހެދިބޮޑުވުމަށް ރިޢާޔަތްކޮށް، ވަކި ޚާއްޞަ ޝަރުޠުތަކެއް، ކުއްޖާއާ ހަވާލުވާ ފަރާތުގެ މައްޗަށް އިލްތިޒާމްކުރާނަމަ، އެ ޝަރުޠުތައް؛

-5 ކުއްޖާއާ ހަވާލުވުމަށްފަހު، މި ގަވާއިދުގައި ބަޔާންކޮށްފައިވާ މޮނިޓަރކުރުމުގެ ފިޔަވަޅުތަކަށް،  ކުއްޖާއާ ހަވާލުވާ ފަރާތުން  އެއްބާރުލުން ދޭންވާނެކަމާއި، ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސްގެ ފަރާތުން އަޅާނެ މޮނިޓަރިންގގެ ފިޔަވަޅުތަކުގެ ތަފުސީލު؛

-6 މައްސަލައެއް ދިމާވެއްޖެނަމަ، އެ މައްސަލައެއް ޙައްލުކުރާނެ ގޮތް؛

-7 ކުއްޖާއާ ހަވާލުވާ ފަރާތުން ކުއްޖާއާމެދު އިހުމާލުވާ ހާލަތެއްގައި، ކުއްޖާ ރައްކައުތެރި ކުރުމަށް އަޅާނެ ފިޔަވަޅުތަކާއި، ކުއްޖާއާ ހަވާލުވާ ފަރާތާމެދު އަޅާނެ ފިޔަވަޅުތައް.

(ރ) ކުއްޖާ ބެލެހެއްޓުމާބެހޭ އެއްބަސްވުމުގައި ސޮއިކުރުމުގެ ކުރިން، އަންނަނިވި ކަންކަން، ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސްއިން ކަށަވަރު ކުރަން ވާނެއެވެ.

-1 އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ކަންކަން ކުއްޖާއާ ހަވާލުވާ ފަރާތަށް ރަނގަޅަށް އޮޅުންފިލައި، ސާފުވެ، ފަހުމުވެފައިވާކަން؛

-2 އެއްބަސްވުމުގެ ދަށުން އެ ފަރާތުން އަދާކުރަންޖެހޭ އިލްތިޒާމްތަކާއި، އެ އިލްތިޒާމްތައް އަދާނުކޮށްފިނަމަ، ކުރިމަތިވާނޭ ނަތީޖާތައް، ކުއްޖާއާ ހަވާލުވާ ފަރާތަށް ރަނގަޅަށް އޮޅުންފިލައި، ސާފުވެ، ފަހުމުވެފައިވާކަން؛

-3 ކުއްޖާގެ ޙައްޤުތަކާއި، ކުއްޖާއަށް އަދާކޮށްދޭންޖެހޭ ވާޖިބުތައް، ކުއްޖާއާ ހަވާލުވާ ފަރާތަށް ދެނެގަނެވި ފަހުމުވެފައިވާކަން.

32ވަނަ މާއްދާ: ކުއްޖާއާއެކު ގުޅުން ބަދަހިކުރުން

(ހ) ކުއްޖާގެ ޢާއިލާގެ ފަރާތުން ކުއްޖާއާއެކު ގުޅުން ބަދަހިކޮށް، އެ ކުއްޖާއާއެކު ގުޅުމެއް އުފެއްދުމަށް ޓަކައި، ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސްއިން އެކަށީގެންވާ މުއްދަތެއް ދޭންވާނެއެވެ.

(ށ) ކުއްޖާގެ ޢާއިލާއަށް ކުއްޖާއާއެކު ގުޅުން ބަދަހިކުރުމަށް ފުރުޞަތު ދިނުމުގައި، މައްސަލަ ބަލާ އިޖުތިމާޢީ ޚިދުމަތްތެރިޔާ، އަންނަނިވި ކަންކަމަށް ރިޢާޔަތް ކުރަން ވާނެއެވެ.

-1 ކުއްޖާއާ މުޢާމަލާތުކޮށް ގުޅުން އުފެއްދުމުގައި ކުއްޖާގެ ބޭނުންތަކަށާއި، ކުއްޖާ އެ ގުޅުން ކުރިޔަށްގެންދަން ބޭނުންވާ ހަލުއި މިން؛

-2 ކުއްޖާއާ މުޢާމަލާތު ކުރެވޭނެ ގޮތް ހަމަޖައްސައިދިނުމުގައި، އެންމެ ފުރަތަމަ، ފޯނު، ނުވަތަ ސިޓީ، ނުވަތަ އީ-މެއިލް، ނުވަތަ ވީޑިއޯ މެސެޖު ފަދަ ރިމޯޓު ވަސީލަތްތައް މެދުވެރިކޮށް ކުއްޖާއާ މުޢާމަލާތު ކުރުމުގެ ފުރުޞަތު ހޯދައިދިނުން؛

-3 ކުއްޖާއާ ބައްދަލުކޮށްގެން މުޢާމަލާތު ކުރުމުގެ ފުރުޞަތު ހަމަޖައްސައިދިނުމުގައި، އެންމެ ފުރަތަމަ، ކުއްޖާ ދިރިއުޅޭ އޯލްޓަނޭޓިވް ކެއަރގައި ކުއްޖާއާއެކު ބޭއްވޭ ކުރު އަދި ސުޕަވައިޒް ކުރެވޭ ބައްދަލުވުންތަކެއް މެދުވެރިކޮށް ބައްދަލުކުރެވޭނޭ ގޮތް ހަމަޖައްސައިދިނުން؛

-4 ކުއްޖާއަށް ޢާއިލީ މާޙައުލު ރައްކައުތެރިނަމަ، ކުއްޖާއާއެކު        އެ މާޙައުލުގައި، ސުޕަވިޜަނާއެކު، ބައްދަލުކުރެވޭނޭ އިންތިޒާމް ހަމަޖައްސައިދިނުން؛

-5 މި އަކުރުގެ (4) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ބައްދަލުވުންތަކުގެ އަލީގައި، ސުޕަވިޜަނާ ނުލައި ޢާއިލާ ދިރިއުޅޭ ގޭގައި ކުއްޖާއާއެކު ބައްދަލުވުންތައް ބޭއްވުމަށް ކުއްޖާއާއި ޢާއިލާ ތައްޔާރުކަމަށް އިޖުތިމާޢީ ޚިދުމަތްތެރިޔާއަށް ޤަބޫލު ކުރެވޭ ނަމަ، އެ ފަދަ ބައްދަލުވުމަކަށް ފުރުޞަތު ދިނުން.

(ނ) ކުއްޖާގެ ޢާއިލާއިން ކުއްޖާއާ މުޢާމަލާތުކުރާ ކޮންމެ ފަހަރެއްގައި ދެކެވޭ ވާހަކަތަކާއި، ކުއްޖާއާ މުޢާމަލާތުކުރަން ބޭނުންކުރި ގޮތާއި، އެކަން ހިނގައިދިޔަ ތާރީޚާއި ގަޑި އެނގޭނޭ ގޮތަށް، އިޖުތިމާޢީ ޚިދުމަތްތެރިޔާ،   އެ ރިކޯޑު ބަލަހައްޓަންވާނެއެވެ.

33ވަނަ މާއްދާ: ޢާއިލާއާ ކުއްޖާ ހަވާލުކުރުމުގެ ކުރިން ފުރިހަމަކުރަންޖެހޭ ކަންކަން

(ހ) ކުއްޖާގެ ޢާއިލާއާ ކުއްޖާ ހަވާލުކުރުމުގެ ކުރިން، އަންނަނިވި ކަންކަން ފުރިހަމަކުރުމަކީ، ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސްގެ ޒިންމާއެކެވެ.

-1 މި މާއްދާގެ (ށ) އާ އެއްގޮތްވާ ގޮތުގެ މަތީން ކުއްޖާއަށް ޢާއިލާގެ ފަރާތުން ފޯރުކޮށްދޭންޖެހޭ މަޢުލޫމާތު ފޯރުކޮށްދިނުން؛

-2 މި މާއްދާގެ (ށ) އާ އެއްގޮތްވާ ގޮތުގެ މަތީން ކުއްޖާއަށް އިޖުތިމާޢީ ޚިދުމަތްތެރިޔާގެ ފަރާތުން ފޯރުކޮށްދޭންޖެހޭ މަޢުލޫމާތު ފޯރުކޮށްދިނުން؛

-3 މި މާއްދާގެ (ނ) އާ އެއްގޮތްވާ ގޮތުގެ މަތީން ޢާއިލާއަށް ކުއްޖާގެ ފަރާތުން ފޯރުކޮށްދޭންޖެހޭ މަޢުލޫމާތު ފޯރުކޮށްދިނުން؛

-4 މި މާއްދާގެ (ނ) އާ އެއްގޮތްވާ ގޮތުގެ މަތީން ޢާއިލާއަށް އިޖުތިމާޢީ ޚިދުމަތްތެރިޔާގެ ފަރާތުން ފޯރުކޮށްދޭންޖެހޭ މަޢުލޫމާތު ފޯރުކޮށްދިނުން؛

-5 ކުއްޖާގެ ފުރިހަމަ މެޑިކަލް ޗެކްއަޕެއް ހެދުން؛

-6 އޯލްޓަނޭޓިވް ކެއަރ ދޫކޮށްދާއިރު، ކުއްޖާ ބޭނުންވާ ގޮތަކަށް      އެ ކަމުގެ އިންތިޒާމް ހަމަޖައްސައިދެވޭތޯ ބެލުން.

(ށ) މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރާއި (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ މަޢުލޫމާތުގެ ތެރޭގައި ހިމެނޭ ކަންކަން ނިންމާނީ، ބައިނަލްއަޤްވާމީ ގައިޑްލައިންތަކާ އެއްގޮތްވާ ގޮތުގެ މަތީން ކޮމިޓީންނެވެ.

(ނ) މި މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރާއި (4) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ މަޢުލޫމާތުގެ ތެރޭގައި ހިމެނޭ ކަންކަން ނިންމާނީ، ބައިނަލްއަޤްވާމީ ގައިޑްލައިންތަކާ އެއްގޮތްވާ ގޮތުގެ މަތީން ކޮމިޓީންނެވެ.

34ވަނަ މާއްދާ: ޢާއިލާއާ ކުއްޖާ ހަވާލުކުރުން

(ހ) ކުއްޖާގެ ޢާއިލާއާ ކުއްޖާ ހަވާލުކުރާނެ ތާރީޚު ކަނޑައަޅަންވާނީ،         މި ގަވާއިދުގައި ބަޔާންކޮށްފައިވާ ކުއްޖާ އަލުން އެ ކުއްޖާގެ ޢާއިލާއާ ހަވާލުކުރުމަށް އެކުލަވައިލާ ޕްލޭން ތައްޔާރުކުރާ މަރުޙަލާގައެވެ. އަދި އެއްވެސް ސަބަބަކާހުރެ މި ތާރީޚަށް ބަދަލެއް ގެންނަންޖެހޭކަމަށް ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސްއަށް ފާހަގަކުރެވިއްޖެ ނަމަ، އެކަން ކުރަންވާނީ ކުއްޖާގެ ޢާއިލާގެ ބަހެއް ހޯދުމަށްފަހު، ކޮމިޓީގެ ލަފާގެ މަތީންނެވެ.

(ށ) ކުއްޖާގެ ޢާއިލާއާ ކުއްޖާ ހަވާލުކުރަންވާނީ، އެ ކަމަށް ޓަކައި ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސްގެ ކަމާބެހޭ އިސްވެރިއެއްގެ ހުއްދަ ލިބުމަށްފަހުގައެވެ.

(ނ) އޯލްޓަނޭޓިވް ކެއަރ ދޫކޮށް، ކުއްޖާގެ ޢާއިލާގެ ގާތަށް ކުއްޖާ ގެންދަންވާނީ ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސްގެ ކަމާބެހޭ އިޖުތިމާޢީ ޚިދުމަތްތެރިޔާއެވެ.

(ރ) ކުއްޖާގެ ޢާއިލާއާ ކުއްޖާ ހަވާލުކުރާއިރު، ކުއްޖާއާބެހޭ މުހިންމު ލިޔެކިޔުންތައް ވެސް، އިޖުތިމާޢީ ޚިދުމަތްތެރިޔާ ހަވާލުކުރަންވާނެއެވެ.

(ބ) ކުއްޖާގެ ޢާއިލާއާ ކުއްޖާ ހަވާލުކުރާއިރު، މި ގަވާއިދުގެ ދަށުން އެކުލަވައިލާ މޮނިޓަރިންގ ޕްލޭން، ކުއްޖާއަށާއި އެ ކުއްޖާގެ ޢާއިލާއަށް ކިޔައިދީ،      އެ ޕްލޭން ފަހުމުވެއްޖެކަން ކަށަވަރު ކުރަން ވާނެއެވެ.

(ޅ) ކުއްޖާގެ ޢާއިލާއާ ކުއްޖާ ހަވާލުކޮށްފައި، އިޖުތިމާޢީ ޚިދުމަތްތެރިޔާ       އެ މާޙައުލުން އެ ކުއްޖާއާ ވަކިވުމުގެ ކުރިން، ކުއްޖާގެ ރައްކައުތެރިކަމުގެ ގޮތުން ތައްޔާރުކޮށްފައިވާ ސަޕޯޓު ޕްލޭން ކުއްޖާގެ ހަނދާނުގައި ހުރިތޯ ކަށަވަރުކޮށް، އެ ޕްލޭން، ކުއްޖާއަށް އަލުން ކިޔައިދޭންވާނެއެވެ.

(ކ) ކުއްޖާގެ ޢާއިލާއާ ކުއްޖާ ހަވާލުކޮށް، ރަށެއްގައި ނަމަ، އެ ރަށުގައި ކުއްޖާއަށް ބޭނުންވާ އަސާސީ ޚިދުމަތްދޭ ފަރާތްތައް ތައްޔާރުވެފައިވާ މިންވަރު ބަލައި، މި ގަވާއިދުގައި ބަޔާންކޮށްފައިވާ މޮނިޓަރިންގ ޕްލޭނުގެ ކަންކަން ބަލަހައްޓާ ފަރާތްތަކާ އިޖުތިމާޢީ ޚިދުމަތްތެރިޔާ ތަޢާރަފުވެ،     އެ ފަރާތްތަކުން ކުރަންޖެހޭ ކަންކަން އެ ފަރާތްތަކަށް އޮޅުންފިލުވައިދޭން ވާނެއެވެ.

35ވަނަ މާއްދާ: ކުދިން އަލުން އެ ކުދިންގެ ޢާއިލާއާ ހަވާލުކުރުމުގެ ހަތަރުވަނަ މަރުޙަލާ

(ހ) ކުދިން އަލުން އެ ކުދިންގެ ޢާއިލާއާ ހަވާލުކުރުމުގެ ހަތަރުވަނަ މަރުޙަލާގައި ހިމެނެނީ، މޮނިޓަރކުރުމާއި، ކުއްޖާއަށާއި ޢާއިލާއަށް ދޭންޖެހޭ އިތުރު އެހީތެރިކަން ދެނެގަނެ، އެ އެހީތެރިކަން ފޯރުކޮށްދިނުމެވެ.

(ށ) އަންނަނިވި ކަންކަން ހިމެނޭ ގޮތުން މޮނިޓަރިންގ ޕްލޭނެއް، އިޖުތިމާޢީ ޚިދުމަތްތެރިޔާ ތައްޔާރުކޮށް، ކޮމިޓީއަށް އެ ޕްލޭން ހުށަހަޅައި، އެ ކޮމިޓީން އެ ޕްލޭން ފާސްކުރަންވާނެއެވެ.

-1 ކުއްޖާގެ ހާލަތު މޮނިޓަރ ކުރުމުގެ ގޮތުން އަޅާނެ ފިޔަވަޅުތައް؛

-2 ކުއްޖާގެ ހާލަތު، ރަށު ފެންވަރުގައި މޮނިޓަރ ކުރަމުންދާނެ ފަރާތްތައް؛

-3 ކުއްޖާގެ ހާލަތު މޮނިޓަރ ކުރަމުން ގެންދާނެ މުއްދަތު؛

-4 ކުއްޖާގެ ޢާއިލާއަށް ފޯރުކޮށްދޭންޖެހޭ އެހީތެރިކަން ފޯރުކޮށްދިނުމުގައި ރަށު ފެންވަރުގައި ވިލަރެސްކުރާނެ ފަރާތް ނުވަތަ ފަރާތްތައް.

(ނ) މި މާއްދާގެ (ށ) އާ އެއްގޮތްވާ ގޮތުގެ މަތީން ކޮމިޓީން މޮނިޓަރިންގ ޕްލޭން ފާސްކުރުމުން، މޮނިޓަރިންގ ޕްލޭން ތަންފީޛު ކުރުމަށް ޓަކައި ކުރަންޖެހޭ އެންމެހައި ކަންކަން ކުރުމަކީ ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސްގެ ޒިންމާއެކެވެ.

36ވަނަ މާއްދާ: މޮނިޓަރިންގ ފިޔަވަޅުތައް

(ހ) ތިރީގައި މިވަނީ ކުއްޖާގެ ހާލަތު މޮނިޓަރކުރުމުގެ ގޮތުން އެޅިދާނެ ފިޔަވަޅުތަކެވެ.

-1 އިޖުތިމާޢީ ޚިދުމަތްތެރިޔާ ނުވަތަ ކޮމިޓީން ކަނޑައަޅާ ފަރާތަކުން ފޯނު މެދުވެރިކޮށް ކުއްޖާއަށް ގުޅައިގެން ކުއްޖާގެ ހާލު ބެލުން؛

-2 އިޖުތިމާޢީ ޚިދުމަތްތެރިޔާ ނުވަތަ ކޮމިޓީން ކަނޑައަޅާ ފަރާތަކުން ފޯނު މެދުވެރިކޮށް ކުއްޖާގެ ޢާއިލާއަށް ގުޅައިގެން ކުއްޖާގެ       ހާލު ބެލުން؛

-3 އިޖުތިމާޢީ ޚިދުމަތްތެރިޔާ ނުވަތަ ކޮމިޓީން ކަނޑައަޅާ ފަރާތަކުން ކުއްޖާގެ ގެއަށް ހޯމް ވިޒިޓްކުރުން؛

-4 އިޖުތިމާޢީ ޚިދުމަތްތެރިޔާ ނުވަތަ ކޮމިޓީން ކަނޑައަޅާ ފަރާތަކުން ކުއްޖާއަށް ކިޔަވައިދޭ ޓީޗަރު ނުވަތަ ސްކޫލުގެ ފަރާތުން ގަވާއިދުން ކުއްޖާއާބެހޭ މަޢުލޫމާތު ހޯދުން؛

-5 ކުއްޖާގެ ޢާއިލާގެ ހާލަތާބެހޭ މަޢުލޫމާތު، އިޖުތިމާޢީ ޚިދުމަތްތެރިޔާ ނުވަތަ ކޮމިޓީން ކަނޑައަޅާ ފަރާތެއް މެދުވެރިކޮށް ހޯދުން.

(ށ) މި މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ މޮނިޓަރިންގ ފިޔަވަޅަކީ، ޢާއިލާއާ ހަވާލުކުރެވޭ ކޮންމެ ކުއްޖަކާ ގުޅިގެން، އަންނަނިވި ގޮތުގެ މަތީން އަޅަމުން ގެންދަންވާނެ ފިޔަވަޅެކެވެ.

-1 ކުއްޖާ އެ ކުއްޖާގެ ޢާއިލާއާ އަލުން ހަވާލުކުރެވޭ  ފުރަތަމަ       4 (ހަތަރެއް) ހަފުތާގެ ތެރޭގައި، ކޮންމެ ހަފުތާއަކު 1 (އެކެއް) ފަހަރު ހޯމް ވިޒިޓްކުރުން؛

-2 އެއަށްފަހު، ވިދިގެން އަންނަ 12 (ބާރަ) ހަފުތާގެ މުއްދަތަށް، ކޮންމެ 2 (ދޭއް) ހަފުތާއިން 1 (އެކެއް) ހަފުތާއަކު ހޯމް ވިޒިޓްކުރުން؛

-3 އެއަށްފަހު، މޮނިޓަރިންގ ޕްލޭނާ އެއްގޮތްވާ ގޮތުގެ މަތިން މަހަކު 1 (އެކެއް) ފަހަރު، ނުވަތަ މަހަކު 2 (ދޭއް) ފަހަރު ހޯމް ވިޒިޓްކުރުން.

(ނ) މި މާއްދާގެ ދަށުން އަޅަމުންދާ މޮނިޓަރިންގ ފިޔަވަޅުތަކާބެހޭ މަޢުލޫމާތު، އިޖުތިމާޢީ ޚިދުމަތްތެރިޔާ ނުވަތަ ކޮމިޓީން ކަނޑައަޅާ ފަރާތުން ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސްއިން އަންގާ ގޮތެއްގެ މަތީން ލިޔުމުން ރިކޯޑުކޮށް ބަލަހައްޓަމުން ގެންދަންވާނެއެވެ. އަދި ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސްއަށާއި ކަމާބެހޭ ފެމިލީ އެންޑް ޗައިލްޑް ސެންޓަރާ ގަވާއިދުން އެ މަޢުލޫމާތު ހިއްސާ ކުރަމުން ގެންދަންވާނެއެވެ.

37ވަނަ މާއްދާ: މޮނިޓަރ ކުރަމުންދާ ގޮތުގެ މަޢުލޫމާތު، ކޮމިޓީއަށް ހުށަހެޅުން

(ހ) މޮނިޓަރިންގ ޕްލޭނުގެ ދަށުން ހޯދާ މަޢުލޫމާތު، އެންމެ މަދުވެގެން ވެސް ކޮންމެ 3 (ތިނެއް) މަހުން 1 (އެކެއް) މަހު، ކޮމިޓީއަށް ހުށަހަޅަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ކޮމިޓީއާ ހިއްސާކުރާ މަޢުލޫމާތުގެ އަލީގައި މޮނިޓަރިންގ ޕްލޭނަށް އިޞްލާޙެއް ގެންނަން ޖެހޭނަމަ، ކުއްޖާގެ މަޞްލަޙަތަށް ރިޢާޔަތްކޮށް، ކުއްޖާއާ އެންމެ ގާތުން މޮނިޓަރިންގ ޕްލޭން ތަންފީޛުކުރަމުންދާ ފަރާތުގެ ކިބައިން ހޯދަންޖެހޭ މަޢުލޫމާތު ހޯދުމަށްފަހު، އެ ޕްލޭނަށް ބަދަލު ގެނައުމުގެ އިޚްތިޔާރު، ކޮމިޓީއަށް ލިބިގެންވެއެވެ.

(ނ) ކުއްޖާ އާއިލާއާ ހަވާލުކުރުމަށްފަހު، 6 (ހައެއް) މަސްދުވަހާއި 1 (އެކެއް) އަހަރުދުވަހުގެ ތެރޭގައި އެއްވެސް މައްސަލައެއް ދިމާވެފައި ނުވާނަމަ،     މި މައްސަލަ ނިންމައިފައި މައްސަލަ ފައިލްކުރަންވާނެއެވެ. އަދި މައްސަލަ ނިންމައިލިކަމުގެ ލިޔުމެއް، އާއިލާއާ ހަވާލުކުރަންވާނެއެވެ.

38ވަނަ މާއްދާ: ކުއްޖާއާއި ޢާއިލާއާ ދެމެދު ގުޅުން ހީނަރުވާ ހާލަތުގައި ޢަމަލުކުރަންޖެހޭ ގޮތް

(ހ) ކުއްޖާއާއި އެ ކުއްޖާގެ ޢާއިލާއާ ދެމެދު އޮންނަ ގުޅުން ހީނަރުވަމުންދާ ކަމަށް ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސްއަށް ފާހަގަވެއްޖެނަމަ، އެކަން ޙައްލުކުރަން ފުރަތަމަ މަސައްކަތްކުރަންވާނީ     މި ގަވާއިދުގެ 28 ވަނަ މާއްދާގެ (ނ) ގެ (3) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ކޮންޓިންޖެންސީ ޕްލޭނާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން މަސައްކަތް ކުރުމަށް ފަހުގައި ވެސް، ކުއްޖާއާއި ޢާއިލާއާ ދެމެދު އޮންނަ ގުޅުން ރަނގަޅުނުވެ، އިތުރަށް ހީނަރުވަމުންދާކަމަށް ފާހަގަކުރެވޭނަމަ، އެކަން ކޮމިޓީގެ ސަމާލުކަމަށް ގެނެސް، އެކަމާ ގުޅޭގޮތުން ދެން އަޅަންޖެހޭ ފިޔަވަޅުތައް ނިންމާނީ ކޮމިޓީންނެވެ.

(ނ) ކުއްޖާއާއި ޢާއިލާއާ ދެމެދު އޮންނަ ގުޅުން ހީނަރުވެގެންދިޔުމުގެ ސަބަބުން ކުއްޖާ ޢާއިލާއާ ހަވާލުކުރި މަގުސަދު ގެއްލިފައިވާކަމަށް ކޮމިޓީއަށް ފެނިގެން، ކުއްޖާގެ ޢާއިލާއާ ކުއްޖާ ވަކިކުރަން ކޮމިޓީން ނިންމާ ހާލަތުގައި، އެ ކުއްޖާ ދައުލަތުގެ ބެލުމުގެ ދަށަށް ގެނައުމާމެދު ޢަމަލުކުރަންވާނީ ޤާނޫނު ނަންބަރު 2019/19 (ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ    ޤާނޫނު) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީންނެވެ.

ފަސްވަނަ ބާބު

އެހެނިހެން މާއްދާތައް

39ވަނަ މާއްދާ: ކުއްޖާ ބެލެހެއްޓުމަށް ހަވާލުކުރެވޭ ފަރާތުގެ ޒިންމާ

(ހ) ދައުލަތުގެ ބެލުމުގެ ދަށަށް ގެންނަ ކުއްޖަކު، އެ ކުއްޖާ ބެލެހެއްޓުމަށް     އެ ކުއްޖާގެ މައިންބަފައިންނާ ނުވަތަ މަންމަޔާ ނުވަތަ ބައްޕަޔާ ހަވާލުކުރެވޭ ހާލަތުގައި، އެ ފަރާތުގެ ނުވަތަ އެ ފަރާތްތަކުގެ މައްޗަށް، ޤާނޫނު ނަންބަރު 2019/19 (ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނު) ގެ ދަށުން ކުއްޖާ ބެލެހެއްޓުމާއި ތަރުބިއްޔަތުކުރުމާ ގުޅޭގޮތުން މަތިކޮށްފައިވާ އެންމެހައި ޒިންމާތައް ހިނގާނެއެވެ.

(ށ) ދައުލަތުގެ ބެލުމުގެ ދަށަށް ގެންނަ ކުއްޖަކު، އެ ކުއްޖާ ބެލެހެއްޓުމަށް     އެ ކުއްޖާގެ މައިންބަފައިން ފިޔަވައި، ޢާއިލާގެ އެހެން ފަރާތަކާ ހަވާލުކުރެވޭ ހާލަތުގައި، ޤާނޫނު ނަންބަރު 2019/19 (ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނު) ގެ ދަށުން ކުއްޖާ ބެލެހެއްޓުމާއި ތަރުބިއްޔަތުކުރުމާ ގުޅޭގޮތުން މައިންބަފައިންގެ މައްޗަށް މަތިކޮށްފައިވާ އެންމެހައި ޒިންމާތައް ހިނގާނެއެވެ.

(ނ) ކުއްޖާ ބެލެހެއްޓުމަށް ހަވާލުކުރެވޭ އެއްވެސް ފަރާތަކުން، ކުއްޖާގެ ކަރާމާތަށް ގެއްލުންވާނެ ކަމެއް މެދުވެރިވުން ހުއްޓުވުމުގައި އިހުމާލުވެއްޖެކަމަށް ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސްއަށް ފެނިއްޖެނަމަ، ޤާނޫނު ނަންބަރު 2019/19 (ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ    ޤާނޫނު) އާ އެއްގޮތްވާ ގޮތުގެ މަތީން ކުއްޖާ ދައުލަތުގެ ބެލުމުގެ ދަށަށް ގެންނާނެއެވެ.

(ރ) މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ފަދަ ޢަމަލެއް ކޮށްފި ފަރާތަކާމެދު ޤާނޫނުގައިވާ ގޮތުގެ މަތިން ފިޔަވަޅު އެޅުމަށް ޓަކައި، އެ މައްސަލައެއް، ކަމާބެހޭ އިދާރާއަކަށް ފޮނުވޭނެއެވެ.

40ވަނަ މާއްދާ: ކުއްޖާ ބެލެހެއްޓުމަށް މާލީ އެހީތެރިކަން ދިނުން

ދައުލަތުގެ ބެލުމުގެ ދަށަށް ގެންނަ ކުދިން އަލުން އެ ކުދިންގެ ޢާއިލާއާ ހަވާލުކުރުމަށް މާލީ އެހީތެރިކަން ބޭނުންވާކަމަށް، މި ގަވާއިދުގެ ދަށުން ހަދާ އެސެސްމަންޓުތަކުން އެނގެން އޮންނަ ނަމަ، ހަމަޖެހިފައިވާ އުސޫލުގެ ދަށުން ކުއްޖާ ބެލެހެއްޓުމާ ހަވާލުވާ ފަރާތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދެވޭނެއެވެ.

41ވަނަ މާއްދާ: ކޮމިޓީގެ ނިންމުން މުރާޖަޢާކުރުން

މި ގަވާއިދުގެ ދަށުން ކޮމިޓީން ނިންމާ ނިންމުމަކާ ގުޅޭގޮތުން ދައުލަތުގެ ބެލުމުގެ ދަށަށް ގެންނަ ކުއްޖެއްގެ ނުވަތަ އެހެންވެސް ފަރާތެއްގެ ޝަކުވާ، ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސްއަށް ލިބިއްޖެނަމަ، އަދި އެފަދަ ޝަކުވާއެއްގެ އަލީގައި ކޮމިޓީގެ ނިންމުން މުރާޖަޢާކުރަން ޖެހޭކަމަށް ފެނިއްޖެނަމަ، ކޮމިޓީގެ      އެ ނިންމުމެއް މުރާޖަޢާ ކުރުމުގެ ބާރު މިނިސްޓަރަށް ލިބިގެންވެއެވެ.

42ވަނަ މާއްދާ: މާނަކުރުން

މި ގަވާއިދުގައި ޢިބާރާތެއް ނުވަތަ ލަފުޒެއް ބޭނުންކޮށްފައިވާ ގޮތުން ކަނޑައެޅިގެން އެހެން މާނައެއް ދޭހަނުވާހައި ހިނދަކު، އަންނަނިވި ޢިބާރާތްތަކާއި ލަފުޒުތަކަށް ދީފައި އެ ވަނީ، އެ ޢިބާރާތްތަކާއި ލަފުޒުތަކަށް ތިރީގައި ދީފައިމިވާ މާނަކުރުމެވެ.

(ހ) "ކުއްޖާގެ މަންމަ" ކަމަށް ބުނެފައި އެ ވަނީ، އެ ކުއްޖާ ބަނޑުއަޅައި ވިހޭ މައިމީހާއަށެވެ.

(ށ) "ކުއްޖާގެ ބައްޕަ" ކަމަށް ބުނެފައި އެ ވަނީ، ޤާނޫނު ނަންބަރު 2000/4 (ޢާއިލާއާބެހޭ ޤާނޫނު) ގެ ދަށުން ޞައްޙަ ކާވެންޏެއް ކޮށްފައިވާ ފިރިހެނާއަށް އެ ޤާނޫނުގެ 52 ވަނަ މާއްދާގައި ބުނާ ދަރިލައްވާ މުއްދަތުގައި އޭނާ ކާވެނިކުރި އަންހެނާ ދަރިއަކު ވިހައި، އެ ދަރީގެ ނަސަބު ނަފީކުރުމަށް، ލިޢާނު ކޮށްފައި ނުވާ ފިރިހެނާއަށެވެ.

(ނ) "ކޯޓު" ކަމަށް ބުނެފައި އެ ވަނީ، ފެމިލީ ކޯޓަށާއި، މި ގަވާއިދުގައި ބަޔާންކޮށްފައިވާ ކަންކަން ބެލުމުގެ އިޚްތިޞާޞް ލިބިގެންވާ ކޮންމެ މެޖިސްޓްރޭޓް ކޯޓަކަށެވެ.

(ރ) "ޢާއިލާއާއި ޢާއިލީ ގުޅުމެއް އޮންނަ ފަރާތްތައް" ކަމަށް ބުނެފައި އެ ވަނީ، އެ ކުއްޖެއްގެ މައިންބަފައިންނަށް، ނުވަތަ މަންމަޔަށް، ނުވަތަ ބައްޕަޔަށް، ނުވަތަ ޤާނޫނު ނަންބަރު 2000/4 (ޢާއިލާއާބެހޭ ޤާނޫނު) އާއި އެ ޤާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ނުވަތަ ގަވާއިދުތަކުގައި ބަޔާންކޮށްފައިވާ ޝަރުޢީ ބަލަދުވެރިންނަށް ނުވަތަ ޙަޟާނަތު ޙައްޤުވާ ފަރާތްތަކަށެވެ.

(ބ) "އިހުމާލުވުން" ކަމަށް ބުނެފައި އެ ވަނީ، ކުއްޖެއްގެ މައިންބަފައިން ނުވަތަ އެ ކުއްޖާ އެ ފަރާތެއްގެ ބެލުމުގެ ދަށުގައިވާ ފަރާތަކުން ކުރި ޢަމަލަކުން ނުވަތަ ނުކޮށް ދޫކޮށްލި ކަމެއްގެ ސަބަބުން ކުއްޖާއަށް ޖިސްމާނީ ނުވަތަ ނަފުސާނީ ގެއްލުމެއް ކުރިމަތިކުރުވާ ފަދަ އެންމެހައި ޢަމަލުތައް ނުވަތަ   އެ ފަދަ ގެއްލުމެއް ކުއްޖާއަށް ކުރިމަތިވެދާނެ ފަދަ ޢަމަލުތަކަށެވެ.

(ޅ) "މައިންބަފައިން" ކަމަށް ބުނެފައި އެ ވަނީ، ކުއްޖާގެ މަންމަޔާއި ބައްޕައަށެވެ.

(ކ) "ޗައިލްޑް އެސެސްމަންޓް" ކަމަށް ބަޔާންކޮށްފައި އެ ވަނީ، ދައުލަތުގެ ބެލުމުގެ ދަށުން އަލުން ޢާއިލާއާ ހަވާލުކުރެވޭ ކުއްޖާގެ ވަނަވަރާއި ހާލަތު ބަޔާންކޮށްފައި ހެދޭ އެސެސްމަންޓަށެވެ.

(އ) "ކޮމިޓީ" ކަމަށް ބަޔާންކޮށްފައި އެ ވަނީ، ދައުލަތުގެ ބެލުމުގެ ދަށަށް ގެނެވޭ ކުޑަކުދިން އަލުން އެ ކުދިންގެ ޢާއިލާއާ ހަވާލުކުރުމުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވާ ކޮމިޓީއަށެވެ.

(ވ) "ކޮންޓިންޖެންސީ ޕްލޭން" ކަމަށް ބަޔާންކޮށްފައި އެ ވަނީ، ކުއްޖާ އަލުން އެ ކުއްޖާގެ ޢާއިލާއާ ހަވާލުކުރުމަށް އެކުލަވައިލާ ޕްލޭނުގައި ބަޔާންކޮށްފައިވާ ކަންކަން އެ ޕްލޭނާ އެއްގޮތަށް ނުދާ ހާލަތުގައި، ނުވަތަ ކުއްޖާއާއި ކުއްޖާގެ ޢާއިލާއާ ދެމެދު އޮންނަ ގުޅުން ހީނަރުވާ ހާލަތުގައި ޢަމަލުކުރާނެ ގޮތުގެ ޕްލޭނަށެވެ.

43 އެހެން ގަވާއިދެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައި އޮތް ނަމަވެސް، ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިން އެ ކުދިންގެ ޢާއިލާއާ ހަވާލުކުރުމުގައި ޢަމަލުކުރާނީ މި ގަވާއިދަށެވެ.

44ވަނަ މާއްދާ: ޢަމަލުކުރަން ފެށުން

މި ގަވާއިދަށް ޢަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ޝާއިޢުކުރާ ތާރީޚުން ފެށިގެންނެވެ.