ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާ ދިނުމުގައި ބޭނުންވާ ފަންނީ ލަފާދޭ ކޮމެޓީ 2025 ރިޕޯޓު
ތަޢާރަފް
ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާ ދިނުމުގައި ބޭނުންވާ ފަންނީ ލަފާދޭ ކޮމެޓީ އަކީ ގަވާއިދު ނަންބަރު 2024/R-9 (ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާގެ ފުރުޞަތު ހޯދައިދިނުމާއި ވަޒީފާ ދިނުމުގައި ޢަމަލުކުރާނެ ގޮތުގެ ގަވާއިދު) ގެ 7 ވަނަ މާއްދާގެ (ރ) ގެ ދަށުން އުފެދިފައިވާ ކޮމެޓީއކެވެ. މި ކޮމެޓީގެ މައިގަނޑު މަޤްޞަދަކީ ގަވާއިދު ނަންބަރު 2024/R-9 (ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާގެ ފުރުޞަތު ހޯދައިދިނުމާއި ވަޒީފާ ދިނުމުގައި ޢަމަލުކުރާނެ ގޮތުގެ ގަވާއިދު) ގައި ބަޔާންކުރާ ގޮތަށް، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާގެ ހަމަހަމަ ފުރުޞަތުތައް ހޯދައިދީ، ތަފާތުކުރުން ނައްތާލާ، އެކަށީގެންވާ މަސައްކަތުގެ މާޙައުލެއް ޤާއިމްކޮށް، އެފަރާތްތައް ޝާމިލުކުރާނެ އުޞޫލުތައް ކަނޑައެޅުމުގައި މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް އަދި ވަޒީފާދޭ ތަންތަނަށް ބޭނުންވާ ފަންނީ ލަފާ ފޯރުކޮށްދިނުމެވެ.
ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާ ދިނުމުގައި ބޭނުންވާ ފަންނީ ލަފާދޭ ކޮމެޓީގެ އެއްވަނަ (1) ދައުރު ފެށިފައިވަނީ 2025 ވަނަ އަހަރުގެ ޖުލައި މަހުގެ 23 ވަނަ ދުވަހު ބޭއްވުނު ބައްދަލުވުމާއި އެކު 9 މެންބަރުންނާއި އެކުއެވެ. 2025 ވަނަ އަހަރު މިކޮމިޓީގެ ޖުމްލަ 08 ބައްދަލުވުންވަނީ ބޭއްވިފައެވެ. މި ކޮމެޓީގެ މެންބަރުން އެކުލެވިފައިވާގޮތް ޖަދުވަލު 1 ގައި ހިމެނިފައިވާނެއެވެ.
ރިޕޯޓު އެކުލަވާލެވިފައިވާގޮތް
މިއީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާ ދިނުމުގައި ބޭނުންވާ ފަންނީ ލަފާދޭ ކޮމެޓީގެ 01 ވަނަ ދައުރުގައި 2025 ވަނަ އަހަރުގެ ތެރޭގައި ކޮމެޓީއިން ކުރެވިފައިވާ މަސައްކަތްތަކުގެ މައްޗަށް އެކުލަވާލެވިފައިވާ ރިޕޯޓެކެވެ. މި ރިޕޯޓުގައި ގަވާއިދު ނަންބަރު 2024/R-9 (ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާގެ ފުރުޞަތު ހޯދައިދިނުމާއި ވަޒީފާ ދިނުމުގައި ޢަމަލުކުރާނެ ގޮތުގެ ގަވާއިދު) ގެ ދަށުން ކޮމެޓީއަށް ލާޒިމުކޮށްފައިވާ މަސްޢޫލިއްޔަތުތަކުގެ އިތުރުން، ކޮމެޓީގެ ބައްދަލުވުންތައް ބޭއްވުމަށް ހަމަޖެހިފައިވާ ގޮތާއި ގުޅޭ މަޢުލޫމާތު ހިމެނިފައިވެއެވެ. އަދި 2025 ވަނަ އަހަރު ކުރިއަށް ގެންދެވުނު ބައްދަލުވުންތަކުގެ ހުލާސާއާއި، 2026 ވަނަ އަހަރު މި ކޮމެޓީއިން ކުރުމަށް މަޝްވަރާ ކުރެވުނު ކަންކަމުގެ މައްޗަށް އަލިއަޅުވާލެވިފައި ވާނެއެވެ. ހަމައެހެންމެ މި ކޮމެޓީގައި ހިމެނޭ މެންބަރުންނާއި ދާއިރާތައް ހިމެނިފައިވެއެވެ.
ކޮމެޓީގެ މަސްއޫލިއްޔަތުތަކާއި ޒިންމާތައް
ގަވާއިދު ނަންބަރު 2024/R-9 (ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާގެ ފުރުޞަތު ހޯދައިދިނުމާއި ވަޒީފާ ދިނުމުގައި ޢަމަލުކުރާނެ ގޮތުގެ ގަވާއިދު) ގައި ބަޔާންކުރާ މަސްޢޫލިއްޔަތުތަކާއި ޒިންމާތަކުގެ ތެރޭގައި:
- ގަވާއިދު ނަންބަރު 2024/R-9 (ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާގެ ފުރުޞަތު ހޯދައިދިނުމާއި ވަޒީފާ ދިނުމުގައި ޢަމަލުކުރާނެ ގޮތުގެ ގަވާއިދު) ތަންފީޒުކުރުމުގައި ދިމާވާ ގޮންޖެހުންތަކާއި އެ ގޮންޖެހުންތައް ޙައްލުކުރުމަށް އެޅިދާނެ ފިޔަވަޅުތަކާ ގުޅޭގޮތުން މަޝްވަރާކޮށް ލަފަޔާއި ޚިޔާލުތައް މިނިސްޓްރީއާ ހިއްސާކުރުމާއި،
- ޑިސްއެބިލިޓީ އެޑްވޮކަސީގެ ދާއިރާއިން އެންމެ ފަހުގެ މަޢުލޫމާތުތައް ހިއްސާކޮށް، ގަވާއިދު ނަންބަރު 2024/R-9 (ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާގެ ފުރުޞަތު ހޯދައިދިނުމާއި ވަޒީފާ ދިނުމުގައި ޢަމަލުކުރާނެ ގޮތުގެ ގަވާއިދު) އިތުރަށް ފުރިހަމަކުރުމުގައި ކުރެވިދާނެ ކަންކަން ފާހަގަކޮށް، އެކަންކަން މިނިސްޓްރީ އާ ހިއްސާކުރުމާއި،
- ވަޒީފާ އަދާކުރާ ނުކުޅެދުންތެރިކަން ހުންނަ މީހުން މަސައްކަތުގައި ފުރިހަމަޔަށް ޝާމިލުކޮށް، ވަޒީފާގެ މާޙައުލުގައި އެ ފަރާތްތަކަށް ހުރި ގޮންޖެހުންތައް މަދުކުރުމަށް އެކަށައަޅަންޖެޭ އުޞޫލުތަކާއި ނިޒާމުތައް ފާހަގަކޮށް، އެކަމުގެ ލަފާ މިނިސްޓްރީ އާ ހިއްސާކުރުމާއި،
- ގަވާއިދު ނަންބަރު 2024/R-9 (ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާގެ ފުރުޞަތު ހޯދައިދިނުމާއި ވަޒީފާ ދިނުމުގައި ޢަމަލުކުރާނެ ގޮތުގެ ގަވާއިދު) ގެ މަޤްޞަދުތައް ހާޞިލުކުރުމަށް ކަމާ ގުޅޭ ފަރާތްތައް ގުޅިގެން މަސައްކަތްކުރެވޭނެ ދާއިރާތައް ދެނެގަނެ އެކަން މިނިސްޓްރީއާ ހިއްސާކުރުމާއި،
- ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ފަހި ފުރުޞަތުގެ ތެރެއިން ހުރި ވަޒީފާގެ ފުރުޞަތުތައް ދެނެގަތުމުގެ މަސައްކަތްތައް ވަޒީފާދޭ ފަރާތްތަކާއެކު ކުރުމާއި، އެފަދަ މަގާމުތަކަކީ ކޮބައިކަން ދެނެގަނެ، އެ މަގާމުތައް ޚާއްޞަކުރުމަށް މިނިސްޓްރީއާއި ވަޒީފާދޭ ފަރާތަށް ލަފާދިނުމާއި،
- ވަޒީފާއަށް ހޮވުމާއި، ވަޒީފާއަށް އައްޔަނުކުރުމާއި، ވަޒީފާ އަދާކުރުމުގެ މަރުޙަލާތަކުގައި ނުކުޅެދުންތެރިކަން ހުންނަ މީހުން ހަމަޖައްސައިދިނުމަށް އެދޭ ސަބަބުވެރި ބަދަލުތަކާއި (ރީޒަނަބަލް އެކަމަޑޭޝަން) ގުޅޭގޮތުންނާއި، މިނޫންވެސް ގުޅުންހުރި އެހެން ކަންކަމުގައި އިދާރާތަކަށް ފަންނީ ލަފާދިނުމާއި،
- އިދާރާތަކުގައި އިންޓަރންޝިޕް ފުރިހަމަކުރުމަށް އެދޭ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އިންޓަރންޝިޕް ފުރުޞަތު ފަހިކޮށްދިނުމުގައި އިދާރާތަކުން ފަންނީ ލަފަޔަށް އެދޭ ކަންކަމުގައި، މިނިސްޓްރީގެ މަޝްވަރާގެ މަތީން އިދާރާތަކަށް ފަންނީ ލަފާ ދިނުމާއި،
- ގަވާއިދު ނަންބަރު 2024/R-9 (ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާގެ ފުރުޞަތު ހޯދައިދިނުމާއި ވަޒީފާ ދިނުމުގައި ޢަމަލުކުރާނެ ގޮތުގެ ގަވާއިދު) ގެ ދަށުން ހިމެނޭ ކަންކަމާ ގުޅިގެން އިދާރާތަކަށް ހުށަހެޅޭ ޝަކުވާތަކާއި ގުޅޭގޮތުން އެ އިދާރާތަކުން ފަންނީ ލަފައެއް ބޭނުންވެގެން އެކަމަށް އެދިއްޖެ ހިނދެއްގައި އެ އިދާރާއަކަށް ލަފާ ދިނުމާއި،
- ގަވާއިދު ނަންބަރު 2024/R-9 (ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާގެ ފުރުޞަތު ހޯދައިދިނުމާއި ވަޒީފާ ދިނުމުގައި ޢަމަލުކުރާނެ ގޮތުގެ ގަވާއިދު) ގެ މަގުސަދު ހާސިލުކުރުމަށް ޓަކައި މިނިސްޓްރީން ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާ ދިނުމުގައި ބޭނުންވާ ފަންނީ ލަފާދޭ ކޮމެޓީގެ ލަފަޔަކަށް އެދޭ ކަންކަމާ ގުޅޭގޮތުން މިނިސްޓްރީއަށް ލަފާދިނުމާއި،
- ގަވާއިދު ނަންބަރު 2024/R-9 (ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާގެ ފުރުޞަތު ހޯދައިދިނުމާއި ވަޒީފާ ދިނުމުގައި ޢަމަލުކުރާނެ ގޮތުގެ ގަވާއިދު) ގެ މަޤްޞަދުތައް ހާޞިލްކުރުމަށް ކޮމެޓީން ކުރާ އެންމެހައި މަސައްކަތްތަކުގައި ފަންނީ ލަފާ ހޯދުމަށް ޓަކައި ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި އެ ފަރާތްތަކުގެ ބެލެނިވެރިން ނުވަތަ ބަލަދުވެރިން ހިމެނޭގޮތަށް އެފަދަ ލަފާދެވޭނެ ފަރާތްތަކުގެ ލަފާ ހޯދުމާއި،
- ކޮމެޓީގެ މަސައްކަތްތަކާ ގުޅިގެން އަހަރީ ރިޕޯޓު އެކުލަވައިލައި މިނިސްޓްރީއާ ހިއްސާކުރުން ހިމެނޭވެ.
ކޮމެޓީގެ ބައްދަލުވުންތައް
ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާ ދިނުމުގައި ބޭނުންވާ ފަންނީ ލަފާދޭ ކޮމެޓީ އިން 2025 ވަނަ އަހަރު 08 ބައްދަލުވުމެއް ވަނީ ބާއްވާފައެވެ. 23 ޖުލައި 2025 ގައި ބޭއްވުނު ފުރަތަމަ ބައްދަލުވުމާއި އެކު ކޮމެޓީގެ މަސައްކަތްތައް ފެށިގެން ގޮސްފައިވެއެވެ. ކޮމެޓީގެ މެންބަރުންގެ ތާއީދާއި އެކު މި ކޮމެޓީގެ ރަސްމީ ބައްދަލުވުންތައް ބޭއްވުމަށް ހަމަޖެހިފައިވަނީ ކޮންމެ މަހެއްގެ ދެވަނަ ހަފްތާގެ ބުދަ ދުވަހުގެ 13:00 އިން 14:00 އަށެވެ. 2025 ވަނަ އަހަރުގެ ބައްދަލުވުންތައް ކުރިއަށް ގެންދެވިފައި ވަނީ މެންބަރުން ހާޒިރުވެގެންނާއި އޮންލައިންކޮށް ބައިވެރިވެވޭ ގޮތަށެވެ.
2025 ވަނަ އަހަރު ކުރެވިފައިވާ މަސައްކަތްތަކާއި މަޝްވަރާތައް
| ތާރީޙް | ކުރެވުނު މަސައްކަތްތަކާއި މަޝްވަރާތައް |
|---|---|
| 23 ޖުލައި 2025 (ފުރަތަމަ ބައްދަލުވުން) | އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާއި ބެހޭ ވަޒީރު މެންބަރުންނާއި ބައްދަލުކުރައްވާފައިވެއެވެ. ކޮމެޓީގެ ރައީސް އަދި ނައިބު ރައީސް ހޮވިފައިވެއެވެ. ކޮމެޓީގެ ހިންގާ ގަވާއިދަށް ގެންނަންޖެހޭ ބައެއް ބަދަލުތަކާއި ގުޅޭގޮތުން މަޝްވަރާކުރެވިފައިވެއެވެ. ކޮމެޓީގެ ބައްދަލުވުންތައް ބާއްވާނެ ދުވަހަކީ ކޮންމެ މަހެއްގެ ދެވަނަ ހަފްތާގެ ބުދަ ދުވަހުގެ ގޮތުގައި ކަނޑައެޅިފައިވެއެވެ. |
| 13 އޯގަސްޓު 2025 (ދެވަނަ ބައްދަލުވުން) | ކޮމެޓީގެ މެންބަރުންނަށް މެންބަރުކަމުގެ ސިޓީތައް ހަވާލުކުރެވިފައިވެއެވެ. ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާގެ ފުރުޞަތުތައް ފަހިކޮށްދިނުމުގައި މިނިސްޓްރީއިން ޢަމަލުކުރަމުން އަންނަގޮތް މެންބަރުންނާއި ޙިއްސާކުރެވުނެވެ. ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާގެ ކޯޓާއެއް ކަނޑައެޅުމާއި ގުޅޭގޮތުން މަޝްވަރާކުރެވުނެވެ. |
| 31 އޯގަސްޓު 2025 (ތިންވަނަ ބައްދަލުވުން) | ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާގެ ކޯޓާ ކަނޑައެޅުމާއި ގުޅޭގޮތުން މަޝްވަރާކުރެވުނެވެ. ގަވާއިދު ނަންބަރު 2024/R-9 (ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާގެ ފުރުޞަތު ހޯދައިދިނުމާއި ވަޒީފާ ދިނުމުގައި ޢަމަލުކުރާނެ ގޮތުގެ ގަވާއިދު) ގެ ދަށުން ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާ ދިނުމާއި ގުޅޭގޮތުން ހެދޭ ތިން މިންގަޑާއި ގުޅޭ މަޢުލޫމާތު އަދި އަޕްޑޭޓު މެންބަރުންނާއި ޙިއްސާކުރެވުނެވެ. ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ވަޒީފާގެ ކޯޓާއެއް އެކުލަވާލުމާއި ގުޅޭގޮތުން ލިޔުމެއް ތައްޔާރުކުރުމަށް ޓެކްނިކަލް ކޮމެޓީގެ ދަށުން ސަބް ކޮމެޓީއެއް އެކުލަވާލުމަށް ނިންމުނެވެ. |
| 23 ސެޕްޓެމްބަރ 2025 (ހަތަރުވަނަ ބައްދަލުވުން) | ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާ ހޯދައިދިނުމުގައި ޢަމަލުކުރާނެގޮތުގެ އުޞޫލާއި ގުޅޭގޮތުން މަޝްވަރާކުރެވިފައިވެއެވެ. |
| 19 އޮކްޓޯބަރ 2025 (ފަސްވަނަ ބައްދަލުވުން) | ކޮމެޓީގެ މެންބަރުންގެ އެލަވަންސްއާއި ގުޅޭގޮތުން ހަމަޖެހިފައިވާ ގޮތް މެންބަރުންނާއި ޙިއްސާކުރެވިފައިވެއެވެ. ކޮމެޓީގެ ހިންގާ ގަވާއިދަށް މެންބަރުން އިތުރަށް ކޮމެންޓުކޮށްފައިވެއެވެ. ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާގެ ހުނަރު ދަސްކޮށްދިނުމަށް މިނިސްޓްރީއިން ކުރިއަށްގެންދާ ޖޮބް ރެޑިނަސް ޕްރޮގްރާމް އިތުރަށް ފުރިހަމަކުރުމާއި މެދު މަޝްވަރާކުރެވުނެވެ. |
| 12 ނޮވެންބަރ 2025 (ހަވަނަ ބައްދަލުވުން) | ކޮމެޓީ ހިންގާ އުސޫލު މެންބަރުންގެ ޚިޔާލާއި އެއްގޮތައް ބަދަލުކޮށް ފާސްކުރެވުނެވެ. ޤާނޫނުގެ ތެރެއިން ޖޮބްކޯޓާއެއް އުފެއްދޭނެ ގޮތަކާއިމެދު މަޝްވަރާ ކުރުމަށް އިތުރު ބައްދަލުވުމެއް ބޭއްވުމަށް މަޝްވަރާކުރެވުނެވެ. |
| 24 ނޮވެންބަރ 2025 (ހަތްވަނަ ބައްދަލުވުން) | ޖޮބް ކޯޓާގެ މަސައްކަތްކުރުމަށް ކޮމެޓީއެއް އުފެއްދުނެވެ. ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާ ދިނުމާއި ގުޅޭގޮތުން ކުރެވޭ މަސައްކަތަކާއި ގުޅޭގޮތުން ޕަބްލިކް އެވެއަރނެސް، ނުވަތަ ސްޓޭކްހޯލްޑަރ އެވެއަރނަސް ހިންމުގުމާއި މެދު އެކަމަށް ބެހޭ ޑިވިޝަންގެ ސަމާލު ކަމަށް ގެނައުމާއި ގުޅޭގޮތުން މަޝްވަރާކުރެވުނެވެ. |
| 22 ޑިސެންބަރ 2025 (އަށްވަނަ ބައްދަލުވުން) | ކޮމެޓީގެ ރަސްމީ ބައްދަލުވުންތައް ކުރިއަށްގެންދާނެ ވަގުތަށް ބަދަލުގެނެވިފައިވޭ. އެގޮތުން ބައްދަލުވުންތައް އޮންނަ ދުވަސްތަކުގެ 13:00 އިން 14:00 އަށް ބައްދަލުވުންތައް ބޭއްވުމަށް ނިންމުނެވެ. ކޮމެޓީގެ 2025 ވަނަ އަހަރުގެ އަހަރީ ރިޕޯޓު ތައްޔާރުކުރުމާއި މެދު މަޝްވަރާކޮށް 26 ޖެނުއަރީ 2026 އަށް އަހަރީ ރިޕޯޓު ތައްޔާރުކުރުމަށް ނިންމުނެވެ. ކޮމެޓީގެ 2026 ވަނަ އަހަރުގެ އަހަރީ ކަލަންޑަރެއް ތައްޔާރުކުރުމަށް ނިންމުނެވެ. ކޮމެޓީ މެންބަރުންނަށް އެކްސްޕޯޝަރ އަދި ތަމްރީން ފޯރުކޮށްދިނުމައި ގުޅޭގޮތުން މަޝްވަރާކުރެވުނެވެ. |
ކޮމެޓީގެ މަސައްކަތްތައް ހަރުދަނާކުރުން
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާގެ ފުރުޞުތުތައް ފަހިކޮށްދިނުމުގައި ފަންނީ އެހީތެރިކަން ފޯރުކޮށްދޭ ކޮމެޓީގެ ހިންގުން ހަރުދަނާކުރުމަށްޓަކައި، 2026 ވަނަ އަހަރަށް އަމާޒުކޮށްގެން ޚާއްޞަ މަސައްކަތު ޕްލޭނެއް އެކުލަވައިލުމަށް ވަނީ ނިންމާފައެވެ. މި ޕްލޭންގެ ސަބަބުން އެ އަހަރުގެ ތެރޭގައި ކޮމެޓީން ކުރިއަށްގެންދާނެ މުހިންމު ދާއިރާތައް ކަނޑައެޅި، މަސައްކަތްތައް ވަކި ތަރުތީބަކުން ކުރިއަށް ގެންދިއުމަށް މަގުފަހިވެގެންދާނެއެވެ. 2026ވަނަ އަހަރަށް ކަނޑައަޅާ މި ހަރަކާތްތައް ބިނާކުރެވޭނީ ގަވާއިދު ނަންބަރު 2024/R-9 (ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާގެ ފުރުޞަތު ހޯދައިދިނުމާއި ވަޒީފާ ދިނުމުގައި ޢަމަލުކުރާނެ ގޮތުގެ ގަވާއިދު) ގައި އެ ކޮމެޓީއާ މަތިކޮށްފައިވާ ޤާނޫނީ ޒިންމާތަކާއި މަސްޢޫލިއްޔަތުތަކުގެ މައްޗަށެވެ.
ޖަދުވަލު
ޖަދުވަލު 1: ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާ ދިނުމުގައި ބޭނުންވާ ފަންނީ ލަފާދޭ ކޮމެޓީ އެކުލަވާލެވިފައިވާ ގޮތް
| # | ނަން | ދާއިރާ | އައްޔަނު ކުރެވުނު ތާރީޚް |
|---|---|---|---|
| 1 | އަލްފާޟިލް އަޙްމަދު ޢާޠިފް | ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ރައްކައުތެރިކޮށް އެ ފަރާތްތައް ބާރުވެރިކުރުމަށް މިނިސްޓްރީގައި މަސައްކަތްކުރާ މުވައްޒަފުންގެ ތެރެއިން މިނިސްޓްރީން ކަނޑައަޅާފައިވާ ފަރާތް. | 23 ޖުލައި 2025 |
| 2 | އަލްފާޟިލާ ޚަދީޖާ ޖަމީލާ | ސިވިލް ސަރވިސް ކޮމިޝަނުގެ މުވައްޒަފުންގެ ތެރެއިން އެ ކޮމިޝަނުން ކަނޑައަޅާފައިވާ ފަރާތް. | 23 ޖުލައި 2025 |
| 3 | އަލްފާޟިލާ ފާޠިމަތު އިބްރާހިމް | ޤާނޫނު ނަންބަރު 8/2010 (ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ޤާނޫނު) ގެ 4 ވަނަ މާއްދާގެ (ހ) ގެ ދަށުން އުފެދިފައިވާ "ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ޙިމާޔަތްކުރާ ކައުންސިލް" ގެ މެންބަރުންގެ ތެރެއިން ކައުންސިލުން ކަނޑައަޅާފައިވާ ފަރާތް. | 23 ޖުލައި 2025 |
| 4 | އަލްފާޟިލާ އާމިނަތު ވިރުދާ | އޮފީސްތަކުން އައްޔަނުކުރާ ޑިސްއެބިލިޓީ ލިޔޭޒަން އޮފިސަރުންގެ ތެރެއިން މިނިސްޓްރީން ކަނޑައަޅާފައިވާ ފަރާތް. | 23 ޖުލައި 2025 |
| 5 | އަލްފާޟިލާ އަނޫލާ ސަލީމް | ޑިޕާޓްމަންޓް އޮފް އިންކްލޫސިވް އެޑިޔުކޭޝަނުން ކަނޑައަޅާފައިވާ ފަރާތް. | 23 ޖުލައި 2025 |
| 6 | އަލްއުސްތާޛް އިސްމާއީލް ޝާރިޢު | ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީން ކަނޑައަޅާފައިވާ ފަރާތް. | 23 ޖުލައި 2025 |
| 7 | އަލްފާޟިލާ ތަހުމީލާ އިބްރާހީމް | މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަނުގެ ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓުން ކަނަޑައަޅާފައިވާ ފަރާތް. | 23 ޖުލައި 2025 |
| 8 | އަލްފާޟިލާ އާމިނަތު ޝައްފާއު | ޕްރައިވެޓް ވަޒީފާދޭ ފަރާތްތަކުގެ ތެރެއިން އެ ފަރާތްތައް ތަމްސީލު ކުރާ ފަރާތް. | 23 ޖުލައި 2025 |
| 9 | އަލްއުސްތާޛާ ނުޙާ ޢަލީ ސިރާޖް | މިނިސްޓްރީގައި މަސައްކަތްކުރާ ޤާނޫނީ ވަކީލުންގެ ތެރެއިން މިނިސްޓްރީން ކަނޑައަޅާފައިވާ ފަރާތް. | 23 ޖުލައި 2025 |
ޖަދުވަލު 2: ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާ ދިނުމުގައި ބޭނުންވާ ފަންނީ ލަފާދޭ ކޮމެޓީ މެންބަރުންގެ ހާޒިރީ



